Back ކަވާސާ ޢާއިލާ ޢާއިލާގެ ބައިތައް ދެމަފިރިން ބޭވަފާތެރިންގެ 70 އިންސައްތައަކީ ފިރިހެނުން

ބޭވަފާތެރިންގެ 70 އިންސައްތައަކީ ފިރިހެނުން

beyvafaaއިނގިރޭސިވިލާތާއި، އެމެރިކާގައި ޒަވާޖީ ޙަޔާތުގެ ބޭވަފާތެރިކަމާއި ބެހޭގޮތުން ކުރެވިފައިވާ ދިރާސާތަކުގެ ތެރެއިން ގިނަ ދިރާސާތަކުން، ބޭވަފާތެރިންގެ %70 މީހުންނަކީ ފިރިހެނުން ކަމަށް ދައްކައިފިއެވެ. މިއީ އަންހެނުން ބޭވަފާތެރިވާކަމަށް ދައްކާފައިވާ ޙާލަތްތަކަށްވުރެ ދެގުނައާއި ގާތަށް މަތީ ނިސްބަތެކެވެ.

ނަފްސާނީ ދިރާސާތައް ކުރައްވާ ޢިލްމުވެރިއެއްކަމުގައިވާ ޑރ.ގެއިލް ސާލްޓަޒް

ދެކެވަޑައިގަންނަވާގޮތުގައި، ފިރިހެނުން ޚިޔާނާތްތެރިވުން ނުވަތަ ބޭވަފާތެރިވުން ގުޅިފައިވަނީ، ލޯބީގެ ބޭނުމަށްވުރެ، ޖިންސީ އެދުންތަކާއިއެވެ. އަދި ފިރިހެނުންގެ ތެރެއިން، އެމީހުންގެ ޢުމުރުން ދުވަސްވުމުން، ބޭވަފާތެރިވާން ފައްޓާ މީހުންވެސް ވަރަށް ގިނައެވެ. މުސްކުޅިންގެ މަރުޙަލާގައި މިކަން ފެއްޓެނީ، ޙަޔާތުގެ ޚަރީފް މޫސުން އައުމުން،، ނިކަމެތިކަމާއި، މާޔޫސްކަމުގެ އިޙްސާސް އުފެދުމުގެ ސަބަބުންކަމަށް ޑރ. ސާލްޓަޒް ދެކެވަޑައިގަންނަވައެވެ.

 

މީގެ ކުރިން، ޒަވާޖީ ދިރިއުޅުމުގައި ބޭވަފާތެރިވުމާއި ބެހޭގޮތުން ދިރާސާތައް ކުރެވޭއިރު، މަޢްލޫމާތުތައް އެއްކުރެވެނީ، މިކަމަށް ޚާއްޞަ ފަރާތްތަކުންނާއި، އެފަރާތްތަކުގެ ގާތަށް މައްސަލަތައް ޙައްލުކުރުމަށް އަންނަ މީސްމީހުން ބުނާ އެއްޗެއްގެ މައްޗަށް ބިނާކޮށްގެންނެވެ.ނުވަތަ ފިރިހެނުންނާއި އަންހެނުންގާތު، ނަފްސާނީ ޢިލްމުވެރިން، ޒަވާޖީ ދިރިއުޅުމުން ބޭރު ގުޅުންތަކާއި ބެހޭގޮތުން ކުރާ ސުއާލުތަކަށް އެފަރާތްތަކުން ދޭ ޖަވާބުތަކެއްގެ މައްޗަށް ބުރަވެގެންނެވެ.

އެކަމަކު، އެންފަހުން މިކަމާއިބެހޭ ދިރާސާތައް ކުރެއްވި ބޭފުޅުން، މަޢްލޫމާތު އެއްކުރެއްވުމަށް ކުރިއަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރައްވާފައިވެއެވެ. އެގޮތުން، ލޯބީގެ ދާއިރާގައި ކުރެވިފައިވާ ޙަޤީޤީ ތަޖުރިބާތައް ފަހުގެ ދިރާސާތަކުގައި ވަރަށް ބޮޑަށް ހިމެނިފައިވެއެވެ.

މިދިރާސާތަކުން ޢިލްމުވެރިންނަށް ލިބިފައިވާ މަޢްލޫމާތުތަކުން، ޚިޔާނާތްތެރިވަނީ ކާކުކަމާއި، ކޮންއިރަކުކަމާއި، އަދި ކިހިނެއްވެގެންކަން، އަންގައިދީފައިވެއެވެ.

ކުރިން ބެލެވިފައިވާ ގޮތާއި ޚިލާފަށް، އުފާވެރި ދިރިއުޅުމެއް ހޭދަކުރާކަމަށް ބުނެފައިވާ މީހުންވެސް، ބޭވަފާތެރިވާކަމަށް ފަހުގެ ދިރާސާތަކުން ހާމަވެފައިވެއެވެ.

'' ޒަވާޖީ ދިރިއުޅުމުގައި ބޭވަފާތެރިވަނީ، ގޯސް ސިފަތައް ހުންނަ، ނުބައިމީހުންކަމަށް ދެކޭ މީހުންނަށް އެކުރެވެނީ ކުށްހީއެއް.'' ވަރަށް ފަހުން ، ޒަވާޖީ ޙަޔާތުގައި ޚިޔާނާތްތެރިވުމާއި ބެހޭގޮތުން، އޭނާގެ ދެއެކުވެރިންނާއިއެކު، ދިރާސާއެއް ކުރެއްވި ،އެމެރިކާގެ ޑެންވަރ ޔުނިވަރސިޓީގެ ޢިލްމުވެރިއެއްކަމުގައިވާ، ބެތު އެލަން ވިދާޅުވިއެވެ.

މިގޮތަށް ދެކެ، ތިމަންނަމެން އެކަހަލަ ކަމެއްގެ ތެރެއަށް ނުދާނެކަމަށް ހީކޮށްގެން ތިބޭ މީހުން، އެހެން މީހުންގެ ބަހަށް ހެއްލިގެން ދިޔުމަކީ ހަމަ ވަރަށް ފަސޭހައިން ވެދާނެކަމެއް ކަމަށް އޭނާ ހާމަކުރެއްވިއެވެ.

މިމައިދާނުގައި ހޯދިފައިވާ ފަހުގެ ހޯދުންތައް ބުނާ ގޮތުގައި، އެމެރިކާގެ ކޮންމެ 5 މީހަކުން އެކަކީ ( ދެޖިންސުންވެސް) ޒަވާޖީ ގުޅުމުން ބޭރުގައި، މަދުވެގެން އެއް ފަހަރު، ލޯބީގެ ގުޅުމެއް ހިންގާފައިވާ މީހެކެވެ.

ބޭވަފާތެރިވާ ވަގުތު ހޯދުމަށްޓަކައި އެމެރިކާގައި 3432 މީހުން ބައިވެރިކޮށްގެން 2000ވަނަ އަހަރު ކުރެވުނު ބަހުސަކުން ހާމަވެފައިވާ ގޮތުގައި، ކައިވެނިކޮށްގެން އުޅޭ އަންހެނުން، ފިރިންނަށް ޚިޔާނާތްތެރިވުން އެންމެ ގިނައީ، ކައިވެނީގެ އެންމެފުރަތަމަ 5 އަހަރުދުވަހުގެ ތެރޭގައެވެ. އެއަށް ދުވަސްވަމުން ދިޔަ ވަރަކަށް އަންހެނުންގެ ފުށުން މިކަންތައް ހިނގާ މިންވަރު މަދުވަމުން އާދެއެވެ. ފިރިންނަށް ބަލާއިރު، ޚިޔާނާތްތެރި ވުމުގެ ދެމަރުޙަލާއެއް އާދެއެވެ. އެއީ ކައިވެނީގެ އެންމެ ކުރީ 5 އަހަރުގެ މަރުޙަލާއާއި، ކައިވެންޏަށް 20 އަހަރުފުރުމަށްފަހު އޮންނަ ދުވަސްތަކުގެ މަރުޙަލާއެވެ.

 

މަޢްލޫމާތު : އަލްބައްވާބާ. ކޮމް

 

 

Comments