Back ކަވާސާ ޢާއިލާ ޢާއިލާގެ ބައިތައް ދެމަފިރިން ދިވެހިން ބޭރުމީހުންނާއި އިނުން

ދިވެހިން ބޭރުމީހުންނާއި އިނުން

dhivehi-beyrumeehuna-inunމިފަހުން ރަށަށް ގޮސް ރައްޓެހިންނާއި ދަންނަ މީހުންގެ ޚަބަރުދަބަރު، ކިހިނެއްތޯ މީހުންކައިރިން އަހާލުމުން އެގުނީ ރައްޓެހި ވަރަށް ގިނަ ކުދިން މީހުންނާއި އިދެފިކަމެވެ. ބައެއްކުދިން އިނީ ބޭރުމީހުންނާއެވެ. އަޅުގަނޑާއި އެއް އުމުރެއްގެ ފިރިހެން ކުއްޖަކު މިހާރު އުޅެނީ ޖަރުމަނު އަންހެނަކާއި އިދެގެންނެވެ. ހަމަ އެހެން ރައްޓެއްސެއް ޖަރުމަނު މީހަކާއި އިދެގެން މިހާރު ކުއްޖެއްވެސް އެބައޮތެވެ. ދެން ލިބުނު ޚަބަރަކީ ރިސޯޓެއްގައި މަސައްކަތް ކުރާ، ރަށު އަންހެން

ކުއްޖެއްވެސް މިހާރު އެ ރިސޯޓުގައި ވަޒީފާ އަދާކުރާ ޔޫރަޕް ފިރިހެނަކާއި އިންނަން އުޅޭ ވާހަކައެވެ.

 

މިއީ މިފަހުގެ ޚަބަރުތަކެވެ. ކުރީގައިވެސް ރަށު އެތައްބަޔަކު އުޅެނީ ޖަރުމަނުވިލާތު، ސްވިޒަލޭންޑް ފަދަ ތަންތާގެ މީހުންނާއި އިދެގެންނެވެ. ޔޫރަޕް ދޫކޮށް އިންޑިއާގެ ނިކަން ރީތި ހަތަރު ފަސް ކުއްޖަކާއި އިދެގެން އުޅޭ ރަށު ކުދިންކޮޅެއްވެސް، ރަށުގެ ކުޑަކުޑަ އާބާދީގެ ތެރޭގައި އެބަ އުޅެއެވެ.

އަޅުގަނޑު ދައްކަން މިއުޅެނީ ކޮންވާހަކައެއްތޯ، ތިޔަބޭފުޅުންގެ ހިތްޕުޅަށް އަރައިވަޑައިގެންފާނެއެވެ. ބޭރު މީހުންނާއި އަޅުގަނޑު، ނަސްލީގޮތުން ޖައްސާލައިގެން އުޅެނީހެއްޔެވެ؟ ނުވަތަ ރަށުގައި ހުސްހަށިބައި އަންހެންކުދިން ގިނަވެދާނެތީ އަޅުގަނޑު ބިރުގަންނަނީހެއްޔެވެ؟ އިޖްތިމާޢީގޮތުން ރަށަށް ނުރައްކަލެއް މެދުވެރިވަނީހެއްޔެވެ؟ ފުރަތަމަ ސުވާލުގެ ޖަވާބުގައި އަޅުގަނޑު ދަންނަވާނީ ނޫނެކެވެ. ދެވަނަ އަދި ތިންވަނަ ސުވާލުގެ ޖަވާބު، ކަޑައެޅިގެން މިއީއޭ ދަންނަވާކަށް ނޭގެއެވެ. ނަމަވެސް ލިޔަން މިއުޅެނީ ދީނީ ގޮތުން މި މައްސަލައަށް ބަލައިލަން ވެގެންނެވެ.

ރަގަޅު ވާހަކައެކެވެ. އިސްލާމްދީން މުސްލިމް ފިރިހެނުން އަހުލުކިތާބީ (ނަސާރާ، ޔަހޫދީ) އަންހެނުންނާއި އިނުން ހުއްދަކުރެއެވެ. މިއީއަކީ އިޚްތިލާފްވެ މީހަކު ދެކޮޅު ހަދާނެ ކަމެއްނޫނެވެ. ނަމަވެސް އުފެދޭ ފުރަތަމަ ސުވަލަކީ ހުޅަނގު ކޮންމެ އަންހެނަކީ ނަސްރާނީ ނުވަތަ ޔަހޫދީއެއްތޯއެވެ؟ އެއެންމެން އެއީ އިންޖީލު ޤަބޫލުކުރާ ބައެއްތޯއެވެ؟ ނުވަތަ އެދީނުގައި އައިސްފައިވާ ގޮތަށް އުޅޭތޯއެވެ؟ ނޫނެކެވެ. ވީމާ އަޅުގަނޑުމެންނަށް އިދެވޭ މީހާއަކީ ފަހަރެއްގައި އެއްވެސް ދިނެއް ޤަބޫލުނުކުރާ، ތަބީޢަތަށް އީމާންވާ މީހެއްކަމަށްވެސް ވެދާނެއެވެ. އަނެއް މައްސަލައަކީ ބޭރު މީހުންނާއި އަޅުގަނޑުމެން ކައިވެނި ކުރަނީ، ގިނަފަހަރަށް ދީނީ މާކަބޮޑު ހޭލުންތެރިކަމެއް ނެތި، ދީނުގައި ސާބިތު ނޫން ޙާލަތެއްގައި ތިބެއެވެ. ވީމާ އާންމުން ކިޔާގޮތަށްނަމަ "ގެސްޓުން" ނާއި އިނުމުން އޮޔާއި ޖެހި ގެއްލިދިއުން އެއީ ފަހަރެއްގައި ވެދާނެ ކަމެކެވެ.

ގޭ މީހުންގެ މައްޗަށް ފިރިހެންކުއްޖާ ބުނެލާނީ "އެކަނބުލޯ" މިހާރު އިސްލާމްވެއްޖެ ކަމަށެވެ. ތެދެކެވެ. ބައެއްމީހުން އިސްލާމްވެއެވެ. އަނެއްކޮޅުން އަނެއްބަޔަކު އިންނަން އިސްލާމްވެއެވެ. އަނެއްބަޔަކު އެހެން ވެސް ނުވެއެވެ. މީގެތެރެއިން ބައެއް މީހުންނަކީ، ހަމަ ކުރީގެ އާދަކާދައާއި ޘަޤާފަތަށް އެބުރިދާ ބައެކެވެ. ހިތުތެރެއަށް އިސްލާމްދީނުގެ ނޫރު ނުވަދެ މިދީނުގެ ޙައްޤުކަން ޤަބޫލުނުކުރެވި ކައިވެންޏަކަށްޓަކައި، ބަދަލުކޮށްލާ ދީނަކީ ދުވަސްކޮޅަކުން ހިގައިދާނެ އެއްޗެކެވެ.

ދީނުގައި ހަރުދަނާކަމެއްނެތް ގިނަ މީހުން، ބޭރު މީހުންނާއި އިނުމުން، ދީނުގައި ސާބިތުވެ ނުތިބެވެއެވެ. ނުވަތަ ވިހެއީ މުސްލިމެއްގެ ގޮތުގައިކަމަށްވީތީވެ ތިބެނީއެވެ. ކާފަރުންނާއި އިނުމުން އެކަމުން ލިބިދާނެ ގެއްލުން ބޮޑަށް ކުރާނީ، ސިލްސިލާގެ ފުރަތަމަ ބޮޅަކަށް ނޫނެވެ. ގެއްލުން ރަގަޅަށް ވާނީ ދެވަނަ ބޮޅަށެވެ. ލިބޭ ކުދިންނަށެވެ. އެކުދިން ތަރުބިއްޔަތު ކުރާނީ ކިހިނެއްތޯއެވެ؟ ބައްޕަގެ ދީނަށްތޯ ނުވަތަ މަންމަގެ ދީނަށްތޯ މިއީ މިފަދަ މީހުންގެ ހިތުތެރޭގައި، ކައިވެނިކުރުމުގެ ކުރިން އުފެދޭ ސުވާލެއް ނޫނެވެ.

އިދެގެން ގިނަފަހަރަށް މިފަދަ އާއިލާތައް އުޅެނީ ރާއްޖެއިން ބޭރުގައެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިބަސް އެއީ އަމުދުން ނުވެސް އެގޭ އެއްޗަކަށް ވެދެއެވެ. ދިވެހި އާދަކާދައެއް، ނަމާދެއް ކޮށްލާނެ ގޮތެއްވެސް ގިނަމީހުންނަށް ނޭގެއޭ ބުނުމުން، އެއީ ޙަޤީޤަތާއި ދުރަށް ދިއުން ކަމުގައި ވާނެހެން ހިއެއް ނުވެއެވެ.

އަޅުގަނޑުގެ ހިތަށް ވަރަށް ގިނައިން އަރާ ސުވާލަކީ، އެއްރަށެއްގެ އެއް ކުލައެއްގެ އެއް ނަސްލެއްގެ ދެ މީހުންވެސް، ކައިވެންޏަށްފަހު މިއުޅެނީ، ދެމީހުންގެ ފިކުރާއި ވިސްނުން ހުންނަގޮތް ތަފާތުވުމުގެ ސަބަބުން، އެކުގައި ނު އުޅެވިގެންނެވެ. ކަން މިހެން އޮތްއިރު ދެ ދީނެއްގެ ދެ މީހުން އިދެގެން އެއް ހަށިގަޑަކާއި އެއް ފުރާނައެއްގެ ގޮތުގައި އުޅޭނީ ކިހިނެއްހެއްޔެވެ؟ ނަމަވެސް މީހުން އިދެގެން އެއުޅެނީ ކޮންމެވެސް ގޮތެއް އޮތީމަތޯއްޗެކެވެ.

ބައެއް އަންހެންކުދިން މިފަހަކަށް އައިސް ހަންގަޑު ދޮން މީހުންނާއި އިނުމަކީ، ފެޝަނަކަށްވެއްޖެހެން މިހާރު އެބަ ހީވެއެވެ. ގައިގެ ހަންގަޑު ދޮންކުރަން ފެއާރ ޕްލަސް ބޭނުން ކުރާހެން، ފިރިމީހާވެސް ދޮންކޮށްލަން ބޭނުންވަނީ ކަމަށްވެސް ވެދާނެއެވެ. މިއީ ހަމައެކަނި ހީއެކެވެ. ފަހަރެއްގައި ހަމަ، އެކުދިން އެ އިންނަނީ ދޮންހިޔަލަ އަލިފުޅު ދެކެ ވީ ކަހަލަ އަސަރުގަދަ ލޯތްބެއް ވެގެން ކަމަށްވެސް ވެދާނެއެވެ. ދިވެހި އަންހެން ކުދިންނާއި އިނުމަށްފަހު އިސްލާމްވެ، ބަރާބަރަށް ނަމާދުކޮށް ޙައްޖުވެ ޢުމްރާވެގެން އުޅޭ ނިކަން ރަގަޅު މީހުން ތިބޭތީ އުފާވާއިރު ހިތާމަ ކުރަންޖެހާ ކަމެއްވެސް އެބައޮތެވެ. އެއީ ވަރަށް މަދުބައެއް ނަމަވެސް ދިވެހި އަންހެން ކުއްޖަކާއި އިދެގެން، ރާއްޖޭގައި ނަސާރާ ދީން ފަތުރަން މަސައްކަތްވެސް އެބަކުރެއެވެ.

Comments