ހޮނިހިރު20180922

އާކުރެވުނީ: 08:43:52

މާދަމާ

maadhan

މިއަދު ލިޔާނެ އެއްޗަކާއި މެދުގައި އިއްޔެ ރޭ އަހަރެން ވިސްނީމެވެ. އިނގިލިތަކުން ގަލަމުގައި ހިފައިގެން ކުރިމަތީ ސާފު ހުދު ގަނޑެއް ބާއްވައިގެން، އެގަލަން ހިންގި ހިންގިހެން އެ ގަނޑުގައި ކަޅުކުލަޖެހެމުންދާނެ ކަން އަހަންނަށް އެނގުނެވެ. އެހެނަސް އެގަލަމުގެ މަގުސަދު ހާސިލުވުމުގެ ކުރިން އޭގެ ދެލި ހަމަވާނީ ކަމެއް، ނުވަތަ އެ ގަލަން ބަނޑުވަތަށް ވެއްޓޭނީ ނޫންކަމެއް އަހަރެންކަށް ނޭނގެއެވެ. އަހަރެންގެ މިސިޓީ ފުރިހަމަކުރެވިދާނެ ކަމެއް، ނުވަތަ ޒަމާނުގެ ހުރަސްތަކުން ހުރަހެއް އެމަގަށް ކުރިމަތިވާނީ ނޫންކަމެއް ވެސް އަހަރެންނަކަށް ނޭނގެއެވެ. ސަބަބަކީ އެއީ މާދަމާއާ ބެހޭ ގޮތުން އެއްވެސް ކަމެއް އަހަރެންނަށް ނޭނގޭތީއެވެ. މުސްތަޤުބަލުވަނީ ﷲ ގެ އަތްޕުޅުގައި ކަމަށް ވާތީއެވެ.

އަހަރެން ހެދުނުގައި ލީ ގަމީސް މިހާރުވެސް މިހުރީ ލައިގެންނެވެ. ނަމަވެސް އެ ހެދުން ބާލާނީ އަހަރެންގެ ދެ އަތުން ކަމެއް ނުވަތަ ހިނަވާމީހާގެ ދެ އަތުން ކަމެއް އަހަރެންކަށް ނޭނގެއެވެ.

މާދަމާއަކީ ބަލަން ހުރި މީހާއަށް ދުރުން ފެންނަން ހުރި ހިޔަންޏެކެވެ. ފަހަރެއްގައި އެއީ އޯގާތެރި ރަސްކަލެއް ކަމުގައި، ނުވަތަ ލަޢުނަތްލެއްވި ޝައިޠާނެއް ކަމުގައިވެސް ވެދާނެއެވެ. ކިއެއްތަ! ފަހަރެއްގައި އެއީ ބަނަ ވިލާގަނޑެއް ކަމުގައިވެ، އޭގެ މައްޗަށް ފިނި ރޯޅިއެއް ޖެހުމުން ގޮފިތައް ރޫޅި ބައިތައް ވަކިވެ، ކުރިންވެސް ނެތް އެއްޗެހީގެ ތެރެއިންވީ ނެތުމެއް ކަމުގައި ވެސް ވެދާނެއެވެ.

މާދަމާއަކީ ތަނަވަސްވެގެންވާ ފުން ކަނޑެކެވެ. އޭގެ ރާޅުތައް ހޮޅިލައި މުގުރަމުންދެއެވެ. އޭގެ ބަނޑުގައިވަނީ ރަންމުތާއި ޖަވާހިރުކަމެއް، ނުވަތަ މަރުކަމެއް ކަލެއަކަށް ނޭނގެއެވެ.

މާދަމާ ވަނީ ބުއްދިތަކަށް ފޮރުވިގެންނެވެ. ނަޒަރުތަކަށް ވަންހަނާވެގެންނެވެ. އެއީ އިންސާނަކު އޭނާގެ ގޭގެ ދޮރުން ބޭރުގައި ފައިއަޅާލުމަށް ފައި އުފުލާލި ކަމުގައިވިޔަސް، އެފައި އެޅޭނީ ދޮރުގެ އޮޅިގަނޑުގައި ކަމެއް، ކަށްވަޅުގެ ތުންފަތްމަތީގައި ކަމެއް ނޭނގޭނެ ދަރަޖައަށެވެ.

މާދަމާއަކީ ގިނަވަގެންވާ ސިއްރުތަކުން ފުރިފައިވާ މޭމައްޗެކެވެ. އޭގެ މަތީން ވަށައިގެން ކަޅިތައް ހޯރައަޅަމުންދެއެވެ. ނަޒަރުތައް ފާރަލަމުންދެއެވެ. އެޔާ މެދު ސިކުނޑިތަކުން އަތްފުނާއަޅަމުންދެއެވެ. ނަމަވެސް އޭގެ ސިއްރުތަކުން ސިއްރެއް ހާސިލެއް ނުކުރެވެއެވެ. އޮއިގަނޑާއެކު ހިލަގަނޑު ލެއްގީމާ މެނުވީއެވެ.

މާދަމާއާ އެކުގައި އަހަރެންވާއިރު، މާދަމާ، އޭގެބަންދުވެގެންވާ ކިއްލާގައި، އޭގެ ޖަގަހައިގައި ބަނޑުޖަހައިގެން، ފޭލީގައި ފަރުދާވެގެން އޮވެ، އަހަރެމެންގެ އުންމީދުތަކާއި އެދުންތަކަށް ބަލަމުންދަނީ މަލާމާތާއި ފުރައްސާރައިގެ ނަޒަރުންނެވެ. ލަދުގެންނެވުމާއި ދަށްކޮށްލުމުގެ  ހިނިތުންވަމުންނެވެ. އޭގެ އަމިއްލަ ނަފުސަށް ބުނަމުންދެއެވެ. މިހިރަގެން ޖަމާކުރާ މީހާއަށް، ޖަމާކޮށް އެދެވެނީ ވާރުތަވެރީންނަށްކަން އެނގޭ ނަމަ، ބިނާކުރާ މީހާއަށް ބިނާކޮށް މިހެދެނީ ޚަރާބުވުމަށްކަން އެނގޭ ނަމަ، އުފަންކުރާ މީހާ އުފަންކުރަނީ މަރުވުމަށްކަން އެނގޭ ނަމަ، ޖަމާކުރާމީހާ ޖަމާކޮށް، ބިނާކުރާމީހާ ބިނާކޮށް، އުފަންކުރާ މީހާ އުފަންކޮށެއް، ނޫޅުނީހެވެ.

މި ދުނިޔޭގެ ކޮންމެ އުނދަގުލެއް އިންސާނުން ގިރާކޮށްފިއެވެ. ބިންގަނޑު ކޮނެ ބިންގަރާސްހަދައިފިއެވެ. އުޑަށް އަރާނެ ހަރުފަތް ހަދައިފިއެވެ. މަޝްރިޤާއި މަޣްރިބު ދަނގަނޑު ވާތަކަކުން ލޮއިގެ ރޮދިތަކަކުން ގުޅުވައިފިއެވެ. އޭނާގެ ސިކުނޑީން ފަޒާއަށް ވާސިލުވެއްޖެއެވެ. ތަރިހަނދުގައިދިރިއުޅެފިއެވެ. އެތަނުގެ އަޑިގުޑަންތައް، ހަމަބިންތަކާއި ވާދީތައް، އާބާދުތަކާއި ވީރާނާތައް، ކަނޑުފަޅާއި އެއްގަންތައް ދަސްކޮށްފިއެވެ.

ތަރިތަކުގެ ދުރުމިނާއި އަލީގެ މަސާފަތު ދެނެގަތުމުގެ މިންތައް އެކަށައަޅައިފިއެވެ. ދުނިޔޭގެ ބޯޅަ އިޖުމާލީ އަދި ތަފުސީލީ ގޮތުން މީޒާންކުރާނޭ ތަރާދުތައްއުފައްދައިފިއެވެ. އަދި ކަނޑުތަކުގައި ފީނައި، އޭގެ ފުންމިން ދެނެގެންފިއެވެ. އޭގެ ވެލި ދިރާސާކޮށް، އެތަނުގެ ދިރިތިބީންނަށް އުނދަގޫކޮށްފިއެވެ. އެތަނުގެ ދާގަބާތައް ކޮނެ، އޭގެ ޚަޒާނާތައް ފޭރިގަނެފިއެވެ. އޭގެ ރަންމުތާއި ޖަވާހިރުގެ މައްޗަށް ގަދަވެގެންފިއެވެ. އަދި ހިލަތަކާއި ހަވިއްތަތަކުގެ ތެރެއިން ވަދެ، އިސްވެދިޔަ ޤަރުނުތަކުގެ އަހުލުވެރީންދެކެފިއެވެ. އެމީހުން އުޅޭ ތަނާއި ދިރިއުޅޭ ގޮތާއި، ކައިބޮއިހަދާ އެއްޗެއްސާއި ދެނެގެންފިއެވެ.

އަދި ހިއްސުތަކުގެ ދޮރައަށިތަކުން ހިއްސުތަކުގެ އެތެރެއަށް ދެމިގެންފިއެވެ. އެގޮތުން ނަފުސުތަކާއި އޭގެ ޠަބީޢަތްތައް، ސިކުނޑިތަކާއި އޭގެ މަޒުހަބުތައް، އެނގުންތަކާއި އޭގެ މަރުކަޒުތައް ހޯދައިގެންފިއެވެ. ނަފްސު ދައްކާވާހަކައާއި މަރުގެ ފިޔަވަޅުތަކުގެ އަޑުވެސް އަހައިފުމަށް ގާތްވެއްޖެއެވެ.

އޭނާގެ ތޫނުފިލިކަމުން ކޮންމެ ފަރުދާއެއް ހާކޮށްފިއެވެ. ކޮންމެ ދޮރެއް ހުޅުވައިފިއެވެ. ނަމަވެސް މާދަމާގެ ދޮރުމައްޗަށް އައިސްފައި،އެ ދޮރު ހުޅުވަން ޖެހިލުންވެ، ކިއެއްތަ އެ ދޮރުގައި ޓަކި ޖަހާލާނޭ ހިތްވަރެއް ވެސް ނެތި، ނުކުޅަދާނަވެ ލާހިކުނުވެގެން ކަކޫމައްޗަށް ތިރިވެއްޖެއެވެ. އެހެނީ އެއީ ﷲ ގެ ދޮރެވެ. ﷲ އެކަލާނގެ ޣައިބު އެއްވެސް މީހަކަށް ފާޅުނުކުރައްވައެވެ.

ޣައިބުގެ ފަރުދާއިން ނިގާބުއަޅައިގެން ހުރި ހިޔަންޏާއެވެ! ފޮރުވާފައިވާ މޫނުގެ ސަފުހާތަކުން އެންމެ ސަފުހާއެއް އަހަރެމެން ދުށުމަށްޓަކައި ކަލޭގެ މޫނުން ތިޔަ ފަރުދާ ފޭކޮށްލަދީފާނުހެއްޔެވެ؟ އަހަރެމެންނަށް ނިވާކުރުމަށް ތިޔަހުރި ފަރުދާގެ ފުރަގަހުން ކަލޭގެ ސޫރަ ބަލާލުމަށްޓަކައި އަހަރެމެންނާ ގާތްވާނުހެއްޔެވެ؟ ކަލޭގެ ޝައުޤުގައި އަހަރެމެންގެ ހިތްތައް އުދުހިގެންޖެއެވެ. ކަލޭގެ ވަޖިދުގައި އަހަރެމެންގެ މޭތައް ވިރިހިނގައްޖެއެވެ.

އޭ މާދަމާއެވެ! އަހަރެމެންގެ ކުޑަބޮޑެތި އުންމީދުތަކެއްވެއެވެ. ފޮނި އެދުންތަކާއި އެނޫން އެދުންތައް ވެއެވެ. އަހަރެމެންގެ އުންމީދުތަކާ ބެހޭ ގޮތުން، ކަލޭގެ ގާތުގައި އެކަންކަންވަނީ ކޮންތާކުކަން ކިޔައިދީބަލާށެވެ. އަހަރެމެންގެ އެދުންތަކާމެދު ކަލޭ ހެދިގޮތުގެ ޚަބަރުދީބަލާށެވެ. އެކަންކަން ދަށްކޮށް ނިކަމެތިކޮށްލީހެއްޔެވެ؟ ނުވަތަ އެކަންކަމަށް މާތްކޮށް ހިތީހެއްޔެވެ؟

ނޫން.... ނޫން... ކަލޭގެ ސިއްރު ކަލޭގެ މޭގައި ރައްކާކޮށް ހިފަހަށްޓާށެވެ. ކަލޭގެ ނިގާބު ނުނަގާ ބަހައްޓާށެވެ. އަހަރެމެންގެ އެދުންތަކާއި އުންމީދުތަކުގެ ޚަބަރުތަކުން އެއްވެސް ވާހަކައެއް އަހަރެމެންނާ ދައްކާނެކަމެއް ނެތެވެ. އަހަރެމެންގެ ފުރާނަތަކާއި ނަފުސުތަކަށް ކެކުޅުން ޖެހިދާނެތެވެ. އަހަރެމެންނަކީ އުންމީދުތަކުން ދިރިތިބި ބައެކެވެ. އެދުންތަކުން އުފާވެގެން ތިބި ބައެކެވެ. އުންމީދުތައް ބާޠިލުވެފައި އެދުންތައް ދޮގުކަމުގައި ވިޔަސްވެހެވެ.

ނުވާތީ ދިރިއުޅުން މީހާގެ ފިޔަވައި އެދުންތަކަށް
          ފިލާދިޔަ ނަމަ އެކަންކަން ދެން ހަޔާތްވޭ ނިޝާނަކަށް


 


އަސްލު ލިޔުއްވީ: މުޞްޠަފާ ލުޠުފީ އަލްމަންފަލޫޠީ

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.