ހޮނިހިރު20201114

އާކުރެވުނީ: 08:43:52

ރައީސްގެ ދިވެހި ތަޤުރީރަށް ފަހު

maumoon-abdul-gayoomއ.ދ ގެ ނިމިގެން ދިޔަ ޖަލްސާގައި ދިވެހި ރާއްޖޭގެ ޖުމުހޫރިއްޔާގެ ރައީސް، އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމު ތަޤުރީރުކުރެއްވީ ދިވެހި ބަހުންނެވެ. މިވާހަކަ އަޑު އިވުމުން ވަރަށް އުފާވިއެވެ. އުފާ ނުވާންވީ ކީއްވެތޯއެވެ.

ވަރަށް ކުރިން، ދާދި ކުޑައިރު، ގޭގައި އޮތް ތިލެޔޮ ފުޅިއެއްގައި، ތާނަ އަކުރުން ''ތިލެޔޮ'' ޖަހާފައި އޮތްތަން ފެނުމުން ވެސް އުފާވިއެވެ. އޭގެ ފަހުން ވިސާކާ ސައިބޯންޏެއްގައި ދިވެހި އަކުރުން ލިޔެފައި އޮއްވާ ވެސް ފެނުނެވެ. މިހާރު އ.ދ ގައި ރައީސް ދިވެހި ބަހުން ތަގުރީރުކުރެއްވީއެވެ.

މި ތަޤުރީރުގެ ވާހަކަ އަޑު އިވުމުން އިޙްސާސް ވީ އެއީ ރައީސް ދެއްވި ތަޤުރީރެއް ގޮތަކަށް ނޫނެވެ. އަދި ކިޔެއްތޯއެވެ. ދިވެހި ބަސް، އަޅުގަނޑުމެންގެ ސަމާލުކަން ހޯދުމަށް ކުރި އިޝާރާތެއްކަމުގައެވެ. އެކި އެކި ވަޞީލަތްތައް ބޭނުންކޮށްގެން ވެސް މީހެއްގެ ހިލަމެއް ނުވުމުން، އެންމެ ފަހުން ދައުލަތުގެ އެންމެ އިސްވެރިޔާއާއި، ބައިނަލްއަޤުވާމީ އެންމެ ބޮޑު ޖަމިއްޔާގެ މައިމަރުކަޒުގެ ބޭނުން ހިފީއެވެ. މިވަރުން އަޅުގަނޑުމެންގެ ސަމާލުކަން ލިބިއްޖެބާއެވެ. ލިބޭނެބާއެވެ.

ޝައްކެއްވެސް ނެތެވެ. މި ތަޤުރީރުގެ ސަބަބުން، އަނެއްކާ ވެސް ދިވެހި ބަހަށް އާ ސަމާލުކަމެއް ލިބިގެން ހިނގައްޖެއެވެ. ދިވެހި ބަސް ރައްކާތެރިކުރުމަށްޓަކައި، މަސައްކަތްތަކެއް ކުރަންޖެހޭކަން އަނެއްކާ ވެސް ހަނދާންވެއްޖެއެވެ. ވީމާ މިކަމުގައި ސަރުކާރާއި ޢާއްމުން ގުޅިގެން ކަންތައްތަކެއް ކުރަން އެބަ ޖެހެއެވެ. އަދި އޭގެ ކުރިން، މި ދެބައިމީހުންނަށް ކަންތައް ކުރެވެނީ ކިހިނެއްތޯ ބަލައިލަން އެބަ ޖެހެއެވެ.

މިޒަމާނުގައި އިންޓަނެޓުގައި ބޭނުންކުރެވޭ ބަހެއްކަމުގައި ދިވެހި ބަސް ވެސް މި ވަނީ ވެފައެވެ. ނެޓުގައި ހުންނަ ތަފާތު ވެބުސައިޓުތަކަށް ނަޒަރު ހިންގާލުމުން އެކި ބަސްބަހުން ހުންނަ ސައިޓުތައް ފެނެއެވެ. ބައެއް ސައިޓުތަކަކީ ހަމަ އެކަނި ވަކި ބަހެއްގެ އަހުލުވެރިންނަށް އަމާޒުކޮށްފައި ހުންނަ ސައިޓުތަކެވެ. އަނެއްބައި ސައިޓުތަކަކީ ވީހާ ވެސް ގިނަ ބަޔަކަށް އަމާޒުކޮށްފައި ހުންނަ ސައިޓުތަކެވެ. ފަހުން މި ބުނި ވައްތަރުގެ ސައިޓުތަކުގައި، އެކި ބަސްބަހުން ހުރެއެވެ. އެމީހަކަށް އެންމެ ބޮޑަށް ދޭހަވާ ބަހެއް އިޚުތިޔާރުކުރެވެން ހުރެއެވެ.

ދިވެހިންނާ ގުޅުންހުރި ވެބްސައިޓުތައް ވެސް މަދެއްނޫނެވެ. ސަރުކާރުގެ ކޮންމެ އޮފީހެއްގައި ހެން ރަސްމީ ވެބްސައިޓެއް ހުރެއެވެ. ދިވެހި ބަހަކީ ދިވެހިންގެ ބަސްކަން މިފަދަ ވެބުސައިޓުތަކުން ހާމަކޮށްދެވިދާނެއެވެ. ދިވެހި ރާއްޖޭގެ ރަސްމީ ބަހަކީ ދިވެހި ބަހަށް ވީތީއެވެ.

ޝައްކެއްވެސް ނެތެވެ. ސަރުކާރުގެ ރަސްމީ މިފަދަ ސައިޓުތަކުގެ އެއް މަޤުޞަދަކީ ބޭރު ދުނިޔެއަށް މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމެވެ. ނަމަވެސް، ހަމަ އެ އޮފީހުގެ މައިގަނޑު ޙަރަކާތްތައް އަމާޒުކުރެވޭ އަނެއް ބަޔަކީ ނުވަތަ ޙަޤީޤީ ފަރާތަކީ ދިވެހިންނެއް ނޫންތޯއެވެ؟ ވީއިރު ރަސްމީ ސައިޓުތައް ބަހައްޓަންވީ ދިވެހި ބަހުންނެވެ. އެގޮތަށްސައިޓު ހަދާފައި ވެސް، އިނގިރޭސި ބަހަށް ވަދެވޭނެ ގުޅުމެއް ބެހެއްޓިދާނެއެވެ.

ރައީސް ވިދާޅުވިހެން ދިވެހި ބަސް ރައްކާތެރިކުރެވިއްޖެ ނަމަ އެއީ އ.ދ އަށް ލިބޭ ކާމިޔާބެކެވެ. ހަމަ އެހެންމެ ދިވެހި ބަސް ރައްކާތެރިކުރެވިއްޖެ ނަމަ އެއީ ދިވެހިންނަށް ވެސް ލިބޭ ކާމިޔާބެކެވެ. އަދި ދިވެހިން ދިވެހި ބަހަށް ނުކުރާ ޤަދަރެއް އެހެން ބަޔަކު ނުމެކުރާނެމެއެވެ.

މައްސަލައަކީ ދިވެހިން ދިވެހި ބަހަށް ބަހައްޓަންޖެހޭ ފުރިހަމަ ލޯތްބާއި ޤަދަރު ނުބަހައްޓާކަމެވެ. ބަހުގެ މޮޅުކަމާއި، ރީތިކަމުގެ ވާހަކަ އެންމެ ގިނައިން ދައްކާ ބަޔަކީ ވެސް ދިވެހިންމެއެވެ. އެކަމަކު އެވާހަކަތައް ދައްކަނީ ހަމަ އެކަނި، އެކި އެކި މުނާސަބަތުތަކުގައި، ކިޔާލާ ލަވަލަވައިގައްޔާއި، ހަދާލާ މަޒުމޫނުތަކާއި ޅެންތަކުގައެވެ.

މީގެ ދުވަސްކޮޅެއް ކުރިން އެއް ދުވަހަކު އިންޓަނެޓު ކޮޅަނިކޮށް ފެނުނު ސައިޓެކެވެ. ދިވެހި ވިކިޕީޑިއާ ސައިޓެވެ. ވިކިޕީޑިއާ އަކީ އެކި ބަސްބަހުން ހުންނަ އެއްޗެއްކަން ކުރިން ވެސް ދަންނަމެވެ. އެކަމަކު ދިވެހި ވިކިޕީޑިއާއެއް ހުރިކަން އެނގުނީ އެދުވަހުއެވެ. މި ސައިޓުން އެންމެ އަޅައިގަތް ތަންކޮޅަކީ އެއީ ފުރިހަމަ މާނައިގައި ދިވެހި ވިކިޕީޑިއާ އަކަށް ވީކަމެވެ. އޭގެ ނިޝާން ހުރީ ދިވެހި ބަސް ލިޔާ ފަރާތް ކަމުގައިވާ ކަނާތްފަރާތުގައެވެ. ނިޝާނުގެ ތިރީގައި ލިޔެފައި އޮތީ ''މިނިވަން އެކުމާފާނު'' އެވެ. އިނގިރޭސި ވިކިޕީޑިއާ އަށް ވަންނައިރު ވާތް ފަރާތުގައި ހަމަ އެ ނިޝާނުގެ ތިރީގައި ''ފްރީ އިންސައިކޮލޮޕީޑިއާ'' ޖަހާފައި އޮވެއެވެ. އެ ދުވަހު އާބަހެއް، އަދި ކިޔެއްތޯއެވެ. އާބަސް ތަކެއް ދަސްވިއެވެ. އިންސައިކޮލޮޕީޑިއާއަށް ދިވެހިން ކިޔާ ނަމެވެ. އެންމެ ރަނގަޅުގޮތަކީ ލިޔާމީހަކަށް ނުބަލައި، ލިޔެފައި އޮތް ބަހަކީ ބަހުގެ ހަމަތަކަށް ފެތޭ ރަނގަޅު ބަހެއްކަމަށް ވާނަމަ އެބަސް ބަލައިގަތުމެވެ.

ހަމަ މީގެ ދުވަސްކޮޅެއް ކުރިން، އެއްޗެއް ތަރުޖަމާކުރަން އުޅެނިކޮށް، ''އަލްބިންޔާ އައްތަޙްތިއްޔާ'' ކިޔާ ބަހެއްގައި އަޅައިގެންފިއެވެ. ދިވެހި ބަހުން ލިޔާ އިރު ލިޔާ ކޮންމެ ލަފްޒެއް ވެސް މި ލިޔެވެނީ ދިވެހި ބަހުންތޯ ބަލައި ޔަގީންކުރަން އެބަ ޖެހެއެވެ. ވީމާ މިދެންނެވި ބަހަށް ރާއްޖޭގައި ކިޔައި އުޅެނީ ކީކޭތޯ ބަލައިލިއިރު މި ކިޔަނީ އިނގިރޭސިން ވެސް ކިޔާއުޅޭ ބަހެކެވެ. ''އިންފްރާންސްޓްރަކްޗަރ'' އެވެ. ނަމަވެސް މިއީ ދިވެހި ބަހެއް ކަމަކަށް އަޅުގަނޑުގެ އެއްވެސް ޙިއްޞެއް ގަބޫލެއް ނުކުރިއެވެ. ދިވެހި ބަހަށް ވަދެފައި އޮތް އާ ބަހެއް ކަމަކަށް ވެސް ގަބޫލެއް ނުކުރެވުނެވެ. ވީމާ އެބަހެއް ނުލިޔެވޭނެއެވެ. -ވަގުތީ ގޮތުން- ''އަސާސީ އޮނިގަނޑު'' އޭ ޖަހާލައިފީމެވެ. ބަހުގެ ލަފްޒީ ތަރުޖަމާއަކަށް ފުދޭނެކަމުގައި ބަލާފައެވެ. މިއީ ވަރަށް ގިނަ ލިޔުންތެރިން ހައްދަވާ ގޮތެއްމެއެވެ. މި ދަތުރުގައި އެބޭފުޅުންނާ އެއް އޮޑިއެއްގައި ދަތުރުކުރުމަކީ އަޅުގަނޑަށް ލިބޭ ޝަރަފެކެވެ.

އެހެން އުޅެނިކޮށް އޭގެ ދުވަސްކޮޅެއް ފަހުން، ރާއްޖޭގައި ނުކުންނަ ނޫހެއްކަމުގައިވާ މިނިވަން ނޫހުގެ ވެބްސައިޓުގައި، ''ވަތުއޮނިގަނޑު'' ޖަހާފައި އޮއްވާ ފެނިއްޖެއެވެ. އަނގައިގެ ބައްތިރީސް ދަތް ފެންނަ ވަރަށް ހިނިއައިސްފައި ހިތައްއެރިއެވެ. ނުފެނިގެން އުޅުނު އެތި މިއޮތީ އަތުޖެހިފައެވެ. އޭގެ ފަހުން އަޅުގަނޑު އެބަސް އެގޮތަށް ބޭނުންކުރަންފެށީމެވެ.

މި ފުރުޞަތުގައި ކުޅުދުއްފުށީ ރައްޔިތުންނަށް އައްސަރިބަހާ ސާބަސް ރައްދުކުރަން އެބަ ޖެހެއެވެ. އެއީ ރަށު އޮފީހުގައި އިނގިރޭސި ބަހުން ލިޔެފައި ހުރި ނަން ލިސްޓަކާ މެދު ނުރުހުން ފާޅުކުރީތީއެވެ. ރަށުގައި ތިބީ ދިވެހިންކަން ރަށުގެ ވެރިންނަށް ހަނދާންކޮށްދިނީތީއެވެ. މިއީ ޢާއްމު ރައްޔިތުންގެ ބަޔަކު ދިވެހި ބަހާމެދު މިފަދަ ޙަޤީޤީ ޝުޢޫރުތަކެއް ފާޅުކުރި ފުރަތަމަ ފަހަރުކަންނޭނގެއެވެ. އެއްވެސް މުނާސަބަތަކާ ނުގުޅުވައި، ޙަޤީޤީ ދުނިޔޭގައި ފާޅުކުރެވުނު އިޙްސާސްތަކެކެވެ. އަދި އެއްވެސް ހުޝާމަދެއް ނުކޮށް، ޅެންވެރިކަމާއި، ފަށުވި ޢިބާރާތްތަކާ ވަކިން، ތެދުވެރިކަމާއެކު، ޢަމަލީ ޙަޔާތުގައި ދިވެހި ބަހަށްޓަކައި ކުރެވުނު އިޙުތިޖާޖެކެވެ.

ހަމަ އެއާ އެކު ތަންކޮޅެއް ކުރިން ރާއްޖޭގައި ކޮންމެސް ކުޅިވަރެއްގައި ކޯޗުކަން ކޮށްދެއްވަން ވަޑައިގެން ހުންނެވި ސިރީލަންކާ ބޭފުޅަކަށް ވެސް މަލުގެ ހާރެއް ފޮނުވަން ބޭނުންވެއެވެ. ދިވެހި ބަސް އެނގިވަޑައިގަންނަވާ ހާލު އިނގިރޭސިން ވާހަކަ ދައްކަވަނީ ކީއްވެތޯ އެ މަޖައްލާއިން އޭނާއާ ސުވާލުކުރުމުން، އޭނާ ވިދާޅުވީ ބަހުގެ ހަމަތަކާއި ގަވައިދުތައް ނޭނގި ވާހަކަދެއްކުމުން ބަހުގެ އިހުތިރާމު ގެއްލޭ ކަމަށް އޭނާ އަށް ފެނިވަޑައިގަންނަވާތީ ދިވެހި ބަހަށް ކުރައްވާ އިހުތިރާމެއްގެ ގޮތުން ވާހަކަ ނުދައްކަވަނީ ކަމަށެވެ. މި މޮޅު ޖަވާބަށްޓަކައި ދިވެއްސެއްގެ ޙައްސިއްޔަތުން އޭނާގެ ކަނދުރާގައި މަލުގެ ހާރެއް އަޅުވަން އަޅުގަނޑު ބޭނުންވިއެވެ. އެ ވާހަކަތައް ފެނުނު ދުވަހު އެކަމާ ގުޅޭގޮތުން މަޒުމޫނެއް ލިޔުނީމެވެ. ނަމަވެސް އެކަމުގެ މުއާލާތުކެނޑުނީ މަޒުމޫނު ނުޖަހައި އުޅެނިކޮށެވެ. މިހާރު އެ ކޯޗުގެ ނަމެއް ވެސް ހަނދާނެއް ނެތެވެ.

ނަމަވެސް ގިނަފަހަރަށް ކަންތައްތައް ވަނީ މި ބީދައިންތޯއެވެ؟

ބަހުގެ ޢިލްމުވެރިން ވިދާޅުވާގޮތުން ބަސް ބަހަކީ ބަދަލުވާ އެއްޗެކެވެ. ވީމާ ދިވެހި ބަހަށް ވެސް ބަދަލުތަކެއް އަންނާނެއެވެ. އަދި ކޮންމެ ބަހެއް ވެސް އެހެން ބަސްބަހުން ލޭންދޭނުކުރެއެވެ. ވީމާ ދިވެހި ބަހުގައި ވެސް ބޭރު ބަސްތައް ހިމެނިފައި ހުންނާނެއެވެ. އެއްވެސް ބެލުމެއް ނެތި ބޭރު ބަސްތައް ދިވެހި ބަހާ މަސްހުނިކުރާ ބައެއް މީހުން މިއީ ދައްކާ ޙުއްޖަތެކެވެ.

އެކަމަކު އެއީ ހިތުހުރި ގޮތަކަށް ބޭރު ބަސްބަސް ބަހުގެ ތެރެއަށް ވެއްދުމަށް ބަހުގެ ޢިލްމުވެރިން ދެއްވާފައިވާ ހުއްދައެއް ނޫނެވެ. އަދި އޭގެ މާނައަކީ ދިވެހި ބަސް ރަނގަޅަށް ނޭނގޭތީ މީހުން ބޭނުންކުރާ ބަސް ބަސް ވަގުތުން ދިވެހި ވާނެއެކޭ ވެސް ނޫނެވެ. މިހާރު އުޅޭ ކުޑަކުއްޖަކަށް މަހެއް ފެނުނަސް އެއަށް ކިޔަނީ ފިޝްއެވެ. މަހަށް ކިޔަނީ މަސް ކަން ނޭނގިގެން، ރާއްޖޭ ހުރިހާ ނޫހެއްގައި އެއީ ފިޝް ކަމުގައި ލިޔެ ފެތުރިޔަސް އެބަސް ދިވެހި ބަހަކަށް އަދި ނުވާނެއެވެ. ހަމަ އެހެންމެ ދިވެއްސަކަށް ވީތީ ދިވެހި ބަހުގެ ހުރިހާ ލަފްޒެއް އެނގޭކަށް ވެސް ނުޖެހެއެވެ. އެކަމަކު ވީ ވަރަކުން ދަސްކުރަން ޖެހެއެވެ. ފަހެ ބަސް ޞައްޙަ ގޮތުގައި ބޭނުންކުރެވިގެން ނޫނީ ތިމާ ފޯރުކޮށްދޭން ބޭނުންވާ ރިސާލަތު، އޭގެ ފުރިހަމަ މާނައިގައި ފޯރުކޮށެއް ނުދެވޭނެއެވެ.

ވަޒީފާ ތަކަށް ވައްދާ ޝަރުޠުތަކު ތެރޭގައި ދިވެހި އިމްތިޙާނުގެ ނަތީޖާގެ ވާހަކަ އޮވެއެވެ. އެއީ އާދައިގެ ވަޒީފާތަކެވެ. ވީ އިރު، ނޫސް މަޖައްލާ ތަކަށާއި، ރޭޑިއޯ ޓީވީ ފަދަ ތަންތަނަށް މި ޝަރުޠު އައުލާކަން ބޮޑެވެ. މި ދަންނަވަނީ ނޫސްތަކުގައި ލިޔުއްވާ ލިޔުންތެރިންގައި ފެންވަރު ނުހުންނަ ވާހަކައެއް ނޫނެވެ. އެންމެން ވެސް ޢިބާރާތްކުރަން ދަނެއެވެ. ލިޔުމުގެ ވައްޓަފާޅި ރަނގަޅެވެ. ނަމަވެސް ބައެއް މީހުން ދިވެހި ބަހަށް ޤަދަރު ނުބަހައްޓަނީއެވެ. އެހާ ގިނައިން ބޭރު ބަސްތައް ބޭނުންކުރަނީ އެހެންވެގެން ތާއެވެ. ދިވެހި ބަސް ވެސް ތާއަބަދު މުޠާލިޢާކޮށް، އަބަދު ވެސް އާ ބަސްތައް ދަސްކުރަންޖެހޭނެއެވެ.

ކަލާ ތިއީ ލިޔުންތެރިއެއް ކަމަށް ޚިޔާލަށް ގެންނަވާށެވެ. ގަލަމުގައި ހިއްޕަވާށެވެ. ލިޔަންވީ އިނގިރޭސި ބަހުންނެވެ. ލިޔުއްވަން ފައްޓަވާށެވެ. މިހާރު ދެތިން ޕެރެގިރާފު ލިޔުއްވިއްޖެ ކަމަށް ބައްލަވާށެވެ. ކުއްލިއަކަށް ވަރަށް މުހިއްމު ލަފްޒެއް ހަނދާންނެތިއްޖެއެވެ. މިއުޅެނީ ވަގުތު ނެތިގެންނެވެ. މާދަމާގެ ނޫހުގައި ޖަހަން ޖެހޭ މަޒުމޫނެކެވެ. އެންމެ ފަސޭހަ ގޮތަކީ ހަނދާންނެތުނު އިނގިރޭސި ލަފްޒުގެ ބަދަލުގައި އެޔަށް ދިވެހިން ކިޔާ ނަން ޖަހާލާފައި ނިންމާލުމެވެ. މިސާލަކަށް ''އިޓް ވޯޒް އަ ބިގް ކުރުނބާ'' ފަދަ ގޮތަކަށެވެ. ކަލާ އެގޮތާ އެއްބަސްތޯއެވެ؟ ހަމަ ހިލާ ނޫނެކެވެ. ދުނިޔޭގެ ލަދައްޓަކައިވެސް އެއީ ބޮޑު ނޫނެކެވެ.

ލިޔުނު މަޒުމޫނަކީ ދިވެހި އެއްޗެއް ނަމަ ވިސްނާނެ ކަމެއް ނެތެވެ. ބަސްފޮތް ވެސް ބަލާނެ ކަމެއްނެތެވެ. މީހަކު ކުރެން އަހާލާނެކަމެއްވެސް ނެތެވެ. ފިޝް ވިއްޔާ ފިޝްއެވެ. އަވަހަށް ނިންމާލާށެވެ. ދިވެހި ބަހާ މެދު ''ގައުމިއްޔަތޭ ކިޔައިގެން ލަވަ ކިޔާ މީހުން'' ކަންތައްކުރާ ގޮތަކީ މިދެންނެވީއެވެ. އައިބުހުއްޓެވެ.

އަޅުގަނޑުމެން ކުޑައިރު މާލެއަންނަ ދަތުރުތަކުގައި، މާލޭ ފަޅުތެރެއަށް ވަދެގެން އަންނަ އިރު ދަރުމާރުކޭޓުގައި ޖަހާފައި ހުންނަ ބޯޑެއް ފެނެއެވެ. އޭގައި ކުރަހާފައި ހުންނަނީ ލޮލެކެވެ. ލޮލުގެ ތިރީގައި ލިޔެފައި އޮންނަނީ ''ކޮރަޕްޝަން ނައްތާލެވޭނީ'' ކޮންމެސް ކަމެއް ކޮއްގެންނޭ ކިޔައިގެން ލިޔެފައި އޮންނަ ޖުމުލައެކެވެ. އެއްފަހަރަކު ކުރެވުން ދަތުރެއްގައި ދޯނީގައި ތިބި ބަޔަކު އެ ބޯޑުގައި ހުރި އެއްޗަކާ މެދު ވާހަކަދެއްކިއެވެ. އެ ބުނާ ކަރަޕްޝަނަކީ ކޯޗެއްކަން ދަންނަ އެކަކު ވެސް އެތާކު ހުރިކަމަކަށް ނުވިއެވެ. އެއީ ލޮލަށް ޖެހޭ ބައްޔެކޭ ކިޔައި، އެއް ބަޔަކު އެޔަށް ހަޖޫޖެއްސެވެ.

''ކަރަޕްޝަން'' އަކީ ކޯޗެއްކަން އެނގުމަށްޓަކައި މާ ތަޢުލީމީ މީހަކަށް ވާކަށް ނުޖެހެއެވެ. ޝަރުޠަކީ އިނގިރޭސި ބަހުގެ އަހުލުވެރިއަކަށް ވުމެވެ. ނުވަތަ އިނގިރޭސި ދަތުމެވެ. ސަބަބަކީ އެއީ މާ ވަރުގަދަ ޢިލްމީ އިޞްޠިލާހަކަށް ނުވާތީއެވެ. އެހެނޭކިޔާފައި، ދޯންޏެއްގެ ފަޅުވެރިއަކަށް އުޅޭ ދިވެއްސަކަށް އެޔެއް އެނގޭކަށް ނުޖެހެއެވެ. ނުވެސް އެނގޭނެއެވެ. އެއީ ދިވެހި ބަހެއް ނޫނެވެ. ހަމަ ގައިމު ވެސް އެއިރު އެއީ ދިވެހި ބަހެއް ނޫނެވެ. އެކަމަށް އޮންނަ އަސްލު ދިވެހި ނަންތައް ދިވެހި ބަހުގައި އެއިރު ވެސް މިހާރު ވެސް ހުރި މެއެވެ. ނަމަވެސް ދިވެހި ބަހަށް ''ކަރަޕްޝަން'' ތަޢާރަފުކުރެއްވި ބޭފުޅުންނަށް އެކަން އެގޮތަށް ކުރެއްވުނީ، ފަހަރެއްގައި އެއީ ކޯޗެއްކަން ނުވަތަ އޭގެ ލަފްޒީ މާނާ އެނގިވަޑައިނުގަންނަވާތީއެވެ. އެހެން ނޫނީ ގަސްތުގައި ދިވެހިންނަށް ކަރަޕްޝަނަކީ ކޯޗެއްކަން އަންގައިދެއްވަން ބޭނުން ނުވާތީއެވެ.

ރައްޔިތުންގެ މަޞްލަޙަތާ ގުޅުން ހުރި ކަންކަމަށް ނަން ކިޔާއިރު މިއީ ވިސްނާލަން ޖެހޭ ނުކުތާއެކެވެ. މައުޟޫއިން ބޭރުވަނީއެއް ނޫނެވެ. ނަމަވެސް، ރާއްޖޭގައި ''ހިޔުމަން ރައިޓްސް ކޮމިޝަން'' ހުންނަ އިރު، އެ ބުނާ އެއްޗެއް ހޯދަން އެނގޭނީ އިނގިރޭސި ދަންނަ މީހަކަށެވެ. ވީމާ ރާއްޖޭގައި ''ހިޔުމަން ރައިޓްސް'' ލިބުމުގެ ފުރަތަމަ ޝަރުޠަކީ އިނގިރޭސި ބަސް ދަތުމެވެ.

އައްޑު އަތޮޅުގައި އޮންނަ ގުޅާލި މަގަކީ ރާއްޖޭގައި އޮންނަ އެންމެ ދިގު މަގެވެ. ރަސްމީ ކޮށް އެމަގަށް ދެވިފައި އޮންނަ ނަމަކީ ''ޝަމްސުއްދީނު ބޮޑު ފަނޑިޔާރު މަގު'' އެވެ. ބޮޑު ފަނޑިޔާރަކީ އެ އަތޮޅަށް ނިސްބަތްވީ އެއަތޮޅުގެ ފަޚުރެކެވެ. ނަމަވެސް އެންމެން ވެސް އެމަގަށް ކިޔަނީ ''ލިންކު ރޯޑު'' އެވެ.

ތެދެކެވެ. ޝަމްސުއްދީން ބޮޑު ފަނޑިޔާރު މަގޭ ކިޔުމަށް ވުރެން ލިންކު ރޯޑު ކިޔަން މާ ފަސޭހައެވެ. ޝަކުވާއަކީ، ފަސޭހަކޮށްލުމަށް ވެސް ރާއްޖޭގައި އޮތް އެންމެ ދިގު މަގަށް ޢާއްމު ނަމެއް ގޮތުގައި އިނގިރޭސި ނަމެއް ކިޔާތީއެވެ. މި ވަރު ބަޔަކު މިނިވަން ދުވަހު ހުޅުމާލޭ ''ރޯހައުސް'' ތަކުގައި މަލުގެ ގުލްދަސްތާތަކާއި ދިދަފަތިތައް ދަމައި، ހިތުގެ ޢުމުޤުން ޅެން ފަރިހި ކިޔުމުގެ މާނައެއް ނުވިސްނެއެވެ.

ފަހަރެއްގައި ލިންކު ރޯޑުގެ ނަން އެއީ ޠަބީޢީ ގޮތެއްގައި އެ މަގުގެ ޠަބީޢަތުގެ ސަބަބުން، މަގު ހެދުމުގެ ކުރިން އެކަން ރޭވި މީހުން ކިޔާފައި އޮންނާނެ ނަމެކެވެ. ދެން އެމީހުންގެ ފަރާތުން ޚަބަރުފަތުރާ އަށް އެނަން ނިކުންނާނީއެވެ. ޚަބަރުފަތުރާއިން ކުރާކަމަކީ ކޮއްޓެއްގައި އިންނަ މައިނާއެއް ހެން އިވޭއެއްޗެއް އިވޭގޮތަކަށް ބުނެލަނީއެވެ. އެހިސާބުން އެންމެންގެ ތެރެއަށް ފެތުރުނީއެވެ. ވީމާ މި ފަދަ ނޭދެވޭ ކަންކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ ޚަބަރު ފަތުރާ ވަޞީލަތްތަކެވެ. އެފަރާތްތަކުން ފަތުރަން ބޭނުން އެއްޗެއް އިސާހިތަކު މުޅި ރާއްޖޭގައި ފެތުރެއެވެ.

ޙަޤީޤަތުގައި މި ހުރިހާ ޒިންމާއެއް ޚަބަރުފަތުރާގެ ބޮލުގައި އެޅުވޭކަށް ވެސް ނެތެވެ. ގައުމީ މަރުކަޒުގެ ދައުރަކީ ކޮބައިބާއެވެ؟ ދިވެހި ބަހަށް ޚިދުމަތެއް ކޮށްދިން މީހަކަށް އިނާމު ދީ ސަނާ ކިޔާ އުސޫލުން، ދިވެހި ބަސް ހަލާކުކުރާ ފަރާތްތަކާ މެދު ފިޔަވަޅުއެޅުމަކީ އެފަރާތުން ކުރަންޖެހޭނެ ކަމެއް ނޫންބާއެވެ. ފިޔަވަޅު ނޭޅެންޏާ، ޚަބަރު ފަތުރާތަކަށް ބޭނުންވާ އެހީތެރިކަން ދޭކަށް ނުޖެހޭނެބާއެވެ. ހަމަ އެހެންމެ ޚަބަރުފަތުރާއިން ވެސް ގައުމީ މަރުކަޒުގެ އެހީ ހޯދަން ޖެހޭނެއެވެ. ނުހޯދައި، ދިވެހި ބަހޭ ކިޔައިގެން އެކި ބަސްބަހުން ވާހަކަ ދައްކާ ނަމަ އެމަރުކަޒުން ޖެހޭނީ ކޮންމެސް ކަމެއް ކުރާށެވެ.

ދިވެހިންނަށް ސީދާ އަމާޒުކޮށްގެން ޓީވީން ދައްކާ ބައެއް އިޝްތިހާރުތައް ވެސް އިނގިރޭސި ބަހުން ހުރެއެވެ. ''ފޮޓޯއާ ގުޅޭ ރީތި ފޮންޓަކުން އިނގިރޭސި ނަލަ ޢިބާރާތަކުން ލިޔެލުމުން ކިހާ ޓަޗިންތޯއެވެ!!'' ނުވަތަ ''ތާސްބައިގެ ގަނޑުތައް ވަޔާ ބުރައިގެން ދާ ވަގުތު އިނގިރޭސި އަކުރުން އެ ޢިބާރާތްކޮޅު އެރުމުން ކިހާ މީނިންގްފުލް ތޯއެވެ!!''

ގަލޮޅު ދަނޑަށް ބަލާލިޔަސް، ދަނޑުގައި ދިވެހިންނަށް އަމާޒުކޮށްގެން ބަހައްޓާފައި ހުންނަ އިޝްތިހާރު ބޯޑުތަކުގައި މުޅިން ވެސް ހުންނަނީ އިނގިރޭސިންނެވެ.

''ބަލަ އިޝްތިހާރަކީ ވިޔަފާރި ކުރިއަރުވަން ކުރާކަމެކެވެ. އޭގައި މުހިއްމުކަން ދޭންޖެހޭނީ ވަކި ބަހަކަށް ވުރެން ބޮޑަށް މުދާ އިޝްތިހާރުކުރުމަށެވެ.'' ރަނގަޅު ވާހަކައެކެވެ. ނަމަވެސް ރާއްޖޭގައި ގިނަ މަސްދޯނިފަހަރާ ގެދޮރު ފަދަ ތަކެތި ''އިންޝުއަރެންސް'' ކުރަން ބޭނުންވެފައި ތިބި ކިތައް މީހުންނަށް އެ ދޭހަވާނެބާއެވެ. އިނގިރޭސިން ލިޔެފައި، ދިވެހިން އަޑުއަޅާފައި ހުންނަ އިޝްތިހާރުތައް ވެސް ނުހުރެއެކޭ ނޫނެވެ. މިގޮތް ގޯހެއް ނޫނެވެ. ދިވެހިންނަށް އެނގިފައި ރާއްޖޭގައި އުޅޭ ދެތިން ބިދޭސީންނަށް ވެސް އެއިރުން އެނގޭނެތާއެވެ.

އިޝްތިހާރު ތަކުގެ ވާހަކަ ނުދައްކާށެވެ. ޤައުމީ ޖޯޝުގައި ކުޅެން ނުކުންނަ ކުޅިވަރު ޓީމުތަކަށް ވެސް ކިޔާފައި ގިނަ ފަހަރަށް ހުންނަނީ އިނގިރޭސި ނަމެކެވެ. ކުޅޭނީވެސް ކޮންމެސް ''ކަޕް'' އަކަށެވެ. ނުވަތަ ދިވެހިންނާ ދުވަހަކު ކޮޅުން -ދީނީ ގޮތުން ވެސް ޘަޤާފީ ގޮތުން ވެސް ނުވަތަ ޙަޟާރީގޮތުން ވެސް- ގުޅުމެއް ނުވާ ރަށެއްގެ ނަން ވެސް ކިޔާފާނެއެވެ. ވީއިރު، ތައިލެންޑުގެ ޓީމަކާ އިދިކޮޅަށް ޤައުމީ ރޫޙުގައި ކުޅެން ރާއްޖެއިން ނުކުންނަ ޓީމަކަށް ''ޓެމިލްނާޑޫ'' ވެސް ކިޔާފާނެއެވެ!!

ދާދި ފަހުން ފެނުނު ޚަބަރެއްގައި ސިފައިންގެ ''ތެފްޓް އެންޑް ބާގުލަރ ޑިޕާޓްމެންޓް'' އެއްގެ ވާހަކަ ލިޔެފައި އޮއްވާ ފެނުމުން ގަތީ ޒާތެއްގެ ލަދެކެވެ. ލަދުގަންނާނެކަމެއް ނެތެވެ. ދިވެހިރާއްޖޭގެ ފުލުސް ޚިދުމަތަށް ވެސް ރާއްޖޭގައި ކިޔަނީ ''މޯލްޑިވްސް ޕޮލިސް ސަރވިސް'' އެވެ. އިނގިރޭސި ބަހާ މެދު ދިވެހިން ރޭރުވާ މިންވަރަކީ މިހިރީއެވެ. ދެން އ.ދ ގައި ރައީސް ދިވެހި ބަހުން ތަޤުރީރު ކުރެއްވުމުން، މާ ފޯރިއެއް އެރުވުމުގެ މާނައެއް އެބަ އޮތްތޯއެވެ.

މިހިސާބުން ހިތުގައި އުފެދުނު ސުވާލެއް އެބަ އޮތެވެ. އެއީ ލިޔުންތެރިކަމުގައި މިފަދަ ''ތެފްޓް އެންޑް ބާގުލަރީ'' ޙާލަތެއް އައުމުން ލިޔުންތެރިން ހަދާނީ ކިހިނެއްބާއެވެ؟ އެއީ ސިފައިންގެ ވަކި ޑިޕާޓުމެންޓެއްގައި ޖަހާފައި އޮންނަ ނަމެކެވެ. އެނަން ބަދަލުކުރުމުގެ ހައްގު ލިޔުންތެރިންނަށް ލިބިގެންވޭ ބާވައެވެ.

ޢަރަބި ބަހާއި އިނގިރޭސި ބަހުގެ ނޫސްތަކަށް ނަޒަރުހިންގާލުމުން ފެނިގެން ދަނީ މިޔާ މުޅިން ތަފާތު ގޮތަކަށެވެ. އެމީހުން ލިޔާ އެއްޗެއް ލިޔަނީ އެ ލިޔާ ބަހަކަށް ފައްތާފައެވެ. މިސާލަކަށް، އިނގިރޭސި ވިލާތުގެ ކޮންމެސް ޔުނިވަރުސިޓީއެއްގެ ފެކަލްޓީއެއްގެ ވާހަކަ ނުވަތަ ކޮންމެސް ކޮލެޖެއްގެ ވާހަކަ، ޢަރަބި ނޫހެއްގައި ނަމަ ލިޔެފައި އޮންނާނީ ''ކުއްލިއްޔާ'' އޭ ކިޔާފައެވެ. ސަބަބަކީ އިނގިރޭސި ވިލާތުގައި ހުއްޓަސް، އަދި އެތާގެ ނަންބޯޑު ލިޔެފައި އޮތީ އިނގިރޭސި ބަހުން ކަމުގައި ވިޔަސް، ޢަރަބި ބަހުން ފެކަލްޓީ އަށް ކިޔަނީ ކުއްލިއްޔާކަން ލިޔުންތެރިޔާ ދަންނާތީއެވެ. މިސާލެއްގެ ގޮތުން ދަންނަވަނީ ނަމަ ''އޮކްސްފޯރޑް ޔުނިވަރސިޓީ'' ގެ ވާހަކަ ޢަރަބި ލިޔުމެއްގައި އޮންނަ ނަމަ އޮންނާނީ ''ޖާމިޢަތު އޮކްސްފޯރޑް'' އެވެ. އަދި ''ޖާމިޢަތުލް އަޒްހަރު'' ގެ ވާހަކަ އިނގިރޭސި ނޫހެއްގައި ނަމަ ލިޔެފައި އޮންނާނީ ''އަލްއަޒްހަރ ޔުނިވަރސިޓީ'' އެވެ. ދެން ދިވެހި ބަހަށް މިވާގޮތެއް ނޭނގުނެވެ.

ރާއްޖޭގައި ކުއްލިއްޔާ އަކީ ވަކި އެއްޗެކެވެ. ކޮލެޖާއި ފެކަލްޓީއަކީ ވެސް ވަކި އެއްޗެކެވެ. ދީނީ ތަނެއް ވިއްޔާ ޢަރަބި ނަމެކެވެ. ޒަމާނީ ތަނެއްވިއްޔާ އިނގިރޭސި ނަމެކެވެ. އެހެން ވުމުގެ ސަބަބުން އަސްލު ދިވެހި ބަހަކީ ''ކޮލެޖު'' ކަމެއް، ނޫނީ ''ކުއްލިއްޔާ'' ކަމެއް ނޭނގެއެވެ. ނުވަތަ ދިވެހި ބަހަކީ ''މަޢުހަދު'' ކަމެއް ނޫނީ ''އިނިސްޓިޓިއުޓު'' ކަމެއް ނޭނގެއެވެ.

ކުރިން އަޅުގަނޑު ހީކުރީ ''މަޢުހަދު'' އެއީ ދިވެހި ބަހުން ކޮންމެ އިނިސްޓިޓިއުޓަކަށް ވެސް ކިޔަން އޮންނަ ނަންކަމަށެވެ. ސަބަބަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު އިނިސްޓިޓިއުޓަކީ ''މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ'' ކަމަށް ހީކުރެވިފައި އޮތުމެއް ނޫނެވެ. ''އިނިސްޓިޓިއުޓް'' އަށް ވުރެ ދިވެހި ބަހުގެ އެމުނުންގަނޑާއި، ފިލިވަޅުތަކަށް ބޮޑަށް ފެތެނީ ''މަޢުހަދު'' ކަމުގައި ވާތީއެވެ. އެކަމަކު އާޚިރުގައި މިކަން ނިމިގެން ގޮސްފައި މި ވަނީ އެގޮތަކަށް ނޫނެވެ. ''މަޢުހަދު'' މިވަނީ ދިވެހި ލަފްޒަކަށް ވުމުގެ ބަދަލުގައި، ހަމަ އެކަނި ސޯސަންމަގުގައި ހުންނަ ޢިމާރާތަކަށް ކިޔާ ކުރުނަމެއްކަމުގައި ވެފައެވެ. މިސާލަކަށް ''ކުރުނބާ ވިލެޖް'' އެއީ ދިވެހި ނަމެއް ނޫނެވެ. އަދި ދިވެހި ބަހުން ރިސޯޓަށް ކިޔާނަމެއް ވެސް ނޫނެވެ. އެއީ ހަމަ އެކަނި ވަކި ރިސޯޓަކަށް ދީފައި އޮންނަ ތަނުގެ ނަމެވެ.

އިއްޔެ ވެސް ރާއްޖޭގައި އާ ޚިދުމަތެއް ތަޢާރަފުކުރެވުނު ވާހަކަ އެހީމެވެ. އިނގިރޭސި ނަމަކުންނެވެ. މާދަމާ އެހެން ކަމެކެވެ. ދިވެހި ބަސް މަތިން ހަނދާންވަނީ ހަމަ އެކަނި މުނާސަބަތްތަކުގައެވެ. ޅެމެއް ހަދާނެ ރަނގަޅު މައުޟޫއެއް ނުވިސްނުނީމައެވެ. ނޫނީ މަޒުމޫނު މުބާރާތެއްގައި ރަނގަޅު ވަނައެއް ހޯދުމުގެ އުންމީދުގައެވެ.

ދުނިޔޭގެ ކަންކަން ހިނގާ ގޮތަށް ބަލާ އިރު ލިޔުންތެރިންނަށް ދެ އިޚުތިޔާރެއް ނެގިދާނެއެވެ. އެއްގޮތަކީ ދިވެހި ރާއްޖޭގެ ސަރުކާރުގެ އިސް ތަރުޖަމާނަށް ''ޗީފް ގަވަރމަންޓް ސްޕޯކްސް މަން'' ކިޔުމެވެ. އެއީ ރަސްމީ ކޮލިނަމެއް ކަމަށް ބަލާފައެވެ. ދެވަނަ ގޮތަކީ ދުނިޔޭގެ އެހެނިހެން ތަންތާ ވެސް ލިޔުންތެރިން ހަދާހެން، އެ ލިޔާ ބަހަކުން ލިޔަން ޖެހޭ ގޮތަށް ލިޔުމެވެ. މި ޙާލަތުގައި ލިޔުންތެރިޔާއަށް އޭނާ އެލިޔާ ބަހެއްގައި އޮންނަން ޖެހޭ ގޮތަކަށް ލިޔުމުގެ މިނިވަންކަން އޮންނާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.