ބުދަ20201118

އާކުރެވުނީ: 08:43:52

Back ކަވާސާ ޢާއިލާ ޢާއިލާގެ ބައިތައް ކުދިން ކުޑަކުދީންގެ ހުވަފެންތަކާއިމެދު ޢަމަލުކުރާނީ ކިހިނެއް؟

ކުޑަކުދީންގެ ހުވަފެންތަކާއިމެދު ޢަމަލުކުރާނީ ކިހިނެއް؟

kudakudhin huvafenނިދަން އޮވެފައި، ކުއްލިއަކަށް ސިހުމާއި ބިރުވެރިކަމާއިއެކު، ރޭގަނޑުގެ ދަންގަޑިތަކުގައި، ކުޑަކުދިން ހޭލާތަން އަޅުގަނޑުމެންނާ ވަރަށް ގިނައިން ދިމާވެއެވެ. ބައެއް ފަހަރު މިބިރުވެރިކަމުގެ ސަބަބަކީ، ހެދުން އަލަމާރީގައި ހުންނަ ފުރޭތައެކެވެ. ނުވަތަ ވަރަށް އުސްތަނަކުން ވެއްޓޭ ވެއްޓުމެވެ. ނުވަތަ ޖަންގައްޔެއްގެ ތެރެއަށް ގެއްލޭ ގެއްލުމެވެ. މައިންބަފައިންނަށް، އެއީ، ހަމައެކަނި، ހުވަފެނެއްކަމާއި ޙަޤީޤަތެއް ނޫންކަން އެނގުނުނަމަވެސް، ކަމުގެ ޙަޤީޤަތް ކުޑަކުދިންނަށް ނުވިސްނިދާނެއެވެ.

ހުވަފެނާއި ބެހޭ ތަޖުރިބާކާރެއް ކަމުގައިވާ، ޑރ. ޖީލިއަން ހޮލޮވީ ވިދާޅުވެއެވެ. '' ބިރުގަތްފައިވާ ކުއްޖާ ހިތްހަމަޖައްސައިދިނުމަށް މަންމައާއި ބައްޕަ މަސައްކަތްކުރަންވާނެ. އަދި އެހުވަފެނުގެ ތަފްޞީލުތަކާއި، އެކުއްޖާގެ ދުވަސް ހޭދަވެގެން ދިޔަ ގޮތުގެ ތަފްޞީލު ހޯދަންވާނެ. އެއީ ވަރަށްގިނަ ކުޑަކުދީންނަށް، އެކުދީންނަށް ދުވާލު ފެނި، ސިކުނޑީގައި ހަރުލާފައި ހުންނަ ތަކެތި ހުވަފެނުން ފެނޭ. އަދި ބައެއް ހުވަފެންތަކަކީ، ކުއްޖާ ކަޑައްތުކުރަމުންދާ ނަފްސާނީ ޙާލަތެއްގެ ތަފްސީރުކަމަށްވެސްވެފައިހުރޭ. އެއީ ފަހަރެއްގައި އޭނާއަށް ކުރިމަތިވި ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ޖިންސީ ގޯނާއެއްގެ ސަބަބުން ފެންނަ ހުވަފެނަކަށްވެދޭ. އެހެންވީމާ، ހުވަފެން ދެނެގަނެ، އެކަމުގެ ޙަޤީޤަތް ވީވަރަކުން ކުޑަކުއްޖާއަށް ކިޔައިދީ އޭނާ ހިތްހަމަ ޖައްސައިދިނުން މުހިއްމު''.

ތިރީގައި މިބަޔާންކޮށްލަނީ، ކުޑަކުދިންނަށް ޢާންމުގޮތެއްގައި ފެންނަ ބިރުވެރި ހުވަފެންތަކާއި، އެއިން އަންގައިދޭ މާނަތަކެވެ.

ފުރޭތަ

ކުޑަކުދިންގެ ދުނިޔޭގައި، އެތައް ވައްތަރެއްގެ ފުރޭތައެއް އުޅެއެވެ. އެކަމަކު، އެއިން ފުރޭތައެއް، ހެދުން އަލަމާރީގައި ނުވަތަ އެނދުދަށުގައި ނުވަތަ ފަންގިފިލާ މަތީ ފިލައިގެން އުޅޭކަމަށްވާނަމަ، މީގެ މާނައަކީ، ގޭގައި އެކުއްޖަކަށް އަމާންކަން އިޙްސާސްނުކުރެވޭކަމެވެ. ހުވަފެނުގައި، އެކުއްޖާ އަތުލަންވެގެން ފުރޭތަ ދުވާނަމަ، ނުވަތަ އެކުއްޖާއާއި ދިމާއަށް އަޑުލައްވައި އިންޒާރުދީ ބިރުދައްކާނަމަ، މީގެ މާނައަކީ، އެކުއްޖާއަށް އުނދަގޫކުރާ ކޮންމެވެސް މީހަކު، ޙަޤީޤީ ދުނިޔޭގައިވެސް، އުޅުންކަމުގައިވެދާނެއެވެ. ނިދާފައޮންނައިރު، ފުރޭތައެއްގެ ސިފައިގައި ތަމްސީލު އެވަނީ، އެމީހާއެވެ.

ކޮމެންޓު

ކުއްޖާއާއި ދިމާއަށް ބާރަށް އެއްޗިހި ބުނެ، ހަޅޭއްލަވައި ހަރުކަށިކޮށް ޢަމަލުކުރެވޭކަމުގައިވާނަމަ، އެކުއްޖާގެ ސިކުނޑިން މިކަންތައް ''ފުރޭތަ'' އެއްގެ ގޮތުގައި ބައެއްފަހަރު ތަރުޖަމާކޮށްފާނެއެވެ. މައިންބަފައިންނާއި ޢާއިލާގެ އެހެންމީހުންގެ އިތުރުން، ހަރުކަށި މުދައްރިސެއް ނުވަތަ ބިރުވެރި އަވަށްޓެރިއަކުވެސް މިކަމުގެ ފަހަތުގައިވެދާނެއެވެ. މިހުވަފެންތައް ފެނުމުގެ ސަބަބަކީ، ހަމައެކަނި ޖިސްމާނީގޮތުން އެކުއްޖާއާއިމެދު ނުބައިކޮށް މުޢާމަލާތްކުރެވުމެއްނޫނެވެ. އެހެންނަމަވެސް، މިއިން އަންގައިދެނީ، ތިބާގެ ދަރިފުޅަށް އޭނާއި ގާތް ކޮންމެވެސް މީހެއްގެފުށުން، އޭނާ ވަރުބަލިވެ ނުތަނަވަސްވާފަދަ ކަންތައްތަކެއް ކުރިމަތިވެފައިވާކަމެވެ.

މިފަދަ ހުވަފެނެއް ތަކުރާރުވަމުންދާނަމަ، އެހުވަފެނަކާއި ޙާލަތާއި ނުވަތަ ދަނޑިވަޅާއި ގުޅުވަން މަސައްކަތްކުރާށެވެ. މިސާލަކަށް އޭނާ ފުޓްބޯޅަ ޕްރެކްޓިހަށްދާ ދުވަސްތަކާއި ނުވަތަ ތިމާގެ މީހަކަށް ޒިޔާރަތްކުރާ ދުވަސްތަކާއި ގުޅުވައިގެން ބަލާ ޗެކުކުރާށެވެ. ކުޑަކުދިން ބިރުގެންނެވުމުގައި، ޢާއިލާވެސް ދައުރެއް އަދާކުރާކަން ހަނދާންނައްތާނުލާށެވެ. ކާންއިދިކޮޅުހެދުމުން، ނުވަތަ އެނޫންވެސް ކަންކަމުގައި، މައިންބަފައިން، ފުރޭތައެއް ނުވަތަ ބުޅަލެއް، ނުވަތަ ކޮންމެވެސް ބިރުވެރި މީހެއްގެ ވާހަކަބުނެ، ކުއްޖާ ބިރުގަންނުވައިގެން، ކަންތައްތައްކުރުވާތީ ވަރަށް ޢާންމުކޮށް ފެނެއެވެ. މިއީ ހަމައެކަނި އެކަމުންވެސް، ކުއްޖާގެ ނިދީގެ ވަގުތު ބިރުވެރިކަމެއްގެތެރެއަށް ބަދަލުކޮށްލަފާނެ ކަމެކެވެ.

ވެއްޓުން

ހަމަޖެހުންނެތި، ކޮންޓްރޯލުން ނެއްޓިފައިވާކަމުގެ އިޙްސާސްވެރިވުމުން، ބޮޑެތި މީހުންނެކޭ އެއްފަދައިން ކުޑަކުދިންނަށްވެސް، އެކުދިން ތަންތަނުން ވެއްޓޭ މަންޒަރު ހުވަފެނުން ފެނެއެވެ. ގިނަ ފަހަރަށް، ވެއްޓޭ ހުވަފެން ފެންނަނީ، އިސްތިޤްރާރުކަމެއް، ހަމަޖެހުމެއް ނެތްކަމުގެ ދާޚިލީ އިޙްސާސަކާއި ވިދިގެންނެވެ. މިސާލަކަށް، އާ އިސްކޫލަކަށް ބަދަލުވާންޖެހުން، ނުވަތަ ދުރުތަނަކަށް ފުރަންޖެހުމުން މިފަދަ ޙާލަތްތައް މެދުވެރިއެވެ.

ކޮމެންޓް

ބައެއް ޙާލަތްތަކުގައި، ވެއްޓުމުގެ ހުވަފެނާއި، ކަންފަތުގެ ހާނިއްކަތައް ނުވަތަ ކަންފަތުގެ ބެރުގެ ދުޅަވުންތަކާއި ގުޅިފައިހުރެއެވެ. ޙަޤީޤަތުގައިވެސް، ފަހަކަށް އައިސް، ކުއްޖާގެ ކަންފަތަށް ގެއްލުމެއް ލިބިފައިވާނަމަ، ނުވަތަ ވަރަށްފަހުން، ރޯގާޖެހިގެން އުޅުނުކަމުގައިވާނަމަ، ވެއްޓޭ މަންޒަރު ހުވަފެނުން ފެނުމަކީ، ޠަބީޢީ ކަމެކެވެ. މިނޫން ސަބަބުތަކަށްބަލާއިރު، ފަހަރެއްގައި އެއީ އޮކްސިޖަން ލިބޭލެއް މަދުވުމުން، ނުވަތަ ނިދާގޮތުން ދިމާވާކަމެއްކަމަށްވެސްވެދާނެއެވެ.

އިންސެކްޓްސް

ކުޑަކުދީންނަށް، އެކުދީން ނިދާ އެނދުގައި، އެކިވައްތަރުގެ އިންސެކްޓްސް އުޅޭތަން ހުވަފެނުންފެނެއެވެ. ވަކިން ޚާއްޞަކޮށް، މިފަދަ އެއްޗިހި އުޅޭ ފިލްމެއް ބެލުމަށްފަހު ނިދައިފިކަމަށްވާނަމައެވެ.

ކޮމެންޓް

އާދަޔާއި ޚިލާފު އިންސެކްޓެއް އެނދުގައި އުޅޭ މަންޒަރު ފެނުން ގިނަފަހަރަށް، ގުޅިފައި ހުންނަނީ، މަންމައާއި ބައްޕަ ވަކިވުންފަދަ ޢާއިލީ މައްސަލަތަކާއެވެ. ނުވަތަ އާ ގެއަކަށް ބަދަލުވުން، ނުވަތަ ޢާއިލާއަށް އެހެން ކުއްޖަކު ލިބުންފަދަ ކަންކަމާއިއެވެ. މިފަދަ ހުވަފެންތަކުގެ ސީދާ ސަބަބެއް ކަނޑައަޅައި ބުނަން ނޭނގުނުނަމަވެސް، މިއީ، ޙައިރާންކަމާއި، ކަމެއްގެ ޙަޤީޤަތް ނޭނގިގެން އުޅުމުގެ އިޙްސާސް ކުއްޖާއަށް ވެރިވެފައިވާކަން ދޭހަކޮށްދޭ ކަމެކެވެ. މިފަދަ އިންސެކްޓެއްގެ ހުވަފެން ފެނިއްޖެވާހަކަ ބުނެފިނަމަ، އޭނާއަށް އެހީތެރިކަމާއި އަޅާލުންތެރިކަން ދިނުމަށް ފަސްނުޖެހޭށެވެ. އަދި އަލަށް އަންނަން އުޅޭ ބަދަލާއިއެކު، ހުރިހާކަމެއްވެސް ކުރިއަށްވުރެ ރަނގަޅުވާނެކަން، އޭނާއަށް ކަށަވަރުކޮށްދޭށެވެ.

އުދުހުމުގެ ކުޅަދާނަކަން ލިބުން، ނުވަތަ ޖާދޫގެ ކުޅިވަރުތައް އެނގުން

ހުވަފެނުގައި، އޭނާއަށް ލިބިފައިވާ އާދަޔާއި ޚިލާފު ބާރުތަކާއި، ޖާދޫގެ ކުޅަދާނަކަމާއި ވިދިގެން، މިފަދަ ޙާލަތްތަކުގައި، ބަޠަލުވަންތަކަމުގެ ފަޚްރުވެރި އިޙްސާސް ކުޑަކުއްޖާއަށް ކުރެވެއެވެ. ހޭލުމަށްފަހު، ހުވަފެނުގައި، މުޅިދުނިޔޭގައި އުދުހި، އެހެން މީހުން ސަލާމަތްކޮށްދިނިންކަމަށް، އޭނާ ބުނެފާނެއެވެ.

ކޮމެންޓް

މިފަދަ ހުވަފެންތަކުގެ ސަބަބުން، ކުޑަކުއްޖާއަށް އޭނާއަށް ލިބިފައިވާ ޝަޚްޞީ ކުޅަދާނަކަމުގެ ބޭނުންކޮށްގެން، ކާމިޔާބު ލިބުމުގެ ތަޖުރިބާ ޚިޔާލަށް ގެނުވައިދެއެވެ. އަދި އޭގެ ޛަރީޢާއިން، އެހެން މީހުންނަށް އޯގާތެރިވުމާއި، ހިތްވަރުގަދަކަމާއި، ވިސްނުންތޫނުކަމާއި، އެކިއެކި މައްސަލަތައް ޙައްލުކުރުން ދަސްވެއެވެ.

ދިރޭ ކޮންމެވެސް އެއްޗެއް ނުވަތަ އޮޅު އެއްޗެއް، ނުބައިނުލަފާ އެއްޗަކަށް ބަދަލުވުން

މި ހުވަފެންތަކުގައި، އޮޅު ބުޅަލެއް، ނުވަތަ ކުޅެންގެންގުޅޭ ކޮންމެވެސް އެއްޗެއް، ބިރުވެރި ފުރޭތައެއްކަހަލަ އެއްޗަކަށް ބަދަލުވާތީ ފެނިދާނެއެވެ. މިއީ ވަރަށް ގިނައިން ދިމާވާކަމެކެވެ. އަދި، ހުވަފެނުގެ ސަބަބުން، އޭނާ ހޭލައި، އެއެއްޗެއް އޭނާގެ ކޮޓަރިން ނެރުމަށް އެދިފާނެއެވެ.

ކޮމެންޓް

ކުޑަކުއްޖާ ކުޅެންގެންގުޅޭ އެއްޗެއް ނުވަތަ އޭނާ ގާތްކޮށްގެން ގެންގުޅޭ ކޮންމެވެސް ދިރޭއެއްޗެއް، އޭނާއާއި ބީރަށްޓެހި، އޭނާ ބިރުގަންނަ ފަދަ އެއްޗަކަށް ބަދަލުވާތަން ދައްކުވައިދޭ ހުވަފެންތަކަކީ، އޭނާގެ ނަފްސިއްޔަތުގައި ވަރަށް ފުން މާނަތަކެއް އެކުލެވިގެންވާ ކަމެކެވެ. މިކަން އޭނާއަށް އެގުޅުވެނީ، އާންމުގޮތެއްގައި އޭނާއާއި ވަރަށް ގާތްކޮށް އުޅޭ މީހަކު، އޭނާއާއިމެދު ހަރުކަށިކޮށް މުޢާމަލާތްކުރުމާއިއެވެ. އެމީހާގެ އެހަރުކަށިކަމުގެ ސަބަބު، އެކުއްޖާއަށް މާނަކުރަން ނޭނގިވާޙާލުގައެވެ. ފަހަރެއްގައި އެމީހަކީ، މަދަރުސާގައި އުޅޭ އޭނާގެ ރަޙްމަތްތެރިކުއްޖަކަށްވެސް ވެދާނެއެވެ. ނުވަތަ ޢާއިލާގެ ކޮންމެވެސް މީހަކަށްވެސް ވެދާނެއެވެ.

ނުލަފާ ސިޙްރުވެރިޔާ ފެނުން

ވަރަށްގިނަ ކުދިންނަށް، އެކުދިން ބަލާ ކާރޓޫނުތަކާއި ކިޔާ ވާހަކަތަކުގައި އުޅޭ، ވިޗުން ނުވަތަ ނުލަފާ ސިޙްރުވެރިން ފެނެއެވެ.

ކޮމެންޓް

ފުރޭތައާއި، އޮޅު އެއްޗިއްސާއި ކުޅެންގެންގުޅޭތަކެތި ބިރުގަންނަ ސިފައަކަށް ބަދަލުވުމުން ދޭހަކޮށްދޭ މާނައެކޭ އެއްފަދައިން، މިބާވަތުގެ ހުވަފެންތަކުންވެސް އަންގައިދެނީ، ކުޑަކުއްޖާގެ ސިކުނޑީގައި އަޅައިގަނެ، ވަކިގޮތެއް ކަނޑައަޅަން ނޭނގިފައިހުރި ކަންތައްތަކެއް އުޅޭކަމެވެ. އެހެންކަމުން، އެފަދަ ހުވަފެންތަކާއިމެދު އަޅާނުލާ ދޫކޮށްނުލާށެވެ. ވަކިން ޚާއްޞަކޮށް، ހުވަފެން ތަކުރާރުވެއްޖެނަމައެވެ. އަދި ހުވަފެނާއި ޙަޤީޤީ ދުނިޔޭގައި ހިނގާކަމަކާއި ގުޅުންހުރިތޯ ބަލާށެވެ. ފަހަރެއްގައި، އެއީ ދަރިފުޅު ބަލަން ގެނެސްދީފައިހުރި، ކާރޓޫނު ސިލްސިލާއެއްގެ ސަބަބުން މެދުވެރިވާ ބިރުވެރިކަމަކަށްވެސް ވެދާނެއެވެ.

އޮރިޔާން

ބޮޑެތި މީހުންނެކޭ އެއްފަދައިން، ކުޑަކުދީންނަށްވެސް، ބައެއް ފަހަރު އެކުދީންނަށް މަގުމަތީގައި އޮރިޔާމަށް އުޅެވޭ މަންޒަރުފެނެއެވެ. ނުވަތަ އެންމެންނަށް ފެންނަފަދަ ތަނެއްގައި، ފާޚާނާކުރަން އުޅެވޭތަން ފެނެއެވެ.

ކޮމެންޓް

ހެދުމެއްނުލައި ހުއްޓާ، ނުވަތަ ހެދުންލާންވެގެން އުޅޭއިރު، ހެދުމެއް ނުފެނިގެން އުޅެނިކޮށް، ތިމާ އޮރިޔާން ޙާލަތުގައިވަނިކޮށް، އެހެން މީހުންނަށް ތިމާ ފެންނާތީ ހުވަފެނުގައި ފެންނަނަމަ، މިއިން އަންގައިދެނީ، ތިމާ އެވަނީ، މީހުންގެ އަހައްމިއްޔަތު ތިމާއާއި ދިމާއަށް ހުއްޓިފައިވާ މަރުކަޒެއްގައިކަމެވެ. ޢާންމުގޮތެއްގައި، ކުޑަކުދީންނަށް މިފަދަ ހުވަފެންތައް ފެންނަނީ، އޭނާގެ ކިބައިން ކަންތައްތަކަކަށް އިންތިޒާރުކުރެވޭ ވެށްޓަކަށް، އެކުދީން ބަދަލުވާ ހިނދުގައެވެ. މިސާލަކަށް، ފުރަތަމަ ފަހަރަށް މަދަރުސާއަށް ނުކުންނަ ޙާލަތުގައެވެ. މިއީ މާބޮޑު މައްސަލައެއްނޫނެވެ. މިކަމާއިހެދި، ކުއްޖާގެ ޚިޔާލު މާދުރަށް ފަހަނައަޅައިދިޔަނުދިނުމަށްޓަކައި، މައިންބަފައިންނަށް، އެހުވަފެނުން އަންގައިދޭކަމަކީ، މިއީކަން، އޭނާއަށް އޮޅުންފިލުވައިދެވިދާނެއެވެ.

ބަންދުކުރެވުން ނުވަތަ ޙަރަކާތްނުކުރެވުން

ބައެއް ހުވަފެންތަކުގައި، ކުއްޖާއަށް އޭނާއަށް އެއްވެސް ޙަރަކާތެއްނުކުރެވޭ ތަން، ނުވަތަ އޭނާ ތަނެއްގައި ބަންދުކުރެވިފައި ހުންނަ މަންޒަރު ފެނެއެވެ.

ކޮމެންޓް

މިފަދަ ހުވަފެންތަކުން އަންގައިދެނީ، އޭނާވަނީ، ހަމަޖެހުމަށް ބޭނުންވެފައިކަމެވެ. އަދި އޭނާއަށް ކޮންމެވެސް ކަމެއްގެ އިންޒާރާއި ބިރުކުރިމަތިވެފައިވާކަމުގެ އިޙްސާސްކުރެވިފައިވާކަމެވެ. ހަމައެގޮތަށް، އޭގެ މާނައަކީ، ޙަޤީޤަތުގައިވެސް، ކުއްޖާ މިނިވަންކަމާއިއެކު ޙަރަކާތްތެރިވެއުޅުމަށް ހުރަސްއަޅާ ބަޔަކު، ނުވަތަ ކަންތައްތަކެއް ހުރުންކަމަށް ވެދާނެއެވެ. ފަހަރެއްގައި، ދަރިފުޅަށް އެނގިފައިއޮތް، އެހެންނަމަވެސް، އެކަން އޭނާއަށް ފޮރުވުމަށް މަންމައާއި ބައްޕަ މަސައްކަތްކުރާ ޢާއިލީ ކޯޅުމެއްވެސް މިކަމުގެ ފަހަތުގައި އޮވެދާނެއެވެ.

ކުޑަކުދީންނަށް ފެންނަ ހުވަފެންތަކާއިމެދު، އެއީ ކޮންމެކަހަލަ ހުވަފެނެއްނަމަވެސް، އެކުދީންނާއިއެކު ވާހަކަދައްކައި، އޭގެ ޙަޤީޤަތް ވީވަރަކުން، އޮޅުންފިލުވައިދީ، އެކުދީން ހިތްހަމަޖައްސައިދިނުމަކީ، ވަރަށް މުހިއްމުކަމެކެވެ. އަދި، އޭގެ ސަބަބުތައް ނައްތާލުމަށްވެސް ވީވަރަކުން ، މައިންބަފައިން މަސައްކަތްކުރަން ވާނެއެވެ. ގޭތެރޭގައި، އެކުދީންނަށް، އަމާން ހިތްހަމަޖެހޭފަދަ ވެއްޓެއް ޤާއިމުވެފައި އޮތުމަކީ، ޙަޤީޤީ ދުނިޔެއިން، ހުވަފެނުގެ ދުނިޔެއަށް އެކުދީން ފިލައިގެން ދިޔަނުދީ ހިފެހެއްޓުމަށް އެޅޭނެ ވަރަށްބޮޑު ބާރެކެވެ.

ހަމައެފަދައިން، ރަނގަޅު ތަރުބިއްޔަތުދީ، އެކުދީންގެ ބިރުތަކުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްގެން، އެކުދީންލައްވައި ކަންކަންކަންކުރުވަންއުޅުމުން ދުރުވުމަކީވެސް، ވަރުގަދަ ޝަޚްޞިއްޔަތެއް ބިނާކުރުމަށް މަގުފަހިވާނެކަމެކެވެ. އެކުދީންގެ ނިދީގެ އެނދަކީ، ބިރުވެރި ކިއްލާއަކަށް ވިޔަނުދިނުމަށްޓަކައި، ރޭގަނޑުގެ ކެއުން ތަންކޮޅެއް ލުއިކޮށްލުމާއި، ޓީވީ ބެލޭނެ ވަގުތުތަކާއި، ބެލޭނެ ޕްރޮގްރާމުތައް ކަނޑައަޅާފައި ބެހެއްޓުމަކީވެސް، ކޮންމެހެން ނުބުނިކަމުގައިވީނަމަވެސް، އެންމެނަށްވެސް އެނގޭކަންކަމެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.