ބުދަ20200916

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ދުނިޔޭގެ އަދަބިއްޔާތު ހާވެލް އެބުރި އަދަބިއްޔާތުގެ ތެރެއަށް ވަންނަނީ

ހާވެލް އެބުރި އަދަބިއްޔާތުގެ ތެރެއަށް ވަންނަނީ

vaclav_havelޗެކްރިޕަބްލިކްގެ ކުރީގެ ރައީސް އަދި ތަމްސީލު ލިޔުންތެރިޔާ ވަކްލާވް ހާވެލް އޭނާގެ މަޑުޖައްސަވާލައްވާފައިވާ، އަދަބީ މަސައްކަތްތައް ކުރިއަށް ގެންދެވުމާމެދު ވިސްނަވަމުން ގެންދަވާ ާކަމަށްވެއެވެ. މީގެ ސޯޅަ އަހަރުކުރިން ޗެކޮސްލަވާކިޔާގައި ހިގާދިޔަ ''ވެލްވެޓް އިންޤިލާބް''ގެ އިސްމޭސްތިރިއެއްގެގޮތުގައި ހާވެލް ހުންނެވި އިރު އޭނާއަކީ ޗެކޮސްލަވާކިޔާގެ މަޝްހޫރު ތަމްސީލް ލިޔުންތެރިޔެކެވެ. ހާވެލްވަނީ ތަމްސީލުގެ އިތުރަށް ފޮތާއި ސިޔާސީ މަޒުމޫން ލިޔުއްވާފައެވެ.

ހާވެލް، އަދަބީ މަސައްކަތްތައް މަޑުޖައްސަވާލެއްވީ ޗެކްރިޕަބްލިކްގެ ރައީސްކަމަށް އިންތިޚާބުވުމާގުޅިގެން ނެވެ. އޭނާގެ ރައީސް ކަމުގެ އެންމެ ފަހު ދައުރު ހަމަކުރެއްވީ 2003 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. 

ހާވެލް ގަސްތުކުރައްވަނީ އޭނާގެ ހަޔާތުގެ ވާހަކަ ލިޔުއްވަންކަމަށްވެއެވެ. މީގެ އިތުރުން ޝެކްސްޕިއަރގެ ތަމްސީލް ''ކިންގ ލިއާރ'' އަށް ބިނާކޮށް ތަމްސީލެއް ލިޔުއްވުމާއި، އެކުވެރިންނާއެކު ދައްކަވާފައިވާ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ފޮތެއް ލިޔުއްވައި ޝާއިއުކުރައްވަން ގަސްތުކުރައްވާ ވާހަކަވެސް ވަނީ ހާމަކުރައްވާފައެވެ. 

މިފޮތުގައި ޕޯލަންޑް ސަރުކާރަށް ކުރިން ފާޑުކިޔާ ނޫސްވެރިއެއްކަމަށްވާ އެޑަމް މިކްނިކް އާއި އިގިރޭސި ތާރީޚް ލިޔުންތެރިޔާ ޓިމޮތީ ގާޓަން އޭޝް އާއިއެކު ހާވެލް، ދައްކަވާފައިވާ ވާހަކަތައް ހިމެނޭކަމަށްވެއެވެ. 

ހާވެލްވަނީ އޭނާއަކީ، ލިޔުއްވުމުގެ އިތުރުން އެކިއެކި މާއްދާ ބޭނުންކޮށްގެން ސޫރަހެދުމަށްވެސް ކުޅަދާނަ ފަންނުވެރިއެއްކަން ސާބިތުކުރައްވާފައެވެ. މިދިޔަ އަހަރު ޚައިރާތުފައިސާ އެއްކުރުމަށް ބޭއްވުނު ގެރި ހެދުމުގެ މައުރަޒަކުން އެންމެ ގިނަ ފައިސާ ލިބިފައިވަނީ ފައިބަރާ ދަގަޑު ބޭނުންކޮށްގެން ހާވެލް ހެއްދެވި ގެރިއަށެވެ. މިގެރީގައި ހާވެލް ވަނީ އެކިކުލަކުލަ ޖައްސަވާފައެވެ. 

މިކުލަތަކުން ދައްކުވައިދެނީ އިންސާނީ ނަސްލުތައްކަމަށްވެއެވެ.ގެރީގައި ބޭނުންކޮށްފައިވާ ދަގަޑާއި ކަށިނަރުތައް ދައްކުވައިދެނީ ހާވެލްގެ ލިޔުއްވުންތަކުގައި ދައްކުވައިދޭ ފަދައިން، އިންސާނާގެ ހާލަތެވެ.ހާވެލްގެ މިގެރީގައި ކުލަޖެއްސެވުމަށް ނެލްސަން މަންޑޭލާއަށް ވަޑައިނުގެންނެވުމުން ވަރަށް ހިތާމަކުރައްވާ ކަމަށް ހާވެލް ވިދާޅުވެފައިވެއެވެ.

އަދަބިއްޔާތުގެ ބޭނުމަކީ ހަމައެކަނި މުނިފޫހިފިލުވައިދިނުމެއް ނޫނެވެ. މޮޅެތި އަދީބުންގެ ލިޔުންތަކުން ފޫހިފިލުވައިދިނުމުގެ އިތުރުން މައްސަލަތަކަށް ލޯހުޅުވައިދެއެވެ. ލިޔުންތެރިޔާ ހުށަހަޅާ ކަންތައްތަކަކަށް ފިކުރުކުރަން މަޖުބޫރު ކުރުވައެވެ. ހާވެލްގެ ތަމްސީލްތަކުގެތެރެއިން ''ދަ ގާޑްން ޕާޓީ'' އަކީ ފާހަގަކުރެވޭ ތަމްސީލެކެވެ. 

މިތަމްސީލުން 1960 އަހަރު ތަކުގައި ޗެކޮސްލަވާކިޔާ އާއި ޔޫރަޕްގެ ޤައުމުތައް ތަޖުރިބާކުރަމުންދިޔަ ދަތިތައް ދައްކުވައިދޭކަމަށްވެއެވެ. ''ދަ ގާޑްން ޕާޓީ'' އަކީ ފިނިހަގުރާމައިގެ ދުވަސްވަރުގެ ތަމްސީލެއްކަމުން ކޮމިއުނިޒަމާއި ކެޕިޓަލިޒަމްގެ ވާދަވެރިކަމާއި ދެ ނިޒާމުގައި ހުރި އެއްގޮތްކަންވެސް ދައްކުވައިދެއެވެ. މިނިވަން ޑިމޮކްރެޓިކް ދައުލަތެއްގެ ރައްޔިތަކަށް މިތަމްސީލުން ފެނިގެންދާނީ ކޮމިއުނިސްޓް ދައުލަތެއްގައިވާ ފޫހި އަދި ބިރުވެރި އަސަރުތަކެވެ. 

ވަކްލާވް ހާވެލްގެ މިހާރުގެ އުމުރުފުޅަކީ 68 އަހަރެވެ.


 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.