ހުކުރު20180907

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ފަންނު ސަޤާފަތް މަތަކުރެވޭނީ ސަޤާފަތުންނެވެ.

ސަޤާފަތް މަތަކުރެވޭނީ ސަޤާފަތުންނެވެ.

saqaafai-matha-kurevyneeސިނަމާއަށް ތަންޤީދުކޮށް ފާޑުކިޔުމަކީ ޙަޤީޤަތުގައި، އެކަމުގެ ޢިލްމު އެނގިފައި ހުންނަ މީހަކަށް ވާނެކަމެކެވެ. އެ އުފެއްދޭނީވެސް ކަމުގެ ހުނަރާއި ތަޖުރިބާގެ އިތުރުން ޢިލްމުވެސް ކޮންމެސްވަރަކަށް ލިބިގެންކަމުގައި ވާތީއެވެ. އަޅުގަނޑަކީ ސިނަމާ ފާޑުކިޔުންތެރިއެއް ނޫނެވެ. ކަމުގެ ޢިލްމާއި ހުނަރު ލިބި ހުރި މީހެއްވެސް ނުމެ ނޫންމެއެވެ. ނަމަވެސް ފިލްމު ބެލުމަކީ ކަށީގައި ހިފާފައި ހުންނަ ކަމެކެވެ. މުނިފޫހި ފިލުވުމުގެ ގޮތުން އެންމެ ކުރާހިތްވާ އެއްކަމެވެ.

ވީމާ ފިލްމުގައި ފެންނަ ކަންތަކާއިމެދު ޚިޔާލުކޮށް ފިކުރުކުރެވެއެވެ. އަދި އެ މުހިއްމު އަދި މޮޅު ފަންނާއި މެދު ހިތުގައި ތަޢުރީފު އުފެދެއެވެ.

އެންމެ ބަލާހިތްވަނީ ހޮލީވުޑުގައި އުފައްދާފައި ހުންނަ ފިލްމުތަކެވެ. ހޮލީވުޑްގެ ފިލްމުތަކަކީ އެއާއި މެދު އަޅުގަނޑުމެން ފެންވަރުގެ މީހަކަށް އިތުރު އެއްޗެއް ބުނެވޭވަރަށްވުރެ މާ ފުރިހަމަ މޮޅު އެއްޗެއްސެވެ. މޮޅު ލިޔުންތެރިއަކަށް ގަލަމަކުން ސިފަކުރެވޭނެ އެންމެ އުނދަގޫ ސިފަކުރުން ވެސް ، ހޮލީވުޑުގެ ޑައިރެކްޓަރަކަށް އެ ކެމެރާއަށް ނެގުމަކީ މުސްތަޙީލު ކަމެއްކަމުގައި މިހާރަކު ނުވެއެވެ.

ހިންދީ ފިލްމުވެސް ކޮންމެސް ވަރަކަށް ބެލެއެވެ. ރީތި އަސަރުގަދަ ފިލްމުތައް ހުންނަކަމަށް އިޢުތިރާފުވާން ޖެހެއެވެ.

ބޮލީވުޑާއި ހޮލީވުޑަކީ ފިލްމީ ދުނިޔޭގެ މަޝްރިޤާއި މަޣްރިބު ކަމުގައި ވެފައި، އަޅުގަނޑުމެންނަކީ އެ ދެމެދުގައި އުޅޭ ބަޔަކަށް ވީއިރު، މި ދެ ތަނުން އުފައްދާ ފިލްމު ތަކުގައި ފެންނަ އެއްޗެއްސާމެދު އެއްޗެއް ބުނެލުމަކީ، ގޯހެއް ކަމުގައި އަޅުގަނޑު ނުދެކެމެވެ.

ހޮލީވުޑަށް ބަލާލާއިރު:

ހޮލީވުޑްގެ ފިލްމު ތަކުގައި، އެމެރިކާ ރަމްޒުކޮށްދޭ ވަރަށް ގިނަ ކަންތައްތަކެއް ފެނިގެންދެއެވެ. އެމެރިކާގެ މިނިވަންކަމާއި ސިޔާދަތު ރަމްޒުކޮށްދޭ އެންމެ މުހިއްމު ރަމްޒުކަމުގައިވާ އެމެރިކާގެ ދިދަ ފިލްމުގެ ކޮންމެސް ދޭތެރެއަކުން ނުފެންނަ ފިލްމެއް ބެލިފައިވާ ހަނދާނެއް އަޅުގަނޑު ނުވެއެވެ. އެއީ އެމީހުން ގަސްދުގައި ކުރާކަމެއް ކަމެއް ނޫނީ އޮޅިގެން ކެމެރާއަށް އަރާފައި ހުންނަނީ ނޫންކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ. ކޮންމެއަކަސް އޭގެ އަސަރު، ފިލްމު ބަލާމީހުންނަށް ނުސީދާގޮތުން ނަމަވެސް ކޮންމެސްވަރަކަށް ކުރާނެކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

ދެވަނަ އަށް ފާހަގަވާ ކަމަކީ، ހޮލީވުޑުގެ ފިލްމުތަކުގައި، އެމެރިކާ މީހުން ފަޚުރުވެރިވާ ކޮންމެސް ބިނާއެއް ނޫނީ އެނޫންވެސް އެކަހަލަ ކޮންމެސް އެއްޗެއް ފެންނަކަމެވެ. އެ އެއްޗަކީ މިނިވަންކަން ރަމްޒުކޮށްދޭ ލިބަޓީ ބުދު ކަމުގައި ވިޔަސް ނޫނީ އެލުވާފައި އޮންނަ ފާލަމެއްކަމުގައިވިޔަސް އެއިން އެއްޗަކުން އެމެރިކާ މީހުންގެ ޙަޟާރަތުގެ ވަރުގަދަކަން ދޭހަވާ ކޮންމެސް އެކައްޗެއް ނުފެންނަ ފިލްމެއް ނުބެލެއެވެ.

ދެން ފާހަގަވާ އަނެއް ކަމަކީ، އެމެރިކާ މީހުންގެ އެންމެ މުހިއްމު އެއް މުނާސަބަތު ކަމުގައިވާ، ކްރިސްމަސް ޢީދެވެ. ވަރަށް ގިނަ ފިލްމު ތަކުގައި އެދުވަހުގެ މަތިވެރި ރޫޙު އާލާކޮށް ދިރުވާނެ ފިލާވަޅުތައް ގެނެސް ދެއެވެ. ބަލާ މީހުންނަށް އެ ފަދަ ދަރުސް ތައް ލިބެމުން ދާއިރު، މިއީ މީހަކު ދެމުން ގެންދާ ފޫހި ދީނީ ތަޤްރީރެއްކަމުގެ އިޙްސާސް ވާކަށް ނުޖެހެއެވެ. ކްރިސްމަސް ގެ ރޫޙަކީ ލޯތްބާއި، މާފުކުރުމާއި، ޢާއިލީ ގުޅުމާއި، ރަޙުމަތްތެރިކަން، ކަން މީހުންނަށް ވިސްނައިދެއެވެ. އެ ނޫނަސް އެމީހުންގެ ކާވެނީގެ މުނާސަބާތައް އޭގެ އެންމެ ސަޤާފީ ގޮތަށް ގެނެސްދެއެވެ. ފައްޅީގައި ތިއްބަވާ ފާދިރީން މުޖުތަމަޢުގައި ކުޅުއްވާ މުހިއްމު ދައުރު ފެނެއެވެ. އެ ބޭކަލުންގެ ޙިކުމަތްތެރިކަމާއި، އޯގާތެރިކަމެވެ.

އެމެރިކާގެ މުޖުތަމަޢަކީ ވަރަށް ގިނަ ތަފާތު ވައްތަރުގެ މީހުން އުޅޭ މުޖުތަމަޢެކެވެ. ކަޅުމީހުންނާއި ދޮންމީހުންނެވެ. ތަފާތު ދީންތަކަށް ތަބާވާ ތަފާތު ފިކުރުތަކަށް ތަބާވާ ތަފާތު އެތައް ބައެއް އުޅޭ ވަރަށް މިނިވަން މުޖުތަމަޢެކެވެ. އެ ތަފާތު ތަކާއި އެއްވަރަށް މައްސަލަތައްވެސް އެ މުޖުތަމަޢުގައި ގިނައެވެ. ކޮންމެސް ބަޔަކު އެ ބައެއްގެ ޙައްޤުތައް ހޯދުމަށް ހަނގުރާމަ ނުކުރާ ޒަމާނެއް ނާދެއެވެ. މިގޮތުން ކަޅުމީހުންގެ ޙައްޤުތައް މިހާރުވަނީ ޤާނޫނީގޮތުން އެމީހުން ހޯދާފައެވެ. މީގެ އަސަރު ފިލްމުތަކަށް ކޮށްފައި ވަނީ ކިހާ ވަރަކަށް ބާއެވެ؟

ގާތްގަނޑަކަށް ހެން، ހަމަ ކޮންމެ ފިލްމެއްގައިވެސް ކަޅުމީހެއްގެ ރަނގަޅު ޝަޚުޞިއްޔަތެއް ފެނިގެން ދާނެއެވެ. އެއީ ހަނގުރާމައެއްގެ މަންޒަރެއް ކަމުގައި ވާނަމަ އެ ހަނގުރާމައެއްގައި އެންމެ މުހިއްމު ދެ ބަޠަލުންގެ ތެރެއިން އެކަކު އެއީ ކަޅުމީހެއްކަމުގައި ވެގެންދެއެވެ. އަނެއް ފިލްމެއްގައި ކޯޓުގެ މެޖިސްޓްރޭޓަރަކަށް އިންނަވާނީ ކަޅު އަންހެން ބޭކަނބަލެކެވެ. މިފަދަ މަންޒަރެއް އޮވެއްޖެ ނަމަ އެ އޮތީ އެއް ދޮނުގައި ދެބުޅި ޖަހާލެވިފައެވެ. އެއީ ކަޅު މީހަކަށް މުހިއްމު ދައުރެއް ލިބުމުގެ އިތުރުން އެމެރިކާގައި އަންހެނުންނަށް ޤާނޫނީގޮތުންނާއި އިޖުތިމާޢީ ގޮތުން ލިބިފައިވާ ބާރުވެސް ދައްކާލެވުނީއެވެ.

މިހާރު އެންމެ އަޑުގަދަކުރާ އަނެއް ބަޔަކީ އެއްޖިންސަށް ހިތް ލެނބޭ ބަގައެވެ. މިކަމުގެ އަސަރުވެސް ހޮލީވުޑުގެ ފިލްމުތަކުން ފެންނަން ފަށައިފިއެވެ. މުޖުތަމަޢުގެ ''އަނިޔާއާއި ބޭއިންސާފު'' ލިބިފައިވާ ނިކަމެތި، އެހެންނަމަވެސް ހިތްވަރުގަދަ، ހިތްރަނގަޅު ލޮބުވެތި އިންސާނަކު ފިލްމުގެ ކޮންމެސް އެއް ޝަޚުސިއްޔަތު ކަމުގައި އޮންނަނީ ވެފައެވެ. އޭނާ އަށް މިފަދަ އަނިޔާއާއި ބޭއިންސާފު ލިބިފައި ވަނީ ''ހަމައެކަނި'' ފާޅުގައި އޭނާ އަކީ އަމިއްލަ ޖިންސުގެ މީހުންނަށް ލޯބި ކުރާ މީހެކޭ ބުނާތީ ކަމަށް ފިލްމުގައި ދައްކައެވެ.

ނުވަތަ ޙަޔާތުގެ ބައިވެރިޔާއާއި އެކު ވަރަށް އުފަލުގައި އެއްވެސް މައްސަލައެއްނެތި އެހެން މީހަކަށް ގޯނާކުރުމަކާ ނުލައި ދިރިއުޅޭ ''މުޙްތަރަމް'' އެމެރިކާ ރައްޔިތެއްގެ ޝަޚްސިއްޔަތު ފެނިގެން ދެއެވެ. އޭނާގެ ބައިވެރިޔާއަކީ ހަމަ އޭނާއާއި އެއްޖިންސުގެ މީހެއްކަމުގައި ވުމަކުން މުޖުތަމަޢަށް އޭނާ ކޮށްދޭ ޚިދުމަތަކަށް އެއްވެސް އުނިކަމެއް ނާންނަކަން ސާބިތުކޮށްދެއެވެ. އަދި އޭގެ ސަބަބުން މުޖުތަމަޢު ވާނެ ފަސާދައެއް އޮންނާނެހޭ ފިލްމުގެ ޙާލުގެ ދޫ ސުވާލުކުރެއެވެ. ޝައްކެތް ނެތްގޮތުގައި މިފަދަ ފިލްމުތަކުގެ ސަބަބުން މުޖުތަމަޢު އެފަދަ މީހުންނާއި މެދު ދެކޭ ގޮތް މަޑުމަޑުން ނަމަވެސް ދާނީ ބަދަލުވަމުންނެވެ.

ބޮޑު ހަނގުރާމައިގެ ތެރެއަށް އެމެރިކާ ބޯކޮއްޕާލިފަހުން، އަބަދުވެސް އެމީހުންގެ ދުޝްމަނުންގެ ބަޔަކު ދުނިޔޭގެ ކޮންމެސް އެއް ބިތެއްގައި އުޅެއެވެ. އެއީ ހިޓްލަރ ގެ ނާޒީ ގުރޫޕް ކަމުގައި ވިޔަސް ކޮމިޔުނިޒަމްގެ ރަތް ހިޔަނި ކަމުގައި ވިޔަސް ވެހެވެ. ވީ އިރު ހޮލީވުޑްގެ ފިލްމުތަކުގައި މިފަދަ ނުބައި ބާރުތަކުގެ ނުބައިކަން ފެނިގެން ދިޔުމަކީ އަޖައިބުވާން ޖެހޭ ކަމެއް ނޫނެވެ. ނާޒީންގެ ރަޙުމް ކުޑަކަމާ، ކޮމިޔުނިސްޓުން ގެ ނުބައިކަން އިނގިރޭސި ފިލްމު ބައްލަވާ ބޭފުޅުންނަށް އަންދާޒާކޮށްލެވޭނެއެވެ. އަދި އެމެރިކާ ސިފައިންގެ ހިތްވަރުގަދަކަމާއި ނިކަމެތީންނަށް އެމީހުންގެ ހިތުގައި އޮންނަ އޯގާތެރިކަމާއި ހަމްދަރުދީވެސް މި ފިލްމުތަކުން ފެނިގެން ދެއެވެ.

މީގެ އިތުރުން އެމެރިކާ، ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ ޖަމާޢަތް ތަކަށް ފުރައްސާރަކޮށްފައި ހުންނަލެއްވެސް މަދެއް ނޫނެވެ. މިކަމުގެ ޝަކުވާ އެންމެ ގިނައިން ކުރާ ބަޔަކީ ޢަރަބީންނެވެ. އިނގިރޭސި ބައެއް ފިލްމު ތަކުގައި ޢަރަބީންނަކީ އުފެދުމުގައި ވެސް މޮޔަ، ރުންކުރު، ވަޙުޝީ ބައެއް ކަމުގައި ދައްކައެވެ. ހަމަ އެހެންމެ ކްރިސްޓިޔަނުންގެ މަޒުހަބެއް ކަމުގައިވާ ކެތޮލިކުންނާއި މެދު ޕްރޮޓެސްޓެންޓު މަޒުހަބުގެ މީހުންގެ ހިތުގައި އޮންނަ ޙަސަދަ ފިލުވާލާފައި ހުންނަލެއްވެސް މަދެއް ނޫނެވެ.

ތާރީޚީ ގޮތުން އެމެރިކާ ކޮށްފައި ހުރި އަނިޔާވެރި ވަޙުޝީ ޢަމަލުތަކުގެ ކައްފާރާ ދައްކާ ފަރާތަކީ ހޮލީވުޑު ބާވައޭވެސް ހިތަށް އަރާ ފަހަރު އާދެއެވެ. ރެޑްއިންޑިޔާނުން ނަށް އެމެރިކާގެ ތާރީޚުގައި ދިމާވި ހިތްދަތި ޙާދިސާތަކަކީ ވަންހަނާވެފައި އޮތް ކަމެއް ނޫނެވެ. އެހެން ވީމާވެސް ތޯއްޗެކެވެ. ހޮލީވުޑުގެ ފިލްމެއްގައި ރެޑުއިންޑިޔަނުންގެ މީހަކު ފެނިއްޖެ ނަމަ، އެމީހާ އަކީ ވަރަށް ވެސް ސުލްހަވެރި، ޙިކުމަތްތެރި، މީހެއް ކަމުގައި ނޫނީ ވެފައެއް ނެތެވެ. ރެޑްއިންޑިޔަނުންގެ ތެރޭގައި ނުބައި އެކަކުވެސް ނޫޅޭކަހަލައެވެ.

މިހެން ގޮސް ދައްކާނެ ކިތައްމެ ވާހަކައެއްވެސް އެބަހުއްޓެވެ. ލިޔެވޭނީވެސް ޖާގަ އޮތްވަރަކުން ދޮގެއްތޯއެވެ.

ބޮލީވުޑަށް ނަޒަރުހިންގާލާއިރު:

ހިންދީ ފިލްމު ބަލަން އާދަވެފައި ހުރި އަންހެނަކު، ބަދިގޭގައި އަވަދި ނެތި މަސަކަތްކުރަމުން ދާ ވަގުތެއްގައި، އޭނާއަށް ބޭއިޚްތިޔާރުގައި ކިޔާލެވޭ ލަވައެއްކަމުގައި '' ސާރީ ޖަހާނސެ އައްޗާ.. ހިންދޫސްތާން ހަމާރާ...'' ވުމަކީ އެއީ އޭނާގެ ކުށެއް ނޫނެވެ. އަދި އެއީ އެ ފިލްމުތައް އުފައްދާ ބައެއްގެ ކުށެއްވެސް ނުމެ ނޫންމެއެވެ. އެއީ އޭގެ ޒާތުގައި އެއްވެސް ކުށެއް ނޫނެވެ. ހަމަ އެފަދައި '' އޯމް ޖެއި ޖަގް ދީޝް ހަރީ '' މިޢިބާރާތްކޮޅު ފެނިއްޖެނަމަ ކޮންމެ ދިވެއްސެއްގެ ވެސް ވިޖުދާނުގައި ވަގުތުން އޭގެ ރާގު ގަނޑާއި، ފައްޅީން އިވޭ ރަނގަބީލުތަކުގެ އަޑު ހިނގައިގަނެގެން ދާނެ ކަމީ ކަލާއަށްވެސް އަދި އަޅުގަނޑަށް ވެސް އޮޅިފައި އޮންނާނެ ކަމެއް ނޫނެވެ.

ހަމަ އެފަދައިން އިންޑިޔާގެ ދިދަ އާއި ހިންދީންނާއި މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ ޤައުމީ އުޚުއްވަތްތެރިކަން ފިލްމުތަކުގައި ދައްކަނީ އެއީ އެތަނުގެ ޤައުމީ މުހިއްމު ޤަޟިއްޔާއެއް ކަމުގައި އެކަންތައް ވާތީއެވެ. ހިންދީންގެ މުހިއްމު ޢީދުތައް ކަމުގައިވާ ދިވާލީއާއި ހޯލީއާ ދެންވެސް އޮންނަހާ ޢީދެއް، އޭގެ އެންމެ ރީތި އުފާވެރިގޮތުގައި ދައްކާ އިރު އަޅުގަނޑުމެންގެ ލޮލުންވެސް އުފަލުގެ ކަރުނަ އަންނަވަރުވެއެވެ. އިންޑިޔާ މީހުންގެ ކާވެނިތަކުގައި އޮންނަ ކުލަގަދަ ސަޤާފީ ކަންތައްގަނޑުވެސް ދައްކާ އިރު ދުނިޔޭގެ އެހެން ތާކު މިފަދަ އުފާވެރި މުނާސަބަތެއް މިހާ ފުރިހަމައަށް ނޯންނާނޭ ހިތައް އަރައެވެ. ވީ އިރު ސިނަމާއަކީ ކިހާ މުހިއްމު ހަތިޔާރެއް ތޯއެވެ. އެ ހަތިޔާރުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ދީނީގޮތުންވެސް އަދި ޤައުމީ ގޮތުން ވެސް ވާޖިބެއް ކަމުގައި ނޫނީ ނުވާނެއެވެ.

ދިވެހި ފިލްމުތަކުން ފެންނަނީ ކޯޗެއްތޯ؟

ދިވެހި ފިލްމުތަކުގައި އަޅުގަނޑުމެން ފަޚުރުވެރިވާނެ ޤައުމީ އެއްވެސް ރަމްޒެއް ފެނިގެންނެއް ނުދެއެވެ. ދިވެހިން ފާހަގަ ކުރާ މުނާސަބަތުތަކެއް ވެސް ނުފެނެއެވެ. ދީނީ ވިޔަސް ޤައުމީ ވިޔަސް ވެހެވެ. ދިވެހިންގެ ޙަޔާތުގައި އަންނާނެ މުނާސަބަތެއް ނޯންނަނީ ކަންނޭނގެއެވެ. ދިވެހިންގެ ދީނަކީ ޢީދެއް ނޯންނަ ދީނަކީ ވެސް ތޯއްޗެކެވެ. ނުވަތަ ދިވެހިންނަށް ޢީދުގެ ރޫޙާ އެއްގޮތްވާގޮތުގެ މަތީން ޢީދު ފާހަގަކުރަން ނޭނގެނީއެވެ. އެހެން ކަމަށް ވާނަމަ ދިވެހިންނަށް ޢީދުގެ ރޫޙު، ޢިބުރަތާއި ދަރުސުން ފުރިގެންވީ ފިލްމީ ދޮލަނގެއްގައި ނިކަން ގަޔާވާ ސިފައަކަށް ހުށައަޅާލަދެއްވާށެވެ.

ސުވާލަކީ ދިވެހިންނަކީ ހަމަ އެކަނި، އެއްވެސް ފޭރާމެއް ނެތް ''ހުސްލޯބި'' ވާ ބަޔަކީ ބާވައެވެ؟ ދިވެހި ފިލްމު ތަކުގައި ގިނައިން، ވިޔަފާރި އުސޫލުން މީހުންގެ ޖަޒުބާތުތަކާ ކުޅެފައި ހުންނަނީ ފިލްމު ނުހިނގާފާނެތީ ބާވައެވެ؟ އެހެން ކަމަށް ވާނަމަ އެ ބުނެވެނީ ފިލްމު ބަލާ ދިވެހިންނަކީ ރީތި ހުތުރު ނުދަންނަ ބަޔެކޭއެވެ. ނުވަތަ ރަހަތަފާތު ނޭނގޭ ބަޔެކޭއެވެ. އެހެން ނޫނީ ދިވެހީންގެ ހިތުގައި ތަހުޒީބުގެ ކަންފުޅެއް ނުހުންނަނީޔޭ އެވެ. ޙަޤީޤަތަކީ އެއީ ކަމުގައި ވާނަމަ، މުޖުތަމަޢު ތަހުޒީބު ކުރުމުގެ އެންމެ މުހިއްމު ދައުރު އަދާކުރަންޖެހޭ އެއްބައި ކަމުގައިވާ ''ސިނަމާ'' ދިވެހި ނައުގެ ހުންގާނުގައި ހިފުމުގެ ބަދަލުގައި، އެ ނައު އޮޔަށް ދޫކޮށްލަން ވީތޯއެވެ. ތަހުޒީބުގެ އައްސޭރިއަށް މިސްރާބު ޖެހުމުގެ ބަދަލުގައި، ނާތަހުޒީބުގެ ވައިރޯޅި ދާމަގުން، ''މިނޫން މަގަކުން ނުދުވާނޭ'' ކިޔާފައި ދާންވީ ތޯއެވެ.

ތަހުޒީބުގެ ވާހަކަ ދައްކަމުން ދާއިރު ހިތައް އައި ކަމެއް ދަންނަވާލާނަމެވެ. ދިވެހި ފިލްމީ ޑައިރެކްޓަރަކާ ކޮންމެސް މަޖައްލާއަކުން ކޮށްފައި އޮތް ސުވާލަކަށް އޭނާ ދެއްވާފައި އޮތް ''ބުއްދިވެރި'' ޖަވާބު ކިޔާލުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. އެ ކިޔާފައި ވަރަށް ހައިރާންވެސް ވިއެވެ. އޭނާ އުފައްދަވާ ފިލްމުތަކުގައި ޖިންސީ މަންޒަރުތައް މާގިނަކަމަށް ފާހަގަ ކުރެވޭތީ ކޮންމެސް ބޭފުޅަކު އެކަމާ ބެހޭގޮތުން ސުވާލުކުރައްވާފައި ވެއެވެ. ޖަވާބުގައި އޭނާ ބުނުއްވަނީ އޭނާގެ ފިލްމުތަކުގައި ދައްކުވާފައި އޮންނާނީ މުޖުތަމަޢުގައި ހިނގާ ކަންތައްތައް ''ޙަޤީޤަތާ'' އެއްގޮތަށް ކަމުގައެވެ. އަދި ޖިންސަކީ ސިއްޙަތު ސަލާމަތުން ހުރި ކޮންމެ ބޮޑުމީހަކުވެސް ކުރާނެ ކަމެއް ކަމުގައެވެ!

ސިއްޙަތު ސަލާމަތުން ތިބޭ މީހުން ކުރާހާ ކަމެއް ތަފްސީލާ އެކު އާންމުންގެތެރޭގައި އެއްވެސް ވަންހަނާކަމެއް ނެތި ދައްކަން ޖެހޭބާވައެވެ؟

ސިއްޙަތު ރަނގަޅު ކޮންމެ މީހަކުވެސް މަދުވެގެން ދުވާލަކު އެއްފަހަރު ފާޚާނާ އަށް ވެސް ދާން ޖެހެއެވެ. އެހެނޭ ކިޔާފައި، ފާޚާނާ ތެރޭ މީހާ ކުރާހާ ކަމެއް ހުރިހާ ތަފްސީލަކާއެކު ފިލްމުގައި ދައްކަން ވެއްޖެ ނަމަ، ފިތުރަތު ސަލާމަތުން ހުރި މީހަކު އެ ބަލާނެ ތޯއެވެ؟

އަނެއް ބޭފުޅަކު އޮތީ '' ޗައިނާގެ ބޮޑުފާރުގެ ދެފަރާތުގައި ބައިތިއްބައިގެން ރޮމޭންޓިކު ފިލްމެއް ނޫފެއްދޭނެ '' ކަމަށް އަމިއްލައަށް އިޢުތިރާފުވެލައްވާފައެވެ.

ދިވެހިވަންތަ ފިލްމަކަށް ވަނީ ޖަމްޝީދާ ރޮދިޖެހި ލިބާހެއް ލައްވައި، ފޭލި އަންދަވައިގެން ނެއްޓުވީމާ ކަމަށް ބައެއް ބޭފުޅުންނަށް އޮންނަނީ ހީފުޅުކުރެއްވިފައެވެ. އަދި އިންޑިޔާގެ ބިޔަ ޘަޤާފީ ރާޅުތަކުން ދިވެހިން ސަލާމަތް ކުރެވެން އޮތީ ސެޓެލައިޓު ޗެނަލްތަކާއި ހިންދީ ފިލްމު ތައް ރާއްޖެ ވަނުން މަނާކުރެވުމުން ކަމުގައިވެސް ދެކިލައްވާ ބޭފުޅުން މަދެއް ނޫނެވެ.

އެކަމަކު މަނާ ކުރާނީ ކިހިނެތް ތޯއެވެ؟ އެއީ މި ޒަމާނުގައި ވަރަށް އުނދަގޫވާނޭ ކަމެކެވެ. އަޅުގަނޑުމެންވެސް ހަނގުރާމައެއް ކުރާނަމަ ހަތިޔާރުގައި ހިފަންވީއެވެ. މުސްކުޅިން ބުނެ އުޅޭ ބަހެއްގައި އޮވެއެވެ. '' ދަގަނޑު ކެނޑޭނީ ދަގަނޑުންނެވެ''.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.