ހޮނިހިރު20171216

އާކުރެވުނީ: 09:46:14

Back ކަވާސާ ޢާއިލާ ޢާއިލާގެ ބައިތައް ކުދިން ދަރިންގެ ހިތުގައި ނަމާދުކުރާ ހިތްޖެއްސުން

ދަރިންގެ ހިތުގައި ނަމާދުކުރާ ހިތްޖެއްސުން

kudakudhin-namaadhu-kurunދަރިން ތަރުބިއްޔަތުކޮށް ދީންވެރި ކުދިންތަކެއްގެ ގޮތުގައި ބޮޑު ކުރުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. އަދި ޤިޔާމަތް ދުވަހު އެކަމާމެދު ސުވާލު ކުރެވޭނެކަމެއްވެސް މެއެވެ. ކަން މިހެން އޮތް އިރު ކުއްޖަކު ތަރުބިއްޔަތު ކުރުމާއެކު ދީނަށް ލޯބި ކުރާ ކުއްޖަކަށް ހެދުމަށްޓަކައި އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދޭންވީ ކަމަކީ، ނަމާދު ކުރުމުގެ އާދަ ކުދިންގެ ކިބައިގައި އަށަގެނެނެވުމެވެ. ތިރީގައި މި ބަލާލަނީ ކުދިންގެކިބައިގައި ނަމާދު ކުރުމުގެ ޝައުޤުވެރިކަން އުފެއްދިދާނެ ބައެއް ކަންތަކަށެވެ.

 

3އަހަރާއި 6 އަހަރާ ދެމެދު :

ތިން އަހަރާއި ހަތަރު އަހަރާ ދެމެދު ޢުމުރަކީ، ކުޑަ ކުއްޖާ އޭނާ އަކީ މުސްތަޤިއްލު މީހެއް ކަން އިޙްސާސް ކުރެވޭ ދުވަސްވަރެވެ. ހަމަ އެހެންމެ ވަށައިގެންވާ ކަންތައްތައް ހޯދައި ފެންނަ ކަންތައްތައް އެންމެ ބޮޑަށް ނަކަލު ކުރާ ޢުމުރަކީވެސް މިއީއެވެ. ވީމާ އަހަރެމެން ނަމާދަށް ތިއްބާ ކުޑަ ދަރިފުޅު އައިސް، ނަމާދުގެ ޙަރަކާތްތައް ނަކަލު ކުރަން ފެށުމުން، '' ދަރިފުޅު ނަމާދު އަދި ކުރާކަށް ނުޖެހޭނެ . އަވަހަށް ކުޅެން ދޭ! '' ފަދަ ޢިބާރާތްތައް ބުނެ އެ ކުއްޖާ ފޮނުވާލުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫނެވެ.

މި ޢުމުރުގެ ކުޑަ ކުދިން އެ މީހުންގެ ޠަބީޢަތަށް ދޫކޮށްލަމާތޯއެވެ؟ ކުއްޖާ އައިސް ބައްޕަ ނުވަތަ މަންމަ ނަމާދު ކުރާތަން ބަލަހައްޓައިގެން ހުރެއްޖެނަމަ އެކަމަށް ހިތްވަރު ދީ، ކަންތައް ކުރަންވާ ގޮތް ކޮންމެވެސް ވަރަކަށް ކިޔައި ދެވިދާނެއެވެ. އަދި މަންމަ މި ކުރަނީ ކޮންކަމެއް ކަން ކިޔައި ދެވިދާނެއެވެ. އަދި އެ ކުއްޖާ ކައިރީގައި ހުރެ ކުޅެ އަތް ޖަހައި، އިތުރު ހަރަކާތްތައް ގެނަޔަސް އެ ކަމާ އަޅާ ނުލާށެވެ.

ގޭގައި ކުޑަ ކުއްޖާ ބަލާނެ އެހެން މީހެއް ނެތީސް ، މިސާލަކަށް މަންމަ ނުވަތަ ބައްޕަ ނަމާދަށް ހުއްޓާ ދަރިފުޅު އައިސް ރޯން ފަށައިފިނަމަ އެ ކުއްޖާ އުރައިގެން ހުރެ ނަމާދު ކުރުމަކީ ހުއްދަ ކަމެކެވެ. މިއީ ވެސް ކުޑަ ކުދިން ބޮޑަށް ނަމާދާއި ގާތް ވާނެ ކަމެކެވެ.

ދަރިފުޅު ނަމާދު ކުރަން އާދަ ކުރުވަން ބޭނުންފުޅުނަމަ، ކުއްޖާގެ ޢުމުރުގެ މި މުހިއްމު ދައުރުގެ ބޭނުން ހިފަން ޖެހޭނެއެވެ. އަދި މި ޢުމުރުގައިވެސް ބިސްމި، އަލްޙަމްދު އިޚްލާޞް ފަލަޤް ނާސް ސޫރަތް ދަސްކޮށް ދެވިދާނެއެވެ. އަދި ބައެއްފަހަރު ފަސް އަހަރު ހަ އަހަރު ކުދިން މިސްކިތަށް ގެންގޮސް، އެ ކުދިންނަށް ބޮޑެތި މީހުން ކުރާ މުހިއްމު ކަމެއްގައި ބައިވެރިވުމުގެ އުފާވެރި އިޙްސާސް، އެކުދިންނަށް ހޯދައި ދެވިދާނެއެވެ.

5 އަހަރާއި 7 އަހަރާއި ދެމެދު :

ދަރިފުޅުގެ ޢުމުރުގެ މި މަރުހަލާގައި، ވަރަށް އާދައިގެ ތިލަ ބަހުރުވައަކުން، މާތް ﷲ ގެ ނިޢްމަތްތަކާއި އެކަލާނގެ އަޅުތަކުން ދެކެ ލޯބިވެވޮޑިގަންނަވާ ކަން ކިޔައި ދެވިދާނެއެވެ. އަދި އަހަރެމެން ނަމާދު ކުރަނީ ބޮޑަށް އެ ލޯބި ހޯދަން ކަމަށް ވެސް ކިޔައި ދެވިދާނެއެވެ. ނަމަވެސް ފަހަރެއްގައިވެސް ނަމާދު ނުކުރުމުން ޢަޛާބު ލިބޭނެ ކަމަށް ބުނުން ފަދަ ކުދިންނަށް ވިސްނައިގަންނަން ދަތި މައްސަލަތައް ކިޔައި ދީގެން ނުވާނެއެވެ.

ހަމަ އެހެންމެ، މި ޢުމުރުގައި ކުއްޖާ އަށް ރަނގަޅު ނަމޫނާއެއް ކަމުގައި މައިންބަފައިން ވާން ޖެހޭނެއެވެ. އަދި ބޮޑަށް ތިބޭ ބޭބެއިންނާއި ދައްތައިންވެސް ވާން ޖެހޭނީ ރަނގަޅު ނަމޫނާއަކަށެވެ. ބަންގި ގޮވުމުން މަންމައާއި ދައްތައިން ވުޟޫކޮށްގެން ނަމާދު ކުރާތަން ފެނުމުން، މި ޢުމުރުގެ އަންހެން ކުދިންވެސް އެކަން ކުރަން ބޭނުންވާނެއެވެ. އަދި ބަންގިގޮވުމުން ބައްޕައާއި ބޮޑަށް ތިބޭ ބޭބެއިން މިސްކިތަށް ނަމާދަށް ދާތަން ފެނުމުން މި ޢުމުރު ފިރިހެން ކުދިން މިސްކިތަށް ދާންވެސް ބޭނުންވާނެއެވެ.

ޢާއިލާ ހުރިހާ ފަރުދުންވެސް ނަމާދު ކުރާ ގެއެއްގައި ބޮޑުވަމުން އަންނަ ކުއްޖަކަށް، ކުޑަ އިރުއްސުރެވެސް މި ކަންތައް ފެނިފެނި ހުންނާނީ ޢާދައަކަށް ވެފައެވެ. އަދި އެ ކުއްޖާއަށް، އެއީ ގޭގައި ހަމަ ކޮންމެ ދުވަހަކުވެސް ކަންތައް ކުރަންވާ ގޮތް ކަމުގެ ރަނގަޅު އިޙްސާސް ހިތުގައި އަށަގަންނާނެއެވެ.

މައިންބަފައިން ނަމާދު ނުކޮށް ކުއްޖާ ބޮޑުވީމާ ނަމާދު ކުރަން އަމުރު ކުރުމުން އެކަން ކުރާނެ ކުއްޖެއް ނުހުންނާނެއެވެ.

ނަމާދު ކުރުމަކީ އެއީ ޢާއިލާގެ އާދައަކަށް ހެދުމަށް ފަހު، މި ޢުމުރުގެ ކުޑަ ކުދިންނަށް ނަމާދު ކުރާ ގޮތް ކިޔައި ދެވިފައި ހުންނަ ތަސްވީރު ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމް ތައް ދެއްކުމަކީ ކުދިން މި ކަން ދަސްކުރަން ބޮޑަށް ޝައުޤުވެރިވާނެ ކަމެކެވެ. ފޮތުން ނަމާދު ކުރާގޮތް ކިޔައި ދީފައި އޭގެ ޢަމަލީ ސިފަވެސް ކުދިންނަށް ރަނގަޅަށް ދަސްކޮށް ދޭންވާނެއެވެ.

ހަމަ އެހެންމެ މި ޢުމުރުގައި ކުޑަ ކުއްޖަކަށް ބިރު ދައްކައި މަޖްބޫރު ކޮށްގެން ނަމާދު އަދި އެހެންވެސް ކަމެއް ކުރުމަކީ ، އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫނެވެ. އެހެނީ ގަދަކަމުން ކުރުވަން އުޅޭ ކަންތަކަށް، މި ޢުމުރުގެ ކުދިން ގިނަފަހަރަށް ދޭނީ ބީރު ކަންފަތެކެވެ. ނަމާދު ކުރަން އަމުރު ކުރުމުގެ ބަދަލުގައި، ކުދިންނާއި ގުޅިގެން އެއީ އުފަލާ އެކީ ކުރާ މަޖާ ކަމެއް ފަދަ ގޮތަކަށް ކުދިންނަށް އިހްސާސް ވާފަދަ ގޮތަކަށް ކަންތައް ގެންދެވިދާނެއެވެ.

ހެނދުނު ހޭލައިގެން، ޗޮކްލެޓު ކައި ނިމިގެން އަދި ނިދުމުގެ ކުރިން ދަތް އުނގުޅަން ޖެހޭނެ ކަން ކުދިންނަށް ބުނެދީ އެކަމަށް އާދަ ކުރުވާ އުސޫލުން، ދެ ނަމާދު ދޭތެރޭ ޤުރުއާން ކިޔަވަން ކުދިން އާދަ ކުރުވާ ފަދައިން، ވަކި ގަޑިއެއް ޖެހުނީމާ ނިދަން ޖެހޭނެކަން ދަސްކޮށް ދޭ ފަދައިން، ހަމަ ނަމާދު ކުރުވަން ވެސް ފަރިތަ ކުރުވިދާނެއެވެ.

ކުޑަ ކުދިންނަކީ ހުސް ކަރުދާސް ގަނޑެއްގެ މިސާލެވެ. މައިންބަފައިން އޭގައި ކުރެހި އެއްޗެއް ކުރެހި ގޮތަކަށް އަދި ލިއުނު އެއްޗެއް ލިއުނު ގޮތަކަށް، ހަރުލާފައި ހުންނާނެއެވެ. ބޭނުންވަނީ ކުދިންނާ އެކީ ވަގުތު ހޭދަކޮށްލެވޭ ނަމާދުގެ މުހިއްމުކަން އިހްސާސް ކުރާ މަންމައަކާއި ބައްޕައެކެވެ.

މި ޢުމުރުގެ ކުދިންނަކީ ރީތި ހެދުމަށް ވަރަށް ލޯބި ކުރާ ބައެކެވެ. ވީމާ ކުޑަ އަންހެން ދަރިފުޅަށް ވެސް ނަމާދު ކުރަން، ރީތި ކުޑަ ކުޑަ ބުރުގާއެއް ފަހައި ދެވިދާނެއެވެ. އަދި ކުޑަ ކުދިން ހިތް ޖެހޭފަދަ ކުލަ ކުލައިގެ ހެދުމެއް ވެސް ހޯދައިދޭން ވާނެއެވެ. އޭރުން އެ ރީތި ހެދުން ލާ ހިތުން ވެސް، ކުދިން ނަމާދު ކުރަން ބޭނުން ވާނެއެވެ. ހަމަ އެހެންމެ ފިރިހެން ކުދިންނަށް ވެސް ދިގު ފަޓްލޫނެއް ހޯދައި ދީ، އެއީ މުހިއްމު ވަރަށް ޚާއްޞަ ހެދުމެއް ކަން އެ ކުއްޖާއަށް ވިސްނައި ދޭންވާނެއެވެ.

ކުޑަކުދިން ގިނައިން ނަމާދު ކުރާނީ ގޭގައި ކަމަށް ވާތީ، ކުދިންނަށް ވަކި ޚާއްޞަ ރީތި މުސައްލައެއް ވެސް ހޯދައިދޭން ވާނެއެވެ. އަދި އެ މުސައްލަ ގެންގުޅުމާއި ރައްކާ ކުރުން އެއީ ކުދިންގެ އަތްމައްޗަށް ދޫކޮށްލެވިފައިވާ އެ ކުދިންގެ އަމިއްލަ ކަމަކަށް ހަދައިދޭން ވާނެއެވެ.

ހަނދާން ބަހައްޓަން ޖެހޭ ނުކުތާއަކީ، ކޮންމެ ކަމެއްވެސް ކުޑަ ކުދިން ލައްވައި ކުރުވަން ވާނީ އަދި ކުރުވޭނީވެސް، ލަސް ލަހުން މަރުހަލާ މަރުހަލާއިންނެވެ. ވީމާ އެއްފަހަރާ ހުރިހާ ނަމާދެއް ކުރުވަން އާދަ ކުރުމުގެ ބަދަލުގައި ފުރަތަމަ މަޣްރިބް ނަމާދު ދެން ޢިޝާ ނަމާދު ދެން ފަތިން ދެން މެންދުރު، މިކަލަ ގޮތަކަށް އާދަ ކުރުވިދާނެއެވެ. އަދި ފުރަތަމަ ކޮޅުގައި ވަގުތުގެ ކުރީކޮޅު ނުކުރިވިޔަސް ވަރިހަމަ ވާނެއެވެ. ދުވަސްކޮޅެއް ވެލީމާ، ނަމާދަކީ ވަކި ވަގުތެއްގައި ކުރަން ޖެހޭ އެއްޗެއް ކަމަށް ވިސްނައި ދީ ސީދާ ވަގުތުގައި ނަމާދު ކުރުވަން އާދަ ކުރުވަން ޖެހޭނެއެވެ.

ކުޑަ އިރު ގަޑީގައި ނަމާދު ކުރަން އާދަ ނުކުރުވައިފިނަމަ، ފުރާވަރަށް ދިއުމުންވެސް، ގަޑީގައި ނަމާދު ކުރުމުގެ މުހިއްމުކަން އޮންނާނީ ކުއްޖާގެ ހިތުން ފޮހެވިފައެވެ.

ނަމާދު ކުރުމުން އިނާމެއް ދިނުމަކީ ވެސް ކުދިން ނަމާދު ކުރަން އެޅޭ ބާރެކެވެ. އެގޮތުން ގަޟާ ކޮށް ވިޔަސް ފަސް ނަމާދު ކޮށްފިއްޔާ ވަކި އިނާމެއް ކަނޑައެޅިދާނެއެވެ. މި ނަމާދަކީ ކޮންމެހެން ކޮންމެ ދުވަހަކު ދޭ އިނާމެއްގެ ބަދަލުގައި ދޭތެރެ ދޭތެރެއިން ދޭ އިނާމަކަށް ވެސް ހެދިދާނެއެވެ. ކުދިން ލޯބި ވާކަހަލަ ކާ އެއްޗެހި، ކުޅޭ އެއްޗެހީގެ އިތުރުން މަޢްނަވީ އިނާމުވެސް ދެވިދާނެއެވެ. އެ ގޮތުން ނަމާދު ކޮށްފައި އައިމާ، '' ދަރިފުޅު ސުވަރުގޭގައި ދެފިޔަ ޖަހާފައި އުދުހޭ ތަން މަންމައަށް ފެންނަ ފަދަ އޭ '' ނުވަތަ '' ދަރިފުޅު ބަރާބަރަށް ނަމާދު ކުރާތީ މާތް ﷲ ދަރިފުޅު ދެކެ ލޯބިވެވޮޑިގަންނަވައޭ '' ފަދަ ބަސްތައް ބުނެ، ކުއްޖާއަށް ހިތްވަރު ދެވިދާނެއެވެ.

ފިރިހެން ކުދިން ބައްޕައާ އެކު ނުވަތަ އިތުބާރު ހިފެވޭ އެހެން މީހަކާ އެކީ މިސްކިތަށް ފޮނުވުމަކީ، އެ ކުދިން ނަމާދު ކުރަން އާދަ ވާނެ ކަމެކެވެ. މިސްކިތަށް ގޮސް ބޮޑެތި މީހުންނާ އެކީ އެއް ސަފެއްގައި ކުޑަ ކުއްޖަކަށް ހުރުމުގެ ފުރުސަތު ލިބުމުން، އެ ވާނީ ކުޑަ ކުއްޖަކަށް ވަރަށް ބޮޑު ކަމަކަށެވެ. އަދި އޭނާގެ ނަފްސަށް އިތުބާރު ލިބި ތިމާގެ އަގު ވަޒަން ކުރަން އެނގޭނެ ކަމެއްވެސް މެއެވެ. ހަމަ އެހެންމެ މިސްކިތަށް ދެވުމުން ކުދިންނަށް ލިބޭނެ އެހެން ދެ އުފަލެއްވެސް އެބަ އޮތެވެ. ފުރަތަމަ އުފަލަކީ ބައްޕަ އޭނާ ގޮވައިގެން ދާތީއެވެ. ދެވަނަ އުފަލަކީ ބޭރަށް ނުދެވިފައި ހުންނަ ކުޑަ ކުއްޖަކަށް ، ގެއިން ބޭރަށް ދެވުމުން ލިބޭ އުފަލެވެ.

ކުޑަ ކުދިން ބައެއްފަހަރު މިސްކިތުގައި ކުޑަކޮށް ހީލާ، ނުވަތަ ފަރާތް ފަރާތަށް އެނބުރި ނުވަތަ އެންމެން ސަޖިދައަށް ދާއިރުވެސް ސަޖިދައަށް ނުގޮސް ހައިރާންވެފައި ހުރެއޭ ކިޔާފައި އެ ކުދިން މިސްކިތަށް ނު ގެންދިއުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. މަދަރުސާއެއްގައި ހުއްޓަސް މި ޢުމުރުގެ ކުއްޖަކަށް މަޑަކުން ނުހުރެވޭނެއެވެ. މިއީ ކުޑަ ކުދިންގެ ޠަބީޢަތެވެ. ވީމާ ޖެހޭނީ އެކަން ބަލައިގަންނާށެވެ.

މިސްކިތަށް ގޮސް އުޅޭ ބައެއް ޢުމުރުން ދޮށީ މީހުން، ކުޑަ ކުދިން މިސްކިތަށް ދިއުމުން ހިތްހަމަ ނުޖެހިފައި ތިބޭތަން ވަރަށް ފެނެއެވެ. އަދި ކުޑަ ކުއްޖެއް ވިއްޔާ ނަމާދު ކުރަން ޖެހޭނީވެސް، އެ މީހުން ދެކޭ ގޮތުގައި މިސްކިތުގެ ފަހަތު ސަފެއްގައި ވަކިން ތިބެއެވެ. ނަމަވެސް މިއީ ކުޑަ ކުދިން މިސްކިތް ދެކެ ފޫހިވެދާނެ، ރަނގަޅު ނޫން ޢަމަލެކެވެ. ކުޑަ ކުދިން މިސްކިތާއި ދުރު ކުރާށޭ އޮަންނަ ކަމަށް މީހުން ބުނެ އުޅޭ ޙަދީޘަކީ، އެއްވެސް އަސްލެއް އޮތް ހަދީޘެއް ނޫނެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެއީ ވަޟުޢީ ޙަދީޘެކެވެ.

ކުރީ ސަފު ފުރޭ ވަރަށް، ޢުމުރުން ދޮށީ މީހުން ތިބި ނަމަ، އިސްކަން ދެވޭނީ އެ މީހުންނަށެވެ. ނަމަވެސް މައްސަލައަކީ ސަފު ހުހަށް އޮންނަ އިރުވެސް ކުޑަ ކުދިން ފަހަތަށް ފޮނުވާލުމެވެ.

މި ޢުމުރުގެ ކުދިންނަށް ނަމާދު ކުރަން ދަސް ކޮށް ދިނުމުގެ އިތުރުން، ޠަހާރަތުގެ ބައެއް ލުއި ޙުކުމްތަކާއި، ނަމާދު ކުރަން ވާނީ ވުޟޫކޮށްގެން އަދި ޠާހިރުކޮށް ހުރެގެން ކަން ހަނދާންކޮށް ދޭން ވާނެއެވެ. އަދި ކުޑަ ކަމު ދާއިރު ގަޔަށް ދާ ގޮތަށް ކުޑަ ކަމު ގޮސްގެން ނުވާނެ ކަމަށާއި، އަވަދިވެގެން ދޮންނަން ޖެހޭނެ ކަންވެސް އަހަރެމެންގެ ޅަ ދަރިންނަށް ދަސްކޮށް ދިނުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ.

ހަތް އަހަރާއި ދިހަ އަހަރާއި ދެމެދު :

މި ޢުމުރުގެ ކުދިންގެ ކިބައިން ފާހަނގަ ކުރެވެނީ، ނަމާދާއި ދުރަށް ދާން އުޅޭ އުޅުމެވެ. ޅަ އިރު ނަމާދު ކުރަން ފަރިތަ ކުރުވި ކަމުގައި ވިޔަސް މި ޢުމުރުގައި ކަންތައް ދާނީ މިހެންނެވެ. އެ ގޮތުން ނަމާދަށް ކަންނެތް ވުމާއި، ނަމާދުން ރެކުން ފަދަ ކަންތައް މު ޢުމުރުގައި ކުދިންގެ ކިބައިން ފެނެއެވެ. ސަބަބަކީ މި ޢުމުރަކީ ޠަބީޢީ ގޮތުންވެސް ކުދިންގެ ކިބައިގައި ދެކޮޅުވެރި ވެގަތުމާއި، ބޯ ލެނބުން އެއީ ނެތް ކަމެއް ކަމަށް ދެކޭ ޢުމުރެވެ. ވީމާ މި ޢުމުރުގެ ކުދިންނާއި މުޢާމަލާތު ކުރުމުގައި، ތަންކޮޅެއް ފަރުވާތެރިވެ، ބުއްދީގެ ބޭނުން ކުރަން އެބަޖެހެއެވެ.

އެ ގޮތުން މިސާލަކަށް، ސީދާ ގޮތެއްގައި [ކަލޭ ނަމާދު ކޮށްފިންތަ ؟] މިހެން ސުވާލު ނުކުރާށެވެ. މިހެން އަހައިފިއްޔާ ކުއްޖާ ގިނަ ފަހަރަށް ހަދާނީ ނަމާދުކޮށްފި ކަމަށް ބުނެ، ދޮގެކެވެ. ނަތީޖާއަކަށް ވާނީ ނަމާދު ނުކުރުމުގެ ރުޅިއާއި ދޮގު ހެދުމުގެ ރުޅި ދަރިފުޅަށް ބާލާލެވޭނީއެވެ. އަދި ފަސޭހަ ގޮތަކަށް ނަމާދުން ރެކެވޭނެ ފުރުސަތު ދަރިފުޅަށް ދެވުނީއެވެ. ވީމާ މިއީ ރަނގަޅު ގޮތެއް ނޫނެވެ.

ރަނގަޅު ގޮތަކީ، ބަންގި އަޑު އިވުނީމާ ނަމާދު ވަގުތު ޖެހިއްޖެ ކަން ކުދިންނަށް ހަނދާންކޮށް ދިނުމެވެ. ނުވަތަ ކޮއްކޮ ގޮވައިގެން ނަމާދަށް ދާން، ބޮޑަށް ހުންނަ ކުއްޖާ ގާތު ބުނުމެވެ. އޭރުން ބޮޑު ކުއްޖާ އަށް ނަމާދުން ރެކެވޭނެ ޖާގައެއް ނޯންނާނެއެވެ.

ދަރިފުޅު ޓީވީ ބަލަން ހުއްޓާ ނަމަދަށް ދާށޭ ބުނުމުން ނަމާދަށް ނުގޮސް ހުރެއްޖެނަމަ، ޓވީ ހުރިތަނަށް ގޮސް ދަރިފުޅަށް ފެންނަ ހިސާބެއްގައި އިށީންނާށެވެ. އަދި ތިމަންނަ މިހުރީ ކަމެއް ބޭނުންވެގެން ކަން ކުއްޖާއަށް ދޭހަވާފަދަ ކަމެއް ކުރާށެވެ. އަދި ތިމަންނަ މަޑުކޮށްގެން މިހުރީ ވަރަށް މުހިއްމު ކަމެއް ވޭތޯ ބަލަން ކަމަށް ބުނާށެވެ. މަންމަ ނުވަތަ ބައްޕަ އެތާ މަޑު އެ ކުރަނީ ތިމަންނަ ނަމާދަށް ނުގޮސް ހުރީމާ ކަން، އޭނާއަށް އެނގުމުން، ލަދުން ނުވަތަ އުނދަގޫ ވެގެން ނަމަވެސް ނަމާދަށް ދާނެއެވެ.

ފުރިހަމަ ގޮތަކީ، ކުއްޖާ އަމިއްލައަށް ވިސްނިގެން ނަމާދު ކުރުމެވެ. ނަމަވެސް މި ޢުމުރުގައި މިގޮތަށް ކުދިން ވަރަށް ނަމާދު ނުކުރާނެއެވެ. އަމިއްލައަށް ވިސްނިގެން ފަހުން ނަމާދު ކުރާނޭ ހިތައި އަޅާ ނުލާ ދޫކޮށްލުމަކީ، ފަހުން ހިތާމަ ކުރަން ޖެހިދާނެ ކަމެކެވެ. ނަމާދު ކުރަން ކުދިން، ގެ ކައިރީ މިސްކިތަށް ފޮނުވިދާނެ އެހެން ގޮތެއްވެސް އެބަ އޮތެވެ. އެއީ ފިހާރައިން އެއްޗެއް ގަންނަން ފޮނުވާ ވަގުތާއި ނަމާދަށް ފޮނުވާ ވަގުތު އެއްވަގުތަކަށް ހަދާލުމެވެ.

އަދި ހަތް އަހަރުވީމާ ދަރިފުޅުގެ ރައްޓެހިންނާއި ގާތްތިމާގެ މީހުން އެއްކޮށްލާފައި، ކުޑަ ޙަފްލާއެއް ފަދަ ކަމެއްވެސް ކުރެވިދާނެއެވެ. އަދި އެ ޙަފްލާގައި އެހެނިހެން ހަދިޔާތަކުގެ އިތުރަށް، ނަމާދު ކުރާނެ އާ މުސައްލައެއް، ނަމާދު ކުރާ ގޮތް ކިޔާދީފައި ހުންނަ ފޮތެއް ފަދަ އެއްޗެއް ދަރިފުޅަށް ދެވިދާނެއެވެ. މިއީ އެހެން ތިމާގެ ދައްތައެއް ފަދަ މީހެއް ގެންނަ އެއްޗެއްގެ ގޮތުގައިވެސް ހަމަ ޖެއްސިދާނެއެވެ. އަދި މި ޕާޓީ ތެރޭގައި، ހަތް އަހަރު ވުމަކީ ޤަވާއިދުން ނަމާދު ކުރަން ފައްޓަން ޖެހޭ ޢުމުރުގެ ކަމުގައި އިޢްލާން ކުރެވިދާނެއެވެ.

މި ޙަފްލާގެ ދެ މަހެއް ކުރިން މިކަހަލަ ކަމެއް އޮންނާނެ ކަން ދަރިފުޅަށް އިޝާރާތެއް ކޮށްލުމަކީ، އެ ކުއްޖާ މިކަމަށް ތައްޔާރު ވާން ދެވޭ ފުރުސަތަކަށް ވާނެއެވެ. އަދި އޭރުން އޭނާ ހުންނާނީ އެއްކަލަ ޙަފްލާއާއި، ނަމާދު ކުރަން ފައްޓައިގަންނަ މުހިއްމު ދުވަހަށް އިންތިޒާރު ކޮށްލަ ކޮށްލައެވެ.

ފުރާވަރުގެ ކުދިން :

ކުދިން ތަރުބިއްޔަތު ކުރުމުގެ އެންމެ އުނދަގޫ މަރުހަލާއަކީ ކުއްޖާ ބާލިޣްވަމުން އަންނަ ޢުމުރެވެ. މި ޢުމުރުގެ ކުދިންގެ ކިބައިގައި ހުންނަ އެންމެ ފާހަނގަ ކުރެވޭ ސިފައަކީ ގޮންޖެހުމާއި، ބޯހަރުކަމެވެ. ވީމާ މި ޢުމުރުގެ ކުދިން ލައްވައި ނަމާދު ކުރުވުމަކީ އެއީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ބުނެ ބުނެ ނަމާދު ނުކުރުމުން އެކަމާ އަޅާ ނުލާ ދޫކޮށްލުމަކީ، ވަރަށް ވެސް ނުރައްކާތެރި އަދި ގެއްލުން ބޮޑު ކަމެކެވެ.

މިގޮތަށް ދޫކޮށްލެވިއްޖެނަމަ ކުއްޖާ ބާލިޣްވެ މުކައްލަފަކަށް ވުމަށްފަހުވެސް ނަމާދު ނުކުރާއެވެ. އަދި މުސްތަޤްބަލުގައި ވެސް އެ ކުއްޖާ ޤަވާޢިދުން ނަމާދު ކޮށްފާނެ ކަމާމެދު މި ހިސާބުން ސުވާލު އުފެދޭނެއެވެ.

ﷲ އަމުރު ކުރައްވާފައި ވަނީ އެކަލާނގެ މަގަށް ޙިކުމަތާއި ރީތީ ބަހުން ގޮވާލުމަށެވެ. ވީމާ ނަމާދު ކުރަން ދަރިފުޅަށް ގޮވާލަން ޖެހޭނީވެސް މި އުސޫލުންނެވެ. ފުރާވަރަށް އަޅަމުން އަންނަ ކުއްޖަކުލައްވާ ގަދަކަމުން ނަމާދު ކުރުވަން އުޅުމުގެ ބަދަލުގައި އެ ކުއްޖާ ހިތުގައި ނަމާދަށް ލޯބި ޖައްސަުވާށެވެ. އަދި ދީނަށް ލޯބި ޖައްސާށެވެ. މަޑުމައިތިރި ކަމާއެކު ވާހަކަ ދައްކައިގެންނެވެ.

ބޮޑުވަމުން އަންނަ ދަރިފުޅު ނަމާދު ނުކުރުމުން އެކަމާ މާޔޫސްވެ، މަސައްކަތް ހުއްޓާ ނުލާށެވެ. ޙިކުމަތާއެކު މަސައްކަތް ކުރުމުން މިއަދު ނުވިއްޔާ އަނެއް ދުވަހު ރަނގަޅު ނަތީޖާ ފެންނާނެއެވެ.

ކުދިން ނަމާދު ކުރަން ބާރު އެޅޭ ބައެއް ކަންތައް :

1- ނަމާދަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ދޭ ކަން އަބަދުވެސް ކުދިންނަށް ދައްކައިދޭށެވެ. ކުއްޖާ ނަމާދު ނުކޮށް ނިދަން ދާން އުޅެފިނަމަ، މިހާރު ޢިޝާ ވަގުތާއި ދޭތެރޭ އޮތީ ކުޑަ ވަގުތުކޮޅެއް ކަމަށާއި ނަމާދު ކޮށްގެން ނިދަން މަޑު ކުރަން ބުނާށެވެ. ނަމާދު ވަގުތު ކައިރިވެފައި ވަނިކޮށް ތަނަކަށް ދާން ޖެހުނަސް، ނަމާދުކޮށްގެން ދާން އާދަ އަކަށް ހަދާށެވެ.

ހަމަ އެހެންމެ ނަމާދު ކުރުމުގެ ރޫޙު އާލާ ކުރެވިދާނެ އަނެއް ގޮަތަކީ، ކަންކަމަށް ވަގުތު ކަނޑައަޅާ އިރު އަބަދުވެސް ނަމާދު ވަގުތަކާއި ގުޅުވުމެވެ. މިސާލަކަށް، ޕާކަށް ދިއުން އޮތީ ޢަޞުރު ފަހުން ކަމަށް ބުނާށެވެ. މޫދަށް ދިއުން އޮތީ މެންދުރު ނަމާދުކޮށްގެން ކަމަށް ބުނާށެވެ. ކާފަމެން ވަކިން އުޅޭ ނަމަ ކާފަ މެންގެއަށް ނުވަތަ، ރައްޓެއްސެއްގެ ގެއަށް ދިއުން އޮތީ ޢިޝާކޮށްގެން ކަމަށް ބުނާށެވެ. ރޭގަނޑު ކެއުން، މެންދު ކެއުން ވެސް ނަމާދު ވަގުތާއި ގުޅުވާފައި ބާއްވާށެވެ.

2- ކުދިން ގޮވައިގެން ދުވަން ނުވަތަ ކުޅެ ސަކަރާތް ޖަހަން ޕާކަށް ނުވަތަ އަތިރިމައްޗަށް ދިއުމަކީ ރަނގަޅު އަދި މުހިއްމު ކަމެކެވެ. ނަމަވެސް މިހެން ދާއިރުވެސް މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ދެމެދު، އެ ދެ ނަމާދު ފާއިތުވާނެ ފަދަ ގޮތަކަށް ނުދާށެވެ. އެއް ގޮތަކީ މަޣްރިބް ކޮށްގެން، މަތީގައި ވާ ކަންތައް ކުރަން ގޮސްފައި ޢިޝާ ކުރިން ގެއަށް އައުމެވެ. އަނެއް ގޮތަކީ މަޣްރިބް ކުރިން ނުވަތަ ޢިޝާ ފަހުން ދިއުމެވެ.

ދުވަން ނުވަތަ ކުޅެން ކުދިން ގޮވައިގެން، ގޮސް ހުންނަ ހުރުމުގައި ނަމާދު ފާއިތުވެގެން ދިއުމަކީ، ބޮޑު މީހާގެ ނަމާދު ފާއިތުވުމުގެ އިތުރުން، ނަމާދަށް ބަހައްޓަން ޖެހޭ އިޙްތިރާމް ކުދިންގެ ހިތުގައި ކުޑަ ވެގެން ދާނެ ކަމެކެވެ. އަދި ނަމާދަށް ފަރުވާކުޑަ ކުރުމާއި ފަހުން ކުރަން ބޭއްވުމުގެ އާދަ އެ ކުދިންގެ ކިބައިގައި އަށަގަންނާނެ ކަމެކެވެ.

3- ކުދިން ތަރުބިއްޔަތު ކުރުމުގައި އޮންނަ އެންމެ މުހިއްމު އަދި އެންމެ މޮޅު ވަސީލަތަކީ، ކުދިންނަށް ނަމޫނާއަކަށް ވުމެވެ. ކުދިން ވަގުންނަށް ހަދަން ބޭނުން ނަމަ ވައްކަން ކުރާށެވެ. ދޮގު ހަދަން ދަސްކޮށް ދޭން ބޭނުންނަމަ ކުދިން ތިބޭ ތަންތާނގައި ދޮގު ހަދާށެވެ. އަންހެނުންނަށް އިޙްތިރާމް ނުކުރަން ދަސްކޮށް ދޭން ބޭނުން ނަމަ، ކުދިން ކުރިމަތީ އެ ކުދިންގެ މަންމައަށް ހަޅޭކެއް ލަވާށެވެ!

މަތީގައި ވަނީ ފަހަރެއްގައި ވެސް ތަރުބިއްޔަތެއް ނޫނެވެ. އެއީ ތަރުބިއްޔަތުގެ އިދިކޮޅެވެ. ބުނަން ބޭނުންވާ ވާހަކައަކީ، ކުދިންނަށް ނުބައި ކަންތައް ދަސްކޮށް ދެވޭ ފަދައިން ރަނގަޅުކަންތައް ވެސް ދަސް ކޮށް ދެވޭ ވާހަކައެވެ. މައިންބަފައިންގެ ކިބައިގައި ހުންނަ ނުބައި އާދަތައް ކުދިން ނަކަލު ކުރާ ފަދައިން، އެ މީހުންގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތައް ވެސް ކުދިން ނަކަލު ކުރާ ވާހަކައެވެ.

ވީމާ ތިމާގެ ދަރިފުޅަކީ ނަމާދު ކުރާ ކުއްޖަކަށް ހަދަން ބޭނުމިއްޔާ، އަޅަން ވީ ފުރަތަމަ ފިޔަވަޅަކީ އެ ކުދިންނަށް ރަނގަޅު ނަމޫނާއަކަށް ވުމެވެ. ވަގުތުން ނަމާދު ކުރުމެވެ. ބައްޕަ ރާޒުވާ ކުޅެން، މަންމަ ސިލްސިލާ ފިލްމެއް ބަލަން ހުރެ، ކުދިން ކައިރީ ނަމާދަށް ދާށޭ ބުންޏަސް، އެ ކުދިން ނަމާދަށްވ ނުދާނެއެވެ. އަދި ކުދިންގެ ކިބައިގައި ނަމާދު ކުރުމުގެ އާދައެއްވެސް އަށަ ނުގަންނާނެއެވެ.

4- ކުދިންގެ ހިތުގައި ނަމާދަށް ލޯބި ޖެއްސުމުގެ ގޮތުން ކުރެވިދާނެ އަނެއް ކަމަކީ، ކުދިންނަށް ކިޔަވައި ދޭ އިރު - މިސާލަކަށް ނަވަތަ - ނަމާދާއި ކޮންމެވެސް ގޮތަކަށް ގުޅައިގެން ދަސްކޮށް ދެވިދާނެއެވެ. މި ގޮތުން މީހަކު ދެ ރަކްޢަތް ކޮށްފައި މެންދުރު ނަމާދުގެ ހަތަރު ރަކްޢަތް ކުރުމުން ވާނީ ކިތައް ރަކްޢަތް ހޭ؟ ވަރަށް ކުޑަ ކުއްޖެގެ ގާތު އެހިދާނެއެވެ. 500 މީޓަރު ދުރުގައި ހުރި މިސްކިތަކަށް މީހަކު ފިޔަވަޅަކު 40 ސެންޓި މީޓަރަށް ހިނގާނަމަ، މިސްކިތަށް ދެވޭނީ ކިތަށް ފިޔަވަޅުން ހޭ؟ ސުވާލު ކުރެވިދާނެއެވެ. އަދި ކޮންމެ ފިޔަވަޅަކަށް ދިހަ ޘަވާބު ލިބޭނަމަ ލިބޭނީ ކިތައް ޘަވާބު ތޯ؟ ސުވާލު ކުރެވިދާނެއެވެ. މިއީ ތަންކޮޅެއް ބޮޑު ކުއްޖަކާ ކޮށްލަން ރަނގަޅު ސުވާލެކެވެ.

މިއީ ހައްތާވެސް މިސާލެވެ. މިކަހަލަ ކިތަންމެ ގޮތެއް، ދާއިރާތަކެއް ވިސްނައިފިއްޔާ ފެންނާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.