އާދީއްތަ20201011

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް މަޒްމޫނު އިންސާނުންނާއި ޖަނަވާރު، މުވާޞަލާތުކުރުމުގައި ހުރި ބައެއް އެއްގޮތް ކަންތަތައް

އިންސާނުންނާއި ޖަނަވާރު، މުވާޞަލާތުކުރުމުގައި ހުރި ބައެއް އެއްގޮތް ކަންތަތައް

insaanunnai-janavaru-
އިންސާނުންގެ އިތުރުން އެހެންޖަނަވާރުންވެސް މުވާޞަލާތުކުރާކަމީ އެއްވެސް ޝައްކެއްނެތި އެނގި ފާޅުވާކަމެކެވެ. މިކަން މާތްﷲ ސުބުހާނަހޫ ވަތަޢާލާ ބާވާލެއްވި ކީރިތި ޤުރުއާނުން ދޭހަވެއެވެ. އެފޮތުގެ ނަމްލު ސޫރަތުގެ 18ވަނަ އާޔަތުގެ މާނާގައިވަނީ "ދެން އެލަޝްކަރައިގެން ހިނީގެ ވާދީއަށް ވަޑައިގަތްހިނދު ހިންޏެއް ބުންޏެވެ. އޭ ހިނިތަކާއެވެ. ތިޔަބައިމީހުންގެ ގޭގެއަށް ތިޔަބައިމީހުން ވަންނާށެވެ. އެއީ ސުލައިމާނުގެފާނާއި އެކަލޭގެފާނުގެ ލަޝްކަރު ނޭނގިތިބެ ކަލޭމެން ފިސްނުކުރުމަށެވެ." މިފަދައިންނެވެ. (ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ސ.ނަމްބަރު 649) .

އިސްވެދެންނެވުނު އާޔަތުން އެނގެނީ ޖަނަވާރުވެސް މުވާޞަލާތު ކުރާކަމެވެ. އިންސާނުން ފަދައިން އެތަކެތީގެ ބޭނުން އަންގައިދިނުމަށެވެ. އިންސާނުން މުވާޞަލާތުކުރުމަށް ބޭނުންކުރާ ބަހަކުން (ލެންގުއޭޖު) މުވާޞަލާތު ނުކުރެވުނުނަމަވެސް، އަޑެއްގެ އެހީގައިވެސް އެހެން ޖަނަވާރަކަށް މުވާޞަލާތުކުރެވުމަކީ، އިންސާނެއްގެ މުވާޞަލާތާ އެއްގޮތް ކަމެކޭ ބުނެވިދާނެއެވެ. އެހެނީ އިންސާނު މުވާޞަލާތުކުރުމަށް ބޭނުންކުރާ ބަހެއްގެ ފުރަތަމަ މަރުހަލާއަކީވެސް އަޑެވެ. ހަމަ އެހެންމެ ވާހަކަދެއްކުމަށް އުނދަގޫ އިންސާނާއަށް ނުވަތަ މަންމަނަކަށްވެސް މުވާޞަލާތުކުރަނީ އިޝާރާތާއެކު "އަޑުވެސް" ބޭނުންކޮށްގެންނެވެ.

އިންސާނާ މުވާޞަލާތުކުރުމާއި އަޑު ގުޅިފައިވާ މިންވަރަށް ޖަނަވާރު މުވާޞަލާތުކުރުމުގައިވެސް އަޑު ގުޅިފައިވާކަން ބަހަވީ ޢިލްމުވެރިންނާއި (ލިންގުއިސްޓުން) އެނޫންވެސް ބައެއް ޢިލްމުވެރިން އެއްބަސްވެލައްވައެވެ. ފްރެމްކިންގ،ބްލެއަރ ފަދަ ބޭބޭފުޅުން ވިދާޅުވާގޮތުގައި ބަހަކީ ހަމައެކަނި މުވާޞަލާތްކުރުމަށް ގެންގުޅޭ ހަމައެއްކަމުގައި ދެކޭނަމަ، ވަރަށް ގިނަޖަނަވާރަށް މުވާޞަލާތް ކުރެއެވެ. ހަމައެހެންމެ ބަހަވީ ޢިލްމުވެރިން (ލިންގުއިސްޓުން) ގެ ދިރާސާތަކުން ހާމަވާގޮތުގައި އިންސާނުން ވާހަކަދައްކަދެއްކުމުގައި ތަފާތު އެތައް އަޑުތަކެއް ބޭނުނުންކުރެއެވެ. ހަމައެގޮތަށް ޖަނަވާރުވެސް  އިންސާނާފަދައިން ތަފާތު އަޑުތައް ބޭނުންކުރެއެވެ. ޖަނަވާރުން އަޑު ބޭނުންކޮށްގެން މުވާޞަލާތުކުރާކަމުގެ އަނެއް ހެއްކަކީ، ނުރައްކާތެރި ދަނޑިވަޅުތަކުގައި އެތަކެތި ކުރާ މުވާޞަލާތެވެ. ބަހުގެ މާހިރެއްކަމުގައިވާ ޖީން އެއިޗިސަން ވިދާޅުވާގޮތުގައި ސިންގާ ޢުޅޭ ސަރަހައްދަށް އެހެން ސިންގާއެއް އަތުވެއްޖެނަމަ ވަރަށް ބާރަށް ގޮވާލާއެވެ. ނުވަތަ އަޑެއް ލައްވައެވެ.  ގޮވާލާގޮތުން އެހެން ސިނގާތަކަށް މަޢުލޫމާތު ލިބި އެތަނަށް އެއްވެއެވެ. މިކަމާ، އިންސާނާގެ މުވާޞަލާތީ އަޑުތަކާ، އިޖާބަދިނުމުގައި ހުރި އެއްގޮތްކަންތައްތަކާމެދު ދެބަސްވުމަށް ޖާގައެއް ނެތެވެ.

ވުމާއެކު މިއިން ދޭހަވަނީ އަޑުލެއްވުމުގައި އިންސާނުންނާއި ޖަނަވާރުން އެއްގޮތްކަމެއް ހުރިކަމެވެ.  ނުވަތަ އިންސާނުން ފަދައިން ޖަނަވާރަށްވެސް އަޑުލެއްވުމުގެ ޤާބިލްކަން ލިބިފައިވާކަމެވެ. އެއަޑުން ބޭނުންވާ މަޤުޞަދުވެސް ޙާޞިލުކުރާކަމެވެ. ހަމައެކަނި ތަފާތަކީ އަޑު ތަރައްޤީކުރުމުގައި އިންސާނާއަށް ކާމިޔާބު ލިބިފައިވުމެވެ.

މީގެއިތުރުން ފާހަގަކުރަންޖެހޭ އަނެއްކަމަކީ އަޑުގެ އިތުރުން ޙަރަކާތާއި ޢިޝާރާތުންވެސް އިންސާނުންނާއި ޖަނަވާރުން މުވާޞަލާތުކުރުމުގައި އެއްގޮތްކަމެއް ހުރިކަމެވެ. ބަސް ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި އިންސާނާ ވާހަކަދައްކަން ފެށުމުގެ ކުރިން، އިންސާނާ މުވާޞަލާތު ކުރަމުން އައީ އިޝާރާތާއި ޙަރަކާތުގެ ޒަރިއްޔާއިންނެވެ. އިޝާރާތްތަކެއް ނުވަތަ އަޑުތަކެއް ބޭނުންކޮށްގެން މުވާޞަލާތުކުރުމަކީ ހަމައެކަނި އިންސާނުންނަށް ޚާއްޞަކަމެއް ނޫންކަމަށާއި ޖަނަވާރުވެސް އިޝާރާތާއި އަޑުތައް ބޭނުންކޮށްގެން މުވާޞަލާތު ކުރާކަމަށެވެ.  މިސާލަކަށް؛ މާމުއިކުޅަނދުރަކަށް ފޮނިހުރި މާތަކެއް ފެނިއްޖެނަމަ، އެނބުރި ހަތައަށްގޮސް އެހެން ކުޅަނދުރުތަކަށް އެކަމުގެ މެސެޖު ރައްދުކޮށްދިނުމުގައި ބޭނުންކުރަނީ ފަރި ނެށުމެކެވެ. މިނެށުމުން ކާނާގެ ފެންވަރާއި ހުރި ދުރުމިން އެހެން ކުޅަނދުރުތަކަށް ބުނެދެއެވެ. ވުމާއެކު މިއިން ދޭހަވަނީ އިންސާނުންފަދައިން ޖަނަވާރުވެސް ޙަރަކާތާއި އިޝާރާތް ބޭނުންކޮށްގެން މުވާޞަލާތު ކުރާކަމަށެވެ.

މަތީގައި ބަޔާނަކުރެވުނު ވާހަކަތަކަކީ ޢިލްމީނަޒަރަކުން ބަލާއިރު މާނަހުރި ވާހަކަތަކެއްކަމަށް  ބެލިދާނެއެވެ. ސަބަބަކީ ލައްވާ އަޑަކުން އިންސާނުންނަށް މާނައެއް ދޭހަނުވާ ހާލަތްތައް މެދުވެރިވާފަދައިން އެހެނިހެން ދިރޭތަކެއްތި ޖަނަވާރަށްވެސް މާނައެއް ދޭހަނުވާ ހާލަތްތައް މެދުވެރިވުމެވެ. އެހެނީ، އެއްވައްތަރެއްގެ ކަކުނި އަނެއްވައްތަރެއްގެ ކަކުންޏެއް ކައިރީގައި (ރަތްކަކުންޏާއި އެނޫން ކަކުނި) ލައްވާ އަޑު، ފަހުމް ނުވާފަހަރު އަންނަކަމަށް ދިރާސާތަކުން ހާމަވެފައިވެއެވެ.  އަޑުން ދޭހަވާ މާނައިގެ ތަރުޖަމާ އެނގެނީ ހަމައެކަނި ޢާއިލީގޮތުން ގުޅުންހުން ކަކުންޏަށެވެ. އެހެން ކަކުނިތަކަށް އެއަޑުތައް ލިބޭނީ މާނައެއް ނެތް އަޑުތަކެއްގެ ގޮތުގައި ކަމަށްވެސް ބަހުގެ ބައެއް މާހިރުން ވިދާޅުވެފައިވެއެވެ. ހަމަ މިބީދާއިން އިންސާނާއަށްވެސް މާނައެއް ދޭހަނުވާ ބަހަކުން މީހަކު ވާހަކަ ދައްކާނަމަ އެދައްކާވާހަކައިގެ އަޑުތައްވާނީ މާނައެއްނެތް އަޑުތަކަކަށެވެ. އެއަޑުތައް ފަހުމްކުރަން އިންސާނާއަށް މަޖުބޫރުވަނީ ބަސް ދަސްކުރާށެވެ. ނުވަތަ އެބަހެދަންނަ މީހަކު ހޯދާ ތަރުޖަމާކުރާށެވެ. ވުމާއެކު، މިއީ ކިހާބޮޑު އެއްގޮތްކަމެއްތޯއެވެ؟

ޖަނަވާރުން މުވާޞަލާތުކުރުމުގައި އިންސާނުންގެ މުވާޞަލާތުކުރުމާ އެއްގޮތްވާ މައިގަނޑު ސަބަބކީ އިންސާނުން ޖަނަވާރުންނަށް ދަސްކޮށްދޭ ހުނަރުކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެއީ، ގުރާ، މައިނާފަދަ ތަކެއްޗަށް އިންސާނުން ބުނެއުޅޭ ކުރު ލަފުޒު ބުނުމުގެ ޤާބިލުކަން ލިބިފައިވާތީ ހީވާ ހީވުމެއް ކަމަށް ވެދާނެއެވެ.  ބައެއް ބަހަވީ ޢިލަމްވެރިން(ލިންގުއިސްޓުން) މިކަމަށް ބުރަވެ ތަފާތު އެތަށް ވާހަކަތަކެއް ދައްކާފައިވެއެވެ.

މިފަދަ ވާހަކަތަކުގައި ކުރިއަށް ދާއިރު، ފެންނަނީ އިތުރު ކަންތައްތަކެވެ. މިސާލަކަށް އިންސާނުން މަސައްކަތް ކުރުމުން ދާއިރު، (މިސާލަކަށް ދޯނި އެހެލަމުންދާއިރު ) އަޑު އެއަންނަނީ ރިދަމިކްކޮށް ސިސްޓަމިކްކޮށެވެ. ހަމަ އެގޮތަށް ހިނީގެވެސް ކޮލޮނީއަށް ބަލާއިރު ކާއެއްޗެއް ފެނުނީމާ އެކޮލޮނީއެއް އެކުގައި ދުވާއިރުގައި ލައްވާ އަޑެއް އޮންނާނެކަމަށް ޤަބޫލުކުރެވެއެވެ. އިންސާނުން ބުރަ މަސައްކަތް ކުރުމަށް އަޑު އެހީވާފަދައިން ހިންޏަށްވެސް އެއުފެދޭ އަޑުން ކާއެއްޗެއް އުފުލުމަށް އެހީތެރިކަން ލިބެއެވެ. އެފަދަ ކަންކަމަށް މިކިޔަނީ އިންޓަރެކްޝަންއެވެ.

މީގެ އިތުރަށްވެސް މިކަމާ ގުޅުންހުރި އެތައް ހެކިތަކެއްލިބި މިސާލުތައް ފެންނަން ހުރުމުން ދަންނަވަން ޖެހެނީ އިންސާނުން މުވާސަލާތުކުރުމާއި ޖަނަވާރުން މުވާސަލާތުކުރުމުގައި އެއްގޮތްކަމެއް ހުރިކަމުގައެވެ. ހަމައެހެންމެ  ޤުރުއާނާއި ބަހަވީ ޢިލްމުވެރިންގެ ބައެއް ދިރާސާތަކާއި އަދި އަމިއްލަ ބުއްދީގެ އަލީގައި ޤަބޫލުކުރަން ޖެހެނީ އިންސާނުންނާއި ޖަނަވާރުން މުވާޞަލާތުކުރުމުގައި އެއްގޮތްކަމެއް ހުރިކަމެވެ. ނަމަވެސް ތަފާތުބޭނުންތަކު ތަފާތުޙާލަތްތަކުގައި ބޭނުންކުރެވޭ މިންވަރު ތަފާތެވެ.

 

* ޙުސައިން ޙަބީބް، ނ.ފޮއްދޫ

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.