އާދީއްތަ20171217

އާކުރެވުނީ: 09:46:14

ޒުވާނުންނޭވެ...!

zuveenun-neveހުރިހާ ޖަނަވާރެއްގެ ތެރޭގައި ވެސް، ފިރިހެން ޖިންސުގައި، އޭގެ އަންހެންޖިންސާ މެދު ވަރަށް މަތިވެރި ޣީރަތްތެރިކަމެއް ލައްވާފައި ވާކަމުގައި ވެއެވެ. ނަމަވެސް އޫރަކީ މިއިން އިސްތިސްނާވާ ޖަނަވާރެއްކަމުގައި ބުނާތީ އަޑުއިވެއެވެ. ކޮންމެއަކަސް، ފިރިހެނުންގެ ހިތުގައި އަންހެނުންނާ މެދު އެ އޮންނަ

ޣީރަތަކީ، އެއީ ފިތުރީ ޠަބީޢީ ކަމެކެވެ. އެކަން ތަހުޒީބު ހުދޫދެއްގެ ތެރޭ ވާނަމައެވެ.

ޒުވާން ފިރިހެންކުދިން ހިމެނޭ އެކި ގުރޫޕުތަކުގެ މެދުގައި އެތައް ފަހަރަކު، ތަޅާފޮޅުމާއި، ލޭއޮހޮރުވުމުގެ

ޙާދިސާތައް ހިނގަން މެދުވެރިވާ އެއް ސަބަބުކަމުގައި، އަންހެންކުދިންނާ ގުޅުން ހުރި މައްސަލަތައް މަދެއް ނޫނެވެ.

މީގެ މާނައަކީ، އަންހެންކުދިންގެ މައްސަލައިގައި، ނުކުމެ އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅާށެކޭ ނޫނެވެ. ކަޓަރުއަޅައި މާރާމާރީ ހިންގާށެކޭ ވެސް ނޫނެވެ. ތަހުޒީބު ހުދޫދެއްގައޭ މި ބުނީ އެހެން ވެގެންނެވެ.

މާނައަކީ ފިރިހެނުންގެ ކިބައިގައި، ލައްވާފައި އެވާ ޣީރަތަކީ، އޭގެ ބޭނުން އެދެވޭ ގޮތެއްގައި ހިފިއްޖެނަމަ، އަންހެނުންނަށް ޓަކައި ޙިމާޔަތެކެވެ.

ފިރިމީހާގެ ހިތުގައި އަނބިމީހާ އާ މެދު މިފަދަ ޝުޢޫރެއް ނެތްނަމަ، ލޯބީގައިހޫނުކަމެއް އޮންނާނެތޯއެވެ؟ މި ރީތި އިންސާނީ ޖަޒުބާތުގައި، ދިރުމެއްވާނެތޯއެވެ؟ އަންހެނާ ޙިމާޔަތްކުރުމުގައި، އޭނާގެ ލޯބިވާ ބައިވެރިޔާ އެހުންނަނީ ޖާނުންފިދާވާށެވެ. ލޭ އޮހޮރުވާލާށެވެ. ހަނގުރާމަކުރާށެވެ.

ރަނގަޅު ތަރުބިއްޔަތެއް ލިބިހުރި ސަލާމަތް ފިތުރަތެއްގެ ފިރިހެންކުއްޖަކަށް، އަންހެންކުއްޖެއްގެ ޢިއްފަތާއި ޢިއްޒަތަށް ބުރުލެއް އަރާތަން ބަލާކަށް ނުހުރެވޭނެއެވެ. އޭނާގެ ލޭކެކި، ހަތަރެސްފައި މުނިމުނިކަވަން ފަށާނެއެވެ.

މި ޒަމާނަކީ ޓެކުނޮލޮޖީގެ ޒަމާނެވެ. ދިވެހި ޒުވާނުންގެ ތެރެއިން ވެސް ގިނަބަޔަކު ވަނީ އޭގެ އަވައިގައި ރަނގަޅަށް ޖެހިފައެވެ. ރަނގަޅެވެ. އެއީ މިޒަމާނުގައި، އަސާސީ މުހުތާދެކެވެ. އެޔާ ނުލައި އުޅެވޭކަށް ނެތެވެ.

ދިވެހި ޒުވާނުން ތެރޭގައި، ޓެކުނޮލޮޖީ ފަންނުގައި ވަރަށް ވެސް ހުނަރުވެރިޤާބިލް ކުދިން އުޅެއެވެ. ނަމަވެސް ހިތާމަހުއްޓެވެ. މި މުހިއްމު ޓެކުނޮލޮޖީގެޒަރީޢާއިން ވަރަށް ނޭދެވޭ ޢަމަލެއް ބައެއް ޒުވާނުން އަންނަނީ ހިންގަމުންނެވެ.

އެފަދަ ޒުވާނުން އެންމެ މިޒަމާނުގެ މޮޅެތި ކެމެރާ ތަކާއި، މޯބައިލް ފޯނުގެއެހީގައި، މަގުމަތިން ފެންނަ އަންހެންކުދިންގެ ފޮޓޯތައް އެކުދިންނަށް އެނގުމަކައިނުލައި ނަގައި ފަތުރަނީއެވެ. މިއީ ހަމަ އެކަނި ނޭދެވޭ ކަމެކޭ ބުނެ ފުއްދާލެވޭވަރުގެ ކަމެއް ނޫނެވެ. މިއީ ބޮޑުވެގެން ވާ ޖަރީމާއެކެވެ.

ބައެއް ފަހަރަށް މިފަދަ ފޮޓޯތައް ނަގާފައި ހުންނަނީ އަންހެންކުއްޖާގެ ރުހުމުގައެވެ. އެކުދިން ހައްލާލައިގެންނެވެ. ހަމަ އެކަނި ރީތި ފޮޓޯއެއް ނަގާފައި ފުއްދާލަނީއެއްނޫނެވެ. ފިރިމީހާ ފިޔަވައި، އެހެން މީހަކު ބެލުން ހުއްދަ ނުވާނެ ދަރަޖައިގެފޮޓޯތައް ނަގާފައި ބޭޒާރުކޮށްލަނީއެވެ. ތެދެކެވެ. މި ޙާލަތުގައި، އަންހެންކުއްޖާގެ ވަރަށް ބޮޑު ރޯލެއް ވެސް މިކަމުގައި އެބަ ވެއެވެ. މީހަކު ހަމަ އެދޭ އެދުމެއްގެ މައްޗަށް ފޮޓޯތަކަށް ހުށަހޮޅިގަންނަނީ ކީއްވެހެއްޔެވެ؟ އަންހެންކުއްޖާގެ ބުއްދިއެއް ނެތީހެއްޔެވެ؟

ކޮންމެ ގޮތަކަށް މިކަން ވީ ކަމުގައި ވިޔަސް، އެއީ ދީން ހުއްދަ ނުކުރާ ފާޙިޝްޢަމަލެއް ހިންގުން ކަމުގައި ވިޔަސް، އަދަބާ ޚިލާފު ފޮޓޯއަކަށް، ތިމާގެ ލޯބިވެރިޔާގެއެދުމުގެ މަތިން ނަފްސު ހުށަހެޅިޔަސް، އެފަދަ ފޮޓޯތައް ބޭޒާރުކޮށް އަންހެންކުއްޖާފަޟީޙަތްކުރުމަކީ، ފޮޓޯ ނެގި ފަރާތަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. މިކަމަކީމަޖަލަކަށް ކުރަން ހެޔޮވާ ވަރު ކަމެއް ނޫނެވެ. މިއީ ގައްޑާކަމެއްވެސް ނޫނެވެ. ނުވަތަ މި ޖީލުގެ ކުދިންގެ ބަހުރުވައިން ބުނާ ނަމަ ''ކޫލް'' ކަމެއް ވެސް ނޫނެވެ. މިއީ އެހެން މީހެއްގެ ޙައްޤުގައްޔާއި މުޅި މުޖުތަމަޢުގެ ޙައްޤުގައި ކުރާ ނުބައިވެގެންވާޖަރީމާއެކެވެ. މިކަން ކުރާ މީހާއަށް ޢުޤޫބާތެއް ކަނޑައެޅެންޖެހޭނެ ޢަމަލެކެވެ.

ރާއްޖެއަކީ ކުޑަކުޑަ މުޖުތަމަޢެކެވެ. ގިނަ މީހުން އެކަކު އަނެކަކު ދަންނަ މުޖުތަމަޢެކެވެ. ވީ އިރު މިކަންތައް ހުއްޓުވަމަކީ ވެސް މާ އުނދަގު ކަމަކަށްވާނެހެނެއް ހީއެއް ނުވެއެވެ.

އަންހެންކުއްޖާ އަށް އެނގިގެން ނެގިފައި ހުރި ފޮޓޯއެއް، މުޅި ދުނިޔެއަށްބޭޒާރުވެއްޖެ ހިނދެއްގައި، އެ ފޮޓޯ ނެގީ ކާކުކަން އެކުއްޖާއަށް ކަނޑައެޅިގެން އެނގޭނެއެވެ. ވީމާ ފޮޓޯ ނެގި މީހާ ގޮވައިގެން މައްސަލަ ޖައްސަން ނުދެވެންވީ ސަބަބެއް ނެތެވެ. ފަހަރެއްގައި ފޮޓޯ ފެތުރީ ނެގި މީހާ ކަމަށް ނުވިޔަސް، ނެގީކާކުކަން އެނގުމުން، ފެތުރި މީހާ ހޯދުމަކީ ވެސް މުސްތަޙީލުކަމެއް ކަމުގައެއްނުވާނެއެވެ.

މިފަދަ މައްސަލައެއް ހިފައިގެން ދާން ކުއްޖަކު ޖެހިލުން ވާން ވީ ސަބަބެއްނެތެވެ. ކުރިން ވެފައިވާ ފަޟީޙަތަށް ވުރެ ބޮޑަކަށް ފަޟީޙަތެއް ދެނެއް ނުވާނެއެވެ. ތިމާގެ ދަރިފުޅު ނުވަތަ ތިމާގެ މީހަކަށް މިފަދަ ކަމެއް ކުރުމުން، ބަލަދުވެރިޔާ ނަމަވެސް މިކަމާ މައްސަލަ ޖައްސެން ޖެހޭނެއެވެ.

ނުވަތަ މި ނޭއްގާނީ ޢަމަލަށް ކަނޑައެޅިފައިވާ ޢުޤޫބާތެއް ދިވެހިރާއްޖޭގައިއަދި ނެތް ނަމަ، އެފަދަ ޢުޤޫބާތެއް ކަނޑައަޅަން އެބަ ޖެހެއެވެ.

އެމެރިކާގައި ދާދި ފަހުން، ފިހާރައަކަށް ބާޒާރުކޮށްލަން ގޮސް އުޅުނު އަންހެންކުއްޖެއްގެ އަންނައެތިގަނޑު ދަށަށް، އެކުއްޖާއަށް ނޭނގި ޒުވާނަކު ފުރަގަހުންގުދުވެ އޮވެ އޭނާގެ މޯބައިލް ކެމެރާ ދިއްކޮށްގެން ފޮޓޯތަކެއް ނެގި މަންޒަރު، ފިހާރައިގެ ސަލާމަތީ ކެމެރާތަކުން، އެއިރު ދިޔައީ ފާހަގަކުރަމުން މީނާގެ ޢަމަލުތަކަށް ފާރަލަމުންނެވެ. ފަހުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ކެމެރާ ފާސްކުރި ކުރުމުން އެނގުނީ އޭނާގެ އަތުގައި އެ ނޫނަސް އެޒާތުގެ އެތައް ފޮޓޯއެއްހުރިކަމެވެ. މިއީ މިފަދަ ވަގުންނަށް ވަރަށް ފައިދާ ހުރި ވިޔަފާރިއެއް ކަމުގައިވެއެވެ.

އެމެރިކާ ފަދަ މިނިވަން މުޖުތަމަޢުތަކުގައި ވެސް މިއީ މަނާ ކަންތަކެވެ. ނަމަވެސް އަހަރެމެން ރާއްޖޭގައި މިކަމާ އެއްޗެއް ބުނާނެ މީހަކު ނުވެއެވެ.

ކުރިންވެސް ބުނިހެން، ފިރިހެންވަންތަ ކަމުގެ އެންމެ މުހިއްމު އެއް ޢަލާމާތަކީ، އަންހެނުންގެ ޢިއްޒަތަށް ރައްކާތެރިވުމެވެ. ފަހަރެއްގައިވެސް އަންހެނުން ބަރަހަނާކޮށް، ބޮޑުމަގަށް ނެރެ ގަންހިންގާ، ބޭޒާރުކޮށް ފަޟީޙަތްކުރުމަކީ ފިރިހެންވަންތަކަމެއްނޫނެވެ. ފިރިހެން ވިންދެއް ޖަހާ ހިތަކަށް ބަލަން ވެސް ކުޅަދާނަވާނެ ކަމެއްނޫނެވެ.

އޭ ޤައުމުގެ ލޭ ހިނގާ ޒުވާނުންނޭވެ. ކަލޭމެން ކަލޭމެންގެ އަންހެން ޖިންސަށްރައްކާތެރިވާށެވެ. ފިރިހެނަކަށް ވާށެވެ. އަންހެނުންނާ މެދު ޣީރަތްތެރިވާށެވެ. ކޮންމެ އަންހެނަކީވެސް، ލޭގެ ގޮތުން އެހެން މީހެއްގެ ދަރިއެކެވެ. ނުވަތަ ކޮއްކޮއެއް، ދައްތައެއް، ނޫނީ މަންމައެކެވެ. ލޭގެ ގޮތުން ނުވި ނަމަ އިންސާނީ ގޮތުން އުޚުތެކެވެ. ފިރިހެނާގެ އަނެއް ކިބައެވެ. ވީމާ ޖިސްމާނީ ބާރުލިބިގެންވާ ފިރިހެނުން، އެމީހުންގެ އަނެއް ކިބައަށް ރައްކާތެރިނުވެއްޖެ ނަމަ ދެން މިކަން ކުރާނީ ކާކުހެއްޔެވެ؟ ޝައިޠާނާ ހެއްޔެވެ؟

އޭ ޒުވާނާއެވެ. ކަލޭގެ ހިތުގައި ފިރިހެން ވިންދެއް ނުޖަހާނަމަ، އެހެން ޢިބާރާތަކުން ބުނާނަމަ، އަންހެން ޖިންސާ މެދު ހިތުގައި ޣީރަތެއް ނެތް ނަމަ ދަންނާށެވެ. މާތް ﷲ އީ އެކަލާނގެ އަޅުތަކުންގެ މައްޗަށް ޣީރަތްތެރިވަންތަކަން ގަދަވެގެންވާ ރަސްކަލާނގެއެވެ. ކަލޭ ހިތުހުރިހައި ގޮތަކަށް އެކަލާނގެ އަޅުތަކުންނަކީ ކުޅޭ އެއްޗެއްކަމުގައި ހަދާނަމަ، އެކަލާނގެ ކޯފާއަށް ބިރުވެތިވާށެވެ.

އޭ ލޮބުވެތި އުޚުތާއެވެ. ﷲ އަށް ބިރުވެތިވާށެވެ. ފާޑު ފާޑުގެ ފޮޓޯތަކަށް ކުރިމަތި ނުދޭށެވެ. ތިމާގެ ބުއްދީގެ ބޭނުން ހިފާށެވެ. ޢިއްފަތްތެރިވާށެވެ. ކަލާގެ ޢިއްފަތްތެރިކަމަށާއި އަބުރަށް، އެއްވެސް ޙުރުމަތެއް ނުބަހައްޓާ މީހަކު ކިތައްމެ ދަޅައެއް ދެއްކިޔަސް، އެއީ ލޯބި ކަމުގައި ނުދެކޭށެވެ. އަދި ކަލާވާ ލޯބީގެ އަގަކީ ކަލާގެ އަބުރުކަމުގައި ނުހަދާށެވެ. ކަލާގެ ޖިސްމަކީ ފިރިހެނުން ޝިކާރަކުރުމަށް ޖަހާ އެންގަނޑެއް ކަމުގައި ނަހަދާށެވެ. އެންގަނޑު ކާލާފައިވެސް، ޝިކާރަ ފިލާ ރައްކާވަނީ މަދު ފަހަރަކު ނޫނެވެ. ހޭއަރާށެވެ.

އޭ ބެލެނިވެރީންނޭވެ. ތިޔަ ބޭފުޅުން ތިޔަ ބޭފުޅުންގެ ފިރިހެން ދަރިން ތަރުބިއްޔަތުކުރާއިރު، އަންހެނުންނަށް ޤަދަރުކުރަން ދަސްކޮށްދޭށެވެ. ދަރިފުޅު އެންމެ ތުއްތުއިރު އޭނާ އަށް ޙިމާޔަތެއް ކަމުގައި ވީ އުނގުގެ ވެރި މަންމަ އަކީ އަންހެނެއް ކަމާއި، އެ އަންހެން މީހާ އަކީ ބައްޕަގެ ކުރިމަތީގައި ކިހާ އަގުހުރި ފަރާތެއްކަންބައްޕަގެ ޢަމަލުން ދައްކާށެވެ. އަންހެން ދަރިން ތަރުބިއްޔަތު ކުރާއިރު، އެކުދިންނަށް ރައްކާތެރިވާން ދަސްކޮށްދޭށެވެ. ލޯތްބާއި، ޖިސްމާނީ އަލާވެރިކަމުގައި ހުރިފަރަގު ބުނެދޭށެވެ.

ލޯބިލޯބި، މައުސޫމު، ސޭކު ކަންބަޅިއެއްގެ މިސާލުގައި އައިސް ގޭ ދޮރުގައިޓަކިޖަހާ ރީތި ފިރިހެންކުއްޖާ އަކީ މަކަރުވެރި، މިނިކާ ވަލުކުއްތާއެއް ކަމުގައިވެސް ވެދާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.