އާދީއްތަ20171217

އާކުރެވުނީ: 09:46:14

Back ކަވާސާ ޢާއިލާ ޢާއިލާގެ ބައިތައް ކުދިން ދަރިފުޅު މަދަރުސާއަށްދާ ފުރަތަމަ ދުވަސް

ދަރިފުޅު މަދަރުސާއަށްދާ ފުރަތަމަ ދުވަސް

furathama_dhuvas-dhivehiތުއްތުކުދިންގެ ޕްރީ ސުކޫލަކުން ވަރަށް ބާރަށް ކުދީން ރޯ އަޑު އިވެމުން ދިޔައެވެ. ހަނދާންވަނީ އެއީ މިއަހަރުގެ ޖެނުއަރީ މަހު ފަހުކޮޅުގެ ދުވަހެއް ކަމަށެވެ. އެއީ ސުނާމީގައި ގެއްލުން ލިބުނު އެ ސުކޫލްގެ ކިޔެވުން ފެށުނުދުވަހެވެ. ބައެއް ބެލެނިވެރިން ގެއަށް ދާންނުކެރިފައި ސުކޫލްގެ ގޭޓްކައިރީ، ކުލާސްރޫމް ފެންނަ ހިސާބުގައި ތިއްބެވެ! ދަރިފުޅު ރޯތީއެވެ. ނަމަވެސް މިއީ މަދަރުސާގެ ފުރަތަމަ ދުވަހަށް ދަރިފުޅު ދުރާލާ ތައްޔާރުކުރުވަނިކޮށް ހައްލުކުރެވިދާނެކަމެކެވެ.

ދަރިފުޅު މަދަރުސާއަށް ގެންދާ ފުރަތަމަ ދުވަހަކީ ދަރިފުޅަށާއި ކަލާއަށްވެސް ވަރަށް ޚާއްސަ ދުވަހަކަށް ވާނެއެވެ. އެއީ މަދަރުސާއަށް ވެއްދުމަކީ ދަރިފުޅުގެ ޙަޔާތުގެ އާ މަރުހަލާއެއް ފެށުން ކަމަށް ވާތީއެވެ. ކަލާއަށް ވަރަށް ތަފާތު އިޙުސާސްތަކެއް މިދުވަހު ކުރެވޭނެއެވެ. އާ މާޙައުލުގައި ލޯބިވާ ދަރިފުޅު އުޅޭނެ ގޮތަކާމެދު ވިސްނޭނެއެވެ. ތަފާތު ސުވާލުތައް ހިތައް އަރާނެއެވެ. އަހަރެންގެ ދަރިފުޅު ކުލާހުގައި އިންނާނެބާވައެވެ؟ އޭނާ ރޯނެބާވައެވެ؟ ކިޔެވުމަށް ކިހިނެތްވާނެ ބާވައެވެ؟ ކުދިންނާ ތޮޅޭނެ ބާވައެވެ؟

ދަރިފުޅު މަދަރުސާއަށް ގެންދާ ފުރަތަމަ ދުވަހަށް އޭނާ ތައްޔާރުކުރުމަށް ކަލާއަށް، ތަފާތުކަންތައްތައް ކުރެވިދާނެއެވެ. މަދަރުސާގައި، ކަލާއާއި ދުރުގައި އުޅެންޖެހުމަކީ ދަރިފުޅުގެ ޙަޔާތުގައި ދިމާވާނެ އެތައް ޙާލަތްތަކެއްގެ ތެރެއިން އެއް ހާލަތެވެ. ނަމަވެސް ބޮޑެތިމީހުންނާ އެއްވަރަށް އާ ކަންތައްތަކާ ކުރިމަތިލައި ހައްލުކުރުމުގެ ހުނަރު ކުޑަކުދިންގެ ނުހުންނާތީ، އެހުނަރު ކުއްޖާއަށް ލިބިދިނުމަކީ ބޮޑެތިމީހުންގެ މައްޗަށް އޮތްވާޖިބެކެވެ.

ދަރިފުޅު ސުކޫލަށްވެއްދުމަށް ތައްޔާރުކުރުމުގެ ގޮތުން ކުރެވިދާނެ ގިނަކަންތައްތަކަކީ ދަރީން ތަރުބިއްޔަތުކުރުމުގެ ހުނަރުގެ ތެރޭގައި ހިމެނޭކަންތައްތަކެވެ. މިގޮތުން ދަރިފުޅުގެ ނަފްސާނީ އަދި ޖިސްމާނީ ތަރައްޤީއަށް ސަމާލުކަންދޭށެވެ. އިޖްތިމާޢީ ސިފަތަކާއި ވިސްނުން ތަރައްޤީކުރުމަށް ދޭ ސަމާލުކަން ކުޑަނުކުރާށެވެ.ގޭގެ މާޙައުލަކީ ރައްކާތެރި އެކަށީގެންވާ މާޙައުލަކަށް ހަދާށެވެ.ފައިދާ ހުރިކާނާ ދަރިފުޅަށް ދޭށެވެ. ދަރިފުޅުގެ ހެދިބޮޑުވުމަކީ މުހިންމު ކަމެއްކަން ހަދާންބަހައްޓާށެވެ. ކުޅެންފުރުޞަތުދޭށެވެ. ކުޑަކުދިންނަކީ އަބަދުވެސް އަމިއްލަޔަށް ކަންތައްތައް ހޯދާ ބަލަން ޝައުޤުހުންނަ ބައެކެވެ. މިކަމަށް ހިތްވަރުދޭށެވެ. ލޯތްބާއި އަޅާލާކަން ދައްކާށެވެ. އަބަދުވެސް ހިތްވަރުދޭށެވެ. ދަރިފުޅަށް އޮޅުވާލައި ދޮގުނަހަދާށެވެ. އެހެންކުދިންނާ ގުޅިގެން އުޅުމުގެ ސިފަ އަށަގަންނުވާށެވެ.

ކަލާގެ ދަރިފުޅުގެ ފުރަތަމަ މިސް ނުވަތަ އާންޓީ އަކީ ކަލާއެވެ. ދަރިފުޅާ އެކު އޭނާއަށް ލާބަކުރުވަނިވި ވަގުތުކޮޅެއް ކޮންމެ ދުވަހަކުވެސް ހޭދަކުރާށެވެ. މިގޮތުން އޭނާއާ ވާހަކަ ދައްކާށެވެ. އޭރުން ދަރިފުޅުގެ ބަސްކޮށާރުގެ ފެންވަރު ކަލާއަށް ފާހަގަކުރެވޭނެއެވެ. ދަރިފުޅުގެ ވަށައިގެން ފެންނަ އެއްޗެއްސަށް އިޝާރާތްކޮށް ''އޭތި'' ''މީތި'' ފަދަ ބަސްތައް އަބަދު ބޭނުންކުރާނަމަ، އެއީ އޭނާއަށް އެ އެއްޗެއްސަށް ކިޔާ ނަންތައް ނޭގެނީ ކަމަށް ވުން އެކަށީގެންވެއެވެ. ނަންތައް ދަސް ކުރުމުގައި ދަރިފުޅަށް އެހީތެރިވާށެވެ. ދަރިފުޅު ދައްކާވާހަކަތަކަށް ކަންފަތްދޭށެވެ. އޭނާގެ އިޙްސާސްތައް ހަމަ ޖެހޭ ޖުމްލަތަކަކުން ބުނެދޭން އޭނާއަށް، އެނގޭހެއްޔެވެ؟ ދަރިފުޅަށް ފޮތްކިޔައިދޭށެވެ. ދިރާސާއިން ދައްކާގޮތުގައި މިއީ މަދަރުސާގައި ކާމިޔާބު ކުއްޖަކަށް ވުމަށް ބާރުއަޅައިދޭ ކަމެކެވެ. މީގެ އިތުރަށް ފޮތްކިޔައިދޭނަމަ ކިޔަން ދަސްވުމަށް ފަސޭހަވާނެއެވެ. ކަލާގެ ދަރިފުޅަކީ މުޅި ޢުމުރުގައި ކިޔުންތެރިކަމަށް ލޯބިކުރާ، ފޮތްކިޔާ މީހަކަށް ވުމުގެ ފުރުޞަތު މިކަމުގެ ސަބަބުން އިތުރުވުން އެކަށީގެންވެއެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އަށް ވަނަދުވަހަކީ ކަލާގެ ދަރިފުޅު މަދަރުސާއަށް ދާ ފުރަތަމަ ދުވަހެވެ. މިވާހަކަ ދަރިފުޅުގާތު ބުނެފައި ބާއްވާށެވެ. ދަރިފުޅުގެ އުޅުން ބަދަލުކުރުމަށް މަދަރުސާ އަކީ ބިރަކަށް ނަހަދާށެވެ. މިވެނި ކަމެއް ނުކޮށްފިނަމަ މަދަރުސާއަށް ނުގެންދާނަމޭ ނުބުނާށެވެ. މަދަރުސާއަކީ އުފާވެރި ވަރަށް މަޖާތަނެއްކަމަށް ބުނާށެވެ. ޚުދު ކަލާގެ މަދަރުސީ ދައުރުގެ މަޖާކަމުގެ ވާހަކަތައް ދަރިފުޅާ ދައްކާ، އޭނާ ޝައުޤުވެރި ކުރުވާށެވެ. މަދަރުސާ އާ ބެހޭ ތަފާތު ވާހަކަތައް ދައްކާ ދަރިފުޅާއެކު ޚިޔާލުބަދަލު ކުރާށެވެ.

މިހާރަކަށް އައިސް ރާއްޖޭގެ ބައެއް މަދަރުސާތަކުން، ދިރާސީ އަހަރު ފެށުމުގެ ކުރިން އަލަށް މަދަރުސާއަށް ވަންނަކުދިންނަށް ޚާއްޞަ ހަރަކާތްތައްރާވައެވެ. ކަލާގެ ދަރިފުޅުގެ މަދަރުސާއިން މިކަހަލަ ޙަރަކާތެއް ރާވާތޯ އޮޅުން ފިލުވާށެވެ. ހަރަކާތެއް ރާވާކަމަށް ވާނަމަ، ދަރިފުޅާ އެކު އެހަރަކާތުގައި ބައިވެރިވާށެވެ. ދަރިފުޅު ވެއްދުމަށް ގަސްތުކޮށްފައިވާ މަދަރުސާ އޭނާއަށް ދައްކާލާށެވެ.މަދަރުސާގެ ކުޅޭބިމުގައި ދުވެ، ފުމެ އުޅުމަށް ފުރުސަތެއް އޭނާއަށް ހޯދަދޭށެވެ.ރާއްޖެތެރޭގެ މަދަރުސާތަކުގައި މިއީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. ކަލާގެ ދަރިފުޅަކީ ކަލާޔާ ވަރަށް ދޯޅު، އަބަދު ގައިގައި ތަތްކޮށްލައިގެން އުޅޭކުއްޖެއްނަމަ، ކަލާޔާ ވަކިން ވަގުތު ހޭދަކުރުމަށް ހާނުވާށެވެ. މިގޮތުން މާމަގެޔަށް ނުވަތަ އިތުބާރުކުރެވޭ ރައްޓެއްސެއްގެ ގެޔަށް ދަރިފުޅު ގެންދާށެވެ. ހަނދާންކޮށް ދަރިފުޅު ގާތު ބަލައިއަންނާނެ ގަޑިބުނެ، އެގަޑިއަށް ފަރުވާތެރިވާށެވެ.

ފުރަތަމަ ދުވަހު ދަރިފުޅު މަދަރުސާއަށް ގެންދިޔުމާއި ބަލައިދިޔުން އެއީ ޚުދު ކަލާ ކުރާނެ ކަމެއްކަމަށް ނިންމާށެވެ. ދަރިފުޅުގެ މިސް ނޫނީ އާންޓީ އާއި ދަރިފުޅު ހަވާލުކުރުމަށް ފަހު އޭނާއަށް ފިލައިގެން ގެއަށް ނާންނާށެވެ. މިގޮތަށް ކަންތައް ކޮށްފިނަމަ ކަލާ އޭނާ ދެކެ ލޯބި ނުވާކަމަށް ހީކޮށްފާނެއެވެ. ދޫކޮށްލީ ކަމަށް ހީކޮށްފާނެއެވެ.

މަދަރުސާގެ ފުރަތަމަ ދުވަހު ވަރަށް ގިނަކުދީން ރޮއެވެ. އެއީ މާ ބޮޑުމައްސަލައެއްނޫނެވެ. ދަރިފުޅު ރޯއިރު ހިތަށް ވަރަށް ތަދުވާނެކަން އެގެއެވެ. ދަރިފުޅު ރޯނަމަ، ބަލަންނުހުރެ ގެއަށް އަންނާށެވެ. މިދިޔަ ޖެނުއަރީ މަހު އަހަރެންނަށް ފެނުނު ބެލެނިވެރިން ކަންތައް ކުރިގޮތައް ކުލާސްރޫމް ދޮށުގައި ނުވަތަ މަދަރުސާގެ ބޭރުގައި މަޑުކޮށްގެން ނުތިބޭށެވެ.''މިސްމެންނާއި އާންޓީމެން'' ތިއްބަވާނީ ރޯކުދިން ލޮއްސަން ތައްޔާރުވެލައްވައިގެންކަން ޤަބޫލު ކުރާށެވެ. މާ ބޯޑަށް ރޯނަމަ މަދަރުސާގެ ފަރާތުން އެކަން ކަލާއަށް އަންގަވާނެއެވެ.

މަދަރުސާގެ ފުރަތަމަ ދުވަހަށް ތައްޔާރުވިކަމުގައިވިޔަސް ފަހަރެއްގައި ފުރަތަމަ ދުވަހު ދަރިފުޅު ކުޑަކޮށް ރުއިން އެކަށީގެންވެއެވެ. އެހެންކުދިން ނުރޯތީ އެކުދިންނާ ދަރިފުޅު އަޅާނުކިޔާށެވެ. ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެކެވެ. ކަލާގެ ދަރިފުޅުވެސް އަދި މަދަރުސާގެ މާޙައުލަށް ހޭނޭނެއެވެ.

އަބަދުވެސް މަދަރުސާގެ ވާހަކަ ދަރިފުޅުކުރެން އަހާށެވެ. ދުވަހުގެ ތަޖުރިބާތައް ކިޔައިދޭން އޭނާ ވަރަށް ޝައުޤުވެރިވާނެއެވެ. ދަރިފުޅުގެ މިސް ނޫނީ އާންޓީ އާ ގާތްގުޅުމެއް ބާއްވާށެވެ. ސުޕަވައިޒަރާ ބީރައްޓެހި ނުވާށެވެ. މަދަރުސާގެ މަޤުސަދާއި ކަލާގެ މަޤުސަދަކީ ހަމަ އެއް މަޤުސަދެކެވެ. އޭގެ ނަތީޖާ ރައްދުވަނީ ކަލާގެ ލޯބިވާ ދަރިފުޅަށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.