ހޮނިހިރު20201121

އާކުރެވުނީ: 08:43:52

ފެހިފަހި މާދަމާއަކަށް !

fehi-fahiޤައުމުގެ ޙާލުގެ ދުލުން ދިވެހި އަބްޠާލުންނަށް ގޮވަމުންދާ އަޑު އަހަރުމެންނަށް އެބައިވެއެވެ. ޤައުމުގެ އުގަށް މާ ހޮވާފައި އަޅައިދޭން ވަޢުދުވީ ދަރީންތައް މިއަދު ކޮބައިހެއްޔެވެ؟ ހަށީގައި ފުރާނަ ހުރިހާ ހިނދަކު ޤައުމީ ޚިދުމަތުގައި ދެމިތިބެން ވަޢުދުވީ ޒުވާނުންތައް މިއަދުވީ ކޮންތާކު ހެއްޔެވެ؟

ދިވެހި ޤައުމަށްޓަކައި އަހަރުމެންނަށް މިއަދު އުފަލެއް ނުވެވެއެވެ. މިޤައުމު މޮޅީގެ ސާލެއް ލާފައިވާ ކަމުގެ އިޙްސާސް މިކުރެވެނީ ސަބަބެއްނެތި ހެއްޔެވެ؟ ތިބާގެ ހިތުގައި ހިތާމައިގެ މިޝުޢޫރުތައް ނުއުފެދޭ ހެއްޔެވެ؟

އަމާންކަމުގެ އިންތިހާ ޖައްވެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް މީގެ ކުރީން މިއުޑުދަށަކުން އަހަރުމެން ތަޖުރިބާއެއް ނުކުރަމެވެ. އަހަރުމެން ނޭވާލީ ކިލަނބުކަމެއްނުވާ ސާފު މިނިވަން ވެއްޓަކަށެވެ. އާރޯކަމާއި ފާގަތިކަން މިބިމާއި ވަދާޢުކުރި ދުވަހެއްވެސް މިހާރަކު ނޭނގެއެވެ. ހުރިހާ ކަމެއް ބަދަލުވެގެން ދިޔައިރެއް، ބަދަލުވީ ގޮތެއް ވިސްނާލާކަށް މިއަދަކު ނޭނގެއެވެ. ހަލުވިކަމާއިއެކު ކުރިއަރަމުން އައި ތަރައްޤީގެ ދުވެލި މަޑުޖެހެމުންގޮސް މިހާރު އެދަނީ އޮބެމުންނެވެ. މުޖްތަމަޢުތެރޭގައި ހަލަބޮލިކަން ފެތުރިފައިވިޔަސް ، ސިކުނޑިއަށް ތަޞައްވުރުވަނީ ހިމޭންވެ ހުއްޓިފައިވާ ޤައުމެކެވެ. މޭގައި އަތްޖަހާލާ ދިވެއްސަކަށްވީތީ ފަޚުރުވެރިވާ ކަމަށް ބުނާ މީހުން ހާދަހާ މަދުވެއްޖެއެވެ. ޙުއްބުލްވަޠަންގެ ރޫޙު ހިތްތަކުން ފުހެވެމުން ނެތެމުން މިހިރަ ދަނީއެވެ.

 

އަހަރުމެންނަށް ފެނުނީ ޢިއްޒަތާއި ފައިސާގެ ދަޅައެކެވެ. ޚިޔާރުކުރީ މަތިވެރިކަމާއި ބޮޑާކަމުގެ ނޭދެވޭ ސިފައެވެ. އާދައަކަށް ހެދީ ޚިޔާނާތާއި ފިތުނަ ފަސާދައެވެ. އަހަރުމެންގެ ބާރެއްކަމުގައި ހެދީ ޙަސަދައާއި އަނިޔާވެރި ކަމެވެ. މުޢާމަލާތު ކުރަނީ މަލާމާތާއި ފުރައްސާރައިންނެވެ. އެކަކު އަނެކަކާއި އޮންނަ ގުޅުމަކަށްވީ ރުޅިވެރިކަމާއި ބަދަލުހިފުމެވެ. އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަމޭ ކީކަމުގައި ވީނަމަވެސް އަހަރުމެންނަކަށް އޭގެ މާނައެއް ދަހެއް ނުވިއެވެ

ދިވެހި ހުރިހާ ރީތި އާދަތަކެއް އުވެމުން ގޮސް ޝަޚުސިއްޔަތެއް ނެތް ޖީލެއް ބިނާވެގެން މިދަނީ އަހަރުމެންގެ ލޯތަކުގެ ކުރިމަތީގައެވެ. އެދެވޭ ތަޢުލީމެއް ނުލިބި ޅަސިކުނޑިތައް ދަތުރު ކުރަމުންދާ ތަން ފެންނަނީ ނާއުއްމީދަކާއި ދިމާއަށެވެ. އީމާން ކަމެއް ޢަޤީދާއެއް ހިތްތަކުގައި ހަރެއް ނުލައެވެ. ހަރުދަނާ މީހަކަށް ވާނޭ ގޮތް ބުނެދޭނެ މީހަކުވެސް މިހާރަކު ނުވެއެވެ. ނަމޫނާ އަކަށް ބަލަންވެސް ހުރީ ވަކި ކާކުހެއްޔެވެ؟ ޒުވާން ޖީލު ، ޒަމާން ގެނެސްދިން އަނިޔާތައް ކަމުގައި ބުނާ ހަލާކުގައި ޖެހި ގޮސް ހުސްވަނީއެވެ. ހުއްޓުވާނެ މީހެއް ނަޞޭހަތެއް ދޭނެ މީހެއްވެސް ނެތީ ނޫން ހެއްޔެވެ؟ އަހަރުމެން ލޯމަރާލައިގެން މިތިބެނީ ކީއްވެހެއްޔެވެ؟ ހަލާކުވެގެން އެދިޔަ އާބާދީގެ ދެބައި ކުޅަ އެއްބައި ، ދެން އަނބުރާ މުޖްތަމަޢަށް ނެރޭނީ ކިހިނެއް ހެއްޔެވެ؟

ނިމިއްޖެއެވެ. ކޮންމެ މީހަކުވެސް ވިސްނަން ބޭނުން ވަނީ އަނެކާގެ ސިކުނޑިންނެވެ. އަމިއްލަ ސިނކުނޑިން ކިރާ ވަޒަން ކުރާނެ އެއްވެސް ކަމެއް ނޯވެއެވެ. އަދިވެސް ހީކުރެވެނީ ރުއް ގިނަވާނީ އެންމެ އަޑުގަދަ މީހާގެ ކަމުގައެވެ. ހަރުދަނާ ކަމުގެ ކަންފުޅެއްވެސް އަހަރުމެންގެ ކިބައިގައި ނުވެއެވެ. އަހަރުމެންެގެ އުޞޫލަކީ އެއިރެއްގައި ވައި ޖެހޭ ކޮޅަކަށް ދީލާލުމެވެ. މަންޒިލް ކޮންމެ ދިމާލެއްގައި ވީނަމަވެސް ވެހެވެ. އަހަރުމެންގެ ކަންފަސޭހަކަން ހުރި މިންވަރަކީ މިޔެވެ. އައްޔަކަސް އަނދިރި އަކަސް ހަމަ ހެޔޮވަރެވެ. އެކަމަކު ހިލާ އެހެނެއް ނުވާނެއެވެ! ޙައްޤުގެ އަލިކަން އަހަރުމެންނާއި ހަމައަށް ފޯރުމުން ބާޠިލްކަން ނެތި ހިގައިދާނެއެވެ. އަވަހަށް ވިޔަސް ލަހުން ވިޔަސް އެދުވަސް އަންނާނެއެވެ.

ކުރިއަރާފައިވާ މުޖްތަމަޢުތަކުން އަހަރުމެން ނަޤުލު ކުރީ އެމީހުންގެ އަނދިރި ފަރާތެވެ. ދޫކޮށްލީ އެމީހުންގެ ރީތި ސިފަތަކެވެ. އަހަރުމެންނާއި ފަސްދީފައި ޤައުމުތައް ހަލުވި ދުވެލީގައި ކުރިއަށްދާއިރު ، އަހަރުމެންނަށް މިތިބެވެނީ ކުޅިބަލާށެވެ. އަހަރުމެންނަށް އެމީހުންނާއި އެއް ސަފަކަށް ދަތުރުކުރެވިދާނެ ބާއެވެ! މިހެން ފައި ވިދިފައި ތިބެނީ ނަމަ ހިންދެމިލާ ތެދުވެވޭނެ ދުވަހެއް ނާންނާނެއެވެ!

ބުނެ އުޅެއެވެ. ތިބާ ބަނޑުހައިވެފައި ވީނަމަ ތިބާ އަށް މަހެއް ގެނެސްނުދޭށެވެ. ތިބާއަށް މަސްބާނާނޭ ދޮށްޓެއް ހަދިޔާ ކުރާށެވެ! އެކަމަކު އަހަރުމެންނަށް ކަމުދިޔައީ ބުރަ މަސައްކަތަށް ވުރެ ވަގުތީ ހިތްހަމަ ޖެހުމެވެ. މަސައްކަތްތެރިކަމަށް ވުރެ އަހަރުމެންގެ ހިތްތަކާއި ގާތީ ކަންނެތް ކަމެވެ. އުޑުން ވާރޭ ކަމުގައި މާމުއި އެއް ނުވެހުނެވެ. ދެންވެސް ނުވެހޭނެއެވެ! އެކަމަކުވެސް އުފެއްދުންތެރި ކަމަކީ އަހަރުމެންގެ ބަސްކޮށާރުގައި އާއްމު ލަފްޒަކަށް ނުވިއެވެ. ކަނޑުފަޅުގެ ޚަޒާނާތަކަށް އަހަރުމެން ސަމާލެއް ނުވަމެވެ. ޞިނާޢަތްތެރި ކަމަށް ޝައުޤުވެރިއެއް ނުވެވުނެވެ. މިބިމުގައި ގޮވާން ނުކުރެވޭންވީ ކީއްވެ ހެއްޔެވެ؟ މިއީ ކުފުރާއި ޝިރުކުގެ ނުބައިކަމުން ސަލާމަތްވެފައިވާ ހެޔޮ ފަސްގަނޑެކެވެ. ދީނާއި މިނިވަންކަމުގެ ދިފާޢުގައި ކާބަފައިންގެ ލޭ ފޮދު ހަދިޔާ ކުރި މާތް މަތިވެރި ބިމެވެ. އަހަރުމެންގެ މުލައްދަނޑިތަކުގައި ބާރެއް ހުރި ނަމަ އަހަރުމެންގެ ދަނޑުތަކުގައި ގޮވާން ކުރާނޭ ދުވަހެއް އަދި އަންނާނެއެވެ!

ޤައުމުގެ ޙާލަތާއި މެދު ފަރުވާތެރި ކަމުގެ ނަޒަރަކުން ވިސްނަންވީ ދުވަސް ފާއިތުވެ ދަނީ އެވެ. ނޫންނަމަ މާޔޫސް ކަމުގެ ވިލާގަނޑެއްގެ ދަށުގައި އަހަރުމެންގެ ދުވަސްތައް ގުނަން ޖެހިދާނެ އެވެ. ނާކާމިޔާބުވީ ޒުވާނުން އަމާޒެއް ނެތި ބޭކާރުވެގެން ހިގައިދާނެއެވެ. ތަޢުލީމީ ސިކުނޑިތައް ޤައުމާއި ވަދާޢުކޮށް ހިނގައިދާނެއެވެ. އަންނަށް އޮތް ޖީލުތަކަށް އަހަރުމެން ދޫކުރާނެ ފަޚުރުވެރި މުޖްތަމަޢެއް އޭރަކުން ނޯންނާނެއެވެ. ތަޢުރީފުގެ ބަދަލުގައި އެދުވަހުން އަހަރުމެންނަށް ރައްދުވާނީ ބަދު ބަސްތަކެވެ.

މިހުރިހާ ކަމަކާއި އެކުވެސް ޔަޤީން ކުރެވޭ ހަޤީޤަތަކީ ، ޤައުމަށް ވަފާތެރި އިޚްލާސްތެރި ދަރީން މިއުޑުދަށުގައި އަދިވެސް ނޭވާލާ ކަމެވެ. ދިވެހި ބަޠަލުން އަދިވެސް މިފަސްގަނޑުގައި އުފަންވާނެ ކަމެވެ. ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދެކޮޅަށް ތެދުވާނޭ ފަހުލަވާނުން އަދިވެސް މިބިމުގައި ވިދާލާނެ އެވެ. ފަޚުރުވެރި މުޖްތަމަޢެއް އަހަރުމެންނަށް ބިނާ ކުރެވިދާނެއެވެ. މިވެށީގެ ސާފު ވައިގައި ހިނިތުންވެވޭނޭ ދުވަސްތަކެއް އަހަރުމެންނާއި އަލުން ބައްދަލުކުރާނެއެވެ. އަހަރުމެންގެ ހިއްމަތާއި މިންނަތްތެރި މަސައްކަތުންނެވެ. އަހަރުމެންގެ ހިތްތަކުގެ ސާބިތުކަމާއި ގަދަ ހިތްވަރުންނެވެ.

ފިކުރު ކުރަންވީ ދުވަހަކީ މިއެވެ. ކޮންމެ މީހަކީވެސް ޒިންމާއެއް ކޮނޑުގައި އެޅިފައިވާނޭ މީހެކެވެ. އަނެކާ އިޞްލާޙު ކުރެވޭނީ ތިބާ އިޞްލާޙު ވެގެންނެވެ. ތިބާއާއި ހަވާލު ވެފައިވާ މަސްއޫލިއްޔަތާއި މެދު ފަރުވާތެރިވެ ވިސްނާލާށެވެ! ޤައުމަށްޓަކައި އަހަރުމެންގެ މަސައްކަތް ފެށޭ ހިސާބަކީ އެޔެވެ. ހިނގާށެވެ! ތިބާއާއި އެކުގައި އަހަރެންވެސް ދާނަމެވެ. އަހަރުމެންގެ މަސްއޫލިއްޔަތު އަދާކުރުމަށެވެ. އަހަރުމެންނާއި ހަވާލުވެފައިވާ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށެވެ. ފެހި ފަހި މާދަމާއަކަށްޓަކައެވެ!

އިލާހީ މިބިން ކުރައްވާށެ އަމާން

މިއަޅާގެ އުފަން ދިވެހީންގެ މިބިން

ތިބާ ހަޟްރަތުން އޮހޭ މަދަދުން

ފިލާ ނުމެދާ ދިވެހީންގެ މިބިން.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.