އަންގާރަ20201117

އާކުރެވުނީ: 08:43:52

އިސްލާމީނަޒަރަކުން ވަރި

islaamee-nazarakun-variއިސްލާމްދީން ދެކޭގޮތުގައި ކައިވެންޏަކީ އަންހެނަކާއި ފރިހެނަކާއި ދެމެދު ޖަހައިލެވޭ މުޤައްދަސް ގޮށެކެވެ. ގަދަފަދަ ޢަހުދެކެވެ. ހަމަހަމަކަމާއި، އެކަކު އަނެކަކަށް އިޙުތިރާމްކުރުންމަތީ ދެމިއޮންނަންޖެހޭ އުފާވެރި ކައިވެންޏަކީ އިސްލާމްދީން ބޮޑު އަހަންމިއްޔަތެއް ދޭ އެއްޗެކެވެ. އެކަމަކު ހުރިހާ ކައިވެންޏަކީ ކާމިޔާބު އެއްޗަކަށް ހެދުމަކީ މުސްތަޙީލް ކަމެކެވެ. އިންސާނުންގެ ތަބީޢަތަށް ބަލާއިރު ވަރިކުރުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެނެވެ. އެކަމަކު އެއީ ވަރިވެސް އޭގެ ތަބަޢީ ގޮތަށް ކުރާނަމައެވެ. ނުވަތަ ތަބަޢީ މިނަކަށް އެކަންތައް މުޖްތަމަޢުގައި އޮންނަ ނަމައެވެ.

މުސްލިމުން ކައިވެނި ކުރަން އަންގަވާފައި އޮންނަނީ ވަރިކުރާކަށްނޫނެވެ. ޚުދު ވަރިކުރަން ހިތުން ނިޔަތްގަނެ ، މީނާގެ ފޮނިބޮއެފައި ދުވަސްކޮޅަކުން ވަރިކޮށްލާނަމޭ، ނުވަތަ އޭނާގެ އަތުން ކޮންމެވެސް ލާރިގަނޑެއް ހޯދައިގެން އެހެން ފިރިހެނަކާއި އިންނާނީއޭ ހިތަށް އަރުވައިގެން ކައިވެނި ކުރުމަކީ ބޮޑު ޙަރާމް ކަމެކެވެ. މިފަދަ ކަންތަކަށް އޮންނަ މަގުބަންދު ކުރުމުގެ ގޮތުން އިިސްލާމްދީނުގައި ވަނީ މުތުޢާ ކައިވެނިވެސް ޙަރާމް ކުރައްވާފައެވެ.

ކަމުގެ އަސްލަކީ ކައިވެންޏެވެ. ވަރިއަކީ ކައިވެންޏަށް އަންނަ އިސްތިސްނާއެކެވެ. މީގެ އިދިކޮޅަށް ކަންތައްވާނަމަ އެ ތަނެއްގައި ކޮންމެވެސް އިޖުތިމާޢި މައްސަލަތަކެއް އުޅެނީއެވެ.

އިސްލާމްދީނުގައި ވަރިކުމުރުމަކީ އެދެވިގެންނުވާ ކަމެއްކަމުގައި ވިޔަސް ވަރިކުރުން، އެހެން ބައެއް ދީންތަކުގައި ޙަރާމް ކުރާހެން ޙަރާމް ނުކުރައްވައެވެ. އެއީ ވަކި ޙިކުމަތެއްގައި ކަން ޔަޤީނެވެ.

ވަރިކުރަން ޖެހޭ ޙާލަތެއްގައި ވަރިކުރަންޖެހިއްޖެނަމަ އެކަންކުރާނެ، ވަކި އުސޫލުތަކަކާއި ޤަވާއިދުތަކެއް ހަމަޖައްސަވާފައިވެއެވެ. އެގޮތުން ބަޤަރާސޫރަތުގެ 227-237 ވަނަ އާޔަތުގައި ވަރިކުރުމާއި އެއާއިގުޅޭކަންތައްތަކުގެ ޙުކުމް ބަޔާންކުރައްވާފައިވެއެވެ. ހަމައެހެންމެ ނިސާ ސޫރަތުގެ 35ވަނަ އާޔަތުގައިވެސް ދެމަފިރިންގެ ދެމެދުގައި މައްސަލަޖެހުމުން ހަދާނެގޮތް ބަޔާން ކުރައްވާފައިވެއެވެ. وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُوا حَكَمًا مِنْ أَهْلِهِ وَحَكَمًا مِنْ أَهْلِهَا إِنْ يُرِيدَا إِصْلَاحًا يُوَفِّقِ اللَّهُ بَيْنَهُمَا إِنَّ اللَّهَ كَانَ عَلِيمًا خَبِيرًا

މާނައަކީ :" އެދެމީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދިއްޖެކަމަށް ތިޔަބައިމީހުންނަށް ފެނި، އެކަމާއި މެދު ބިރުގެންފިނަމަ އެކަލޭގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިއަކާއި އެކަނބުލޭގެ އަހުލުވެރިންގެ ތެރެއިން ނިޔާވެރިއަކު ތިޔަބައިމީހުން ފޮނުވާށެވެ. ދެމީހުން ޞުލްޙަކުރުމަށް އެދެމީހުން ގަސްތުކުރާނަމަ، މާތްﷲ އެދެމީހުންގެދެމެދުގައި ޞުލްޙަކުރައްވައި އެއްބަސްކުރައްވާފާނެތެވެ. މާތްﷲއީ ޚަބަރުތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

ވަރިކުރަންޖެހޭ ހިސާބަށް ކަންތައްގޯސްވުމުން ޖެހެނީ ދެމީހުންގެ ޢާއިލާއިންވެސް ދެމީހަކު މެދުވެރިކޮށް ވާހަކަ ދައްކައި މައްސަލަ ޙައްލު ކުރުމެވެ. މިހާރަކަށް އައިސް ވާހެން މައްސަލައެއް ޖެހޭއިރަށް އަނެއްފަރާތުގެ ޢާއިލާއިން ވަދެގަނެ މައްސަލަ ނުބައިން ނުބަޔަށް ބަދަލު ކުރުމެއް ނޫނެވެ.

އަލުން ދެމީހުންނަށް ނުއުޅެވޭނެ މަރުޙަލާ އަކަށް ކަންތައްދިއުމުން، ދެމީހުންގެ ޙައްޤުވެސް އިސްލާމްދީނުގައި ރައްކާތެރިކުރެއެވެ.

ވަރިއާއި ބެހޭގޮތުން އައިސްފައިވާ ގިނައާޔަތްތަކުގެ ތެރެއިން އެއްއާޔަތަކީ '' ބަޤަރާ ސޫރަތުގެ 229 ވަނަ އާޔަތެވެ. الطَّلَاقُ مَرَّتَانِ فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ وَلَا يَحِلُّ لَكُمْ أَنْ تَأْخُذُوا مِمَّا آتَيْتُمُوهُنَّ شَيْئًا إِلَّا أَنْ يَخَافَا أَلَّا يُقِيمَا حُدُودَ اللَّهِ فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ اللَّهِ فَلَا جُنَاحَ عَلَيْهِمَا فِيمَا افْتَدَتْ بِهِ تِلْكَ حُدُودُ اللَّهِ فَلَا تَعْتَدُوهَا وَمَنْ يَتَعَدَّ حُدُودَ اللَّهِ فَأُولَئِكَ هُمُ الظَّالِمُونَ

މާނައަކީ: "ވަރިކުރުންވަނީ ދެފަހަރުއެވެ. ދެން އެކަނބަލުން ހެޔޮރަނގަޅު ގޮތުގައި ބައިތިއްބާށެވެ. ނުވަތަ ހެޔޮރަނގަޅު ގޮތުގައި ދިޔަދޭށެވެ. އަދި އެދެމަފިރިންނަށް ﷲ ކަނޑައަޅުއްވާފައިވާ ޙައްދުތަކުގެ ތެރޭގައި ނުތިބެވޭނެކަމަށް ފެނިއްޖެއްޔާމެނުވީ، ކަލޭމެން ފިރިން އެކަނބަލުންނަށް ދީފައިވާ އެއްވެސް އެއްޗެއް އަތުލުމަކީ ހުއްދަ ޙަލާލް ކަމެއްނޫނެވެ. ނަމަވެސް އެދެމަފިރިއަކަށް ﷲގެ ކިބައިން ކަނޑައެޅިގެންހުރި ޙައްދުތަކުގެ ތެރޭގައި ނުތިބެވޭނެކަމަށް ކަލޭމެން ޙާކިމަށް ފެނިއްޖެ ހިނދެއްގައި، އެކަނބަލުން އެއެއްޗެއް ދިގެން ވަރިވުމަށްޓަކައި ދޫކޮށްފި އެއްޗަކާއިމެދު މަނާއެއްނެތެވެ. މިއީ ﷲގެ ކިބައިން ކަނޑައެޅިގެންހުރި ޙައްދުތަކެވެ. ފަހެ މިޙައްދުތައް ފަހަނައަޅައި ނުދާހުށިކަމެވެ. އަދި ދަނެވެ. ﷲގެ ކިބައިން ހުރި ޙައްދުތައް ފަހަނައަޅައިދާމީހުން، ފަހެއެއީ ތިމާމެންގެ އަމިއްލަ ނަފްދުތަކަށާއި އަނެކުންނަށް އަނިޔާވެރިވެއްޖެ މީހުންނެވެ."

ވަރިކުޅައުންވަނީ ދެފަހަރުއެވެ. ދެން އެކަނބަލުން ހެޔޮރަނގަޅުގޮތުގައި ބައިތިއްބާށެވެ. ނުވަތް ހެޔޮރަނގަޅުގޮތުގައި ދިޔަދޭށެވެ.

އަދި ހަމަ މިސޫރަތުގެ 132 ވަނަ އާޔަތުގައި ވަޙީކުރައްވަނީ وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ سَرِّحُوهُنَّ بِمَعْرُوفٍ وَلَا تُمْسِكُوهُنَّ ضِرَارًا لِتَعْتَدُوا وَمَنْ يَفْعَلْ ذَلِكَ فَقَدْ ظَلَمَ نَفْسَهُ وَلَا تَتَّخِذُوا آيَاتِ اللَّهِ هُزُوًا وَاذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ وَمَا أَنْزَلَ عَلَيْكُمْ مِنَ الْكِتَابِ وَالْحِكْمَةِ يَعِظُكُمْ بِهِ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ

މާނައަކީ: "އަދި ކަލޭމެން ކަލޭމެންގެ އަނބިން ވަރިކުރުމަށްފަހު، އެކަނބަލުންގެ ޢިއްދަ ހަމަވެއްޖެއްޔާ، އެކަނބަލުން ހެޔޮރަނގަޅު ގޮތުގައި ކަލޭމެންގެ އަނބީންނަށް ބައިތިއްބާށެވެ. ނުވަތަ ހެޔޮރަނގަޅު ގޮތުގައި ދޫކޮށްލާށެވެ. އަދި އެއްވެސް ހާލަތެއްގައި އެކަނބަލުންނަށް ދެރަދީ ޖެއްސުންކޮށް އިހާނެތިކޮށް ހިތުމަށްޓަކައި ވަރިނުކޮށް ހިފަހައްޓައިގެން ނުތިބޭހުށިކަމެވެ. ފަހެމިގޮތުގައި ކަން ކޮށްފިމީހަކީ އެމީހާގެ އަމިއްލަ ނަފްސަށާއި އަނެކުންނަށް އަނިޔާވެރިވެއްޖަ މީހެކެވެ. އަދި އޭ މީސްތަކުންނެވެ. ﷲގެ އާޔަތްތަކަކީ ކުޅިވަރެއްކަމަށް ނުނަގާހުށިކަމެވެ. އަދި ﷲ ކަލޭމެންގެ މައްޗަށް ދެއްވާފައިވާ ނިޢުމަތާއި ބާވައިލެއްވި ފޮތުގައިވާ އެއްޗަކާއި، ދެއްވި ބުއްދިވެރިކަމާއި އަދި މިކަންކަން މެދުވެރިކުރައްވައި ކަލޭމެންނަށް ގަދަ ނަޞޭޙަތް ވަޙީކުރައްވާފައިވާކަން ރަނގަޅަށް ހަނދުމަ ކުރާހުށިކަމެވެ. އަދި އަބަދުވެސް ﷲއަށް ބިރުވެތިވެ ތިބޭހުށިކަމެވެ. އަދިދަނެއު ހަމަކަށަވަރުން ﷲއަކީ ހުރިހާކަމެއްމެ ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

އަދި ހަމަ މިސޫރަތުގެ 232 ވަނަ އާޔަތުގައި ވަޙީކުރައްވަނީ: تَرَاضَوْا بَيْنَهُمْ بِالْمَعْرُوفِ ذَلِكَ يُوعَظُ بِهِ مَنْ كَانَ مِنْكُمْ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ ذَلِكُمْ أَزْكَى لَكُمْ وَأَطْهَرُ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ

މާނައަކީ: "އަދި ކަލޭމެންކުރެ ވަރިވެއްޖަ އަންހެނުން، އެކަނބަލުންގެ ޢިއްދަ ހަމަވެއްޖައުމަށްފަހު، އެކަނބަލުން، އެކަނބަލުންގެ ވަރިކުރި ފިރީންނާއި ހެޔޮރަނގަޅުގޮތުގައި އަލުން އިނދެގެން އުޅުމަށް އެއްބަސްވެއްޖެނަމަ، އެކައިވެނި ކުރުމަށް ހުރަސްނާޅާށެވެ. މިޙުކުމްމެދުވެރިކޮށް ކަލޭމެންކުރެ ﷲއަށާއި އާޚިރަށްދުވަހަށް އީމާންވެއްޖެ ކޮންމެ މީހަކަށްމެ ގަދަ ނަޞޭޙަތް ދެވިގެންވެއެވެ. އަދި ދަންނައެ. މިއީ ކަލޭމެންނަށްޓަކައި އޮތް އެންމެ ޠާހިރުގޮތެވެ. އަދި ﷲ ހުރިހާކަމެއްމެ ދެނެވޮޑިގެންވެއެވެ. ކަލޭމެންނަކަށް ނުއެގެއެވެ."

އިބުނި ކަޘީރު ވިދާޅުވެފައިވަނީ އެއްފަހަރު އަނބިމީހާ ވަރިކޮށްފިނަމަ އަދި އަންހެންމީހާ ޢިއްދައިގެ މުއްދަތުގެ ތެރޭގައި ހުރިނަމަ، އަނބިމީހާއަށް ހެޔޮކޮށް ހިތައި، ކަންތައްތައް ރަނގަޅުކުރުމުގެ ނިޔަތުގައި އަލުން އަންހެނުން އަންބެއްގެ ގޮތުގައިހެދުން ނުވަތަ ޢިއްދައިގެ މުއްދަތު ހަމަވަންދެން ދޫކޮށްލުމެވެ. މީގެމާނައަކީ ބާއިންވަރިއަކުން ވަރިވުމެވެ. އަދި މިޙާލަތުގައިވެސް އޭނާއަށް އެއްވެސް ނާއިންޞާފީއެއްނުކޮށް ގެއްލުމެއްނުދިނުމެވެ.

އެއްފަހަރު ވަރިކޮށްފައި ދެވަނަފަހަރުވެސް ވަރިކޮށްފައި އަނެއްކާ ތިންވަނަފަހަރު ވަރިކުރުމުން ދެމަފިރިންއެކުގައި އުޅުން ނާކާމިޔާބުވެއްޖެކަން އެގުނީއެވެ. އެހެންވެ ތިންވަނަފަހަރު ވަރިކުރުމުން ދެން ފިރިމީހާގެ އަތުން އިޚްތިޔާރު ގެއްލުނީއެވެ. ދެން އޭނައަށް އެއަންހެން މީހާއާއި ކައިވެނި ކުރެވެނީ އެހެން ކައިވެންޏެއް އަންހެންމީހާ ކުރުމަށް ފަހުއެވެ. މިހުރިހާކަމެއްވެސް މިގޮތަށް ހުރީ ވަރިއަކީ ކުޅޭކުޅޭ އެއްޗަކަށް ހެދުނަ ނުދޭންވެގެންނެވެ.

ދެންވެސް އެކުގައި އުޅޭނެކަމަށް ދެމީހުންނަށް ފެނިއްޖެއްޔާ ޖެހޭނީ އަލުން އާ ޢަޤުދެއްގެ ދަށުން އާ ކައިވެންޏެއް ކުރާށެވެ.

ފިރިމީހާ ވަރިކުރުން ޢަރަބިބަހުން ދަންނަވާނަމަ (ޠަލާޤް) ކުރުމުން އަންހެންމީހާއަށް ކުރަންޖެހޭ އެއްކަމަކީ ޢިއްދައިގައި ހުރުމެވެ. ގިނަ ޙާލަތްތަކަށް ބަލާއިރު އަންހެންމީހާ ޢިއްދައިގައި ހުންނަންޖެހެނީ ތިންމަސްވަންދެނެވެ. ރަޖްޢީ ވަރިއެއް (ތިންފަށްވަރިއެއްނޫން) ކޮށްފި ނަމަ ދެމީހުން ވެސް އުޅޭނީ އެއްފުރާޅެއްގެ ދަށުގައެވެ. މިމުއްދަތުގެ ތެރޭގައި އަނބިމީހާ އަދި ހުންނާނީ ފިރިހެންމީހާގެ ޒިންމާގެ ދަށުގައެވެ. ކާންދިނުމާއި، ހިޔާވަހިކަން ދިނުމާއި، ހެދުން ދިނުން އެއީ ފިރިހެން މީހާގެ ވާޖިބެކެވެ. ނަމަވެސް އަނބިމީހާ އަލުން ރުޖޫޢަނުކުރާ ހިނދަކު ދެމީހުން ޖިންސީ ގުޅުމެއް ހިންގުމަކީ ޙަރާމް ކަމެކެވެ.

މި ޢިއްދައިގެ މުއްދަތަކީ އަންހެންމީހާ އިނީ ބަލިވެތޯ ދެނެގަތުމައްލިބޭ ފުރުސަތެކެވެ. ބައެއްމީހުންނަށް ހީވެފައި އޮންނަ ގޮތާއި ޚިލާފަށް ޢިއްދައިގެ ހަމައެކަނި ޙިކުމަތަކީ ބަލިވެއިންކަން ޔަޤީން ކުރުމެއްނޫނެވެ. އެހެންނަމަ ފިރިމީހާ މަރުވެގެން ޢިއްދައިގައި ހުންނަންޖެހޭ މިހާއާއި، ވަރިކުރެވޭ ޙައިޟުވާ އަންހެނާއި އަދި ޙައިޟުނުވާ (އުމުރު ޅަކަމުން ނުވަތަ މުސްކުޅިވެގެން) އަންހެނާއި، ބަލިވެއިން އަންހެނާގެ ޢިއްދައިގެ މުއްދަތު ތަފާތުވުމުގެ ބޭނުމެއް ނޯތީހެވެ.

ބަލިވެ ނެތްކަން އެއް މުއްދަތަކުން މި އެންމެންނަށްވެސް ބެލިދާނެއެވެ. އަދި ޙައިޟުނުވާ އަންހެނެއް ބަނޑުބޮޑުވެދާނެކަމަށް ބެލުމަކީވެސް ބޭނުން ކަމެއްނޫނެވެ. މާބަނޑުމީހާގެ ޢިއްދާއަކީ ވިހަންދެނެވެ. ޙައިޟުނުވާ (ޅަވެގެން ނުވަތަ މުސްކުޅިވެގެން) މީހާގެ ޢިއްދާއަކީ 3މަހެވެ. ޙައިޟުވާމީހާގެ ޢިއްދައަކީ 3 ''ޤުރޫއު'' އެވެ. ނުވަތަ ތިން ޙައިޟާއި ތިން ޠުހުރެވެ. ފިރިމީހާ މަރުވެގެން އޮންނަނީ 4މަހާއި 10 ދުވަހެވެ.

ބައެއްމީހުންނަށް ހީވެފައި އޮންނަނީ އިސްލާމްދީނުގައި ކައިވެނި ރޫޅުމުގެ ބާރު ލިބިފައިވަނީ ހަމައެކަނި ފިހެނުންނަށް ކަމަށެވެ. ނަމަވެސް ޙަޤީޤަތް އޮތީ މިއާއި ވަރަށް ދުރުގައެވެ. ކައިވެނި ރޫޅާލުމުގެ ބާރު އަންހެނުންނަށްވެސް ލިބިދީފައިވެއެވެ. އެއަށްމިކިޔަނީ ޚުލްޢު އެވެ. އަންހެނަކު ފިރިމީހާގެ އަނިޔާ ލިބިލިބި، ހިތްހަމަނުޖެހޭ، ޢަޒާބެއްގައި މުޅި ޢުމުރު ހޭދަކޮށްލަން ފަހަރެއްގައިވެސް އިސްލާމްދީން ނުރުހެއެވެ. އަނބިމީހާ ކޯޓަށްގޮސް އޭނާ ވަރިކުރަންބޭނުންވާ މަޤްބޫލު ސަބަބެއް ދެއްކުމުން، ނުވަތަ އުޅެވެން ނެއްކަން ޘާބިތުކުރުމުން ވަރިވެވިދާނެއެވެ.

"ކަލޭވަރި ކޮށްފިން'' މިފަދަ ޖުމްލައަކުން ނުވަތަ އެނުންވެސް ގޮތަކަށް ވަރިކުރުމަކީ ހުއްދަ ކަންތައްތަކުގެ ތެރެއިން ﷲ އެންމެ ނުރުއްސަވާ ކަންކަމުގައި ކީރިތިރަސޫލާގެ ޙަދީޘްފުޅެއްގައި ވެއެވެ. ހަމައެފަދައިން ސަބަބަކާއި ނުލައި ނުވަތަ ހަވާނަފްސަށްޓަކައި "އަހަރެން ވަރިކުރާށެ" ބުނާ އަންހެނަކަށް ސުވަރުގޭގެ ވަސްވެސް ދުވާ ހިސާބަށް ނުުދެވޭނެކަމަށް ވިދާޅުވެ، މިކަމުން އަންހެނުންވެސް އެއްކިބާވެގަތުމަށް އަމުރުކުރައްވައެވެ.

ވަރިކުރުމަކީ މުޖުތަމަޢުގައި ތަފާތު އިޖުތިމާޢީ ބަލިމަޑުކަން ފެއްޓުމުގެ މައިގަނޑު އެއްސަބަބެވެ. އޭގެތެރޭގައި ދަރިންނަށް ލިބޭ ގެއްލުމަކީ އެންމެ ބޮޑުގެއްލުމެވެ. އަދި ހުރިހާ ގެއްލުންތަކުގެ ފެއްޓުމެވެ. ދެމަފިރިން އަމިއްލަ ދަރިންގެ މުސްތަޤްބަލާއިމެދު ނުވިސްނާތާގައި، ދީނުގައި މިހާބޮޑަށް ނުކުރުމަށް އަންގަވާފައިވާ ކަމަކަށްވަތީ ވަރި ނުކުރާނަމަވެސް ކިތަންމެހާވެސް ރަނގަޅެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.