ހޮނިހިރު20201121

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް މަޒްމޫނު ލިޔުމުގައި ވަކި ގަވައިދެއް ގެންގުޅުން

ލިޔުމުގައި ވަކި ގަވައިދެއް ގެންގުޅުން

bas-qavaaidhu-gengulhunބަލި މީހުންނަށް ބޭސްފަރުވާކުރުމަށްޓަކައި، ނަރުހުންނާއި ޑޮކްޓަރުންގެ އިތުރުން، ފަރުވާކުރާނެ ސާމާނުތަކާއި ބައިތިއްބާނެ އެނދުފަދަ އެއްޗެހި ހަމަކޮށްފައި ހުންނަ ތަންތަންތަނަށް ދިވެހި ބަހުގައި ''ހަސްފަތާލު'' ކިޔައެވެ. ނަމަވެސް މި ބަހަކީ އެހާ ޢާއްމުކޮށް މީހުން ބޭނުންކުރާ ބަހެއް ނޫނެވެ. ގިނަ މީހުން ބޭނުންކުރާ ނަމަކީ ''ހޮސްޕިޓާ'' އެވެ.

މި ނަމުގެ އަސްލަކީ އިނރޭސިބަހުގައި އޮންނަ ''ހޮސްޕިޓަލް'' އެވެ. ފަހަތަށް އޮންނަ ލާމު ސުކުން ކަނޑާލުމަށް ފަހު އެ ލާމުސުކުނުގެ ކުރިއަށް އޮންނަ އަކުރުގެ ފިއްޔަށް ދަމާފައެވެ.

''ހޮސްޕިޓާ'' ޢާއްމުކުރާއިރު ''ހޮސްޕިޓަލެއް'' ކިޔައެވެ. އެއްވެސް މީހަކު ''ހޮސްޕިޓައެއް'' ނުކިޔައެވެ.

ދިވެހި ބަހަށް ވަދެފައި ހުންނަ ބޭރު ނަންނަން، ނުވަތަ ދިވެހިން ވާހަކަދައްކާއިރު ބޭނުންކުރާ ބޭރު ނަންނަން ޢާއްމު ވާއިރު ޢާއްމުގޮތެއްގައި މި ލާމު އައިސްފައެއް ނޯވެއެވެ. މިސާލަކަށް ''މައިލޯ'' އަކަށް ''މައިލޮލެއް'' ނުވަތަ ''މަދަރުސާ'' އަކަށް ''މަދަރުސަލެއް'' ނުކިޔައެވެ. ނަމަވެސް މިއީ ގަވައިދެއް ކަމަށް ބެލިޔަސް މި ގަވައިދުން އިސްތިސްނާވާ ފަހަރުވެސް އަތުވެދާނެއެވެ. އެއީ ދުނިޔޭގެ ކޮންމެ ބަހެއްގައިވެސް ހުރެދާނެ ކަމެކެވެ.

ގަވާއިދުތައް ހަރުދަނާ ކަމަށް ބެލެވޭ ޢަރަބި ބަހުގައި ވެސް ބައެއް ފަހަރަށް ޢާއްމު ގަވައިދާ ޚިލާފަށް އައިސްފައި ހުންނަ ބަސްތައް ހުރެއެވެ. އެފަދަ ތަންތަން އެމީހުން ގަވައިދަށް ފެއްތުމުގެ ބަދަލުގައި ކިޔާ އުޅެނީ އެއީ ''ސިމާޢީ'' އެއްޗެއް ކަމަށެވެ. މާނައަކީ އެބަސް ކާބަފައިން ކިޔައި އުޅުނު އަޑު އެބައިމީހުން އެހީ އެގޮތަށެވެ. ވީމާ ގަވައިދަށް ނުފެތުނަސް އެ ބަސް އޮންނަން ޖެހޭނީ އެގޮތަށެވެ. ފަހަރެއްގައި ''ހޮސްޕިޓާ/ހޮސްޕިޓަލެއް'' އަކީ ވެސް މި ދެންނެވި ކަހަލަ ''ސިމާޢީ'' އެއްޗެއް ކަމުގައި ވެދާނެއެވެ.

ދިވެހީގައި ދަމާ ފިއްޔަށް ނިމޭ ނަންތައް ޢާއްމު ކުރާއިރު ބައެއްފަހަރު ލާމެއް އައިސްފައި އަނެއްބައި ފަހަރު ލާމު ނާންނަނީ ކީއްވެ ބާއެވެ؟ ''ފިޔާ'' ޢާއްމުކުރާއިރު ''ފިޔާއެއް'' ކިޔާފައި، ''ރިޔާ'' ޢާއްމުކުރާއިރު ''ރިޔަލެއް'' ކިޔަނީ ކީއްވެބާއެވެ. ދެ ބަސް ވެސް ނިމިފައި އެ އޮތީ ޔާ އާބާ ފިއްޔަށެވެ.

އެހެން މައްސަލައެކެވެ. އެކަކު ''މެޓައެއް'' ނުވަތަ ''ކުރުނބައެއް'' ކިޔާ އިރު އަނެކަކު ''މެޓަލެއް''، ''ކުރުނބަލެއް'' ކިޔާފާނެއެވެ. މި ފަދަ ޙާލަތެއްގައި މިތަނުން ރަނގަޅު ގޮތަކީ ކޮބައިކަން ނިންމާނީ ކިހިނަކުންބާއެވެ. ތަންކޮޅެއް ދުވަސްވީ ހަރުކުލައިގެ ބޭފުޅަކު ލައްވާ ނިޔާ ކަނޑައަޅާނީތޯއެވެ؟

ރަނގަޅު ގޮތަކީ ''މެޓައެއް''، ''ކުރުނބައެއް'' ކަމުގައި ހަރު ބޭފުޅާ ވިދާޅުވެދާނެއެވެ. ނަމަވެސް އޭނާގެ ދަލީލަކީ ނުވަތަ ޙުއްޖަތަކީ ކޮބައިތޯއެވެ؟ އޭނާ އަކީ ދިވެހި ބަސް، ގަޑުބަޑު ނުވެ އޮތް ޒަމާނެއްގެ ތެރެއަށް ލޯހުޅުވިގެން އައި ބޭކަލަކަށް ވުންތޯއެވެ. އެހެން ކަމަށް ވާނަމަ އެބޭފުޅުންގެ ޖީލު ހުސްވެ އަޅުގަނޑުމެންގެ ޖީލަށް އެޅުމުން، ދެން މި ފަދަ ތަނެއްގައި ޖަވާބުދާރީ ވެވޭވަރުގެ މީހެއް ނުހުންނާނެތާއެވެ. ދެން ޖެހޭނީ ދެ ގޮތްވެސް ރަނގަޅުކަމުގައި ނިންމާށެވެ. ހިތާ ދެކޮޅަށް ނަމަވެހެވެ. ދައްކާނެ ދަލީލެއް ޙުއްޖަތެއް ނެތީމައެވެ.

ކުރީ ޒަމާނުގައި ދިވެހި ބަހުގައި އައުބައު ފިލި ކިޔާ ފިއްޔެއް ބޭނުން ކުރެވުނެވެ. ޒަމާނަށް އައި ބަދަލަކާ ގުޅިގެން މި ފިލި ވަނީ މިހާރު މާޒީވެ ގޮސްފައެވެ. މިދެންނެވި އައުބައު ފިއްޔަށް ނިމޭ ނަންނަން ޢާއްމުކުރާއިރު އެއްކަލަ ލާމު އަންނަކަމުގައި ދިވެހި ބަހުގެ ޤަވައިދު ފޮތެއްގައި އޮއްވާ އަޅުގަނޑު ދުށީމެވެ. ފޮތް ބުނާގޮތުން ނަމަ، އައުބައުފިލި ޖެހެނީ މި ދެންނެވި ލާމަށް ނިމޭ ތަންތަނުގައެވެ. މިސާލަކަށް ''ވައު'' ''ވަލެއް'' ''ގައު'' ގަލެއް'' ''މައު'' ''މަލެއް''، މިފަދައަކުންނެވެ.

ނަމަވެސް ހުރިހާ ތަނެއްގައި ލާމު އަންނަނީ މި ގަވައިދަކުންވެސް ނޫނެވެ. މިސާލަކަށް ''ބޯ'' ''ބޮލެއް'' ''ލޯ'' ލޮލެއް'' ''އޫ'' ''އުލެއް'' ފަދަ ތަންތާ އޮންނަނީ އައުބައު ފިއްޔެއް ނޫނެވެ. ފަހަރެއްގައި އެއީ، ދިވެހިބަހުގެ ގަވައިދުގައި އެއްވެސް ޒަމާނެއްގައި ނެތް، އެހެން ނަމަވެސް، ބަސް އުފެދިފައި އޮތް އިރު އޭގެ ޒާތުގައި އޮތް ފިއްޔެއް ކަމުގައިވާ، ''އޮއުބޮއު ފިލި'' އޮންނަ ތަންތަން ކަމުގައި ވެދާނެއެވެ. އަދި ''ބޯ'' ކިޔާ އިރު އޭގެ އަސްލަކީ ''ބޮއު'' ކަމުގައި މި ދެންނެވި ގަވައިދުން ބުނެވިދާނެއެވެ. މިވަރުން ވެސް އަދި ''އޫ/އުލެއް'' ގެ ޙަޤީޤަތް އޮޅުންފިލާވަރެއް ނުވިއެވެ.

ކޮންމެއަކަސް، އައުބައު ފިލި މިއަދުވެސް ދިވެހިން ބޭނުންކުރަމުން އައި ނަމަ، ކުރުނބަޔާއި ކުރުނބަލުގެ ތެރެއިން ރަނގަޅީ ކޯޗެއްކަން އަދުގެ ތުއްތުކުދިންނަށް ވެސް ފަސޭހަކަމާއެކު ދަމައިގަނެވުނީހެވެ.

ކުރިން ދެންނެވި ''ހޮސްޕިޓާ'' ނުވަތަ އެފަދަ އެހެން ބަހެއް ކަމުގައި ވާ ''ކާނިވާ'' ޢާއްމުކުރާއިރު ލާމެއް އަންނަނީ ކީއްވެބާއެވެ. އަޅުގަނޑަށް ލަފާކުރެވޭގޮތުގައި، އެ ބަހުގެ އަސްލަކީ ''ހޮސްޕިޓަލް'' ކަމުގައި ދިވެހިންނަށް އެނގޭތީ ނަން ޢާއްމުކުރާއިރު ލާމެއް ގެންނަނީއެވެ. މާނައަކީ ''ހޮސްޕިޓާ'' ކިޔާ އިރު ޓަވިޔަނީގައި އޮންނަ އާބާ ފިއްޔަކީ ވަންހަނާވެފައި އޮންނަ ލާމު ސުކުނެކެވެ. ''ކާނިވާ/ކާނިވަލް'' އަކީ ވެސް ހަމަ މި ފަދަ ބަހެކެވެ.

ހަމަ އެ އުޞޫލުން، ދިވެހި ބަހުގައި އޮންނަ ''ވާ'' ނުވަތަ ''މާ'' ކިޔާ އިރު އޮންނަ އާބާ ފިއްޔަކީވެސް ވަންހަނާވެފައި އޮންނަ ލާމު ސުކުނެކެވެ. އާދެ އިނގިރޭސި ލިޔުމުގައިވެސް މިފަދަ އަކުރުތައް -އެމީހުންގެ ބަހުން ނަމަ ''ސައިލެންސް'' އަކުރު- ހުރެއެވެ. އެކަމަކު ތަފާތަކީ އެފަދަ އަކުރުތައް ކިޔުމުގައި ވަންހަނާވިޔަސް ލިޔުމުގައި ފާޅުވާކަމެވެ.

ފުވައްމުލަކު ބަހުރުވައިގައި، މި ދެންނެވި ވަންހަނާވެފައި އޮންނަ ލާމުސުކުން ފާޅުކޮށް ކިޔާ އުޅެއެވެ. މިސާލަކަށް ''މާ'' އަށް ''މަލް'' ކިޔައެވެ. އަދި އެ ނޫނަސް، އަޅުގަނޑުމެން ދަމާ ފިއްޔަށް ނިންމާ ނަންނަން، އެ ނަންނަން ޢާއްމުކުރާއިރު ލާމަކަށް ނިމޭ ނަންނަން، ޢާއްމު ނުކޮށް ކިޔާއިރު ދަމާ ފިއްޔެއްގެ ބަދަލުގައި ފުވައްމުލަކު މީހުން ބޭނުންކުރަނީ ލާމު ސުކުނެކެވެ. ''މަލް'' ''ވަލް'' ''ގަލް'' މިހެން ގޮސް ކިތައްމެ މިސާލެއް ޖެހިދާނެއެވެ. މިހެން ދެންނެވިޔަސް، މި އުޞޫލާ ޚިލާފަށް ވެސް މަދު ބައެއް ބަސް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ކުރިންވެސް ދެންނެވި ފަދައިންނެވެ.

ގޮތްނޭނގޭ މިދެންނެވި ލާމުގެ ޙަޤީޤަތަކީ މިއީކަމުގައި އަޅުގަނޑު ދަންނަވަނީއެއް ނޫނެވެ. ނަމަވެސް މިއީވެސް އެކަށީގެންވާ ކަމެކެވެ. ދިވެހި ބަހަކީ އަޑުއިވޭ ގޮތަށް ލިޔާ ބަހަކަށް ވާތީ ކުރީޒަމާނު މީހުން ''މަލް'' ''ވަލް'' ފަދަ ގޮތް ގޮތަށް ނުލިޔުނީ ކަމުގައި ވެދާނެއެވެ. މިސާލަކަށް އެއީ ޙަޤީޤަތް ކަމުގައި ވެފައި، އަދި ލިޔުމުގައި އެފަދަ މަންމަން ލާމު ސުކުނެއް ބޭނުން ކުރެވެމުން އައި ނަމަ ހަމަ ޔަޤީނުންވެސް އެފަދަ އޮޅުމެއް މިއަދަކު ނޭރީހެވެ. މި ދެންނެވީ ''ވާ'' ފަދަ ބަސްބަސް ލިޔާއިރު ''ވަލް'' ލިޔެފައި މިފަދަ ލާމުސުކުން ދިވެހިބަހުން ކިޔޭގޮތަކީ އާބާފިލި ކިޔާގޮތްކަމުގައި ދިވެހި އިމްލާގެ ޤަވައިދު ހަމަޖެހިފައި އޮތްނަމައެވެ.

ދިވެހި ލިޔުމުގައި ތާ ސުކުން ވެސް ކިޔަނީ ތާގެ އަޑަކުން ނޫންކަން އެއްވެސް ބޭފުޅަކަށް އޮޅިވަޑައިގެންފައެއް ނޯންނާނެއެވެ. އޭގެ އަޑު، ތާ އަކަށް ވުރެ ޔާއަކާ މާ ވައްތަރެވެ. ނަމަވެސް އެތަނުގައި ޔާއެއްގެ އަޑު އިވުނަސް އެއީ ވަންހަނާވެފައި އޮތް ތާއެއްކަން އެންމެންނަށްވެސް އެނގެއެވެ. އާދެ މިދެންނެވީ ''ބަތް'' އެހެން ގޮތަކަށް ކިޔާ އިރު ''ބަތޭ'' ކިޔޭތީ އެތާ އެ އޮތީ ތާ އެއްކަން އެބަ އެނގޭ ވާހަކައެވެ. ވީމާ އަޑު އިވޭ ގޮތަށް ލިޔަންވެގެން ''ބަތް'' ލިޔުމުގެ ބަދަލުގައި ''ބަޔް'' ލިޔުމަކީ އޭގެ ހަމަޔާ ޚިލާފުކަމެކެވެ.

އަޅުގަނޑުގެ ބޭނުމަކީ ދިވެހި ބަހުގައި ވަޅުޖަހައި ފޮރުވިފައި ހުރި ކަންތައްތައް ހޯދާ ދިރާސާކުރުމެއް ނޫނެވެ. އެފަދަ މަސައްކަތެއް ކުރުމުގެ ހުރިހާ ރުކުންތަކެއް އަޅުގަނޑުގެ ކިބަޔަކު އަދި ހަމައެއް ނުވެއެވެ. އަދި އެހެން ނޫނަސް، އިސްވެ ދެންނެވުނު ލާމުގެ ޙަޤީޤަތް، ޘާނަވީ ދައުރުގައި އަޅުގަނޑުމެންނަށް ކިޔަވައިދެވިފައި ނެތަސް ދިވެހި ބަހުގެ ކޮންމެސް ގަވައިދު ފޮތެއްގައި، އޭގެ ޙަޤީޤަތް ފޮރުވިފައި އޮތުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަޅުގަނޑަށް ފެނިފައި ނެތީއެވެ.

ވީމާ ކުރިން މި ދެންނެވި ލާމުގެ ވާހަކައަކީ އެއީ ޙަޤީޤަތްކަމުގައި އެއްވެސް ބޭފުޅަކު އަދި ނުބެއްލެވުން އެދެމެވެ. އެ ލާމުގެ ވާހަކަ ގެންނަން ޖެހުނީ އަދި މުޅިން އެހެން ސަބަބަކަށްޓަކައި ކުޑަ މިސާލެއް ޖެހުމުގެ ގޮތުންނެވެ.

އާދެ މިހާރަކަށް އައިސް ބަހުގެއަހުލުވެރީންގެ ބައެއް ބޭފުޅުން ގޮވާލައްވަމުން ގެންދަވަނީ، ހުރިހާ ތަނެއްވެސް އަޑުއިވޭ ގޮތަށް ލިޔުމަށެވެ. ދިވެހި ބަހުގެ ގަވައިދުގައި އަލިފުސުކުނެއް އޮންނަ ތަނެއްވެސް ކިޔުމުގައި ނޯށަށް އަރާނަމަ އެތާވެސް ނޫނުސުކުން ޖެހުމަށެވެ.

ނަމަވެސް މިހެން ހެދުމުން އަޅުގަނޑުގެ ނަޒަރުގައި ބަހުގެ ހަމަތަކާއި ބައެއް ނަންނަން އުފެދިފައި އޮތް ގޮތުގެ އަސްލާއި ނަސްލު، ޒަމާނާ އެކު ދާނީ ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ގެއްލިގެންނެވެ. އަދި ޒަމާންގަނޑަކަށް ފަހު އެކިމީހުން އެކި ގޮތަށް ކިޔާ ތަންތަނުގެ ޙަޤީޤަތަކީ ކޮބައިކަން ނޭނގިގެން އުޅެން ޖެހިދާނެއެވެ. ވީއިރު އަޅުގަނޑުގެ ނަޒަރުގައި ބަސް ލިޔަން ޖެހޭނީ ވަކި ގަވައިދަކަށެވެ. ކިޔަން ދަސްކޮށްދޭ އިރު ކިޔާނެ ގަވައިދެއްވެސް ދަސްކޮށްދިނުމުން އެ ނިމުނީއެވެ.

ދިވެހި ބަހުގައި އޮންނަ އައިބައިފިލިވެސް، ކިޔާ އިރު ކިޔަނީ ލިޔެފައި އޮންނަ ގޮތަކަށް ނޫނެވެ. ހަމައެފަދައިން ''މުޙައްމަދު'' ކިޔާ އިރު އެތަން ނޯށަށް އަރަނީ އަލިފު ސުކުނުގެ ފަހަތަށް ނޯށުން އަޑު އަންނަ ކަހަލަ އަކުރެއް އޮތުމުންކަން ދަރިވަރުންނަށް ދަސްކޮށްދެވިދާނެއެވެ.

އަޑުއިވޭހާ ގޮތަކަށް ލިޔަން ފެށުމުން މިހާރުވެސް ބައެއް ތަންތަން އޮޅުންއަރާގޮތް ވާންފަށައިފިއެވެ. ''ތިޔަދައްކާ ވާހަކަ މަށަށް އިނގޭ، އިނގޭ! '' މި ޖުމްލައިގައި މި އޮންނަ ފުރަތަމަ ''އިނގޭ'' ކުރީގައި މީހުން ލިޔެއުޅުނީ އަދި މިހާރުވެސް ގިނަމީހުން ލިޔަނީ، ''އެނގޭ'' މިގޮތަށެވެ. ނަމަވެސް މިހާރަކަށް އައިސް، މީހުންގެ ވާހަކަދެއްކުމަށް އައި ބަދަލެއްގެ ސަބަބުން، ''އެނގުމަށް'' ބައެއް މީހުން ''އިނގުން'' ކިޔަން ފަށައިފިއެވެ. އަދި ''ތިހެން'' ކިޔުމުގެ ބަދަލުގައި ''ތިހިން'' ވެސް ކޮންމެސް ދުވަހަކުން ނުކިޔާނެކަމެއް ނޭނގެއެވެ. އަދި މިފަދަ ބަދަލުތަކަކީ މައްސަލެއްވެސް ނޫނެވެ. އެއީ ބަޔަކަށް ބާރުފޯރުވޭނެ ކަމެއް ނޫނެވެ.

ވީމާ އަޑުއިވޭ ގޮތަށް ލިޔަންވެގެން މީހުންގެ ދުލަށް މި އަންނަ ބަދަލުތައް ގަލަމަށް ގެނައުމުން ބައެއް ތަންތަން އޮޅުންބޮޅުން އަރަންފަށާފާނެއެވެ. ކުރިން ދެންނެވި މިސާލުގައި އޮތް ''އިނގޭ، އިނގޭ'' އަކީ މީގެ މިސާލެކެވެ. އަދި ޒަމާންގަނޑެއްގެ ފަހުން އޭގެ ޙަޤީޤަތަކީ ކޮބައިކަން ނޭނގިގެން އަޅުގަނޑުމެންގެ ދަރިން އުޅެންފަށާފާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.