ބުރާސްފަތި20180920

އާކުރެވުނީ: 08:43:52

ދިވެހި އިނގިރޭސީން!

dhivehi_igireysinހަނދާންވާ ގޮތުގައި އެއީ މިދިޔަ ނޮވެމްބަރު މަހުގެ ސާދަވަނަ ދުވަހެވެ. އެދުވަހު ހަވީރު އަޅުގަނޑު ގެއިން ނުކުތީ، ފާރޮށިގެއިން ޕާނެއް ގަންނާށެވެ. ދަންނަވަން މިއުޅެނީ، ދިވެހިރާއްޖޭގައި، ޕާން އަގު ބޮޑުވި ވާހަކައެއް ނޫނެވެ. ނަމަވެސް އެ ދުވަހު ޕާން ހިފައިގެން ފާރޮށިގެއިން ނުކުތްތަނުން ފެނުނު ފޮތިގަނޑުގެ ވާހަކައެވެ.

އަޅުގަނޑަށް ފެނުނީ، ވިލުނޫކުލައިގެ ފޮތިގަނޑެއް މަގުގެ ހުޅަނގު ކޮޅުން އިރުމައްޗަށް، އަޅުގަނޑާއި ދިމާއަށް، ހިނގާފައި އަންނަ މަންޒަރެވެ. މިދެންނެވި ފޮތިގަނޑުގައި އިނގިރޭސިބަހުން ލިޔެފައިހުރި ހުރިހާ އެއްޗެއް ކިޔަން

ނޭނގުނުކަމުގައި ވިޔަސް، އެންމެ ފަލައަކުރުން ލިޔެފައި އޮތީ، ''ޑައިބީޓީޒް ޑޭ ވޯލްކިންގް'' މިހެންނެވެ. ކޮންމެއަކަސް، އަޅުގަނޑުގެ ސަމާލުކަމަށް އައީ، ލިޔެފައިވާ އެއްޗެއް ނޫނެވެ. ނަމަވެސް ލިޔެފައިވާ ބަހެވެ.

ދެންމެ މިދެންނެވި ފޮތިގަނޑު ފެނުމުގެ ހަފުތާއެއްކުރިން، އަޅުގަނޑަށް ވީސީޑީއެއް ލިބުނެވެ. އޭގެ ބޭރު ކަވަރުގައި ލިޔެފައިވަނީ، ''އެން އިންކޮންވީނިއެންޓް ޓްރުތު: ގުލޯބަލް ވޯނިންގް'' މިހެންނެވެ. މާފުކުރައްވާށެވެ. މިދެންނެވުނީ އަދި މުޅީން ރަނގަޅަކަށް ނޫނެވެ. ތާނައިންވެސް މިދެންނެވި ވީސީޑީގެ ކަވަރުގައި ލިޔެފައި ހުއްޓެވެ.

އިންޓަނެޓް ހާވާ ބަލަނިކޮށް ޔޫޓިއުބުން އަޅުގަނޑަށް ވީޑިއޯއެއް ފެނިއްޖެއެވެ. ތިޔަ ވިދާޅުވީ ހަމަ ރަނގަޅަށެވެ. ޔޫޓިއުބަކީ ވީޑިއޯއަށް ޚާއްޞަ ސައިޓެއްކަމުން އެތަނުން ފެންނާނީ ފާޑުފާޑުގެ ވީޑިއޯއެވެ. އަޅުގަނޑަށް ފެނުނު ވީޑިއޯއަކީވެސް ފާޑެއްގެ ވީޑިއޯއެކެވެ. ވީޑިއޯއިން ފެންނަނީ، ސަރުކާރުގެ ވަރަށް ހަރަކާތްތެރި ވަޒީރަކު ކޮށަކޮށައިގެން އިނގިރޭސިބަހުން ތަޤްރީރެއް ދެއްވުމަށް، ހިތްވަރުކުރައްވާ މަންޒަރެވެ. މިދެންނެވި ވީޑިއޯ ބަލާފައި ބެލުންތެރިން ފާޅުކޮށްފައިވާ ޚިޔާލުތަކުން އަޅުގަނޑަށް ފާހަގަވި ކަމެއް އެބަ އޮތެވެ. އެވާހަކަ ފަހުން ދަންނަވާނަމެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ރެއެކެވެ. އަޅުގަނޑު އިނީ ޓީވީ ބަލާށެވެ. ޓީވީއެމަށް ޗެނަލް ބަދަލުކޮށްލުމުން ފެނުނީ އަށެއްގެ ޚަބަރުން ބައެކެވެ. އާދެ، ޚަބަރުގެ ރާއްޖެތެރޭ މީހުންނަށް ޚާއްޞަބައި ކަމަށްވާ، އުތުރުން ދެކުނެވެ. ފެނުނީ، ކޮންމެވެސް ރަށެއްގައި ބަޔަކު، ފޮތިގަނޑެއް ހިފައިގެން މަގެއްގައި ހިނގާތަނެވެ. ހުދުފޮތިގަނޑެއްގައި ކަޅުކުލައިން ޖަހާފައި އޮތީ، ''ލެންޑް އަ ހޭންޑް'' މިހެންނެވެ.

ކުރީގެ ދެ ހަނދާނެއްގެ ވާހަކަ ވެސް މިތާނގައި ލިޔެލާނަމެވެ. މީގެ އަހަރުތަކެއްކުރިން ޗާނދަނީ މަގުގެ ސިންގަޕޫރުބާޒާރޭ ކިޔާ ހިސާބުގައި ދިއްލޭގޮތަށް ހުންނަ ބޯޑެއް ހުއްޓެވެ. ބޯޑުގައި ކުރަހާފައި ހުރީ އަތުގުޅައިގެން ހުރި އަންހެނަކާއި ފިރިހެނެކެވެ. ތިރީގައި ލިޔެފައި އޮންނަނީ، ''އެއިޑްސް ކިލްސް'' މިހެންނެވެ. ވަރަށް ބިރުވެރި ޙަޤީޤަތެއްގެ ވާހަކައެވެ.

މީގެ އަހަރުތަކެއް ކުރީން، ސައެންސް އެޑިޔުކޭޝަން ސެންޓަރު (މިހާރުގެ ސީއެޗްއެސްއީ) ގައި ކިޔަވަމުންދިޔަ ވަރަށް ތޫނުފިލިކުއްޖަކު މާލޭގެ ފަޅުތެރެއަށް ވެއްޓި ގެނބިގެން މަރުވިއެވެ. މިހާދިސާ ރާއްޖޭގެ ތަޢުލީމީ ދާއިރާ ހޭލައްވާލިއެވެ. ނަތީޖާއެއްގެ ގޮތުން ފަސްވަނަ ކުލާސް ނިމެންވާއިރަށް ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުމަށް ނިންމައި، ޤައުމީ ފެންވަރުގެ ޕްރޮގުރާމެއް ފެއްޓެވިއެވެ. އެޕްރޮގްރާމުގެ ޝިޢާރަކީ ''އެވްރީ ޗައިލްޑް ސްވިމްސް'' އެވެ. އާދެ، ކޮންމެ ކުައްޖަކީ ފަތަން ދަންނަ ކުއްޖެއް މިއެވެ.

އަޅުގަނޑަށްވުރެ ބޮޑަށް ޖަޕާނު އެނގިލައްވާނީ ތިޔަ ބޭފުޅާއަށެވެ. ޖަޕާނަކީ ވަރަށް ބޮޑަށް ޘަޤާފީ އެއްގޮތްކަން އެޤައުމުގައި ބޭއްވުމަށް ސަމާލުކަންދޭ ޤައުމެކެވެ. ޖަޕާނުމީހުންނަކީ އެމީހުންގެ ބަހަށް ވަރަށް އިސްކަން ދޭ ބައެއް ވެސް މެއެވެ.

ޖަޕާނުގެ ޚިދުމަތްތެރިޔަކު އަޅުގަނޑުމެންގެ މިޤައުމަށް ޚިދުމަތްތަކެއް ކޮށް ދީފިއެވެ. އެފަދަ ޚިދްމަތްތެރިންނަށް މިރާއްޖެގައި ދެވޭ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަޅުގަނޑުމެން އޭނާއަށް ދީފީމެވެ. ނަމަވެސް އަޅުގަނޑު ދެކޭގޮތުގައި މިދެންނެވި ޚިދްމަތްތެރިޔާއަށް އިނާމު ދެވުނީ، އިނާމު ލިބުމުގެ އުފާ، އޭނާގެ ހިތުގެ އެންމެ ފުނަށް ވާސިލްވާފަދަ ގޮތަކަށް ނޫނެވެ. އިނާމުދިނުމުގެ ޖަލްސާގައި އޭނާއާއި ދޭތެރޭ ކަންކުރެއްވީ، އަޅުގަނޑަށް ވަރަށް ޢައިބުގޮތަކަށެވެ. ސަބަބު ފަހުން ދަންނަވާނަމެވެ.

ދެން އެހެން ވާހަކައެކެވެ. ވޭކަޕްގެ ވާހަކައެވެ. ވޭކަޕަކީ ކޯޗެއްކަން އެނގިލައްވާ، އެހެން ނޫންތޯއެވެ؟ އެއީ ކުޅިވަރު ކަޕެއްނޫނެވެ. ސަމާސާއެއް ނޫނެވެ. ދިވެހި މުޖުތަމަޢުގައި ވަކިހިއްޕާލާފައިވާ، އަމަލުވާތަކެތި ބޭނުންކުރުމުގެ އާދަޔާމެދު ހޭލުންތެރި ކުރުވުމަށް ފެއްޓެވި ވަރުގަދަ ކެމްޕޭނެކެވެ. މި ކެމްޕޭނުގެ ވެބްސައިޓް ބަލާލިއިރު، މުޅިންވެސް ހުރީ އިނގިރޭސި ލިޔުންތަކެވެ. ވެބްސައިޓްގެ ޕޯސްޓަރު ބައިގައިވާ ޕޯސްޓަރެއްގައިވަނީ، ''ޓޯކް ޓު ޔޮރ ކިޑްސް ބިފޯ އަ ޑީލާ ޑަޒް'' މިހެންނެވެ. ބެލެނިވެރިންނަށް އޮތް ކޮންފަދަ ހެޔޮ ނަސޭހަތެއްތޯއެވެ.

ދަންނަވަން މިއުޅެނީ މި ވާހަކައެވެ. ނަސޭހަތާއި ހޭލުންތެރިކުރުވުމާއި ދިވެހިންނާއި އިނގިރޭސިބަހުގެ ވާހަކައެވެ.

މިދިޔަ ނޮވެމްބަރު މަހު އަޅުގަނޑަށް އެ ފެނުނު، ވިލުނޫކުލައިގެ ފޮތިގަނޑަކީ ހަކުރުބައްޔާއި މެދު ހޭލުންތެރިކުރުވުމަށް ބޭއްވި ހިނގާލުމެއްގައި ބޭނުންކުރި ފޮތިގަނޑެކެވެ. ހަކުރުބަލިފަދަ ދިވެހިންގެ ތެރޭގައި ޢާންމުވަމުން އަންނަ ބައްޔަކާއި މެދު ދިވެހީން ހޭލުންތެރި ކުރެއްވުމުގައި އިނގިރޭސި ބަސް އިސްކުރެއްވި ސަބަބެއް އެނގިލައްވާނީ ކަންކުރެއްވި ފަރާތަށެވެ. އަޅުގަނޑުގެ ނަޒަރުގައި، ދިވެހިބަސް ބޭނުންކުރެއްވިނަމަ ދިވެހިންނަށް ދޭހަވާ މިންވަރު އިތުރުވާނެއެވެ. ދިވެހީންނަށް ހަކުރުބައްޔަކީ ހަކުރުބައްޔެވެ. ޑައިބީޓީޒް އެއް ނޫނެވެ. ވީމާ، ނޮވެމްބަރު ސާދަވަނަ ދުވަހަކީ، ހަކުރުބަލީގެ ދުވަހެވެ. އެދުވަހު ބޭނުންކުރެއްވި ފޮތިގަނޑުގައި 'ހަކުރުބަލީގެ ދުވަހުގެ ހިނގާލުމޭ، ލިޔުއްވިނަމަ، ދިވެހީންނަށް މާބޮޑަށް އަސަރުކުރީސްކަން ޔަޤީނެވެ. އެއީ ކޮންދުވަހެއްގެ ހިނގާލުމެއްކަން މާބޮޑަށް ސާފުވީހެވެ.

ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ ދުވަހު، އެމީހުންނާއިމެދު އޯގާވެރިވުމަށާއި، އެހީތެރިވުމަށް ގޮވާލާ ހިނގާލުމެއްގައި ''ލެންޑް އަ ހޭންޑް'' އޭ ލިޔުއްވުމަށްވުރެ، އެހީތެރިވާށޭ ލިޔުއްވިނަމަ ކިހާ ރަނގަޅުވީސް ތޯއެވެ. ދިވެހި ހިތްތައް ކުލުނުން މަޑުވެގެން ދިޔައީހެވެ.

އެއިޑްސް ބަލީގެ ނުރައްކާތެރިކަން ދިވެހީންގެ ހިތްތަކަށް ވެއްދުމަށް ''އެއިޑްސް ކިލްސް'' އޭ ލިޔުއްވުމުގެ ބަދަލުގައި، އެއިޑްސް މީހުން މަރައެވެ. އެއިޑްސް ފަނާކުރެއެވެ. އެއިޑްސް އަކީ ޤާތިލެކެވެ. ފަދަ ޢިބާރާތެއް ބޭނުންކުރެއްވިނަމަ، ދިވެހީންގެ ހިތްތައް ބިރުން ގޮސް އަވަދި ވާނެކަން ޔަޤީނެވެ.

ދެން އަޅުގަނޑަށް ލިބުނު ވީސީޑީގެ ވާހަކައެވެ. އެ ވީސީޑީއަކީ، އެމެރިކާގެ ކުރީގެ ނާއިބް ރައިސް އަލްގޯ ހުށައެޅުއްވި ތިމާވެށީގެ ރިޕޯޓެވެ. އެ ރިޕޯޓަކީ ތިމާވެއްޓާއި މެދު ހޭލުންތެރިކުރުވުމަށް ހުށަހެޅުއްވި ރިޕޯޓެކެވެ. އަޅުގަނޑު ހިތުން އެ ވީސީޑީ ކޮޕީކޮށްގެން ދިވެހީންނަށް ބަހަނީ ދިވެހީން ހޭލުންތެރިކުރުވާށެވެ. ނަމަވެސް ވީސީޑީވަނީ އިނގިރޭސި ބަހުންނެވެ. އެންމެ ކުޑަމިނުން ވީސީޑީގައި ކިޔާއެއްޗެތީގެ ތަރުޖަމާއެއްވެސް ތާނައިން، އިސްކިރީނުން ފެންނަވަރު ކޮށްލައްވާފައި ނުވެއެވެ. އެކަމަކު މި ވީސީޑީގެ ކަވަރުގައި، ވީސީޑީ ބަލަންޖެހޭ ފަންތިތަކުގެ މީހުންގެ ލިސްޓެއް ތާނައިން ލިޔެފައިވެއެވެ. އޮޑިވެރިން، އިންޖިނޭރުން މިހެން ގޮސް ދިގު ލިސްޓެކެވެ! ދިވެހިބަހުން އަޑުއެޅުއްވިނަމަ، ނޫނީ ތަރުޖަމާ، އިސްކިރީނުން ފެންނާނެ ގޮތް ހެއްދެވިނަމަ، ކޮންފަދަ ރަނގަޅުވީސްތޯއެވެ.

ދިވެއްސަކު ނިދިން ހޭލައްވަން ބޭނުންނަމަ، ''ވޭކަޕް'' އޭ ގޮވުމުގެ ބަދަލުގައި ''ހޭލާށޭ'' ގޮވީމާ މާއަވަހަށް ހޭލާނެކަން އަޅުގަނޑުމެން ދަންނަމެވެ. ނަމަވެސް ދިވެހިން މަސްތުން ހޭލެއްވުމަށް ކުރާ މަސައްކަތަށް މިކިޔަނީ ވޭކަޕެވެ. އެކަމަށް ބޭނުންކުރާ ވެބްސައިޓާއި ޕޯސްޓަރުތައް މިހުރީ ރޯ އިނގިރޭސި ބަހުންނެވެ. މީގެ އަހަރުތަކެއް ކުރިން ސްކޫލް ކުދިންނަށް ފަތަން ދަސްކޮށްދެއްވުމަށް ހިންގެވި ޕްރޮގްރާމަށް ''އެވްރީ ޗައިލްޑް ސްވިމްސް'' އޭ ކީގޮތަށެވެ. ދިވެހިން ދިވެހި ކަނޑުފަޅުގައި ފަތާނީއެވެ. ފީނާނީއެވެ. ދުވަހަކުވެސް ސްވިމް އެއް ނުކުރާނެ އެވެ.

ޝައްކެއްވެސް ނެތެވެ. ބިދޭސީ ރައްޔިތަކު ދިވެހީންނަށް ޚިދުމަތްކުރާނީ އޭނާގެ ހިތުގައި ދިވެހިންނާއި، ދިވެހީންނަށް ނިސްބަތްވާ ހުރިހާ ކަމަކާއި އެއްޗެއްސާއި މެދު އުފެދިފައި އޮންނާނެ ފުން ލޯތްބެއްގެ ސަބަބުންނެވެ.

ކުރީން އަޅުގަނޑު ދެންނެވި ޖަޕާނުގެ ޚިދުމަތްތެރިޔާގެ ހިތުގައިވެސް މިދެންނެވި ފަދަ ފުން ލޯތްބެއް އަޅުގަނޑުމެންނާއި މެދު އޮންނާނެ ކަމާއި މެދު ޝައްކެއް ނުކުރަމެވެ. ޖަޕާނުގެ ޚިދުމަތްތެރިޔާއަށް އަޅުގަނޑުމެން ޝުކުރުގެ އިނާމު އެރުވީ ޤައުމީ މުނާސަބަތެއްގައެވެ. މުޅި ޖަލްސާކުރިއަށް ގެންދެވީ ދިވެހިބަހުންނެވެ. ޖަޕާނުގެ ޚިދުމަތްތެރިޔާއަށް ފިޔަވައި އެހެން ހުރިހާ ކަލުންނާއި ކަނބަލުންނަށް އިނާމު ލިބިގަތުމަށް ދެންނެވީ ދިވެހިބަހުންނެވެ. ޖަޕާނުގެ ޚިދުމަތްތެރިޔާއަށް ދެންނެވީ އިނގިރޭސިބަހުންނެވެ! އެއީ އޭނާއާއި އެއްވެސް ގުޅުމެއްނެތް އިސްތިޢުމާރީ ބަހެއް ބޭނުންކޮށްގެން ކުރެއްވި ކޮންފަދަ ނަސްލީ ތަފާތު ކުރެއްވުމެއް ތޯއެވެ. އަޅުގަނޑު ހިތުން، ދިވެހިބަހުން، އިނާމު ލިބިގަތުމަށް ދެންނެވިނަމަ ޖަޕާނުގެ އެ ޚިދުމަތްތެރިޔާ ގެ ހިތަށް މާ ފުން އުފަލެއް ލިބުނީހެވެ. އެހެނީ، ވަގުތާއި ޙާލަތަށް ބަލާއިރު، އޭނާއާއި އެންމެ ގާތްވާނީ އޭނާގެ މާދަރީ ބަހާއި ދިވެހިބަހެވެ. ދިވެހީންނަށްޓަކައި އެހުރިހާ ޚިދުމަތްކުރީމާ ވެސް، އެނާގެ ހިތަށް ބީރެއްޓެހިކަމުގެ ޝުޢޫރު ވަންނަފަދަ ގޮތަކަށް އިނާމު އެރުވުން އަޅުގަޑަށްވީ ޢައިބުކަމަކަށެވެ.

ދަންނަވަންތޯއެވެ. އަދިވެސް ދިވެހީންގެ ގިނަބަޔަކަށް އިނގިރޭސި ބަހެއް ނޭނގެއެވެ. އެމީހުން ވިސްނަނީ ދިވެހި ބަހުންނެވެ. އެމީހުން، ދުނިޔެ ތަޢުބީރުކުރަނީ ދިވެހިބަހުންނެވެ. މަދު ބަޔަކަށް އޮޅިފައިވިޔަސް، އެމީހުންގެ ހިތާ ާއެންމެ ގާތީ ދިވެހި ބަހެވެ. ދިވެހިބަހަކީ އެމީހުންގެ ދިވެހިވަންތަކަމުގެ ރުކުނެކެވެ.

ވީމާ، އަޅުގަނޑުމެން ދިވެހީންގެ ދިރިއުޅުމަށް ހެޔޮބަދަލު ގެނައުމުގެ ނިޔަތުގައި ކުރާކަންކަމުގައި، ބޭނުމެއްނެތް ގޮތުގައި އިނގިރޭސި ބަސް ބޭނުންކުރެއްވުމަކީ އެކަމުން އެދެވޭ ނަތީޖާއެއް ނުކުންނާނެކަމެއް ނޫނެވެ. ދިވެހިންނަށް ކަންކަން ދޭހަކޮށްދީ މޭރުންކުރުވުމަށް އެމީހުންގެ މާދަރީ ބަސް ފުދެއެވެ. ދިވެހިންގެ ޤައުމީ ޖަލްސާތައް ދިވެހިބަހުން ކުރިއަށް ގެންދެވޭނެއެވެ. ދިވެހީންގެ ނަފްސަށާއި ޖިސްމަށް އަސަރުކުރުވުމަށް އެންމެ އެކަށީގެންވަނީ ހަމަ ދިވެހިބަހެވެ.

ކުރިން ދެންނެވި، ޔޫޓިއުބުން ފެނުނު ވީޑިއޯ ބަލާފައި ބައެއް ފަރާތްތަކުން ފާޅުކޮށްފައިވާ ޚިޔާލުތަކުން އަޅުގަނޑަށް ވިސްނުނީ، ބައެއް ދިވެހިންގެ ނަޒަރުގައި، މީހެއްގެ ތައުލީމީ ފެންވަރާއި، ޤާބިލުކަން މިނާލެވޭނެ ހަމައެކަނި ''ނާޅި'' އަކީ އެމީހެއްގެ އިނގިރޭސިބަހުގެ ފެންވަރުކަމަށެވެ! ދިވެހި ގައުމަށް ޚިދުމަތެއް ކޮށްދިނުމަށް އިނގިރޭސި ބަހަށް ނުހަނު ފަރިތަވާން ޖެހޭނެ ކަމަށެވެ.

ދަންނަވަންތޯއެވެ. ދިވެހިން ބޭނުންވާނީ މި ޤައުމުގެ ވެރިންނަށާއި މަސްއޫލު ފަރާތްތަކަށް، ކުށެއްނެތް ދިވެހިބަހުން ލިޔާށާއި ކިޔަން އެނގޭށެވެ. އިނގިރޭސި ބަސް އެނގުމަކީ އޭގައި ފައިދާތަކެއް އޮތްކަމެއް ނޫނެކޭ ނުދަންނަވަމެވެ. ނަމަވެސް ދިވެހި ކޮންމެ ވެރިޔަށް އިނގިރޭސި ބަސް ފެންފަދަ ވުން ލާޒިމެއް ނޫނެވެ. ދިވެހި ގައުމުގެ މަހާރެހެންދި ބިދޭސީ ރައްޔިތަކަށްވުމުން އޭނާއަށް ދިވެހި ދިދަ ކުރުނީސްކުރަން ލަދުގަތުމަށްވުރެ، ދިވެހި ޤައުމުގެ ވެރިންނަށާއި، މަސްއޫލުފަރާތްތަކަށް ދިވެހިބަހުން ރައްޔިތުންނަށް ދޭހަވަގޮތަށް މުވާޞަލާތު ނުކުރެއްވޭނަމަ، އަޅުގަނޑު މާބޮޑަށް ލަދުގަންނާނެއެވެ.

އެއްވެސް ބަހަކީ އޭގެ ޒާތުގައި އެހެން ބަހަކަށް ވުރެ މޮޅު ނުވަތަ ދެރަ ބަހެއް ނޫނެވެ. ކޮންމެ ބަހަކީވެސް އެބަހެއް ބޭނުންކުރާ މުޖުތަމަޢުއާއި ގުޅުންހުރި ޚާއްޞަ ސިފަތަކެއް ލިބިގެންވާ އެއްޗެކެވެ. ދިވެހިބަހަކީ އަޅުގަނޑުމެންގެ ވަންތަކަމުގެ އެއްބައެވެ. 'އައިޑެންޓިޓީ' ގެ އެއްބައެވެ. ޘަޤާފަތުގެ ބައެކެވެ. ވީމާ، ދިވެހީންނަށް ރައްދުކޮށް ކުރާކަންކަމުގައި، އިސްވާންޖެހޭނީ ދިވެހި ބަހެވެ.

އަޅުގަނޑުމެން އިނގިރޭސިވެގެން މިއުޅޭ އުޅުން ދޫކޮށްލާނީ، ކޮން ދުވަހަކުންތޯއެވެ؟

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.