ހޮނިހިރު20201121

އާކުރެވުނީ: 08:43:52

އަހަރެން ނަގާށެވެ.

aharen-nagaasheve

 

1-އަދަބުވެރިކަމުގައި މާ ގޮތްބޮޑު މީހަކު ހޯދާނެ ކަމެއް ނެތެވެ.
ކަލާގެ ދިރިއުޅުން ފޫހިކޮށްލަފާނެއެވެ.
ނުވަތަ، މާ ލާނެތް، މާ ގޮތްކުޑަ މީހަކާ ގާތް ނުވައްޗެވެ.
ކަލާ ބަދުނާމުވެ ޤަދަރު ހިނގައިދާނެއެވެ.
އަހަރެން ނަގާށެވެ.

އަދަބުވެރިކަމުގައި މެދުމިނެއް ގެންގުޅެމެވެ.
އަދި ކޮންމެސް ވަރެއްގެ ލާނެތްކަމެއް މަގޭ ކިބައިގައި ވެއެވެ.

 

2- ދޮން މީހެއްގެ މޫނުގެ ކުލަވަރު ފެނި އާގަމަ ނުވާށެވެ.
ކަލާފަދަ ކުއްޖަކު އެހެން އުޅުމަކީ އެއްވެސް އިންސާފެއް ނޫނެވެ.
ކަޅުރޭގަނޑެއްފަދަ މީހެއްގެ މަސްތުގައި ވެސް ނުޖެހޭށެވެ.
ފަހަރެއްގައި ހަނދު ކޭތަހިފީކަމުގައި މީހުން ހީކޮށްފާނެއެވެ.
އަހަރެން ނަގާށެވެ.

އަހަންނަކީ އަވިގަދަ މެންދުރަކަށް ފަހު އަންނަ ފިނި ހަވީރެކެވެ.
ނުވަތަ އަނދިރި ރޭގަނޑަކަށް ފަހު އަންނަ ހިތްގައިމު ފަތިހެކެވެ.

 

3- މާ ދިގު މީހަކު ހޯދަނީ ކީއްކުރަން ހެއްޔެވެ؟
ކަލާއަކާ ނުގުޅެއެވެ.
ނުވަތަ އެހާ ކުރުމީހެއްގެ ޝަޚުޞިއްޔަތު ފެނި ހިތްމަޑު ނުކުރާށެވެ.
ކުރުމީހުންގެ ތާރީޚަށް ބަލާއިރު ގިނައިން އުޅެފައި ތިބީ ހަނގުރާމަތަކުގައެވެ.
އަހަރެން ނަގާށެވެ.

ކަލާ އިސް އުފުލާލައިފިނަމަ މަގޭ ހިނިތުންވެފައިވާ މޫނު އުނދަގުލަކާ ނުލައި  ފެންނާނެއެވެ.
އިސްދަށަށް ޖަހާލުމުން މަގޭ ހިތުގެ ތެޅުން އަޑުއިވޭނެއެވެ.

 

4- މުއްސަނދީންގެ މެހެފިލްތަކުގައި ރަނިކަންކުރުމުގެ ހުވަފެން ނުދެކޭށެވެ.
ޖަވާހިރުގެ މަޅިއެއް ކަލާގެ ކަރުގައި ބައްދަފާނެއެވެ.
ފަޤީރުންގެ ބަސްތީގައި ނުހިނގާށެވެ.
ކިސަޑުގައި ހިނގުމަކީ  ތިޔަ ކީރިތި ދެފަޔަށް އެކަށީގެންވާ ކަމެއް ނޫނެވެ.
އަހަރެން ނަގާށެވެ.

މުއްސަނދި ކަމުގެ ދަންމަޅި މަގޭ ކަރަކު ނެތެވެ.
ފަޤީރުކަމުގެ ކިސަޑުގަނޑެއްގައި ބަކަތަޅާކަށް ވެސް އަހަރެން ނުޖެހެއެވެ.

 

5- ކަލާގެ ލޯބީގައި ފުރާނަދުއްވާލަން ތައްޔާރަށް ހުރިކަމުގައި މީހުން ކުރާ ދަޢުވާ އަޑުނާހައްޗެވެ.
އެކަންތައް ދާނީ ބޮނޑު ނިގުލަށެވެ.
ފަހުން ލޯބިވެދާނެކަމަށް، ކަލާދެކެ ލޯބިނުވާ މީހަކު ފަހަތުން ވެސް ނޫޅޭށެވެ.
ފުރަތަމަ ނަޒަރުންވެސް ކަލާދެކެ ލޯބި ނުވާނީ މޮޔައެކެވެ.
އަހަރެން ނަގާށެވެ.

ދެ އަކުރުގެ ލަފްޒުގައި ވާ ބަރުދަން ވަޒަންކުރަން އަހަރެން ދަންނަމެވެ.
އަދި އެ ލަފްޒުން ކަލާ އަށް ވެދުންކުރުމުގައި އަހަރެން ދަހިވެއްޗެއް ނުވާނަމެވެ.

 

6- މުސްކުޅިއެއްގެ މުލައްދަނޑީގައި ނޭލޭށެވެ.
ބިނދިދާނެއެވެ.
ޅަކުއްޖެއްގެ އުނގުން ޖާގަހޯދަން ވެސް ނޫޅޭށެވެ.
އިރުކޮޅަކުން އޮންނާނީ ކަލާގެ އުނގަށް އަރައެވެ.
އަހަރެން ނަގާށެވެ.

މަގޭ މުލައްދަނޑިވަނީ ކަލާގެ ޙިމާޔަތަށްޓަކައި ވަޤުފުކޮށްފައެވެ.
އަދި މަގޭ އުނގަކީ ކަލާއަށްޓަކައި މަލުގެ މަސަންދަކަށް ހަދާނަމެވެ.

 

7- މާ ދޫހެލޭ މީހެއްގެ ޖާދޫގައި ނުޖެހޭށެވެ.
ކަލާގެ އިޙުސާސްތައް އޭނާ އަޑެއް ނާހާނެއެވެ.
މިނަށް ވުރެ ބަސްމަދު ވުމަކީ ފިރިހެންވަންތަކަން ކަމުގައި ވެސް ހީނުކުރާށެވެ.
ކަލާދެކެ ވާ ލޯބި އޭނާއަކަށް ބުނެއެއް ނުދެވޭނެއެވެ.
އަހަރެން ނަގާށެވެ.

ކަލާގެ އަޑަކީ އަހަންނަށް އެންމެ ހިތްގައިމު މިޔުޒިކެވެ.
އަދި އަހަރެންގެ ބަސްތަކުން، މާމުއީގެ ފޮނިކަން ކަލާއަށް އިޙުސާސްވާނެއެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.