އިސްޓޭޖު ޑުރާމާ
- ޢަލީ އިސްމާޢީލް
- 19 ނޮވެމްބަރު 2006
ޑުރާމާގެ ތެރޭގައި އިސްޓޭޖު ޑުރާމާގެ އިތުރަށް ޓީ.ވީ އަށް ތައްޔާރުކުރާ ޑުރާމާއާއި ރޭޑިއޯ އަށް ތައްޔާރު ކުރާ ޑުރާމާ ހިމެނެއެވެ. އުފެއްދުމަށް ބޭނުންވާ ފަންނީ ވަޞީލަތްތަކުގައި ތަފާތުތަކެއް ވީނަމަވެސް މިއިން ކޮންމެ ވައްތަރެއްގެ ޑުރާމާއެއްގައި ވެސް އެއްގޮތް ސިފަތަކެއްވެއެވެ.
އަދަބިއްޔާތުގައި ހިމެނޭ ދިގުވާހަކައާއި ކުރުވާހަކަ ނުވަތަ ޅެން ފަދަ އެއްޗެއްސަކީ ކިއުމަށް ލިޔާ އެއްޗެއްސަށް ވީނަމަވެސް ޑުރާމާއަކީ ޙަރަކާތާއެކު ކުޅުމަށް ލިޔާ އެއްޗެކެވެ.
ޑުރާމާއެއް ގައި ދެކެވޭވާހަކަ (ޑައެލޮގު) އާއި ޙަރަކާތް ހިމެނެނީ މި ސަބަބަށް ޓަކައެވެ. މޫނު މައްޗަށް ގެންނަ ތަފާތު އަސަރުތައްވެސް ހިމެނެނީ ޙަރަކާތުގެ ތެރޭގައެވެ.
ޑުރާމާގެ އަދަބިއްޔާތަކީ ވަރަށް ދޮށީ އަދަބިއްޔާތެކެވެ. ދުނިޔޭގެ އަދަބިއްޔާތުގެ ތަރިކައިގެ ތެރޭގައި ހިމެނޭ އެންމެ ޤަދަރު ލިބިފައިވާ މަޝްހޫރު، މަޤުބޫލު އުފެއްދުންތަކުގެ ތެރޭގައި ވަރަށް ގިނަ ޢަދައެއްގެ ޑުރާމާ ހިމެނެއެވެ.
ޑުރާމާގެ ފަންނަކީ ވަރަށް ބޮޑަށް އެހެން މީހުންނަށް ބަރޯސާކުރަން ޖެހޭ ފަންނެކެވެ. މިގޮތުން މޮޅު ޑުރާމާއެއް އުފަންވުމުގައި ތަމުސީލުކުރާމީހުންނާއި ތަމުސީލުކުރުވާމީހާ އަދި ފަރުމާކުރުންތެރިންގެ ދައުރު ވަރަށް ބޮޑުވާނެއެވެ. ލިޔުންތެރިޔާ ކިތަންމެ މޮޅަށް ޑުރާމާ ލިޔުނުކަމުގައި ވިޔަސް ބެލުންތެރިންނާއި ހަމައަށް މޮޅު ޑުރާމާއެއް ގެނެސް ދެވޭނީ ޑުރާމާ ކުޅުމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ ހުނަރުންނެވެ.
ޑުރާމާގެ ވައްތަރުތައް
ޢާއްމު ގޮތެއްގައި ޑުރާމާ ބެހެނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ ހިތާމަވެރި ޑުރާމާ (ޓުރެޖެޑީ) އާއި ހެއްވާ ޑުރާމާ (ކޮމެޑީ) އެވެ. ޑުރާމާ މި ދެބަޔަށް ބެހި ބަޔަކީ ބޯދާ ޔޫނާނީންނެވެ.
މީލާދީން ސާދަވަނަ ޤަރުނުން ފެށިގެން ޔޫރަޕަށް އައި ހޭލައިގަތުމުގެ ޒަމާނުގައި ޑުރާމާގެ ތަފާތު ވައްތަރުތައް އުފެދިގެން އައެވެ. މިގޮތުން އިނގިރޭސި އަދީބު ވިލިއަމް ޝެކްސްޕިއަރ ތިން ބަޔަކަށް ޑުރާމާ ބަހާލިއެވެ. އެއީ ހިތާމަވެރި ޑުރާމާ އާއި ހެއްވާ ޑުރާމާ އަދި ތާރީޚީ ޑުރާމާ (ހިސްޓްރީޒް) އެވެ. ހަމަ މިދުވަސްވަރު އިޓަލީވިލާތުގެ ޑުރާމާ ލިޔުން ތެރީން، ހިތާމަވެރި ޑުރާމާ އާއި ހެއްވާ ޑުރާމާގެ ބައިތައް މަސްހުނިކޮށްގެން ހިތާމައާއި މަޖާ އެކުލެވޭ ޑުރާމާ (ޓުރެޖިކޮމެޑީ) އުފެއްދިއެވެ.
1 ހިތާމަވެރި ޑުރާމާ
މިއީ މުހިންމު އިޖުތިމާޢީ، ދީނީ ނުވަތަ މީހެއްގެ ދިރިއުޅުމުގެ މައްސަލައަކަށް ބިނާކޮށް ފައި ހުންނަ ސީރިޔަސް ޑުރާމާއެވެ. މި ވައްތަރުގެ ޑުރާމާގައި އޮންނަނީ ހިތާމަވެރި ނިމުމެކެވެ.
ބޯދާ ޔޫނާނީންގެ ހިތާމަވެރި ޑުރާމާތަކުގައި ބަތަލު ނުވަތަ ބަތަލާ ވާން ޖެހޭނީ ނަސަބާއި ހަސަބުގެ ގޮތުން އަރާހުރި ނުވަތަ މުޖުތަމަޢު ގައި ކަމުވޮށި މީހަކަށެވެ. ޢާންމު ގޮތެއްގައި ބަތަލު ނުވަތަ ބަތަލާ އަކީ ޚުލުޤު ރަނގަޅު މީހެކެވެ. އަދި ރަނގަޅު ކަންތައްކުރާ، ކުރަން ބޭނުންވާ މީހެކެވެ. ނަމަވެސް ޑުރާމާ ނިމިގެން ދާނީ ކުރެވޭ ކުށަކުން ނުވަތަ ތަޤުދީރު ނިޔާކުރާ ގޮތަކުން ބަތަލު ނުވަތަ ބަތަލާ މަރުވެގެންނެވެ. ނުވަތަ އޭނާއަށް މުޖުތަމަޢުގައި ލިބިހުރި ދަރަޖަ ބީވެގެންނެވެ.
ބޯދާ ޔޫނާނީންގެ ހިތާމަ ވެރި ޑުރާމާތަކާއި ޚިލާފަށް މި ޒަމާނުގެ ޑުރާމާ ތަކުގައި ބަތަލު ނުވަތަ ބަތަލާ އަކީ އާދައިގެ ޢާންމު މީހެކެވެ. ވަރަށް ގިނަ ފަހަރަށް އެއީ މެދުފަންތީގެ މީހެކެވެ. ޑުރާމާއިން ދައްކުވައި ދޭނީ އިޖުތިމާޢީ، ނުވަތަ ދިރިއުޅުމުގެ މައްސަލައެކެވެ.
2. ހެއްވާ ޑުރާމާ
މިއީ މާ ބޮޑު ސީރިޔަސްކަމެއް ނެތް ''ލުއި'' ޑުރާމާއެވެ. ހިތާމަ ވެރި ޑުރާމާ އާއި ޚިލާފަށް މިވައްތަރުގެ ޑުރާމާގައި ނިމުން އުފާވެރި ވާނެއެވެ. ބޯދާ ޔޫނާނީން މި ވައްތަރުގެ ޑުރާމާ ކުޅުނީ މައްސަލައެއްގެ ހައްލު ހޯދުމުގައި ބަޔަކު ނުވަތަ މީހަކު ކުރާ ކަންތައް ތަކެއްގައި ދިމާވާ މަޖާކަންތައްތައް ދައްކުވައި ދިނުމަށެވެ.
ހެއްވާ ޑުރާމާގެ އަދަބުގެ ތެރެއަށް ތަފާތު ވައްތަރުގެ ޑުރާމާ ވަނީ އުފަންވެފައެވެ. އޭގެ ތެރޭގައި ލޯބީގެ ޑުރާމާ(ރޮމެންޓިކް)، އުޅުމާއިގުޅުން ދައްކުވައިދޭ ޑުރާމާ(ޑުރާމާ އޮފް މެނަޒް)، މަލާމާތުގެ ޑުރާމާ (ސަޓަޔާރޒް) ހިމެނެއެވެ.
ލޯބީގެ ޑުރާމާގައި ތަފާތު މައްސަލަތައް ކުރިމަތި ވަމުންދާ ލޯބީގެ ގުޅުމެއް ދައްކައިދެއެވެ. ނަމަވެސް އެންމެ ފަހުގެ ނިމުން އަންނާނީ އުފާވެރި ކޮށެވެ.
އުޅުމާއި ގުޅުން ދައްކުވައިދޭ ޑުރާމާގައިި ދައްކުވައި ދެނީ މުޖުތަމަޢުގެ މަތީ ފަންތީގެ މީހުންގެ މެދުގައި އޮންނަ ގުޅުމާއި އުޅުމުގެ ހަމަތަކެވެ. އަދި އެގުޅުން ތަކާއި ހަމަތަކަށް ސަމާލު ކަން ނުދިނުމުން ދިމާވާ މައްސަލަ ތަކެއެވެ. ނަމަވެސް ޑުރާމާގައި ހެއްވާ ގޮތް ހުންނާނެއެވެ.
މަލާމާތުގެ ޑުރާމާގައި ހުންނާނީ ކޮންމެވެސް ބަޔަކަށް ހަޖޫ ކިޔާފައެވެ. ބޭނުމަކީ ކަމެއް ރަނގަޅު ކުރުމެވެ. ނުވަތަ ލާބައަށްޓަކައި ކަމެއް ވިޔަނުދިނުމެވެ.
ޑުރާމާއެއްގެ މާނަ ދެނެގަތުމަށާއި ޑުރާމާއާއި ދޭތެރޭ ބެލުންތެރިޔާ ގަޔާވުމުގައި ޑުރާމާގައި ހިމެނޭ ބައެއް ކަންތައްތައް އެހީތެރިވެދީ ނުފޫޒު ފޯރުވައެވެ. މިގޮތުން ޑުރާމާގައި ދައްކުވައި ދޭ ތަނާއި (ސެޓިން) ވިޔުންގަނޑުގެ އިތުރުން މުމައްޘިލުން ޝަހުޞިއްޔަތުންނަށް ދިރުން ގެންނަ ގޮތާއި ޑުރާމާގެ މަޢުޟޫޢު އަދި ''ޑުރެމެޓިކް އައިރޮނީ'' އަކީ ފާހަގަ ކުރެވޭ ކަންތައްތަކެއެވެ.
ޑުރާމާގެ ވެށި (އެންވައިރޮންމެންޓް ނުވަތަ ސެޓިން) ގެ ތެރޭގައި ހިމެނެނީ ޑުރާމާގެ ޙާދިސާތައް ހިނގާތަނާއި ޒަމާނެވެ. އިސްޓޭޖު މަތީގައި ޑުރާމާގެ ވެށި ދައްކުވައިދޭނީ ޑުރާމާއަށް ޚާއްސަކޮށްގެން ފަރުމާކޮށް ފައިވާ އިސްޓޭޖުންނާއި، މުމައްސިލުންގެ ހެދުމާއި ހަރަކާތާއި ބޭނުންކުރާ ތަކެތިންނެވެ. ޑުރާމާގެ ވެށި ހުށަހަޅާ ގޮތުގެ ފުރިހަމަކަމުގެ ސަބަބުން ބެލުންތެރިންނަށް ޑުރާމާ ދޭހަ ވުމަށް އެހީ އަކަށް ވެއެވެ.
ޑުރާމާގެ ވިޔުންގަނޑަކީ ޙާދިސާތައްގުޅެމުން ދާދިޔުމެވެ. ގިނަފަހަރަށް ޑުރާމާގެ ވިޔުންގަނޑު އޮންނާނީ ކުރުވާހަކައެއްގެ ނުވަތަ ނާވިލެއްގެ ވިޔުންގަނޑާއި ދާދި އެއް ގޮތަށެވެ. ވިޔުންގަނޑުގައި ހިމެނެނީ ތަޢާރަފާއި މައްސަލަޖެހުން މައްސަލައިގެ ކުންނު އަދި މައްސަލަ ހައްލުވުމެެވެ. ޑުރާމާ ރާވާފައި އޮންނާނީ ކުރެހުމުގައި ވާގޮތަށް މަންޒަރުތައް ކުރިއަށް ދިޔަވަރަކަށް ޑުރާމާފެށޭ އިރު އުފައްދާ ޝައުޤުވެރިކަން މައްޗަށް ދާގޮތަށެވެ. އުފެދުނު މައްސަލަ އޭގެ ކުންނަށް ދިޔުމަށް ފަހު މަޑުމަޑުން ޝައުޤގުވެރިކަން ދަށަށް ދާން ފަށައެވެ. އިސާހިތަކު މައްސަލަ ޙައްލުވެ ޑުރާމާ ނިމިދެއެވެ.
ހޫލަ: ޑުރާމާގެ ވިޔުންގަނޑު
ޝަޚުސިއްޔަތުންނަށް ދިރުންގެނައުމަކީ މުމައްޘިލުންގެ ތަމުސީލުކުރުމުން ޝަހުޞިއްޔަތުންގެ ސިފަތައް ދައްކުވައި ދިނުމެވެ. ލިޔުންތެރިޔާ ކަރުދާހުގައި ގެނެސްދީފައިވާ ޝަޚުޞިއްޔަތު އިސްޓޭޖުމަތީގައި ބެލުންތެރިންނަށް ހުށައަޅާގޮތް ޑުރާމާއެއް ތަހުލީލު ކުރާއިރު ބެލުން ވަރަށް މުހިންމެވެ. ޝަޚުޞިއްޔަތުގެ ސިފަތައް ދައްކުވައިދިނުމުގައި ބޭރުގެ ސިފަތަކާއި އެތެރޭގެ ސިފަތައް ދައްކުވައިދެއެވެ. ބޭރުގެ ސިފަތަކުގެ ތެރޭގައި ހިމެނެނީ ޖިސްމާނީ ސިފަތަކެވެ. އެތެރޭގެ ސިފަ ތަކުގެ ތެރޭގައި ހިމެނެނީ ނަފުސާނީ، ރޫޙީ ސިފަތަކެވެ. ވިސްނުމާއި އިޙްސާސްއާއި ޖަޒުބާތެވެ.
ޑްރާމާގައި އަދާކުރާ ދައުރުގެ ގޮތުން ޝަޚްސިއްޔަތުން ތަފާތު ވެއެވެ. ޝަޚުސިއްޔަތުންގެ ތެރެއިން އިސް ކޮށް ރަނގަޅަށް ހުންނާނީ ބަތަލު ނުވަތަ ބަތަލާއެވެ. ބަތަލު ނުވަތަ ބަތަލާއަށް މައްސަލަތައް ކުރިމަތިކުރުވާނީ ނުބައި ޝަޚްސިއްޔަތެވެ. މީގެ އިތުރުން ''އެހީތެރިވާ ޝަޚުޞިއްޔަތުން'' (ނުވަތަ ސްޓޮކް ކަރެކްޓާޒް) އުޅެއެވެ. އެއީ ބަތަލު ނުވަތަ ބަތަލާގެ އެކުވެރިންނާއި ނުބައި ޝަޚުސިއްޔަތުންގެ ބައިވެރިންނެވެ. އަދި މިނޫނަސް މައިގަނޑު ދައުރެއް އަދާނުކުރާ ޝަޚުސިއްޔަތުންނަކީ އެހީތެރިވާ ޝަޚުސިއްޔަތުންނެވެ.
ޑުރާމާގެ މަޢުޟޫއު އަކީ ބެލުންތެރިނަށް ދޭ މެސެޖެވެ. ''ޑުރެމެޓިކް އައިރޮނީ'' އަކީ ބެލުންތެރިންނަށް އެނގޭ ޙަޤީޤަތެއް ޑުރާމާގެ ޝަޚްޞިއްޔަތަކަށް ނޭނގި އޮތުމެވެ. ނުވަތަ ބެލުންތެރިންނަށް އެނގިފައި އޮތްގޮތާއި ދިމާއިދިކޮޅަށް ޑުރާމާގެ ޝަޚްޞިއްޔަތަކަށް އެނގިފައި އޮތުމެވެ.
މިސާލަކަށް: އިޑިޕަސް ޑުރާމާގައި، ލައިއޯސްގެ ޤާތިލަށް އިޑިޕަސް ބަދުދުޢާ ކުރެއެވެ. ޙަޤީޤަތަކީ ލައިއޯސްގެ ޤާތިލަކީ ޚުދު އިޑިޕަސްއަށް ވާކަމެވެ. ނޭނގި ހުރެ އަމިއްލަ ނަފުސަށް ބަދު ދުޢާކުރެވުނީއެވެ.
ޑުރާމާގެ މަޤުޞަދު
ރޫމީންގެ ލިޔުންތެރިޔާ ހޮރޭސް އަދަބިއްޔާތާއި މެދު ޚާއްޞަ ކޮށް ޑުރާމާއާއި މެދު ބުނެފައިވަނީ ޑުރާމާގެ ބޭނުމަކީ ހިތްހަމަޖައްސައިދިނުމާއި އިރުޝާދު ދިނުންކަމަށެވެ. މިއަދާހަމައަށްވެސް ޑުރާމާއާއި ދޭތެރޭ ބެލެވެނީ ހޮރޭސް ބުނެފައިވާ ގޮތަށެވެ.
ޑުރާމާ ބިނާވާ ބައިތައް
ޑުރާމާއެއް ބިނާވަނީ ވިޔުންގަނޑު (ޕުލޮޓް)، ޝަޚްޞިއްޔަތުން (ކަރެކްޓާޒް)، ޙަރަކާތް (އެކްޝަން) އަދި ދެކެވޭ ވާހަކަ (ޑައެލޮގު) ގެ މައްޗަށެވެ.
1. ވިޔުންގަނޑު: ވާހަކައިގެ ވިޔުންގަނޑެކޭ އެއްގޮތަށް ޑުރާމާގެ ވިޔުންގަނޑުވެސް އެކުލެވެނީ މައްސަލަޖެހުމާއި މައްސަލަ ހައްލުވުމުގެ މައްޗަށެވެ. ޑުރާމާގެ ވާހަކައިގައި އޮންނަ މައްސަލަ އޮންނާނީ ކުރިއަށް ދިޔަވަރަކަށް ބެލުންތެރިންގެ ޝައުޤުވެރިކަން މައްޗަށްދާ ގޮތަށެވެ. ވިޔުންގަނޑުގައި ހިމެނޭ ޙާދިސާތައް ކުރިއަށް ދާނީ އެއް ހާދިސާއާއި އަނެއް ޙާދިސާ ގުޅެމުންނެވެ.
ޑުރާމާގެ ވާހަކަ އޮންނާނީ ފަޞްލަށާއި(އެކްޓް) މަންޒަރަށް (ސީން އަށް) ބަހާފައެވެ. ޑުރާމާގައި އޮންނާނީ ކިތައް ފަސްލު ނުވަތަ މަންޒަރުކަން ކަނޑައަޅަނީ ޑުރާމާލިޔުންތެރިޔާއެވެ.
2. ޝަޚްޞިއްޔަތުން: ބެލުންތެރިންނަށް އިސްޓޭޖުމަތީގައި ޑުރާމާ ހުށައަޅައިދޭ ބަޔަކީ ޝަޚްޞިއްޔަތުންނެވެ. ފުންކޮށް ތަރައްޤީ ކޮށް ފައިވާ ފުރިހަމަ ޝަޚްޞިއްޔަތުން ޑުރާމާގައި ހިމަނަން ޖެހޭނެއެވެ. ޝަޚްޞިއްޔަތުންގެ ހަރަކާތްތައް ވާން ޖެހޭނީ ބުއްދިއަށް ޤަބޫލު ކުރެވޭ ފަދަ ޙަޤީޤަތާއި އެއްގޮތް ހަރަކާތް ތަކަށެވެ.
3. ހަރަކާތް: ޝަޚްޞިއްޔަތުންގެ ޙަރަކާތުން އެއީ ކޮންކަހަލަ ބައެއްކަން ބެލުންތެރިންނަށް ހާމަވާން ޖެހޭނެއެވެ. ހަރަކާތުގެ ތެރޭގައި ހަރަކާތެއް ނުކޮށް ހުންނަހުރުންވެސް ހިމެނެއެވެ. އެހެނީ ހަނުހުރުމުން ބެލުންތެރިންނަށް ތަފާތު ވާހަކަތައް ބުނެދޭނެއެވެ.
4. ދެކެވޭ ވާހަކަ: ޑުރާމާގެ ވާހަކަ ކުރިއަށް ގެންދިއުމުގައި ދެކެވޭ ވާހަކައަކީ އެންމެ މުހިންމު ބަޔެވެ. ދެކެވޭ ވާހަކައިން ޑުރާމާގައި ހިމެނޭ މީހުންގެ އެތެރެއާއި ބޭރުފުށުގެ ސިފަތައް ހާމަ ވާނެއެވެ. ޝަޚްޞިއްޔަތުންނާއި ގުޅޭ ގޮތަށް ޝަޚްޞިއްޔަތުންގައި ހުންނަ ސިފަތައް ދައްކުވައިދޭ ގޮތަށް ދެކެވޭވާހަކަ ލިޔުން މުހިންމެވެ.
ޢިޖްތިމާޢީ ޑުރާމާ
އަދަބިއްޔާތަކީ އެއަށް ޒަމާނުގެ އަސަރުކުރާ ބަދަލު ވަމުންދާ އެއްޗެއް ކަމުން ޑުރާމާ ފަންނަން ވެސް ބަދަލު އަން ނަމުން ދެއެވެ. މިގޮތުން މުޖުތަމަޢުގެ މއްސަލަތަކާއި ދިރިއުޅުން ވީހާވެސް ޙަޤީޤަތާއި އެއްގޮތަށް ތެދުވެރި ކަމާއި އެކު ހުށައެޅުމުގެ ޝައުޤުވެރިކަން ޔޫރަޕްގެ ޑުރާމާލިޔުންތެރިންގެ ހިތުގައި މީލާދީން ނަވާރަ ވަނަ ޤަރުނުގެ މެދު ތެރޭގައި އުފެދުނެވެ. މި ޝައުގުވެރިކަމުގެ ނަތީޖާއަކަށްވީ ''ރިއަލިޒަމް'' އުފެދިގެން އައުމެވެ. އަދަބާއި ފަންނުގައި ރިއަލިޒަމޭ ބުނެވެނީ އިންސާނާގެ ދިރިއުޅުމާއި މުޖުތަމައު އުނި އިތުރުކުރުމެއް ނެތި ހަޤީޤަތާއި އެއްގޮތަށް ގެނެސް ދިނުމަށެވެ. ރިއަލިޒަމާއި އެކު މުޖުތަމައުގެ މައްސަލަތައް ދައްކުވައިދޭ، އިޖުތިމާއީ ޑުރާމާ (ސޯޝަލް ޑުރާމާ) އުފެދިގެން އައެވެ.
މުޖުތަމައުގެ މައްސަލަތައް ދައްކުވައިދޭ، އިޖުތިމާއީ ޑުރާމާގެ އެންމެ އަރާހުރި ޑުރާމާލިޔުންތެރންގެ ތެރޭގައި ހެންރިކް އިބްސެން ހިމެނެއެވެ. ގެ ޑުރާމާތަކާއި އެކު މިޒަމާނުގެ ތިއޭޓަރ ނުވަތަ ޑުރާމާގެ ފަންނު އުފެދިގެން އައި ކަމަށް ބެލިދާނެއެވެ. އެހެނީ ޙަޤީޤަތާއި އެއްގޮތް އިޖުތިމާޢީ ޑުރާމާ ތަކުގެ މަގުބޫލުކަން އިތުރުވެ، ޑުރާމާގެ މި އުސްލޫބުގެ ޑުރާމާލިޔުން ތެރީންގެ އައު ޖީލެއް ޔޫރަޕުގައި އުފެދުނެވެ.
ހެންރިކް އިބްސެންގެ ''އަ ޑޯލްސް ހައުސް '' އަދި ''ގޯސްޓް'' މި ދެ ޑުރާމާ ފާހަގަ ކުރެވިފައި ވަނީ ކުރީން ޑުރާމާތަކުގައި ބޭނުންކުރުން އެކަށީގެން ނުވާކަމަށް ބެލެވުނު މަޢުޟޫޢު ތައް ބޭނުންކޮށްފައި ވާތީއެވެ. މި ދެ ޑުރާމާއިންވެސް ދައްކުވައިދެނީމުޖުތަމައުގެ މައްސަލައެކެވެ. ''އަ ޑޯލްސް ހައުސް'' ގައި ޖިންސީ ހަމަހަމަ ކަމުގެ ވާހަކަ ގެނެސްފައިވާއިރު ''ގޯސްޓް''ގެ މަޢުޟޫޢު އަކީ ޖިންސީގުޅުމުގެ ސަބަބުންޖެހޭ ބަލިބައްޔެވެ.
ޙަޤީޤަތާއި އެއް ގޮތް އަދަބިއްޔާތުގެ ޙަރަކާތަށް (ނުވަތަ ރިއަލިޒަމަށް) ފަހުވެސް އަދަބިއްޔާތުގެ ތަފާތު ޙަރަކާތްތައް ތަޢާރަފްވަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ޑުރާމާގެ އަދަބުވެސް ތަފާތުވަމުން ދިޔައެވެ.
ދިވެހި ޑުރާމާ
ދިވެހިބަހުން އެންމެ ފުރަތަމަ ޑުރާމާއެއް ލިޔުއްވައި ތަމްސީލު ކުރެއްވީ މުޙައްމަދު އަމީން ދީދީ ކަމަށް ވެއެވެ. ދިވެހި ފުރަތަމަ ޑުރާމާއަކީ ''ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ'' އެވެ. މި ޑުރާމާ ތަމްސީލު ކުރީ ދާރުލްޢިޤާމާގައި ކިޔަވަން ތިބި ދަރިވަރުންނެެވެ. މުޙައްމަދު އަމީން ހައެއްކަ ޑުރާމާ ލިޔުއްވާފައިވެއެވެ. އޭގެ ތެރޭގައި ''މަދަރުސާ ބެޖު'' އަދި ''އަބަދަށްފެހި އޯކިޑުމަލެއްގެ މަންޒަރެއް'' ހިމެނެއެވެ. މުޙައްމަދު އަމީން ދީދީ އަށް ފަހު މުޙައްމަދު ޖަމީލް ދީދީ އާއި ''ސިނަފް'' އަކީ ދިވެހި އަދަބުގައި ފާހަގަކޮށް ލެވޭ ޑުރާމާ ލިޔުންތެރި އަދީބުންނެވެ.
އަމީނީ ދައުރަށް ފަހު ދިވެހި އަދަބަށް އައި ޚަރީފު ދުވަސް ތަކަކަށް ފަހު، ފަސްދޮޅަހުގެ އަހަރުތަކުގައި ދިވެހި ޑުރާމާގެ އެންމެ ފާހަގަކުރެވޭ ޑުރާމާލިޔުން ތެރިޔަކީ ''ސިނަފް'' އެވެ. ފަހަކަށް އައިސް ފާހަގަކުރެވުނު ދިވެހި ޑުރާމާއެއްގެ ގޮތުގައި މުންކޮގެ ''މިއާއޯ'' ޑުރާމާ ހިމެނޭނެއެވެ.
ޑުރާމާއެއްގެ ތަޢާރަފެއް(ރިވިއުއެއް) ލިޔުން
ޑުރާމާގެ ތަޙްލީލެއް ހުށަހަޅާނަމަ، ޑުރާމާގެ ތަފާތު ބައިތަކަށް ތަފްސީލުކޮށް އަލިއަޅުވާލައި ހެއްކާއެކު ލިޔެއެވެ. ޑުރާމާއެއް ކިޔުމަށްފަހު، ކިޔުންތެރިންނަށް ކުރުކޮށް ތަޢާރަފެއް (ރިވިއުއެއް) ހުށަހަޅާއިރު މި ބަޔާންކުރާ ސުވާލުތަކަށް ޖަވާބު ލިބޭނޭހެން ލިޔެވިދާނެއެވެ.
ހ. ޑުރާމާގެ މައިގަނޑު މަޢުޟޫޢުއަކީ ކޮބައި ހެއްޔެވެ؟ މުޅި ޑުރާމާގައި މަޢުޟޫޢު ކުރިއަށް ގެންގޮސްފައިވާގޮތް ބަޔާންކުރާށެވެ. ޑުރާމާއިން ހުށަހަޅާ މެސެޖްގެ ރަނގަޅު ނުރަނގަޅަށް ބެލުމަށްވުރެ، މެސެޖް ހުށަހަޅާފައިވާ ގޮތުގެ ފުރިހަމަކަން ހުރީ ކިހާވަރަކަށްތޯ ބަލާށެވެ.ޑުރާމާގެ ވާހަކަ ކުރުކޮށް ޚުލާޞާކުރާށެވެ.
ށ. ޑުރާމާއަކީ ކޮންވައްތަރެއްގެ ޑުރާމާއެއްކަން ބަޔާންކުރާށެވެ. އެއީ ހިތާމަވެރި ޑުރާމާއެއްހެއްޔެވެ؟ ހެއްވާ ޑުރާމާއެއްހެއްޔެވެ؟ ނޫނީ ތާރީޚީ ޑުރާމާއެއްހެއްޔެވެ؟
ނ. ޑުރާމާގައި ހިނގާކަންކަން ޤަބޫލުކުރަން ފަސޭހަހެއްޔެވެ؟ ނޫނީ ޑުރާމާގައި ބުއްދި އަށް ޤަބޫލްކުރަން އުނދަގޫ ކަންކަން ވޭހެއްޔެވެ؟
ރ. ޑުރާމާގައި ވަނީ މައްސަލައެއް އާދައިގެ ގޮތަކަށް ހުށަހަޅާލާފައި ހެއްޔެވެ؟ ނޫނީ ޑުރާމާގައި ހިނގާކަންކަމުގައި ފުންމާނަ އެކުލެވޭހެއްޔެވެ؟
ބ. ޑުރާމާގައި ސީރިޔަސް މައްސަލައެއް (ކޮންފްލިކްޓް) އުފައްދާފައިވޭ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ކިޔުންތެރިޔާއަށް މައްސަލައިގައި ވަކިއަތަކަށް ޖެހުމަށް ފަސޭހަކޮށްދީފައިވޭ ހެއްޔެވެ؟މައްސަލަ ތިންގޮތަކަށް އުފައްދާފައި ހުރެއެވެ. އެއީ (1) ދެމީހެއްގެ ނުވަތަ ދެބަޔެއްގެ މެދުގައި އުފެދޭ މައްސަލައާއި (2) މީހަކާއި ޠަބީޢަތާއި މެދު އުފެދޭ މައްސަލަ ( ޤުދުރަތީ ޙާދިޘާއަކުން އުފެދޭ މައްސަލަ) ނުވަތަ (3) އަމިއްލަ ނަފުސާއި މެދު އުފެދޭ މައްސަލައެވެ. ޑުރާމާގައި ވަނީ ކޮންކަހަލަ މައްސަލައެއް ހެއްޔެވެ؟
ޅ. ޝަޚްޞިއްޔަތުން އަސްލާއި އެއްގޮތް ހެއްޔެވެ؟މުހިންމު ޝަޚްޞިއްޔަތުންނާއި އެމީހުންގެ މެދުގައި އޮންނަ ގުޅުން ފާހަގަކުރާށެވެ. އަދި އޭގެތެރެއިން ބަޠަލަކީ (ޕްރޮޓެގޮނިސްޓްއަކީ) ކާކުކަމާއި ބަޠަލާއި ދެކޮޅު ޝަޚްޞިއްޔަތު ނުވަތަ ބަހާއަކީ ކޮބައިކަން (އެންޓަގޮނިސްޓް) ފާހަގަކުރާށެވެ. ޝަޚްޞިއްޔަތުންނާއި ބެހޭގޮތުން ލިޔެލާށެވެ.
(ނޯޓް: ވާހަކައެއް ނުވަތަ ޑުރާމާއެއްގައި ''އެންޓަގޮނިސްޓު'' އެއީ ކޮންމެހެން މީހަކަށް ވާކަށް މަޖުބޫރެއްނޫނެވެ. ބަޠަލުގެ ދިރިއުޅުމަށް ހުރަސްއަޅާ ކޮންމެ މައިގަނޑު ކަމެއް އެއީ ''އެންޓަގޮނިސްޓް'' ގެ ގޮތުގައި ބެލިދާނެއެވެ.)
ކ. ޑުރާމާގައި ޙާދިސާތައް ކުރިއަށް ދަނީ އޮމާންކޮށް ހެއްޔެވެ؟ ޙާދިސާތައްހުރީ ފިޠުރީގޮތަށް ގުޅިފައިހެއްޔެވެ؟
ޚިޔާލު އުފައްދައި ލިޔަންފެށުމަށް އެހީއެއް:
ލިޔަން ފެށުމުގެ ކުރީން ލިޔާނެ ގޮތް ރާވާށެވެ. ލިޔާނެގޮތް ރާވައި ޚިޔާލު އުފެއްދުމަށްޓަކައި ތިރީގައި މިވާ ސުވާލުތައް އުފައްދައި އެއަށް ޖަވާބު ހޯދާށެވެ.
ހ. މައިގަނޑު ޝަޙުޞިއްޔަތަކީ ކާކުހެއްޔެވެ؟
ށ. އޭނާ ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟
ނ. އޭނާ ބޭނުންވާ ކަންތައް ހޯދައި ގަތުމުގައި ދިމާވި ތުރާލަކީ ކޮބައިހެއްޔެވެ؟
ރ. އޭނާ ބޭނުންވާ ކަންތައް ހޯދައިގަތުމަށް ބޭނުންކުރާ އުކުޅަކީ ނުވަތަ ވަސީލަތަކީ ކޮބާ؟
ބ. ބޭނުންވާ ކަންތައް ހޯދައި ގަތުމުގައި އޭނާ ކާމިޔާބު ހޯދާހެއްޔެވެ؟
ޅ. ދިމާވި ތުރާތައް ހައްލުކުރުމުގައި ދިމާވި މައްސަލަތަކުގެ ސަބަބުން އޭނާގެ ދިރިއުޅުން ބަދަލުވީ ކިހިނެއްހެއްޔެވެ؟
ދެން ލިޔަން ފަށާށެވެ. ތިރީގައި މިވަނީ ލިޔުން ކުރިއަށް ގެންދިޔުމަށް އެޅިދާނެ ވަރަށް ހަލުވި ފަސް ފިޔަވަޅެވެ.
ފިޔަވަޅު 1
ލިޔަން ގަސްތުކުރާ ޑުރާމާގެ އަމާޒަކީ ކޮބައިހެއްޔެވެ؟ ކޮންމެ ވާހަކައެއްވެސް ކިޔައި ދޭންޖެހޭ ސަބަބެއް އޮންނާނެއެވެ. ކަލޭގެ ވާހަކަ ކިޔައިދޭންޖެހޭ ސަބަބަކީ ކޮބައިހެއްޔެވެ؟
މިސާލަކަށް: ކަލޭ ލިޔަން ގަސްތުކުރާ ޑުރާމާއިން ދައްކުވައިދޭން ބޭނުންވަނީ ފުރާޢުމުރުގެ ޔަތީމު ދެކުދިންގެ ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫ ތަކެވެ.
ފިޔަވަޅު 2
ފިޔަވަޅު 1 ގައި ދީފައިވާ މިސާލުގައި އެވާ ޚިޔާލު އިތުރަށް ފާޅުކުރާށެވެ. މިފަހަރު ވިޔުންގަނޑުގެ ޚުލާސާއެއް ލިޔެލާށެވެ. ޚުލާޞާގައި ފެށުމެއް، މައިގަނޑެއް، އަދި ނިމުމެއް ގެންނަން ވާނެއެވެ.
މިސާލަކަށް: ކަލޭ ލިޔަން ގަސްތުކުރީ ފުރާޢުމުރުގެ ޔަތީމުކުއްޖެއްގެ ޙަޔާތުން ދުވަހެކެވެ. އެދުވަހަކީ އޭނާގެ ބަލި ކޮއްކޮއަށް ބޭނުންވާ މުހިންމު ބޭހެއް ހޯދުމަށް މަޖުބޫރުވެގެން ވައްކަންކުރި ދުވަހެކެވެ. ފިހާރައިން ވައްކަން ކޮށްގެން ނުކުންނަނިކޮށް ފިހާރައިގެ ފާރަވެރިން އޭނާ ހިފަހައްޓައި ފުލުހުންނާއި ހަވާލު ކުރެއެވެ.
ފިޔަވަޅު 3
ތިޔަލިޔުނު ލިޔުމުން މިބުނާ ބައިތައް ފާހަގަކުރާށެވެ.
1. މަޢުޟޫޢު
2. ޙާދިސާ ހިނގާތަން (ޑުރާމާގެ ވެށި)
3. ޝަޚްޞިއްޔަތުން
4. ވިޔުންގަނޑު
މިސާލަކަށް: ކަލޭ ލިޔަން ތި ފެށި ޑުރާމާއިން ދައްކުވައިދެނީ ފުރާ އުމުރުގެ ޔަތީމު ދެކުދިންގެ ދަތި ދިރިއުޅުމެވެ. (ޔަތީމު ދެކުދިންގެ ދަތި ދިރިއުޅުން :މިއީ މަޢުޟޫޢު އެވެ.) ކަލޭ އެ ދެބެން ދައްކުވައިދެނީ ދޮށީ ކުއްޖާގެ ޙަޔާތުން އެއް ދުވަސް ހުށައަޅައިގެންނެވެ. (ދޮށީ ކުއްޖާއަކީ މައި ޝަޚުޞިއްޔަތެވެ.) ވާހަކައިގައި އުޅޭ އިތުރު މީހުންނަކީ، ކޮއްކޮ، ޑަކުޓަރު، ފިހާރައިގެ ފާރަވެރިން އަދި ފުލުހުންނެވެ. (މިއީ އެހީތެރިވާ ޝަޚުޞިއްޔަތުންނެވެ.) ހާދިސާތައް ހިގަނީ ކުލިނިކެއްގެ ތެރޭގައާއި ފިހާރައެއްގައި އަދި ފުލުސް އޮފީހެއްގެތެރޭގައެެވެ.( މިއީ ޑުރާމާވެށްޓެވެ.) ޙާދިސާތައް ގުޅެމުން ދިޔުމަކީ ވިޔުންގަނޑެވެ.
ފިޔަވަޅު 4
ކަލެޔަށް މިހާރު ތިޔައޮތީ ރަނގަޅަށް ލިޔަން ފަށައި ގަނެވިފައެވެ. ވިޔުންގަނޑުގައި ހިމެނޭ ޙާދިސާތައް ހިނގާނެ ގޮތް ތަރުތީބު ކުރާށެވެ. މިގޮތުން ހިނގާނީ ކޮން ޙާދިސާތަކެއްކަން ކަނޑައަޅާށެވެ. އެ ޙާދިސާތައް ހިނގާނީ ކިހިނެއް ކަމާއި ކޮން އިރަކުކަންވެސް ކަނޑައަޅާށެވެ.
ޝަޚްޞިއްޔަތުންތައް ތަރައްޤީކުރާށެވެ. ޝަޚްޞިއްޔަތުން ބޭނުން ކޮށްގެން، ދެކެވޭ ވާހަކައިން ވާހަކަ ކުރިއަށް ގެންދާށެވެ. ޑުރާމާ ކިޔާމީހާއަށް އެއީ ކޮންބައެއްކަން އެނގޭވަރަށް އެމީހުންގެ މިޒާޖާއި އިތުރު ސިފަތައް ހުށައަޅާށެވެ. ލިޔަމުން ދާއިރު ދެކެވޭ ވާހަކައަށް ސަމާލުކަން ދޭށެވެ. މޮޅު، ފިޠުރީގޮތްހުރި ދެކެވޭ ވާހަކައެއް ލިޔުން އެއީ ޑުރާމާލިޔުންތެރީންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ.
ފިޔަވަޅު 5
ލިޔުނު ޑުރާމާ ފާޑުކިޔުމުގެ ނަޒަރަކުން ކިޔާށެވެ. އެއަށް ފަހު ތިރީގައިމިވާ ސުވާލުތައް ކުރާށެވެ.
1. ޑުރާމާގެ ފެށުން އޮތީ ބެލުންތެރިން ޝައުޤުވެރިވާގޮތަށް ހެއްޔެވެ؟
2. ވާހަކަ ރަނގަޅަށް ކިޔައިދެވުނުހެއްޔެވެ؟ ބެލުންތެރިންނަށް ވާހަކަ ރަނގަޅަށް ދޭހަވާނެހެއްޔެވެ؟
3. މަންޒަރުތައް ރަނގަޅަށް ގެނެސް ދެވިފައިވޭ ހެއްޔެވެ؟ ޝަޙްޞިއްޔަތުން ރަނގަޅަށް ހުށައެޅިފައިވޭހެއްޔެވެ؟
4. ނިމެންދެން ޝައުޤުވެރިކަން ހިފެހެއްޓިފައި ވޭހެއްޔެވެ؟
5. ޑުރާމާގައިވާ މައްސަލަ ކޮޅެއްގައި ޖައްސާ ނިންމުނު ހެއްޔެވެ؟
-ނިމުނީ-