އާދީއްތަ20181111

އާކުރެވުނީ: 08:43:52

'ރާ' ގެ ޙުކުމް

raage-hukum"ރ" ގެ އަޑަކީ ދިވެހި ބަހުގައި ވަރަށް ގިނައިން އިވޭ، އަދި ވަރަށް ނުފޫޒުގަދަ އަޑެކެވެ. ދިވެހި ބަހުން ރަނގަޅަށް ވާހަކަދައްކާ އިރު، ވަންހަނާ ނުކޮށް، ސާބިތުކަމާ އެކު އަދާކުރެވޭ ގަދަ އަކުރުތަކު ތެރޭގައި މި އަކުރު ހިމެނެއެވެ. އަދި ދިވެހިބަހުން ވާހަކަދެއްކުމުގައި ނުކުޅެދުންތެރިކަމެއް ހުރި މީހަކަށް މިއީ ކިޔަން އުނދަގޫ އަކުރެކެވެ. އެގޮތުން އަލަށް ވާހަކަދައްކަން ފަށާ ކުޑަކުދީންނަށް ނުބައިކޮށް ކިޔޭ އެއް އަކުރަކީ މިއެވެ. ބޮޑު މީހަކު ކުޑަކުއްޖަކާ އެއްފަދައިން ޅަވެގެން ވާހަކަދައްކާ ނަމަ މި އަކުރު ލާމަކަށް ހަދާލައިގެން ކިޔައެވެ. މާނައަކީ ދިވެހި ބަހުން ރަނގަޅަށް މީހަކަށް ވާހަކަދައްކައި ގަނެވެން ފެށެނީ ރާ ގެ އަޑު ކިޔަންވާ ގޮތަށް ކިޔަން ފަށާ ހިސާބުންނެވެ. ވީމާ މިއީ ދިވެއްސެއްގެ ދޫ ބާލިޣްވެއްޖެކަމުގެ އެއް ޢަލާމާތެވެ.

މިހިސާބުން ދެން އަޅުގަނޑު ފާހަގަކޮށްލާނީ، ދިވެހި ބަހަށް ވަދެފައި ހުރި ރާ ހިމެނޭ އިނގިރޭސި ބައެއް ލަފްޒުތަކެވެ އެއީ : "ކާރު، ކަވަރު، ޕަވަރު، ޓަވަރު، ޑޮކްޓަރު، ނަރުސް، ކީޕަރު، އިސްޕީކަރު، މިނިސްޓަރު، ރާޑަރު، ފަރުނީޗަރު" އަދި މި ނޫނަސް، "ސިފްޓަރު، ނުވަތަ ޝިފްޓަރު، މޯޓަރު، ކޯލާވަޓަރު، ބަޓަރު، ލައިޓަރު، ކަޓަރު" މިހެން ގޮސް، ރާ އުބުފިލި ހިމެނިފައި ހުރި ކިތައްމެ ބަހެކެވެ. މައިގަނޑު ގޮތެއްގައި ނިމޭ ތަން އެގޮތަށް އޮތުމެވެ.

މިއީ ޙަޤީޤީ ދިވެހި ލަފްޒުތައް ވެސް ވަރަށް ގިނައިން ނިމިފައި ހުންނަ ގޮތެކެވެ. މިސާލަކަށް:

"މަރު، ވަރު، ފަރު، ފަހަރު، ދަބަރު، ކޮތަރު، ވަކަރު ، ބިގަރު" މިހެންގޮސް..

އާދެ، ކުރިން ފާހަގަކޮށްފައި އެހެރަ އިނގިރޭސި ލަފްޒުތަކަކީ އިނގިރޭސި ބަހުން ވާހަކަދައްކާ އިރު، އޭގައި އެވާ ރާ ގެ އަޑު ފާޅު ނުވާ ލަފްޒުތަކެކެވެ. އެ ބަހުން ކިޔާ އިރު އެ ލަފްޒު ތައް ކިޔާ ގޮތަކީ، "ކާ، ކަވާ، ޕަވާ، ޓަވާ، ޑޮކްޓާ، ނާސް، ކީޕާ، ސްޕީކާ، މިނިސްޓާ، ރާޑާ، ފާނިޗާ" މިފަދައަކުންނެވެ. ސަބަބަކީ މި ފަދަ ތަންތަނުގައި އިނގިރޭސި ބަހުން ވާހަކަ ދައްކާ އިރު، ޚާއްޞަކޮށް، އިނގިރޭސި ވިލާތު ބަހުރުވައިގައި، އޭގެ އަޑު ވަންހަނާވާތީއެވެ.

މީގެ އިތުރުން، ބައެއް ރަށްރަށަށް ކިޔާ ނަންތައް ވެސް، ރާ އުބުފިއްޔަކަށް ނިމިފައި ހުންނަ އިރު، އިނގިރޭސި ބަހުގައި އެ ނަންތައް ކިޔާއަޑު އިވެނީ ވަރަށް ތަފާތު އެހެން ފާޑަކަށެވެ.

މިސާލަކަށް: ސިންގަޕޫރަށް ސިންގަޕޯ، އަދި ބެންގަލޫރަށް ބެންގަލޯ، ނުވަތަ، ކަޝްމީރަށް ކަޝްމިޔާ ފަދަ ގޮތަކަށެވެ.

އަދި ކޮބައިތޯއެވެ؟ މީސްމީހުންނަށް ކިޔާ ނަންނަމުގައި އޮންނަ ރާ ވެސް، އިނގިރޭސި ބަހުން ކިޔާ އިރު، ވަންހަނާކޮށްލެވެއެވެ. އެއީ ދިވެހި ނަމަކަށް ވިޔަސް ޢަރަބި ނަމަކަށް ވިޔަސް އިޓަލީ ނަމަކަށް ވިޔަސްއެވެ. ޢަރަބި ބަހާއި އިޓަލީ ބަހުގައި ރާ ގެ އަޑަކީ ނުހަނު ފާޅުކަން ބޮޑު ގޮތެއްގައި އަދާކުރެވޭ އަޑެއްކަމުގައި ވާ އިރު ވެހެވެ. ޚާއްޞަކޮށް އިޓަލީ މީހުންނަކީ ރާ އަދާކުރުމުގައި އެ އަޑު ރަނގަޅަށް ތުރުތުރުލައްވާފައި ކިޔާ ބައެކެވެ.

ދިވެހިންނަކީ މިއަދު އިނގިރޭސި ބަހަށް ވަރަށް ހުޝިޔާރު ބަޔަކަށް ވެއްޖެއެވެ. އަދި އޭގެ އިތުރުން، ދިވެހިންނަކީ އިނގިރޭސި ބަހުން ވާހަކަ ދައްކާ އިރު، ވީހާ ވެސް ބޮޑަކަށް އޭގެ އަސްލު މަޚްރަޖުން ވާހަކަދެއްކޭތޯ މަސައްކަތްކުރާ ބައެކެވެ. އެއީ އެކަން ކުރަން އެންމެ ރަނގަޅު ގޮތް ވެސް ތޯއްޗެކެވެ.

އެހެންނަމަވެސް، އިނގިރޭސި ބަހުގެ ޤާނޫނަކީ، ދިވެހި ބަހުގައި ހިނގާނޭ އެއްޗެއް ނޫނެވެ. އަދި އެގޮތަށް ކަންތައް ކުރަން އުޅުމީ ދިވެހި ބަހަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ، އަދިކިއެއްތަ ކުރާނެ ކަމެކެވެ. ވީމާ، ތިމާއަށް ކިތައްމެ މޮޅަށް އިނގިރޭސި އެނގުނުކަމަށް ވިޔަސް، އަޅުގަނޑު ކުރިން އިޝާރާތްކޮށްފައި އެވާ ފަދަ، މާ ކުރީން ސުރެ ވެސް ދިވެހި ވެފައިވާ ދިވެހި ލަފްޒުތައް އަލުން ބަލުން، އިނގިރޭސި ޤާނޫނަށް ފައްތައިގެން ކިޔުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ.

އިނގިރޭސި ބަހުގެ އަހުލުވެރީން ވެސް، އެ ބަހުން ވާހަކަ ދައްކާ އިރު، އެހެން ބަހެއްގެ ލަފްޒެއް ބޭނުންކުރަން ޖެހުނަސް އިނގިރޭސި ވިންދާ ޚިލާފަށް ބޭނުމެއް ނުކުރާނެއެވެ. އޭގެ ހެތްކަކީ، ދެންމެ މި ދެންނެވި ޤައުމުތަކަށް ކިޔާ ނަންނަމެވެ. ޙަޤީޤަތުގައި، ސިންގަޕޫރު ގެ އަސްލު ނަމަކީ ސިންގަޕޯއެއް ނޫނެވެ. ރަނގަޅަށް މި ކިޔަނީ ހަމަ ދިވެހިންނެވެ. ހަމަ އެފަދައިން، ބެންގަލޫރުގެ ނަން ވެސް، ތަނުގެ އަހުލުވެރިން ކިޔާ ގޮތަށް މި ކިޔަނީ ދިވެހިންނެވެ. އިނގިރޭސިއަކުން ނޫނެވެ. ކަޝްމީރު ގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ވެސް ނެތެވެ.

އެހެން ނަމަވެސް، މިއަދު އިނގިރޭސި ބަހަށް ހުޝިޔާރު ދިވެހިން، މި ދެންނެވި ނަންތައް ވެސް، އޭގެ އަސްލު ޞައްޙަ ގޮތް ދޫކޮށްލުމަށް ފަހު، ކިޔޭތޯ މި ބަލަނީ އިނގިރޭސި ބަހުން ކިޔާ ގޮތަށެވެ.

ދިވެހިން މިހާ ބޮޑަށް އިނގިރޭސި ބަހަށް ފަރިތަވެފައި އޮތް ޒަމާނެއްގައި، މިހާރު އަލަށް މި ޒާތުގެ އިނގިރޭސި ބަހެއް ދިވެހި ބަހަށް ތަޢާރަފްވާ އިރު، އެއްކަލަ ރާގެ އަޑު ނީއްވައި ދިވެހި ބަހަށް އެ ބަސް ވަނުމަކީ ވަރަށް ޠަބީޢީ ކަމެކެވެ. މިފަދަ ތަންތަނުގައި އަޅުގަނޑު ޝަކުވާކުރާކަށް ނެތީމެވެ.

މިހެން ދެންނެވިޔަސް، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިހާރު ދިވެހިވަމުން މި ދާ އާ ލަފްޒުތައް ވެސް ދިވެހިވާން އެންމެ ރަނގަޅުގޮތަކީ، ހަމަ ކުރިން ވެސް އެކަން ވަމުން އައި ގޮތެވެ. އާ ގޮތް ދުލަށް ފަސޭހައޭ ހީވިއަސް، ރާ ގެ އަޑަކީ ދިވެހި ބަހުގައި އެހާ ނުފޫޒުގަދަ އަޑަކަށްވާ އިރު އެކަމަށް އިޙްތިރާމްކުރުމުގެ ގޮތުންނެވެ. އަދި ޒަމާން ބަދަލު ވިޔަސް، އުސޫލު ބަދަލުވާން ނުޖެހޭތީއެވެ.

މިގޮތަށް އަލަށް ވަންނަކަމަށް މި ބުނާ ބައެއް ބަސްބަހުގެ މިސާލަކީ: ކޯސް، ވައުޗާ، ނިއުސްކާސްޓާ، މިފަދަ ބައެއް ލަފްޒުތަކެވެ. މިދެންނެވި ހުރިހައި ލަފްޒެއް މިހާރު މިއޮތީ ދިވެހި ބަހަށް މުޅިން ވަދެފައި އެކޭ އަޅުގަނޑު ނުދަންނަވާނަމެވެ. އެހެންނަމަވެސް، މިއީ މިހާރު ދިވެހީން ވަރަށް ޢާއްމުކޮށް ބޭނުންކުރަމުން އަންނަ ނަންތަކެކެވެ.

މިހާރަކަށް އައިސް ދިވެހި ބަހަށް ވަންނަ ލަފްޒުތަކޭ ދެންނެވިޔަސް، "ކޯސް" "ތަމޯމީޓަރު" ފަދަ ބަސްބަހަކީ ތަންކޮޅެއް ކުރިން ވަދެފައި ހުރި ބަސްބަހެވެ. އެހެން ކަމަށް ވާނަމަ މި ދައްކާ ވާހަކަ އެބަ ތަޢާރުޒު ވެއެވެ. ވީމާ މިއީ ވިސްނާލުން ރަނގަޅު ނުކުތާއެކެވެ. އެހެންކަމުން، މިކަމަށް ކަޅިއެއް އެއްލާނަމެވެ.

އަޅުގަނޑަށް ވިސްނޭ ގޮތުން، މި ފަދަ ބަސް ބަހުގައި ރާ ކަނޑާލެވިފައި މި ވަނީ އެއީ ޢިލްމީ ދާއިރާއިން ދިވެހި ބަހަށް ވަދެފައި ހުރި ލަފްޒުތަކަކަށް ވާތީއެވެ. ޢިލްމީ ދާއިރާއިން މި ފަދަ ބަސް ބަސް ދިވެހި ބަހަށް ތަޢާރަފުވެގެން އަންނާނީ އިނގިރޭސި ތަޢުލީމުގެ ތެރެއިން ކަމަށްވެފައި، އެ ބަސްބަސް ބޭނުންކުރައްވަން ފެއްޓެވި ތަޢުލީމު ޔާފުތާގެ ބޭފުޅުންނަށް އޮންނާނީ އިނގިރޭސި ބަހުން އެ ފަދަ ލަފްޒުތައް ކިޔާ ގޮތް އެނގިފައެވެ. އަދި އިނގިރޭސި ބަހާ ބީރެއްޓެހި ޢާއްމު މީހުންގެ ދުވަހު މުޢާމަލާތްތަކުގައި އެފަދަ ލަފްޒުތައް ބޭނުންކުރާން ނުޖެހޭނެތީ، އެއީ ޚާއްޞުންގެ ދާއިރާގައި ޤައިދުވެވިފައި އެތައް ޒަމާނަކު ހުރި ލަފްޒުތަކެކެވެ. އެހެން ނޫން ނަމަ، ތަރުމޯމީޓަރު ގެ "ތަރުމޯ" މިތަންކޮޅުގައި މި ވާ، ރާ ކަނޑާލެވުނު ގޮތަށް، "ތަރުމޯޒު" ން ރާ ކަނޑައި ނުލެވިއެއް ނޯތީހެވެ. އަދި ތަރުމޯމީޓަރު މި ލަފްޒު އެކުލެވިގެން ވާ ފަހަތު ބައިގައި އެވާ، "މީޓަރު" ގެ ރާ ކަނޑައިނުލެވި އެ އޮތީ، މީޓަރަކީ، މާ ކުރީން ސުރެ ޢިލްމީ ނޫން ގޮތެއްގައި ދިވެހި ބަހަށް ވަދެފައި ވާ ލަފްޒެއްކަމުންނެވެ.

ރާ ކަނޑާލުމަށް ފަހު މި ގޮތަށް ބަހެއް ތަޢާރަފުވެއްޖެ ޙާލަތެއްގައި ވިސްނާލަން ޖެހޭ އެހެން ނުކުތާއެއް އެބަ އޮތެވެ. އެއީ، އެފަދަ ލަފްޒެއް ޢާއްމު ޙާލަތަށް އަނބުރާލާ އިރު، ރާ އެއްގައި ފިލި ނުޖެހުމެވެ. މި ދެންނެވީ، އަޅުގަނޑުމެން ދިވެހި ބަހުން ކިޔަނީ "ވައުޗާ" ކަމަށް ވަންޏާ، އެ ލަފްޒު ޢާއްމުކުރާ އިރު، "ވައުޗަރެއް" ކިޔައިގެން ނުވާނެ ވާހަކައެވެ. ކިޔަން ޖެހޭނީ "ވައުޗާއެއް" މިހެންނެވެ.

ސަބަބަކީ، ދެމޭ އަކުރަކަށް ނިމޭ ލަފްޒެއް ޢާއްމު ޙާލަތަށް ފުރޮޅާލާއިރު، އެ ލަފްޒުގެ ފަހަތަށް އިތުރުކުރެވޭ "އެއް" ގެ ފުރަތަމަ އަލިފު އެހެން އަކުރަކަށް ބަދަލުވާ ނަމަ އެ އަކުރަކީ ހަމަ އެކަނި ލާމު ކަމަށް ވުމެވެ. އޭގެ މިސާލަކީ: ރިޔާ، ރިޔަ-ލެއް މިއެވެ. ލާމަކަށް ބަދަލު ނުވާ ނަމަ މިސާލަކީ: ފިޔާ، ފިޔަ-އެއް މިއެވެ. މި މިސާލުގައި މި އޮތް އަލިފު ގެ ބަދަލުގައި ޔާއެއް ބޭނުންކުރިޔަސް، އަސްލަކީ ހަމަ އަލިފެވެ. ދެން، މި ޓީމަށް "ރާ" އެތެރެކުރާނެ ޖާގައެއް އެބަ އޮތްތޯއެވެ؟

މި ގޮތަށް ރާ ބޭނުންކުރާ ނަމަ މާނައަކީ، ދިވެހި ބަހުގައި ރާ އަކީ އިނގިރޭސި ބަސް ފަދައިން ވަންހަނާކުރެވޭ އެއްޗެކަށް ހެދުމެވެ. އެކަން އެނގެނީ، ޚާއްޞަ ޙާލަތުގައި ނެތް އަކުރެއް ޢާއްމު ޙާލަތުގައި ފާޅުވީމާއެވެ.

ރާ ކެނޑުމުގެ ނުރައްކާ އެންމެ ބޮޑީ، ދިވެހިންނަށް އިނގިރޭސި ރަނގަޅަށް އެނގިހުރެ މި ގޮތަށް ކިޔުމުގައެވެ. މިހެން ދިމާވާ ސަބަބަކީ ޙަޤީޤަތުގައި އިނގިރޭސި އެނގުން މެއެވެ. މާނައަކީ، ވައުޗާ ކިޔާ އިރު، އެއީ އާރު އަކުރަކަށް ނިމޭ އެއްޗެއްކަން އެހެން ކިޔާ މީހާއަށް ރަނގަޅަށް އެނގޭނޭ ވާހަކައެވެ.

ނަތީޖާއަކަށް ވަނީ، ކުރިން ދިވެހި ބަހަށް ވަދެފައި ހުރި އެއްކަލަ ލަފްޒުތައް ކިޔުމުގައި ވެސް، އިނގިރޭސި ބަހުން ކިޔާ ގޮތަށް ކިޔުމީ އެންމެ ރަނގަޅު ގޮތް ކަމުގައި، ނުވަތަ އެއީ ކިއިދާނެ ގޮތެއް ކަމުގައި ސިކުނޑިއަށް ބަލައިގަނެވުމެވެ. މިހާރު ވެގެން މި އުޅެނީ އެހެންނެވެ.

އެއަށްފަހު ދެން ވާނެ ގޮތަކީ، އޭގެ ފަހުގެ މަރުހަލާއެއްގައި، ޙަޤީޤީ ދިވެހި ލަފްޒުތަކުގައި އޮންނަ ރާ އުބުފިއްޔަކީ ވެސް އެއީ ކިޔަން ނުޖެހޭ އެއްޗެއް ކަމުގައި ބައެއް މީހުންނަށް ހީކުރެވި، އެ އަކުރު ކަނޑާލެވުމެވެ. އެގޮތުން: ޚަބަރު، މަރުހަލާ، ކަންވާރު، ބާރު، ނާރު، ހުޝިޔާރު، ސަރުދާރު، ފަދަ ނަންތައް ކިޔާ ގޮތް، ޚަބާ، މާހަލާ، ކަންވާ، ބާ، ނާ، ހުޝިޔާ، ސާދާ، މިގޮތްގޮތަށް ބަދަލުވުމެވެ. އަދި ސަރުކާރު، "ސާކާ" އަކަށް ބަދަލުވެ، ދަރުބާރު "ދާބާ" އަކަށް ވުމީ ވެސް އެކަށީގެންވާ ކަމެކެވެ.

ކަވަރާއި ޕަވަރާއި، ފަރުނީޗަރު ފަދަ ދިވެހި ލަފްޒުތަކުން ރާ ފުހެލެވޭ ނަމަ، ޚަބަރާއި، ދަބަރުގައި ވެސް އެ އަކުރު އޮތުމުގެ މާނައެއް ނެތެވެ. އަދި ބިގަރަށް "ބިގާ" ކިޔުމުގައި ވެސް ޖެއްސޭނެ މައްސަލައެއް ނެތެވެ. ނުވަތަ "ޚަބަރެއް ކަވަރުކުރާ" އިރު، ޚަބަރުގައި ރާ ބޭއްވުމަށް ފަހު، ކަވަރުން ރާ ކަނޑާލަނީ ކޮން އުސޫލަކުންތޯއެވެ؟

އިނގިރޭސި ބަހުގެ ޤާނޫނު ދިވެހި ބަހުގައި މަޑުމަޑުން ގަދަކުރަމުން އައިސް ރަނގަޅަށް ވަކިހިއްޕާލުމުން ދެން ވާނެ ގޮތަކީ އެއީއެވެ. އިނގިރޭސި ބަހުގައި ރާޔަށް އޮތް ޙުކުމް ދިވެހި ބަހަށް ވެސް ތަންފީޒުކުރެވުމެވެ. އިނގިރޭސި ހަރާން އެއީ ހަރާމެވެ. ހަލާލު ހަލާލެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.