އާދީއްތަ20181111

އާކުރެވުނީ: 08:43:52

Back ކަވާސާ ޢާއިލާ ޢާއިލާގެ ބައިތައް ދެމަފިރިން ދެވަނަ އަނބި... ދިރިއުޅުމަށްހުރި ނުރައްކަލެއްބާ!

ދެވަނަ އަނބި... ދިރިއުޅުމަށްހުރި ނުރައްކަލެއްބާ!

2anbinދެއަންބަށް މީހަކާއިނުމަކީ ސަބަބަކާނުލައި އެއްވެސް މީހަކު ކުރަން ބޭނުންވާނެކަމެއްނޫނެވެ. ޚާއްސަކޮށް އަންހެނަކު، ތިމާގެ ފިރިމީހާގެލޯބީގައި އެހެންމީހަކު ބައިވެރި ކުރާކަށް ނޭދޭނެއެވެ. މިއީޒަމާނުއްސުރެވެސް މިކަން އޮންނަ ގޮތެވެ. އަދިކުރިޔަށްއޮތްތަނުގައި އޮންނާނެ ގޮތްވެސްމެއެވެ. އާދެ އިންސާނީ ތަބީޢަތެވެ. އެއްގޮތަކަށްވެސް ޓީވީއާއި ރޭޑިޔޯގެ ޕްރޮގްރާމްތައް ހަދައި މަޝްވަރާބައްދަލުވުންތައް ބާއްވައިގެން މުޖުތަމަޢު މިކަމާއިދިކޮޅަށް ހޭލުންތެރި ކުރުވަންޖެހޭފަދަ ކަމެއް ކަމެއް ނޫނެވެ.

ސަބަބަކީ ހުހަށްހުރި ރަނގަޅު މީހަކު އިންނަންހުައްޓާ ދެއަންބަށް އިންނަން އަންހެންކުއްޖަކު ހަމަކަމަކާނުލާ ނުރުހޭނެތީއެވެ. ގިނަފަހަރަށް އެކަކުގެ އަބިން ގިނަވާން ފުރުސަތު ލިބެނީ ފިރިހެނުންނަށްވުރެ އެތަނެއްގައި އަންހެނުން ގިނަވުމެވެ. މިފަދަ ޙާލަތެއް އަތުވެއްޖެނަމަ އެނޫން ޙައްލެއް ނޯންނާނެއެވެ. މީގެއަނެއްކޮޅަކީ ފިރިހެނުން އަންހެނުންނަށްވުރެ ގިނަވުމެވެ. އެފަދަޙާލަތެއްގައި އަންހެންކުދިންގެ ޝަރުޠުތައް ތަބީޢީގޮތުން ގިނަވާނެއެވެ. އެމީހުންގެ ޝަރުޠުތައް ގަބޫލުކޮށްގެން ފިރިހެނުން ޖެހޭނީ ކައިވެނިކުރާށެވެ. ރަށުން ކުދިން ހުސްވުމުން ނުވަތަ އިންނާނެ ކުއްޖަކު ނުލިބުމުން ދެންޖެހޭނީ އެހެން ރަށަކަށް ހިޖުރަ ކުރާށެވެ. ނުވަތަ އެހެންރަށަކުން މީހަކާ އިދެގެން ގެންނާށެވެ. އިންސާނުން އުފެއްދެވީއްސުރެވެސް ދުނިޔޭގެ އެތަން މިތަނަށް އިންސާނުން ފެތުރެމުން ގޮސްފައިވުމުގެ ސިއްރަކީ ހިޖުރަކުރުމެވެ. ފަހަރެއްގައިވެސް ކޮންމެ ގައުމަކަށް "އާދަމުގެފާނެއް" ފޮނުއްވައިގެން އެގައުމެއް އާބާދުވަނީއެއް ނޫނެވެ.

 

ފިރިހެނަކު ކައިވެންޏެއް ކުރުމަށްޓަކައި އެހެން ރަށަކަށް ހިޖުރަކުރުމަކީ އެއްގޮތަކަށްވެސް ހުތުރު ނުވަތަ އައިބު ކަމެއްނޫނެވެ. މިކަމަކީ ޠަބީޢީ ގޮތުން މިފަދަ ހަމަޖެހޭ އުސޫލެއްގެ މަތިން ވަކިކޮޅަކަށް ބުރަވުމެއްނެތި ހަމަޖެހެމުންދާ ކަމަކަށްވާއިރު، ޕްރޮގްރާމްތައް ހަދައިގެން މިކަމާއިދިކޮޅަށް ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމެއް ކަމަކަށް ނުފެނެއެވެ. އެއަށްވުރެ މާމުހިންމު ކަންތައްތަކެއް އަހަރެމެންގެ މުޖުތަމަޢުގައި ޚާއްސަކޮށް ދެމަފިރިންގެ ދެމެދުގައި އެބަހުރިކަމަށް ފާހަގަކުރެވެއެވެ. ދެއަންބަށް މީހުނާއިނުމާ އިދިކޮޅަށް ކެމްޕޭން ކުރުމަށްވުރެ ދެމަފިރިންގެ ދެމެދުގައި އޮންނަންޖެހޭ ލޯބީގެގުޅުން ވަރުގަދަކޮށް ދެމީހުން އެކަކު އަނެކަކަށް އޮންނަ އިތުބާރު ހަރުދަނާ ކުރުމަށް ހޭލުންތެރި ކުރުވުން މާމުހިންމެވެ.

ކަމަކަށްނުވާވަރުގެ ކުދިކުދި ކަންކަމުގަ ދެބަސްވެ ޒުވާބަކަށްގޮސް ޢާއިލީ ބޮޑުހަމަނުޖެހުމެއް އުފެދި ޙައްލުކުރަން ދަތިވާހިސާބަށްދަނީ މިދެންނެވި ގުޅުންތައް ކުޑަވުމުގެ ސަބަބުން ކަމަށް ފާހަގަކުރެވެއެވެ. ދެމީހުންގެ މެދުގައި ކިތަންމެބޮޑު މައްސަލައެއް ދިމާވިޔަސް މީހަކަށް ކިޔާދީގެން ޙައްލެއްހޯދަން މަސައްކަތް ކުރުމަކީ އައިބުކަމެއްކަމަށާއި ވަރިފަށަށް އަރާއިރުވެސް އެއީއެހެން އެއްވެސްމީހަކުގާތު ބުނެގެންވާނެ ވާހަކަތަކެއް ނޫންކަމަށް ދެކެވެނީ އެކަހަލަދަޑިވަޅެއްގައި ކަންތައް ކުރަންޖެހޭގޮތުގެ ހޭލުންތެރިކަން ނެތުމުގެ ސަބަބުންކަން ގަބޫލުކުރަންޖެހެއެވެ.

ކަމެއް ހުއްޓުވަން ބޭނުންނަމަ އެކަމެއްގެ އަސްލު ސަބަބު ހޯދައި އެސަބަބު ނައްތާލަން މަސައްކަތް ކުރުމަށްވުރެ ރަގަޅުގޮތެއް ނޯންނާނެއެވެ. އަހަރެމެންގެ ކުދިދަރިންނަށް ވެކްސިންދެނީ އެކުދިން ބޮޑުވުމުން ބައެއްކަހަލަ ނުރައްކާތެރި ބަލިތަކެއްޖެހިދާނެތީ އެކަމުގެ ރައްކަލަކަށެވެ. ބަލިޖެހުނީމާ ބޭސްކުރުމަށްވުރެ ފަސޭހަވެފައި ޚަރަދުކުޑަ އަދިރައްކާތެރިގޮތަކީ އެއީކަމުގައި ވާތީއެވެ. ނަމަވެސް ވެކްސިން ދީފައިހުރި ކުއްޖަކަށް އެއިންބައްޔެއް ޖެހިއްޖެނަމަ ދެންހަދާނީ ކިހިނެއްތޯއެވެ. އެކަމަށްވެސް ޙައްލެއް ހޯދުމަށް ކުރެވެންއޮތްހާވެސް މަސައްކަތެއް ކުރަންޖެހޭނެ ނޫންތޯއެވެ.

ކޮންމެ ކަމަކަށްވެސް ކޮންމެވެސް ޙައްލެއް އޮންނަން ޖެހޭނެއެވެ. އެއްވެސްމީހަކަށް ހުރިހާކަމެއް ޙާސިލެއް ނުކުރެވޭނެއެވެ. އެއްޗެއް ނުވަތަކަމެއް ހާސިލްކުރަން ބޭނުންވާ މީހަކު ބަދަލުގައި އެހެން އެއްޗެއް ދޫކޮށްލަން ޖެހޭނެއެވެ. މިސާލަކަށް ދަރިފުޅު ބަލިވުމުން ބޭސްކުރަން އެދޭމީހާ އޭނާގެ އަރާމު ނިދިކޮޅުނަގާލައި އަތުގައިހުރި ހުރިހާ ފައިސާއެއް ޚަރަދުކުރަން ޖެހިދާނެއެވެ. އެފަދަޙާލަތެއް ދިމާވުމުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ހުރީތީ ދަރިފުޅަށް ލިބެމުންދާވޭން ބަލަހައްޓައިގެން ހުންނާނީހެއްޔެވެ. އެހެނެއް ނޫނެވެ. ވިސްނާލާފައި އަތުގައިހުރި ފައިސާއަކާއި އެކަށީގެންވާ އެންމެމޮޅު ތަނަކުން ހޯދެންއޮތް އެންމެރަގަޅު ފަރުވާއެއް ހޯދުމަށް އަވަސްވެގަންނާނީއެވެ.

ކައިވެންޏެއް ކުރުމުގެވެސް އެތައް ބޭނުމެއް އޮވެއެވެ. އޭގެތެރޭގައި އިންސާނީ ދަރިފަސްކޮޅު ދެމެހެއްޓުން، ބައެއްކަހަލަ އަޚުލާގީ ބަލިތަކުން ރައްކާތެރިވުން ހިމެނެއެވެ. ފިރިހެނަކު ދެވަނަ އަންބެއް ހޯދަންޖެހޭ މާގިނަ ސަބަބުތަކެއް ނުވެއެވެ. ނަމަވެސް އެފަދަ ސަބަބެއް މެދުވެރިވެއްޖެނަމަ އެއީ އިތުރު ކައިވެންޏަކުން ހަމަޖެހެން އޮތްކަމެއްނަމަ އެގޮތަށް އެކަން ކުރުމަކީ އެންމެ ހަމަޖެހޭގޮތެވެ. އެކަމުގައި އަބިމީހާ ދެކެންޖެހޭނީ ތިމާގެ ލޯބިވާ ފިރިމީހާއަށް ލިބެންޖެހޭ އެއްޗެއް ހޯދުމަށް ތިމާގެއަތުގައިވާ އެއްޗަކުން މިންވަރެއް ޚަރަދުކުރުމަކީ އެފަދަޙާލަތެއްގައި ކޮންމެހެން ކުރަންޖެހޭނެކަމެއް ކަމަށެވެ.

އެއީތިމާގެ ލޯބީގެބައެއް ކަމުގައިވިޔަސް ނުވަތަ ފިރިމީހާއާއެކު ހޭދަކުރަން އޮންނަވަގުތުތަކުން ބައެއްކަމުގައި ވީނަމަވެސްމެއެވެ. ހަމައެފަދައިން ފިރިމީހާވެސް އަބިމީހާގެ އެއިޙްސާންތެރިކަމުގެއަގު އެންމެފުރިހަމަ ގޮތުގައި ވަޒަންކުރަން ޖެހޭނެއެވެ. ފިރިމީހާ މަސްލަޙަތަށްޓަކައި އެފަދަވަގުތެއްގައި ޖެހިގެން އުޅޭކަންތަކަށް ފަރުވާހޯދުމަށް އަވަސް ވެގަތުމަކީ އައިބެއް ކަމުގައި ދެކޭނަމަ ދަރިފުޅު ބަލިވުމުން ބޭސްކުރަން އުޅުމަކީވެސް ވަކިއައިބުކަން ކުޑަކަމެއްނޫނެވެ. ހަނގުއަބިމީހާގެ ދައުރުވެސް ކުޑައެއްނޫނެވެ.

އޭނާއާއި ކައިވެނިކުރަނީ މީހެއްގެ ފިރިއެއް ކަމާއި ދޮށީއަނބިމީހާގެ ޙައްޤުތަކެއް ވާކަން ދަންނަންޖެހޭނެއެވެ. ތިމާއާއި އެއްމަގާމެއްގައި ހުއްޓަސް ތިމާމިމަގާމަށް އައުމާއި ރުހިގެންހުރި މީހާއަށް ކަމޭހިތައި ގަދަރުކުރަން ޖެހޭނެއެވެ. ދެއަނބިންކުރެ އެކަކުވެސް އަނެކަކަށް އަޑުލައި ޒުވާބުކޮށް ހަދައިގެން ނުވާނެއެވެ. އަދި ދެމީހުންވެސް ފިރިމީހާއަށް ފުރިހަމަޔަށް ކިޔަމަންވާން ޖެހޭނެއެވެ. ދިރިއުޅުމަކީ ކުޅިވަރެއް ނޫނެވެ. އިންސާނުންނަކީ ބޭނުންވީމަ ނަގާފައި، ބޭނުންކެނޑުމުން އެއްލާލަން "ފެނުކައްކާބޮއްޔެއް" ނޫނެވެ. ދުނިޔޭގެ އެދުމާހެދި ނުއުޅޭނަމަ ދެއަންހެނުން ކީއްކުރަންތޯއެވެ ކިޔަމަންވާން ދަންނަ އަޚުލާގު ރަނގަޅު ހަތަރު އަނބިން ވެސް ގެންގުޅެވިދާނެއެވެ. "ދެކަނޑިއަކަށް އެއްއުރައެއްގައި ނޯވެވޭނެއޭ" ނުވަތަ ބަތްތަށީގެ އެއްފަޅި އެހެންމީހަކަށް ނުދެވޭނެއޭ" ބުނާއިރު އެބުނަނީ ވިސްނާފަބާވައޭ ހިތައްއަރައެވެ.

އެއްވެސް ޖިންސުއްލަޠީފަކު ތިމާއަކީ ކަނޑިއެއް ކަމުގައިވީނަމަ އުރައިގައި އޮންނާކަށް ބޭނުމެއް ނުވާނެއެވެ. ސަބަބަކީ ކަނޑީގެ ބޭނުންކުރާއިރު އެއޮންނަނީ އުރައިން ބޭރުގައިކަމަށްވެފައި، ފިރިމީހާ އަބަދުވެސް ތިމާގެ ބޭނުންކުރުމަށް އެދޭނެތީއެވެ. ބަތްތަށީގެ އެއްބައިން އެހެންމީހަކުކާތީ ތިމާގެބައިވެސް އެމީހާއަށްދީފައި ބަނޑަށް ހުރުމަށްވުރެ އެއްބައި ކާލައިގެން މިންވަރަށް އީމާންވުން މާރަނގަޅު ވާނެއެވެ. އެހެން ނޫނަސް ބަތްތަށިފަދައިން ލޯތްބަކީ އެކަކަށް އެއްފަހަރު ދިނުމުން ހުސްވާއެއްޗެއް ނޫނެވެ. އެހެން ނޫންނަމަ އެއްދުވަހު ފިރިމީހާގެލޯބި ލިބުމުން ދެވަނަދުވަހު ދޭނެއެއްޗެއް އޭނައަތުގައި ނުހުންނާނެތާއެވެ.

އަތުގައި ހުންނަ ބައްތިއެއްގެ ހުޅުކޮޅުން މުޅިރަށު އެންމެންނަށް ދިނަސް އެއިންމަދުވޭހެއްޔެވެ. މިސާލު ޖަހާނަމަވެސް އެއެއްޗަކާއި އެއްފަދަ ސިފައެއް ހުންނަ އެއްޗަކުން މިސާލުޖެހުން ރަގަޅު ވާނެއެވެ. ލޯތްބަކީ ހޯދަން އެނގޭމީހުންނަށް ކިތަންމެ ގިނައިން ހޯދިޔަސް މަދުނުވެ ލިބޭއެއްޗެކެވެ. ތިމާވެސް ލޯބިދީގެން ލޯބިހޯދަން ނޭގޭނަމަ ގިނައަނބިން ކީއްކުރަން ހެއްޔެވެ، އެންމެއަންބެއް ހުއްޓަސް އޮންނާނީ ބޭނުންވާލޯބި ނުލިބިފައެވެ.

ކޮންމެމީހަކުވެސް ކައިވެންޏެއްކުރަނީ ދެމަފިރިން އެކުގައި ލޯބިން ދިރިއުޅުމަށެވެ. އެކަކުއަނެކަކަށް ލޯބިދީ އުފަލާއި ހިތާމައިގައި ބައިވެރިވުމަށެވެ. އެކަކުވެސް އަނެކަކަށް ލިބެން އޮންނަ ހެވަކާއި އުފަލަކުން އެކަށީގެންވާ ސަބަބެއްނެތި މަޙްރޫމް ކުރުމަކަށްނޫނެވެ. ތިމާގެފިރިމީހާއަށް ހޯދައިދިނުމަށް ތިމާޢުޒުރުވެރިވާ އުފަލެއް ތިމާގެލޯބިން ތަންކޮޅެއް ދޫކޮށްލުމަށްފަހު ހޯދައިދިނުމާ އިދިކޮޅަށް މީހުންގެ ޚިޔާލުތައް އަބުރާލަން މަސައްކަތް ކުރުމަކީ ކަނޑައެޅިގެން ބޮޑު އޮޅުވާލުމެކެވެ.

އޭގެބަދަލުގައި ފިރިމީހާދެކެ ލޯބިވާ، ކޮންމެ ގޮތަކުން ވިޔަސް ފިރިމީހާއަށް އުފަލެއް ލިބޭކަމަކަށް ހުރަސް އެޅުމުގެބަދަލުގައި އެކަމަކަށް ބާރުއަޅާ އެހީތެރިވެދިނުމަކީ އަންބެއްގެ ހައިސިއްޔަތުން ކުރަންޖެހޭނެ ކަމެއްކަން މީހުންނަށް އަންގައިދީ ހޭލުންތެރި ކުރުވަން ވެއްޖެއެވެ. އަންހެނުންނަކީ ޢިއްޒަތަކާއި ޤަދަރެއްލިބިފައިވާ ބައެއްކަން އަންގައިދީ މީހުން ހޭލުންތެރި ކުރުމަށް މަސައްކަތްކުރަން މާލަސްވެސް ވެއްޖެއެވެ.

ބައެއްމީހުން ދެކޭގޮތުގައި ދެއަންބަށް މީހަކާއިނުމަކީ ހަތަރުއުދަރެސް ފެނުޖެހުމެވެ، ނުވަތަ އަމިއްލަ ދިރިއުޅުމުގައި އަލިފާންޖެހުމެވެ. ނަމަވެސް އިންސާނީ އުސޫލަށް ބަލާއިރު އަންހެނުންގެ ޙައްގުތައް ފުރިހަމަޔަށް ހޯދައިދެވެންއޮތީ ފިރިހެނަކަށް އެންމެ އަންބެއް ހުރުމަށްވުރެ ގިނައަނބިން ތިބުމުގެ ފުރުސަތު އޮވެގެންކަން އެގެއެވެ. އިސްލާމްދީނުގައި މިކަން ހުއްދަވެފައިވަނީ ވަރަށްގިނަ ސަބަބުތަކެއް ވާތީއެވެ. އަދިއަހަރެމެންނަށް ކިތަންމެ ޤަބޫލުކުރަން ދަތިވި ނަމަވެސް އިންސާނިއްޔަތަށް އެނޫން ޙައްލެއް ނެތުމުންނެވެ.

ފިރިހެނުންނަކީ ދިރއުޅުމުގެ މައިދާނުގައި އަންހެނުންނަށްވުރެ ގިނައިން، ނުރައްކާތެރި ބުރަމަސައްކަތްތަކުގައި ޙަރަކާތްތެރިވާ ބައެކެވެ. އަންހެނުން ގޭގައިކަސްތަޅުއަޅާފައި ބައިތިއްބާ ވާހަކައެއްނޫނެވެ، އަދި އަންހެނުން ވަޒީފާތަކަށް ނުނިކުންނާށޭ ބުނަނީއެއްވެސް ނޫނެވެ. އަޚުލާގީ މިންގަޑުން ބޭރުނުވެ، ހުރިހާ މައިދާނެއްގައިވެސް އަންހެނުންނަށް ކުޅަދާނަވީވަރަކުން މަސައްކަތްކޮށް މުޖުތަމަޢަށް އެމީހުންގެ ފަރާތުން ލިބިދެވެންއޮތް ޚިދުމަތެއް އެންމެ ފުރިހަމަގޮތެއްގައި ދޭންވީއެވެ. ނަމަވެސް ދުނިޔޭގެ ގިނަ ޤައުމުތަކަށް ބަލާއިރު ނުރައްކާތެރި މަސައްކަތް ތަކުގައި މިހާތަނަށްވެސް އަންހެނުންނަށްވުރެ ގިނައިން ޙަރަކާތްތެރިވެފައިވަނީ ފިރިހެނުންނެވެ.

އޭގެތެރޭގައި އަލިފާންނިވާ މީހުން، ޢިމާރާތްތައް ކުރުމުގައި އުސްތަންތަނަށް އަރާއުޅުން، ބޯޓްދަތުރުކުރަން ކަނޑުމަތީ އުޅުން އަދި ހަނގުރާމަތަކުގައި ކުރީސަފުތަކަށް ނިކުތުންފަދަ ފުރާނައަށް ގެއްލުންވާ މައިދާންތައް ފާހަގަކޮށްލެވެއެވެ. ޖިސްމާނީގޮތުންނާއި ނަފްސާނީ ގޮތުން ބެލިކަމުގައިވިޔަސް އަންހެނުންނާއި ފިރިހެނުންގެ ވަރަށްބޮޑު ތަފާތު ވެއެވެ. ޢިޝްގު ނުވަތަ ރޮމޭންސް އަށް ލޯބިކުރުމަކީ ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންގެ ޠަބީޢަތުގައި ލައްވާފައިވާ ކަމެކެވެ. އަންހެންކުދިން ދިރއުޅޭ ތަންތަނަށާއި ގެންގުޅުމަށްލޯބިކުރާ ތަކެއްޗަށް ވިސްނާލުމުން ވަރަށް ރަނގަޅަށް މިއީތެދެއްކަން ސާބިތުވާނެއެވެ.

ފިރިހެނަކު އަބަދު މާ ބޭނުންވެގެން އުޅޭނަމަ ނުވަތަ ކުޑަފުއްގަޑު ބެއާއެއް ނުވަތަ ކަފަބުޅަލެއްފަދަ "އަންހެންކުދިން ގެންގުޅޭ"ކަހަލަ އެއްޗެހި ގެންގުޅެން ބޭނުންވާނަމަ އޭނާހިމެނޭނީ އަންހެންދުޅާ ފިރިހެނުންގެ ތެރޭގައެވެ. އޭނާގެ ފިރިހެންވަންތަ ކަން ކުޑަކަމުގެ ދަލީލަކަށް އެކަން ވެގެންދާނެއެވެ. "ގިނަ" ވަގުތު ބޭރުގައި އުޅެންޖެހުމުން ގިނައެކްސިޑެންޓް ތަކާއި ކުރިމަތިވުމާއި ހަނގުރާމަ ތަކުގައި ގިނަޢަދަދެއްގެ ފިރިހެނުން މަރުވަމުން ދިއުމަކީ މުޖުތަމަޢުގައި އަންހެނުން ގިނަވާން ދިމާވާ ބައެއްސަބަބުތަކެވެ. މާތްﷲ އިންސާނާ އުފެއްދެވުމުގައި ޖިންސީ އެދުންވެރިކަން އުފައްދަވާފައިވަނީ ބައެއް ފަހަރަށް އޭނާގެ ސިކުނޑީގެ މައްޗަށްވެސް ގަދަވެވޭފަދަ މިންވަރަކަށެވެ.

މުޖުތަމަޢުގައި އަންހެނުން ގިނަވުމުން ވަރަށްގިނަފަހަރަށް އޮންނަނީ އަންހެނުންނަކީ އަގެއްނެތް ބަޔަކަށް ވެފައެވެ. އެގޮތުން އިސްލާމްދީން އައިއިރު ބައެއް އަންހެނުންނަކީ ބާޒާރުގައި ހިފާގެންގުޅޭ އެއްޗެއްސާއި އެއްފެންވަރުގައި ނީލަމުގައި ވިއްކޭއެއްޗެކެވެ. އަނެއްބަޔަކު ދިރިތިއްބާ ވަޅުލެވެއެވެ. މިކަންތައްތަކަށް އިސްލާމްދީން ގެނެސްދެއްވި ނަމޫނާޙައްލު އަހަރެމެން ގަބޫލުނުކުރާނަމަ އޭގެމާނައަކީ އެފަދަ ދަރަޖައަކަށް ވެއްޓެން ޖެހުނަސް އަހަރެމެންގެ ސިކުޑިއަށް ރަގަޅުގޮތެއްކަމަށް ނުފެންނާތީ އެކަން ގަބޫލުނުކުރުމެވެ.

އެހެން ކަމަށްވާނަމަ އަންހެނުންގެ މަޤާމާއި ގަދަރު ހިފެހެއްޓުމަށްއޮތް ޙައްލަކީ ކޮބައިތޯ ވިސްނާ ފިކުރު ކުރަން ޖެހެއެވެ. އަހަރެމެންނަށް ކަމުނުގޮސްގެން މިއުޅޭ އިސްލާމީ އުޞޫލު ތަކަކީ އެހެން ދީންތަކާޚިލާފަށް އަންހެނުންގެ ޙައްގު ދިފާޢުކުރުމަށް އެތައްކަމެއް އޭގައިހިމެނޭ ކަންތަކެއްކަން ގަބޫލުކުރެވެން ވެއްޖެއެވެ. މިސާލަކަށް ބައެއް ދީންތަކުގައި ކައިވެނީގެ ގުޅުމަކީ ޢުމުރަށްޖެހޭ، ކޮންމެފަދަ ގޮތަކަށް ކޮންމެކަމެއް ދިމާވިޔަސް މޮހުމުގެ އިޚްތިޔާރު ނޯންނަ ގޮށެކެވެ. ނަމަވެސް އިސްލާމްދީނުގައި އެކަށީގެންވާ ސަބަބެއް އޮވެއްޖެހިދެއްގައި ކައިވެނީގެގޮށް މޮހާލުމުގެ އިޚްތިޔާރު ޚުދް އަނބިމީހާއަށް ދެއްވާފައިވެއެވެ.

އެގޮތުން އަނބިމީހާގެ ޙައްގު ދިފާޢު ކޮށްދިނުމަށްފަހު ފިރިމީހާ ކައިވެނި ރޫޅުމަކާނުލައި ދެވަނަކައިވެންޏެއް ކުރުމަށް ބާރުއަޅުއްވާފައިވަނީ އެގޮތުންވެސް ދޮށީއަބިމީހާ މުޖުތަމަޢުގެ ތެރެއަށް ބާކީނުކޮށް އޭނާގެޢިއްޒަތާއި ޤަދަރު ރައްކާތެރިކުރުމަށް ކަމުގައި ގަބޫލުނުކުރެވިގެން މިއުޅޭސަބަބަކީ ކޮބާހެއްޔެވެ. ދީނާއިމެދު އަހަރެމެން އޮންނަ އިތުބާރު ކުޑަވުމުން މިކަންކަމާމެދު ވިސްލާނެ ފުރުސަތު ނުލިބެނީ ބާވައެވެ. މާތްﷲ އެންގެވި ގޮތަކަށް ކަންތައް ކޮށްގެން އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެކަން ހިތުގެއަޑިން ގަބޫލުކުރެވޭވަރަށް އަހަރެމެންގެ ޢަގީދާ ވަރުގަދަ ކުރަންވީއެވެ. މިފަދަވާހަކަ ދައްކާމީހަކަށް ވައްހާބީއެކޭ، ނުވަތަ ހައްދުފަހަނަ އަޅާފައިވާމީހެކޭ ކިއުމުގެ ކުރިން އެކިޔާއެއްޗެއްގެ ދެކޮޅުރަގަޅަށް ވިސްލުމަކީ ބުއްދިވެރިކަމެކެވެ.

އެއްވެސް ސަބަބަކާހުރެ އަންހެނުންނަށްވުރެ ފިރިހެނުން ގިނަވެއްޖެނަމަ އަންހެނުން ގިނަރަށަކަށް ނުވަތަ ޤައުމަކަށްގޮސް މީހަކުހޯދާ އެތަނެއްގައި ދިރިއުޅެން ފެށުމަކީ ފިރިހެނުންގެ ޠަބީޢަތާ ނުގުޅޭކަމެއްވެސް ނޫނެވެ. ނަމަވެސް ރަށެއްގައި އަންހެނުން ގިނައިން ތިބެފައި ފިރިހެނަކަށް ދެއަބިން ގެންގުޅުން މަނާކުރުމުން އަންހެނުންގެ ޙައްގުތަށް އެލެވުނީ ކޮންތަނަކަށް ބާވައެވެ. ރަށުގައިތިބި ފިރިހެނުން ހުސްވާއިރު ބާކީތިބި އަންހެނުންގެ ޙައްގުތަކެއްވެސް އޮންނަން ޖެހޭނެތާއެވެ.

މުޖުތަމަޢު ފާޙިޝް ޢަމަލުތަކުން ސަލާމަތްކުރަން ބޭނުންނަމަ ދެންއޮންނާނީ ކޮންމެ އަހަރަކުވެސް ބާކީތިބޭކުދިން ވަޅުލުމެވެ، ނުވަތަ ކޮންމެވެސްގޮތަކުން ނައްތާލުމެވެ. ވޭތިވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ ބޯހިމެނުމަށް ބަލާއިރު ރާއްޖޭގައި މީހުންނާ އިންނަ ޢުމުރުގެ އަންހެނުންނަށްވުރެ ތަންކޮޅެއްގިނައީ ފިރިހެނުންނެވެ. ނަމަވެސް މިދެންނެވި ބޯހިމެނުންތަކުގައި ބެލިފައިވަނީ ރަށެއްގައިނަމަ އެރަށެއްގައި ރަޖިސްޓްރީވެފައި ތިބޭމީހުންނެވެ. ތަފާތު ހޯދުންތަކުން ދައްކާގޮތުން ގިނަރަށްރަށުގައި ޚާއްސަކޮށް ރާއްޖޭގެ ދެކޮޅުގެ ރަށްތަކުގެ ގިނަޒުވާން ފިރިހެނުން ވަޒީފާތަކުގައި އަހަރުގެ 11މަސް ރަށުންބޭރުގައި ހޭދަކުރަން ޖެހުމުން ރަށުގައިތިބޭ އަންހެންކުދިން ތިބެނީ ބާކީވެފައެވެ.

މީހުންނާ އިދެގެން އުޅޭކުދިންގެ ޙާލު ނީދެތިބޭ ކުދިންނަށްވުރެ ދެރައެއްނޫނެވެ. "އިނދެގެން ނުއިދެ" އުޅުމުގެސަބަބުން ގިނަފަހަރު ދަރިންނަށް ބައްޕަގެލޯބި އަދިއަނބިމީހާއަށް ފިރިމީހާގެލޯބި ނުލިބި ދަރިންބަލަން މަންމައަށް ޖެހިފައި އޮންނަނީވެސް މަދުފަހަރަކު ނޫނެވެ. ވީމާއަންހެނުންގެ ޙައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ފަރާތްތަކުންވެސް މިފަދަކަންތަކަށް ވަރަށް ރަގަޅަށް ވިސްނުމަށްފަހު މިފަދަ ދީނާއިދިކޮޅު، އަންހެނުންގެ ޙައްގުތަކަށް ހުރަސްއަޅާ ޚިޔާލުތައް މުޖުތަމަޢުން ފޮހެލާ، ކޮންމެމީހަކަށްވެސް ލިބެންޖެހޭ ޙައްޤު ހޯދައި ދިނުމަށް މަސައްކަތްކުރުމަކީ ވަރަށް މުހިންމުކަމެކެވެ.

ޙައްގުގެ ގޮތުން އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަ ބައެކެވެ. ނަމަވެސް އޭގެމާނައަކީ ފިރިހެނަކަށް ދެއަބިން ހުއްދައިއްޔާ އަންހެނަކަށް ދެފިރިން ހުއްދަވުމެއްނޫނެވެ. އިންސާނާއަށް ޙައްގުގޮތާއި ޙައްގުނޫން ގޮތް އެގޭހަމައެކަނި ވަސީލަތަކީ ސިކުނޑިކަމުގައި ގަބޫލު ކުރުމަކީ ޖާހިލުކަމެވެ. އަހަރެމެންނަކީ މުއުމިނުން ކަމުގައި ވާއިރު އަހަރެމެން ހެއްދެވުމަށްފަހު ތެދުމަގު ދެއްކެވުމަށާއި ކޮންމެ އިންސާނަކަށްވެސް އެކަލާނގެ މިންވަރުކުރެއްވި ޙައްގުތައް އެންގެވުމަށް އެކަލާނގެ ފޮނުއްވި ކީރިތި ޤުރުއާނަށާއި އެކަލާނގެ ރަސޫލާއަށް އަހަރެމެން ފުރިހަމަޔަށް ކިޔަމަންވާން ޖެހޭނެއެވެ. ޖަމާޢަތްތައް ހަދައިގެން ނުވަތަ ވަކިފަރުދުންގެ ގޮތުގައިވެސް އެމީހެއްގެޙައްގު ދިފާޢުކުރުމަށް މަސައްކަތް ކުރަންޖެހޭނެއެވެ.

ނަމަވެސް ތިމާގެޙައްގު ހޯދުމުގެ ނަމުގައި ތިމާއަށް ބާރުނުފޯރުވޭ ފަރާތަކުން އެހެންމީހުންނަށް ދެއްވާފައިވާ ޙައްގެއް ނިގުޅައިގަންނަން މަސައްކަތް ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެކަމެއް ނޫނެވެ. މާތްﷲ ކޮންމެކަމެއްވެސް ނިންމަވާފައި ވަނީ އޭގައި އެތަކެއް ސިއްރުތަކެއް އެކުލެވޭ ޙިކުމަތްތެރި ގޮތަކަށެވެ. އެނޫން ގޮތްގޮތުގައި ކޮންމެވެސް އައިބެއް ހުންނާނެއެވެ. އެގޮތުން އެކަލާނގެ ފުރިހަމަކުރައްވާފައިވާ އިސްލާމް ދީނުގައިތިބެ އަހަރެމެން އެއްވެސްބަޔަކަށް ދެއްވާފައިވާ ޙައްގެއް ނިގުޅައި ގަތުމަށް މަސައްކަތް ކުރުމަކީ މިންވަރަށް އީމާން ނުވުމާއި އެކަލާގެ އެންގެވި ގޮތާޚިލާފުވުން ކަމުގައިނޫނީ ނުވާނެއެވެ. އާދޭހެވެ. އަންހެނުންގެ ޙައްގުތަކުގެވާހަކަ ދައްކަން ޖެހޭނީ ދީނީގިއުގަނޑެއްގެ ތެރޭގައި ފިރިހެނުންގެ ޙައްގުތަކަށްވެސް އަރައިނުގަނެވޭ ގޮތަކަށެވެ.

ދީނީނަޒަރަކުން ބަލާއިރު ވެސް ދެއަންބަށް މީހުންނާ އިނުމަކީ ސަބަބެއްނެތި ކޮންމެހެން ކުރަންޖެހޭ ކަމެއްނޫނެވެ. ނަމަވެސް ވަކިޙާލަތްތަކެއްގައި މިސާލަކަށް ދިވެހި ފިލްމު "ކަލާޔާއިނުލައި" ނުވަތަ ދިވެހި ސިލްސިލާ "ތިޔޭ މިހިތުގެވިންދަކީ" ގައި ދިމާވާފަދަ ހާދިޘާތަކާއި ގުޅިގެން ކުރުން އެދެވިގެންވާ ކަމެކެވެ. އަދި އެއްވެސް ސަބަބަކާހުރެ ތަނެއްގައި ނުވަތަ ރަށެއްގައި އަންހެނުން ގިނަވެ ފަސާދަވަމުންދާނަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. މިދެންނެވި ދިވެހިފިލްމު ފެށިގެން ނިމުމަކާ ހަމަޔަށްވެސް ގެނެސްދީފައިވަނީ ރަނގަޅު ހުށަހެޅުމެކެވެ. މިފަދަމުހިންމު މައޟޫޢުތަކަށް ފިލްމުތައް ހެދުމަކީ މުޖުތަމަޢު ހޭލުންތެރި ކުރުވުމަށް އެޅޭ ވަރަށްމުހިންމު ފިޔަވަޅެކެވެ.

ނަމަވެސް ފިލްމުނިންމާލަމުން ނުބައި މެސެޖެއް ދެވިފައިވާކަން ފާހަގަކުރެވެއެވެ. އަހަރެމެން ހެއްދެވިފަރާތުން މާތްކުރައްވާފައިވާ އިންސާނެއް، ހިފާގެންގުޅޭ އެއްޗެއްގެ ގޮތުގައި ބޭނުންކުރުން އެއީރަނގަޅުގޮތް ކަމުގައި ވެގެންނެވެ. އެއިންލިބޭ އަނެއް މެސެޖަކީ އެއްވެސް ޙާލެއްގައި ދެއަނބިން ތިބުމަކީ ހަތަރު އުދަރެސް ފެނުޖެހޭވަރުގެ، އެއްގޮތަކަށްވެސް ކޮށްގެންވާ ކަމެއް ނޫންކަމެވެ. ނަމަވެސް ދަންނަވަންތޯއެވެ! ފިލްމީ ދާއިރާގައި ކިތަންމެ ވަރަކަށް ކެމްޕޭންކުރިޔަސް ޙަޤީގަތަކީ ފޮރުވޭނެ އެއްޗެއްނޫނެވެ. ދެވަނައަންބަކަށް ބޭނުންވުމުން އިންސާނާ ޖަނަވާރެއްގެ ދަރަޖައަށް ވެއްޓި ނުހަމަގުޅުން ތަކެއްގެ އަޅަކަށް ވުމަށްވުރެ، ރިވެތި އުޞޫލަކުން ކަންތަށް ހަމަޖެހެން އޮތްއިރު އެކަންތައް އޮންނަގޮތް މީހުންނަށް އަންގައިދީ މީހުން ހޭލުންތެރި ކުރެވިއްޖެނަމަ މުޖުތަމަޢުގައި ފަސާދަ މަދުވާނެއެވެ.

ދެރައީ ފިލްމު ނިމުމަށް އައިއިރު "މިއީ މާތްރަސްކަލާނގެ މާކުރިން ނިންމަވާފައިވާ ކަމެއްކަމުގައި ހީކޮށްލާ" ޭ ބުނަމުން، އެކަލާގެ އަންގަވާފައިވާގޮތާއި ދިމާއިދިކޮޅު މެސެޖެއް މުޖުތަމަޢަށް ދީފައިވާކަމެވެ. މާތްރަސްކަލާނގެއަށް އީމާންވެގެންތިބެ އެކަލާނގެ އިންސާނާއަށްދެއްވި އިޚްތިޔާރުގެ ބޭނުންކޮށްގެން ވަކިގޮތަކަށް ކަމެއްކުރުމަށް ފަހު އެއީއެކަލާނގެ ނިންމަވާފައިވާގޮތޭ ބުނާނަމަ އެކަލާނގެ އިންސާނާއަށް ކަންތައްތަކުގެ ހެވާއިނުބައި ވަކިކޮށް ކޮންމެވެސް އެއްގޮތަކަށް ކަންތައްކުރުމުގެ އިޚްތިޔާރު ދެއްވިކަން ގަބޫލު ނުކުރަނީއެވެ.

އަހަރެމެންނަށް އެކަލާނގެދެއްވި އެންމެއަގުބޮޑު ޖަވާހިރު ކަމުގައިވާ ސިކުނޑިއަކީ އެއްވެސް ބޭނުމެއްހުރި އެއްޗެއް ނޫންކަމުގައި ބުނެވެނީއެވެ. ދޮށީއަނބިމީހާގެ ބައްޔަށް ފަރުވާލިބުމުން އެކަމަށް ޝުކުރުކޮށް ދެމީހުންއެކުގައި ރީތިއުޅުމެއް އުޅޭގޮތަށް ފިލްމު ނިންމައިފިނަމަ މުޖުތަމަޢުގައި މަގުބޫލުއެއްޗަކަށް ނުވާންވީސަބަބަކީ ކޮބައިބާވައޭ ހިތައްއަރައެވެ. ފިލްމެއްގައިނަމަ އޭގެނިމުމަކީ އެންމެ މުހިންމުބައޭ ބުނެވިދާނެއެވެ. ކިތަންމެ ރީތިގޮތަކަށް ގެންގޮސްފައިވެސް ނިންމުން ގޯސްވެއްޖެނަމަ ކިތަންމެ ގިނަބަޔަކަށް ކަމުދިޔަކަމުގައި ވީނަމަވެސް ރަގަޅުފިލްމެއްކަމުގައި ނުބެލެވޭނެއެވެ. ނަމަވެސް މޮޅުފިލްމެކޭ ނުބުނެވޭނެ ވާހަކައެއްނޫނެވެ. އެފިލްމްގެ ނިމުން ތިމާފަދަ އެހެން އަންހެނެއްގެޙައްގު ނިގުޅައިނުގަނެ، ފިރިމީހާގެ ނިންމުމަށް އިޙްތިރާމް ކުރާ ގޮތަކަށް ގެނެވިދާނެއެވެ.

އިސްލާމްދީން މިފަދަ އިޖުތިމާޢީ މައްސަލަ ހަމަޖެއްސުމަށް ދައްކާފައިވާ މަގުތަކާމެދު ވިސްނާލުމުގެ ފުރުސަތު ހުޅުވިގެންދާފަދަ ނިންމުމެއްވެސް އައިބު ނުވާގޮތަކަށް ގެނެވިދާނެއެވެ. ފިލްމެއްވީމަ ބޭނުންވާބައިގެ ވާހަކަ ދައްކާފަ، ބޭނުން މެސެޖެއްދީފައި އޮތީކަމަށްވެސް ވެދާނެއެވެ. ސުވާލަކީ އަހަރެމެންގެ ދިރިއުޅުމުގައި މުނިފޫހި ފިލުވުމާއި ފިލްމުތަކުގެ ދައުރަކީ ކޮބައިބާވައެވެ. މީހުންނަށް މަގުއޮޅުވާލާ ހޭލުންތެރިކަމަށް ހުރަސްއަޅާ، ޖާހިލިއްޔަ ޒަމާނަށް މިސްރާބުޖަހާދޭ އެއްޗެއް ކަމުގައި ވަނީނަމަ ދުވަހުން ދުވަހަށް އަހަރެމެން ތަރައްގީވުމުގެ ބަދަލުގައި ފަހަތް ފަހަތަށްގޮސް އޮބާލަފާނެއެވެ.

އަހަރެމެންގެ ގައުމު ތަރައްގީކުރަން ބޭރުބަޔަކު އައުމަށްވުރެ އެންމެން އަތުކުރި އޮޅާލައިގެން މާތްވެގެންވާ އިސްލާމްދީނުގެ ގިއުގަނޑުން ބޭރުނުވެ މަސައްކަތް ކޮށްފިނަމަ އިސާހިތަކު ހުރިހާރޮގަކުންވެސް ތަރައްގީގެ މަގުގައި ކުރިޔަށް ދެވިދާނެއެވެ. ރަގަޅުމައުޟޫޢަކަށް މުޖުތަމަޢަށް ރަގަޅު މެސެޖެއް ދިނުމަށް ރައްކާތެރިވެގެން އުފެއްދޭ ފިލްމަކީ ޗައިނާގެ ބޮޑުފާރުގެ ދެފަރާތުގައި ކީއްކުރަންތޯއެވެ، ދުނިޔޭގެ ދެބިތުގައި ތިބެގެން ހެދިނަމަވެސް ކާމިޔާބު ފިލްމަކަށް ވާނެކަން ކޮންމެ ކޮންމެ މީހަކަށް ނޭގުނުކަމުގައި ވިޔަސް ދުނިޔޭގެ ފިލްމީމަސްރަޙަށް ބަލާލުމުން ފިލްމީދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް، ޚާއްސަކޮށް ޑައިރެކްޓަރުންނަށް ޔަގީންވާނެއެވެ.

"ފިލްމުތައް ނުހިގަނީ މީހުން އެދާއިރާގެ އަގުވައްޓަން ފާޑުފާޑުގެ އެއްޗެހި ލިޔާތީ" ކަމަށް މިދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުންބުނެ، ލިޔާމީހުންގެ ބޮލުގައި ތުހުމަތެއް އެޅުވުމަށްވުރެ އެލިޔުންތަކަކީ އަގުވައްޓަން ލިޔާ އެއްޗެއްކަމަށް ނުބަލައި އިސްލާހުކުރުމަށް ބޭނުންވާތީ ލިޔެވިފައި ހުންނަ އެއްޗެހި ކަމުގައި ގަބޫލުކޮށްލުމުން ރަނގަޅުވާނެއެވެ. އަދިއެލިޔުން ތަކުގައިވަނީ ތެދުވާހަކަ ކަމުގައި ވާނަމަ އެއަގުވެއްޓޭފަދަ ކަންތައް އިސްލާހު ކުރަން މަސައްކަތް ކުރެވޭނަމަ މިދާއިރާގެ އަގު އަރާ ފިލްމުތައްވެސް ހިގާނެކަމަށް ފެނެއެވެ.

މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތްތަކުގެމަތިން ދިރިއުޅުން އާބާދުކުރާބަޔަކު ކަމުގައި ވަމާތޯއެވެ. ކަންތައް ވަމުންދާގޮތާއި ވާނެގޮތް އަހަރެމެންނަށް ނޭގޭއިރު، އެނގިވޮޑިގަންނަވާ ފަރާތުގެ އެންގެވުންތަކަށް ފުރިހަމަޔަށް ކިޔަމަންވާ އަޅުންކަމުގައި ވަމާތޯއެވެ. އެކަލާނގެ އެންގެވި ގޮތްތަކުން މީހުން އެއްކިބާކުރަން މަސައްކަތްނުކޮށް ތެދުމަގުން ހިގުމުގެ ހެޔޮނަސީބު އަހަރެމެންނަށް ދެއްވާށިއެވެ!

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.