ހޮނިހިރު20201010

އާކުރެވުނީ: 08:43:52

ދިވެހިބަސް މަރުވަނީތަ؟

divehi_bas-maruދިވެހި ބަހުން ދިވެހީން ވާހަކަ ނުދައްކާ ދުވަހެއް އަތުވެދާނެހެއްޔެވެ؟ ކޮންމެވެސް ލިޔުންތެރިޔަކު ލިޔެފައިވާ، ލިޔުމެއްގައި ދިވެހި ބަސް މަރުވަމުން ދާކަމަށް ބަޔާންކޮށްފައި އޮއްވާ ދުށީމެވެ. ބަސް މަރުވަމުން ދިޔުމުގެ ސަބަބެއްކަމަށް ލިޔުމުގައި ބަޔާންކޮށްފައިވަނީ، އުފެއްދުންތެރި ގޮތެއްގައި ދިވެހި ބަސްބޭނުން ކުރިޔަ ސަރުކާރުން ނުދިނުމެވެ! ލިޔުނު ލިޔުންތެރިޔާ ނޭގޭ ފަދައިން އެ ލިޔުމުގައި އެގޮތައް ލިޔެފައި އެވަނީ ކިހާ ޔަޤީންކަމެއް ލިބިގެންކަމެއްވެސް އެގޭކަށްނެތެވެ!

އެއްވެސް ދިރާސާއަކަށް ޙަވާލާދީފައިވެސް ނުމެވޭމެއެވެ. ހަގީގަތުގައިވެސް ދިވެހިބަސް ދަނީ މަރުވަމުންހެއްޔެވެ؟ ދިވެހިބަސް ދުޅަހެޔޮކޮށް ދިރިދެމިއޮތުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވޭ ހެއްޔެވެ؟ ކަލާގެ ޚިޔާލަކީ ކޮބައިހެއްޔެވެ؟

އެއްބަހެވެ. ސަރުކާރެއްގެ ބަހުގެ ސިޔާސަތަކީ ބަސްކުރިއަރައި ދިޔުމަށް ނުވަތަ ނެތިދިޔުމަށް މަގުފަހިކުރުވާނެއެއްޗެކެވެ. ނަމަވެސް އެއީ ހަމަ އެކަނި ސަބަބުކަމަކަށް ގިނަ ފަހަރަކު ނުވެއެވެ. ބަހެއް މަރުވުމަށް ތަފާތު ސަބަބުތައް މެދުވެރި ވެދާނެއެވެ.

މިގޮތުން ބަހެއްމަރުވުމަށް ދިމާވެދާނެ އެއް ސަބަބަކީ އެބަހަކުން ވާހަކަދައްކާ އެންމެން ފަނާވެ ދިޔުމެވެ. މިގޮތަށް މަރުވެދިޔަ ބަހެއްގެ އެއްމިސާލަކީ އޮސްޓްރޭލިޔާގެ ރަށެއް ކަމަށްވާ ޓެސްމޭނިޔާގެ މުސްކުޅިރަށްވެހީންގެ ބަހެވެ. ފަސްހާސްމީހުންގެ އާބާދީއެއް އޮތް އެ ބަސް ނެތިދިޔުމަށް ހޭދަވީ އެންމެ ހަތްދިހަފަސް އަހަރެވެ. ނަމަވެސް މިސަބަބަކީ ދިވެހިބަހަށް އަދި ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަކަށް ނުބެލެވެއެވެ.

ބަސް ބޭނުންކުރާ މީހުންގެ އަދަދު މަދު ނަމަ، އެބަހެއް އަވަހަށް މަރުވުމުގެ ފުރުސަތު ބޮޑުވާނެއެވެ. މިގޮތުން ބަލާއިރު، ދިވެހިބަހުން ވާހަކަދައްކާ މީހުންގެ އަދަދަކީ ގާތްގަޑަކަށް ތިން ލައްކައެވެ. އެއީ ރާއްޖޭގެ އުތުރުން އޮތް އިންޑިޔާގެ ރަށެއްކަމަށްވާ މަލިކުގައި ''މަހަލް ބަހުރުވަ'' އިން ވާހަކަ ދައްކާ އާބާދީ ނުލައެވެ. މިއީ ގިނަ ޢަދަދެއް ނޫން، އެހެން ނޫންހެއްޔެވެ؟

ބަހަށް މުޖުތަމަޢުގައި ދެވިފައި އޮންނަ މަޤާމަކީވެސް ބަސް ދެމިއޮތުމަށް ވަރަށް މުހިންމު އެއްޗެކެވެ. ދިވެހި ބަހަށް ބަލާއިރު، ޤާނޫނުގައި ދިވެހިބަހަކީ ދައުލަތުގެ ރަސްމީބަހެވެ. ނަމަވެސް އިގިރޭސި ބަހަކީ ވިޔަފާރީގައި ބޭނުންކުރާ ފުރަތަމަ ބަސްކަމުގައި ބުނަންޖެހެއެވެ. ޚާއްސަކޮށް އަމިއްލަ ބޮޑެތި ވިޔަފާރިތަކާއި ސިނާޢަތްތަކުގައެވެ. ދިވެހި ކުންފުނިތަކުގެ މެދުގައި ވަރަށް ގިނަފަހަރަށް މުއާމަލާތްކުރުމުގައި، ޚާއްސަކޮށް ލިޔުމުން ކުރެވޭމުއާމަލާތްތަކުގައި ބޭނުންކުރެވެނީ އިގިރޭސިބަހެވެ. ކޮންމެއަކަސް އިގިރޭސި ބަހަކީ، މިހާރު ބިދޭސީ ބަހަކަށްވުރެ، ދިވެހީން ދެވަނަ ބަހަކަށް ބޭނުންކުރާ ބަހެއްކަމަށް ބުނުމަކުން މާ ބޮޑު ގޯހެއް އޮތްކަމަކަށް ނުދެކެމެވެ. އެ ބަސް ދަނީ ޢާންމުވެ، ދޭސީ ވަމުންނެވެ.

ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ ސަބަބުތަކެއް ދިވެހީންނަށް މަޖްބޫރުކުރުވާފައި ވަނީ އިގިރޭސި ބަސް ބޭނުންކުރާށެވެ. އެބަހުގެ ރޯލު މުޖުތަމަޢުގައި ފުޅާވަމުން މިދަނީ، ދެބަހުން ވާހަކަދައްކާ މުޖްތަމަޢެއްގެ އުފެދުމާ ދިމާލަށް ހެން ވެސް އެބަ ހީވެއެވެ. މި ހީ އަކީ ރަގަޅު ހީ އަކަށް ވެއްޖެނަމަ، ދިވެހި ބަސް މިދަނީ ނުރައްކަލަކާ ދިމާލަށްކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ. އެހެނީ، ވަރަށް ގިނަފަހަރަށް މިގޮތަށް އުފެދޭ ދެބަހުން ވާހަކަ ދައްކާ މުޖްތަމައުތަކުގައި، ފަހުން ތަޢާރަފްވި ބަސް، މާދަރީ ބަހުގެ މައްޗަށް ގަދަކޮށްލައެވެ.

ދިވެހި ބަހުން ވާހަކަ ދައްކާ އުޅޭ ބަހުރުވަތަކުން (ޑައިލެކްޓްސް) ދައްކުވައިދެނީ ބަހުގެ މުއްސަނދިކަންކަމަށް ބުނެއުޅެއެވެ. ނަމަވެސް އެ މުއްސަނދިކަންވަނީ ރައްކާތެރި ކުރެވިފައިހެއްޔެވެ؟ ދިވެހި މުޖުތަމަޢުއަށް އައި ހަލުވި ބަދަލުތަކެއްގެ ނަތީޖާއެއްގެ ގޮތުން ''މާލޭ ބަހުރުވަ'' އިގެ (ސްޓެންޑަރޑް ޑައިލެކްޓް) ނުފޫޒު، ބަހުރުވަތަކަށް ކުރިއަށްވުރެބޮޑަށް ކޮށް، ބަހުރުވަތައް ބަދަލުވަމުން ދާ ދުވެލި ހަލުވިވެފައިވުން ހަމަ ވަރަށް އެކަށީގެންވެއެވެ. މިގޮތަށް ބަދަލުވަމުން ގޮސް ''މާލޭ ބަހުރުވަ''އިގެ ތެރެއަށް، އެހެނިހެން ބަހުރުވަތައް ''ގިރިގެން'' ހިނގައިދާނެއެވެ. ދިވެހިބަސް މަރުވުމުގެ ކުރީން ފަހަރެއްގައި ބަހުރުވަތައް މަރުވުމަކީ ވެދާނެ ކަމެއްކަމަށް ނިންމިދާނެއެވެ.

ބަހުގައިވާ ބަހުރުވަތަކަކީ ބަހަށް ލިބިފައިވާ މުއްސަނދި ކަމެއްކަމަށް ބުނުމަކުން ނުފުދެއެވެ. އެއީ ޖަމާޢަތެއްގެ ސަޤާފަތުގެ އެއްބައެވެ. ފަޚުރުވެރިވާން އޮތް އަމިއްލަވަންތަކަން ވެސް މެއެވެ. ދިވެހިރާއްޖޭގެ ބަހުގެ ސިޔާސަތަށް ބަލާއިރު، ރާއްޖޭގައި ވާހަކަދައްކާ އުޅޭ ބަހުރުވަތަކަށް އެއްވެސް ސަމާލުކަމެއް ދީފައެއްނުވެއެވެ. ބަހުރުވަތައް ބޭނުންކުރެވެނީ ހަމައެކަނި އެބަހުރުވައެއް ނިސްބަތްވާ ސަރަހައްދެއްގެ އަހުލުވެރިން އެކަކު އަނެކަކާ މުއާސަލާތުކުރުމަށެވެ. އަނގަބަހުން މުއާސަލާތުކުރުމަށެވެ. ކުރީން ވެސް ބަޔާންކުރި ފަދައިން ބަހުގެ ސިޔާސަތަކީ ބަސް މަރުވުމާ ދިރިއޮތުމަށް އަސަރުކުރުވާ އެއްޗެކެވެ.

ރާއްޖޭގައި ތަޢުލީމުދިނުން ބިނާވެފައި ވަނީ ދިވެހިބަހަށްވުރެ އިގިރޭސި ބަހަށް އަހައްމިއްޔަތުކަން ދެވޭ ގޮތަށެވެ. މިސަބަބަށްޓަކައި ބުނަންޖެހެނީ ދިވެހިރާއްޖޭގައި ބަސްކިޔަވައިދެވެނީ މާދަރީ ބަސް ދެމެހެއްޓުމަށްބާރުލިބޭ ގޮތަށްވުރެ ބޮޑަށް އެހެންބަހަކަށް ބަދަލުވުމަށް ބާރުލިބޭ ގޮތައްކަމުގައެވެ. އެހެންބަހަކަށް ބަދަލުވަމުންދާނަމަ މާދަރީބަސް ގެއްލުމުގެ ފުރުސަތު އެއޮތީ ހުޅުވިފައެވެ.

ރާއްޖޭގެ މަދަރުސާތަކުގެ ދިހަވަނަ ކިލާހުގެ ކިޔެވުމަށް ފަހު ދެވޭ ސާނަވީ އިމްތިޙާނުން ދިވެހިބަހުން ފާސްވުން އެއީ ބައެއް ޙާލަތްތަކުގައި މަޖްބޫރުކަމެއްކަމަށް ވީނަމަވެސް، އަދިވެސް ދިވެހިބަސްކިޔަވައިދިނުން އޮތީ ދިހަވަނަ ކިލާސް ނިންމުމަށްފަހު، އެ ބަސް ކިޔެވުމުގެ މާބޮޑު ބޭނުމެއް ނެތްގޮތެއްގައެވެ. ބަސް ދަމަހައްޓަން ބޭނުންނަމަ ތައުލީމީ ނިޒާމުގައި މިހާރަށްވުރެ ބޮޑަށް ބަހަށް ސަމާލުކަންދޭން ޖެހޭނެއެވެ. މާދަރީ ބަހުން މުއާޞަލާތުކުރުމުގެ ޤާބިލްކަން ދަރިވަރުންގެ ކިބައިގައި އަށަގަންނުވަންޖެހޭނެއެވެ.

ކުޑަކުދީންނަށް މާދަރީ ބަސް ދަސްކޮށް ނުދޭނަމަ، ދާދި އަވަހަށް ބަސް ފަނާވެގެން ހިނގައިދާނެއެވެ. އެކުދީންނަކީ އަމިއްލަ ވަޒަނުގައި ބީރައްޓެހިންނަށް ވެދާނެއެވެ. ތައުލީމީގޮތުން ދަރިފުޅުގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާތީ، ދިވެހި ބަހަށްވުރެ އިގިރޭސި ބަހަށް ސަމާލުކަން ދޭން އޮންނަނީ މަޖުބޫރުވެފައެވެ. ބަސް ދަމަހައްޓަންކުރާ މަސައްކަތް ގޭތެރެއިން ފަށަން ޖެހެއެވެ. ދިވެހިބަސް އުނގަންނައިދިނުން އެއީ މުހިންމު ކަމެއްކަމަށް މައިން ބަފައިން ގަބޫލުކުރަންޖެހެވެ. ދުޅަހެޔޮކޮށް މާދަރީ ބަސް ބާއްވަން ބޭނުން ނަމައެވެ.

ބަސް މަރުވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ކޮންމެވެސް ސަބަބުތަކަކާހުރެ، އަމިއްލަބަސް ބޭނުންކުރުން ހުއްޓާލައި، އެހެންބައެއްގެ ބަސް ޚިޔާރުކުރުންވެސް ހިމެނެއެވެ. އެހެން ބަހެއް ޚިޔާރުކުރުމަށް ބައެއް ފަހަރު ބޭރުގެ ބާރެއް މަޖުބޫރުވެސް ކޮށްފާނެއެވެ. ނުވަތަ އަމިއްލަ އިޚްތިޔާރުގައި ތަފާތު ސަބަބުތަކާ ހެދި އެހެންބަހެއް ޚިޔާރުވެސް ކޮށްފާނެއެވެ. މިސާލަކަށް އެބައެއްގެ ބަހަކީ ކުރިއަރައި ތަހުޒީބުވުމަށް އޮތް ހުރަހެއްކަމަށް ޤަބޫލުކުރެވި އެހެން ބަހަކަށް ބަދަލުވެ ގަތުމަށް ބަހުގެ އަހުލުވެރިން ނިންމަފާނެއެވެ. މި ޚިޔާލަކީވެސް ބައެއް ދިވެހީންނަށް މިހާރު ބީރައްޓެހި ޚިޔާލަކަށް ނުވެއެވެ.

ބަހުގެ ޢިލްމުވެރިއެއްކަމަށްވާ ޑޭވިޑް ކްރިސްޓަލް ބަޔާންކުރައްވާ ގޮތުގައި ބަހެއް ނެތެމުންދާއިރު ވަރަށް އާދައިގެ ލަފުޒުތައްވެސް އެހެން ބަހަކުން ހޯދާނެއެވެ. ދިވެހި ލަފުޒުތައް ބޭނުންކުރެވެން އޮއްވާ އެހެންބަހެއްގެ ލަފުޒު ޢާއްމުކޮށް ބޭނުންކުރުމަކީ ދިވެހީންގެ ތެރޭގައި މިހާރު ވަރަށް ޢާއްމުވަމުން އަންނަކަމެކެވެ. މިގޮތުން ހަފުތާގެ ދުވަސްތައް ބުނުމާއި ގަޑިބުނުން ފަދަ ކަންކަމަށް އިގިރޭސިބަސް ވަރަށް ގިނައިން ބޭނުން ކުރެވެއެވެ. އާދެ، އާދީއްތަ ދުވަހުގެ ބަދަލުގައި ސަންޑޭއެވެ. އަށްގަޑި ބައެއް ނުވާނެއެވެ. ވާނީ އެއިޓް ތާރޓީއެވެ.ސަތޭކައިގެ ބަދަލުގައި ހަންޑްރެޑެވެ. ކުރިސްޓަލް ގެ ބަހުންނަމަ، މިހާ އާދައިގެ ބަސްތައް ބަދަލުކުރާނަމަ އެއީ ބަސް ނިކަމެތިވަމުންދާ ކަމުގެ ހެއްކެކެވެ. މަރަށް ހުށަހެޅެމުންދާ ކަމުގެ އަލާމާތެކެވެ. ޒުވާނުން މާދަރީބަހަށް ބީރައްޓެހިވެ، އެބަހުން ވާހަކަދައްކާ ލިޔެކިޔާ ނޫޅޭ ނަމަ، ބަސް އޮންނާނީ މަރުގެތުންފަތްމަތީގައެވެ. މިގޮތުން ދިވެހި ޒުވާނުންނާ ދިވެހިބަހާ ދޭތެރޭ ކަލާގެ ހުށަހެޅުމަކީ ކޮބައިހެއްޔެވެ؟

ބަސް މަރުވާފަދައިން އާ ބަސް އުފެދޭމެއެވެ. ބަހަކީ ބަދަލުވާ އެއްޗެއްވެސްމެއެވެ. ދިވެހި ބަސްވެސް އެކި ދުވަސްވަރު ތަފާތު ބާރުމިނުގައި ބަދަލުވަމުންގޮސްފައި ހުންނާނެކަން ޔަޤީނެވެ. ބަހަށް އަންނަ ކޮންމެ ބަދަލަކީ ބަސްމަރުވުމަށް މެދުވެރިވާ ސީދާ ސަބަބަކަށްނުވެ ހިނގައިދާނެއެވެ. ނަމަވެސް ޔަގީންކަމާއެކު ބުނެވޭނީ ދިވެހިބަހަށް އެހެނިހެން ބަސްބަހުގެ ނުފޫޒު، ޚާއްސަކޮށް އިގިރޭސިބަހުގެ ނުފޫޒު ވަރަށް ބޮޑަށްކުރަމުން ދާކަމަށެވެ. ކޮންމެ ނުފޫޒަކީ ރަގަޅު ނުފޫޒެއްނޫނެވެ.

ދިވެހި ބަސް މަރުވެދާނެހޭ ބުނެ، ކުރާ ސުވާލުގެ ޖަވާބަކީ ދިވެހި ބަސްވެސް މަރުވެދާނެއެވެ. އެއީ ދުނިޔޭގެ އެހެން ބަސްތައް މަރުވިފަދައިން، އެ ސަބަބުތައް މެދުވެރިވާނަމައެވެ. ދިވެހިބަސް ދަނީ މަރުވަމުންހޭ ބުނެ، ކުރާ ސުވާލުގެ ސާފު ޖަވާބު ލިބޭނީ ބަހުގެ ދިރާސާއަކުންނެވެ. ދުޅަހެޔޮކޮށް ބަސް ދެމި އޮތުމަށް ގޮންޖެހުންތަކެއް ހުރިކަމަށް ކަލާވެސް އެއްބަސްވަން، އެހެން ނޫން ހެއްޔެވެ؟

ބަސްދިރުވުމަށް ތާއީދުކޮށް ވަކާލާތުކުރާ މީހުންގެ ނަޒަރުގައި ބަސްދިރުވަން މަސައްކަތް ކުރުން މުހިންމުވަނީ ބަހަކީ އެބަހަކުން ވާހަކަދައްކާ ބައެއްގެ އައިޑެންޓިޓީ އާއި ގުޅިފައިވާ އެއްޗަކަށް ވާތީއެވެ. މި ފަދަ މީހުންގެ ނަޒަރުގައި ބަސްދިރުވުމަކީ ސަޤާފަތްވެސް ދިރުވުމެވެ. ބަހެއް މަރުން ސަލާމަތްކުރުމަކީ އިންސާނީ ޙަޟާރަތެއް މަރުން ސަލާމަތްކުރުމެވެ.

ޝައްކެއްނެތެވެ. ގޮންޖެހުންތަކާ ކުރިމަތިލުމުގައި، ދުލުކުރީން ކުރެވޭ ޚިދުމަތަށް ވުރެ، ޢަމަލީގޮތުން ކުރެވޭ ޚިދުމަތަކަށް ދިވެހިބަސް މިއޮތީ ބޭނުންވެފައެވެ. ކަލާގެ ޚިޔާލަކީ ކޮބައިހެއްޔެވެ؟ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.