ބުދަ20201014

އާކުރެވުނީ: 08:43:52

ކާމިލްދީދީގެ ''ކަނބުލޮ''

kanbuluދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން، މަލަސްގެ ބާވީސް ވަނަ އަދަދުގެ ގޮތުގައި ނެރުއްވި ''ކަނބުލޮ'' ވާހަކައަކީ ދިވެހި އަދަބިއްޔާތަށް ފަނޑުވުމެއްނެތް ޚިދުމަތްތަކެއްކުރެއްވި އަލްމަރްޙޫމް އަޙްމަދު ކާމިލްދީދީ ލިޔުއްވި ދެވަނަ ވާހަކައެވެ. އެންމެ ފުރަތަމަ ދިވެހިބަހުން ނާވިލެއް (ދިގުވާހަކައެއް) ލިޔުއްވުމުގެ ޝަރަފް ހޯއްދަވާފައިވާ އަދީބު، އަޙްމަދު ކާމިލް ދީދީ މިވާހަކަ 1934 ގައި ލިޔުއްވާފައިވާ ކަމަށް ތާރީޚް ހެކިދިން ކަމަށް ވިޔަސް އަދަބީ ދުނިޔެއަށް މިވާހަކަ ނެރެވިފައިވަނީ ލިޔުނުތާ ފަންސާސް ފަސް އަހަރުފަހުންނެވެ.

ދިވެހިބަހުން ލިޔުނު އެންމެ ފުރަތަމަ ނާވިލާއި ތިންވަނައަށް ވެސް ނާވިލެއް ލިޔުއްވުމުގެ ޝަރަފް ހޯއްދަވާފައިވާ އަހްމަދު ކާމިލްދީދީ ވަނީ ސިލޯނާއި އިންޑިޔާގެ ބައެއް ނޫސް ތަކުގައި އިނގިރޭސި ބަހުންނާއި އުރުދޫ ބަހުން ތަފާތު ލިޔުންތައް ލިޔުއްވާފައެވެ.

ޝައްކެއްނެތެވެ.''ކަނބުލޮ'' ވާހަކަ އަށްބަލާއިރު، މިވާހަކަ ދިވެހީންގެ ދިރިއުޅުމާއި، ދިވެހި މާހައުލާއި އާދަކާދަ އާއި ސަގާފަތާ ގުޅުވާފައިވެއެވެ. ހަމަ އެހެންމެ ކޮންމެ ޒަމާނެއްގައިވެސް މި ވާހަކައިން ޢިބްރަތް ލިއްބައިދިނުމަށް ބާރުއަޅުއްވާފައިވެއެވެ.

މިވާހަކައިގައި ހިމެނޭ މުހިންމު ޝަޙްޞިއްޔަތުތައް ކަމަށްވާ ރީތިފާރުގޭ މުހަންމަދު މަނިކާއި ދޮންދީދީ އެމީހުންނަށް ލިބުނު ހަމައެކަނި ދަރިފުޅު އައިމިނާދީ ތަރުބިއްޔަތުކޮށް ބޮޑުކުރަމުން އައީ އެހެންމީހުނަށް ދެވޭ ފިލާވަޅެއްގެ ގޮތުގައެވެ. ހަމަ އެހެންމެ އައިމިނާދީ އާއި ފޮނިލުބޯގަސްދޮށުގޭ މުހަންމަދުދީދީ އަށް ލިބުނު އިބްރާހީމްދީދީ އަށްވެސް ތައުލީމާއި ތަރުބިއްޔަތު ދިނުމަށް އިންތިހާއަށް މަސައްކަތްކޮށްފައިވެއެވެ. މީގެ އިތުރަށް މިވާހަކައިން ފާހަގަކުރެވޭ ކަންތައްތަކަކީ އާއިލާގައި އަންހެނެއް މަތިވެރި މަޤާމެވެ. ދިރިއުޅުމުގައި އަދާކުރާ މުހިއްމު ރޯލެވެ. ރަނގަޅު ތަރުބިއްޔެއްގެ ފައިދާތަކެވެ.

ވާހަކަޔާ ބެހޭގޮތުން އިތުރަށް ހޯދާލަމާހެއްޔެވެ؟ ވާހަކައިގައި ދޮންދީދީ އާއި މުހަންމަދު މަނިކު، އުފާވެރި ދިރިއުޅުމެއްގައި، ހޭދަކުރަމުން އައީ އެމީހުންނަށް ލިބުނު ހަމައެކަނި ދަރިފުޅު އައިމިނާދީ ތަރުބިއްޔަތުކުރުމުގައެވެ. ނަމަވެސް އެ އުފާވެރި ދިރިއުޅުން ހިތާމަޔަކަށް ބަދަލުވަނީ މުހަންމަދު މަނިކު ނިޔާވުމުންނެވެ. މިކަން މިގޮތަށް ކުރިމަތިވި ނަމަވެސް ދޮންދީދީ، ހިތާމަޔަށް ކެތްކޮށް ދަރިފުޅަށް ރަގަޅު ތަޢުލީމާއި ތަރުބިއްޔަތު ދިނުމަށް ހިތްވަރާއެކު ކުރަމުން ދިޔަ މަސައްކަތުގެ ނަތީޖާއަކަށްވަނީ އައިމިނާދީ އެގޮތުގައި ފުރާފުރިހަމަވުމެވެ.

އައިމިނާދީ ބޮޑުވުމުން، އެތައް ފިރިހެނުންގެ ހިތް ހަލާކުވަމުންދިޔައެވެ. އެތައްބަޔަކު އާމިނާދީއަށް ލޯބި ހުށަހަޅަމުން ދިޔަކަމަށްވިޔަސް އޭނާގެ ހިތަށް ފިނިކަމެއް ހޯދައިދެވޭނީ ހަމައެކަނި ފޮނިލުބޯގަސްދޮށުގޭ މުހަންމަދު ދީދީ އަށް ކަމަށްފެނި ލޯބީގެގޮތުންގުޅެއެވެ. އަދި މި ގުޅުން ފަހުން ކައިވެންޏަށް ބަދަލުވެއެވެ.

މުހަންމަދު ދީދީ އާއި އާމިނާދީދީގެ އުފާވެރި ކައިވެންޏަށްފަހު ދިރިއުޅުމަށް އުފާވެރިކަން ބޮޑަށްގެނުވީ، އެދެމީހުންނަށް ލިބުނު ދަރިފުޅު އިބްރާހީމްދީދީއެވެ. އައިމިނާދީއަށް ލިބިފައިވާ ހުރިހާ ކުލަވަރެއް އިބްރާހީމްދީދީގެ ކިބައިގައި ޖެއްސުމަށް ހިތްވަރާއެކު މަސައްކަތްކުރެވުނެވެ. ތަރުބިއްޔަތާއި ޢިލްމު ލިބިދިނުމުގައެވެ. މިހުރިހާކަމެއް ކުރަމުން ދިޔައީ ދިރިއުޅުމުގެ ބުރަ މަސްއޫލިއްޔަތުގެ ތެރޭގައެވެ. ފިރިމީހާގެ އެންމެހާ އުފާތަކަށް ހުރަސް ނޭޅޭގޮތަށެވެ.އާމިނާދީދީ އާއި މުހަންމަދު ދީދީގެ މި ދިރިއުޅުމުގެ ޙާލަތަށް ބެލިކަމުގައިވިޔަސް ގިނަގުނަ ޢިބްރަތްތަކެއް ލިބިދެއެވެ.

ހަމަ ކޮންމެ ދިރިއުޅުމަކަށްވެސް އުފާވެރިކަން ލިބޭފަދައިން ހިތާމަތަކާވެސް ކުރިމަތިވެއެވެ. މިގޮތުން މިވާހަކައިގައިވެސް އައިމިނާދީ ހުވަފަތްވެ، މާޔޫސްވެއެވެ. ހުވަފަތްވުމުގެ ފުންހިތާމަތައް ކުރިމަތިވީ ލޯބިވާ މަންމަ މަރުވި ހިތާމައަށް ފަހުގައެވެ. ގާތްގާތުގައި މިދެހިތާމަ ކުރިމަތިވުން ވެގެންދިޔައީ އައިމިނާދީއަށް ކެތްތެރިކަމުގެ އިމްތިޙާނަކަށެވެ. ނަމަވެސް މިބޮޑު ހިތާމައަށް ފަހުވެސް އައިމިނާދީގެ ހިތްވަރަކަށްވީ ދަރިފުޅަށް ރަގަޅު ތަޢުލީމަކާއި ތަރުބިއްޔަތެއް ލިބިދިނުމެވެ. އެންމެ ފަހުން އައިމިނާދީ އެކަން ކާމިޔާބުކުރެއެވެ. މިވާހަކައިގައި އައިމިނާދީދީގެ ގެވެހި ދިރިއުޅުމުގެ އިތުރަށް އޭނާގެ މިޒާޖާއި ހިތްވަރު ހާމަކޮށް ދެއްވާފައިވެއެވެ.

''ކަނބުލޮ''އަކީ އަދަބީ ނާވިލެކެވެ.ކާމިލްދީދީގެ ފުރަތަމަ ނާވިލު، ''ރިވާޔަތު މޫސާ ވަޒުލޭޚާ'' އެކޭ އެއްގޮތަށް މިވާހަކައިގައިވެސް ގޮތްހުރި ޒަވާޖީ ހަޔާތެއްގެ މުހިންމުކަން ކިޔުންތެރިންގެ ފޯކަސްއަށް ގެންނަވާފައިވެއެވެ. ހަމަޖެހޭ ދިރިއުޅުމެއްގެ އުފާވެރިކަން ސިފަކޮށްދީފައިވެއެވެ. ޤުރްބާންވުމާއި ދަރީންގެ ތަރުބިއްޔަތު އެއީ ''ކަނބުލޮ'' ވާހަކައިގެ މުހިންމު މައުޟޫތަކެވެ. ''ކަނބުލޮ'' ވާހަކައަކީ ގޮތްހުރި އަންހެނެއްގެ ޢިބްރަތްތެރި ހަޔާތެވެ. ވާހަކައިގެ އަދަބީ ފެންވަރާއި ދިރިއުޅުމުގެ ވައްޓަފާޅި ދަނެގަތުމަށް، އަދި ޝާޢިރީ ޢިޝްޤީ ޚިޔާލަށް ގެނބިލުމަށް ''ކަނބުލޮ'' ވާހަކަ ވިދާޅުވުން މުހިންމެވެ.

 

* ޙުސައިން ޙަބީބް، ނ.ފޮއްދޫ

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.