ލިޔުންތެރިންނަކީ ކޮން ބައެއް؟ ރަނގަޅު ވާހަކަ ލިޔުންތެރިއަކަށް ވުމަކީ އެކަށީގެންވާ ކަމެއް ހެއްޔެވެ؟
- ޢަބްދު ﷲ ނަޢީމު އިބްރާހީމް
- 24 އެޕްރީލް 2004
ވާހަކަ ލިޔަން ބޭނުން ބައެއް މީހުން ކުރާ ސުވާލެއް އޮވެ އެވެ. އެއީ ރަނގަޅު ވާހަކައެއް ލިޔާނީ ކހިނެއް ހެއްޔެވެ؟ މިއީ ޖަވާބެއް ދިނުން ފަސޭހަ ސުވާލެއް ނޫނެވެ. ޖަވާބު ދިނުން އުނދަގޫ އެއް ސަބަބަކީ ރަނގަޅު ވާހަކަ ލިޔަން ދަސް ކޮށް ދިނުން އުނދަގޫ ކަމެވެ.
ވާހަކަ ލިޔުންތެރި އަކަށް ވަނީ ހަމަ އެކަނި ވާހަކަ ލިޔަން އެނގުނީމައެއް ނޫނެވެ. ދުނިޔެ އެކި ދުވަހު ދައްކަމުންދާ ކުލަވަރު ބަލައި، ދަސްކޮށް، އޭގެ މާނަ އެކި ގޮތް ގޮތަށް ނެރެން އެނގުނީމަ އެވެ. މިއީ މީހަކަށް ދަސް ކޮށް ދެވިދާނޭ ކަމެއް ހެއްޔެވެ؟
ލިޔުންތެރިންނަކީ ކޮން ބައެއް؟
ލިޔުންތެރިން ލިޔެފައި ހުން ބޮޑެތި ފޮތް ފޮތް ފެނުނީމާ ލިޔުންތެރިއަކަށް ވުމުގެ ޚިޔާލު ހިތުގައި އުފެދުމަކީ އާދައިގެ ކަމެކެވެ. އެ ފޮތްބަރި ފެނުނީމާ އެންމެ ފުރަތަމަ ހިތުގައި އުފެދޭ ސުވާލަކީ އަހަންނަށް އެ ފެންވަރަށް ލިޔެވިދާނެ ހެއްޔެވެ؟ ނުވަތަ ލިޔުންތެރިއަކަށް ވެވިދާނެ ހެއްޔެވެ؟
ދުނިޔޭގެ އެހެން މަސައްކަތް ތަކެކޭ އެއް ފަދައިން ލިޔުންތެރި ކަމަކީވެސް އެކި މީހުންނަށް އެކި ފެންވަރަށް ލިބިފައިވާ ކަމެކެވެ. އެހެން ނަމަވެސް ލިޔުންތެރި އަކަށް ވާން ބޭނުން މީހަކަށް އެއްވެސް ހުރަހެއް ނެތެވެ. ލިޔުންތެރި އަކަށް އެންމެ ފުރަތަމަ ބޭނުން ވާ ޝަރުޠަކީ އިންސާނަކަށް ވުމެވެ.
ޔުއާން ކާރލޮސް އޮނެއްޓީ ބުނެފައި ވެ އެވެ. "އަހަރެން ލިޔުންތެރި އަކަށް ވަނީ ހަމަ އެކަނި ލިޔާ އިރު އެވެ."
އަޅުގަނޑު ލިޔާތާ މިހާރު ވަރަށް ގިނަ ދުވަސް ވެދާނެ އެވެ. ލިޔަމުން ގޮސް ވަކި ހިސާބަކަށް ދެވުނީމާ ހިތަށް އެރި އެވެ. "އަހަންނަކީ މިހާރު ލިޔުން ތެރި އަކީމެވެ." މި ސުވާލާ އެކު އެހެން ސުވާލެއް ވެސް ހިތަށް އެރި އެވެ. "ލިޔުންތެރިންނަކީ ކޮން ބައެއް ހެއްޔެވެ؟"
ލިޔުންތެރިންނަކީ ލިޔާ މީހުންނެވެ. ވާހަކަ ލިޔުންތެރިންނަކީ ވާހަކަ ލިޔާ މީހުންނެވެ. ރަނގަޅު ވާހަކަ ލިޔާ މީހުންނަކީ ކޮން ބައެއް ހެއްޔެވެ؟ މި ހިސާބަށް އައުމާއެކު ހާސް ވެއްޖެ އެވެ. ހިތަށް އެރި އެވެ. އަހަންނަކީ ރަނގަޅު ލިޔުންތެރިއެއް ހެއްޔެވެ؟ ޖަވާބު ލިބުނެވެ. ނޫނެކެވެ. ދެން ހިތަށް އެރި އެވެ. އެހެން ވެއްޖެއްޔާ އަހަރެން އަދި ލިޔުންތެރިއަކަށް ވެސް ނުވެ އެވެ.
ލިޔުންތެރިޔާ މި ބަހަކީ މާ ފުން މާނައެއް އޮތް ބަހެއް ނޫން ކަން އެނގުނީ ދެނެވެ. (މިއީ އަޅުގަނޑު ޤަބޫލު ކުރާ ގޮތް ކަމުގައި ވިޔަސް ލިޔާ މީހުންގެ ވާހަކަ ލިޔާ އިރު ލިޔުންތެރިޔާ އޭ ލިޔުމަކީ އަޅުގަނޑުވެސް ކުރާ ކަމެކެވެ. އެއީ ނަމެކެވެ.)
ވާހަކަ ކިޔާ މީހުންނާ ސުވާލު ކުރައްވާށެވެ. އެކި މީހުންނަށް ކަމު ދާނީ އެކި ކަހަލަ ވާހަކަ އެވެ. އެހެން ވީމާ އެ ބުނާ ކަހަލަ ރަނގަޅު ވާހަކަ އެއް ލިޔާނީ ކިހިނެއް ހެއްޔެވެ؟ ރަނގަޅު ވާހަކަ ލިޔުންތެރިއަކަށް ވެވޭނީ އެންމެންނަށް ރަނގަޅު ވާހަކައެއް ލިޔެވިގެންނެވެ. މިއީ އަދި މިހާ ތަނަށް ދުނިޔޭގެ އެއްވެސް މީހަކަށް ކުރެވިފައި އޮތް ކަމެއް ނޫނެވެ. އަޅުގަނޑަށް ކަމުދާ ލިޔުންތެރިއަކު އެހެން މީހަކަށް ކަމު ދިއުމަކީ މަޖުބޫރު ކަމެއް ނޫނެވެ.
ރަނގަޅު ވާހަކަ ލިޔުންތެރި އަކަށް ވުމަކީ މުސްތަޙީލު ކަމަކަށް ވަނީ ނަމަ އެހައި ގިނަ މީހުން އެހައި ގިނަ ވާހަކަ ލިޔަނީ ކީއް ކުރަން ހެއްޔެވެ؟ ޖަވާބު ވަރަށް ފަސޭހަ އެވެ. އެ ހުރިހާ އެންމެންވެސް ދަތުރު ކުރަމުން އެ ދަނީ ވަރަށް ދުރުގައި އޮތް މަންޒިލަކާ ދިމާ އަށެވެ. މޮޅު، ރަނގަޅު ވާހަކަ ލިޔުންތެރިއަކަށް ވާން ވެގެންނެވެ.
މުހިއްމު ކަމަކީ އެއީ އެވެ. ދޫ ނުކުރާށެވެ. ދަތުރު ކުރަމުން ދާ އެއް ދުވަހުން އަނެއް ދުވަހަށް މަންޒިލް ގާތް ވާނެ އެވެ.
އަހަންނަށް ލިޔެވިދާނެ ހެއްޔެވެ؟
ރަނގަޅު ނުބައިގެ ވާހަކަ ހުއްޓާލާފާއި ވާހަކަ ލިޔަނީ ކޮން ބައެއްތޯ ބަލާލަމާ ހިނގާށެވެ. ވާހަކައެއް ލިޔެވިދާނެ ބާވައޭ، އެ ހިތްވަރާއި، ފެންވަރު އެބަހުރިހޭ ހިތަށް އަރާ ނަމަ އެ ކަން ކަށަވަރު ކުރަން އޮތީ އެންމެ ގޮތެކެވެ. އެއީ ލިޔުމެވެ. ފަހުން އެ ވާހަކަ ކިޔާ އިރު ކުރެވިފައި މި އޮތީ ރަނގަޅު މަސައްކަތެއް ބާވައޭ ހިތަށް އަރާ ނަމަ އަމިއްލަ ނަފްސާ މުޚާޠަބް ކޮށް ތިރީގައި މިވާ ސުވާލުތައް ކުރައްވާށެވެ.
ފޮތް ކިޔުމަކީ އަހަރެން ކުރާ ހިތްވާ ކަމެއް ހެއްޔެވެ؟
ހިތާމަ އަކާ ނުވަތަ މޮޅިވެރި ކަމަކާ ދިމާވީމާ އަހަންނަށް ކަރުދާހާއި، ގަލަމުގެ މަތިން ހަނދާން ކުރެވޭ ހެއްޔެވެ؟
އެހެނިހެން މީސް މީހުންގެ ދިރި އުޅުމާ މެދު އެއްވެސް ކަހަލަ ޝައުޤުވެރި ކަމެއް ހުރޭ ހެއްޔެވެ؟
އަހަރެންގެ ލިޔުން ރަނގަޅު ވެގެން ދުވަހަކުވެސް މީހަކު ތަޢުރީފު ކޮށްފައި އެބަ އޮތް ހެއްޔެވެ؟
ލިޔުންތެރިންނަކީ އުޅޭ ބައެއް ނޫން ކަމަށް ވިޔަސް، މިހާ ތަނަށް ލިޔެވިފައިވާ ފޮތުގެ ޢަދަދާއި، ލިޔުންތެރިން ކަމަށް ބުނާ މީހުންގެ ޢަދަދު ހިމަނައިފި ނަމަ އެ ދެބައިގައި މާ ބޮޑު ތަފާތެއް ހުންނާނެ އެކޭ ހިއެއް ނުވެ އެވެ. ކޮންމެ ގޮތެއް ވިޔަސް އެ މީހުންގެ ތެރެއިން ގިނަ މީހުން މަތީގައި ބަޔާން ކުރެވުނު ހުރިހާ ސުވާލަކަށް އާނއެކޭ ބުނާނެ އެވެ.
ފޮތް ކިޔުން
ޅަ އިރުއްސުރެ ފޮތް ކިޔާ މީހަކަށް ވުމަކީ މަޖުބޫރު ކަމެއް ނޫނެވެ. އެހެން ނަމަވެސް ލިޔަން ބޭނުމިއްޔާ ކިޔަންވެސް ވާނެ އެވެ. މިއީ މަޖުބޫރު ކަމެކެވެ.
ފުރަތަމަ ސަބަބަކީ ތިބާ އަކީ އާ ލިޔުންތެރިއަކަށް ވިޔަސް، ބާ ލިޔުންތެރި އަކަށް ވިޔަސް ލިޔުންތެރި ކަމުގައި ފުންނާބު އުސް، ތަޖުރިބާ ކާރުން ތިބާގެ ލިޔުންތައް ކިޔާނެ އެވެ. އަދި އެ ލިޔުންތަކަށް ފާޑުވެސް ކިޔާނެ އެވެ. ކިޔުންތެރިންވެސް އެ ލިޔުން ތަކަށް ފާޑު ކިޔާނެ އެވެ. ލިޔުމެއް ލިޔެފައި އެ ލިޔުން މިވެނި ބޭފުޅަކު މިހާރު ވިދާޅު ވާނެއޭ، އެ ބޭފުޅަކު ވިދާޅު ވާނީ ކީކޭ ބާވައޭ ހިތަށް ނާރާ ލިޔުމެއް އަޅުގަނޑަކަށް މިހާ ތަނަކަށް ލިޔެވިފައެއް ނެތެވެ.
ފޮތް ކިޔަން ޖެހޭ ދެވަނަ ސަބަބަކީ އެހެން މީހުންގެ ލިޔުން ތަކުން ފިލާވަޅު ލިބި ގަތުމެވެ. އެކި ލިޔުންތެރިންގެ ވައްޓަފާޅި އާއި، ބަހުރުވަ ހުންނަ ގޮތް ބެލުމަކީ މުހިއްމު ކަމެކެވެ. މީހުންގެ ލިޔުންތައް ކިޔަމުން އަލަށް ލިޔަން ފަށައިގަންނަ އިރު ނަކަލު ކުރެވޭ ގޮތް ވުމަކީ އެކަށީގެންވާ ކަމެކެވެ. ހަމަ ކަށަވަރުންވެސް އަޅުގަނޑަށް މެދުވެރިވީ މި ކަހަލަ ގޮތެކެވެ. އެހެން ނަމަވެސް ހިތްވަރު އެލުވައިލުމުގެ ބޭނުމެއް ނެތެވެ. އެއީ ވަގުތީ ކަމެކެވެ. މިހާރު އަޅުގަނޑު މި ވަނީ އިރާދަ ކުރެއްވީތީ އަޅުގަނޑުގެ ސިކުނޑިއަށް ބާރު ފޯރުވި ބައެއް ލިޔުންތެރިންގެ ނުފޫޒުން ސަލާމަތް ވެފަ އެވެ. މިހާރަކު ނަކަލެއް ނުކުރަމެވެ.
އެހެން ލިޔުންތެރިން ނަކަލު ކުރާށެވެ. ޚިޔާލު ނަކަލު ކުރާށެވެ. އެކަމަކު ބަސްތައް ނަކަލު ނުކުރާށެވެ. އަދި މަޑު މަޑުން މަސައްކަތް ކުރަމުން ގޮސް މިނިވަން ވާށެވެ. އަމިއްލަ ގޮތް ކުރިއަށް ނެރޭށެވެ. މިއީ ކުރެވިދާނޭ ކަމެކެވެ.
ކާމިޔާބީ އަށް ބޭނުންވާ ތިން ސިފަ
މޮޅު ލިޔުންތެރިއަކަށްވެ، ލިޔުންތެރި ކަމުގެ ރޮނގުން ކާމިޔާބީ ހޯދަން ބޭނުން ނަމަ ކޮންމެހެން ހުންނަން ޖެހޭ ތިން ސިފައެއް ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ. އެއީ ނަޞީބާއި، ހުނަރާއި، ބުރަ މަސައްކަތެވެ. ނަޞީބަކީ ކަތީބަކު ދޭ އެއްޗެއް ނޫނެވެ. މާނައަކީ ތިމާގެ ބާރު ފޯރާ ފަށުގައި އޮތް އެއްޗެއް ނޫނެވެ. އެކަމަކު ނަޞީބަކީ ބައެއް މީހުން ޤަބޫލު ކުރާ އެއްޗަކަށް ނުވެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ނަޞީބޭ މި ކިޔަނީ ބުރަ މަސައްކަތުން އަމިއްލަ އަށް ހޯދައިގަންނަ އެއްޗަކަށެވެ.
ދެވަނަ ސިފަ އާދެ، ހުނަރަކީ ކުރާ މަސައްކަތަށް އިތުރު ސިފައެއް ގެނެސްގަތުމެވެ. އޮފު އަރުވައި ކުލަ ޖެއްސުމެވެ. އެހެން ނަމަވެސް އޮފު އެރުވޭނީ ނުވަތަ ކުލަ ޖެއްސޭނީ ތިމާއަށް ލިބިފައިވާ އެއްޗެއްގަ އެވެ. ހުނަރަކީވެސް ތިމާގެ ކިބައިގައި ހުންނަން ޖެހޭ އެއްޗެކެވެ.
ބޭނުން ގޮތަކަށް ހަދަން ނުވަތަ ބޭނުން ކުރަން މުޅިން ލިބިފައިވާ ހަމަ އެކަނި އެއްޗަކީ ބުރަ މަސައްކަތެވެ. މޮޅަށް ލިޔުމަކީ ކުޅޭ ކުޅިވަރެއް ނޫނެވެ. ބައެއް ފަހަރަށް ޚިޔާލުތައް އަޅުގަނޑުމެންނާ ދިމާއަށް އޮހި ގަނެ އެވެ. އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ އަވަހަށް ގަލަމާއި، ކަރުދާހާ ހިފައިގެން އިށީނުމެވެ. އެކަމަކު ގިނަ ފަހަރަށް މި ކަން ވެފައި އޮންނަނީ އުނދަގުލާއި، ބުރަ އުފުލަން ޖެހޭ ކަމަކަށެވެ. ވާހަކަ ލިޔާ މީހުން ކޮންމެ ވާހަކައެއް ލިޔަނީ މި ދެންނެވި ގޮތަށް ކުއްލިއަކަށް އޮހިގަންނަ ޚިޔާލު ތަކަކުން ކަމަށް ވީ ނަމަ ބާޒާރުން އެހައި ގިނަ ވާހަކައެއް ނުފެނުނީހެވެ.
ހަކަތައިގެ މުހިއްމުކަން
ވާހަކަ ލިޔުމަކީ ހަކަތަ ބޭނުންވާ ކަމެކެވެ. ދިގު ވާހަކައެއް ލިޔުމަކީ ދުވުން ކަހަލަ ކަމެކެވެ. ވަރުބަލި ވެގެން ހުއްޓެން ޖެހެ އެވެ. އެއް ހަފްތާ، ދެ ހަފްތާ އަށް ދެ ހަފްތާ މަހަކަށް، މަސް ދުވަސް އަހަރަކަށް ބަދަލު ވެގެން ދަނީ ދުވުމުގަ އެވެ. ރޭސް ނިންމާތަން ކިރިޔާ ލޮލު ކޮޅަށް ފެންނަނީ އެވެ. ނިންމާ ތަނާ ވަރަށް ކައިރިވާ ފަހުން، ބައެއް ފަހަރަށް ތިމާ އަށް އާދެވުނީ ނުބައި މަގަކުން ކަމަށް ވެގެން އަލުން ފަށަން ޖެހޭތަން ވެސް އާދެ އެވެ. ވާހަކަ ލިޔުމަކީ ކަނޑައެޅިފައި އޮންނަ ވަކި ނިމުމަކާ ހަމަޔަށް ކުރާ ދަތުރެއް ނޫނެވެ. އެ ދަތުރަކީ ނިމުމެއް ނެތް ދަތުރަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ވާހަކައެއް ފަށައިގެން ނިންމާލެވޭނޭ ކަމުގެ ޔަޤީންކަން ދިނުމަކީ އެކަކަށްވެސް ކުރެވޭނޭ ކަމެއް ނޫނެވެ.
ހިތްވަރު
ހަކަތަ އެކޭ އެއްފަދައިން ހިތްވަރަކީވެސް ވާހަކަ ލިޔަން ބޭނުން އެއް ބައެވެ. ވާހަކަ ލިޔަން ހިތްވަރު ބޭނުން ވަނީ ކީއްވެގެން ބާވައެވެ؟
އެއްވެސް މީހަކު ތިބާގެ ވާހަކަ ލިޔެ ދޭކަށް ނާންނާނެ އެވެ. ވާހަކަ އެއް ލިޔެވޭނޭ ގޮތަކީ ކަރުދާހާ ގަލަމާ ހިފައިގެން އިށީނދެ ލިޔަން ފެށުމެވެ. ލިޔުންތެރިންނަކީ ލިޔާ މީހުންނެވެ. ލިޔުމުގެ ޚިޔާލު ސިކުނޑީގައި ބާއްވައިގެން ޚިޔާލީ ފޮލާ ކައްކާ މީހުންނެއް ނޫނެވެ. ވާހަކަ ލިޔަމުން ގޮސް އުނދަގޫ މަރުޙަލާ އަކާ ހަމަޔަށް އާދެވިއްޖެ ނަމަ، ނުވަތަ ހަދާނޭ ގޮތެއް ނޭނގި ބުއްދި ޙައިރާން ވެއްޖެ ނަމަ އެހީތެރިވެ ދޭން ހުންނާނީ އެންމެ މީހެކެވެ. އެއީ ޚުދު ތިބާ އެވެ. އެހެންވީމާ މަސައްކަތް ކުރާ ހިތް ނުވާ ވަގުތުތަކުގައި މަސައްކަތް ކުރަން ތިމާގެ ނަފްސު ހާނުވާށެވެ. ކޮއްޕާ ވައްޓާލީމާވެސް ތެދުވެ، ވެލި ފޮޅާލާފައި ވާހަކަޔާއިގެން ހިނގައި ގަތުމާއި، އަމިއްލަ ނަފްސަށް އިތުބާރު ކުރުމަކީ ހިތްވަރު ހުރެގެން ކުރެވޭނޭ ކަމެކެވެ.
ވާހަކަ ލިޔާ ހިތްވާ މީހުން ބައިވަރު އުޅެ އެވެ. ޚިޔާލީ ފޮލާ ކައްކާ މީހުން ހިމަނައި ނުގަނެވޭ ވަރަށް އުޅެ އެވެ. އެކަމަކު ލިޔާ މީހުން އެހައި ގިނައެއް ނޫނެވެ. އެހެންވީމާ ލިޔަމުން ދާއިރު އަމިއްލަ އަށް ހިތްވަރު ލިބިގަންނާށެވެ. އަމިއްލަ ބުރަކަށީގައި ފިރުމާލާފައި ސާބަހޭ ބުނާށެވެ. ނުވަތަ ތިމާއަށް ހިތްވަރު ދޭނޭ މީހަކު ހޯދާށެވެ. އޭރުން ތިމަން މިއީ ލިޔުންތެރިއެކޭ ހިތަށް އަރާނެ އެވެ!
ކުރެވިދާނޭ ބައެއް ކަންތައްތައް
1. ސިޓީއެއް ލިޔާށެވެ. އެޑްރެސް ކުރާނީ އަމިއްލަ ނަފްސަށެވެ. އެ ސިޓީގައި ތިމާ ލިޔަން ބޭނުންވާ ސަބަބު ސާފުކޮށް އިޚްލާޞްތެރި ކަމާ އެކު ބަޔާން ކުރާށެވެ. ސިޓީ ކޮންމެވެސް ތަނެއްގައި ރައްކާ ކޮށްފައި ބާއްވާށެވެ. ހިތްވަރު އެލޭ ގޮތް ވާ ކޮންމެ ފަހަރަކު އެ ސިޓީ ކިޔާލާށެވެ.
2. އެންމެ ކިޔާ ހިތްވާ ވާހަކަ އަދި އެއް ފަހަރު ކިޔާލާށެވެ. އޭގެ ފަހުން އެ ފޮތް ކިޔާ ހިތްވީ ސަބަބާ މެދު ވިސްނާލާށެވެ. އެ ފޮތުން އެއްވެސް ކަހަލަ ހުނަރެއް ނުވަތަ ފާހަގަ ކުރެވޭ ކަމެއް ފެނޭތޯ ބަލާށެވެ.
3. ހަކަތަ އިތުރު ކުރަން އޮންނަ އެންމެ މޮޅު ގޮތަކީ ވަގުތު ކަނޑައަޅައިގެން ލިޔުމެވެ. މިއީ ވަރަށް ފަސޭހަ ކަމެކެވެ. ކޮންމެ ދުވަހަކު ލިޔަން ގަސްތު ކުރާ ވަގުތެއް ކަނޑައަޅާށެވެ. މިވެނި ގަޑިއެއްގައި ދިހަ މިނިޓް ނުވަތަ އެއް ގަޑި އިރު ނުވަތަ އެއަށްވުރެވެސް ގިނަ އިރުވާންދެން ލިޔަން ކަނޑަ އަޅާށެވެ. ދެން ކިތަންމެ ބޮޑު ކަމެއް ދިމާ ވިޔަސް ހަނދާން ނައްތާ ނުލައި އެ ވަގުތު އައިސް ޖެހުނީމާ ލިޔަން އިށީންނާށެވެ. ހިތަށް އެރި ކޮންމެ އެއްޗެއް ލިޔާށެވެ. ރޭ ފެނުނު ހުވަފެން ލިޔެލާށެވެ. އިއްޔެ ބައްދަލުވީ މީހެއްގެ ވާހަކަ ލިޔެލާށެވެ. ނިދާ ކޮޓަރީގެ ވާހަކަ ލިޔެލާށެވެ. ލިޔާނޭ އެއްޗެއް ނޭނގި ޙައިރާން ވެއްޖެ ނަމަ އެ ވާހަކަ ލިޔެލާށެވެ.
އަލަށް ލިޔަން ފަށާ މީހުން ވަރަށް އަވަހަށް ވަރުބަލިވާ ގޮތް ވެ އެވެ. އެހެން ވާނަމަ ލިޔަން ކަނޑަ އަޅާ ވަގުތު ކޮޅު މާ ދިގު ނުކުރާށެވެ. ދުވަސް ވާ ވަރަކަށް ދިގު ކުރަމުން ގެންދާނީ އެވެ. ލިޔަން ކަނޑަ އަޅާ ވަގުތު ތަފާތު ކުރުމަކީވެސް މުހިއްމު ކަމެކެވެ. ބައެއް ދުވަސް ދުވަހު ހެނދުނު، ބައެއް ދުވަސް ދުވަހު ހަވީރު، މިހެން ގޮސް އެކި ދުވަސް އެކި ވަގުތަށް ބަހާލާށެވެ. މި ގޮތަށް ލިޔާ އިރު ހަނދާން ބަހައްޓަން ޖެހޭ ދެ ކަމެއް އެބަ އޮތެވެ.
ފުރަތަމަ ކަމަކީ ލިޔަން ކަނޑަ އަޅާ ވަގުތު ހަމަ ވާންދެން ލިޔުމެވެ. އެ ވަގުތަށް ވުރެ އިތުރަށް ލިޔުމުގެ މައްސަލައެއް ނެތެވެ. އެކަމަކު އެ ވަގުތަށް ވުރެ ކުރު ކޮށްގެން ނުވާނެ އެވެ. ދިހަ މިނިޓް ވާންދެން ލިޔަން ކަނޑަ އަޅާފައި ނުވަ މިނިޓުން ހުއްޓާލައިގެން ނުވާނެ އެވެ. އެގާރަ މިނިޓް ވާންދެން ލިޔުނަސް އެންމެ ރަނގަޅެވެ.
ދެވަނަ ކަމަކީ ލިޔުނު ތަން ނުކިޔުމެވެ. ލިޔެ ނިންމާފައި އެ ބައި ކިޔައިގެން ނުވާނެ އެވެ. އަވަހަށް ރައްކާ ކޮށްފައި ބާއްވާށެވެ. ކިޔާނީ ދިހަ ވަރަކަށް ދުވަސް ފަހުންނެވެ. މިހެން ނުހަދައިފި ނަމަ ސިކުނޑިއަށް ވަންނަ ޚިޔާލުތައް ކަނޑައެޅިގެން ވަކި މިޞްރާބަކަށް ދަތުރު ކުރަން ފަށާފާނެ އެވެ. އެހެން ވެއްޖެ ނަމަ ޚިޔާލު ގެ ދާއިރާ ހަނިވެގެން ގޮސް އެންމެ ފަހުން ވަކި ހިސާބެއްގައި ހުއްޓިދާނެ އެވެ.
ގުޅުންހުރި: