ޞައްދާމު ލިޔުންތެރިޔެއްގެ ގޮތުގައި ހަމަ ސުމެއް!؟
- ޢަލީ އިސްމާޢީލް
- 02 ޖޫން 2005
ޞައްދާމް ޙުސައިންގެ އައު ނާވިލު އުރުދުންގައި ޝާއިޢު ނުކުރާގޮތަށް މިހާރު ހަމަޖައްސައިފި ކަމަށްވެއެވެ. އުރުދުން ސަރުކާރުގެ ޗާޕްކޮށް ޝާއިޢު ކުރުމާބެހޭ އިދާރާއިން އުރުދުންގައި މިފޮތް މަނާކުރީ މިފޮތުގެ ބާވަތުން، އުރުދުން އާއި ޢިރާޤު ގެ ގުޅުމަށް ނުރަނގަޅު އަސަރުތަކެއް ކޮއްފާނެތީ ކަމަށްވެއެވެ. އަނެއްކޮޅުން ފޮތް ޝާއިޢުކުރަން ގަސްތުކުރި ފަރާތުން ބުނަނީ އުރުދުންގައި ޝާއިޢު ނުކުރެވޭނަމަ އުރުދުނުން ބޭރުގައި ނަމަވެސް ފޮތް ޝާޢިއުކުރާނެކަމަށެވެ. އަދި ޢަރަބި ދުނިޔޭގެ ކިޔުންތެރިންނާ ހަމައަށް ފޮތް ގެނެސްދޭނެކަމަށެވެ
ޞައްދާމް ޙުސައިންގެ އައު ނާވިލު އުރުދުންގައި ޝާއިޢު ނުކުރާގޮތަށް މިހާރު ހަމަޖައްސައިފި ކަމަށްވެއެވެ. އުރުދުން ސަރުކާރުގެ ޗާޕްކޮށް ޝާއިޢު ކުރުމާބެހޭ އިދާރާއިން އުރުދުންގައި މިފޮތް މަނާކުރީ މިފޮތުގެ ބާވަތުން، އުރުދުން އާއި ޢިރާޤު ގެ ގުޅުމަށް ނުރަނގަޅު އަސަރުތަކެއް ކޮއްފާނެތީ ކަމަށްވެއެވެ.
އަނެއްކޮޅުން ފޮތް ޝާއިޢުކުރަން ގަސްތުކުރި ފަރާތުން ބުނަނީ އުރުދުންގައި ޝާއިޢު ނުކުރެވޭނަމަ އުރުދުނުން ބޭރުގައި ނަމަވެސް ފޮތް ޝާޢިއުކުރާނެކަމަށެވެ. އަދި ޢަރަބި ދުނިޔޭގެ ކިޔުންތެރިންނާ ހަމައަށް ފޮތް ގެނެސްދޭނެކަމަށެވެ. ޞައްދާމުގެ ފޮތް މަނާކޮށްފައި ވީނަމަވެސް މިހާރުވެސް ފޮތުގެ ވަގުނަކަލުތައް އުރުދުންގައި ލިބެންއެބަހުރި ކަމަށްވެއެވެ.
''އުޚްރުޖް މިންހާ ޔާމަލްޢޫނު'' (އޭ ލަޢުނަތް ލިބިގެންވާ މިހިރަ މީހާ މިތަނުން ނުކުމޭ!) ގެ ނަންދީފައިވާ މިފޮތުގައިވާ ވާހަކަތަކާއި ޢިރާޤުގެ ހާލަތާ ވަރަށް ބޮޑަށް ބޮޑަށް ގުޅޭ ކަމަށް ވެއެވެ. މިވާހަކައިގައި އުޅޭ ޙަސްޤީލް އަކީ ނުބައިމީހެކެވެ. އޭނާ ރާވަނީ ރަށުގެ ވެރިޔާ ވެރިކަމުން ވައްޓާލާށެވެ. ޙަސްޤީލް ނުބައި ރޭވުން ނާކާމިޔާބު ކޮށްލަނީ، ވެރިޔާގެ އަންހެން ދަރިފުޅާއި ޢަރަބި ހަނގުރާމަވެރިއަކު ގުޅިގެންނެވެ.
ބައެއް ލިޔުންތެރިންގެ ޚިޔާލުގައި މިވާހަކައިން އިޝާރާތްކުރަނީ ޢަރަބިންނާއި މުސްލިމުންނާ ދެކޮޅަށް، ޞަހްޔޫނީންނާއި ނަޞާރާއިން ރާވާ ރޭވުމެކެވެ. ވާހަކައިގެ ނުބައި ޝަޚްޞިއްޔަތު، ޙަސްޤީލް ރަމްޒުކޮށްދެނީ ޔަހޫދީން ކަމަށްވެއެވެ. އެހެން ޝަޚްޞިއްޔަތެއް ކަމަށްވާ ޔޫސުފް ރަމްޒު ކޮށްދެނީ ނަޞާރާއިންނެވެ.
ފޮތް ޝާއިއުކުރުމަށް މަސައްކަތްކުރާ ކުންފުނި ބަޔާންކުރާ ގޮތުގައި ޞައްދާމް ޙުސައިންގެ ދަރިކަނބަލުން ރަޣަދު ވަނީ މި ފޮތް ޝާއިޢުކޮށް ވިއްކުމުގެ ހުއްދަ އެކުންފުންޏަށް ދީފައެވެ. ރަޣަދު ވަނީ ފޮތުގައި ބަޔާނެއް ލިޔެދީ، ޖަލުގައި ހުންނެވި ޞައްދާމު ޙުސައިނަށް ފޮތް ތަޚްޞީޞް ކޮށްދީފައި ވެސްމެއެވެ.
''އުޚްރުޖް މިންހާ ޔާ މަލްޢޫނު'' މިއީ ޞައްދާމު ޙުސައިން ލިޔުއްވި ތިންވަނަ ވާހަކަ ކަމަށްވެއެވެ. ޞައްދާމުގެ އެހެން ވާހަކައެއް ކަމަށްވާ ''ޒަބީބާ ވަ އަލްމަލިކް'' (ޒަބީބާ އާއި ރަސްގެފާނު) ވަނީ މިޔުޒިކަލް ތަމްސީލަކަށް ބަދަލު ކޮށްފައެވެ. ''ޒަބީބާ ވަ އަލްމަލިކް'' ޝާއިޢު ކުރެވުނީ ޢިރާޤުގެ ވެރިކަމުގައި ޞައްދާމް ޙުސައިން އާރާއި ބާރާއެކު ހުންނެވި އިރުގައެވެ. ނަތީޖާއެއްގެ ގޮތުން 160 ޞަފްޙާގެ މިފޮތް، އެދުވަސްވަރު ވެގެންދިޔައީ، ޢިރާޤީންނަށް ވަރަށް މަޤުބޫލް ނާވިލަކަށެވެ. ''ޒަބީބާ ވަ އަލްމަލިކް'' ވާހަކަ އަށް މުޅިންވެސް އޮއްސާފައިވަނީ ތަޢުރީފުގެ ބަސްތަކެވެ. ޞައްދާމަށް ނިސްބަތްވާ އެއްޗަކަށް ފާޑުކިޔުމަކީ އެކަށީގެންނުވާ ކަމެއް ކަހަލައެވެ!
މިވާހަކައިގައި ބަޠަލާ ޒަބީބާ އަކީ އަނިޔާވެރި ފިރިއެއްގެ ޝިކާރައެކެވެ. ނަމަވެސް ހާދިސާތަކަކަށްފަހު ޒަބީބާއަށް ރަސްގެފާނުދެކެ ލޯބިވެވެއެވެ. ރަސްގެފާނުގެ ހިތްވެސް ޒަބީބާ އަށްޓަކައި ލެނބިގެން ދެއެވެ. އެއްރެއަކު ޒަބީބާ ގަނޑުވަރުން އެނބުރި ގެއަށް އަންނަނިކޮށް، ބަޔަކު އޭނާ ޖަންގަލީ ތެރެއަށް ގެންގޮސް ޢިފަތް ފޭރިގަނެއެވެ. ނުބައިމީހުން ޒަބީބާ މަރާލަނީ ޖެނުއަރީ މަހެއްގެ 17 ވަނަ ދުވަހުއެވެ. މިއީ، ޢިރާޤު އަތްދަށުން ކުވެއިތު މިނިވަން ކުރުމަށް ކުރި ހަނގުރާމައިގެ އަހަރީ ދުވަސް ވެސްމެއެވެ. ވާހަކައިގައި އުޅޭ އެހެން ޝަހުޞިއްޔަތެއް ކަމަށްވާ ނޫރީ ޝަލަބީ އަކީ، ޢިރާޤު ނެޝަނަލް ކޮންގްރެސްގެ އެދުވަސްވަރުގެ ރައީސް އަޙްމަދު ޝަލަބީ އަށް ކޮށްފައިވާ މަލާމާތެއް ކަމަށް ބެލެވެއެވެ. ވާހަކައިގައި ނޫރީ ޝަލަބީއަކީ ފަސާދައިން ކަޅިވެހުރެ، ބޭރުގެ ބާރުތަކަށް ފިސާރި ދެއްކުންތެރި ޝަޚްޞިއްޔަތެކެވެ.
ލޯތްބެއްނެތް ކައިވެންޏާއި އަނިޔާ އާއި މަރުގެ އިޙްސާސްތައް އެކުލެވޭ މިފޮތް، ''ޒަބީބާ ވަ އަލްމަލިކް'' ނިކުތުމާއެކު ޢިރާޤާއި އެމެރިކާގެ ޖާސޫސީ އިދާރާ ސީ.އައި.އޭ ''ހަލުވާލި'' އެވެ. ސީ.އައި.އޭ އަށް ފޮތުގެ ކޮޕީއެއް ލިބުމާއެކު ފޮތް ވަރަށް ރަގަޅަށް މުޠާލިޢާ ކޮށްލި ކަމަށްވެއެވެ. އެންމެ ފަހުން ސީ.އައި.އޭ އިން ނިންމީ މުޅި ފޮތް ލިޔުއްވާފައިވަނީ ޞައްދާމް ނޫން ކަމަށެވެ.
ޞައްދާމް، ވެރިކަމުން ދުރުކުރެވުމާއެކު، ޢިރާޤުގެ ލިޔުންތެރީންނާއި ޢިލްމުވެރީން ބުނެފައިވަނީ ޞައްދާމް ލިޔުއްވި ވާހަކަތައްކަމަށް ބުނާ ތިންވާހަކަވެސް ލިޔުއްވާފައިވަނީ އޭނާ ނޫންކަމަށެވެ. ނަމަވެސް އެއީ ޞައްދާމުގެ އަމުރަށް ލިޔުންތެރިންގެ ކޮމިޓީއަކުން ކޮށްފައިވާ މަސައްކަތްތަކެއް ކަމަށެވެ.
ޞައްދާމުގެ އާ ފޮތް، ''ޢުޚްރުޖް މިންހާ ޔާ މަލްޢޫނު'' އިގިރޭސިބަހުން ޝާއިޢު ކުރުމުގެ ހުއްދަލިބިފައިވާ ކުންފުނި ހެސްޕެރެސް ޕަބްލިޝާރ އިން ބުނާ ގޮތުގައި، އެކުންފުނީގެ ފަރާތުން ވަނީ ޞައްދާމުގެ ފޮތް އެއްކޮޅުން އަނެއްކޮޅަށް ކިޔާފައެވެ. އަދަބީ ގޮތުން އެއީ އޮއްޓަރެއްހުރި އެއްޗެއް ނޫންކަމަށާއި ހަމަ ސުމެއްގެ އެއްޗެއްކަމަށް ވެސް ވަނީ ބުނެފައެވެ. ވީމާ އެ ކުންފުނީގެ ފަރާތުން އިގިރޭސިބަހުން ''އުޚްރުޖް މިންހާ ޔާ މަލްޢޫނު'' ޝާއިޢުކުރަން ގަސްތުނުކުރާކަމަށް ވެއެވެ.