ހޯމަ20200629

އާކުރެވުނީ: 08:43:52

ބަހެއް ދަސްވެ އަށަގަތުން

bahei-dhasve-ashagathun

ބަހަކީ އިންސާނުންނަށް ލިބިފައިވާ އަގުބޮޑު ނިޢުމަތެކެވެ. މުވާޞަލާތުކުރުމުގެ ވަޞީލަތްތަކުން އެންމެ ބާރުގަދަ ވަޞީލަތްވެސް މެއެވެ. މިއީ ޙަޤީޤަތްކަމުގައިވިޔަސް މިމަތިވެރި ނިޢުމަތް އިންސާނުންގެ ކިބައިގައި އަށަގަންނަ މިންވަރާއި ދަސްވާގޮތް ތަފާތުކަން ފާހަގަކުރެވެއެވެ. ހަމައެހެންމެ ބަހެއް ލިބުނުކަމަށް ބެލެވޭ ވަކިކަންތައްތަކެއް ހުންނަކަމާ ދުނިޔޭގެ ތަފާތު އެތައް ބަހެއް މުވާޞަލާތުކުރުމަށް ބޭނުންކުރާއިރު، ކޮންމެ މީހަކަށްވެސް ޚާއްޞަ ބަހެއް ލިބިފައިވާކަމާ ދެވަނަ ބަހަކަށް ބޭނުންވެ އިންސާނާއަށް ޖެހެނީ އެކަމަށް މަސައްކަތްކުރާންކަން ހަނދާންކުރަންޖެހެއެވެ. އެހެނީ އިންސާނާ އުފަންވާއިރު ވާހަކަދެއްކުމުގެ ޤާބިލުކަމެއް ނުލިބެއެވެ. މީގެއިތުރުން ފާހަގަކުރެވޭ އަނެއްކަމަކީ އިންސާނާ ވާހަކަދެއްކުމުގައި ހަމަ ވަގުތުން އެކަން ފުރިހަމަވެގެން ނުދާކަމެވެ. ވުމާއެކު ބަހެއް ދަސްވެ އަށަގަތުމަކީ ކޮބައިކަން އެނގުމަކީ މުހިންމުކަމެކެވެ.

އިންސާނުންގެ ކިބައިގައި ބަހެއް ދަސްވެ އަށަގަތުމަކީ ހަމައެކަނި އެމީހަކު ވާހަކަދައްކާ ބަހަކުން ވާހަކަދައްކަން އެނގުމެއްނޫނެވެ. އަދި ވާހަކަދެއްކުމަށް ބޭނުންކުރާ ބަހެއްގައި ހިމެނޭ ލަފުޒުތަކުގެ މާނަ އެނގުންކަމުގައިވެސް ނުބެލެވެއެވެ. ބަހެއް ދަސްވެ އަށަގަތުމަކީ އިންސާނެއްގެ ކިބައިގައި ބަހެއް ބޭނުން ކުރުމުގެ ކުޅަދާނަކަން އަށަގަތުމެވެ. މާނައަކީ ބަހެއް އަށަގަތުމަކީ އެމީހަކު ބޭނުންކުރާ ބަހެއް، ކޮންމެޙާލަތެއްގައިވެސް ބޭނުންކުރަން އެނގުމެވެ.

އިންސާނާގެ ކިބައިގައި ފުރިހަމައަށް ބަހެއް އަށަގަނެ ދަސްވިކަމަށް ލިންގުއިސްޓްގެ ހަމަތަކުން ބެލެވޭނީ ދެވައްތަރެއްގެ ޤާބިލުކަމެއް ލިބިގެންނެވެ. އެއީ ގްރެމެޓިކަލް ކޮމްޕިޓެންސްއާއި ކޮމިއުނިކޭޓިވް ކޮމްޕިޓެންސްއެވެ. އެހެންކަމަށްވުމާއެކު، ބަހެއް ދަސްވެ އަށަގަތްކަމަށް ބެލެވޭ ޙަޤީޤީ މިންގަނޑު އެނގޭނީ އެ ދެގޮތް ރަނގަޅަށް އެނގިގެންނެވެ.

މިދެންނެވި ދެގޮތުގެ ތެރެއިން ގްރެމިޓިކަލް ކޮމްޕިޓެންސްގެ ހަމަތަކުން ބަހެއް ދަސްވެ އަށަގަތްކަމަށް ބެލެވޭނީ ބަހުގައި ހިމެނޭ ޤަވައިދުތަކާ އެއްގޮތަށް ބަސް ބޭނުންކުރަން އެނގުމެވެ. އެހެނީ ބަހެއް ދަސްވެ އަށަގަތުމަކީ ފޮނޮލޮޖީ، މޯފޮލޮޖީ، ސިންޓެކްސް، ސެމެންޓިކް އަދި ޕްރެގްމެޓިކްސް ގެހަމަތަކުން ބަސް ބޭނުންކުރަން އެނގުމެވެ. މިގޮތުން ބަހެއްގައި ހިމެނޭ އަޑުތަކާއި އެއަޑުތަކުން ލަފުޒު އުފެދުމާއި ލަފުޒުތައް ގުޅިގެން ޖުމުލަ އުފެދޭ ގޮތްތައް އެނގެން ޖެހެއެވެ.

ބަހެއްދަސްވެ އަށަގަތްކަމަށް ބެލެވޭ ދެވަނަގޮތަކީ ކޮމިއުނިކޭޓިވް ކޮމްޕިޓެންސް އެވެ. ބަހަކުން ވާހަކަދައްކަން އެނގުނުކަމުގައިވިޔަސް މުޖުތަމަޢުގައި ތިމާ ކުރިމަތިލާ މީހުންނާ މުވާޞަލާތުކުރަން ނޭނގޭނަމަ ބަހެއް ދަސްވެ އަށަގަތް ކަމަކަށް ނުބެލެވޭނެއެވެ. މާނައަކީ، މުވާޞަލާތު ކުރަންވާ ދަނޑިވަޅުތަކާއި އެ ދަނޑިވަޅުތަކުގައި މުވާޞަލާތު ކުރާނޭ ގޮތްތަކާއި މުވާޞަލާތު ކުރުމުގައި ބޭނުންކުރަންވާ ބަސްކޮށާރާއި ޙާލަތް އެނގުމަކީ ބަހެއް ދަސްވެ އަށަގަތްކަން ދޭހަކޮށްދޭ މުހިންމު ކަމެކެވެ.

ވުމާއެކު، މިދެންނެވި ތަފާތު ޚިޔާލުތަކަށް ބުރަވެހުރެ ދެންނެވޭނީ ބަހެއް ދަސްވެ އަށަގަތުމަށް އެބަހެއްގެ ޤަވައިދާއި އެބަހަކުން މުވާޞަލާތުކުރާނޭ ރަނގަޅު އުޞޫލުތައް އެނގެން ޖެހޭކަމެވެ. ލިންގުއިސްޓުގެ ހަމަތަކުން ބަލާއިރު، މިކަންތައް ނޭނގޭނަމަ ބަހެއް ދަސްވެ އަށަގަތްކަމަކަށް ނުބެލެވޭނޭކަމެވެ.

 

* ޙުސައިން ޙަބީބް، ނ.ފޮއްދޫ

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.