އާދީއްތަ20171217

އާކުރެވުނީ: 09:46:14

Back ކަވާސާ ޢާއިލާ ޢާއިލާގެ ބައިތައް ލޯބިވެރިން ނަހަލާލަށް ލިބިފައިވާ ކުއްޖަކާ ކައިވެނި ކުރުމަކީ ހުއްދަ ކަމެއްތަ؟

ނަހަލާލަށް ލިބިފައިވާ ކުއްޖަކާ ކައިވެނި ކުރުމަކީ ހުއްދަ ކަމެއްތަ؟

ސުވާލު: ބައްޕަ ނެތް (ނަހަލާލަށް ލިބިފައިވާ) ކުއްޖަކާއި ކައިވެނީގެ ގޮތުން ގުޅުމަކީ، ދީނުގައި ހުއްދަ ކަމެއްހެއްޔެވެ؟ މިއީ މަނާ ކަމެއް ކަމުގައި ކީރިތި ރަސޫލާ އަންގަވާފައި ވޭ ހެއްޔެވެ؟

ނަހަލާލަށް ލިބިފައިވާ ކުއްޖަކާ ކައިވެނި ކުރުމަކީ ޙަރާމް ކަމެއް ކަމުގައި، ކީރިތި ރަސޫލާ ކަނޑައަޅުއްވާފައި ނެތެވެ. އެހެނީ ނަހަލާލަށް ލިބިފައިވާ ކުއްޖަކާ އަކީ އޭނާއަށް އަދަބެއް ދޭން ޖެހޭފަދަ، އެއްވެސް ކުށެއް ކުރި ކުއްޖެއް ނޫނެވެ. ކުށް ކުރީ އޭނާގެ މަންމައާއި އެހެން ފިރިހެނެކެވެ. މާތް ﷲ ވަޙީ ކުރައްވަނީ: كُلُّ نَفْسٍ بِمَا كَسَبَتْ رَهِينَةٌ

މާނައަކީ: ''ކޮންމެ ނަފްސެއްވެސް ރަހުނު ކުރެވިގެން ވަނީ އެ މީހެއްގެ ޢަމަލުތަކުގެ މައްޗަށެވެ.'' (ސޫރަތުލް މުއްދައްޘިރް 38)

 

އެހެން އާޔަތެއްގައި ވަޙީ ކުރައްވަނީ: وَلاَ تَكْسِبُ كُلُّ نَفْسٍ إِلاَّ عَلَيْهَا وَلاَ تَزِرُ وَازِرَةٌ وِزْرَ أُخْرَى

މާނައަކީ: ''ކޮންމެ ނަފްސަކަށް މެ، އެ ނަފްސެއް ކުޅަ ފާފައަކަށް މެނުވީ ޖަޒާ ނުލިބޭ ހުއްޓެވެ. އެއްވެސް ފާފަވެރި ކުށްވެރިއަކު އެހެން މީހެއްގެ ފާފައާއި ކުށެއް ނު އުފުލާނެތެވެ.'' (ސޫރަތުލް އަންޢާމް 164)

ޒިނޭއިން ލިބޭ ކުދިންނަކީ ޢައިބެއް ކަމަށް ދޭހަވާފަދަ ޙަދީޘްތަކެއް ރިވާ ކުރެވިފައިވެއެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ޙަދީޘްތަކަކީ ޞައްޙަ ނޫން ޟަޢީފް ޙަދީޘްތަކެކެވެ.

ސުނަން އަބީދާއޫދް، މުސްނަދު އަޙްމަދު ގައި އަބޫހުރައިރާ ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ:  قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ :‏وَلَدُ الزِّنَا شَرُّ الثَّلَاثَةِ ‏

މާނައަކީ: ''ތިން މީހުންގެ ތެރެއިން ނުބައިކަން ބޮޑީ ޒިނޭގެ ދަރި އެވެ.'' (އަނެއް ދެ މީހުންނަކީ އޭނާގެ މަންމަ އާއި ބައްޕައެވެ.) މިޙަދީޘް ރަނގަޅު ކަމަށް ބުނުއްވި މީހުންގެ ތެރޭގައި އިބްނުލް ޤައްޔިއްމް އަދި ''އައްސިލްސިލަތުއް ޞަޙީޙާ'' ގައި އަލްބާނީ، ހިމެނެއެވެ.

ޢިލްމުވެރިން ވަނީ މިޙަދީޘް އެތަކެއް ގޮތަކަށް މާނަ ނަންގަވާފައެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރީ:

1- ސުފްޔާނުއް ޘައުރީ ވިދާޅުވީ: ނަހަލާލް ދަރި އޭނާގެ މަންމަ އާއި ބައްޕަ އަށް ވުރެ ނުބި ވުމުގެ މާނައަކީ، އޭނާ ބޮޑު ވުމަށްފަހު މައިންބަފައިން ފަދައިން ޒިނޭ ކޮށްފިނަމައެވެ.

މިހެން ދޭހަ ވާ ފަދަ ޙަދީޘެއް ޢާއިޝަތުގެފާނު އަރިއަހުން ރިވާވެފައި ވެއެވެ. އެ ޙަދީޘްގެ މާނައިގައި ވަނީ ''ތިން މީހުންގެ ތެރެއިން އެންމެ ނުބައިކަން ބޮޑީ އޭނާއެވެ. އެއީ އޭނާ އޭނާގެ މައިންބަފައިން ކުރި ފަދަ ޢަމަލެއް ކޮށްފިނަމައެވެ.''

މި ޙަދީޘްގެ ސަނަދަކީ ޟަޢީފް (ބަލި) ސަނަދެއް ނަމަވެސް މި މާނަ ދޭހަވާ ފަދަ އަކުން ކުރީގެ ޢިލްމުވެރިން ވާހަކަ ދައްކަވާފައި ވެއެވެ.

ސުފްޔާނުއް ޘައުރީގެ މި ތަފްސީރަށް ތާއީދު ލިބޭފަދަ ޙަދީޘެއް ޙާކިމް ރިވާކުރައްވާފައި ވެއެވެ: لَيْسَ عَلى وَلَدِ الزِنى مِنْ وِزْر أبَويْه شَيْء

މާނައަކީ: ''ޒިނޭގެ ދަރިއެއްގެ މައްޗަށް، އޭނާގެ މައިންބަފައިން ކުޅަ ކުށުން ކުށެއް ނެތެވެ.'' މި ޙަދީޘާއި ބެހޭ ގޮތުން އަލްބާނީ ވިދާޅުވެފައިވަނީ މިއީ ރަނގަޅު ޙަދީޘެއް ކަމަށް ބެލެވިދާނެ ކަމަށެވެ. މަތީގައި ބުނެވުނު އާޔަތުން ވެސް އެނގެނީ މި ގޮތެވެ.

2- އަލްމުސްތަދްރަކް ގައި ޢުރުވާ ޢާއިޝަތުގެފާނު އަރިއަހުން ރިވާ ކުރައްވާފައިވެއެވެ.'' ތިން މީހުންގެ ތެރެއިން ނުބައިކަން ބޮޑީ ޒިނޭގެ ދަރި ކަމަށް އަބޫ ހުރައިރާ ވިދާޅުވާ ކަމަށް ޢާއިޝަތުގެފާނަށް އިވި ވަޑައިގަތެވެ. އެ ހިނދު ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ އެހެން ވިދާޅުވީ މުނާފިޤުންގެ މީހަކު ކީރިތި ރަސޫލާ އަށް ދުއްތުރާ ކުރަމުން ހިނގީމާ ކީރިތި ރަސޫލާ އެ ވާހަކަ ބަޔަކު މީހުން ކައިރީ ވިދާޅުވުމުން އެއީ ޒިނޭގެ ދަރިއެއް ކަމަށް ދެންނެވުނެވެ. އެ ހިނދު ރަސޫލާ ''ތިން މީހުންގެ ތެރެއިން ނުބައިކަން ބޮޑީ އޭނާ'' ކަމަށް ޙަދީޘް ކުރެއްވިއެވެ.

3- ސުނަން ބައިހަޤީޤައި މި ޙަދީޘްގެ އެއް މާނަ އަކަށް ވިދާޅުވެފައިވަނީ، ކީރިތި ރަސޫލާ އެހެން ވިދާޅުވީ ޒިނޭގެ ދަރިއެއް އޭނާގެ މައިންބަފައިން އިސްލާމް ދީނަށް ވަނީމާ ވެސް، އިސްލާމް ދީނަށް ނުވަދެ ހުރީމައެވެ.

ބައިހަޤީ ގެންނަވާފައިވާ ދެވަނަ މާނައަކީ، ނަހަލާލް ދަރިއަކާ ދިމާލަށް، އޭނާ ބައްޕަ ކަމަށް ހީކޮށްގެން ހުރި މީހާ އަކީ ބައްޕަ ނޫން ކަމަށާއި އޭނާއަކީ ނަހަލާލް ދަރިއެއް ކަމަށް އަންހެނަކު ބުންޏެވެ. އެ ހިނދު އޭނާ ރުޅި އައިސްގެން އެ އަންހެން މީހާ މަރައިލިއެވެ. އެ ހިނދު އޭނާ އަކީ ތިން މީހުންގެ ތެރެއިން ބޮޑަށް ނުބައި އޭނާ ކަމުގައި ބުނެވުނެވެ.

ވީމާ ހަނދާން ބަހައްޓަން ޖެހޭ ކަމަކީ، އެއްވެސް ހިފެހެއްޓުމެއް ނެތި ޙަދީޘުގެ ބޭރުފުށުގެ މާނަ ސީދާ އޮތް ގޮތަށް ނަގައިގައިފިނަމަ ޙަދީޘުގެ އަސްލު މުރާދު ގެއްލިދާނެކަމެވެ. ޒިނޭ ކުރާ މީހާއަށްވުރެ ޒިނޭ ކޮށްގެން ލިބޭ ކުއްޖާގެ ފާފަ ބޮޑު ނުވާނެކަން އެއީ ވިސްނާލީމާ ވަރަށް ރީއްޗަށް ހާމަވާ ކަމެކެވެ. މި އިން އެނގޭ އެއްޗަކީ، މި ޙަދީޘަކީ ވަކި ޚާއްޞަ ޙާލަތަކަށް ނިސްބަތް ކުރައްވައި ރަސޫލާ ވިދާޅުވި ބަސްފުޅެއް ކަމެވެ. ފަހަރެއްގައިވެސް ކޮންމެ ނަހަލާލް ކުއްޖެއްގެ ވާހަކައެއް ނޫނެވެ.

އިބުނު ތައިމިއްޔާ ވިދާޅުވަނީ:

ޒިނޭގެ ދަރި އީމާންވެ ހެޔޮ ޢަމަލު ކޮށްފިއްޔާ ސުވަރުގެ ވަންނާނެއެވެ. އެހެން ނަހަދައިފިނަމަ އެހެން މީހުންނެކޭވެސް އެއް ގޮތަށް އޭނާ ކުޅަ ފާފައަކަށް ޖަޒާ ދެވޭނެއެވެ. ޖަޒާ ދިނުން ވަނީ އެ މީހަކު ކުރާ ޢަމަލަކަށެވެ. މީހާގެ ނަސަބަކަށް ނޫނެވެ.

ޒިނޭގެ ދަރި އަށް ޢައިބު ކިޔެނީ އެއީ އޭނާވެސް، ވަރަށް ގިނަ ފަހަރަށް ދިމާވާ ފަދައިން، އޭނާގެ މައިންބަފައިން ފަދައިން ނުބައި ޢަމަލު ކުރާތީއެވެ. މާތް ﷲ ގެ ޙަޟުރަތުގައި އެންމެ މާތްކަން ބޮޑީ މީސްތަކުންގެ ތެރެއިން އެންމެ ތަޤުވާވެރިންނެވެ.'' އ. ހ

ސުޢޫދިއްޔާގެ ދާއިމީ ފަތުވާ ކޮމެޓީން ދީފައިވާ ފަތުވާއެއްގައި އައިސްފައި ވަނީ މި ފަދައިންނެވެ. ''ޒިނޭގެ ދަރި އިސްލާމް ދީން މަތީ ހުރެ މަރުވެއްޖެނަމަ ސުވަރުގެ ވަންނާނެއެވެ. އޭނާ ނަހަލާލް ދަރިއަކަށް ވުން އެއީ އޭނާ ސުވަރުގެ ވަނުމާއި ދޭތެރޭ އޮތް ހުރަހެއް ނޫނެވެ. އެހެނީ އޭނާ ނަހަލާލް ދަރިއަކަށް ވުން އެއީ އޭނާ ކުޅަ ކަމެއް ނޫނެވެ. އެއީ އެހެން ދެ މީހަކު ކުރި ކަމެކެވެ. މާތް ﷲ ވަޙީ ކުރައްވަނީ: وَلاَ تَكْسِبُ كُلُّ نَفْسٍ إِلاَّ عَلَيْهَا وَلاَ تَزِرُ وَازِرَةٌ وِزْرَ أُخْرَى

މާނައަކީ '' ކޮންމެ ނަފްސަކަށް މެ، އެ ނަފްސެއް ކުޅަ ފާފައަކަށް މެނުވީ ޖަޒާ ނުލިބޭ ހުއްޓެވެ. އެއްވެސް ފާފަވެރި ކުށްވެރިއަކު އެހެން މީހެއްގެ ފާފައާއި ކުށެއް ނު އުފުލާނެތެވެ. '' (ސޫރަތުލް އަންޢާމް 164)

ޒިނޭގެ ދަރި ސުވަރުގެ ނުވަންނާނެ ކަމަށް ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ކަމަށް ބުނެވޭ ޙަދީޘަކީ އެއްވެސް ގޮތަކަށް ޞައްޙަ ޙަދީޘެއް ނޫނެވެ. އަލްޙާފިޡް އިބްނު އަލްޖައުޒީ، މައުޟޫޢު ހަދީޘްތައް ވަކި ކުރައްވައި ލިއުއްވާފައިވާ'' މައުޟޫޢާތު'' މި ފޮތުގައި، ނަޙަލާލް ކުދިން ސުވަރުގެ ނުވަންނާނެ ކަމަށް ބުނެވިފައިވާ ޙަދީޘަކީ ޙަޤީޤަތެއް ނެތް ދޮގު ޙަދީޘެއް ކަމަށް ވިދާޅުވެފައި ވެއެވެ.

ނަޙަލާލް ކުއްޖަކާއި ކައިވެނި ކުރުން:

ނަހަލާލް ކުއްޖަކާއި ކާވެނި ކުރުން މަނާ ކަމަށް އެއްވެސް ޢިލްމުވެރިއެއް ވިދާޅުވެފައި ނެތެވެ. ޙަންބަލީ މަޛްހަބުގައި މިފަދަ ކުއްޖަކީ ޙަސަބާއި ނަސަބުވެރި މީހަކަށް، ޙަސަބާއި ނަސަބުގެ ގޮތުން ކުފޫ ހަމަވާނެ ކުއްޖެއްތޯ؟ ނޫންތޯ؟ އިޚްތިލާފު އުފެދިފައިވެއެވެ. އެއް ބަޔަކު ދެކުނީ ކުފޫ ހަމަވާ ކަމަށެވެ. އަނެއް ބަޔަކު ދެކުނީ ނޫން ކަމަށެވެ. ނަމަވެސް ކައިވެނި ހުއްދަ ނުވާނެ ކަމަށް އެކަކުވެސް ބުނެފައި ނެތެވެ.

ޝައިޚް އިބްނު ބާޒު (ރަޙިމަހުއްﷲ) އަރިއަހުގައި، މީހަކު އޭނާގެ އަންހެން ދަރި މީހަކާއި ދެވުމަށްފަހު ފިރިމީހާ އަކީ ނަހަލާލް ދަރިއެއް ކަން ހާމަވެއްޖިއްޔާ، ކަމުގެ ޙުކުމަކީ ކޮބައިތޯ ދެންނެވުނެވެ. އެ ހިނދު ވިދާޅުވިއެވެ. ''އޭނާއަކީ މުސްލިމެއް ނަމަ ކައިވެނި ޞައްޙައެވެ. ސަބަބަކީ އޭނާގެ މަންމަ ކުޅަ ކުށެއްގެ ފާފަ އެއީ އޭނާ އުފުލަން ޖެހޭ އެއްޗެއް ނޫނެވެ. މާތް ﷲ ވަޙީ ކުރައްވަނީ ''އެއްވެސް ފާފަވެރި ކުށްވެރިއަކު އެހެން މީހެއްގެ ފާފައާއި ކުށެއް ނު އުފުލާނެ'' ކަމަށެވެ. ނަހަލާލް ކުއްޖާ އޭނާ ބޮޑު ވުމަށްފަހު ޞާލިޙް ދީންވެރި މާތް އަޚްލާޤެއްގެ ވެރި މީހަކަށް ވެއްޖެނަމަ، އޭނާގެ މައްޗަށް އެއްވެސް އައިބެއް ނެތެވެ. މާތް ﷲ އަންގަވާފައިވަނީ'' ހަމަ ކަށަވަރުން މާތް ﷲގެ ޙަޟުރަތުގައި އެންމެ މާތްކަން ބޮޑީ ތިޔަބައި މީހުންގެ ތެރެއިން އެންމެ ތަޤުވާވެރި މީހާ '' ކަމަށެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ: مَنْ بَطَّأَ بِهِ عَمَلُهُ لَمْ يُسْرِعْ بِهِ نَسَبُهُ

މާނައަކީ: ''ހެޔޮ ޢަމަލު ކުރުމުގައި ލަސް މީހެއް، އޭނާގެ ނަސަބަކުން އޭނާއަކީ އިސްސަފުގައި ވާ މީހަކަށް ނުވާނެއެވެ.'' (ޞަޙީޙް މުސްލިމް، ބާބުއް ޛިކްރު ވަ އައްދުޢާ ވަ އައްތައުބާ)

ނަހަލާލް ކުދިންނަށް ސުވަރުގެ ނުވަންނާނެ ކަމަށް މީހަކު ބުނިއްޔާ، އެހެން ބުނި މީހަކު އެ ވަނީ މާތް ﷲ އަށް ލިބިވަޑައިގެންވާ ބާރެއް އޭނާއަށް ލިބިގެންވާ ކަމަށް -ނޭނގި ނަމަވެސް- ބުނެފައެވެ. އެހެނީ މީހުން ސުވަރުގެ ވެއްދެވުމާއި ނު ވެއްދެވުމަކީ ހަމަ އެކަނި ﷲ ގެ އިރާދަފުޅުން ވާ ކަމެކެވެ. މާތް ﷲ އިރާދަ ކުރެއްވި ކޮންމެ މީހަކީ ސުވަރުގެ ވަންނާނެ މީހެކެވެ.

ސުވަރުގެ ވަންނާނީ ކޮންބައެއް ހެއްޔެވެ؟ ކުރުގޮތަކަށް ބުނާނަމަ، ސުވަރުގެ ވަންނާނީ މާތް ﷲ އަށް އީމާންވެ ހެޔޮ ޢަމަލު ކުރާ ކޮންމެ މީހެކެވެ. ޤުރުއާނުގައި ބުނެފައި ވަނީ މިފަދައިންނެވެ.

ނިސާ ސޫރަތުގެ 122 ވަނަ އާޔަތުގެ މާނައިގައި ވަނީ : ''އީމާންވެ، ޞާލިޙް ޢަމަލު ކުޅަ މީހުން އެތާނގެ ދަށުން ފެންކޯރުތައް ހިނގަ ހިނގައި ހުންނަނިވި ސުވަރުގެތަކަށް ތިމަން ރަސްކަލާނގެ، އެބައި މީހުން ވައްދަވާހުށީމެވެ. އެތާނގައި، ދާއިމަށް ދެމިތިބެނިވި ގޮތުގައެވެ. މިއީ ޙައްޤުވެގެންވާ މާތް ﷲ ގެ ވަޢްދު ބަސްފުޅެވެ. ބަސްބުނުމުގައި މާތް ﷲ އަށް ވުރެން ތެދުވެރިކަން ބޮޑީ ކާކުހެއްޔެވެ؟

ދެން ހަމަ މި ސޫރަތުގެ އެއް އާޔަތް ދޫކޮށްފައ 124 ވަނަ އާޔަތް ކިޔާށެވެ. އެ އާޔަތުގެ މާނައަކީ: ''އެ މީހަކީ މުއުމިނަކު ކަމުގައި ވެގެންހުރެ، ހެޔޮކަންތަކުގެ ތެރެއިން ޢަމަލު ކުރާ ފިރިހެނަކު ނުވަތަ އަންހެނަކު ވިޔަސް، ފަހެ އެބައިމީޙުން ސުވަރުގެއަށް ވަންނާނެއެވެ. ކުޑަކުޑަ މިންވަރަކުން ވިޔަސް އެބައިމީހުންނަށް އަނިޔާ ނުލިބޭނެއެވެ.''

މި އާޔަތުން -އަދި މި ނުން އާޔަތްތަކުން ވެސް- އެނގެނީ ސުވަރުގެ ވަނުމުގައި ޖިންސުގެ ތަފާތެއް ނު އޮންނަ ކަމެވެ. ކޮންމެ ޖިންސަކީ ވެސް ﷲ ގެ ހެއްދެވި ޚަލްޤެކެވެ. އެ ކަލާނގެ އަށް އަޅުވެތި ބައެކެވެ. ވީމާ މި އަޅުވެތިކަން ޤަބޫލުކޮށް، އެ ކަލާނގެއަށް އިމާންވެ، އެންގެވި ގޮތަށް ޢަމަލު ކުރާ ކޮންމެ މީހަކީ ސުވަރުގެ ވަންނާނެ މީހެކެވެ. މި އާޔަތުގައި ވަނީ ޢާއްމު ލަފްޒެކެވެ. ''ފިރިހެނަކު'' ، ''އަންހެނަކު'' މި ފަދައިންނެވެ. ވީމާ މުއުމިން، ހެޔޮ ޢަމަލު ކުރާ ހަމަ ކޮންމެ މީހަކީ ސުވަރުގެ ވަންނާނެ މީހެކެވެ. އެއީ ނަހަލާލް އަންހެނަކަސް، ނަހަލާލް ފިރިހެނަކަސް ވެހެވެ. އެއްވެސް މީހަކީ އަމިއްލަ އިޚްތިޔާރުގައި، ބައްޕަ ނެތި އުފަންވާ މީހެއް ނޫނެވެ. އޭނާ އެހެން އުފަންވީ، އޭނާގެ މަންމައާއި ޠަބީޢީ ބައްޕަ (ޝަރުޢީ ބައްޕައެއް ނޫން) ކުރި ކުށެއްގެ ސަބަބުންނެވެ. އަދި އެ ދެ މީހުންނަށް ކުރެވުނު ފާފައިން ތައުބާ ވެއްޖެނަމަ، އެ ދެމީހުންގެ ފާފަ ވެސް މާތް ﷲ ފުއްސަވައި ދެއްވާނެއެވެ. އެ ދެ މީހުންވެސް ސުވަރުގެ ވަންނާނެއެވެ.

އެ ދެ މީހުން ތައުބާވެ ހެޔޮ ޢަމަލު ކުރީމާ ސުވަރުގެ ވަންނައިރު، ނަހަލާލް ކުއްޖަކު ސުވަރުގެ ނުވަންނާނެއޭ ބުނުމަކީ، އެއްވެސް ޙަޤީޤަތެއް ނެތް، އަދި ޢަދުލާއި މުޅިން އެއްކިބާ ވާހަކައެކެވެ. އަދި އެއްވެސް ދަލީލެއް އޮތް ވާހަކައެއް ނޫނެވެ.

އައްނަޙްލު ސޫރަތުގެ 97 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވަނީ: ''ފިރިހެނުންގެ ތެރެއިން ނުވަތަ އަންހެނުންގެ ތެރެއިން، އެ މީހާ އީމާންވެގެން ހުރެ، ހެޔޮކަންތައް ކުރާ މީހާއަށް، އެދެވޭ، ރަނގަޅު ދިރިއުޅުމެއް ތިމަން ރަސްކަލާނގެ ދެއްވައި އެފަދަ ދިދިއުޅުމެއްގައި އެ މީހާ ލަހައްޓަވާހުށީމެވެ. އަދި އެބައިމީހުން ޢަމަލު ކުރަމުން ދިޔަ އެންމެ ރީތި ހެޔޮގޮތަށް އެބައިމީހުންނަށް ހުރި އެބައިމީހުންގެ ދަރުމައިން، ތިމަންރަސްކަލާނގެ އެބައިމީހުންނަށް ޖަޒާދެއްވާހުށީމެވެ.''

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.