އަންގާރަ20201020

އާކުރެވުނީ: 08:43:52

Back ކަވާސާ ޢާއިލާ ޢާއިލާގެ ބައިތައް ދެމަފިރިން ޚިޔާނާތްތެރި ވުން އަދި އޭގެ ސަބަބުތައް.

ޚިޔާނާތްތެރި ވުން އަދި އޭގެ ސަބަބުތައް.

khiyaanaithervunކައިވެނީގައި ގިނަފަހަރަށް ޚިޔާނާތްތެރި ވަނީ ފިރިންނެވެ. އަދި ހުރިހާ މުޖްތަމަޢެއްގައިވެސް ތަފާސް ހިސާބުތަކުން ދައްކާ ޙަޤީޤަތަކީ އަނބިންނަށް ވުރެ ގިނައިން ފިރިން ޚިޔާނާތްތެރިވާ ކަމެވެ. ނަމަވެސް ފިރިންނަށް ޚިޔާނަތްތެރިވާ އަންހެނުން ހުރިހާ މުޖްތަމަޢެއްގައިވެސް އެކި މިންވަރަށް އުޅެއެވެ. އެކި މީހުން ޚިޔާނާތްތެރިވަނީ އެކި މިންވަރަށް އެކި ގޮތްގޮތަށެވެ. ނަމަވެސް ކޮންމެ ޚިޔާނަތަކީވެސް އެއީ ޝައްކެއްވެސް

ނެތް ގޮތުގައި ޙަރާމް ކަމެކެވެ. އަދި ފިރިއަކަށް ޤަބޫލުކޮށްގަންނަން ދަތިކަމެކެވެ. މި ކަމަކީ އަނބިމީހާ ވިޔަސް އަދި ފިރިމީހާ ވިޔަސް ކޮށްގެން ނުވާނެ، ބޮޑު ފާފައެކެވެ.

 

ހަދާނީ ކިހިނެއް؟

އަނބިމީހާ ޚިޔާނާތްތެރިވާކަން އެނގިއްޖެނަމަ ހަދާނީ ކިހިނެއްހެއްޔެވެ؟ އޭނާ މަރާލާނީ ހެއްޔެވެ؟ ތަޅައި އަނިޔާ ކުރާނީ ހެއްޔެވެ؟ އަނބިމީހާ -ކުދިން ލިބިފައިތިބިއްޔާ ކުދިންގެ މަންމަ - ބޭޒާރުކޮށް މުޖްތަމަޢަށް އެވާހަކަ ފަތުރާލާނީ ހެއްޔެވެ؟ ނޫނީ ވަރިކޮށްފައި ގެއަށް ފޮނުވާލާނީހެއްޔެވެ؟ ނޫނީ އެނގޭކަމަށްވެސް ނަހަދާ، އަޅާވެސް ނުލާ ހުންނާނީހެއްޔެވެ؟ އެހެން ނޫނީ ވަރިކޮށްލާނީހެއްެޔެވެ؟ ނޫނީ އަނބި މީހާ އަށް ނަސޭޙަތް ދީގެން ނުވަތަ އޭނާ އަމިއްލައަށް ކުރެވުނު ކުށަށް ތައުބާވެ އިސްލާޙު ވުމުން ކުރިއެކޭ އެއްގޮތަށް އުފާވެރިކަމާއެކު ޙަޔާތް ކުރިއަށް ގެންދާނީހެއްޔެވެ؟

އެންމެ ފުރަތަމަ އެ އޮތް ގޮތް އެއީ ހަމަގައިމުވެސް ހުއްދަ ގޮތަކަށް ނުވާނެއެވެ. މީހަކު މެރުން އެއީ އެއްވެސް ހާލަތެއްގައި ކޮށްގެން ވާނެ ކަމެއް ނޫނެވެ. ދީނީ ގޮތުންނާއި ޤާނޫނީ ގޮތުންވެސް އެއީ މަނާ ކަމެކެވެ. އަދި އެއީ ހަމަ ޖެހޭ ފިރިހެނެއް އިޚްތިޔާރު ކުރާނެ ކަމެއް ނޫނެވެ.

ތަޅައި އަނީޔާ ކުރުން އެއީވެސް ހުއްދަ ގޮތެއް ނޫނެވެ. އަނބިމީހާއަށް އަނިޔާ ކުރުން އެއީ ފިރިމީހާއަށް ލިބިފައިވާ ޙައްޤެއް ނޫނެވެ. އަދި އަންހެނަކަށް އަނިޔާކުރުމުން ދޭހަވަނީ ފިރިމީހާގެ ޝަޚްޞިއްޔަތުގެ ބަލިކަށި ކަމާއި، އޭނާގެ ނުކުޅެދުންތެރި ކަމެވެ.

އަނބިމީހާ ބޭޒާރު ކޮށްފައި އެ ވާހަކަ މުޖްތަމަޢަށް ފެތުރުމުގެވެސް އެއްވެސް ބޭނުމެއް ނެތެވެ. އަނެއްކާ ދީނުގައި އަންގަވާފައިވަނީ މީހުންނަށް ކުރެވޭ ކުށްފާފަތައް ފޮރުވައި ސިއްރު ކުރުމަށެވެ. އިންސާނުންނަށް ކުރެވޭ ފާފަތައް ފަރުދާ ކުރެއްވުން އެއީ ﷲ އަަހަރެމެންނަށް މިންވަރު ކުރައްވާ ރަޙްމަތެކެވެ. އަދި ރަސޫލާ އަންގަވާފައިފައިވަނީ މީހަކު ފާފައެއް (މިސާލަކަށް ޒިނޭ) ކޮށްފައި އެކަން މާތް ﷲ މީސްތަކުންނަށް ހާމަ ނުކުރައްވައި ފަރުދާ ކުރެއްވުމުން، އެކަން އަމިއްލައަށް ހާމަ ނުކުރުމަށެވެ. އަދި އެކަމުން ތައުބާ ވުމަށެވެ. އެހެންވެ ދީނުގައި އޮންނަ ގޮތުން ޒިނޭ ކުރާ މީހާ އަމިއްލައަށް ޤާޟީ ކައިރިއަށް ގޮސް ތިމަންނަ އަށް ޒިނޭ ކުރެވިއްޖެއޭ ވީމާ ހައްދު ޖަހައިދޭށޭ ބުނާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި އޭނާ ކުރަން ޖެހޭ ކަމަކީ ތެދު ތައުބާއެއްވެ، އެފަދަ ކަމެއް ދުވަހަކުވެސް ނުކޮށް، އިޞްލާޙު ވުމެވެ.

އަޅާ ނުލައި އެނގޭ ކަމަށްވެސް ނަހަދައި ހުރުން މިއީ ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ޤިޔާމަތް ދުވަހު މާތް ﷲ ރަޙްމަތުގެ ބެއްލެވުމަކުން ބައްލަވައިވޮޑި ނުގަންނަވާނެ ތިން މީހެއްގެ ތެރޭގައި ދައްޔޫޘް ހިމެނެއެވެ. ދައްޔޫޘް އަކީ އޭނާގެ އަންހެނުން ފާޙިޝް ކަންތައް ކުރުމުން ނުވަތަ ޚިޔާނާތްތެރިވުމުން އެކަމާ އަޅާ ނުލާ، އަންހެނުންނާ މެދު ޣީރަތްތެރި ނުވާ މީހުންނެވެ.

މީހަކު ގޯސް ކަމެއް ކުރަންޏާ އެ މީހަކަށް ނަސޭހަތް ދީ އެ މިހަކު ނުބައި މަގުން އެއްކިބާކުރުން އެއީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ވާޖިބެކެވެ. ވީއިރު އަދި އަނބިމީހާ ތެދުމަގަށް އެޅުވުން ކިހާ މުހިއްމުވާނެ ހެއްޔެވެ. ސޫރަތުއް ތައުބާ ގެ 71 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ: وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاء بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُقِيمُونَ الصَّلاَةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللّهَ وَرَسُولَهُ أُوْلَـئِكَ سَيَرْحَمُهُمُ اللّهُ إِنَّ اللّهَ عَزِيزٌ حَكِيمٌ

މާނައަކީ : " މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުންނީ އޭގެ ތެރެއިން އެއްބަޔަކު އަނެއް ބައެއްގެ އެހީތެރި އެކުވެރިން ކަމުގައިވާ ބައެކެވެ. އެބައި މީހުން ހެޔޮކަމަށް އަމުރު ކުރެއެވެ. އަދި ނުބައިކަން ނަހީ ކުރެއެވެ. އަދި ނަމާދުކޮށް ޒަކާތް ދީ މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވެ އުޅެތެވެ. އެބައި މީހުންނަށް މާތް ﷲ ރަޙްމަތް ލައްވާނެތެވެ. ހަމަ ކަށަވަރުން މާތް ﷲ އީ ޙިކްމަތް ވަންތަ ކީރިތިވަންތަ ރަސްކަލާނގެއެވެ. "

ވަރިކޮށްލުން ކިހިނެއްވާނެ ހެއްޔެވެ؟ މިއީ ކުރެވިދާނެ ކަމެކެވެ. އަދި ބަލާބެލުމަށް އެންމެ ފަސޭހަ އިޚްތިޔާރުވެސް މެއެވެ. އެކަމަކު ޙަޤީޤަތުގައި މިއީވެސް އޭގައި ގެއްލުންތަކަކާއި ނޭދެވޭ ކަންތައްތަކެއް ހިމެނޭ އިޚްތިޔާރެކެވެ. ޢާއިލާ ރޫޅި، އެތަކެއް ދުވަހު ބިނާ ކުރަމުން އައި ހުވަފެން ފުނޑުފުނޑުވެއެވެ. ދަރިން ވިއްސި ވިހާލިވެ، މަންމަ އާއި ބެހޭގޮތުން ނޭދެވޭ އަޑުތަކެއް އިވި، ނަފްސާނީ ގޮތުން ކުދިންނަށް ނޭދެވޭ އަސުރުތަކެއް ކުރެއެވެ.

ޚިޔާނާތްތެރިވެވޭ ދަރަޖަތައް:

ކޮންމެ ޚިޔާނަތަކީވެސް ޚިޔާނަތެކެވެ. ކުޑަޔަސް ބޮޑަސް އެއަށް ދެވޭނެ އެހެން ނަމެއް ނެތެވެ. ކޮންމެ ޚިޔާނަތަކީވެސް ޙަރާމް ކަމެކެވެ. އަނބިންވާ ޚިޔާނާތަށް ބަލާއިރު ތަފާތު ދަރަޖަތަކަކަށް ބަހައިލެވިދާނެއެވެ. އަދި އޭގެ ކުޑަ ބޮޑުމިން، އަދި ނުބައިކަމުގެ ކުޑަ ބޮޑުމިން ތަފާތެވެ.

މިސާލަކަށް އަނބިމީހާ އެހެން ފިރިހެނެއް ދެކެ ލޯބިވެ އެކަން ހިތުގައި ފޮރުވައިގެން ހުރުމާއި، އެ ލޯބިވެރިއާއާއި ވާހަކަ ދައްކައި ބައްދަލުކޮށް ހެދުން ތަފާތުވާނެއެވެ. ހަމަ އެހެންމެ ހިލޭ ފިރިހެނަކާއި ވާހަކަ ދެއްކުމާއި އޭނާއާއި ޖިންސީ ގުޅުމެއް ހިންގުމާ ވެސް ތަފާތުވާނެއެވެ.

އަދި އަންބެއް އިންޓަނެޓަށް ވަދެ އުޅުމުގެ ތެރޭގައި ނުދަންނަ ފިރިހެނަކާއި ދިމާވެގެން ޗެޓް ކޮށްލުމާއި، އަވައްޓެރިއާއި ނުވަތަ ރަށު ފިރިހެނަކާއި ރައްޓެހިވެގެން ސިއްރު ގުޅުންތަކެއް ހިންގުންވެސް ތަފާތެވެ. މިއިން ކޮންމެ ކަމަކީވެސް ކުރުން ޙަރާމް އަދި ޞާލިޙް މުއުމިން އަންހެނަކު ކޮށްގެން ނުވާނެ ކަންތަކެވެ. ނަމަވެސް އިންސާނުންނަކީ އިންސާނުންނެވެ. ފިރިންނަށްވެސް ކުށް ކުރެވޭ ފަދައިން އަނބިންނަށްވެސް ބައެއް ފަހަރު، ﷲ އަށް ބިރުވެތި ނުވުމުގެ ސަބަބުން ކުށްކުރެވެއެވެ. ބުއްދިވެރިންނަކީ ފާފައެއް ކުރެވުމުން ތައުބާވެ އިޞްލާޙްވާ މީހުންނެވެ.

ޚިޔާނަތްތެރިވެވޭ ގޮތް

މިފަދަ ކަންތައްތައް ވުމުގައި ތަފާތު ސަބަބުތައް ވެއެވެ. އޭގެތެރޭގައި މިހާރަކަށް އައިސް ބައެއް އަންހެން ކުދިން މުޖްތަމަޢްގެ އާދަކާދައަށް އަންނަ ބަދުލުތަކާއި ގުޅިގެން، ޅަ ޢުމުރުގައި "ލޯބި" ވުން އެއީ ހަމަ އާދައިގެ ކަމެއް ކަމުގައި ދެކެއެވެ. ކިއެއްތަ އެއީ ލާޒިމު ކަމެކެވެ. ބައެއް ކުދިން ވަނީ ހިތުންވާ ލޯތްބެކެވެ. އަނެއް ބައި ކުދިން މި "ލޯބީ" ގެ ތެރެއަށް، އެކަހެރި ތަންތާގައި ބައްެދަލު ކުރުމާއި، ދޮން ދިނުމާއި އަދި މިއަށްވުރެވެސް ބޮޑެތި ޙަރާމްކަންތައް ވައްދައެވެ.

މި ގޮތަށް އުޅެފައި ގިނަފަހަރަށް އިންނަން ޖެހެނީ ކުރިން "ރައްޓެހިވި" މީހަކާ ނޫނެވެ. ނަތީޖާއަކަށް ވަނީ މީހަކާ އިނީމާވެސް ކުރީގެ މާޒީ ހަނދާންވެ، ކުރިން ރައްޓެހިވި ފިރިހެން ކުދިންގެ މަތިން ހަނދާންވެ، ބޮޑު ވޭނެއްގައި އުޅެން ޖެހުމެވެ. ހަވާ ނަފުސަށް ތަބާވާ ބައެއް ކުދިން މިކަންތައް ބޮޑުވަމުން ގޮސް، ކުރިން ރައްޓެހިވި ކުދިންނާއި ވާހަކަ ދައްކައި އަދި ފިރިމީހާ ރަށުގައި ނުވަތަ ގޭގައި ނުއުޅޭވަގުތު ބައްދަލުކޮށް ނުވަތަ ފޯނުން ވާހަކަ ދައްކައި ހަދައެވެ. އަދި ވެވޭ ގޮތަކުން މިއަށްވުރެވެސް މައްޗަށް ކަންތައް ދެއެވެ. މީގައި ގިނަ ފަހަރު، ކުރިން ރައްޓެހިވި ފިރިހެން ކުދިންވެސް ނުބައި ބައި ކުޅޭކަން ފާހަނގަ ކޮށްލަން ޖެހެއެވެ.

ހަމަ އެހެންމެ، ކައިވެނީގެ ކުރިން އައިސްކްރީމް ބޯލަންދާ ދިއުމާ، ޖަހާލަންދާ ބުރުތަކާ، ކުރާ މަޖަލާ އުޅޭ މިނިވަންކޮށް އުޅެފައި، ކައިވެނި ކުރުމުން މި މިނިވަންކަމަށް އުނިކަން ލިބެއެވެ. ބައެއް އަނބިންނަށް މި ބަދަލު ޤަބޫލުކޮށްގަންނަން އުނދަގުލެވެ. އަދި ކުރީގެ އާދަތައް ދޫކޮށްލަން އުނދަގޫވެއެވެ.

އަނެއް ބަޔަކު މީހަކާއި އިނީމާ ކުރީގެ އުޅުން ދޫކޮށްލަން ބޭނުންވެއެވެ. ނަމަވެސް ފިރިމީހާ ދެކެ ލޯބި ނުވާތީ، ނުވަތަ ފިރިމީހާ އެނާއާއި އަޅާ ނުލާތީ ނުވަތަ ފިރިމީހާގެ ފަރާތުން އަންހެން ކުއްޖާ ބޭނުންވާ ނަފްސާނީ އަދި ޖިސްމާނީ އުފާ ނުލިބޭތީ އޭނާގެ ހިތުގައި ހުސް ޖާގަ އުފެދި އެ ޖާގައިގެ ތެރެއަށް އިބިލީސް ބިސްއަޅައި، ކުރީގެ މާޒީ މަތިން ހަނދާން ކުރުވައެވެ. މިހެން ވާ ބައެއް ކުދިން އެ ޚިޔާލުތަކާ ދުރުވާން މަސައްކަތް ކުރެއެވެ. އެއްބަޔަކަށް މި މަސައްކަތް ކާމިޔާބު ވާއިރު އަނެއް ބަޔަކު އެ ވޭނެއްގައި ދުވަސްތަކެއް ހޭދަކުރެއެވެ. ނަމަވެސް ފިރިމީހާއަށް މިކަން ރޭކާ ނުލައެވެ. އެއީ މިކަންތައް ހިނގަނީ ހަމަ އެކަނި އަނބިމީހާގެ ހިތުގައި ކަމަށް ވެފައި، އޭނާއާއި މުޢާމަލާތް ކުރުމުގައްޔާއި އެކުގައި އުޅުމުގައި އެއްވެސް އުނިކަމެއް ނުފެންނާތީއެވެ.

ތިންވަނަ ވައްތަރެއްގެ އަންހެން ކުދިންވެސް ތިބެއެވެ. އެއީ ހަމަ އަސްލުގައި ވެސް ވިޔާނުދާ އަޚްލާޤީފެންވަރު ދަށް، އެއް ފިރިހެނެއްގެ އުނގުގައި އޮވެފައި އަނެއް ފިރިހެނެއްގެ އުނގަށް ދާ ހިތްވާ އަންހެން ކުދިންނެވެ. ހުރިހާ މުޖްތަމަޢެއްގެވެސް(ހުޅަނގަށް ވިޔަސް އިރުމައްޗަށް ވިޔަސް) ނަސީބަކުން މި ކަހަލަ ކުދިންނަކީ ވަރަށް މަދު ބައެކެވެ.

މިހާ ހިސާބުން މީހަކު ބުނެފާނެ ވާހަކައަކީ، ތި ބުނިފަދަ ގޮތަށް ދުވަހަކު ކުއްޖަކާއި ރައްޓެހި ނުވެ، މީހަކާއި އިންނަ މީހުންވެސް ފަހުން ޚިޔާނާތްތެރި ވާ ކަމަށެވެ. ރަނގަޅު ވާހަކައެކެވެ. މިފަދަ އަންހެނަކުވެސް ޚިޔާނާތްތެރި ވެދާނެއެވެ. ﷲ އަށް ބިރުވެތިވާ ތަޤުވާވެރި ނޫން ކޮންމެ މީހަކީ އިބިލީހުގެ ޝިކާރައަކަށް ވެދާނެ މީހެކެވެ. އެކަމަކު މަތީގައި ބުނެފައިވަނީ ވަރަށް ގިނަފަހަރަށް މިކަން ވާ ގޮތެވެ. އަދި ޚިޔާނާތްތެރިވާ އެހެން ސަބަބުތައް އުފަން ކުރުވާ މައިގަޑު ސަބަބަކީ އެއީއެވެ. އަދި އެހެން ސަބަބެއް ކުރިމަތިވުމުން ޚިޔާނާތްވުމުގެ ޤާބިލްކަން، ގިނަފަހަރަށް ހުންނަނީވެސް މިފަދަ ތަޖުރިބާތަކެއް ކޮށްފައިވާ އަންހެނުންގެ ކިބައިގައެވެ.

ޚިޔާނާތްތެރިވާ ސަބަބު:

ފިރިމިހާއަށް ޚިޔާނަތްތެރި ވުމަކީ އެއްވެސް މީހަކު އުފަންވާއިރު ވިރާސީ ގޮތުން ގައިގައި ހުންނަ ސިފައެއް ނޫނެވެ. އެއީ އަމިއްލައަށް ކުރާ ކަމެކެވެ. ޚިޔާނާތްތެރި ވާ ސަބަބު ބައިވަރެވެ. ތިރީގައި މިވަނީ މިފަދަ ބައެއް ސަބަބުތަކެވެ. ޚިޔާނާތްތެރި ވުމުގެ ސަބަބަކީ މިއީ އޭ ބުނުމުގެ މާނައަކީ ފަހަރެއްގައިވެސް ޚިޔާނާތްތެރިވާ މީހުންނަކީ ޢުޒުރުވެރި ބައެކޭ ބުނުމެއް ނޫނެވެ. އަދި އަނބިންގެ އިޚްތިޔާރުން ބޭރު ސަބަބުތަކެއްގެ އަސަރު ކޮށްގެން ޚީޔާނާތްތެރި ވުމުން އެ މީހުންނަކީ ދީނީ، އަޚްލާޤީ، އިޖްތިމާޢީ މަސްއޫލިއްޔަތު އުފުލަން ޖެހޭ ބައެއް ނޫނޭ ބުނަނީކީވެސް ނޫނެވެ.

ޝައްކެއްވެސް ނެތް ގޮތުގައި ހެވާއި ނުބައި ، ޙަރާމައި ޙަލާލް ކޮންމެ މީހަކަށްވެސް އެނގެން ޖެހެއެވެ. އަދި އެއްވެސް އިންސާނަކީ އޭނާގެ އަމިއްލަ އިޚްތިޔާރު ނިގުޅައިގަނެވިފައިވާ މީހެއް ނޫނެވެ. ވީމާ ޚިޔާނާތްތެރިވާ މީހުން ޚިޔާނަތްތެރި ވުމަކީ ކުށެކެވެ. ފާފައެކެވެ. ކުރިންވެސް ބުނިފަދައިން ދީނީ ފުރިހަމަ ތަރުބިއްޔަތެއް ލިބިފައިވާ، ﷲ އަށް ބިރުވެތި މީހަކު ހުރިހާ ސަބަބެއް އެއްފަހަރާ ބޯމަތިވިޔަސް ޚިޔާނާތްތެރި ނުވާނެއެވެ.

1- ދީނީ ތަރުބިއްޔަތު ނެތުން :

ހުރިހާ ސަބަބެއްގެވެސް އެންމެ ކުރީގައިވަނީ، އަދި އެންމެ ފުރަތަމަ ސަބަބަކީ ޚިޔާނާތްތެރިވާ މީހާގެ ކިބައިގައި ދީނީ ތަރުބިއްޔަތާއި ދީންވެރިކަމެއް ނެތުމެވެ. އެހެން ގޮތަކަށް ބުނާނަމަ ދީންވެރިކަން އެއީ ދެން ހުރި ހުރިހާ ސަބަބަތައް އެއްވިޔަސް، އެ މީހަކު ސަލާމަތް ކޮށްދޭ ދިފާޢީ ނިޒާމެވެ. ވީމާ މި ދިފާޢީ ނިޒާމު ނެތިއްޖެނަމަ އެއްކަލަ ސަބަބުތަކުގެ ތެރެއިން ވަރަށް ކުޑަކުޑަ ސަބަބެއް ކުރިމަތިވިޔަސް ޚިޔާނަތްތެރި ވުމުގެ އިޙްތިމާލު ވަރަށް ބޮޑެވެ.

2- އަޅާ ނުލުން :

ދެވަނަ ސަބަބަކީ، އަނބިމީހާއަށް ފިރިމީހާގެ ފަރާތުން ލިބެންޖެހޭ އަޅާލުމާއި، އޯގާތެރިކަން އަނބިމީހާއަށް ނުލިބުމެވެ. އެހެން ގޮތަކަށް ބުނާނަމަ އަނބިމީހާއަށް އޭނާއަކީ އިހުމާލު ކޮށްލެވިފައިވާ މީހެއްކަމަށް އިޙްސާސް ވުމެވެ. މިިސާލަކަށް ގެއަށް ވަދެވެސް އަޅާލާކަން ދޭހަކޮށްދޭ ބަހެއް ނުބުނުމެވެ. ކުދިންނަށާ ފިރި މީހާއަށް ކޮށްދޭ ޚިދުމަތް އަގުވަޒަން ނުކުރަމަކީވެސް، ފިރިމީހާ އަޅާ ނުލާކަން އަނބިމީހާއަށް އިޙްސާސް ވެދާނެ ކަމެކެވެ. ރަނގަޅު ކަމެއް ކުރުމުންވެސް ދުވަހަކުވެސް ޝުކުރުގެ ބަހެއް، ޒީނަތްތެރިވުމުންވެސް ފިރިމީހާއަށް އެކަން ފާހަނގަކޮށް "ހާދަ ރީއްޗޭ" ފަދަ ބަހެއް ނުބުނުމަކީ، އަޅާ ނުލާކަން އަނބިމީހާއަށް އިޙްސާސް ވާނެ ކަމެކެވެ. ހަމަ އެހެންމެ އަނބިމީހާގެ މަޝްވަރާ ޤަބޫލު ނުކުރުންވެސް އެއީ އޭނާއަށް އަޅާނުލައޭ އިޙްސާސް ވެދާނެ ކަމެކެވެ.

މަތީގައިވަނީ އަޅާ ނުލުމުގެ ނަފްސީ ބައެވެ. އަޅާ ނުލުމުގެ މާއްދީ ބައެއްވެސް އޮވެއެވެ. އެއީ އަނބިމީހާ ބުނާކަންތަށް ކޮށް ނުދިނުމާއި، ޚަރަދު ނުކުރުމާއި، އަނބިމީހާއަށް ކޮށްދޭންޖެހޭ ޚިދުމަތްތައް ބަރާބަރަށް ނުކުރުމެވެ.

3- ފިރިން ގިނަ ވަގުތު ރަށުން ބޭރުގައި އުޅުން :

އަންބަކަށް ފިރިއެއްގެ ފަރާތުން އެންމެ ބޭނުންވާ އެކައްޗަކީ އޭނާގެ ޙިމާޔަތެވެ. ނަމަވެސް ބައެއް ފިރިން އަނބިމީހާއާއި އަޅާ ނުލާ ހުރިހާ ވަގުތަކާ ހަކަތައެއް ވަޒީފާއަށް ހޭދަ ކުރެއެވެ. އަނެއް ބަޔަކު ބޯޓު ދަތުރު ކުރަން ނުވަތަ ރިސޯޓަށް އެހެން ނޫނީ ކޯހެއްގައި ފުރައިގެން ދެއެވެ. ދާއިރު މި ދަނީ ޒުވާން އަންބެއް އެކަނި މާ އެކަނި ދޫކޮށްފައެވެ. ނަތީޖާއަކީ އެއްކަލަ ޙިމާޔަތް އޭނާއަށް ލިބޭ ކަމުގެ އިޙްސާސް ނުވުމެވެ. އެހެންވެ ދީނީ ނުވަތަ އިޖްތިމާޢީ މިންގަނޑެއްގައި ނުހިފެހެއްޓޭ ބައެއް މީހުން އެހެން މީހެއްގެ ފަރާތުން މި ޙިމާޔަތް ހޯދައެއްވެ. މި ހިސާބުން ޚިޔާނާތްތެރި ވެވުނީއެވެ.

4- މަޖްބޫރު ކައިވެނި :

މައިންބަފައިން އަންހެން ކުއްޖާއަށް މަޖްބޫރުކޮށްގެން ނުރުހުމުގައި ކުރެވޭ ކައިވެންޏަކީ، އަނބިމީހާ ޚިޔާނާތްތެރިވުން ވަރަށް ގާތް ކައިވެންޏެކެވެ. ނުރުހޭ މީހަކާ އެކު އުޅެން ބޭނުން ނުވުމާ، ފިރިމީހާ އާއި މައިންބަފައިން ކިބައިން ބަދަލު ހިފުމުގެ ބޭނުމުގައި ވަރަށް ގިނައިން މިފަދަ ކައިވެނި ތަކުގައި އަނބިން ޚިޔާނާތްތެރިވެއެވެ. އަދި އެންމެ ފަސޭހައިން ވަރިވެވޭނީ ޚިޔާނާތްތެރި ވެގެން ކަމަށް މިފަދަ އަނބިން ޤަބޫލު ކުރެއެވެ.

އަނެއް ބަޔަކު ކައިވެނި ކުރެވުނީމާ ނުވަތަ ކުދިން ލިބުނީމާ އެހެން ނޫނީ، އެހެން މަންފާއެއް ލިބޭތީ ނުވަތަ ވަރި ވުމުގެ ހަޑި ލައްގަނޑު ނުޖެހެންވެގެން " ދެން ހުންނާނީ އޭ " ކިޔާފައި ވަރިނުވެ ތިބެނީއެވެ. ނަމަވެސް އޭނާގެ ހިތާއި ފިކުރުވާނީ އެހެން މީހަކާއި ދިމާލަށް ހުއްޓިފައެވެ. އަދި ވަގަށް އެހެން ފިރިހެނުންނާއި އެކި ފެންވަރުގެ ގުޅުންތައް ބާއްވައެވެ.

5- ފިރިމީހާ ޚިޔާނާތްތެރިވުން :

ފިރިމީހާ ޚިޔާނާތްތެރި ވާ ކަން އެނގުމުން ބައެއް އަނބިން ބަދަލު ހިފުމުގެ ގެޮތުން، ނުވަތަ އޭނާ ނުވާ ވަފާތެރިއެއް ތިމަންނަ ވުމުގެ ބޭނުމެއް ނެތޭ ހިތައި، ޚިޔާނާތްތެރިވެއެވެ. އަދި ފިރިމީހާގެ މި ނުބައި ޢަމަލަކީ ޚިޔާނާތްތެރި ވުމަށް ލިބޭ އުޒުރެއް ކަމުގައި ބައެއް އަނބިން ދެކެއެވެ. ނަމަވެސް މިއީ މިކަން އޮންނަން ވާނެ ގޮތެއް ނޫނެވެ. ކަން އޮންނަންވީ ގޮތަކީ ފިރިމީހާ ޚިޔާނާތްތެރިވާ ނަމަ، އޭނާއާއި އެ މައްސަލަ ކުރިމަތިކޮށް ޙައްލެއް ހޯދުމެވެ. ނުވަތަ ވަރިވެގެން ޢިއްފަތްތެރި އެހެން ޒަވާޖީ ޙަޔާތެއް ފެށުމެވެ.

6- ބެހުން :

އެއީ އޮފީހުގައި މަސައްކަތް ކުރާ ޢިއްފަތްތެރި، ވަފާތެރި އަންބެކެވެ. ނުވަތަ މަދަރުސާއެއްގެ ޓީޗަރެކެވެ. ނުވަތަ ނުވަތަ ގެވެހި އަންބެކެވެ. ނުވަތަ ނަރުހެކެވެ. ނުވަތަ ކޯހެއްގައި ބައިވެރިވެގެން އުޅޭ މީހެކެވެ. ނަމަވެސް ހިތާމައަކީ މުޖްތަމަޢްގައި މީހުންނާއި އިނދެގެން އުޅޭ އަންހެނުންނަށް ކުރަންޖެހޭ އިޙްތިރާމް ނުކުރާ، ވިޔާނުވާ ފިރިހެނުންތަކެއް އުޅޭ ކަމެވެ. މަތީގައި ބުނެވުނު ކޮންމެ ތަނެއްގައިވެސް މިފަދަ މީހަކު ހުރެދާނެއެވެ.

ބުނަން މި އުޅޭ ވާހަކައަކީ، މީހުންގެ އަނބިންނާއި ބެހި، އެ މީހުންނާ ދިމާލަށް ބުނެގެން ނުވާނެފަދަ ބަސްތައް ބުނެ، ކުރަން ނުވާކަހަލަ ތަޢްރީފުތައް ބައެއް މީހުން ކުރާވާހަކައެވެ. ނުވަތަ ފޮނިވާހަކައާއި، ލޯބީގައި ދީވާނާ ވާކަމަށް ބުނެ މީހުންގެ އަނބިންނަށް އުނދަގޫ ކުރާވާހަކައެވެ.

ބައެއް އަންހެނުން މިފަދަ ލޯބީގެ ވާހަކަތަކާއި، ތަޢްރީފުތަކުގެ ކުރިމަތީގައި އަމާންދެއެވެ. އަދި މި މަކަރުވެރި ފިރިހެނުން ދައްކާ ވާހަކައަށް ހެއްލި ފިރިމީހާއަށް ޚިޔާނާތްތެރިވާން ފެއްޓެއެވެ. މިހާރު އިނދެގެން އުޅޭ މީހާއަށްވުރެ ފުރިހަމަ، މުއްސަނދި ނުވަތަ އަޅާލާ "ރޮމޭންސް" މީހަކާއި ގުޅޭހިތްވެއެވެ. މިފަދަ ޙާލަތްތަކުގައި ގިނަފަހަރަށް އަންހެނުން ވަރަށް ފަރުވާތެރިވެ ނެތިއްޔާ ، ނުބައި ސަރަހައްދަކަށް ވަދެވިދާނެއެވެ.

7- ކައިވެނީގެ ޙަޔާތުން ލޯބި ގެއްލިދިއުން:

އަނބިން އަދި ފިރިންވެސް ޢާއްމުގޮތެއްގައި ޚިޔާނާތްތެރިވަނީ، ކައިވެންޏަށް އެއް އަހަރު ފަހުން އަދި ފަސް އަހަރު ވުމުގެ ކުރިންނެވެ. ވަފާތެރި ކަންމަތީ ފުރަތަމަ ފަސް އަހަރު ކަޑައްތު ކުރެވިއްޖެއްޔާ ފަހުން ޚިޔާނާތްތެރިވުން ވަރަށް ނާދިރެވެ. މިއިން ނަގައި ގަނެވިދާނެ އެއް ކަމަކީ، ފުރަތަމަ އަހަރަށް ފަހު މަޑުމަޑުން ދެމަފިރިންގެ ދެމެދުގައި އޮންނަންޖެހޭ ލޯތްބާއި ކުލުނު މަދުވުމުން އަނބިމީހާ (ޚިޔާނާތް ވުން ޤާބިލް މީހުން) ލޯތްބާއި ކުލުނު އެހެން މީހެއްގެ ފަރާތުން އިންތިޒާރު ކުރުމެވެ. އަދި ކުރީގައި ބުނެވުނު ފަދަ ގޮތަކަށް ދިމާ ކުރުން، ނުވަތަ ކުރިން ލޯބީގެ ޙަޔާތެއް އޮތިއްޔާ ދިމާ ކުރާ މީހާ ނުވަތަ ކުރީގައި ލޯބިވި މީހާއާއި ގުޅޭގޮތްވެއެވެ.

8- ދެމަފިރިކަމުގެ ގުޅުމުގައި މައްސަލަ ހުރުން :

ދެމަފިރިކަމުގެ ގުޅުމުން އަނބިމީހާ ލިބެން ބޭނުންވާ އުފާ ނުލިބުމަކީވެސް، ބައެއް މީހުން ޚިޔާނާތްތެރިވާ ސަބަބެކެވެ. މިސާލަކަށް ފިރިމީހާއަކީ މާ މުސްކުޅިއަކަށް ވުން ނުވަތަ ބަލި މީހަކަށްވުން ނުވަތަ ނުކުޅެދޭ މީހަކަށްވުން އެހެން ނޫނީ ދެމަފިރިކަމުގެ ގުޅުމުގައި ފިރިމީހާއަކީ ޖާހިލަކަށް ވުން ފަދަ ކަންކަމުގެ ސަބަބުން އަންހެނުން ފޫހިވެ، އޭނާގެ ފިޠުރީ ގޮވާލުންތަކަށް އެހެން މަގުތަކުން ހައްލެއް ހޯދަން ބޭނުންވެއެވެ.

9- ޚިޔާނާތްތެރިވުމަކީ މުޖްތަމަޢުގައި އާދައަކަށްވުން:

މުޖްތަމަޢު ކަންކަމާއިމެދު ދެކޭ ގޮތާއި ބަލާ މިންގަނޑު ތަފާތު ވުމަކީ، އެ ކަމެއް މުޖްތަމަޢްގައ އޮންނަ ގޮތްވެސް ތަފާތުވާ ކަންކަމެވެ. މިސާލަކަށް ޅަ ޢުމުރުގައި ލޯބިވުމަކީ އާދައިގެ ކަމެއް ކަމަށް ބަލަން ފެށުމުން އެއީ މިހާރު އެއްވެސް ކުއްޖަކު ޖެހިލުންވާ ކަމެއް ނޫނެވެ. އަދި ގިނަ މައިންބަފައިންވެސް އަޅާލާ ކަމެއް ނޫނެވެ.

ހަމަ މި ބީދައިން ޚިޔާނާތްތެރި ވުމަކީވެސް މިހާރު މުޖްތަމަޢް ހާސްވާކަމެއް ނޫނެވެ. ނުވަތަ އަޅާލާ ކަމެއް ނޫނެވެ. މިހެން ބުނަންެޖެހޭ ސަބަބަކީ ޚިޔާނާތްތެރިވާ މީހަކާއި މެދު މުޖްތަމަޢް ދަށް ނަޒަރަކުން ބަލާތަން ނުފެންނާތީއެވެ. ޚިޔާނާތްތެރިވެގެން ވަރި ކޮށްފައި ތިބޭ މީހުންގެ މަޤްބޫލުކަމަށް ބަދަލެއް ނާންނާތީއެވެ. އަދި އެ މީހުންނާއި އިންނާނެ މީހުންވެސް ތިބޭތީއެވެ. އަދި މީހުންގެ އަނބިންނާއި ބެހުމަކީ (އަނބިން ނޫނަސް)ފާފައެއް ކަމުގައި ގިނަބަޔަކު ނުދެކޭތީއެވެ.

ޚިޔާނާތާއިމެދު ދެކޭ ގޮތް މިހެން އޮންނަ ކަމަށް ވަނީނަމަ، ޚިޔާނާތްތެރިވާން ބޭނުންވެ، މުޖްތަމަޢްގެ މޫނަށް ބަލާފައި ފަސްޖެހޭނެ މީހެއް ނުހުންނާނެއެވެ.

10- ޚަބަރު ފަތުރާ ވަސީލަތްތައް :

ހަތަރު ފަރާތުން އޮހެމުންދާ ޓީވީ ޗެނަލްތައް، ފިލްމު ޓީވީ ސިލްސިލާ ފަދަ ތަކެއްޗަކީވެސް ޚިޔާނާތްތެރި ވުމުގައި ނުސީދާ ގޮތަކަށް އެހީތެރިވާ އެއްޗެއްސެވެ. މި ފަދަ އެއްޗެހިން ފެންނަ މަންޒަރުތަކުގައި ޚިޔާނާތްތެރި ވާ މަންޒަރު އެއީ އާދައިގެ ކަމެއްކަމުގައި ދައްކާ ފަހަރު ފަހަރު އާދެއެވެ. އަނެއްބައި ފަހަރު ހުންނަނީ އެއީ ގޯސް ކަމެއްގެ ގޮތުގައި ދައްކަންވެގެން، ޚިޔާނާތްތެރިވާ މަންޒަރު ދައްކާފައެވެ. ބަލާ މީހާއަށް ޚިޔާނާތްތެރިވުން އެއީ ގޯސް ކަމެއްކަމުގައި ފެންނަ ފެނުމާއެކު، އޭނާގެ ސިނކުނޑީގެ އަޑީގައި ޚިޔާނާތްތެރިވާ މަންޒަރުވެސް ހަރުލައެވެ. ވީމާ ބައެއްފަހަރު ރަނގަޅު މެސެއްޖެއް ދޭން ތައްޔާރު ކުރާ ފިލްމުން ބައެއް މީހުންނަށް ނުބައި މެސެޖް ލިބެއެވެ.

11- މަގުފަހިވުން :

ދެ ޖިންސުގެ މީހުން ބައްދަލުވުމުގައި ބަހައްޓަންޖެހޭ ދީނީ މިންގަނޑުތަކަށް ނުބެލުމާއި، ގޭ ގައި ހިލޭ މީހުން އުޅުންފަދަ ކަންކަމަކީވެސް މި މައްސަލައިގެ ސަބަބެކެވެ. ކީރިތި ޤުރުއާނުގައި ކައިވެނި ކުރުން ޙަރާމް ކުރައްވާފައިވާ މީހުން ފިޔަވައި އެންމެންނަކީ ހިލޭ މީހުންނެވެ. ނަމަވެސް ގެއަށް ހިލޭ މީހުން ވަދެ ނުކުތުމުގައި އެއްވެސް ޤައިދެއް އޮންނަތަން ނުފެނެއެވެ. މިއީ ފިތުނައިގެ އަލިފާންގަނޑެއް ރޯވެދާނެ ކަނިކޮޅެކެވެ.

ފިރިމީހާގެ ބޭބެ، ކޮއްކޮ ނުވަތަ ތިމާގެ މީހުންނާއި ރައްޓެހިން ގޭގައި އުޅުމާއި އަނބިމީހާއާއި އޮންނަ ގުޅުމަކީވެސް ޚިޔާނާތްތެރި ވުމުގައި އެހީވެދޭ ކަމެކެވެ. މިފަދަ ކަންތައް ޢާއްމު ގޮތެއްގައި ހިނގާފައި ހުންނަނީ ފިރިމީހާގެ ރައްޓެއްސެއްގެ ސަބަބުންނެވެ. ފިރިމީހާގެ ތިމާގެ ފިރިހެނުންނަކީ ބައެއްފަހަރު ވަރަށް ނުރައްކާތެރި ބައެކެވެ. އެގޮތުން ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެއްގެ މާނައިގައިވަނީ "ފިރިމީހާގެ ތިމާގެ މީހުންނަކީ މަރުފަދަ ބައެކެވެ." މާނައަކީ އެހާވެސް ނުރައްކާތެރި ބައެކެވެ.

މިފަދަ ކަމެއް ކުރެވުނު އަންބެއް ކަންތައް ކުރާނެ ގޮތް

އެކެއް :- ތައުބާވުން :

އެންމެ ފުރަތަމަ ކަމަކީ ތައުބާވުމެވެ. ތައުބާ ނުވެވޭ ކުށެއް ނޯވެއެވެ. ފިރިމީހާ ނޫން މީހަކާ އެކު ޒިނޭ ކޮށްފިނަމަ ނުވަތަ، ޚިޔާނާތްތެރިވެވޭފަދަ ޢަމަލެއް ކޮށްފިނަމަ ނުވަތަ ދީނުގައި ޙަރާމް އެހެން ކަމެއްވެސް ކޮށްފިނަމަ އެންމެ ފުރަތަމަ ވެސް ކުރަން ޖެހޭ ކަމަކީ ތައުބާ ވުމެވެ. ތައުބާވާނީ ތައުބާގެ ހުރިހާ ޝަރުޠުތައް ފުއްދަމުންނެވެ. އެއީ ތައުބާވާ ކުށް ކުރުން ހުއްޓާލުން، ކުށާމެދު ދެރަވެ ހިތާމަ ކުރުން، އެފަދަ ކަމެއް ދުވަހަކުވެސް ދެން ނުކުރަން ޢަޒުމް ކަނޑައެޅުމެވެ.

އަދި ފާފައަށް ހުށައަޅައިދޭ މަގުތަކާއި ދުރުވުންވެސް މީގެ ތެރޭގައި ހިމެނިނެއެވެ. ތިރީގައި މިލިޔެލަނީ ފިރިމީހާއަށް ނުވަތަ އަނބި މީހާއަށް ޚިޔާނާތްތެރިވެ، ޒިނޭކޮށް، ރާބޮއެ، ޣީބަ ބުނެ، ޤަޛުފުކޮށް، ދޮގުހަދައި، ވައްކަންކޮށް، ޙަރާމް މަންޒަރުތައް ބަލައި، އަނބިން ނުވަތަ ފިރިން ނޫން ފަރާތްތަކާއި ގޮތްތަކަށް ފަރުޖު ރައްކާތެރި ނުކުރާ، ކުޑަޔަސް އަދި ބޮޑަސް ފާފައެއް ކުރެވޭ މީހުންނަށް ތައުބާވެވިދާނެ ކަމުގެ އުއްމީދު އާވާފަދަ އާޔަތްތަކަކާއި ޙަދީޘް ތަކެކެވެ.

1- ސޫރަތުއް ނޫރް ގެ 31 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ: وَتُوبُوا إِلَى اللَّهِ جَمِيعاً أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ

މާނައަކީ : '' އަދި އޭ މުއުމިނުންނޭއެވެ. ތިޔަބައިމީހުން އެންމެން މާތް ﷲގެ ކިބައަށް ތައުބާވާށެވެ. ތިޔަބައި މީހުންނަށް ނަސީބު ލިބި ދިންނަވާތޯއެވެ. ''

2- ސޫރަތުއް ތަޙްރީމް ގެ 8 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ: يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَّصُوحاً عَسَى رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ

މާނައަކީ : " އޭ އީމާންވި މީހުންނޭވެ! ތިޔަބައި މީހުން މާތް ﷲގެ ކިބަފުޅަށް، ތެދުވެރިކަމާއެކު ތައުބާވާށެވެ. އެއީ ތިޔަބައި މީހުންގެ ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާނގެ ތިޔަބައި މީހުންގެ ކުށްތައް ޢަފޫ ކުރައްވާނޭ ކަމަށާއި، އެތަންތާނގެ ދަށުން ފެން އާރުތައް ހިނގަ ހިނގާ ހުރި ސުވަރުގެތަކަކަށް ތިޔަބައި މީހުން ވެއްދުމަށްޓަކައެވެ.

3- ސޫރަތުއް ޒުމަރް ގެ 53 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ: قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعاً إِنَّهُ هُوَ الْغَفُورُ الرَّحِيمُ

މާނައަކީ : " ބުނާށެވެ. އޭ ތިމާމެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފަކޮށް އިސްރާފުކޮށްފައިވާ އަހަރެންގެ އަޅުތަކުންނެވެ. ﷲ ގެ ރަޙްމަތާމެދު އުއްމީދު ކަނޑާ ނުލާށެވެ. ހަމަ ކަށަވަރުން، ﷲ އަޅުތަކުންގެ ހުރިހާ ފާފަތައް، އެއްކޮށް ފުއްސަވާލައްވަތެވެ. ހަމަ ކަށަވަރުން އެކަލާނގެ އީ ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ މާތް ރަސްކަލާނގެއެވެ. "

4- މުއުމިނުންގެ ބައެއް ސިފަ ބަޔާން ކުރައްވަމުން ސޫރަތުލް އާލްޢިމްރާންގެ 135، 136 އާޔަތުގައި ވަޙީ ކުރައްވަނީ: وَالَّذِينَ إِذَا فَعَلُواْ فَاحِشَةً أَوْ ظَلَمُواْ أَنْفُسَهُمْ ذَكَرُواْ اللّهَ فَاسْتَغْفَرُواْ لِذُنُوبِهِمْ وَمَن يَغْفِرُ الذُّنُوبَ إِلاَّ اللّهُ وَلَمْ يُصِرُّواْ عَلَى مَا فَعَلُواْ وَهُمْ يَعْلَمُونَ * أُوْلَـئِكَ جَزَآؤُهُم مَّغْفِرَةٌ مِّن رَّبِّهِمْ وَجَنَّاتٌ تَجْرِي مِن تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا وَنِعْمَ أَجْرُ الْعَامِلِينَ

މާނައަކީ : " އަދި އެބައި މީހުންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކޮށްފި ހިނދު ނުވަތަ އެބައި މީހުންގެ ނަފްސުތަކަށް އަނިޔާވެރިވެއްޖެ ހިނދު (އެބަހީ ފާފަވެރިވާ ކިތަންމެ ކުޑަކަމެއްވެސް ކޮށްފި ހިނދު) މާތް ﷲ ހަނދުމަކޮށް އެބައި މީހުންގެ ފާފަތަކަށް އިސްތިޣްފާރުކޮށް، އެ ފާފަތައް ފުއްސެވުން އެދި އުޅޭ މީހުންނެވެ. މާތް ﷲ ފިޔަވާ ފާފަތައް ފުއްސަވާނީ ފަހެ ކާކުހޭ؟ އަދި އެބައި މީހުން ނީ އެބައި މީހުން ކުޅަ ކުށް، އެނގި ތިބޭ ހާލު ، ދެމި ނުތިބޭ މީހުންނެވެ. * އެބައި މީހުންގެ ޖަޒާއަކީ އެބައި މީހުން ހައްދަވައި ބޮޑު ކުރެއްވި ކަލާނގެ ޙަޟުރަތުން އެބައި މީހުންގެ ފާފަ ފުއްސެވުމެވެ. އަދި އެތަންތާނގެ ދަށުން ކޯރުތައް ހިނގަ ހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާނގައި ދާއިމަށް އެބައި މީހުން ދެމި ތިބޭ ގޮތުގައެވެ. "

5- ސޫރަތުލް ފުރްޤާން ގެ 68-71 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ: وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إِلَهاً آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَ وَمَن يَفْعَلْ ذَلِكَ يَلْقَ أَثَاماً * يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَاناً * إِلَّا مَن تَابَ وَآمَنَ وَعَمِلَ عَمَلاً صَالِحاً فَأُوْلَئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ وَكَانَ اللَّهُ غَفُوراً رَّحِيماً * وَمَن تَابَ وَعَمِلَ صَالِحاً فَإِنَّهُ يَتُوبُ إِلَى اللَّهِ مَتَاباً

މާނައަކީ : '' އަދި އެބައި މީހުންނަކީ މާތް ﷲ އާ އެކު އެހެން އިލާހަކަށް އަޅުކަންކޮށް ގޮވާ ނަހަދާ މީހުންނެވެ. އަދި މާތް ﷲ ހުރުމަތްތެރި ކުރައްވާފައިވާ ފުރާނައެއް ޙައްޤު ގޮތެއްގައި ނޫނީ ޤަތުލު ނުކުރާ މީހުންނެވެ. އަދި ޒިނޭ ނުކުރާ މީހުންނެވެ. އެއިން ކަމެއް ކޮށްފި މީހާ އެކަމުގެ ޢުޤޫބާތާއި ބައްދަލު ކުރާނެއެވެ. * އެ މީހަކަށް ޤިޔާމަތް ދުވަހު، ޢަޛާބު ދެގުނައަށް އިތުރު ވެގެން ދާނެއެވެ. އަދި އިހާނަތިކަން ލިބި ނިކަމެތި ކުރެވިގެންވާ ހާލު އެ ޢަޛާބު ތެރޭގައި އެ މީހަކު ދެމިހުންނާނެއެވެ. * ތައުބާވެ، އީމާންވެ، ހެޔޮ ޢަމަލަކުން ޢަމަލު ކުރަ މީހަކު މެނުވީއެވެ. ފަހެ އަބައި މީހުންނާ މެދު މާތް ﷲ، އެބައިމީހުންގެ ކުށްފާފަތައް ހެޔޮކަންތަކަށް ބަދަލު ކުރައްވާނެތެވެ. މާތް ﷲ އީ ފާފަ ފުއްސަވާ ރަޙްމަތްވަންތަ ކަލާނގެ ކަމުގައި ވެއެވެ. އަދި ތައުބާވެ ހެޔޮ ޢަމަލު ކޮށްފި މީހާ، ފަހެ ހަމަ ކަށަވަރުން އެ މީހާ އީ ތައުބާވުމަކުން މާތް ﷲ ކިބައަށް ތައުބާވެ ރުޖޫޢަ ވާ މީހެކެވެ. "

6- ސޫރަތުއް ޝޫރާގެ 25 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ: وَهُوَ الَّذِي يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَعْفُو عَنِ السَّيِّئَاتِ وَيَعْلَمُ مَا تَفْعَلُونَ

މާނައަކީ : " އެ ކަލާނގެ އެއީ، އެ ކަލާނގެ އަޅުންގެ ކިބައިން ތައުބާ ޤަބޫލު ކުރައްވަވާ، ނުބައި ކަންތަކަށް ޢަފޫ ކުރައްވަވާ، ކަލާނގެއެވެ. އަދި އެ ކަލާނގެ ތިޔަބައި މީހުން ކުރައްވާ ކަންތައް ދެނެވޮޑިގެންވެއެވެ. "

7- ސޫރަތުއް ތައުބާގެ 401 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ: أَلَمْ يَعْلَمُواْ أَنَّ اللّهَ هُوَ يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَأْخُذُ الصَّدَقَاتِ وَأَنَّ اللّهَ هُوَ التَّوَّابُ الرَّحِيمُ

މާނައަކީ :" ހަމަ ކަށަވަރުން މާތް ﷲ އެކަލާނގެ އަޅުންގެ ކިބައިން، ތައުބާ ޤަބޫލު ކުރައްވާ ކަމާއި، ޞަދަޤާތް ހިއްޕަވާ ކަމާއި، އަދި ހަމަ ކަށަވަރުން މާތް ﷲ އީ ތައުބާ ޤަބޫލު ކުރައްވާ ރަޙްމަތްވަންތަ ރަސްކަލާނގެ ކަން، އެބައި މީހުން ނުދަންނަނީ ހެއްޔެވެ؟ "

8- ޞަޙީޙް ބުޚާރީ، މުސްލިމްގައި އައިސްފައިވާ ޙަދީޘެއްގައިވަނީ މިފަދައިންނެވެ.عَنْ ‏ ‏أَنَسٍ ‏ ‏رَضِيَ اللَّهُ عَنْهُ ‏ ‏قَالَ ‏ قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏اللَّهُ أَفْرَحُ بِتَوْبَةِ عَبْدِهِ مِنْ أَحَدِكُمْ سَقَطَ عَلَى بَعِيرِهِ وَقَدْ أَضَلَّهُ فِي أَرْضِ فَلَاةٍ

މާނައަކީ : ''ކަލޭމެންގެ ތެރެއިން މީހަކު، ފަޅު ސަހަރާއަކަށް ޖަމަލުގެއްލިފައި ހުއްޓާ(ސަވާރީއެއްގެ ގޮތުގައި ގެންގުޅުނު) ، ކުއްލިއަކަށް އޭތިފެނުމުން އުފާވާވަރަށް ވުރެ ބޮޑަށް، އަޅަކު ތައުބާވުމުން ﷲ އުފާވެވޮޑިގަންނަވައެވެ.'' (ބުޚާރީގެ ބާބުއް ދަޢްވާތުގެ ތައުބާ އާއި ބެހޭ ފަސްލު )

ޞަޙީޙް މުސްލިމްގައިވާ ރިވާޔަތެއްގައި، ފަޅު ޞަޙަރާއެއްގައި ދަތުރު ކުރަނިކޮށް އޭނާގެ ކާނާއާއި ފެން ހުރި ސަވާރި ގެއްލި، ފެނިދާނެ ކަމާމެދު މާޔޫސްވެގެން އައިސް ގަހެއްގެ ދޮށުގައި އިށީނދެ ހުއްޓާ ކުއްލިއަކަށް ސަވާރީ ކުރިމައްޗަށް އައުމުން އުފާވާފަދައަށޭވެސް އޮވެއެވެ.

9- ޞަޙީޙް މުސްލިމްގެ ބާބުއް ތައުބާގެ، ކުށާއި ތައުބާ ތަކުރާރު ވިޔަސް ތައުބާ ޤަބޫލު ކުރައްވާނެއޭ މި ފަޞްލުގައި ވެއެވެ.عَنْ ‏ ‏أَبِي مُوسَى ‏ عَنْ النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ ‏ ‏إِنَّ اللَّهَ عَزَّ وَجَلَّ يَبْسُطُ يَدَهُ بِاللَّيْلِ لِيَتُوبَ مُسِيءُ النَّهَارِ وَيَبْسُطُ يَدَهُ بِالنَّهَارِ لِيَتُوبَ مُسِيءُ اللَّيْلِ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا

މާނައަކީ : " އަބޫ މޫސާ ކީރިތި ރަސޫލާ އަރިއަހުން ރިވާކުރެއްވިއެވެ. ސަލާމާއި ޞަލަވާތް ލެއްވި ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. " ދުވާލު ފާފަ ކުރާ މީހުން ތައުބާ ވުމަށް، ރޭގަނޑު ﷲ ޢައްޒަ ވަޖައްލަ އަތްޕުޅު ފަތުރާލައްވަވައެވެ. އަދި ރޭގަނޑު ފާފަ ކުރާ މީހުން ތައުބާވުމަށް، ދުވާލު ﷲ ޢައްޒަ ވަޖައްލަ އަތްޕުޅު ފަތުރާލައްވަވައެވެ. އެއީ ހުޅަނގުން އިރު އަރައްޖައުމަށް ދާންދެނެވެ. "

ނޯޓް :( ﷲ ސުބްޙާނަހޫ ވަތަޢާލާ ތައުބާ ޤަބޫލު ކުރައްވާ ވަކިވަގުތެއް ނޯވެއެވެ. މިފަދަ ޙަދީޘްތަކުގެ މާނަ ފުރިހަމައަށް އެނގޭނީ ދީނީ ޢިލްމު އެކަށީގެންވާ ވަރަށް އުނގެނިފައި ތިބޭ މީހުންނަށެވެ. އަދި އެކަލާނގެއަކީ އެކަލާނގެއާއި އެއްފަދަ އެއްވެސް އެއްޗެއް ނުވާ ރަސްކަލާނގެއެވެ. ވީމާ އަތްޕުޅު ފަތުރާލައްވައޭ އޮތުން އެއީ މަޖާޒެކެވެ. އޭގެ މާނައަކީ ތައުބާ ޤަބޫލު ކުރެއްވުމެވެ. ޢަރަބި ބަހުގައި މީހަކު ރުހި ޤަބޫލުވެއްޖެނަމަ މިފަދަ މަޖާޒް ބޭނުން ކުރެއެވެ. )

10- އިންސާނުންގެ ތެރެއިން ކުށުން މަޢްޞޫމީ ހަމަ އެކަނި ނަބީ ބޭކަލުންނެވެ. އެކި މީހުންނަށް އެކި މިންވަރަށް ކުށް ކުރެވެއެވެ. ނަމަވެސް ދިންނެވޭ މީހުންނަކީ ކުށުން ތައުބާ ވާ މީހުންނެވެ. މިކަމާ ބެހޭ ގޮތުން ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ: عَنْ أنَس أنَّ النَبي صَلَّى الله عَليْه وَسَلَّم قَالَ كلُ ابْن آدَم خَطَّاء وَخَيْرُ الخَطَّائين التَوَّابُون

މާނައަކީ : " ކޮންމެ އާދަމުގެ ދަރިއަކީ ކުށް ކުރެވޭ މީހެކެވެ. އަދި ކުށް ކުރެވޭ މީހުންގެ ތެރެއިން އެންމެ ހެޔޮ ބަޔަކީ، ތައުބާ ވާ މީހުންނެވެ. " (ރިވާ ކުރެއްވީ އައްތިރްމިޛީ ، އިބްނު މާޖާ ، އަދި އަލްބާނީ ޞައްޙަ ކުރައްވާފައި)

ދޭއް :-

ފިރިމީހާ ނޫން އެހެން މީހުންނާމެދު ނުވިސްނާށެވެ. އެގޮތުން މިންވަރަށް ރުހި، ފުދުންތެރިވާށެވެ. ތިމާ އިނދެގެން އުޅޭ މީހާ، ފިލްމީ ތަރިންގެ ރީތި ކަމާއި، މަހުޖަނުންގެ މުއްސަނދިކަމާއި، ކުޅިވަރު ކުޅޭ މީހުންގެ ހަށިގަނޑާއި، ނުވަތަ އެކުވެރިންގެ ފިރިންނާ އަޅާ ނުކިރާށެވެ. ފަހެ އެއްވެސް ފިރިހެނަކީ ފުރިހަމަ މީހެއް ނޫނެވެ. ތި އަޅާ ކިޔާ މީހާގެ އަނބިމީހާ ކައިރީ އޭނާ ވާނީ އުނި މީހަކަށެވެ. އަދި ތިމަންނައަކީވެސް ދުނިޔޭގައި ހުރި އެންމެ ރީތި އެންމެ މުއްސަނދި އެންމެ މޮޅު، އެންމެ ބައްޓަން ރީތި މީހާ ނޫންކަން ހަނދާން ކުރާށެވެ. އުފާވެރިކަމުގެ އަލިފުބާއަކީ ފުދުންތެރިކަމެވެ. ވީމާ ތިމާ އިނދެގެން އުޅެނީ އެންމެ ފުރިހަމަ މީހާކަމަށް ހިތަށް ޤަބޫލު ކުރުވަން ދަތިއްޔާ ، އޭނާ އަކީ އެންމެ ދަށް މީހާ ނޫންކަން ޤަބޫލް ކުރާށެވެ.

ތިނެއް :-

އެކުވެރިން އަންހެނުން އެ މީހުންގެ ފިރިންނާ ބެހޭ ގޮތުން ކަނޑާ ފޮނި ވާހަކަ ޤަބޫލު ނުކުރާށެވެ. ވަރަށް ޚަރަދު ކުރެއޭ، ވަރަށް ހެވޭ، ވަރަށް ބަރާބަރޭ، ކިޔައި ވާހަކަ ދެއްކިއަސް އެ ވާހަކަ މާ ބޮޑު ވާހަކައަކަށް ނަހަދާށެވެ. ކޮންމެ ފިރިއަކީވެސް ތަފާތު މީހެކެވެ. ކޮންމެ އަންބަކީވެސް ތަފާތު މީހެކެވެ. އެހެން މީހުންގެ ފިރިންނާއި މެދު ނުވަތަ އެހެން ފިރިހެނުންނާ މެދު ވިސްނުމަކީ އަމިއްލައަށް އަމިއްލަ ހިތުގެ ޤަރާރުކަން ނަގާލުމެކެވެ.

ހަތަރެއް :-

ތިމަންނަ ފިރިމީހާއަށް ވަފާތެރިވެގެން، ފަރުޖު ރައްކާތެރިކޮށްގެން، ލޯ ތިރިކޮށްގެން ހުރުމުން ލިބެން އޮތް ނިޢްމަތުގެ ބޮޑުކަން ހިތަށް އެރުވާށެވެ. އެ ނިޢްމަތަކީ ސުވަރުގެ ކަމާއި ސުވަރުގެއާއި މި ދުނިޔޭގެ ވަގުތީ އުފަލެއް އަޅާ ނުކިޔޭނެކަން ހިތުގެ އަޑިން ޤަބޫލް ކުރާށެވެ.

ފަހެއް :-

ފިރިމީހާއާއި ވާހަކަ ދައްކާށެވެ. ކައިވެންޏެއް ކާމިޔާބު ވުމުގެ އެންމެ މުހިއްމު ކަމަކީ އެކަކު އަނެކަކަށް ދަތުމެވެ. މިކަން ކުރެވޭނީ ދެމަފިރިންގެ ދެމެދުގައި އޮންނަން ޖެހޭ ވާހަކަ ދެއްކުން ރަނގަޅަށް އޮންނަނަމައެވެ. ޒަވާޖީ ޙަޔާތުގައި ހިތްހަމަ ނުޖެހޭ ކަމެއް އެއްގޮތަކަށްވެސް ނެތުން އެއީ މައްސަލައެކެވެ. އޮތުން އެއީ މައްސަލައެއް ނޫނެވެ. ވީމާ ހިތްހަމަ ނުޖެހޭ ކަމެއް ފިރިމީހާގެ ފަރާތުން ފެންނަނަމަ ސާފުކޮށް ރީތިކޮށް ބުނާށެވެ.

ފިރިމީހާއަށް ޚިޔާނަތްތެރިވާން ޖެހުނީ ކީއްވެގެންތޯ އަމިއްލައަށް ވިސްނައި، އެކަމަށް ފަރުވާ ކުރާށެވެ. އެއީ ފިރިމީހާ ވަކިން ދުރުގައި ގިނަ ދުވަސްތަކެއްވަންދެން އުޅޭތީ ހެއްޔެވެ؟ އެހެންކަމަށް ވަންޏާ އެ ވާހަކަ އޭނާ ކައިރީ ބުނާށެވެ. އަދި އެކަމަށް ހައްލެއް ހޯދާށެވެ. އެއީ ފިރިމީހާ ތިމާއަށް އަހައްމިއްޔަތު ކަމެއް ނުދޭތީހެއްޔެވެ؟ އެހެންކަމަށް ވަންޏާ އެ ވާހަކަވެސް ބުނާށެވެ. ތިމަންނަ ކަލާގެ އޯގާތެރިކަމާ އަޅާލުން އިތުރަށް ބޭނުމޭ ބުނާށެވެ.

އަދި މިކަހަލަ ކަންކަމަށް ރަނގަޅު ދަނޑިވަޅުގެ ބޭނުން ހިފާށެވެ. ތިމަންނަ ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބުނާށެވެ. ބޭނުންވާ ގޮތްތަކަކީ ކޮބައިތޯ ކިޔައި ދޭށެވެ.

ހައެއް :-

ފިރި މީހާއަށް ޚިޔާނަތްތެރި ވެވޭފަދަ ހުރިހާ ކަމަކާ ދުރަށް ދާށެވެ. ހަރުދަނާ ގޮތެއްގައި ފިރިހެނުންނާ ވާހަކަ ނުދެއްކޭ ނަމަ، ނުދައްކާށެވެ. އަދި ބަލި ހިތްތަކުގެ ވެރި ފިރިހެނުންނާއި ވާހަކަ ނުދައްކާށެވެ. ތިމާ އަކީ ނިކަން ހަރުދަނާ ޝަޚުޞިއްޔަތެއްގެ ވެރި، މީހުން ކުޅޭ ކުޅޭ މީހަކަށް ހެދުނަ ނުދިނުމުގެ ޢަޒުމް ކަނޑައަޅާށެވެ.

ހަތެއް :-

ފިރިމީހާ ރިސޯޓުގައި ނުވަތަ ދަތުރު ކުރަން ނުވަތަ އޮފީސް ދަތުރެއްގެއި ބޭރަށް ދިއުމުން، އެއީ ގުޅި ކޮންމެ މީހަކާއި ވާހަކަ ދައްކާފައި، އައި ކޮންމެ މީހަކަށް ސައިދީފައި، ބަލާލި ކޮންމެ މީހަކަށް ހިނިތުންވުމެއް ދީ ހެދުމުގެ ބަދަލުގައި މިވަގުތު އަޅުކަން ކުރުމާ ، ކުދިންގެ ކަންތަކުގައި މަޝްޣޫލްވާށެވެ.

އަށެއް :-

ފިރިމީހާގެ ކިބައިގައި އުނިކަމެއް ހުއްޓަސް އެއީ މާ ބޮޑު ކަމަކަށް ނަހަދައި، ހިތްހަމަ ޖައްސާލާށެވެ. އަދި ކައިވެނި ކުރެވެނީ ހަތަރުކަމަކަށް ( ނަސަބު، މުދާ، ރީތިކަން، ދީންވެރިކަން) ކަމާއި، އޭގެ ތެރެއިން އެންމެ ފުރަތަމަ އިޚްތިޔާރަކީ ދީންވެރިކަންކަމަށް ހެދުމަށް ކީރިތި ރަސޫލާ އަންގަވާފައިވާ ކަން ހަނދާން ކުރާށެވެ. ކުރިންވެސް ބުނިފަދައިން ފުދުންތެރިވާށެވެ. އޭރަށް ހުރިހާ އުނިކަމެއް ލޮލުން ކެހިދާނެއެވެ.

ނުވައެއް :-

ފިރިމީހާ އަދާ ކުރަންޖެހޭ ވާޖިބުތައް އަދާ ނުކުރާނަމަ ނަޞޭޙަތްތެރިވާށެވެ. ހިތްހަމަ ނުޖެހޭ ސިފައެއް ހުންނަނަމަ ވީ ވަރަކުން އެ ސިފަ ރަގަޅު ކުރެވޭތޯ ބަލާށެވެ. ލޯބި ނުވެއޭ ކިޔާފައި ވަރިނުވާށެވެ. ލޯތްބަކީ އާލާވެސް ކުރެވޭ އެއްޗެކެވެ. ވީމާ މިވަގުތު އަދި ލޯބި ނެތަސް ، އެއްކަލަ ފުދުންތެރިކަމުގެ ބިންގާ މަތީ ލޯބި އާލާ ކުރެވިދާނެއެވެ. ތިމަންނަ ލޯބި ނުވާއިރުވެސް ފިރިމީހާ ތިމަންނަ ދެކެ ލޯބިވުން، އެއީ އޭނާ ދެކެ ލޯބިވުން ޙައްޤު ކަމެއް ކަމަށް ނުދެކެންވީ ކީއްވެހެއްޔެވެ؟!

ދިހައެއް :-

އަނިޔާ ދަށުގައި، އަނބިން ތިބުމަކަށް ދީން ނާންގައެވެ. ޙައްޤު ނިގުޅައިގެނެވިފައި، އަނބިން ތިބުމަކަށްވެސް ދީން ނާންގައެވެ. ހިތާމަވެރިކަންމަތީ، އަނބިން ދެމި ދެމިތިބުމަކަށްވެސް ދީން ނާންގައެވެ. ކައިވެނީގެ އުފާ ނު ހޯދުމަކަށްވެސް ނާންގައެވެ.

މި ފަދަ ކަންތަކަކީ ފަހަރެއްގައި މިއާއި ޚިލާފަށް މުޖްތަމަޢް ދެކިފާނެ ކަންތަކެވެ. ނަމަވެސް ފުރަތަމަ ބަލަންޖެހޭ ސަމުގާއަކީ ދީނެވެ. ވީމާ މިފަދަ އަނިޔާއަކާއި ހިތާމައާއި އަޅާ ނުލުމާއި އިހާނެތިކަމުން މިނިވަން ވުމުގެ ޙައްޤު އަނބިންނަށް ވަނީ ، ދީނުގައި ދެވިފައެވެ. އެއީ ވަރިއަށް އެދުމެވެ. ވީމާ މިފަދަ ކަމެއް ވާނަމަ ވަރިވާށެވެ. އެ ކަމަކު ޚިޔާނާތްތެރި ނުވާށެވެ. ވަރި އެއީ ހުއްދަ ކަމެކެވެ. ޚިޔާތްވުން އެއީ ބޮޑު ޙަރާމް ކަމެކެވެ. ވީމާ ވަގުވަގަށް ، ސިއްރު ސިއްރުން ފިރިމީހާއަށް ޚިޔާނާތްތެރި ވުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

އެގާރަ :-

ޚިޔާނާތްތެރިވެވުނަސް އެކަން ފިރިމީހާއަށް ނޭނގޭނަމަ، އެވާހަކަ ނުބުނާށެވެ. ބުނުމަށް ވުރެ ގިނަފަހަރަށް މަޞްލަޙަތު ބޮޑުވާނީ ނުބުނުމުންނެވެ. ތިމަންނަ ކަލާއަށް ޚިޔާނާތްތެރިވެއްޖައީމޭ ބުނުމުން ، އެހެންހެއްޔޭ! ދެން އެކަހަލަ ކަމެއް ނުކުރައްޗޭ ބުނާނެ ފިރިއެއް ނުހުންނާނެއެވެ. އޭނާ އަންނާނީ ރުޅިއެވެ. ކުރާނީ ވަރިއެވެ. ސިއްރުގައި ކުރެވޭ ފާފައަކީ ސިއްރު ކުރަން ޖެހޭ ކަމެކެވެ. ވީމާ އެ ސިއްރު ސިއްރެއްގެ ގޮތުގައި ބާއްވާފައި، ތައުބާވެ ދެން އެފަދަ ކަމެއް ނުކުރުމަށް ފުރިހަމަ ޢަޒުމް ކަނޑައަޅާށެވެ. އަދި އެ ގޮތުގައި ސާބިތުވުމަށާއި އެ ސިއްރު ފާޅު ނުވުމަށް އެދި ދުޢާކޮށް ނަމާދު ކުރާށެވެ.

ޚިޔާނާތްތެރި ނުވުމަށް އަމުރު ކުރައްވާ ޤުރުއާނާ ސުންނަތުގައި އަންގަވާފައިވާ އެންގުންތައް :

1 ސޫރަތުލް އިސްރާ ގެ 32 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ: وَلاَ تَقْرَبُواْ الزِّنَى إِنَّهُ كَانَ فَاحِشَةً وَسَاء سَبِيلاً

މާނައަކީ : '' އަދި ތިޔަބައި މީހުން ޒިނޭއާއި ގަތް ނުވާށެވެ. ހަމަ ކަށަވަރުން އެކަންތައް (ޒިނޭ ކުރުން ނުވަތަ ޒިނޭއާއި ގާތް ވުން) އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައި ވެއެވެ. އަދި ނުބައި ކަންތަކަށް ވާ މަގެއް ކަމުގައިވެއެވެ."

މި އާޔަތުގައި އަމުރު ކުރައްވާފައިވަނީ ޒިނޭ ނުކުރުމަށެވެ. އަދި ޒިނޭ ކުރުމަށް މަގުފަހިވެދާނެ އެއްވެސް ކަމެއް ނުކުރަމަށެވެ. އޭގެ ތެރޭގައި ހިލޭ ފިރިހެނަކާއި އެކު އެކަހެރިވުމާއި ، ބޭނުމަކު މެނުވީ ހިލޭ ފިރިހެނުންނާއި ވާހަކަ ދައްކައި މަޖާ ކުރުމާއި، ޙަރާމް މަންޒަރުތަކާއި ފިލްމުތައް ބެލުމާއި، މީހުން ދައްކާ ފާޙިޝް ވާހަ އަޑު އެހުމާއި، ޙަރާމް ކަންތަކާމެދު ވިސްނުން ހިމެނެއެވެ.

2- ސޫރަތުއް ނޫރް ގެ 31،30 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ: قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَلِكَ أَزْكَى لَهُمْ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ *وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا

މާނައަކީ : " އެބައި މީހުންގެ ބެލުންތައް ތިރި ކުރުމަށާއި އެބައި މީހުންގެ ފަރުޖުތައް ރައްކާތެރި ކުރުމަށް، މުއުމިން ފިރިހެނުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. އެ ގޮތް އެބައި މީހުންނަށްޓަކައި ސާފުކަން ބޮޑެވެ. ހަމަ ކަށަވަރުން މާތް ﷲ އީ އެބައި މީހުން ކަންތައް ކުރާގޮތް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. * އެކަނބަލުންގެ ބެލުންތައް ތިރި ކުރުމަށާއި، އެކަނަބަލުންގެ ފަރުޖުތައް ރައްކާ ކުރުމަށް މުއުމިން އަންހެނުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. އަދި އެއިން ފާޅުވެއްޖެ ތަން (މޫނާއި ދެ އަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް (ޒީނާތް ވުމުގެ ތަން) ފާޅު ނުކުރާހުށިކަމެވެ."

3- ސޫރަތުއް ނިސާ ގެ 34 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ: فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِّلْغَيْبِ بِمَا حَفِظَ اللّهُ وَاللاَّتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلاَ تَبْغُواْ عَلَيْهِنَّ سَبِيلاً إِنَّ اللّهَ كَانَ عَلِيّاً كَبِيراً

" ފަހެ ހެޔޮ ލަފާ އަންހެނުންނަކީ ކިޔަމަންތެރި އަންހެނުންނެވެ. (ފިރިމީހާގެ) ޣާއިބުގައިވެސް މާތް ﷲ ރައްކާތެރި ކުރެއްވި ކަންތައް (ފަރުޖު، މުދާ، އަބުރު ފަދަ ކަންތައް) ރައްކާތެރި ކުރާ އަންހެނުންނެވެ. ކިޔަމަންތެރި ކަމުގެ ދާއިރާއިން ނިކުމެދާނެ ކަމަށް ތިޔަބައި މީހުންނަށް ބިރު ހީވާ އަންހެނުނަށް ނަސޭހަތްތެރިވާށެވެ. (ދެން) އަދި އެކަނބަލުންނާއި އެއްތާ ރޭކުރުމުން އެއްކިބާވެ ދުރުހެލިވާށެވެ. ( ދެން) އަދި އެކަނބަލުން ގައިގައި(ހާނިއްކަ ނުވާގޮތުން) ޖަހާށެވެ. ފަހެ ތިޔަބައި މީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް އެހެން މަގަކަށް ނޭދޭށެވެ."

އަނބިމީހާ ނުކިޔަމަންތެރިވެ، ޙަރާމް ކަންތައް ކުރަންޏާ ފިރިމީހާ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ނަސޭޙަތް ދީ، ނުކިޔަމަންތެރިވުމާއި ގޯސް ޢަމަލުތައް ކުރުމަކީ ކިހާ ބޮޑު ފާފައެއްކަން އަނބިމީހާއަށް ވިސްނައި ދިނުމެވެ. ކައިރީގައި ބަހައްޓައިގެން ރީއްޗަށް ކިޔައިދީ ވިސްނައި ދިނުމެވެ. އަދި އެއީ ދުނިޔޭގައި ﷲ ގެ ލަޢްނަތް ލިބި އާޚިރަތުގައި ޢަޛާބް ލިބޭނެ ކަމެއްކަން ބުނެދިނުމެވެ. މި ނަސޭޙަތް ދޭން ޖެހެނީ އެއްފަހަރޭ ނުވަތަ ދެ ފަހަރޭ ދީނުގައި އަންގަވާފައި ނުވެއެވެ. ވީމާ އަނބިމީހާ އިޞްލާޙް ވާނެ ކަމަށް ފެންނަންޏާ ނަސޭޙަތް ދިނުމުގައި މަސްތަކާއި އަހަރުތަކެއްވެސް ހޭދެ ކުރެވިދާނެއެވެ.

ގިނަ މީހުން ނަސޭޙަތުން އިޞްލާޙް ވިއަސް އަނެއް ބައި އަނބިންނާ މެދު މިއަށް ވުރެ ހަރުކަށި ފިޔަވަޅު އަޅަން ބައެއްފަހަރު ޖެހެއެވެ. އެ ގޮތުން ދެން އޮތީ އަނބިންބާއި އެއްދާން ނުކުރުމެވެ. މީގެ ޙިކުމަތަކީ އަނބިން ޢާއްމު ގޮތެއްގައި ނުކިޔަމަންތެރިވެ، ފިރިމީހާއަށް ބާރު ފޯރުވާ ތަނަކީ ނިދާ ކޮޓަރިއެވެ. ވީމާ މިފަދަ އަނބިންނަށް މި ފުރުޞަތު ނުދިނުމުން އެމީހުންގެ ކިބައިން، ނުކިޔަމަންތެރިވެ ޒީލަ ދެއްކުމުގެ ބާރު ކެނޑިދެއެވެ. ބައެއް އަނބިން ކައިރީ ނުވަތަ ބައެއް ކަހަލަ މައްސަލަތަކުގައި މިއީ ކަމުދާ ފަރުވާއަކަށް ނުވެދާނެއެވެ.

މިވަރުންވެސް ޙައްލެއް ނުފެނިއްޖެނަމަ ދެން އޮތް އިޚްތިޔާރަކީ އަނބިމީހާގެ ގައިގާ އަނިޔާ ނުވާނެ ފަދައަކުން ޖެހުމެވެ. މިހެން އޮތުމުން އިސްލާމް ދީނުގައި އަނބިން ތެޅުން ހުއްދައޭ ހީ ނުކުރާށެވެ. މިއީ ޤުރުއާނުގެ އާޔަތެއްގައި އޮތަސް ވާޖިބު ކުރައްވާފައިވާ ކަމެއް ނޫނެވެ. ކިއެއްތަ މިއީ ދެއްވާފައިވާ އިޚްތިޔާރެކެވެ. އަދި އިޚްތިޔާރުތައް ތަންޒީމު ކުރުމެކެވެ. އަދި މިއީ ކުޑަ ކުޑަ މައްސަލައެއް ޖެހޭ އިރަށް ބޭނުން ކުރަން ދީފައިވާ އިޚްތިޔާރެއްވެސް ނޫނެވެ. އެކަން އެނގެނީ

ޙައްޖަތުލް ވަދާޢުގައިވެސް އަންހެނުން މަދު ހެޔޮކޮށް ކަންތައް ކުރުމަށް ކުރެއްވި ވަޞިއްޔަތުގައި ޖެހުން ހުއްދަ ކުރެއްވީ ޒިނޭ ކުރާ އަނބިން އިޞްލާޙް ކުރުމަށްޓަކައެވެ.

އަންބަކު މިފަދަ ކަމެއް ކޮށްގެން ޢާއިލާ ރޫޅުމުގެ ބަދަލުގައި އަނބިމީހާ އިޞްލާޙް ކުރެވޭތޯ ބެލުމުގެ ގޮތުން އަނބިމީހާގެ ގައިގައި ޖަހާއިރު އަނިޔާ ވާ ފަދައިން ނުޖެހުމަށް ދީން އަމުރު ކުރެއެވެ. އަދި ނުކިޔަމަންތެރިވާ ޙާލަތުގައިވެސް އަނބިމީހާ އަށް އިހާނެތިކޮށް ހިތުމާއި ބަދު ދުޢާ ކުރުން ރަސޫލާ މަނާ ކުރެއްވިއެވެ.

ފިރިން ތަޅާ ކަމުގެ ޝަކުވާ އަނބިންތަކެއް ކުރުމުން ރަސޫލާ ޙަދީޘް ކުރެއްވީ: لاَ يَضْرِب خِيَارُكُم

މާނައަކީ:" ކަލޭމެންގެ ތެރެއިން ރަނަގަޅު މީހުންނީ އަނބިން ގައިގާ ނުޖަހާ މީހުންނެވެ. " އަދި ކީރިތި ރަސޫލާ ދުވަހަކުވެސް އަނބިކަނބަލެއްގެ ގައިކޮޅުގައި ނުޖައްސަވައެވެ.

4 - ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވަނީ: مَا خَلا رَجْل بامْرَأة إلا وَكانَ ثَالثهما الشَّيْطَان

މާނައަކީ : " ތިންވަނަ މީހަކަށް ޝައިޠާނާ ނެތި، ފިރިހެނަކާއި އަންހެނަކާއި ތަނެއްގައި އެކަހެރިވެ ނުތިބެއެވެ." ( ތިރްމިޛީ، އަޙްމަދު، އަލްޙާކިމް، އަދި އަލްބާނީ ޞައްޙަ ކުރައްވާފައި )

އެހެން ޙަދީޘެއްގައި ކައިވެނި ހުއްދަ ނޫން މީހަކާ އެކީ މެނުވީ ހިލޭ އަންހެނަކާއި އެކީ ވަކިން ނުތިބުމަށް ރަސޫލާ އަމުރު ކުރައްވާފައިވެއެވެ.

ފިރިމީހާ ރަށުގައި ނެތީސް، އެކުގައި ކިޔެވި ނުވަތަ ރައްޓެހި ފިރިހެން ކުދިން، ގެއަށް އައުމުން ވާހަކަ ދައްކަން ތިބުމަކީ އަންހެނުން ދެކޭ ގޮތުގައި އެއީ ގެއްލުމެއް ހުރި ކަމެއް ނޫނެވެ. ނަމަވެސް މިއީ ދީނުގައި ހުއްދަ ކަމެއް ނޫނެވެ. މިފަދަ ބައްދަލުވުންތައް ޒިނޭއަށް ނުވަތަ ޒިނޭގެ ހަރުފަތްތަކާއި ހަމައަށް ދަނީ ކިތައް ފަހަރުހެއްޔެވެ؟ އަދި ތިމަންނައަށް ގޯސް ކަމެއް ނުކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތޭ ކިޔާފައި، އެކަހެރިވެ ބައްދަލު ކޮށް އެންމެ ފަހުން ފިރިހެނުންގެ ހެއްލުންތަކާ ޝައިޠާނާގެ ދަޅަތަކާއި، ހަށިގަނޑުގެ އެދުންތަކަށް އިޖާބަ ދެވެނީ ކިތައް ފަހަރު ކިތައް މީހުންނަށް ހެއްޔެވެ؟

ވާހަކަ ދައްކަން ޖެހޭވަރުގެ އެކުވެރިއެއް ވިއްޔާ، އެހެން މީހުންގެ ޙާޟިރުގައި ވާހަކަ ދައްކަން ތިބޭށެވެ. އަދި ހަރުދަނާ ވާހަކައެއް މެނުވީ ނުދައްކާށެވެ. އަދި ތިމާ އަކީ މީހެއްގެ އަންބެއްކަމާއި ﷲ އަށް ބިރުވެތިވުން ސިކުންތަކަށްވެސް ހަނދާނުން ކައްސުވާ ނުލާށެވެ.

5- ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވަނީ: لَئِنْ يَطعَن فِيْ رَأسِ أحَدِكم بمَخيْط مِنْ حَدِيْد خَيْر لَه مِنْ أنْ يَمس امْرَأة لاَ تَحِل لَه

މާނައަކީ : ''ޙަލާލް ނޫން އަންހެނެއްގެ އަތުގައި އަތްލުމަށް ވުރެ، ކަލޭމެންގެ ތެރެއިން މީހެއްގެ އަމިއްލަ ބޮލަށް ދަގަނޑު ތިނޯހެއް ހެރުންވެސް، ރަނގަޅެވެ."

ވީމާ، މީހެއްގެ އަންބަކާއި އަދަބާއި ޚިލާފު ވާހަކަ ދައްކައި އޭނާ ހައްދައި ، ހައްލަން މަސައްކަތް ކޮށް ގައިގައި އަތްލުމުގެ ނުބައިކަން ތަސައްވަރު ކޮށްލާކަށް އުނދަގުލެއް ނޫނެވެ.

6- عَبْدِ اللَّهِ ‏ ‏رَضِيَ اللَّهُ عَنْهُ ‏ ‏قَالَ ‏ قُلْتُ يَا رَسُولَ اللَّهِ أَيُّ الذَّنْبِ أَعْظَمُ قَالَ ‏ ‏أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ قُلْتُ ثُمَّ أَيٌّ قَالَ أَنْ تَقْتُلَ وَلَدَكَ مِنْ أَجْلِ أَنْ يَطْعَمَ مَعَكَ قُلْتُ ثُمَّ أَيٌّ قَالَ أَنْ تُزَانِيَ حَلِيلَةَ جَارِكَ ‏قَالَ ‏ ‏يَحْيَى ‏ ‏وَحَدَّثَنَا ‏ ‏سُفْيَانُ ‏ ‏حَدَّثَنِي ‏ ‏وَاصِلٌ ‏ ‏عَنْ ‏ ‏أَبِي وَائِلٍ ‏ ‏عَنْ ‏ ‏عَبْدِ اللَّهِ ‏ ‏قُلْتُ يَا رَسُولَ اللَّهِ ‏ ‏مِثْلَهُ ‏ ‏قَالَ ‏ ‏عَمْرٌو ‏ ‏فَذَكَرْتُهُ ‏ ‏لِعَبْدِ الرَّحْمَنِ ‏ ‏وَكَانَ حَدَّثَنَ

މާނައަކީ : " ޢަބްދުއްﷲ ބިން މަސްޢޫދު ވިދާޅުވިއެވެ. އަހަރެން ދެންނެވީމެވެ. " އޭ ﷲ ގެ ރަސޫލާ އެވެ. އެންމެ ބޮޑި ކޮން ފާފައެއްތޯއެވެ؟" ރަސޫލާ ޙަދީޘް ކުރެއްވިއެވެ. " ﷲ ކަލޭ ހެއްދެވުމާއެކުވެސް ކަލޭ އަކަލާނގެ އާ ޝަރީކަކު ބައިވެރި ކުރުމެވެ. " އަހަރެން ދެންނެވީމެވެ. " ދެން ކޮންކަމެއްތޯއެވެ؟ " ރަސޫލާ ޙަދީޘް ކުރެއްވިއެވެ. " ކަލެއާއެކު ކައިފާނެ ކަމުގެ ބިރައްޓަކައި ކަލޭގެ ދަރި މަރާލުމެވެ. " " އަހަރެން ދެންނެވީމެވެ. " ދެން ކޮންކަމެއްތޯއެވެ؟ " ރަސޫލާ ޙަދީޘް ކުރެއްވިއެވެ." ކަލޭ ކަލޭގެ އަވައްޓެރިއާގެ އަންހެނުންނާއި އެކު ޒިނޭ ކުރުމެވެ" ( ޞަޙީޙް ބުޚާރީ / ބާބުލް ޙުދޫދް ، ޞަޙީޙް މުސްލިމް ބާބުލް އީމާން )

މި ޙަދީޘާއި ގުޅިގެން މާތް ﷲ ސޫރަތުލް ފުރްޤާންގެ އާޔަތްތަކެއް ބާވައިލެއްވިއެވެ. ( ސޫރަތުލް ފުރްޤާން 68-71 )

وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إِلَهاً آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَ وَمَن يَفْعَلْ ذَلِكَ يَلْقَ أَثَاماً * يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَاناً * إِلَّا مَن تَابَ وَآمَنَ وَعَمِلَ عَمَلاً صَالِحاً فَأُوْلَئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ وَكَانَ اللَّهُ غَفُوراً رَّحِيماً * وَمَن تَابَ وَعَمِلَ صَالِحاً فَإِنَّهُ يَتُوبُ إِلَى اللَّهِ مَتَابا

މާނައަކީ : '' އަދި އެބައި މީހުންނަކީ މާތް ﷲ އާ އެކު އެހެން އިލާހަކަށް އަޅުކަންކޮށް ގޮވާ ނަހަދާ މީހުންނެވެ. އަދި މާތް ﷲ ހުރުމަތްތެރި ކުރައްވާފައިވާ ފުރާނައެއް ޙައްޤު ގޮތެއްގައި ނޫނީ ޤަތުލު ނުކުރާ މީހުންނެވެ. އަދި ޒިނޭ ނުކުރާ މީހުންނެވެ. އެއިން ކަމެއް ކޮށްފި މީހާ އެކަމުގެ ޢުޤޫބާތާއި ބައްދަލު ކުރާނެއެވެ. * އެ މީހަކަށް ޤިޔާމަތް ދުވަހު، ޢަޛާބު ދެގުނައަށް އިތުރު ވެގެން ދާނެއެވެ. އަދި އިހާނަތިކަން ލިބި ނިކަމެތި ކުރެވިގެންވާ ހާލު އެ ޢަޛާބު ތެރޭގައި އެ މީހަކު ދެމިހުންނާނެއެވެ. * ތައުބާވެ، އީމާންވެ، ހެޔޮ ޢަމަލަކުން ޢަމަލު ކުރަ މީހަކު މެނުވީއެވެ. ފަހެ އަބައި މީހުންނާ މެދު މާތް ﷲ، އެބައިމީހުންގެ ކުށްފާފަތައް ހެޔޮކަންތަކަށް ބަދަލު ކުރައްވާނެތެވެ. މާތް ﷲ އީ ފާފަ ފުއްސަވާ ރަޙްމަތްވަންތަ ކަލާނގެ ކަމުގައި ވެއެވެ. އަދި ތައުބާވެ ހެޔޮ ޢަމަލު ކޮށްފި މީހާ، ފަހެ ހަމަ ކަށަވަރުން އެ މީހާ އީ ތައުބާވުމަކުން މާތް ﷲ ކިބައަށް ތައުބާވެ ރުޖޫޢަ ވާ މީހެކެވެ. "

ޚިޔާނާތްތެރިވާ އަންހެނުންނާއި މެދު ކަންތައް ކުރަން ޖެހޭ ގޮތް :

ޚިޔާނާތްތެރިވާ އަންހެނުންނާއި މެދު ކަންތައް ކުރަން އޮތް ގޮތަކީ މިއީއޭ ބުނެ، ވަކި ސީދާ އެއް ގޮތެއް ބުނެވޭކަށް ނެތެވެ. އަނބިމީހާ ޚިޔާނާތްތެރިވެއްޖެނަމަ ބައެއް މީހުންނަށް އެންމެ ފަސޭހައިން ކުރެވޭނެ ކަމަކީ، ވަރިކޮށްލުމެވެ. ނަމަވެސް ޚިޔާނާތްތެރިވާ (މިތާނގައި ޚިޔާނާތް މި ބަސް މި ބޭނުން ކުރަނީ، އެހެން ފިރިހެނަކާއި ޙަލާލް ނުން އެއްވެސް ގުޅުމެއް ބޭއްވުމައް) މީހާ ވަރިކޮށްލާކަށް ދީނުގައި އަންގާފައި ނޯވެއެވެ.

އެންމެ ބޮޑު ޚިޔާނާތް ކަމުގައިވާ ޒިނޭ އަކީވެސް، އެ މީހާ ތައުބާވެއްޖެނަމަ މާތްﷲ އެ ތައުބާ ޤަބޫލު ކުރައްވާނެ ފާފައެކެވެ. އަނބިމހާ ތައުބާވެ އިސްލާހުވެދާނެ ކަމަށް ފެންނަންޏާ އެނާއަށް އެ ފުރުސަތު ދިނުމަކީ އެއީ ރަނގަޅު ގޮތެކެވެ.

މީހެއްގެ އަންބެއް ޚިޔާނާތްތެރިވެ، ޅަ ފިރިހެން ކުއްޖަކާއި ގުޅުން ހިންގަން އުޅުނު ވާހަކަ ޔޫސުފް ސޫރަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. އާދެ އެއީ ޢަޒީޒުގެ އަންހެނުން ޒުލޭޚާ ، ޔޫސުފްގެފާނާއި ހެދި އުޅުނު ވާހަކައެވެ. އެކަންތައް ފަޅާ އެރުމުން ، ޢަޒީޒު ޔޫސުފްގެފާނަށް އެންގެވީ އެ ކަންތައް ސިއްރު ކުރެއްވުމަށެވެ. އެއީ ޢާއިލާގެ އަބުރަށްޓަކައެވެ. އަދި އަންހެނުންނަށް އެންގެވީ ކުރެވުނު ފާފައަށް ތައުބާވެ ދެރަވުމަށެވެ.

يُوسُفُ أَعْرِضْ عَنْ هَـذَا وَاسْتَغْفِرِي لِذَنبِكِ إِنَّكِ كُنتِ مِنَ الْخَاطِئِينَ

" އަދި ބުންޏެވެ. އޭ ޔޫސުފްއެވެ. މިކަންތަކުން ދުރުވެ ވަޑައިގެން މިވީ ކަންތައް ފޮރުއްވަވާށެވެ. އަދި ( އޭ ކަނބުލޭގެއެވެ) ކަނބުލޭގެ އަށް ވި ފާފައަށް ދެރަވެ މާފަށް އެދޭށެވެ. ހަމަ ކަށަވަރުން ކަނބުލޭގެ ވީ ކުށްވެރިންގެ ތެރެއިންނެވެ. " ( ޔޫސުފް ސޫރަތް / 29 )

މި ހާދިސާއަށް ފަހު ، ޢަޒީޒު އޭނާގެ އަންހެނުން ވަރިއެއް ނުކުރައްވައެވެ. ވީމާ މިއިން އެނގެނީ އަނބިމީހާއަށް ކުށެއް ކުރެވުނަސް އޭނާ ވަރި ކުރުން އެއީ ލާޒިމު ކަމެއް ނޫންކަމެވެ. ވަރި ކުރުމުގެ ބަދަލުގައި، އަނބިމީހާ ތެދު ތައުބާއަކުން ތައުބާ ވެއްޖެނަމަ ކައިވެނި ކުރިއަށް ގެންދިއުމަކީ އިޚްތިޔާރު ކުރެވިދާނެ ގޮތެކެވެ.

މަތީގައި ގެނެވިފައިވާ ސޫރަތުއް ނިސާގެ 31 ވަނަ އާޔަތަކީ، މިފަދަ މައްސަލަތައް ޙައްލު ކުރުމުގައި ދީނުގައި ނެގިދާނެ އެއް އުސޫލެވެ. އެގޮތުން ނަސޭޙަތް ދީ، ފާފަ ކުރުމުން ލިބެން އޮތް ޢަޛާބާއި ، ސުވަރުގޭގެ ނިޢްމަތްތައް ހަނދާން ކޮށްދެވިދާނެއެވެ. އަދި ﷲ އަށް ބިރުވެތިވުމަށް ނަސޭހަތް ދީ، ނުކިޔަމަންތެރިވެ، ޚިޔާނާތްތެރިވުމުން ދެފަރާތު ޢާއިލާއަށާއި ލިބިފައި ތިބި ދަރިންނަށް ކުރާނެ ނޭދެވޭ އަސަރުވެސް ހަނދާން ކޮށް ދެވިދާނެއެވެ. އަދި މިނުންވެސް ކިތަންމެ ގޮތަކުން ނަސޭޙަތްތެރިވެވިދާނެއެވެ. އޭގެ ފަހުން އޮތް ގޮތަކީ އެއްދާން ކުރުން ވަގުތީގޮތުން ހުއްޓާލުމެވެ. މި އީ ކުރިންވެސް ބުނިހެން ހުރިހާ ޙާލަތެއްގައި ހުރިހާ އެންމެން ކައިރީ ޙައްލަކަށް ނުވެދާނެއެވެ. ދެން އޮތް ގޮތަކީ އަނިޔާ ނުވާނެ ފަދައަކުން މަޑުން ޖެހުމެވެ. ޙަޤީޤަތުގައި މި ގޮތް މަންފާ ކުރާނީ ، އަދަބުވެރި ދީންވެރި އަންހެންވަންތަ ނަމަވެސް ބައެއްފަހަރު ނުކިޔަމަންތެރި އަނބީންނާއެކުގައެވެ. ވަގު ފިރިގެންގުޅޭ މީހަކާ އެކު މިއީ ޙައްލު ގެނެސްދޭ ކަމަކަށް ނުވެދާނެއެވެ.

މި ހިސާބަށް ކަންތައް ދާ އިރަށް، އޭނާ އިޞްލާޙްވާނެ ކަން ނޫންކަން ގިނަފަހަރަށް އޮންނާނީ އެނގިފައެވެ. ވީމާ އިޞްލާޙް ނުވެއްޖެނަމަ ދެން އޮތް ޙައްލަކަށް ވާނީ، ޙަލާލްކަންތަކުގެ ތެރެއިން މާތްﷲ އެންމެ ރުހިވޮޑި ނުގަންނަވާ ކަމެވެ. އެއީ ވަރި ކުރުމެވެ.

އުސޫލެއްގެ ގޮތުން ބަލަންވީ ކަމަކީ ލޯބިވާ އަނބިމީހާ، އަދި ދަރިންގެ މަންމަ އަށް ނުބައި ކަމެއް ކުރެވުނަސް މަޢާފް ކުރެވިދާނެކަމެވެ. އަދި އިޞްލާޙްވެގެން މާޒީ ހަނދާން ނައްތާލާފައި އުފާވެރިކަމާއެކީ މުސްތަޤްބަލް ހޭދަވެސް ކުރެވިދާނެ ކަމެވެ. އެކަމަކު މިއީ ކުށަށް ތައުބާވެ، އެކަމާ ދެރަވެ، އުޅުން އިޞްލާޙް ކުރާ އަނބިންނާ އެކުގައެވެ.

ތިމާއަށް އެނގިގެން ފާފަކޮށް ޚިޔާނާތްތެރިވާ އަންބެއް ތައުބާވެ އިޞްލާޙް ނުވާނަނަމަ، އިނދެގެން އުޅުން ހުއްދައެއް ނުވާނެއެވެ. އަނބިމީހާގެ މިފަދަ ނުރަނގަޅު ޢަމަލުތަކަށް ރުހުމަކީ "ދައްޔޫޘް" (އަނބިމީހާއަށް ޣީރަތްތެރި ނުވާ މީހާ)ގެ ސިފަ ލިބޭ ކަމެކެވެ. އަދި މިފަދަ މީހުންނަކީ ޤިޔާމަތް ދުވަހު މާތް ﷲ ރުއްސެވުމުގެ ގޮތުން ބައްލަވައި ވޮޑި ނުގަންނަވާނެ މީހުންނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.