ހުކުރު20201120

އާކުރެވުނީ: 08:43:52

މުންޝީ ޕުރޭމް ޗަންދު

premchand''މުންޝީ ޕްރޭމް ޗަންދު''، މިއީ ދަމްޕަތު ރާއީ ސުރިވަސްތަވާ އޭނާގެ ލިޔުންތަކުގައި ބޭނުންކުރި ގަލަމީ ނަމެކެވެ. ފަހުން އަސްލު ނަމަށްވުރެ މިނަން މަޝްހޫރުވީއެވެ. ޕްރޭމްޗަންދުގެ ބައްޕައަކީ ޕޯސްޓު އޮފީހެއްގެ ކާތިބެކެވެ. އުމުރުން ހަތް އަހަރުގައި ޕްރޭމްޗަންދުގެ މަންމަ ނިޔާވެއްޖެއެވެ. އިސްކޫލް ދައުރު ނުނިމެނީސް ބައްޕަ ނިޔާވެ ޔަތީމުވެއްޖެއެވެ. އެއާއެކު ދޮންމަންމަ އާއި ކޮއްކޮމެން ބެލުމުގެ ހުރިހާ ޒިންމާއެއް ޕުރޭމް ޗަންދުގެ ބޮލުގައި އެޅުނެވެ.

ޕުރޭމް ޗަންދުގެ ހަޔާތަކީ ފަގީރު ނިކަމެތި ގަނަތެޅުމެކެވެ. އޭނާ، އާއިލާގެ ކަންތައްތައް ބެލެހެއްޓުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައި ޤާނޫނީ ވަކީލެއްގެ ދަރިއަކަށް މަހަކު ފަސް ރުޕީޒްގެ އުޖޫރަޔަކަށް ޓިއުޝަން ދިނެވެ. ފަހުން މަހަކު އަށާރަ ރުޕީޒްގެ މަސާރަޔަކަށް ޓީޗަރުކަމުގެ ވަޒީފާ އަދާކުރިއެވެ. އެއްފަހަރަކު އަންނައުނު ގަތުމަށް ދަރަންޏަށް ދެރުޕީޒް ބައި މީހެއްގެ އަތުން ހޯދިއެވެ. މި ދަރަނި ވަރަށް ޙާލުގައި އުޅެގެން އޭނާއަށް ޚަލާޞްކުރެވުނީ ތިން އަހަރުން ކަމަށް ވެއެވެ!

''ސޯޒްއޭ ވަޠަން'' ގެ ނަމުގައި 1910 ވަނަ އަހަރު ޕުރޭމް ޗަންދު އޭނާގެ ކުރުވާހަކަތައް ހިމެނޭ ފޮތެއް ނެރުމުން ވަރަށް ބޮޑު މައްސަލަގަނޑަކަށް އެކަން ވެގެން ދިޔައެވެ. އިސްތިޢުމާރިއްޔަތާ ދެކޮޅު ޚިޔާލުތައް ވާހަހަތަކުގައި ހުރުން ވެގެން ދިޔައީ އެދުވަސްވަރު އިންޑިޔާ އިސްތިއުމާރުކޮށްގެން ތިބި އިގިރޭސީންގެ ލަނގޮޑިއަށް ވަރަށް ތަދުކުރުވި ކަމަކަށެވެ. ނަތީޖާއެއްގެ ގޮތުން އިގިރޭސީންގެ އަމުރަށް ''ސޯޒްއޭ ވަތަން''ގެ ހުރިހާ ނަކަލެއް އަންދާ އަޅިޔަށް ހެދުމަށް ކޯޓް އަމުރުނެރުނެވެ.

ޕްރޭމްޗަންދު ފުރަތަމަ ލިޔުނީ އުރުދޫ ބަހުން، ނަވާބު ރާއީގެ ނަމުގައެވެ. ނަމަވެސް އިގިރޭސީން ''ސޯޒްއޭ ވަޠަން'' މަނާކޮށް، ނައްތާލުމާއެކު ނަވާބު ރާއީގެ ނަމުގައި ލިޔުން ހުއްޓާލައި، ޕްރޭމް ޗަންދުގެ ނަމުގައި ލިޔަން ފެށިއެވެ.

ޕުރޭމް ޗަންދަކީ ހިންދީ އަދަބަށް ފާހަގަކުރެވޭ ބަދަލެއްގެނައި ލިޔުން ތެރިއެކެވެ. ޕްރޭމް ޗަންދުގެ ކުރީގައި ހިންދީ އަދަބުގައި ބޮޑަށް އޮތީ ދީނީ ވާހަކަތަކާއި ރާޖާ އިންނާއި ރާނީންގެ ވާހަކަތަކެވެ. އާއްމު އިންޑިޔާ މީހުންގެ ދިރިއުޅުމުގެ ވާހަކަތަކެއް ނެތެވެ. ހިންދީ އަދަބަށް ''ރިއަލިޒަމް'' ނުވަތަ ހަގީގަތާއެއްގޮތް އަދަބިއްޔާތު ޕްރޭމްޗަންދު ގެނެސްދިނެވެ. ތިން ސަތޭކަ އަށްވުރެ ގިނަ ކުރުވާހަކަ އާއި ޑަޒަނެއްހާ ނާވިލުގެ އިތުރަށް ދެ ތަމްސީލު ޕްރޭމް ޗަންދު ލިޔެފައިވެއެވެ.

ޕްރޭމް ޗަންދުގެ ވާހަކަތަކުގެ އެންމެ ޚާއްސަ ސިފަތަކަކީ ވާހަކަ ހުށަހަޅައިދީފައި ހުންނަ ޝައުގުވެރިވާ ގޮތާއި، ބޭނުންކޮށްފައި ހުންނަ ސާދާ ބަހުރުވައެވެ. ޕުރޭމް ޗަންދުގެ ދުވަސްވަރުގެ އެހެން ލިޔުންތެރިންނާއި ޚިލާފަށް އޭނާ ބޭނުންކޮށްފައި ހުންނަނީ އާއްމު މީހުން ބޭނުންކުރާ އާއްމު ބަސްމަގެވެ. އޭނާގެ ވާހަކަތަކުގައި ދައްކުވައިދެނީ އިންޑިޔާގެ ޝަހަރުތަކުގައި ދިރިއުޅޭ މެދުފަންތީގެ މީސްމީހުންގެ ދިރިއުޅުމުގެ އުދާސްތަކެވެ. މި ވާހަކަތަކުގެ މައުޟޫތަކަކީ ފަސާދައާއި ބިންވެރިންގެ އަނިޔާއާއި ފަގީރުކަމާއި ދަރަނިވެރިވުން ފަދަ މުޖުތަމައުގައި ހުރި ހަގީގީ މައްސަލަތަކެވެ. މީގެ އިތުރަށް އިސްތިޢުމާރިއްޔަތަކީ ވެސް ޕުރޭމް ޗަންދުގެ ވާހަކަ ތަކުގެ މައުޟޫއެކެވެ.

އަދަބީ ފާޑުކިޔުން ތެރިންގެ ނަޒަރުގައި ޕުރޭމް ޗަންދުގެ ވާހަކަތަކުގައި ވަނީ މަރާއި ހުސް ހިތާމައެވެ. ޕުރޭމް ޗަންދުގެ ވާހަކަތަކަށް ވަނީ ވަރަށް ބޮޑަށް އޭނާގެ އަމިއްލަ ދިރިއުޅުމުގެ އަސަރުކޮށްފައެވެ. އޭނާގެ ހަޔާތުގައި ދިމާވި ގޮތްހުސްވުމާއި، ފަގީރުކަން ވާހަކަތަކުން ދައްކުވައިދެއޭ ބުނެވިދާނެއެވެ. އެހެން ލިޔުންތެރިންނާ ޚިލާފަށް އޭނާގެ ވާހަކަތަކުގައި މީހުން ސިފަކޮށްދީފައިވަނީ މީހުންގެ ގޮތުގައެވެ. ހުރުން އެކަށީގެންވާ އުނި ސިފަތައްވެސް ހުރި މީހުންގެ ގޮތުގައެވެ. ވާހަކައިގެ ބަތަލު، ވާހަކައިގެ އެހެން ޝަޙްޞިއްޔަތުންނަށް ވުރެ ހުރިހާގޮތަކުން ފުރިހަމަވާކަށް ޕުރޭމް ޗަންދުގެ ވާހަކަ ތަކުގައި ނުޖެހެއެވެ.

ޕުރޭމް ޗަންދުގެ ބައެއް ވާހަކަތައް ވަނީ ބައިސްކޯފު ފިލްމަށް ބަދަލުކުރުމުގެ އިތުރަށް އިގިރޭސި ބަހަށާއި ރަޝިޔާ ބަހަށް ތަރުޖަމާކޮށްފައެވެ.

އޭނާގެ އަދަބީ މަސައްކަތްތަކުގެ ތެރެއިން ''ސަތުރަންޖު ކީ ކިލާޅީ'' (ރާޒުވާކުޅުންތެރިން) އަދި ''ކަފާން'' (ކަފުން) މިއީ ފާހަގަކުރެވޭ ދެވާހަކައެވެ. ''ކަފުން'' މިވާހަކައިގައި ފަގީރުމީހަކު އޭނާގެ އަންހެނުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ވަރަށް މަސައްކަތުން ފައިސާ ހޯދައެވެ. ނަމަވެސް އެންމެފަހުން ކާނާއާއި ބަނގުރަލަށް ހޯދިފައިސާކޮޅު ހުސްކޮށްލައެވެ.

'' ރާޒުވާކުޅުންތެރިން ''

މި ވާހަކައިގައި ދައްކުވައި ދެނީ އަވަދުގެ ރަސްގެފާނު، ނަވާބް ވާޖިދު އަލީ ޝާހުގެ ރަސްކަމެވެ. ރަސްކަމުގެ ވެރިރަށް ލަކްނޫ ވަނީ މަޖަލުގެ ތެރެއަށް ގެނބިފައެވެ. ޢިއްޒަތްތެރިންނާއި ނިކަމެތިން، ޒުވާނުންނާއި މުސްކުޅިން ތިބީ މިޔުޒިކާއި ލަވަޔާއި ފެޝަނުގެ އަވައިގައި ޖެހި ހަފުސްވެފައެވެ. ނާސިގެތަކުން ހޯދާ ޖިންސީ އުފަލާއި ކުޅިވަރުގެ މަޖަލުގެ ސަބަބުން މީހުންގެ ކިބައިގައި ސީރިޔަސް ކަމެއް ނެތެވެ. ބައެއް މީހުން އުފާވެރި ޕާޓީތައް ބާއްވަމުން ދާއިރު އަނެއް ބަޔަކު އުފަލެއް ކަމަށް ދެކެމުން ދިޔައީ، އަފިހުނުގެ މަސްތެވެ. ޢިއްޒަތްތެރީން ބޮނީ ބަނގުރަލެވެ. ސިޔާސަތާއި، އަދަބާއި ފަންނު، ވިޔަފާރިއާއި ސިނާއަތުގައި ވަނީ އަމިއްލަ އެދުމާއި ފަސާދައެވެ. މުޖުތަމައުގައި އޮތީ މަކަރުހެދުމާއި ވައްކަން ޢާއްމުވާން ފަށާފައެވެ.

ރަސްގެފާނު ނަވާބު ވާޖިދު ޢަލީ ޝާހުގެ ހާލު އަދި މާބޮޑެވެ.ރަސްގެފާނަކީ ޅެންވެރިއެކެވެ. މިޔުޒިކުގެ ފަންނާނެކެވެ. ރަސްކަމުގެދަރުބާރުގައި އޮތީ އާ ރާގުތައް އުފެއްދުމާއި މަޖާކުރާނޭ އާގޮތައް އީޖާދުކުރާނޭ ގޮތްތަކާމެދު ފިކުރުހިންގުމެވެ. ވާހަކައިގެ ބަތަލުންގެ ގޮތުގައި ދައްކުވައިދޭ ދެ ޢިއްޒަތްތެރިން ކަމަށްވާ މީރު ރޯޝަން އަލީ އާއި މިރުޒާ ސައްޖާދު ޢަލީ ދުވަސްތައް ހޭދަކުރަމުން ދަނީ ރާޒުވާ ކުޅުމުގައެވެ. އަނެއްކޮޅުން ފަރުދާގެ ފުރަގަހުގައި އިގިރޭސީން '' އިސްތިއުމާރީ ސިޔާސީ ރާޒުވާ'' ގެ ކުޅިތައް އަތުރަމުން ދަނީ ވާޖިދު ޢަލީ ޝާހުގެ ރަސްކަން ވައްޓާލައި އިސްތިއުމާރުކުރުމަށް މަގުފަހިވާގޮތަށެވެ. އެންމެ ފަހުން އިގިރޭސި އިސްތިއުމާރުގެ ދަށަށް އަވަދު އާއި ވެރިރަށް ލަކްނޫ ދަނީ އެންމެ ލޭތިއްކެއް ވެސް މިނިވަންކަމުގެ ނަމުގައި ބިމަށް ނުއޮހޮރިއެވެ!

މި ވާހަކައިން ދައްކުވައިދެނީ ސިޔާސީ ޙިކުމަތެއްނެތް މަޖަލަށް ލޯބިކުރި ރަސްކަލަކާއި ފިނޑިކަން ކުރިއަށް ނެރެގެން ތިބި ރައްޔިތެކެވެ. އަދި ނެށުމާއި ލަވަޔާއި މިޔުޒިކު އެއީ ފުރާނައިގެ ކާނާ ކަމަށް ހަދައި، ކުޅިވަރާއި މަޖަލުގެ ތެރެއަށް ގޮސް ހުސްވުމުން މިނިވަންކަން ގެއްލި މުޅިން އަވަދިވި މުޖުތަމަޢެކެވެ.

އިންޑިޔާގެ ފާހަގަކުރެވޭ ފިލްމު ޑައިރެކްޓަރެއް ކަމަށްވާ ޑރ. ސަތުޔަޖީތު ރޭ ވަނީ މިވާހަކަޔަށް ކުދި ބަދަލުގެނެސްގެން ''ސަތުރަންޖް ކީ ކިލާޅީ''ގެ ނަމުގައި ފިލްމެއް ހަދައި ކޭންސް ފިލްމް ފެސްޓިވަލްގައި ބައިވެރިކޮށް އެވޯޑް ހޯދާފައެވެ. ކަލާ އާޓް ފިލްމަށް ލޯބިކުރާނަމަ، ސަންޖީވް ކުމާރާއި ސަޢީދު ޖެފްރީ އަދި އަމްޖަދު ޚާން ތަމްޘީލްކޮށްފައިވާ މި ފިލްމު ބަލާލާށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.