ހޮނިހިރު20200926

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް މަޒްމޫނު ތާރީޚު ރޮލުންކާ ރަންނަމާރީންގެ ވާހަކަ

ތާރީޚު ރޮލުންކާ ރަންނަމާރީންގެ ވާހަކަ

rannamaariރާއްޖެ އިސްލާމްވީ ގޮތާ މެދު ކިޔޭ ރަންނަމާރި ވާހަކައަކީ އެންމެން ދަންނަ ވާހަކައެކެވެ. މިއީ ފުލޯކުވާހަކައެއްކަމުގައި ބުއްދިވެރިން ބުނެއެވެ. ތާރީޚް ޢިލްމުވެރިން އެވާހަކަ ހިމަނުއްވާފައި އޮންނަނީ ދިވެހި ޘަޤާފަތުގައި ހިމެނޭ ފޯކްލޯރު ތަކުތެރޭގައެވެ.

މިފަދަ ފުލޯކު ވާހަކަތަކަކީ އެކި އެކި ތަންތާގެ ޤަދީމީ ތާރީޚު ލިޔުއްވާ ޢިލްމުވެރިން އެތަންތާގެ މުސްކުޅިންގެ ދުލުން ނަޤުލުކުރާ އެއްޗެއްސެވެ. އެއީ އެ ވާހަކަތަކަކީ ޙަޤީޤަތެއްކަމުގައި ބުނުމަކަށް ނޫނެވެ. އެފަދަ ވާހަކަތަކުން ވެސް ތާރީޚު ދިރާސާކުރުމުގައި މަގުތަކެއް އަލިވެދާނެކަމަށްޓަކައެވެ. މަޝްހޫރު ޠަރްވާދާ (ޓްރޯއީ) ހަނގުރާމައޭ ކިޔުނު ވާހަކައަކީ ވެސް އެ ފާޑުގެ ފޯކްލޯރެކެވެ. އެއީ އޭގެ ފަހަތުގައި ކޮންމެސް ޙަޤީޤަތްތަކެއް ފޮރުވިފައިވުން ވަރަށްވެސް އެކަށީގެންވާ ޙާދިޘާތަކެކެވެ.

ދިވެހި ބައެއް ބުއްދިވެރިން، ރަންނަމާރި ވާހަކަޔާ މެދު ދެކެނީ އެއީ ޙަޤީޤަތުގައި ވެސް ހިނގި ކަމެއްގެ ގޮތުގައެވެ. ނަމަވެސް ހިނގާފައިވާ ގޮތް ތަފާތީއެވެ. އެމީހުން ދެކޭގޮތުން އަސްލު ރަންނަމާރިއަކީ ޚުދު ރަސްގެފާނެވެ. ނަމަވެސް އަބުލް ބަރަކާތު ފެނިވަޑައިގަތުމުން ގެންވަޑައިގެންނެވި ލަދުފުޅުން، ވެވަޑައިގަންނަވަން އޮތް ބޮޑު ފަޟީޙަތުން ސަލާމަތްވެވަޑައިގަތުމަށްޓަކައި އިސްލާމްދީން ޚިޔާރުކުރެއްވުމަށް މަޖުބޫރުވެވަޑައިގަތީޔޯލައެވެ. ދިވެހިރާއްޖެއަށް ގިނިކަންޏާ ވަޑައިގެންހުންނެވި މަޣްރިބުކަރައިގެ ވަލީވެރިޔާ ދިވެހި ފަސްގަނޑުގައި ހުންނަވައި، އެތާގެ ހުރިހާ ރައްޔިތުން ކިޔަމަންގަނެގެންތިބި ބާރުގަދަ ކީރިތި އާނަންދަ މަހާރަދުން ބުލެކުމައިލު ކުރެއްވީއެވެ!!!!

ނަމަވެސް އަޅުގަނޑުގެ ހިތަށް އަރާ ސުވާލަކީ، އެފަދަ ޖައްބާރު ޢައްޔާޝީ ރަސްކަލަކު، އެ ދަނޑިވަޅު ގިނިކަންޏާ އިންނެވި އަބުލްބަރަކާތުގެ ދުވަސް ދުއްވައިނުލެއްވީ ކީއްވެބާވައޭއެވެ. ބޭރު ރަށަކުން އައި ނިކަމެތި ފަރުދޭސިއެއްގެ ކުރިމަތީ މިފަދަ ބާރުގަދަ ރަސްކަލަކު ދެކަކޫފުޅު މައްޗަށް ތިރިވެވަޑައިގަންނަވަން، ފުރަމެންދަމެއްގެ އަނދިރީގައި ޖެހިވަޑައިގެންފާނެބާއެވެ. އަޅުގަނޑަށް ވިސްނޭގޮތުން، މާރަނގަޅަށް ވެސް އެ ބޮޑު ފަޟީޙަތުން އެމަނިކުފާނަށް ސަލާމަތްވެވަޑައިގަނެވުނީހެވެ. ކޮންމެހެން، ކާބަފައިންގެ ދީން ދޫކުރައްވައި އެފަދަ މަޖުބޫރެއް ވެވަޑައިގަންނަވާކަށް ނުޖެހެއެވެ.

ކޮންމެ އަކަސް މިއީ ފުލޯކުވާހަކައެކެވެ. ފަހަރެއްގައި މިއީ އެއްވެސް ސިފައެއްގައި ނުހިނގައި އޮތް ކަމަކަށް ވެދާނެއެވެ. ނުވަތަ، ކޮންމެސް ކަހަލަ ޙާދިސާތަކެއް ހިނގާފައިވުން ވެސް އެކަށީގެންވެއެވެ. ނަމަވެސް، ދަރުމަވަންތަ ރަސްގެފާނަށް އިންތިހާއަށް ދަރަނިވެރިވެރިވެފައިވާ ދިވެއްސެއްގެ ޙައިޘިއްޔަތުން، އެމަނިކުފާނުންގެ ބޮލުގައި އެފަދަ ހުތުރު އިލްޒާމެއް އެޅުވުމުން އަޅުގަނޑު ބަރީއަވަމެވެ.

އަދި ވެސް ބުއްދިވެރިން ދައްކާ އެހެން ވާހަކައެއް މިތަނުގައި ފާހަގަކޮށްލަމެވެ. އެއީ، ދިވެހިން އިސްލާމްދީން ޤަބޫލުކުރީ ރަސްގެފާނަށް ބިރުން މަޖުބޫރުންނޭ ބުނެވޭ ވާހަކައެވެ. މިއީ ވެސް އަޅުގަނޑުގެ ބުއްދިއަށް ހަޖަމުކުރަން ވަރަށް ދަތި ވާހަކައެކެވެ. ފުރަތަމަ ސަބަބަކީ، ރާއްޖެ އިސްލާމްވީ އެއްފަހަރާ ނޫންކަމަށް ބައެއް ތާރީޚީ ހެކިތަކުން އެބަ ދައްކައެވެ. އައްޑުއަތޮޅު މީދޫގައި ރާއްޖެ އިސްލާމްވީ ތާރީޚޭ އެބުނާ ދުވަހަށް ވުރެ މާ ކުރިން އިސްލާމުން އުޅުނުކަމުގެ ހެކި ފެނިފައިވެއެވެ.

ފަހަރެއްގައި މި ސަރަޙައްދުގެ އެހެނިހެން ޤައުމުތަކުގައި ވެސް އިސްލާމްދީން ފެތުރެމުން އައި ޒަމާނުގައި މުސްލިމު ވިޔަފާރިވެރިންގެ އަތްމައްޗަށް ދިވެހިން ވެސް އިސްލާމް ވަމުން މިރާއްޖޭގައި އިސްލާމްދީން ފެތުރެންފެށީކަމުގައި ވެދާނެއެވެ.

ތެދެކެވެ. ރަސްގެފާނަށް ބިރުން، ނުވަތަ އެމަނިކުފާނުންގެ ރުހުން ހޯދުމަށް، ނުވަތަ ބައިބޯވަމުން އަންނަ އިސްލާމީ މުޖުތަމަޢަށް ވަނުމަށް ނަމަވެސް، ދީން ދޫކޮށްފާނެ މުނާފިޤުން ތިބެދާނެއެވެ. އެއީ އެހެން ކަމެކެވެ.

ރާއްޖެ އިސްލާމްވީ އެމީހުން އެބުނާ ފަދައިން ރަސްގެފާނަށް ބިރުންކަމުގައި ވާނަމަ، އެރަސްގެފާނުންގެ ތަޚުތައް އިންޤިލާބެއް ގެނެވޭފަދަ ނުފޫޒުހުރި ބޮޑެއްވެސް މިޤައުމުގައި އެއިރު ނެތީބާއެވެ. ކާބަފައިންގެ ދީނަށް ލޯބިހުރި، ވަޒީރުބޭކަލެއްވެސް ނެތީބާއެވެ. ހަމަ ޔަގީނުން ވެސް ރައްޔިތުން ތިބީ މަޖުބޫރުން ކާބަފައިންގެ ދީން ދޫކޮށްގެންކަމަށް ވާނަމަ، އެދީނަށްޓަކައި މިފަދަ އިންޤިލާބެއް ގެނެވުމީ އަދި މާފަސޭހަކަމަކަށް ވީހެވެ. އަމުދުން އެޒަމާނުގެ ސިޔާސީ ދާއިރާގައި އުޅުއްވާ ބޮޑުންނަށް ދިވެހި މުޖުތަމަޢު އޮތީ ކޮން ކޮޅަކަށްކަން އެނގިވަޑައިގަންނާނެކަން ކަށަވަރެވެ. ނަމަވެސް މިފަދަ އިންޤިލާބެއް ނާދެއެވެ.

ފަހަރެއްގައި ދިވެހިންނަކީ މިފަދަ ކަންކަމާ ރަސްގެފާނާ ކުރިމަތިލާން ނުކެރޭކަހަލަ ފިނޑިން ތިބި ތަނަކީ ތޯއްޗެކެވެ. އެކަމަކު އެހެން ބުނެވެން އެބަ އޮތްތޯއެވެ؟ ތާރީޚު ދައްކާ ގޮތުން ދިވެހި ރަސްކަމަށް އެތައް ފަހަރަކު އިންޤިލާބު އައިސްފައި އެބަހައްޓެވެ. މަޝްހޫރު ރެހެންދި ޚަދީޖާ ރަނިކަމަށް އިސްވެވަޑައިތީ ވެސް ފިރިކަލުން ޤަތުލުކުރައްވާފައި ކަމުގައި ތާރީޚު ބުނެއެވެ. އަދި އެނޫނަސް، ދިވެހިން ނުރުހޭނެ ވެރިކަމެއް ރާއްޖޭގައި މިވީތަނަކަށް ދެމިއޮއެފައެއްނެތެވެ. އަނދިރިއަނދިރީންގެ 17 އަހަރުވީ ވެރިކަން ދުއްވާލާނެ ދިވެހިދަރިންތަކެއް މި ފަސްގަނޑުގައި އުފެދުނެވެ. ހޮޅިން ފައްސާލީވެސް ދިވެއްސެކެވެ. ވީއިރު، ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުން ޒަމާނުން ސުރެ އީމާންވެގެން ތިބި ދީން، ރަސްކަލެއްގެ އަމުރުފުޅަށް ކިޔަމަންކަމާއެކީ ދޫކޮށް އެރަސްގެފާނަށް ބައިޢަތު ހިފައިގެން ހިމޭނުން ތިބީސްބާއޭ އަޅުގަނޑުގެ ހިތަށް އަރައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.