ނެޓަށް ދެވިހިފުން
- ޢަލީ އަޙްމަދު
- 21 މާރިޗު 2004
ފަތިހު ފަތިހާ ޖޯޝްލާފައި ފޯރިނަގަމުން ތެދުވަނީ
ހެނދުނު ހެނދުނާ ހިތްވަރާއެކު ޗެޓްގެ ދާނަށް ވަދެލަނީ
ނެޓްގެ ބޭނުން ކޮށްލުމަށް ހުރިހާ ވަގުތު ހުސްކޮށްލަނީ
ހިތްވަރާ އަދި ފޯރިނަގަމުން މަސްތުގައި ޖެހި ނިމިދަނީ
މެންދުރާ ޢަޞްރާ ހަވީރުގެ ވަގުތުތަށް މިގޮތަށް ދަނީ
މެންދަމާ ފަތިހާ އިރާކޮޅު ހަމަ މިފޯރީގައި ދަނީ
ގެއްލުމާ ވޭނާ ހަލާކުގެ ދާނަކަށް މީހާ ދަނީ
އިސްވެދެންނެވި ދާނުގައި މީހާ ޣަރަޤުވެވި ނިމިދަނީ
އެންމެނަށް ފެންނާނެހެން އައިއާރުސީގައި ފޮނިކަޑަން
ފެންނަ ހުރިހާ ރޫމަކުން އޮޕަރޭޓަރަކު ކަމުގައި ވުމަށް
ޖިސްމުގައި ހުރިހާ ހަކަތައެއް މިކަމުގައި ދުއްވާލުމަށް
ގަސްތުގައި އަތުކުރި އޮޅާލައިގެން ތިމާހުރެ މޮޔަވަނީ
އެއްފަހަރު އަންހެން ނިކެއްގައި ގިނަބަޔަކު ވާވައްދަމުން
ފެންނަހާ މީހުން ނުރައްކާތެރި މަޅީގައި ޖައްސަމުން
ފުން ޚިޔާލީ ޢާލަމެއްގައި އެއުރެނަށް ވަސްވާސްދެމުން
ހިއްމަތާ އަދި މިންނަތުން އެއުރެން ނިދީގައި ނިންދަނީ
ގިނަވަގުތު އެމްއެސްއެނަށް ވަދެ ފޯރިދައްކާ ޗެޓްކުރަން
ދަންނަހާ އެންމެން އެކީގައި އެކި އެޑަށް އެއްކޮށްލުމަށް
ފެންނަހާ އެންމެންގެ އެޑްރެސް މެއިލް ތަކުގައި ހިމެނުމަށް
މިންނަތާ ޖޯޝާއި ފޯރީގައި ތިމާ ހިތްވަރު ލަނީ
ދަންނަވަންތޯއޭ އަޚުންނޭ ތީމުޅިން ހަމަގޯހެކޭ
ގަސްތަކާ ނުމެލައިވިޔަސް ކުރެވޭ ނުސީދާ ޢަމަލެކޭ
ގިސްލުމާ ހިތި ކަރުނަޔަށް ދައްކައިދެވޭ ފަހިމަގު މެޔޭ
އަސްތަ އަސްތާ ''ހުސްވަގުތު'' މިކަމާ ސުވާލުވެވޭނެޔޭ