Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ޅެން ހުވަފެން

ހުވަފެން

huvafen-lhen2ރޭގަނޑެއްގެ ހިމޭން ނިދީގެތެރެއިން އަހަރެން ކަލާ ދުށީމެވެ.
 ކަޅާއިހުދުގެ ހުވަފެނެއްގައިކުރި ޒިޔާރަތެއްގައެވެ.
މެހްމާނެއްގެ ގޮތުގައެވެ.
އެހިނދު އަހަރެންގެ ހިތަށް ވޭނީ އަސަރުތަކެއްކުރުވިއެވެ.
އެއަސަރުތައް ހުރިހާ ގުނަވަނަކުން ތަޙައްމުލްކުރިއެވެ.
ހިތާއި ފުރާނައެވެ. ނާރުތަކާއި ލެޔެވެ.

ޚިޔާލީ އޮއިވަރެއްގެތެރޭގައި އަހަރެންނަށް ނުކުމެވުނީ ޖަޒްބާތީ ކަނޑަކަށެވެ.
އެކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއަށެވެ.

އެމާސިންގާ ރާޅުތަކުގެ ހުޅިމަތީގައި ދެވުނީ މުޅިން އާމަންޒިލަކަށެވެ.
އެމަންޒިލުން އަހަރެންނަށް މަރުޙަބާކީ ހަމަހިމޭންކަމާއި އަނދިރިކަމެވެ.
އެހަމަހިމޭންކަމާއި އަހަރެން ސުއާލުކުރީމެވެ.
އެއަނދިރިކަމާއި މުޚާޠަބުކުރީމެވެ.
ވަށައިގެންވާ ކާއިނާތުން ޖަވާބުލިބުނެވެ.

ހިތަށް ދަތިވި ވޭނީ ޖަވާބެކެވެ.
''މިމަންޒިލުން ކަލެއަކަށް އެއްވެސް އުފަލެއްނެތެވެ.
މިމަންޒިލުގައި މިހާރުވަނީ އެހެން އިންސާނަކާއި ގުޅިފައިވާ ހަނދާންތަކެކެވެ.
އެހަނދާތައް ދުވަހަކުވެސް ގިރާ ތުނޑީގެ ފަސްބައިގައި ވަންހަނާއެއްނުވާނެއެވެ.''
އެހިނދު އަހަރެންގެ ގައިގައި ބީހެމުންދިޔަ ވައިރޯޅިއާއި އަހަރެން ސުއާލުކުރީމެވެ.

އޭނާގެ ގައިގައި ބީހިފައިއައިސް އަހަރެންގެ ގައިގައި ބީހުނު ބީހުންތައް ކޮބައިހެއްޔެވެ؟
ބުންޏެވެ. އެއީ ގަނޑުފެނަށްވުރެ ފިނި ވައިރޯޅިތަކެކެވެ.
އެކަމަކު ބީހެންތިބި މީހުންގެ ފިނޑިކަމުން ފިނިކަން ތަޖުރިބާކޮށްނުލީއެވެ.

އަހަރެންގެ ދެލޮލާއި އަހަރެން ސުއާލުކޮށްލީމެވެ.
'' އެރީތި ހުވަފެނުން އަހަރެން މަޙްރޫމުކުރުވީ ކީއްވެހެއްޔެވެ؟
ބުންޏެވެ. އެހުވަފެން ފުރިހަމަކުރުމުގެ ނަޞީބެއް ކަލެއަކަށް ނެތެވެ.
ވީމާ އެނަޞީބުވެރިޔާއަށްޓަކައި ކަލާއާއި ވަކިވީއެވެ.
އިންޞާފަށް އިޙްތިރާމުކުރުމުގެ ގޮތުންނެވެ.
އަހަރެން ފަތިހުގެ ތަރިއާއި ހެނދުނުގެ އިރުގެ ކުރެން ސުއާލުކުރީމެވެ.
ބުންޏެވެ. '' އެއީ ބިލާހެކެވެ. ފުރިހަމަ ނުވާނޭ ހުވަފެނެކެވެ. ހިތި ހަނދާންތަކެކެވެ.

* މުޙައްމަދު ޝައުކަތު ފިނިހިޔާގެ / ލ.ފޮނަދޫ

Comments