ބުދަ20201118

އާކުރެވުނީ: 08:43:52

ބަހަށް ބަދަލު އައުން

baha-badalu-aunނުރުހުމުގެ ލޮލަކުންނެވެ. ގޯސްއެއްޗެއްގެ ގޮތުގައެވެ. ނަމަވެސް ޙަގީގަތަކީ ކޮންމެ ބަދަލެއް އެއީ އޭގެ ޒާތުގައި ގޯސްއެއްޗަކަށްވާން ނުޖެހޭކަމެވެ. ބަދަލަކީ އަންނާނެއެއްޗެކެވެ. ޘަޤާފަތަކަށް ބަދަލު އަޔަނުދޭން މަސައްކަތްކޮށްފިނަމަ، އެ ޘަޤާފަތެއް ނެތި ހިގައިދާނެއެވެ. ބަހަކީ މިދެންނެވި ޘަޤާފަތުގެ ބައެކެވެ. ބަހަށް ބަދަލު އައުމަކީ ބަހުގެ ތަބީޢީ ސިފައެކެވެ. ބަހަށް އަންނަ ހުރިހާ ބަދަލުތަކާ އިދިކޮޅަށް ތެދުވެއްޖެނަމަ އެ ބަހެއް ދިރިއެއް ނޯންނާނެއެވެ.

އެއީ ލިޔެކިޔާ ބަހެއް ކަމަށް ވިޔަސް ނުވަތަ ހަމައެކަނި ވާހަކަ ދައްކާ ބަހެއްކަމުގައި ވިޔަސް ވެހެވެ.

ލިޔެކިޔާ ބަސްތަކަށް އަންނަ ބަދަލު ވަރަށް ފަސޭހައިން ފާހަގަކުރެވެއެވެ. މިގޮތުން ބަހަށް އަންނަ ބަދަލު ފާހަގަކުރަން ބޭނުންނަމަ ތަފާތު ދުވަސްވަރުގެ ލިޔުންތައް އަޅާކިޔުމުން ވަރަށް ފަސޭހައިން ބަހަށް އައިސްފައި ހުންނަ ތަފާތުތައް ފާހަގަކުރެވިދާނެއެވެ. ލިޔެކިޔާ ނޫޅޭ ބަސްތަކަށް އައިސްފައިވާ ބަދަލު ދަނެގަނެވޭނެ އެއް ގޮތަކީ ތަފާތު ޖީލުތަކުގެ މީހުން ބަސް ބޭނުން ކުރިގޮތް ހޯދާބަލައި ގެންނެވެ.

ޢާންމު ގޮތެއްގައި ލިޔެކިޔާ ނޫޅޭ ބަސްތައް، ލިޔެކިޔާ އުޅޭ ބަސްތަކަށްވުރެ، ބާރަށް ބަދަލުވަމުން ދާކަމަށް ވެއެވެ. މިހެން ވާންދިމާވާ ސަބަބެއްކަމަށް ވަނީ ލިޔުން، އެއީ ބަސްބަދަލުވުން ކޮންމެވެސް ވަރަކަށް މަޑުޖައްސުވާ ނުފޫޒަކަށް ވާތީއެވެ. ނަމަވެސް އެބަހަކީ ލިޔެކިޔާ ބަހަކަށް ވިޔަސް ލިޔެކިޔާ ނޫޅޭ ބަހަކަށް ވިޔަސް އެ ބަހަކުން ވާހަކަ ދައްކާގޮތަށް، އަންނަބަދަލުތައް ހުއްޓުވުމުގެ ބާރު ވަރަށް ކުޑައެވެ. އާދެ، ރުހުނަސް، ނުރުހުނަސް ތަފާތު ބާރުމިނުގައި ބަހަށް ބަދަލު އަންނަމުންދާނެއެވެ.

ބަހަށް ބަދަލު އަންނަ ބައެއް ސަބަބު ތައް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އެނގޭއިރު، ބައެއް ބަދަލުތައް ބަހަށް އަންނަ ސަބަބުތައް ޔަޤީންކޮށް ބުނެދޭކަށް ނޭގެއެވެ. އަދި އަންނާނެ ބަދަލުތައް ލަފާކުރުމަކީވެސް ބައެއް ފަހަރަށް ދަތިކަމަކަށް ވެއެވެ. ބަހެއް ބަދަލުވާމުންދާ ބާރުމިން ބިނާވެފައި ވަނީ ތަފާތު ބަހާ ތަކެއްގެ މައްޗަށެވެ. މި ބަހާތައް ތަފާތު ޒަމާން ތަކުގައި ތަފާތުވުމުގެ އިތުރުން، ތަފާތު މުޖުތަމަޢު ތަކުގައިވެސް ތަފާތުވެއެވެ.

ފަންތި ތަކަށް ބެހިފައިވާ ހިފެހެއްޓުންތެރި (ކޮންޒަރވެޓީވް) މުޖްތަމައު ތަކުގައި ބަސް ބަދަލުވުން ލަސް ވެއެވެ. ފަންތިތައް މަދު މުޖްތަމައު ތަކުގައި ބަހަށް އަންނަ ބަދަލު އަވަސް ވެއެވެ. އަޅުގަނޑުމެން ދިވެހީންގެ މުޖްތަމަޢު އަކީ ފަންތިތައް މަދު މުޖުތަމައެއްކަމުގައިވެއެވެ. ޚާއްޞަކޮށް މި ޒަމާނުގައެވެ.

މުޖްތަމަޢުގެ ސައިޒަކީވެސް ބަސް ބަދަލުވާ ދުވެއްޔަށް އަސަރު ފޯރުވާ އެއްޗެކެވެ. ބައިމަދު މުޖްތަމައުގައި ބަސް ބަދަލުވުން އަވަސް ވެދާނެއެވެ. އެހެނީ ގިނަފަހަރަށް މިފަދަ މުޖުތަމައުގައި، މީސްގިނަ މުޖްތަމަޢުތަކާ ޚިލާފަށް، އަންނަބަދަލު ބަލައިގަންނަލެއް އަވަސް ވާނެއެވެ. ދިވެހީންނަކީ، ކުޑަ މުޖުތަމަޢެއްގައި އުޅޭ، ވަރަށް ފަސޭހައިން އަންނަބަދަލަށް ހޭނިގަންނަ ބައެއްކަމުގައި ދަންނަވަން ޖެހެއެވެ. ޘަޤާފީ ގޮތުންނާއި އިޖްތިމާއީ ގޮތުން ހަލުވި ބަދަލު ތަކެއް އަންނަމުންދާ މުޖްތަމައުތަކުގައި ބަހަށް އަންނަބަދަލުވެސް ހަލުވިވާނެއެވެ. ދިވެހި މުޖްތަމައުއަށް އަންނަމުންދިޔަ ބަދަލުތައް އަދިވެސް ހަލުވިވަމުން ދަނީއެވެ.

ތަފާތު މުޖުތަމައު ތަކާ ގުޅުން ދަމަހައްޓާ މުޖުތަމައުތަކުގައި ބަސް ބަދަލުވާލެއް، އެކަހެރި މުޖުތަމަޢު ތަކަށްވުރެ ހަލުވި ވާނެއެވެ. އެންމެ އެވޭލާ ބޯދާޒަމާނުން ފެށިގެންވެސް ދިވެހިންނާ އެހެން ބަސްބަހުން ވާހަކަދައްކާ މުޖްތަމަޢުތަކާ ދެމެދު މުއާމަލާތް ހިންގާފާވެއެވެ. ނަމަވެސް ވިހި ވަނަ ޤަރުނުގެ މެދުތެރޭން ފެށިގެން ދިވެހީން ބޭރުދުނިޔެއަށް ތަޢާރަފްވަމުން އައި އައުމުގެ އިސްޕީޓު މިހާރުމިވަނީ މެކުހަށް ޖަހާފައެވެ. ނަތީޖާއެއްގެ ގޮތުން ބަހަށް އަންނަމުންދާ ބަދަލުތައް އިތުރުވެފައިވާނެ ކަމީ ޝައްކެއްހުރި ކަމެއްނޫނެވެ.

ބަހަށް އަންނަ ބަދަލުތަކަށް ބަލާއިރު ބަހުގެ ހުރިހާ ބައިތަކަކަށް ވެސް ބަދަލު އަންނަމުން ދާކަން ފާހަގަކުރެވޭނެއެވެ. މި ގޮތުން ބަހުގެ އަޑުތަކާއި މަޚްރަޖުތަކަށް ވެސް ބަދަލު އާދެއެވެ. ބަހަށް އިތުރު އަޑުތައް ތަޢާރަފްވެއެވެ. ބައެއް އަޑުތަކާއި މަޚްރަޖުތައް އުވި، ފުރޮޅި ދެއެވެ. ދިވެހި ބަހުގެ ށަވިޔަނީ ގެ އަޑަކީ ޝީނުގެ އަޑާތަފާތު އަޑެއްކަމުގައިވީނަމަވެސް މިހާރު މިތަފާތުވަނީ ފާހަގަނުކުރެވޭ ވަރަށް އުވި ގޮސްފައެވެ. ކުރީގެ ލިޔުންތަކުގައި ޝީނު ބޭނުންކުރި ލަފުޒުތަކުގައި (މިސާލަކަށް ހުޝިޔާރު) މިހާރު ށަވިޔަނި ބޭނުންކޮށްފާ ހުއްޓާވެސް އެބަފެނެއެވެ. އަނެއްކާ ޏަވިޔަނީގެ އަޑު ޔާގެ އަޑަށް ބަދަލުނުވާނެކަމެއްވެސް ނޭގެއެވެ. މަދުން ނަމަވެސް ޏަވިޔަނީގެ އަޑު ޔާއަށް ބަދަލުކޮށްގެން ވާހަކަ ދައްކާ އަޑު އިވެއެވެ. ލިޔެފައި ހުއްޓާވެސް ފެންނަން ފަށައިފިއެވެ.

ބަހުގެ ގަވާޢިދަކީވެސް ބަދަލުވާއެއްޗެކެވެ. ގަވައިދަށް އަންނަ ބަދަލުތައް އެއީ ވަރަށްގިނަފަހަރު ބަލައިގަންނަން އެންމެ އުނދަގޫ ބަދަލުތަކެވެ. ދިވެހިބަހުގެ ގަވައިދަށްވެސް ބަދަލު އަންނަމުންދާނޭކަމަށް އަޅުގަނޑުމެން ގަބޫލުކުރާންޖެހެއެވެ.

ޤަވައިދުގެ އިތުރަށް ބަހުގެ ބަސް ކޮށާރަށް އާ ލަފުޒުތައް އިތުރުވެއެވެ. އަލަށް ތަޢާރަފްވެ، ގެއްލިގެންދިޔަ ބަދަލު ނަން ''ތީނަ'' މީގެ މިސާލަކަށް ފުދެއެވެ. ''ރަސްމީކޮށް''، ''ތީނަ'' އާ ހަނގުރާމަ އިއުލާނުކޮށް ކުށް ބަހަކަށް ހަދައި ނައްތާލީ ކީއްވެކަމެއް ނޭގެއެވެ. ބައެއް ލަފުޒުތައް އެއީ ބޯދާލަފުޒުތައް ކަމަށްވެ، ބަސްކޮށާރަށް ބަދަލު އާދެއެވެ. މިއީ ބަހުގެ ޠަބީޢީ ސިފައެކެވެ. ހަމަ މިގޮތަށް ބަސްކޮށާރަށް އަންނަ ބަދަލުތަކުގެ ތެރޭގައި، ބައެއް ލަފުޒުތަކަށް މާނަ އިތުރުކުރެވެއެވެ. އަނެއްބައި ފަހަރަށް ބަހުގައި އޮންނަ ދެލަފުޒެއް ގުޅުވައިގެން އަލަށް ތަޢާރަފްވާ އެއްޗަކަށް ނުވަތަ ކަމަކަށް ލަފުޒު ހަދައެވެ. މީގެ އިތުރުން ބޭރު ބަސްބަހުން ލަފުޒުތައް ބަހުގެ ތެރެއަށް ވައްދައެވެ. މިގޮތަށް އަލަށް ވައްދާ ލަފުޒުތައް ބަހުގެ އަޑުތަކަށް ފައްތާ އޮމާންކުރުވައެވެ. މިގޮތަށް ލަފުޒުތައް ބޭރު ބަހަކުން ގެންނައިރު ލަފުޒުގެ މާނައަށްވެސް ބައެއްފަހަރު ކުދިކުދި ބަދަލު އާދެއެވެ. މީގެ މިސާލަކަށް އިނގިރޭސިބަހުން ދިވެހިބަހަށް ވައްދާފައިވާ، ''ބޯޓް'' އާއި ''ބޫޓް'' މިދެ ލަފުޒު ފުދެއެވެ. މިދެލަފުޒުވެސް އިނގިރޭސިބަހުގައި ބޭނުންކުރާ މާނަޔާ ދިވެހިބަހުގައި ބޭނުންކުރެވޭ މާނައިގައި ކުޑަތަފާތެއްވާކަން ފާހަގަ ކުރެވެއެވެ. ބަހުގެ ބަސްކޮށާރަށް އަންނަ ބަދަލަކީ އެންމެ ފަސޭހައިން ފާހަގަކުރެވޭ ބަދަލެވެ.

ބަހުގެ ލަފުޒުތަކުގެ މާނައަށް ވެސް ބަދަލުއާދެއެވެ. މިގޮތުން އަލަށް ތަޢާރަފްވާ އެއްޗެއްސަށާއި ކަންކަމަށް، ބައެއްފަހަރު ބަހުގައި ހުރި ލަފުޒުތައް ބޭނުންކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން ލަފުޒުތަކުން ދޭހަވާ މާނަ އިތުރުވެއެވެ. މިސާލަކަށް މުދާ އުފުލާ ''ބާޖަށް''، ''(މުދާ އުފުލާ) ބަނޑު'' ކިޔާ ފަދައިންނެވެ. ހަމަ މިގޮތަށް ޑިޝްއެންޓަނާ ތަޢާރަފްވުމުން އެއަށް ''ބޯތަށި'' މިލަފުޒު ބޭނުންކުރަންފެށިއެވެ. މި ލަފުޒު ރަސްމީ ލިޔުންތަކާއި މީޑިއާގައި ބޭނުން ނުކުރަނީ ކީއްވެ ކަމެއް ނޭގެއެވެ. ލަފުޒުތަކުގެ މާނަޔަށް އަންނަ ބަދަލުތަކަށް ބަލާއިރު، ގިނަ މާނައެކުލެވޭ ލަފުޒުތަކުގެ މާނަތަކުގެ އަދަދު މަދުވެއެވެ. އަދި ބައެއް ފަހަރަށް މާނަ މުޅީން ބަދަލުވެސް ވެދެއެވެ. ކުރީން ހަމަ އެންމެ ރަނގަޅު ކަމުގައި ބެލެވުނު ލަފުޒުތައް އެއީ ބައެއް ހާލަތްތަކުގައި ބޭނުންކުރުން ހުތުރު ލަފުޒުތައް ކަމުގައި ފަހުން ވެދެއެވެ. ނަތީޖާ އެއްގެ ގޮތުން، އެފަދަ ލަފުޒުތައް ބޭނުންކުރުން ހުއްޓި، ބަދަލުގައި އެހެން ލަފުޒެއް ތަޢާރަފްވެދެއެވެ.

ބަހަށް އަންނަ ކޮންމެ ބަދަލަކާ ދެކޮޅަށް ވާހަކަ ދައްކާ، ހުއްޓުވަން އުޅޭނަމަ ނުކުންނާނެ ނަތީޖާ ރަގަނޅެއް ނުވާނެއެވެ. އަލަށް ތަޢާރަފްވާ ބަސްތަކުގެ ތެރެއިން ރަސްމީ ލިޔުންތަކުގައި ހިމަނަންޖެހޭނީ ހަމައެކަނި ''ބަސްކޮމިޓީ''ގެ އުފެއްދުން ތަކެއްނޫނެވެ. ކާބަފައިން ބޭނުންކުރި ދިވެހި ބަހަކީ މާސާފު މައް ދިވެހި ބަހެއްކަމަށް ބަލައި، މިހާރު މި ބޭނުންކުރަނީ މަސްހުނި ދިވެހި ބަހެއް ކަމަށް ބެލުމަކީ ހެއްވާ ކަމެކެވެ.

އޭރުވެސް މިހާރުވެސް ބޭނުން މިކުރަނީ މައް ދިވެހި ބަހެވެ. ކާބަފައިންގެ ދިވެހި ބަހަކީވެސް ހަމަ މަސްހުނި ބަހެކެވެ. މިހާރުގެ ދިވެހިބަސް ފަދައިންނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.