އާދީއްތަ20200913

އާކުރެވުނީ: 08:43:52

Back ކަވާސާ ޢާއިލާ ޢާއިލާގެ ބައިތައް ދެމަފިރިން ރީތީގެ ރާނީއަކާ ކައިވެނި ނުކުރާތީ!

ރީތީގެ ރާނީއަކާ ކައިވެނި ނުކުރާތީ!

reethee-ge-raanee-akaa-kaiveniއަހަރެންގެ ދުވަސްވީ ރަހުމަތްތެރިއަކާ ދިމާވިއެވެ. އޭރު އޭނާ ކޮންމެވެސް ކަމަކާ ހާސްވެފައި ހުރިކަން ދެނެގަންނަން އެއްވެސް މީހަކަށް އުނދަގުލެއް ނުވާނެއެވެ. އޭނާގެ ހިތުގައި ކޮންމެވެސް ކަމެއް އުޅޭހެންވެސް ހީވިއެވެ. އެހެންވެ، ވެގެން އުޅޭގޮތެއް ކިޔައި ދިނުމަށް އެދުނީމެވެ. ޖަވާބުގައި ބުނީ އެއްވެސް ކަމެއް ނުވާކަމަށެވެ. ދެން ބުނީ ބުނަން ޖެހިލުންވާ ކަމަށެވެ.

ބުނަން ފަސްޖެހުމަށް ފަހު އެންމެފަހުން ބުންޏެވެ. ''ތީ އަހަރެންގެ އިތުބާރު ހުރި ގާތް ރަޙްމަތްތެރިއަކަށް ވާތީ މި ބުނަނީ... އަދި ކަލޭގެ މަޝްވަރާއަކީ މިކަހަލަ ކަންތަކުގައި ރަނގަޅު

މަޝްވަރާއަކަށް ވެސް ވާނެކަމަށް، މަ ދެކެނީ .. ވެގެން މި އުޅޭ ގޮތަކީ، އަހަރެން މި އުޅެނީ މީހަކާ އިންނަން!''

'' ގޭގައި އެހެރި ކަލޭގެ އަނބިމީހާ އަދި ދަރިންގެ މަންމައަށް ކިހިނެއް ވީތަ؟'' އަހަރެން ބުނީމެވެ.

އެކުވެރިއާ : ''އަނބިމީހާ ވަރިއެއް ނުކުރަމޭ ... އޭނާ ހަމަ ހުރިގޮތަށް ހުންނާނެ ''

އަހަރެން : ''މިހާރު އިނދެގެން ތި އުޅޭ މީހާ ކިބައިގައި އުނިކަމެއް ހުރީތަ؟ އޭނާގެ އަޚްލާޤު ނުބައީތަ؟ ނޫނީ ދީނަށް ހުރުމަތެއް ނުބަހައްޓަނީތަ؟ ނޫނީ ކަލެއަށް ނުބައިކޮށް ހިތައި، އެހެން ފިރިހެނުން ފަހަތުން ހިނގަނީތަ ؟''

އެކުވެރިއާ : ''ނޫނޭ ... ހަމަ އެއްގޮތަކަށް ވެސް ތިއިން އެއްވެސް ކަމެއް ވެގެނެއް ނޫން''

އަހަރެން : '' ދެން އެހެންވިއްޔާ ކީއްވެ އެހެން މީހަކާ އިންނަން ތި އުޅެނީ ''

އެކުވެރިއާ : '' އަހަރެންނަކީ ޢިއްފަތްތެރި ކަމަށް ލޯބި ކުރާ މީހެއް. ޙަރާމް ކަމެއް ކުރާކަށް ބޭނުމެއް ނޫން. އިނދެގެން އުޅޭތާ ގިނަ ދުވަސް ވުމުގެ ސަބަބުން، މިހާރު އަނބިމީހާއަށް ވަނީ އާދަ ވެފާ. އެހެން ގޮތަކަށް ބުނާނަމަ އޭނާ މިހާރު ވަނީ ބާވެފާ! ވީމާ އެހެން އަންހެނުންނަށް ހިތް ޖެހި، މަގުމަތިން ދާ މީހުންނާ ޓީވީން ފެންނަ ޒުވާން އަންހެން ކުދިންގެ ޗާލުކަމަށް ބަލާނުލާ ހުރެވޭފަދަ ސިހުރެއް މިހާރު އަނބިމީހާގެ ކިބައިގައި ނެތް .. އެކުގައި ގިނަދުވަސް ވުމުން މިހާރު މިވަނީ ފޫހިވެފާ.. ފެންނަލެއް ގިނަކަމުން އަނބިމީހާގެ ރީތި ކަމެއް ނުފެނޭ . ''

އަހަރެން : ''ތީ ހާދަ ހަޑިހުތުރު ކަމެކޭ .. މި ހުރިހާ ދުވަހު ކަލޭގެ އަނބިމީހާ ވަފާތެރިކަމާއެކު ހޭދަ ކުރި ދުވަސްތަކުގެ އިނާމަކީ، ތީ ތަ؟ އޭނާގެ އިޚްލާޞްތެރިކަމާ އޭނާގެ ޒުވާންކަމުގެ ފޮނިރަހަ ކަލެއަށް ދެއްކުމުން، މިއަދު އޭގެ ބަދަލުގައި ތިގޮތް ކަމުދާނެތަ؟

ބުއްދީގެ އަޑުކަމަށް ތި އަޑު އަހަނީ ނަފުސުގެ އަޑު . ހަވާނަފްސަށް ތަބާވެފައި، ހީ ތިކުރަނީ އެއީ ހެޔޮ މަގުކަމަށް . މަށަށް ހަމަ ޔަޤީން ތީ އިބިލީސް ކަލެއަށް ދައްކާ ދަޅަތަކެއްކަން . ތީ ހަމަ ވަސްވާހުން ވާކަމެއް !

އާ އަންހެނުން ކަލޭގެ ހިތާއި ލޯ ފުރައި ދޭނެހެން ހީވަނީތަ؟ އާ އަންހެނުންވެސް ދުވަސްތައް ފާއިތުވީމާ ވާނީ ބާ. އެކުގައި ގިނަ ދުވަސް ވީމާ ވާނީ ފޫހި . ރީތި ކަމުން އަޖާއިބުވެ އަންތަރީސްވެ އެނބުރި ބަލަހައްޓައިގެން ހުއްޓަސް، ފަހުން ގޭތެރޭގައި އަޅައިގެންފައި ވެއްޓުނަސް އަޅައިގަންނަ ފަދަ ޗާލުކަމެއް ނުފެންނާނެ . ދެން ދާންޖެހޭނީ ތިންވަނަ މީހެއް ހޯދަން . ދެން ހަތަރުވަނަ މީހެއް . ކަލޭ ސަތޭކަ މީހުންނާ އިނދެ، ނުވަތަ މީހުންނާ އިނުމުގައި ޢުމުރު ފަނާ ކުރިއަސް، އެހެން އަންހެނަކަށް ހިތް އެދޭނެ . ތީ އަނބިމީހާގެ މައްސަލައެއް ނޫން . ތީ އަމިއްލަ ނަފްސުގައި އުޅޭ މައްސަލައެއް .

އެއްވެސް ފިރިއަކު އޭނާގެ މުޅި ޢުމުރު ބޮސް ދިނުމާއި ބެއްދުމުގައި ހޭދަ ކުރޭތަ؟ އެހެން އުޅެނީ މަދު ހިނދުކޮޅަކު ނޫންތަ؟ ދެން ބާކީ އޮތް ބައި އެއީ ދެ މީހުން އެކަކު އަނެކަކަށް އެހީތެރިވެ، ޚިޔާލު ބަދަލުކޮށް، އެކަކު އަނެކަކަކުގެ ހަމަޖެހުމާއި ހިމޭންކަމަށްވެ، ރިޒުޤު ހޯދަން މަސައްކަތް ކޮށް، ކުދިން ތަރުބިއްޔަތު ކުރަން ޖެހޭ ވަގުތެއް ނޫންތަ؟ މާޒީ ހަނދާންކޮށް މުސްތަޤްބަލަށް ބަލަން ވީ ވަގުތެއް ނޫންތަ؟

ދެ އަނބިންނާ އިނީމާ ދުނިޔޭގެ ހުރިހާ އުފަލެއް އެއްފަހަރާ ލިބޭނެ ކަމަށް ހީވަނީތަ؟ އެހެން އަންހެނަކާ ދިމާލަށް ކަޅިއެއް ވެސް އެއްލާ ނުލާނެ ޞާލިޙް އަޅުވެރިއަކަށް ވެވުނީކަމަށް ހީވަނީތަ؟ ކަލޭގެ ދަރިންތައް، އެ ކުދިންގެ މަންމައަށް ތިހެން ހެދުމަށްފަހު، ބީރައްޓެހި އަންހެނެއް ގެނެސް އެ މީހުންގެ މުދަލާ ވާރުތައިގައި ބައިވެރި ކުރީމާ، ކަލޭދެކެ ވާނީ ލޯބި ހެން ހީވަނީތަ؟

ޢާއިލާ ތެރޭގައި ބޭނުމެއް ނެތް ހަނގުރާމައެއް ހިނގާ އެ އަލިފާނުން އެންމެ ފުރަތަމަ އަނދައިގެން ދާ މީހަކަށް ވާން ބޭނުމީތަ؟

ރަޙްމަތްތެރިއާ .. އެއްގޮތަކަށް ވެސް ތީ ރަނގަޅު ޚިޔާލެއް ނޫން . ޒަމާން މި އޮތީ ބަދަލުވެފާ، އާނ! ދެއަންބަށް މީހުންނާ އިނުމަކީ ދީނުގައި ހުއްދަ ކަމެއް ، އެއީ ﷲ ގެ ޙުކުމް އޮތް ގޮތް، ވީމާ އެ ޙުކުމް އަބަދުވެސް އެ ގޮތުގައި އޮންނާނެ، އެކަމަކު އެއީ ހުއްދަކަމެއް! އެއީ ވާޖިބެއްވެސް ނޫން . އަދި މުސްތަޙައްބު ކަމެއްވެސް ނޫން .

ވީމާ މިހާރުވެސް އިނދެގެން ތި އުޅޭ މީހާއާ އެކީ ޢުމުރުގެ ބާކީ ހޭދަ ކުރޭ! އޭނާގެ އިޚްލާޞްތެރިކަން ނިކަން ދެކިބަލަ . ބުނަންތަ ވާހަކައެއް؟ އޭނާގެ މޫނަށް ނުބަލާ! އަދި ހަށިގަނޑަށް ވެސް ބަލާނެ ކަމެއް ނެތް ... ރީއްޗާ ބެހޭގޮތުން ވާހަކަ ދައްކާފައި ހުރި ވަރަށް ގިނަ ފޮތް އަހަރެން ކިޔައިފިން . ރީތިކަމަކީ ކޮބައިކަމާ ބެހޭގޮތުން ބުނެފައިވާ އެންމެ ތެދުބަހަކަށް ފެނުނީ '' ރީތިކަމަކީ އިޚްލާޞްތެރިކަމޭ '' ބުނެފައިވާ ބުނުމެއް .

ދުނިޔޭގެ ރީތީގެ ރާނީ ކަލެއަށް ޚިޔާނާތްތެރިވެއްޖެ ނަމަ، ކަލޭ ކުރިމަތީގައި އޭނާ ވާނީ ހަޑިހުތުރު މީހަކަށް ... ހުތުރު އަންބަކު ވެސް ތެދުވެރި ވަފާތެރި ނަމަ އޭނާ ވާނީ ރީތި މީހަކަށް ''

ބުއްދި ހަމަ ޖެހޭ ފިރިހެނުން ވިސްނަނީ އަޅެ މިހެނެއް ނޫންތަ؟

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.