ހޮނިހިރު20180922

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ފަންނު ''ކިންގްޑަމް އޮފް ހެވަން'' : ޞަލީބީންގެ ބިތުފަންގިބާ؟

''ކިންގްޑަމް އޮފް ހެވަން'' : ޞަލީބީންގެ ބިތުފަންގިބާ؟

Kingdom-of-heavenposter21ވަނަ ޤަރުނުގައި މުސްލިމުންނާއި ޞަލީބީންނާއިދެމެދު ކުރެވެމުން ދިޔަ ޞަލީބީ ހަނގުރާމައިގެ ކަންތައްތައް ، ވަކިން ޚާއްޞަކޮށް، ޙިއްޠީން ހަނގުރާމައިގެ ހާދިސާތައް ދައްކުވައިދޭ ފިލްމެއް، ހޮލީވުޑްގެ އިނގިރޭސި ޑައިރެކްޓަރެއް ކަމުގައިވާ، ރިޑްލީ ސްކޮޓް ތައްޔާރުކުރަމުން އެބަގެންދެއެވެ.

މިފިލްމާއިހެދި، އިނގިރޭސި ވިލާތުގެ ބައެއް ފަރާތްތަކުގެ ފާޑުކިއުން އޭނާއަށް، މިހާރުވެސް ވަނީ އަމާޒުވެފައެވެ. އެމީހުން ބުނާގޮތުން، މިފިލްމުން ދައްކައިދޭ މަންޒަރުތަކަކީ، ޢަރަބިންނާއި އެއްކޮޅަށް ޖެހިފައިވާ، ޙަޤީޤަތް އޮޅުވާލާ މަންޒަރު ތަކެކެވެ.

 

ނަމަވެސް، 57 މިލިއަން ސްޓާލިން ޕައުންޑު ހޭދަކޮށްގެން، އޮރްލާންޑޯ ބްލޯމްއާއި، ޖެރެމީ އެރްވިންސްއާއި، ވިލިއަމް ނެއިސަން އިސްރޯލުތައް އަދާކުރާ މިފިލްމު އުފައްދާ މީހުން ބުނާގޮތުގައި، މިއީ '' ތާރީޚީ ގޮތުން ޞައްޙަ'' '' ހިތްހަމަޖެހޭ ފަދަ ތާރީޚީ ދަރުހެއް'' ފޯރުކޮށްދިނުމަށް، ފަރުމާ ކުރެވިފައިވާ ފިލްމެކެވެ.

އިނގިރޭސި މުފައްކިރެއް އަދި، ޞަލީބީންގެ ތާރީޚާއިބެހޭ ޚާއްޞަ ބޭފުޅެއްކަމުގައިވާ، ޕްރޮފެސަރ ރެއިލީ ސްމިތު ވިދާޅުވާގޮތުގައި، މިއީ ޙަޤީޤަތާއި އެއްވެސް ގުޅުމެއްނެތް، މުޅިން ޚިޔާލީ ކަންކަމުގެ މައްޗަށް ބިނާކުރެވިފައިވާ ފިލްމެކެވެ. އަދި މިކަމުގެ ސަބަބުން، ޢަރަބިންނާއި އޮންނަ ގުޅުމަށް ގެއްލުން ލިބޭނެކަމަށްވެސް އޭނާ ދެކެވަޑައިގަންނަވައެވެ.

މީގެ ގާތްގަނޑަކަށް، 2 ހަފުތާކުރިން، ސްޕޭނުގައި ނަގަން ފެށި މިފިލްމުގައި، 4 ވަނަ ބަލްޑަވެއިން ރަސްގެފާނުގެ ވެރިކަމުން ފެށިގެން، ( 1161-1185) 1187 ވަނަ އަހަރު ކުރެވުނު ޙިއްޠީން ހަނގުރާމައާއި ހަމައަށް ހިނގާފައިވާ މުހިއްމު ބައެއް ކަންތައްތައް ދައްކުވައިދޭނެއެވެ.

ޙިއްޠީން އަކީ، މުސްލިމު އިރުމަތިން، ޞަލާޙުއްދީނުލް އައްޔޫބީގެ ޤިޔާދަތުގެ ދަށުގައި ތިބެގެން، ޞަލީބީ ހުޅަނގާއި، އަބުއިކަމާއިއެކު، ގަދަޔަށް ހަނގުރާމަކުރި ފުރަތަމަ ފަހަރުކަމުގައި ބުނެވެއެވެ. އަދި މިއީ ހަނގުރާމަ ދެމަރުޙަލާއަކަށް ބެހިގެން ދިއުމުގެ ފެށުމެވެ. ހުޅަނގުން މުސްލިމުންނާއި ކުރި ހަނގުރާމައިގެ ފުރަތަމަ މަރުޙަލާގައި، މުސްލިމުން ތިބީ ދިފާޢުކުރާ މީހުންގެ ގޮތުގައެވެ. ނަމަވެސް، ޙިއްޠީން އަށްފަހު، މުސްލިމުން ޙަމަލާދޭ ލަޝްކަރުތަކަށް ބަދަލުވިއެވެ. އަދި، ދުވަހަކުވެސް ބަލިނުވާނެކަމަށް ބުނަމުން އައި، ޞަލީބީ އަސްވާރުން، މުސްލިމުންގެ ، ހަނގުރާމަވެރިންގެ ފައިބުޑަށް ވެއްޓި، ޞަލީބީންގެ ދިދަތަކަށް އިރުއޮއްސެން ފެށީ އެހާ ހިސާބުން ފެށިގެންނެވެ.

ޙިއްޠީން ހަނގުރާމައަކީ، ޞަލީބީންނަށް ކުރިމަތިވި އެންމެ ބޮޑު، އެއް ބަލިވުމެވެ. '' މަރުވެފައިވާ މީހުން ދުށް މީހަކު ބުނާނެއެވެ. އެއްވެސް އަސީރަކު މިތާކު ނެތެވެ. އަސީރުން ދުށް މީހަކު ބުނާނެއެވެ. މަރުވެފައިވާ ބަޔަކު މިތާކު ނެތެވެ.'' ހަނގުރާމައިގައި، ޞަލީބީންގެ ތެރެއިން، މަރުވި މީހުންނާއި، އަސީރުކުރެވުނު މީހުންނާއި ބެހޭގޮތުން، އިބްން އަލްއަޘީރް ވިދާޅުވެފައިވެއެވެ.

މިފިލްމުގައި، ރަސްގެފާނުގެ ޅީދަރިފުޅު، ގާއި ޑި ލޫސިގްނަން، ދައްކައިދެނީ، ވަރަށް ނުބައި، މަކަރުވެރިއެއްގެ ގޮތުގައެވެ. އަދި، އެތަނުގައި، ''މުސްލިމުންނާއި، ޔަހޫދީންނާއި، މަސީޙީންގެ އަޚުން'' ގެ ނަމުގައި ޖަމާޢަތެއް އުފެދުނުކަމަށާއި، ހުރިހާ ދީންތަކެއްގެ އަހްލުވެރިންވެސް، ޞުލްޙައިގައި އުޅުމަށް އެމީހުން ގޮވާލިކަމަށް، ފިލްމުގައި ބުނެއެވެ. ދެން، ހުރިހާ އެންމެންވެސް، ހަމަޖެހޭ، ޞުލްޙަވެރި، ދިރިއުޅުމެއްގައި ތިއްބާ، އެމީހުންގެ މެދުގައި ފިތުނަ އުފައްދަނީ، ޓިމްބްލާރ ގެ ނުބައި އަސްވާރުންނެވެ.

'' މިފިލްމުގައި، އަހަރެމެންގެ ބަޠަލުން، މުސްލިމުންނަކީ ރަނގަޅުބައެއްކަން ހާމަކޮށްދޭނެ.. މިއީ ތާރީޚީގޮތުން ބަލާއިރު ހަމަ ރަނގަޅުގޮތް'' ސްކޮޓް ރިޑްލީ ގެ ފަރާތުން ވާހަކަދެއްކި މީހަކު ބުންޏެވެ.

'' މިއީ އެއްވެސް ތާކުންތާކު ނުޖެހޭ ރޭވުމެއް..މިފިލްމު ހަދާފައިވަނީ، 1825 ވަނަ އަހަރު، ވޯލްޓަރ ސްކޮޓް ކިޔާ ލިޔުންތެރިއަކު، ޞަލީބީ ހަނގުރާމަތަކަށް ލޯބީގެ (ރޮމޭންޓިކް) ނަޒަރަކުން ބައްލަވާފައި ލިއުއްވާފައިވާ ފޮތަކަށް ބަލައިގެން. އެއީ އެކަޑެމިކް ހުރިހާ، އިންސްޓިޓިއުޓްތަކަކުންވެސް އިދިކޮޅު ހަދާ ފޮތެއް'' ޕްރޮފެސަރ ރެއިލީ ހާމަކުރެއްވިއެވެ. '' އެއީ ހަމަ ކުނިވާހަކަ.. ތާރީޚީގޮތުން ބަލާއިރުވެސް މިއީ ތެދެއް ނޫން. އެމީހުން މުސްލިމުން ސިފަކޮށްފައިއެވަނީ، އެއީ ތަރައްޤީވެ ، ރަށްވެހިވެފައިވާ ބައެއްގެ ގޮތުގައި. އަދި ޞަލީބީންނަކީ، ނުބައި ނުލަފާ، ބާރުގެ ބޭނުންކުރާ، ޤާތިލުންގެ ގޮތުގައި.. މިކަމުގައި، ޞައްޙަކަމުގެ އެއްވެސް އަސާސެއްނެތް'' އޭނާ ކުރިއަށް ގެންދެވިއެވެ.

'' ލޫސިގްނަން ޞަލާޙުއްދީނާއި އިދިކޮޅަށް ކުރި ޙިއްޠީން ހަނގުރާމައިން ބަލިވި. އެކަމަކު، އޭނާއަކީ އެއްވެސް މީހަކަށްވުރެ ނުބައި ނުވަތަ ހެޔޮ މީހެއްނޫން. އަދި މުސްލިމުންނާއި، ޔަހޫދީންނާއި، މަސީޙީންނާއި ދެމެދު އެއްވެސް ބައިވެރިވުމެއް، ގުޅުމެއް ނެތް. މިއީ ހަމަ މުޅިން ބޭކާރު ވާހަކަ..''

ލަންޑަން ޔުނިވަރސިޓީގެ ތާރީޚާއި ބެހޭ ޑިޕާރޓްމެންޓުގެ ލެކްޗަރަރ އެއްކަމުގައިވާ، ޑރ. ޖޮނަތަން ފިލިޕް ރެއިލީގެ ޚިޔާލާއި އެއްބަސްވެވަޑައިގަންނަވައެވެ. ޖޮނަތަން ވިދާޅުވާގޮތުންވެސް، މިފިލްގައި ވަނީ ޙަޤީޤަތް އޮޅުވާލެވިފައެވެ. އަދި މިއީ '' ތާރީޚީ ދަރުހެއް'' ކަމަށް ޞިފަނުކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް އޭނާ ވިދާޅުވެއެވެ.

'' ފިލްމުގެ ޑައިރެކްޓަރ ރިޑްލީގެ މަސައްކަތަކީ، މަގު އޮޅުވާލާ، އިސްލާމީ އުޞޫލިއްޔަތަށް ( ފަންޑަމެންޓަލިޒަމް) އަށް ތަރުޙީބުދޭ މަސައްކަތެއް..މިއީ އުސާމާ ބިން ލާދިން ތާރީޚާއިމެދު ދެކޭ ގޮތް. އެކަމުގެ ސަބަބުން، އިސްލާމީ ހަރުކަށިކަށިކަމުގެ އަލިފާން ރޯވާން ފަށާނެކަން ގައިމު.'' ރެއިލީ ސްކޮޓް ރިޑްލީ ގެ މަސައްކަތް ކުއްވެރިކުރައްވަމުން ވިދާޅުވެފައިވެއެވެ.

'' ފިލްމުގައި ޢަރަބިން ދައްކުވައިދޭނީ، ރަނގަޅު ބައެއްގެ ގޮތުގައި. އަދި ވީހާވެސް ޢަދްލުވެރިވުމަށް ފިލްމުގައި މަސައްކަތްކުރެވިފައިވާނެ. އިސްލާމީ ދުނިޔެއިން، ތާރީޚުގެ ރަނގަޅުގޮތް ބަލާނެކަމަށް އަހަރެމެން އުންމީދުކުރަން.'' ސްކޮޓްގެ ފަރާތުން ވާހަކަދެއްކި މީހާ ބުނެފައިވެއެވެ.

ފިލްމް ނެގުމަށްޓަކައި، ސްޕޭނުގެ ލިޔޫރީގައި ކިއްލާއެއްވަނީ ތައްޔާރުކުރެވިފައެވެ. އަދި ޤުދުސްގެ ނަމޫނާއެއް، މޮރޮކޯގެ ވުޒާރާތު ކިޔާ ރަށުގައި ހެދޭނެއެވެ. ސްކޮޓް 2000 ވަނަ އަހަރު ނެރުނު، ރޯމަން އެމްޕެރޯގެ ވެރިކަމުގެ ދުވަސްވަރެއް ދައްކުވައިދޭ، '' ގްލެޑިއޭޓަރ'' ގެ މަންޒަރުތައްވެސް މިރަށުގައިވަނީ ޝޫޓުކުރެވިފައެވެ.

''ކިންގްޑަމް އޮފް ހެވަން'' ނުކުންނާނެކަމަށް ބެލެވެނީ 2005 ވަނަ އަހަރުއެވެ. ފިލްމު ސިނަމާތަކުގައި އެޅުވުމާއިއެކު، އަނެއްކާވެސް، އޭގައި ހިމަނާފައިވާ ހާދިސާތަކާއިމެދު އެކި ފަރާތްތަކުގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދި، ބަހުގެ ޙަމަލާތައް ބަދަލުކުރެވެމުންދާނެކަމަށް ބެލެވެއެވެ. ނަމަވެސް، މިހާ ހިސާބުން އުފެދޭ ސުއާލަކީ، މުސްލިމުންނާއި، ހުޅަނގާއި ދެމެދު ހިނގާފައިވާ ކަމެއްގައި، ކިރިޔާވެސް މުސްލިމުން ރަނގަޅުކަމަށް ދައްކައިދޭ މަންޒަރެއް ހިމަނައިގެން، ފިލްމެއް، ނުވަތަ ވާހަކައެއްވިޔަސް، ހުޅަނގުގެ މީހަކު ލިޔެފިނަމަ، އެއަށް ފާޑު ކިޔި، އެހާ އަވަހަށް ކުއްވެރި ކުރެވެނީ ކީއްވެގެންބާވައެވެ؟

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.