ހުކުރު20180907

އާކުރެވުނީ: 08:43:52

ޝުކުރިޔާ ޢިއްޒަތްތެރި މެންބަރު..!

shukuriya-izatheri-memberރޭ ޓީވީން ދެއްކި ރައްޔިތުން މަޖިލީހު ޖަލްސާގައި އަޅުގަނޑަށް ވަރަށް ޚާއްޞަ ކަމެއް ފާހަގަވިއެވެ. އެއީ، ޤާނޫނު އަސާސީގައި އެ ބޭފުޅުން އިޞްލާޙުތަކެއް ގެންނަވަން އެ އުޅުއްވާ މާއްދާއެއް، ނުވަތަ މާދާތަކެއްގައި، ހިމެނުނު ޢަރަބި ބަހެއްގެ ބަދަލުގައި، ދިވެހި ބަހެއް އެތަނަށް ލުމަށް، އެއްފަހަރަށް ވުރެ ގިނަ ފަހަރު ޢިއްޒަތްތެރި ކޮންމެސް މެންބަރަކު ތެދުވެވަޑައިގެން އިޞްލާޙު ހުށަހެޅުއްވިކަމެވެ.

ޢިއްޒަތްތެރި އެ ބޭފުޅާ އިޝާރާތްކުރެއްވީ ''ތަޚްޞީސްކުރުން'' މި ލަފްޒަށެވެ. ޢިއްޒަތްތެރި މެންބަރަށް އައްސަރިބަހުން ސާބަހެވެ. ދިވެހި ބަހަށް ތިޔަ ބަހައްޓަވާ ޚާއްޞަ ލޯތްބަށް ހިތުގެ ޢުމުޤުން ޝުކުރުގެ ޖިޒީތައް ބަރުތީލަކުރަމެވެ.

ކޮންމެއަކަސް، ''ތަޚްޞީސް'' މި ލަފްޒަކީ އަޅުގަނޑަށް ބީރެއްޓެހި ލަފްޒެއް ނޫނެވެ. މާނަ ނޭނގޭ ލަފްޒެއް ވެސް ނޫނެވެ. ސަބަބަކީ ޢަރަބި ތަޢުލީމުގެ މިންވަރެއް އަޅުގަނޑަށް ލިބިފައި ވުމެއް ނޫނެވެ. ހުރިހައި ވެސް ސަބަބަކީ، ދިވެހި ބަހުން ލިޔެވިފައި ހުރި ފޮތް، މަދު ނޫން ޢަދަދަކަށް ކިޔާލުމުގެ ނަސީބު އަޅުގަނޑަށް ލިބިފައިވުމެވެ.

 

ދިވެހި ރާއްޖޭގެ ކުރީގެ ރައީސް، މުޙައްމަދު އަމީން ދޮށިމޭނޭ ކިލެގެފާނު ލިޔުއްވި ފޮތް، 'ދިވެހި ބަސް ދަރިވަރުންގެ އެހީތެރިޔާ' ގެ އެއްވަނަ ބައި ފެށުމުގެ ކުރިން ''ތަޚްޞީސް'' މި ނަމުގައި ޅެމެއް އޮވެއެވެ. އެ ޅެމުގެ އެއް ބައިތު މިތަނުގައި ނަކަލުކޮށްލާނަމެވެ.

ދެމިހުންނަ އޯގާވެރި ވަފާތެރި ގިނަ އެހީތައެ ހަދުމަކޮށެ،

ދެމިހުންނަނިވި ގޮތުގައި މި ފޮތް ތަޚްޞީޞްކުރަމޭ ހެޔޮހިތުން

އިސްވެ ދިޔަ ބައިތުންނާއި، އަދި މި ނޫން ވެސް ކުރީން ކިއިފައި ހުރި ދިވެހި ލިޔުންތަކުން، އަޅުގަނޑަށް ދޭހަވީ، އާދެ، ޢިއްޒަތްތެރި މެންބަރަށް މި ބަހަކީ ބީރެއްޓެހި ބަހެއްކަމުގައި ވިޔަސް، އަޅުގަނޑަށް މިއީ ވަރަށް ޢާއްމުކޮށް އަޑުއިވިފައިވާ ބަހެއްކަމެވެ. އަޅުގަނޑު ހިތުން، ދިވެހި ބަހުން ލިޔެފައި ހުރި އެއްޗެހި ކިޔާ މީހަކަށް ވިއްޔާ މި ބަހަކީ އާ ބަހަކަށް ނުވާނެއެވެ.

ޝައްކެއް ވެސް ނެތް ގޮތުގައި މި ބަހުގެ އަސްލަކީ ޢަރަބި ބަހެވެ. ޢަރަބި ބަހުންނާއި، މި ނޫން ވެސް ބޭރު ބަސް ބަހުން ދިވެހި ބަހަށް ވަރަށް ގިނަ ބަސްތައް ވަދެފައި ވެއެވެ. އެކަމަކު މިތަނުގައި ސުވާލަކީ މި ބަސް، އާދެ 'ތަޚްޞީޞްކުރުން' މިއީ ދިވެހި ބަހެއްތޯ އުފެދޭ ސުވާލެވެ. ސަބަބަކީ މީހަކަށް ބޭރުބަހެއް އެނގޭތީ އޭނާ ވާހަކަދެއްކުމުގެ ތެރޭގައި ނުވަތަ ލިޔުމުގައި ނަމަވެސް ބޭނުންކުރާ ބޭރު ބަސްތަކަކީ އޮޓަމެޓިކުން ދިވެހިވާނޭ ބަސްތަކެއް ނޫނެވެ.

ތަޚްޞީޞް މި ބަހަކީ ދިވެހިންނާ ބީރެއްޓެހި ބަހެއްވެސް ނޫނެވެ. ދިވެހި ލިޔުންތެރިން ބޭނުންކުރި ވެސް ބަހެކެވެ. އަދި ކުރާ ވެސް ބަހެކެވެ. ނަތީޖާއެއްގެ ގޮތުން، ދިވެހި ބަސްފޮތް އެކުލަވައިލެއްވި ބަސްކޮމެޓީއަށް އެއީ ދިވެހި ބަހެއްކަމުގައި ފެނިވަޑައިގެން، ބަސްފޮތުގައި ހިމަނުއްވާފައި ވެސް ވާ ބަހެކެވެ. މި ދަންނަވަނީ، ދިވެހި ބަސްފޮތުގެ ތާ ގެ ރަދީފުގައި މިބަސް އޮތް ވާހަކައެވެ. ވީމާ މިހިސާބުން ދެން މިއީ ދިވެހި ބަހެއް ކަމާ މެދު ޝައްކު ކުރާނެ ޖާގައެއް ނެތެއްނޫންތޯއެވެ؟ މި ބަހުގެ މާނަ ހޯއްދެވުމަށް، ޢަރަބި ބަސް ދަންނަ މީހަކު ކައިރިއަށް ކޮންމެހެން ދާކަށް ނުޖެހޭނެއެވެ. ދިވެހި ބަސްފޮތުގެ ރަދީފު ބައްލަވާލުމުން ފުދޭނެއެވެ.

ދިވެހި ބަހާ މެދު މިހާ ޣީރަތްތެރިވެ ވަޑައިގަންނަވާ ބޭފުޅަކު މަޖިލީހުގައި އިންނެވިކަމީ އަޅުގަނޑު ވަރަށް އުފާކުރާކަމެކެވެ. ވީމާ އަޅުގަނޑު ޢިއްޒަތްތެރި އެ މެންބަރު އަރިހުން ވަރަށް އަދަބުވެރިކަމާއެކު އަންނަނިވި ބަސްތައް ދިވެހި ބަހަށް ބަދަލުކުރެއްވުމަށް، މަޖިލީހުގައި ވަކާލާތުކުރެއްވުމަށް އެދި ގޮވައިލަމެވެ.

އެއީ: ސުޕްރީމް ކޯޓުގައި މި އޮތް ''ސުޕްރީމް'' އާއި، ހައި ކޯޓުގައި މި އޮތް ''ހައި'' އެވެ. އަދި މި ނޫނަސް، ބައެއް ބަސްތައް އެ މަޖިލީހުގައި ކިޔާއަޑު އިވެއެވެ. ޖުޑިޝަލް ކޮންމެސް އެއްޗެކޭ ވެސް ކިޔާއަޑު އިވުނެވެ. ކޮންމެއަކަސް، މަޖިލީހު ޖަލްސާއެއް އަޅުގަނޑު ބެލި މިއީ ފުރަތަމަ ފަހަރެވެ. ވީމާ މީގެ ކުރީން ޢިއްޒަތްތެރި މެންބަރު މި ދެންނެވި ބަސްތައް މަޖިލީހުގެ ސަމާލުކަމަށް ނުގެންނަވާކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އެހެން ކަމަށް ވެއްޖެނަމަ ރަނގަޅުތާއެވެ.

ޝައްކެއް ވެސް ނެތް ގޮތުގައި، ޤާނޫނު އަސާސީ އެއް ލިޔުމުގެ ކުޅަދާނަކަން ވެސް ދިވެހި ބަހުގައި ވާނެއެވެ. އެކަން ކުރެވޭނީ ބަހުގެ ތެރެއަށް ފީނައިގެން، ބަހުގެ އަހުލުވެރީންނަށެވެ. އެހެން ނަމަ ވެސް، ދިވެހި ބަހަށް ބޭރު ބަހެއް ވައްދަން ޖެހިއްޖެ ޙާލަތެއްގައި ބޭރު ބަހެއް ވެއްދުމަކީ ވެސް ގޯސްކަމެއް ނޫނެވެ. އެއީ ހަމަ ވަރަށް ވެސް ޠަބީޢީ ކަމެކެވެ.

މި ދެންނެވި ގޮތަށް ބޭރު ބަސްބަސް ބޭނުންކުރުމާ މެދު ދިވެހިރާއްޖޭގެ ކުރީގެ ރައީސް، އަދި ދިވެހި ބަހުގެ ފުންނާބު އުސް އަދީބު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު ލިޔުއްވާފައިވެއެވެ:

''އެކަމަކު، ބަސް މުއްސަނދިކުޅައުމަށްޓަކައި ބޭރު ބަހުގެ ބޭނުން ހިފަންވާނީ، ވަރަށް ވެސް ވިސްނުންތެރިކަމާއި އެކުގައެވެ. އެ ބަހަކާއި، ޤުދުރަތީގޮތުން އޮމާންކަމާއިއެކު އެކުވެގެންދާފަދަ ލަފްޡްތަކެއް މެނުވީ، ބޭނުން ނުކުރަމަށް ވިސްނުންތެރިން ހިންގަން ތިބޭ ޙާލެއްގައެވެ. ދީނީ ގޮތުން އެ ބަހަކާއި އެކުވުން އެދެވޭ ބަހެއްގެ ލަފްޡްތަކަށް މަރުޙަބާކިއުމަށް އެދިއެދި ތިބި ޙާލެއްގައެވެ. އެއް ބިންގަލެއްގެ މައްޗަށް ބިނައުވެފައިވާ ބަސްބަހުގެ ލަފްޡްތަކެއް މެނުވީ ބަހާއި އެކުވިޔަ ނުދިނުމަށް ގަދައަޅައަޅައި ތިބޭ ޙާލެއްގައެވެ..... ޝައްކެއް ވަސްވާހެއް ނެތެވެ. ޤުދްރަތީ ގޮތުން ދިވެހި ބަހާއި އެންމެ މަތިވެރި ދަރަޖައަކަށް އެކުވެފައިވަނީ، ޢަރަބި ބަހުގެ ލަފްޡްތަކެވެ.''

އަދި ވެސް ހަމަ މި މަޒުމޫނުގައި އަމީން ދީދީ ލިޔުއްވާފައި ވެއެވެ.

''އަޅުގަނޑަށް ވިސްނޭގޮތުގައި ހަމައެއް ނަހަމައެއް ބެލުމަކާއި ނުލައި ބަސް އުފެދުމުގެ އަޞްލަށް ޙުރުމަތްތެރިކަމެއް ނުބަހައްޓައި، އެ ބަހަކާއި ނުގުޅޭފަދަ ބޭރު ބަސްތަކުގެ ލަފްޡްތައް ބަހަކަށް ވައްދަން މަސައްކަތް ކުޅައުމަކީ، އެ ބަހަކަށް ޚިދްމަތްކުޅައުމުގެ ބަދަލުގައި ބަހަށް ކުރެވޭ ވަރަށް ވެސް ބޮޑު ޚިޔާނާތްތެރިކަމެކެވެ. ބަސް މުއްސަނދިވުމުގެ ބަދަލުގައި، ބަހުގެ އަޞްލުގެއްލި ބަހުގެ އަމިއްލަ ފޮނިކަމާއި އަސަރު ކެނޑުމުންދާނޭ ކަމެކެވެ. ޤުދްރަތީގޮތުން ބޭރު ބަސްބަހުގެ ބައެއް ލަފްޡްތައް ހިސާބަކަށް ދިވެހިބަހާއި ލާމެކެމުންދާނޭ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. އެކަން އެހެން ވިޔަ ނުދިމަށް ހަދާނޭ ފަންޑިތައެއް ވެސް ނެތްކަމުގައި އަޅުގަނޑު އެއްބަސްވަމެވެ.

އަޅުގަނޑުގެ ދުލަށާއި ޤަލަމަށް ލެވޭން އޮތްހާ ބާރެއްލާފައި، އަޅުގަނޑު އިޢުތިރާޟްކުރާ ކަމަކީ، އެއްޗިއްސަށް، ނުވަތަ ކަންކަމަށް ކިޔާ ދިވެހި ބަސް ހުއްޓައި ޢަރަބި ބަސް ހުއްޓައި ބޭރު އެހެން ބަސްބަހުގެ ބޭނުން އަޅުގަނޑުމެން ދިވެހީންނަށް މިހާރު ކުރެވެމުންދާތީއެވެ. އަޅުގަނޑު ހިތުގައި އުފެދިފައިވާ މިދެންނެވި، ''ނުޤަބޫލުކަން'' ވަކީން ޚާއްޞަ ބާރަކާއި އެކު ރައްދުވަނީ އިނގިރޭސި ބަހަށާއި، ޔޫރަޕުގެ އެހެނެހެން ބަސްބަހަށެވެ. ސަބަބަކީ، ސިއްރަކީ، އެބަސްބަހާއި ދިވެހި ބަހާއި ދެމެދުގައި އެއްވެސް ތިމާގެކަމެއް ނެތްކަމެވެ. އެ ބަސްބަހުގެ އަޑުތަކާއި، އަޅުގަނޑުމެންގެ ދިވެހިބަހުގެ އަޑުތަކާއި ދެމެދު ހުރި ތަފާތުކަމެވެ. އެ ބަސްބަހުގެ ލަފްޡްތަކާއި، ދިވެހި ލަފްޡްތަކާއި ނުގުޅޭކަމެވެ........... އާދެ ޤުދްރަތީގޮތުން، އަޅުގަނޑުމެންގެ ބާރު ނުހިގާ ފަދައިން ދިވެހި ބަހާއި އެކުވަމުންދާ ބޭރު ބަސްބަހުގެ ލަފްޡްތަކުގެ އިތުރަށް ޢާއްމުކޮށް ހުރިހައި ބަހަކުން، ޚާއްޞަކޮށް އިނގިރޭސި ބަހާއި، ޔޫރަޕްގެ އެހެނެނެހެން ބަސްބަހުން އެހީތެރިކަން ހޯދުމަކީ، އަޅުގަނޑުގެ ނަޡަރުގައި ބަހަށް ކުރެވޭ ވަރަށް ވެސް ބޮޑު ޚިޔާނާތެކެވެ............ އަޅުގަނޑު ވަކާލާތުކުރާނީ، ދިވެހި ބަހުން ދިވެހި ބަސް މުއްސަނދިކުޅައުމަށެވެ. ޢަރަބި ބަހުގެ އެހީތެރިކަމާއި އެކު ދިވެހި ބަސް މުއްސަނދިކުޅައުމަށެވެ..... ދިވެހި ބަހަށް އާ ފެހިކަމެކެވެ! ރޯޝަނީ މުސްތަޤްބަލެކެވެ! ''

އަމީން ދީދީ އެ ކުރެއްވެވި ވަކާލާތައް އަޅުގަނޑު ވަރަށް ބޮޑަށް ތާއީދުކުރަމެވެ. އެއީ އަޅުގަނޑުގެ ސިކުނޑިއަށް ވަރަށް ބޮޑަށް ޤަބޫލުކުރެވޭ ވާހަކަތަކެކެވެ. ސަބަބަކީ ދިވެހި ބަހާއި، ޢަރަބި ބަހަކީ ދެ ބަހުގެ ވެސް ލަފްޒުތައް އެމުނިފައި ހުންނަ ގޮތުން ވަރަށް އެއް ގޮތް ދެބަހެވެ. ޙަޤީޤަތުގައި، ދިވެހި ބަހުގެ އެމުނުންގަނޑާ ނުގުޅޭ އެއްވެސް ލަފްޡެއް ޢަރަބި ބަހަކު ނެތެވެ. އެޔާ ޚިލާފަށް، އިނގިރޭސި ބަހުގެ ލަފްޡްތަކަކީ، މިއަދު ގިނަ ދިވެހީންގެ ދުލަށް ފަސޭހަކަމަށް ހީވިޔަސް، ވަރަށް ވެސް ދިވެހީންގެ ދުލާ ބީރެއްޓެހި ބަހެކެވެ. އެހެން ހީކުރާކުރުން އެއީ ހަމަ މުޅީން ކުށްހީއެކެވެ. އިނގިރޭސި ބަހުގެ ވަރަށް މަދު ލަފްޡެއް ނޫނީ ދިވެހި ބަހުގެ އެމުނުންގަނޑާ އެއްގޮތެއް ނޫނެވެ.

އަނެއް ކަމަކީ ޢަރަބި ބަހަކީ ދިވެހިންގެ ޘަޤާފަތުގެ އެއްބައި ކަމަށް ވުމެވެ. އާދޭހެވެ. ޢަރަބި ބަހަކީ ދިވެހިންގެ ޘަޤާފަތުގެ ވަރަށް މުހިއްމު ބައެކެވެ. އަދި އެ ބަހަކީ ދިވެހިންގެ ބަހަށް ނުވިޔަސް އެ ބަހުގެ އަޑުތަކަކީ ދިވެހި ޘަޤާފަތުގެ އެއްބައެވެ. ބައެއްގެ ޘަޤާފަތާ އެބައެއްގެ ދީނާ ވަރަށް ބޮޑު ގުޅުމެއް ވެއެވެ. ނުވަތަ ޘަޤާފަތެއްގެ މައި މުގޫކަމުގައި ވާނީ އެބައެއްގެ ދީނެވެ. ދިވެހީންގެ ދީނަކީ އިސްލާމްދީނަށް ވެފައި، މުސްލިމުންގެ މުޤައްދަސް ފޮތް އޮތީ ޢަރަބި ބަހުން ކަމަށް ވާތީ، ޒަމާނުން ސުރެ، ދިވެހީން އެމީހުންގެ ޅަދަރީންނަށް، ތާނައަކުރަށް ވުރެން ވެސް ކުރީން، ޢަރަބި އަކުރު ލިޔާނެގޮތާއި، ޢަރަބިއަކުރުގެ އަޑުމަޚްރަޖު އަދާކުރާނެ ގޮތް އައީ މިއަދާ ހަމައަށް ވެސް ދަސްކޮށްދެމުންނެވެ. އަދި ކުރިއަށް އޮތް ތާގައި ދާނީ ވެސް ދަސްކޮށްދެމުންނެވެ. ވީމާ، ޢަރަބި އަކުރުތަކުގެ އަޑުމަޚްރަޖު ތަކަކީ ދިވެހިންނަށް އުނދަގޫ، ދިވެހީންނާ ބީރައްޓެހި އަޑުތަކެކޭ މީހަކު ދަޢުވާކޮށްފި ނަމަ އެމީހަކީ ޙަޤީޤަތުގައި ދިވެހި ޘަޤާފަތު ނޭނގޭ މީހެކެވެ.

ޤާނޫނު އެކުލަވާލެވެމުން ދާ ދުވަސްވަރެއްގައި، ބަހުގެ މުހިއްމުކަން މިކަމުގައި އުޅުއްވާ ބޭފުޅުންނަށް ވަރަށް ބޮޑަށް އިޙްސާސްކުރެއްވޭނެއެވެ. އަދި މި އުނދަގޫ މަސައްކަތް ކުރުމުގައި، އަމީން ދީދީ ދެއްވާފައި އެވާ އަގުހުރި އިރުޝާދު އެބޭފުޅުންނަށް ހަނދާންކޮށް އަރުވަމެވެ.

ޔޫރަޕް މީހުން އެމީހުންގެ ބަސްބަސް ތަރައްޤީކުރުމުގައި، ލެޓިން ބަސް ބޭނުންކުރި ފަދައިން، ދިވެހިން އައީ ޢަރަބި ބަހުގެ އެހީ ހޯދަމުންނެވެ. އަދި ކުރިއަށް އޮތް ތާގައި ވެސް އަމީން ވިދާޅުވި ފަދައިން، ބޭރު ބަހެއްގެ އެހީ ހޯދަން ޖެހޭ ޙާލަތެއްގައި ޢަރަބި ބަހުގެ އެހީ ހޯދުމަކީ ދިވެހި ބަހުގެ އެމުނުމާ އެންމެ އަރައިރުން ނުވާނެ، އަދި ބަސް އޭގެ ޠަބީޢީ ޙާލަތުގައި ދެމެހެއްޓުމަށް އެޅޭނެ އެންމެ ހަރުދަނާ އެއް ފިޔަވަޅެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.