ހޮނިހިރު20201010

އާކުރެވުނީ: 08:43:52

ޙާއްޖު ޒަޣްލޫލުގެ ދިވެހި ޤަޞީދާ

haajj-zaghloolއެއްދުވަހަކު ޤާހިރާގެ މުޑުދާރު މަގެއްގައި ހިނގާފައި ދަނިކޮށް ވަރަށް މުސްކުޅި އަޑަކުން މީހަކު ލަވައެއް ކިޔާ އަޑު އެބަ އިވެއެވެ. ދޭތެރެއަކުން ނޭވާކުރުވެގެން ކެއްސާލައެވެ. އަހަރެން އެ އަޑު އިވޭ ދިމާއަށް ދިޔަ އިރު އަޑު އަންނަނީ ތަންކޮޅެއް އެކަހެރިކޮށް ވަކިން ހުރި ފަޅު ޢިމާރާތެއްގެ ތިރިންނެވެ. ގާތްކޮށްލި އިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދެން ވަރަށް ޙައިރާންވެފައި ހުރެއްޖައީމެވެ. ކުއްލިއަކަށް ލަވައިގެ އަޑުކެނޑިއްޖެއެވެ.

- އޭތް.. އެ އަޑު އަހަންނަށް ގޮވައިލިއެވެ.

އަހަރެން އެދިމާއަށް ބަލައިލި އިރު އެތާ އޮތީ ދޫ ނެރެގެން އޮތް ކަޅު ކުއްތާއެކެވެ. އެސޮރަށް އަހަރެން ހަމަ ފެނުމާއެކު މަށަކީ މިޞްރު މީހެއް ނޫންކަން ވިސްނިއްޖެއެވެ.

- ކޮން ރަށަކު ކުއްޖެއް؟ ކުއްތާ ފުރަތަމަވެސް ކުރީ އެސުވާލެވެ.

- ވަޢަލައިކުމުއްސަލާމް.. ޖަވާބުގައި އަހަރެން ބުނީމެވެ.

ކުއްތާ ލަދުގަތީ ތޯއްޗެކެވެ. ކަރުކެހިލައިފައި ބުނެއްޕެވެ.

- މާފުކުރޭ.. ކަލޭ ފެނިފައި އަހަންނަށް ފުރަތަމަ ބުނަންވާ އެތި ހަނދާންނެތުނީ.. މަށަށް ކިޔަނީ ޣާލިބު.. އެސޮރުގެ ބޮޑު ދޫ ނެރެފައި ހިނިތުންވެލިއެވެ.

މިހެން ބުނީމާ އަހަރެން ވަރަށް ރުޅިއަތުވެއްޖެއެވެ.

- އަހަރެން ފެނުނީމާ ބުނަންވާ އެތި ހަނދާނެއް ނުހުރޭ އެކަކުވެސް.. މިޞްރު މީހުންނަށް ވެފައި މިތިބެނީ ކީއްތަ؟ މިތާ ބޭރު މީހުން މަދީތަ؟ ކަލޭމެން ކީއްވެތަ ބޭރުމީހުން ތިހާ ތަފާތުކުރަނީ؟

އެތައް ދުވަހެއްގެ ރުޅިވެރިކަން ޣާލިބުގެ ކުރިމައްޗަށް އޮއްސައިލީމެވެ.

- އަނހާ ދަރިޔާ ރުޅިނާދޭ.. އަހަރެން އެހެން ބުނި އެއްޗެއް ނޫނޭ އެއީ.. އެއީ ހަމަ ތަޢާރަފްވެލުމުގެ ގޮތުން.. ދެން އަނެއްކާ ކަލެއަށް އެނގޭނެ މަށަކީ ކުއްތާއެއްކަން.. ޣާލިބު ބުންޏެވެ.

- އާނ.. ނުބެހޭ ކަންތަކާ ބެހޭނެކަމެއް ނެތް.. ތަނަކުން ހަމަ މީހަކު ފެންނަ އިރަށް ކޮން ރަށަކު މީހެއްތޯ، ކީއްތޯ ކުރަނީ މިހުރިހާ ސުވާލުކުރާކަށް ނުޖެހޭ.. އަހަރެން އަދިވެސް މައިތިރިއެއް ނުވެއެވެ.

ޣާލިބުގެ ނިޔަތް ރަނގަޅެވެ. އޭނާއަކީ ތަޢްލީމީ މީހަކަށް ނުވާތީ ގަވައިދު ނޭނގެނީއެވެ. ވީމާ ރަޙްމަތްތެރިވެލުމުގެ ގޮތުން ވެސް މި ކުރެވުނީ ނުބައި ސުވާލެކެވެ.

- ކޮއްކޯ ބުނަންތަ.. ބޭބެމެން މިހާރު މިތިބީ މުސްކުޅިވެފަ.. ކުޑައިރު ރަނގަޅު ތަޢުލީމެއް ނުލިބުމުން ތިކަހަލަ ކަންކަމުގެ އުސޫލު ނުވިސްނެނީ.. އެހެން ނޫނަސް، ކަލޭ އަހަރެން އޮންނަ ތަނަށް އައިސް، ސަލާމް ވެސް ގޮވައިނުލައި އެކި ދިމަދިމާއަށް ކަރު ދިއްކުރިކަމެއް ހަނދާނެއް ނެތްދޯ؟

އެއީ ވެސް ތެދެކެވެ. މި ކުޅިވަރު ފެށީ އަހަންނެވެ. ކުށްވެރިވީ ޣާލިބެވެ. އެހެން ނޫނަސް މަށަކީ ޔުނިވަރުސިޓީގައި ކިޔަވާ ތާލީމުޔާފުތާ ޒުވާނެކެވެ. ވީމާ ނިކަމެތި ޖާހިލެއްގެ އުޒުރު ނުވިސްނުނީ އަހަރެންގެ ޖާހިލުކަމުންނެވެ.

- މާޝީ ޢައްމު ޣާލިބް.. އެވީ އެކަންތައް.. މަށަކީ ދިވެހިރާއްޖޭ މީހެއް.. މިތާ އަޒްހަރުގަ ކިޔަވަނީ.. މަށަށް ކިޔަނީ ނަބޫޚަޒް ނަސްރު..

އަހަރެން ގަސްތުގައި ދޮގެއް ހަދާލީމެވެ. އެކަމަކު މި ހެދުނީ ގަސްތުގައި ބޮޑު ދޮގެއްކަން ވިސްނި އެކަމާ މޮޔަހީވިއެވެ.

އަހަރެމެން ދިވެހިންގައި މި ހުންނަނީ ހާދަހައި ވިޔާނުދާ ސިފައެކެވެ. މިޞްރު މީހަކަށް ދޮގު ހެދިޔަސް، ދޮގަކަށް ނުވެއެވެ. މިޞްރު މީހަކާ ދިމާއަށް އޭނާއަށް ނޭނގޭ ގޮތަށް ކިތައްމެ އެއްޗެއް ކިޔަސް އެއީ ނެތިމޮށުމަކަށް ނުވެއެވެ. ޣީބަ ބުނުމަކަށް ނުވެއެވެ. އަހަރެމެން ކުއްލިއްޔާގައި އުޅޭ މިޞްރު ކުއްޖަކު އަހަރެމެންނަށް ވަރަށް ހިތްހެޔޮވެގެން އައިސް ވާހަކަދައްކައެވެ. އެކަމަކު އަހަރެމެން އޭނާއަކަށް މާބޮޑު ފުރުޞަތެއް ނުދެމެވެ. އޭނާ ދާއިރަށް މަލާމާތްކޮށް ހަޖޫޖަހަމެވެ. އަހަރެމެން ގުރޫޕު އެންމެންނަކީވެސް ވަރަށް ދީންވެރި އަޚްލާޤް ރަނގަޅު މީހުންނެވެ. އެނގިހުރެ ޤަޞްދުގައި ސުންނަތެއް ވެސް ދޫނުކުރަމެވެ. އެކަކު ފިޔަވައެވެ. އޭނާ ދީންވެރިއެއް ނޫނެވެ. އެކަމަކު އެއީ ވެސް ވަރަށް އިންސާނީ ޙައްޤުތަކުގެ ވާހަކަދައްކާ ޒުވާނެކެވެ. ރާއްޖޭގައި އިންސާނީ ޙައްޤުތައް ގޮސްފައި އޮތް ހިސާބުގެ ވާހަކަ އަބަދުވެސް އޭނާ ދައްކައެވެ. އެކަމަކު މީނާ ވެސް މިޞްރު ކުދީންނަށް މަލާމާތްކޮށް ޖޯކު ޖަހާއިރު އެއީ އިންސާނުންކަމެއް ހަނދާނެއް ނުހުރެއެވެ. އަހަރެމެން ދީން ކިޔަވާ އިރު، މިޞްރުގެ އާދައިގެ ޖާހިލު މީހާޔާ މުޢާމަލާތު ބަހައްޓަންވާނީ އަހަރެމެންނީ ދާޢީންކަމުގައި ވިސްނައިގެންކަން މިތިބެނީ އޮޅިފައެވެ.

- ނަބޫޚަޒް ނަސްރު..؟ ދިވެހިރާއްޖެ..؟
- އާނ..
- ކަލޭމެން ރަށުގައި އަދިވެސް ކުއްތާ ނޫޅޭދޯ؟

އަހަރެން ހަމަ ކޮސްވެއްޖެއެވެ.

- ކަލެއަށް ކިހިނެއް އެނގުނީ ދިވެހިރާއްޖޭގަ ކުއްތާ ނޫޅޭކަން؟ އަހަރެން ސުވާލުކުރީމެވެ. ޣާލިބު ހިނިގަނޑެއްޖަހާލަން އަނގަ ހުޅުވާލިތަނުން ކޮށިއަރައިފއެވެ.

- މީގެ ސާޅީހަކަށް އަހަރު ކުރިން، މިތާ ކިޔަވަން އުޅުނު ދިވެހިބައެއްގެ ވާހަކަ މަގޭ މުނިކާފަ އަހަރެމެންނަށް ކިޔައިދިން.. ކާފަގެ ޙަޔާތުގަ އެމީހުންގެ ވާހަކަ ހާދަވަރަކަށޭ ދެއްކީ.. އަހަރެމެންގެ ކާފައަށް މީހުން ކިޔަނީ ޙާއްޖު ޒަޣްލޫލު.. އައިސްބަލަ މިތާ އިށީންނަން.. ސައިތައްޓެއް ބޯލައި، އަނގަތަޅާލަން.. ސިޑީގެ ހަރުފަތެއް ފޮޅާލާފައި އަހަރެން އިށީންނާނެ ތަން ޣާލިބު ދެއްކިއެވެ.

- ސައެއް ނުބޯނަން.. އެކަމަކު އަނގަތަޅާލަން މަޑުކޮށްލަފާނަން.. އަހަރެން ގޮސް އެތާ އިށީނީމެވެ.

- މުނިކާފަ ބުނާގޮތުން، ދިވެހިންނަކީ ވަރަށް ހިތްހެޔޮ ރަނގަޅު ބައެއް.. އެކަމަކު ކާފައަށް ކަންކަމާ ވިސްނައިނުލައި މާ އަވަހަށް ރުޅިއާދެވެނީޔޯ.. އެމީހުން ފުރައިގެން ދިޔައިރު ކާފަ އެމީހުންނާ ރުޅި..

- އެއީ ކީއްވެޔޯ؟ އަހަރެން ހައިރާންވެގެން އެހީމެވެ.

- އާނ.. ކާފަ ބުނާގޮތުން، ކާފަ އެމީހުންނާ ވަރަށް ރައްޓެހިކޮށް އުޅުނީ.. އެމީހުން ވެސް ވަރަށް ރަނގަޅު.. އެއިން ކޮންމެ ކުއްޖަކީ ވެސް ދިވެހި އަދަބިއްޔާތަށް ވަރަށް މޮޅު ކުއްޖެއްކަމަށް ވަނީ.. ކާފައަކީ ވަރަށް ބޭރު ބަސްބަސް ދަސްކުރާހިތްވާ މީހެއް.. އެހެންވެ މާ ކުރީންސުރެވެސް ފަރަންސޭސި ބަހާ އިޓަލީ ބަސް ދަސްކޮށްފި.. ފަރަންސޭސި ޅެންވެރިކަމަށް ކާފަ ވަރަށް ލޯބިކުރި.. އެންމެ ފަހުން ކާފަ ބޭނުންވެއްޖެ ދިވެހި ބަސް ވެސް ދަސްކުރަން.. ދެން މިކުދިން ކައިރިން ދިވެހި ދަސްކުރީ.. ބައެއްފަހަރު ކާފައަށް އޮޅިގެން ދިވެހިބަހުން ވައްވައް ޖަހައިގަނެވޭފަހަރު ވެސް އާދޭ.. އެހާ ވެސް ދިވެއްސަށް މޮޅުވެފައި އެއިރު ހުރީ.. އެއްދުވަހަކު ވީގޮތަކީ ކާފަގެ އެންމެ ރައްޓެހި ދިވެހިކުއްޖާ.. އެއީ އެ ހުރިހާކުދިންގެ ނަގާކިޔާ ކުއްޖާމެ.. މީނާ އެއްދުވަހު ކާފަޔާ ދިމާއަށް ގޮވި ނަމަކުން ރުޅިއައީ..

- ކޮން ނަމެއް؟

- ބަޅު.. އެކުއްޖާ ކާފައަށް ގޮވާލީ ބަޅާއޭ ކިޔާފަ.. ދެން ކާފަ ވަރަށް ރުޅިއައިސްގެން އެމީހުންނާ ދިމާއަށް ޢަރަބި ބަހުން ހެއްދެވި ނެހެއްދެވިޔަށް ގޮވައި، ދިވެހި ބަހުން ވާހަކަވެސް ނުދައްކަން ހުވާކޮށްފި.. ކާފަ ބުނީ ތިމަންނާގެ ނަގޫ ބަޅުކޮށް އޮތީ އެއީ ރައްބަނާގެ ޙިކުމަތުންނޭ.. އެކަމާ ކަލޭމެން ތިމަންނާއަށް ނަންހަދައި މަލާމާތްކުރާކަށް ނުޖެހެޔޭ.. އެކުދިން ވަރަށް ވިސްނައިދޭން އުޅުނު.. އެމީހުން ބުނި، ބަލަ ޒަޣުލޫލޭ ބަޅަކީ ދިވެހިބަހުން ކުއްތާއަށް ކިޔާ ނަމޭ.. ކާފަ ބުނީ ދެން ކުއްތާ އެއީ ކޮން ބަހަކުން ކިޔާ އެއްޗެއްހޭ؟ އެމީހުން ބުނީ ކުއްތާއަކީ ދިވެހި ބަހަށް ވަދެފައި އޮތް ފުރެއްދެ ބަހެކޭ.. ކަލޭ ވެސް ހަގީގީ ދިވެހި ބަހުން ވާހަކަދައްކަންޏާ ދިވެހި ފުޞްޙާ ދަސްކުރާށޭ.. އެކަމަކު ކާފަ ގަބޫލެއް ނުކުރި.. އެމީހުން ކާފައަށް ދިވެހި ދަސްކޮށްދިން އިރު އެއްގޮތަކަށް ވެސް ނުބުނޭ ބަޅު ނޫނީ ނަގޫބަޅު ކިޔާ އެއްޗެއް ދިވެހިބަހުގައި އޮންނަ ވާހަކައެއް.. އެކަމަކު، ނަގުލުގެ މާނަ ބުނެދީފަ އޮތީ.. އަދި ބަޅުގެ ޢާއްމު މާނައަކީ ގުދޭ ވެސް ބުނެފަ އޮތްކަމަށް ވަނީ.. އެހެންވެގެން ކާފައަށް ވިސްނުނީ ކާފަގެ ނަގޫ އެހެން އޮންނާތީ އެމީހުން ކުރި މަލާމާތެއްކަމަށް އެއީ..

ޣާލިބުގެ ވާހަކަ އަޑުއަހާފައި އަހަރެން ހިތަށް އެރިއެވެ. މިހާރު ޙާއްޖު ޒަޣްލޫލު ދުނިޔޭގައި ހުރިނަމަ ވަރަށް ހިނިއައީހެވެ. ދިވެހިރާއްޖޭގައި ކުއްތާ ނޫޅުނެއްކަމަކު ގިނައީ ބަޅުންނެވެ. އެކަކު އަނެކަކަށް ބޮޑެތި މަޖިލިސްތަކުގައި ވެސް ބަޅުއަނބުރަނީއެވެ. ވީމާ ޒަޣްލޫލު ވެސް އަދި ޣާލިބުވެސް، ރުޅިއައީމާ މަށާ ދިމާއަށް އެހެން ގޮވާލަންވީއެވެ. މަ ކިތައްމެ ރުޅިއަޔަސް ޣާލިބާ ދިމާއަށް އެހެން ގޮވައިފިއްޔާ މަށަކީ ސިކުނޑި ހަމަޖެހޭ މީހެއްތޯ މީހުން ސުވާލުކުރާނެއެވެ. މީ ވެސް ތަޤްދީރުގެ... ހްމްމްމް..

ޣާލިބު އަނެއްކާ ވާހަކަ ފެއްޓިއެވެ.

- އެކަމަކު އެމީހުން ފުރައިގެން ދިޔަފަހުން، އެއްދުވަހު ދިމާވި ކަމަކީ.. އެފްރިކާ ކުއްޖަކު ކުރެން ކާފައަށް މި އަހާލެވުނީ ތީ ކޮން ރަށަކު ބަބުރެއްހޭ؟ ކާފަގެ ނިޔަތް ރަނގަޅު.. ކާފަޔަށް ބަބުރެކޭ ރޫމީއެކޭ އޮންނާނީ ކޮން ތަފާތެއް؟ އަނެއްކޮޅުން ކާފަ އެކުއްޖާއަށް ވުރެން ކަޅު.. އެކަމަކު މި ބުނާ އެފްރިކާ ކުއްޖާ ވަރަށް ރުޅިއައިސްގެން އެއްޗެހި ކިޔައިފި ކާފަޔާ ދިމާއަށް.. ބުނީ..ކަލޭމެން ދޮންވީމާ އަހަރެމެންނާ ދިމާއަށް ފާޑުފާޑުގެ ނަން ކިޔާކަށް ބަލަ ރައްބަނާ ވަކި މީހެއްގެ ކުލަޔަކަށް ނުބައްލަވައޭ.. ދެން ކާފަ ވަރަށް ދެރަވެގެން ބުނެފި، ކަލެޔަށް ވެސް ފެނޭ ނޫންހޭ އަހަރެން ދޮނީ ކޮންތަނެއްހޭ؟ އަހަރެން އެމާނައިގައި ބުނި އެއްޗެއް ނޫނޭ އެއީ.. އެފްރިކާ ނަސްލަށް ކިޔާ ނަމަކީއޭ.. ދެން ބަބުރުކުއްޖާ ބުނެފި، ކަލޭ ބޭނުމިއްޔާ އަފްރީޤީ ކިޔާށޭ.. ނޫނީ އަސްމަރާނީ ކިޔާށޭ.. އެކަމަކު ބަބުރު ކިޔައިގެން ނުވާނޭ.. ކަލޭ ވެސް ތިޔޮތީ ކަޅުކުލައިގައޭ އެކަމަކު ކަލޭ ތީ އެފްރިކާ ނަސްލަަށް ނިޞްބަތް ނުވާ ކުއްތާއެއް ވީމާ ކިތައްމެ ކަޅަސް ކަލޭ ނުވެޔޭ ބަބުރަކަށް، ހައިރާނެއް ފަހެ ނުވާނެހޭ؟ ދެން އެދުވަހު ކާފައަށް ވިސްނުނީ ދިވެހިކުދިން ދެކެ ރުޅިއާދެވުނީ ނަހައްގުންކަން.. ފަހުން ދިވެއްސަކު ފެނޭތޯ ކާފަ ވަރަށް މަސައްކަތްކުރިމެ.. އެކަމަކު ނުފެނުނު.. މިކަމުގެ ހިތާމައިގައި ދިވެހި ބަހުން ވަރަށް ދިގު ޤަޞީދާއެއް ވެސް ލިޔުނު.. އޭގަ ތިންސަތޭކަ ފަސްދޮޅަސް ބައިތު ހިމެނޭ..

މިހިސާބަށް ބުނެފައި ޣާލިބު އޭނާގެ ކުރަކި އަޑުން އެއްކަލަ ޤަޞީދާ ކިޔަންފަށައިފިއެވެ. މިޞްރުގެ މުސްކުޅި ދިގު ރާގަށެވެ. މި ޤަޞީދާގެ ދިގުކަމާ ހުރެ، އެ އޮތް ދިގުމިނުގައި، އާދެ ތިންސަތޭކަ ފަސްދޮޅަސް ބައިތު އެކީ މިތަނުގައި ލިޔާކަށް ތަނެއް ނުދެއެވެ. ވީމާ، މައިގަނޑު މާނަ ނުގެއްލޭނޭހެން، އެކި ތަނުން އެކި ބައިތު ނަގައި މިތަނުގައި ނަކަލުކޮށްލާނަމެވެ.

 

ޙާއްޖު ޒަޣްލޫލުގެ ދިވެހި ޤަޞީދާއިން ދެތިން ބައިތު:

އޭރު ވެސް އެރި ހަނދުތަ އުޑުގައި ދިއްލިފައި ހަމަ ތިޔަހުރީ؟
        މޭރުމެއް މިހިތަށް މި ނުވަނީ، ގަސްތުގައި ކީއް މަ މިކުރީ؟

އިރު އަރައި އިރު އޮއްސިދޭ އުދަރެސް އެކީ ކުލަޖައްސަމުން
       ފިރުމަމުން ވައި ރޯޅިވޭ އެހެނަސް ހިތޭ ވަރުބަލިކުރީ

ވަކިވެ ދިޔުމުން ލޯބިވާ ޔާރުން މަށާއެކު މެކު އުޅުނު
       އެކި ހަނދާން ހިތުގައި މި ވިކަނީ، ބޮޑު ކުށެއްތާ މަ މިކުރީ

ހެއްލި ގަޑުބަޑު ބުއްދި ވީމާ ގެއްލިދޭ އަގުހުރި މުތީ
       ވެއްޓި ސޮނި ހައިރާންވެފައި ގޮތް ހުސްވެފައިތާ މަ މިހުރީ

ހަތުރުވެރި ވަސްވާހަކުން ކުރި އަސަރުގައި ޖެހިގެން ތިމާ
       ދަތުރުގައި އެކު އުޅުނުހައި ޔާރުންގެ ސުހުބަތު ދޫކުރީ

"ވިސްނުމެއް ނެތި ކޮށްފި ކަމަކުން" ދިވެހި ޅެންބައިތެއް އޮވޭ
       ގިސްލަމުން ހިތި ކަރުނަ އޮހޮރަން ޖެހިފައޭ އަދު މަ މިހުރީ

ޢިބްރަތެއް ޅެން ބައިތަކުން ލިބެވެން އޮތީ ބޯ ހުރެގެނޭ
       އިބުރެމެންގެ ސުލޫކު ދެން ބުއްދީގެ މަގުގައި މާ ދުރީ

ބޭވަފާ ވުމަކީ މަގޭ ދީނަށް ވެވޭ ކުފުރެއްމެޔޭ
       ބޭވަފާތެރި ކުފުރު ޢަމަލެއް ކީއްވެބާ އަހަރެން ކުރީ

ބަޅުވެފައި އޮތް އެއްޗަކަށް ބަޅެކޭ ކިޔަސް ގޯހެއް ނެތޭ
       ފަޅުވެފައިވާ ސިކުނޑިއަށް މޭރުން ނުވީތީ މަ މިހުރީ

އެކުވެރިން އެއްހިތް ވެގެން ލޯބިން ބިނާކުރި ގަދަ ބިނާ
      އެކު ބިމާ ހަމަކޮށް މަގޭ ދެއަތުން ތަޅައިތާ މި މުގުރީ

މާފު ނުކުރާށޭ އަލުން މާފެއް މަށަށް ހައްގެއް ނުވޭ
      ސާފުކޮށް ބުނެ އަންގަމުން އަހަރެން މިކަން މި ބަޔާންކުރީ

ބުނެވޭގޮތުން ޙާއްޖު ޒަޣްލޫލު ނިޔާވި އިރު، ތިންސަތޭކަ އެގާރަ ދަރީންނާއި، އޮނަވިހި ސަތޭކަ ކާފަ ދަރީންނާއި، ހަތަރުހާސް މުނިކާފަދަރީން ތިއްބެވެ. ދިވެއްސަކު ފެނިއްޖެ ނަމަ ވަރަށް ކަމޭހިތައި، ކާފަގެ ވެދުން ދަންނަވާށޭ، މި ހުރިހާކުދިންގާތު ވަކިވަކީން ވަޞިއްޔަތްކުރިކަމަށް ވެއެވެ.

= ނިމުނީ =


 


* ޤަޞީދާ: ޅެންބައި

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.