ބުރާސްފަތި20201119

އާކުރެވުނީ: 08:43:52

Back ކަވާސާ ޢާއިލާ ޢާއިލާގެ ބައިތައް ކުދިން މައިންބަފައިންނަށް ކަމޭހިތުން

މައިންބަފައިންނަށް ކަމޭހިތުން

mainbafain-kameyhithunމައިންބަފައިން: ''މިހާރޭގަނޑު އެކަނި ބޭރަށް ދާކަށް ނުވާނެ ''

ދަރިން: ''މަންމައަކަށް/ ބައްޕައަކަށް ނޭގޭނޭ މަދާންވީ ތަނެއް، ދާނެ އިރެއް''

މައިންބަފައިން: ''އެއީ ވަރަށް ގޯސް ކުއްޖެއް..އޭނާއާއިއެކީ ބޭރަށްދާން މަންމަ/ ބައްޕައަކަށް ނުފެނޭ''

ދަރިން: ''މަންމައަކަށް ނޭގޭނެ ..އެއީމަގޭ ބެސްޓްފްރެންޑް ..އަހަރެންގެ ރައްޓެހިންނާއި މަށާއި ދެމެދަށް ނުވަނިއްޔާ ރަނގަޅުވާނީ''

ދަރިން: މަންމަ/ ބައްޕަ މިހާރު މާ އަގަގަދަވަނީ ތީ ..މުސްކުޅިވީމައި އަގަ މަޑުލައިގެން ހުރީމަ ނިމުނީނު'' ''އަހަރެން ނުޖެހޭނެ މަންމަ/ ބައްޕަ ބަލާކަށް.މަށަށް ލިބޭ ލާރިން މިއުޅެނީ ދެކޮޅުނުޖެހިގެން'' ''މައެކަނިތަ މަންމަގެ/ ބައްޕަގެ ހުރީ ؟ ... އެހެންމީހުންވެސް އެބަތިއްބެއްނު އެމީހުން ބަލަން ..''

މިފަދަ އަޑު ތަކަކީ ބައެއްފަހަރު ކަންފަތުގައި ޖެހޭ އަޑުތަކެކެވެ. މައިންބަފައިންނާއި ދަރިންނާއިމެދު އޮންނަންޖެހޭ ގުޅުން ބައެއް އާއިލާތަކުގައިދަނީ ދަށްވަމުންނެވެ. މުސްކުޅިވެ ގައިން ބާރުކެނޑޭ ދުވަހު ކިތަންމެ ގިނަ ދަރިން ތިއްބަސް އަޅާލާނެ ކުއްޖަކު ނުފެންނަ ފަހަރު ފަހަރު އާދެއެވެ. މިއީ ޙަޤީޤަތުގައި މިކަން ވާންޖެހޭ ގޮތެއްނޫނެވެ.

މައިންބަފައިންނަށް ކަމޭހިތުމަކީ އިސްލާމްދީނުގައި ވަރަށްބޮޑަށް ބާރުއަޅައި އަމުރުކުރަށްވާފައިވާ ކަމެކެވެ. މައިންބަފައިންނަށް ކިޔަމަންތެރިވެ ކަމޭހިތައި ހެޔޮކޮށް ހިތުމަކީ އިންސާނީ ފިޠުރަތުންވެސް ކުރަންޖެހޭނެ ކަމެކެވެ. ފަހެ އެދެމީހުންނަކީ ކޮންމެމީހަކުވެސް މިދުނިޔެއަށް އުފަންވުމުގެ ސަބަބެވެ. މަންމަވަނީ ނުވަމަސްދުވަހު ދަރިފުޅު ބަނޑުގައި އަޅައި އެކަމުގެ ވޭނާއި ތަދު އުފުލާފައެވެ. އޭގެފަހުން ވިހެއުމުގައި އުފުލާ ކެކުޅުމަކީ އެފަދަކަމެއް ދިމާވާ މީހަކަށްނޫނީ ހިތަށްވެސް ގެންނަން އުދަގޫ ކަމެކެވެ.

އަދި ވިހެއުމަށްފަހު ރޭގަނޑުގެ ނިދިނަގާލައިގެން ބަލާބޮޑުކޮށް އެއްވެސް ފަދައެއް ނެތް ކުއްޖަކު ވަރުގަދަ މީހަކަށް ހަދަނީ މަންމަ ނުން ދެވަނަ މީހެއްނޫނެވެ. ބައްޕަ އަކީ ދަރިއަށްދޭ ލޯތްބާއި އަޅާލުމުގެ އިތުރަށް ހުރިހާ ބުރައެއް އުފުލުމުގައި މަންމަ އަށް އެހީތެރިވެދޭ މީހާއެވެ. މަންމައާއި ބައްޕައަށްވުން އެއްކިބާގައި ބާއްވާފައި މިފަދަ ޤުރުބާނީތަކެއް ވެފައިވާ ބަޔަކަށް ނުބައިކޮށް ހިތުމަކީ މާތް އަޚްލާޤުގެ ޒައްރެއްވެސް ހުރިމީހަކު ކޮށްގެންވާނެ ކަމެއްނޫނެވެ. މާތްﷲ ވަޙީކުރައްވަނީ: وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ إِحْسَانًا ۖ حَمَلَتْهُ أُمُّهُ كُرْ‌هًا وَوَضَعَتْهُ كُرْ‌هًا ۖ وَحَمْلُهُ وَفِصَالُهُ ثَلَاثُونَ شَهْرً‌ا (އަލްއަޙްޤާފް 15)

އާޔަތުގެ މާނައަކީ: "އިންސާނާއާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަސިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި، ތުރާލާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އުނދަގުލާއި، ތުރާލާއެކު އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސްދުވަހެވެ."

جَاءَ رَجُلٌ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ : " مَنْ أَحَقُّ النَّاسِ بِحُسْنِ صَحَابَتِي ؟ قَالَ : أُمُّكَ ، قَالَ : ثُمَّ مَنْ ؟ قَالَ : ثُمَّ أُمُّكَ ، قَالَ : ثُمَّ مَنْ ؟ قَالَ : ثُمَّ أُمُّكَ ؟ قَالَ : ثُمَّ مَنْ ؟ قَالَ : ثُمَّ أَبُوكَ

މާނައަކީ: ރަސޫލާ އަރިއަހަށް މީހަކު އައިސް ދެންނެވިއެވެ. [އަޅުގަނޑު އެމީހަކަށް ހެޔޮކޮށް ހިތުން އެންމެ ޙައްޤުކަން ބޮޑީ ކާކަށްތޯއެވެ؟] ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ ކަލޭގެ މަންމައެވެ.] އޭނާ ދެންނެވިއެވެ. [އެއަށްފަހު ކާކަށްތޯއެވެ؟] ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ކަލޭގެ މަންމައެވެ.] އޭނާ ދެންނެވިއެވެ. [އެއަށްފަހު ކާކަށްތޯއެވެ؟] ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ކަލޭގެ މަންމައެވެ.] އޭނާ ދެންނެވިއެވެ. [ދެން ކާކަށްތޯއެވެ؟] ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ކަލޭގެ ބައްޕައެވެ.]

މައިންބަފައިންނަށް ނުކިޔަމަންތެރިވުމަކީ ބޮޑެތިފާފަތަކުގެ ތެރެއިންވާ ކަމެކެވެ. މިކަމާއިބެހޭގޮތުން ބުޚާރީއާއި މުސްލިމުގައި ވާރިދުވެފައިވާ ޙަދީޘްފުޅެއްގައިވެއެވެ: ألا أنبئكم بأكبر الكبائر ؟ - ثلاثا - قلنا : بلى يا رسول الله ، قال : الإشراك بالله ، وعقوق الوالدين وكان متكئا فجلس ، وقال : ألا وقول الزور ، وشهادة الزور

މާނައަކީ: [ބޮޑެތިފާފަތަކުގެތެރެއިން އެންމެ ބޮޑެތިފާފަތައް ކަލޭމެނަށް ބުނެދެމުހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. އާދޭހެވެ. ﷲގެ ރަސޫލާއެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ. ﷲއަށް ޝިރްކުކުރުމެވެ. އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވުމެވެ. އެވަގުތު ރަސޫލާ ލެގިވަޑައިގެން އިންނަވައިފައި ރަނގަޅަށް އިށީނދެވަޑައިގަންނަވަމުން ޙަދީޘްކުރެއްވިއެވެ. ދަންނައެވެ. އަދި ދޮގުބަސްބުނުމާއި ދޮގުހެކި ދިނުމެވެ."

އެހެން ޙަދީޘްފުޅެއްގައި ވެއެވެ. " كُلُّ الذُّنُوبِ يُؤَخِّرُ اللَّهُ مِنْهَا مَا شَاءَ إِلَى يَوْمِ الْقِيَامَةِ إِلا عُقُوقَ الْوَالِدَيْنِ , فَإِنَّ اللَّهَ , عَزَّ وَجَلَّ , يُعَجِّلُ لِصَاحِبِهِ فِي الْحَيَاةِ قَبْلَ الْمَمَاتِ " .

މާނައަކީ: [ހުރިހާ ފާފަތަކުގެ ތެރެއިން ﷲ އިރާދަކުރައްވާ ފާފަތަކަކަށް، އެފާފަތަކުގެ ޢަޛާބުނުދެއްވައި ޤިޔާމަތްދުވަހާއި ހަމައަށް ލަސްކުރައްވައެވެ. މައިންބަފައިންނަށް ނުކިޔަމަންތެރިވުން ފިޔަވައެވެ. ފަހެ މައިންބަފައިންނަށް ނުކިޔަމަންތެރިވާ މީހާއަށް އޭނާ މަރުވުމުގެ ކުރިން ޢަޛާބު އަވަސްކުރައްވައެވެ.]

ވީމާ، މައިންބަފައިންނަށް ނުކިޔަމަންތެރިވާމީހުން އެކުރަނީ ކިހާ ނުބައި ބިރުބޮޑު ކަމެއްކަން މިޙަދީޘްފުޅުން އެނގެއެވެ. ޤުރުއާނުގައި ﷲ އަށް ޝިރްކު ނުކުރުމަށް އަމުރުކުރެއްވުމަށްފަހު، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަމުރުކުރައްވާފައިވެއެވެ. ޤުރުއާނުގައި ހަމައެކަނި ހެޔޮކޮށް ހިތުމަށް އަމުރުކުރެއްވީކީ ނޫނެވެ. އަދި ކީއްތޯއެވެ. އުއްފެއްގެ މިންވަރުވެސް މައިންބަފައިންގެ ކުރިމަތީގައި ނުކިޔަމަންތެރިވުމުގެ ގޮތުން ނުބުނުމަށް އަޅުގަނޑުމެންނަށް އަމުރުކުރައްވާފައިވެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއްމީހުން މަންމަ ނުވަތަ ބައްޕަ ކަމެއްކުރަން ނުވަތަ ނުކުރަން ބުނީމައި އެވާހަކަ އަޑުއެހުން އެއީ މާމުހިއްމުކަމެއްކަމުގައި ނުދެކެއެވެ.

އަނެއް ބަޔަކު މައިންބަފައިންގެ ކުރިމަތީގައި ޒުވާބުކޮށް އަޑުގަދަކޮށް ހަދާތަންވެސް ފެނެއެވެ. އަމިއްލައަށް މައިންބަފައިންނަށް ވަރަށް ހެޔޮކޮށް ހިތާ މީހަކުވެސް ބައެއް ފަހަރަށް އެހެން މީހުންގެ މައިންބަފައިންނާއި ބެހޭ ފަހަރު ފަހަރު އާދެއެވެ. ޙަޤީޤަތުގައި މިއީ އަޅުގަނޑުމެންގެ މާތްވެގެންވާ ދީން ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަމެކެވެ. އިސްލާމުދީނަށް މައިންބަފައިންނަށް ކަމޭހިތައި ހެޔޮކޮށް ހިތުމަށް އެންގެވުމާއި އެކު، އެހެން ދުރުމީހެއްގެ ފުށުންވެސް ތިމާގެ މައިންބަފައިންނަށް އިހާނެތި ބަހެއް ރައްދުވާފަދަ ކަމެއް ކުރުމާއި ދުރުވުމަށް އަންގަވާފައިވެއެވެ. މިކަމާއި ބެހޭގޮތުން ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ: إن من أكبر الكبائر أن يلعن ، الرجل والديه . فاستغرب القوم أن يلعن رجل عاقل مؤمن والديه وهما سبب حياته، قيل يا رسول الله وكيف يلعن الرجل والديه ؟ قال يسب أبا الرجل فيسب أباه ، ويسب أمه فيسب أمه

މާނައަކީ: [ހަމަކަށަވަރުން ބޮޑެތި ފާފަތަކުގެ ތެރެއިން އެއްމެބޮޑެތި ފާފަތަކުގެ ތެރޭގައި މީހާ އޭނާގެ މައިންބަފައިންނަށް ލަޢްނަތްލުން ހިމެނެއެވެ. އެހިނދު އެތާތިބި މީހުން ޙައިރާންވިއެވެ. އެއީ ބުއްދިހުރި މުއުމިނަކު އޭނާ ދުނިޔެއަށް އައުމުގެ ސަބަބުކަމުގައިވާ މައިންބަފައިންނަށް ލަޢްނަތް ލާނީ ކިހިނެއް ހެއްޔެވެ؟ އަދި (އެމީހުން ރަސޫލާއަށް) ދެންނެވިއެވެ. މައިންބަފައިންނަށް މީހާ ލަޢްނަތްލާނީ ކިހިނެއްތޯއެވެ. ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މީހެއްގެ ބައްޕައަށް އެއްޗިހިކިއުމުން، އޭނާގެ ބައްޕައަށް އެއްޗިހިގޮވުމެވެ. އަދި މީހެއްގެ މަންމައަށް އެއްޗިހި ގޮވުމުން، އޭނާގެ މަންމައަށް އެއްޗިހި ގޮވުމެވެ.]

ބައެއް މީހުން މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ ބަހަނާއެއްގެ ގޮތުން ބުނަނީ މަންމަ ނުވަތަ ބައްޕަ ތިމަންނަ ދެކެ ލޯބި ނުވާކަމުގައެވެ. ބުނާ އެއްޗިހި ގަނެނުދޭ ކަމުގައެވެ. މަސައްކަތް ކުރުވާ ކަމުގައެވެ. ނުވަތަ އެދެމީހުންގެ އަޚްލާޤުވެސް ރަނގަޅު ނޫންކަމުގައެވެ. އެގޮތުން ތިމަންނައާއި ދިމާއަށް އަބަދު އެއްޗިހި ގޮވަނީ ކަމުގައެވެ. ވީމާ ތިމަންނަ ކިހިނެއްހޭ އެފަދަ ބަޔަކަށް އިޙްތިރާމު ކުރާނީ ފަދަ ބަސް ބަހެވެ. ފަހަރެއްގައި މިފަދަ ގޮތަކަށް ވަރަށް މަދު ބަޔަކަށް ދިމާވެދާނެއެވެ. ނަމަވެސް، މިއީ މައިން ބަފައިންނަށް ނުކިޔަމަންތެރިވުމަށް އޮތް މަޤްބޫލު ޢުޛުރެއް ނޫނެވެ. މައިންބަފައިންނަކީ މުސްލިމުން ކަމުގައި ނުވިޔަސް އެދެމީހުންނަށް ރަނގަޅަށް ހިތުމަށް ދީން އަންގަވައެވެ. ކިޔަމަންތެރި ނުވާން ހަމައެކަނި އަންގަވާފައިވާ ﷲއަށް ޝިރްކުކުރުމަށް މައިންބަފައިން އަންގާނަމައެވެ.

ނުވަތަ އިސްލާމުދީނުން ބޭރުވާ ކަމަކަށް ބާރުއަޅާނަމައެވެ. ފަހެ ޚާލިޤަށް ނުކިޔަމަންތެރިވާން މަޚްލޫޤަކަށް ކިޔަމަންތެރިވުން އެއީ ޙަރާމްކަމެކެވެ. ޝިރްކުކުރުން ފިޔަވައި، މުޝްރިކު މައިންބަފައިންނަށް ކިޔަމަންތެރިވެ، ހެޔޮކޮށް ހިތުމަށް ލުޤްމާން ސޫރަތުގެ 14 ،15 ވަނަ އާޔަތުގައި އަމުރުކުރައްވާފައިވެއެވެ. ވީމާ މައިންބަފައިންނާއި ދަރިންގެ މެދުގައި އޮންނަން ޖެހެނީ ކިހާ މުޤައްދަސް ގުޅުމެއްކަމާއި، ކިހާ މާތް ލޯތްބެއްކަން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެއެވެ. މިހާރު ކުޑަކޮށް ނަމަވެސް މައިންބަފައިންނަށް ނުކިޔަމަންތެރިވާ މީހަކުވިއްޔާ އަވަހަށް އެކަން ރަނގަޅުކޮށް، ތައުބާވެ، މައިންބަފައިންގެ ކިބައިން އެކަމަށް މަޢާފަށް އެދެންވީއެވެ. ދުނިޔެއާއި އާޚިރަތުގެ ކާމިޔާބު އޮތީ މިބީދައިންނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.