އަންގާރަ20201117

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް މަޒްމޫނު އުކާޒުގެ ޘަޤާފަތް ރާއްޖޭގައި ފެތުރެނީބާ؟

އުކާޒުގެ ޘަޤާފަތް ރާއްޖޭގައި ފެތުރެނީބާ؟

ukaaz-saqaafaiއުތުރު ރަށްތަކުން މާލެދާ އުޅަނދުފަހަރަށް ފާދިއްޕޮޅު ނައިފަރާއި ހިންނަވަރަކީ ވަރަށް މުހިއްމު ދެ ބަނދަރެވެ. އަޅުގަނޑު ކަނޑުމަގުން މާލެދާ ކޮންމެ ދަތުރެއްގައި ކަހަލަ ގޮތަކަށް ބޯޓު ނައިފަރަށް މަޑުކުރެއެވެ. ވީމާ އެރަށަކީ އަޅުގަނޑަށް އާ ރަށެއްނޫނެވެ. ނައިފަރަށް މަޑުކުރާ ކޮންމެ ދަތުރަކު އެރަށަށް ފައިބައި، ރަށުތެރެ ބަލައިލާހަދަމެވެ.

ދާދި ކުޑައިރުންސުރެ ފެށިގެން މާލޭގައި ކިޔަވަން އުޅުމުގެ ސަބަބުން، އުފަން ރަށަށް ވުރެން ގިނަ ރައްޓެހިން ތިބީ އެހެން އެކި ރަށްރަށުގައެވެ. އެގޮތުން ބަލާއިރު، މުޅި ރާއްޖޭގެ އެއްތަނެއްގައި އެންމެ ގިނަ ރައްޓެހިން ތިބީ އައްޑޫ ފިޔަވާ ދެން، ނައިފަރުގައެވެ.

ކޮންމެއަކަސް، އެއްފަހަރަކު ނައިފަރު ރައްޓެއްސަކާ ދިމާވެގެން، އެރަށަށް ދެވުނު ވާހަކަ އޭނައަށް ކިޔައިދީފީމެވެ. އެވާހަކަ ކިޔައިދިނުމުން އެމީހުން ގެއަށް ޒިޔާރަތް ނުކުރީ ކީއްވެތޯ ވަރަށް ނުރުހިފައި ހުރެ އޭނާ އެއްސެވެ. ޖަވާބުގައި ބުނީމެވެ. ކަލޭ އެއިރު ރަށަކު ނޫޅޭނެއެވެ. ދެން އޭނާ ބުންޏެވެ. ތިމަންނާ ރަށުގައި ނެތަސް، ރަށަށް ގޮއްސިއްޔާ ތިމަންނާމެން ގެއަށް ދާންޖެހޭނެނޫންހެއްޔެވެ. އޭނާ ހުރީ ހަމަ ހަގީގަތުގައި ވެސް ނުރުހިފައެވެ. މިހެން މިދެންނެވީ ހުޝާމަދުކުރުމުގެ އެއްވެސް އަސަރެއް އޭނާގެ މޫނުމަތިން ފެންނަންނެތީމައެވެ. އޭނާގެ މޫނުމަތިން ފާޅުވާން ހުރީ ހަމަ އިޚްލާޞްތެރި ރަޙްމަތްތެރިކަމެވެ. ވީމާ އެގެއަށް ނުދެވުންކަމުގެ ''ކުށް'' ހަމަ ރަނގަޅަށް ވެސް އެވަގުތު އިޙްސާސްކުރެވުނެވެ.

އަނެއްކާ އެހެން ދަތުރެއްގައި ހަމަ އެރަށުގައި ދެ ގަޑިއެއްހާ އިރު މަޑުކޮށްލަންޖެހުނެވެ. ވީމާ ކުރީ ފަހަރުގެ ތަޖުރިބާގެ އަލީގައި، އެއްކަލަ ރަޙްމަތްތެރިޔާގެ ގެއަށް ޒިޔާރަތެއްކޮށްލަން ނިންމީމެވެ.

ރަށުގެ މައި މަގެއްގެ މެދެއްހާ ހިސާބުގައި، -ހަނދާންވާ ގޮތުން ނަމަ މަދްރަސަތުލް އިފްތިތާޙް ގެ ކުރިމަތީގައި- ހުރި ބޮޑު މިސްކިތުގެ ހަރިންމަ ފާރު ދޮށުގައި ތިބި ޒުވާން ފުރައިގެ ކުދިން ތަކެއްތެރެއިން، ބަލާ ބެލުމަށް އެންމެ ހިތްހެޔޮވާނެ ވައްތަރުޖަހާ ކުއްޖާ ކުރެން ސުވާލުކޮށްލީމެވެ. މިވެނި މީހެއްގެ ގެ ދަންނަންހެއްޔެވެ؟ އޭނާ އަކަށް ބުނެދޭކަށް ނޭނގުނެވެ. ދެން ހައްތާވެސް އެނގިދާނެހެން ހީވާ ކަހަލަ އަލާމަތްތައް ކިޔައިދިނީމެވެ. އެއީ މިވެނިތަނެއްގައި ކިޔަވާ އެވެނި މީހެކެވެ. މިރަށުގައި މަގޭ ބައިވަރު ރައްޓެހިން އުޅޭނެއެވެ. މިޒާތުގެ ވާހަކަތަކެކެވެ. އެހެން ގޮސް ރައްޓެހިންގެ ލިސްޓެއް ވެސް ކިޔާލެވިއްޖެއެވެ. އޭގެ ތެރެއިން ނަމެއް އަޑުއިވުމުން އެއްކަލަ ކުއްޖާ ބުންޏެވެ.

ތިމަންނާ އަކީ ފަހުން ތިބުނި މީހާގެ ތިމާގެ ކުއްޖަކީމެވެ. ތިމަންނާޔާ އެކީ ހިނގާށެވެ. މިހެން ކިޔާފައި އޭނާޔާ އެކީ އެގެއަށް ގެންގޮއްސިއެވެ. ދާން އުޅުނު ގެ ނޫން އެހެން ގެއަކަށެވެ. އެގޭ ރަހުމަތްތެރިޔާ ވެސް ރަށަކު ނެތެވެ.

އޭނާގެ އާއިލާ މީހުންނަކަށް އަޅުގަނޑެއް ނުވެސް އެނގޭނެއެވެ. މި ކުރެވެނީ ކީއްބާވައެވެ. ނުވެސް ދަންނަ ބައެއްގެ ގެ ގެއަށް އަންގައިވެސް ނުލައި ގޮސް ފާވެވުނީއެވެ. އެމީހުންނަށް ވެދާނެ އުނދަގުލަކަށް ވިސްނައިވެސް ނުލެވިއެވެ.

އެގެއިން ދިމާވީ ރަޙްމަތްތެރިޔާގެ ބޭބެއެވެ. ފަހަރިޔާއި ކުޑަ ދަރިފުޅެވެ. އަޅުގަނޑަކީ މިއީ އެމީހުންގެ ކޮއްކޮ ގެ ރަޙްމަތްތެރިއެއްކަން އެނގުމުން ވަރަށް ހިތްހެޔޮކަމާ އެކީ މެހެމާންދާރީ އަދާކޮށްފިއެވެ. ފެންވަރަން ފާޚާނާ ދެއްކިއެވެ. ސައި ދީފިއެވެ. ދެން އިރުކޮޅަކު ވާހަކަދައްކާލަން މަޑުކޮށްލުމަށްފަހު، ބޯޓަށް ދާންވެގެން އިޒްނަހޯދާލީމެވެ. ވަގުތުން މަނާކޮށްފިއެވެ. މިރޭ ކައިގެން ނޫނީ ނުދެވޭނެކަމަށް އޭނާ އެންގިއެވެ. އަޅުގަނޑު ބުނީމެވެ. ބޯޓު މިވެނިގަޑިއެއްގައި ފުރާނެޔޭ، އެހާ އިރަށް އެޔަށް އަރައި ތިބުމަށް ނެވިމީހާ އޮތީ އަނގާފައެވެ. އޭނާ ބުންޏެވެ. ކަލޭމެން ނުލައެއް ބޯޓެއް ނުފުރާނެޔޭ މިރޭ ދާން ވާނީ ހަމަ ކައިގެންނެވެ. ކޮންމެއަކަސް އޭނާ ކުރުނުކޮށްގެން އެންމެ ފަހުން ޖެހުނީ މަޑުކުރާށެވެ. އޭގެ ކުރިން އަދި އޭނާގެ ތިމާގެ އެހެން ގޭގެއަށް ވެސް އަޅުގަނޑު ގެންގޮސް ތަޢާރަފްކޮށްދިނެވެ. އެއިން ކޮންމެ ގެއަކުން ވެސް ލިބިފައި އޮތް ކުޑަވަގުތުކޮޅާ އެކަށީގެންވާ ވަރަށް ނިކަން ރަނގަޅަށް މެހެމާންދާރީ އަދާކުރިއެވެ.

ފަހަރި ބަދިގެއަށް ވަދެ ކުއްލި ގޮތަކަށް ވަރަށް މީރުކޮށް ކޮއްތު ހަދާލިއެވެ. މީގައި އަދި ހަނދާން ނެތުނު އެއްތަންކޮޅު ދަންނަވާލިޔަ ދެއްވާށެވެ. އަޅުގަނޑާ އެކު (އަޅުގަނޑަށް ވުރެން ވެސް ގިނައިން ކާ) ދެ ކޮއްކޮއަކު ތިއްބެވެ. އަދި އޭގެ އިތުރުން ބޯޓުން އައި އެހެން ދެތިން މީހަކު ވެސް ތިއްބެވެ. އެއީ އެގޭ ރަޙްމަތްތެރި ބައެކެވެ. މި އެންމެންނާ ލައިގެން، މަދުވެގެން އެއްވަރުގެ ބިޔަ ހަ ފިރިހެނުން އެގޭގައި އެވަގުތު ތިއްބެވެ.

ހިތަށްއެރިއެވެ. ބައެއް ރަށްރަށު މީހުން ހަމަ މެހެމާނުންނަށް ކަމޭހިތާލެއް ބޮޑީއެވެ. އެހެންޏާ! ނައިފަރު މީހުންނަކީ އިތުރު އެހެން ރަށެއްގެ ބަޔަކަށް ބަރޯސާވާން ނުޖެހޭ ތަނަވަސް ބައެކެވެ. އަމުދުން އަޅުގަނޑުމެން ހިސާބުގަނޑަށް އެމީހުން ދާކަށް ނުވެސް ޖެހޭނެއެވެ. ވީ އިރު މި ފަދަ މެހެމާންދާރީ އަކީ އެއްވެސް އަމިއްލަ އެދުމެއް ނެތް، ހިތްހޮޔޮކަމާއި، އަޚްލާޤްރަނގަޅުކަން ނޫން ދެން އެހެން ކޮން ކަމެއްތޯއެވެ.

ތަންކޮޅެއް ކުޑައިރު، އުމުރުން ގާތްގަނޑަކަށް ދިހަވަރަކަށް އަހަރު ތިލަދުންމަތީ އުތުރުބުރީ މޮޅަދޫއަށް ވެސް ދިޔައީމެވެ. އެރަށުގައި ގާތްގަނޑަކަށް ހަތަރު ހަފްތާ މަޑުކުރީމެވެ. އެރަށަށް ދެވުނު ފުރަމަ ދުވަހު ގޭ ގެއިން ސައިބޮވުނު އަދަދެއް ނޭނގެއެވެ. ނުވެސް ދަންނަ ގޭގެއެވެ. އެއިން ގެއެއްގެ މީހަކު އުމުރުގެ ކޮޅުން ވެސް އަޅުގަނޑުމެން ގާތަށް ކަމަކު ކިޔަން ނުވެސް އަންނާނެއެވެ. ވަރަށް ހިތްހެޔޮ އަޚްލާޤު ރަނގަޅު ދީންވެރި ބަޔަކު އުޅޭ ރަށެކެވެ. އެރަށުގައި ވޭތުވި ދުވަސްކޮޅު ދުވަހަކު ވެސް ހަނދާނަކުން ނުފިލާނެކަންނޭނގެއެވެ. އެހާ ކުޑައިރު ގެ ކަންތައްތަކެއް، އަދި ވެސް ވަރަށް ތަފްސީލާ އެކު ހަނދާނުގައި ހުރިކަން މި ކަމުގެ ހެއްކަކަށް ނުފުދޭތޯއެވެ.

ކޮންމެއަކަސް މި ލިޔާ ލިޔުމުގެ ބޭނުމަކީ މީގެ ކުރިން ފޭބިފައި ހުރި ރަށްރަށު މީހުންނަށް ވައިޖަހާ ގޯނިފުލަށް ލުމެއްނޫނެވެ. ޙައްޤުނޫން ތަޢުރީފާއި ހުޝާމަދުކުރުމެއްވެސް ނޫނެވެ. ނުވަތަ ނައިފަރާއި މުޅަދޫގައި އުޅެނީ މުޅިން ވެސް މަލާއިކަތުންނޭ ދެންނެވުމެއް ވެސް ނޫނެވެ.

ވާހަކައެއް ދަންނަވާފާނަމެވެ. ދިވެހިރާއްޖޭގެ ވެރިރަށް މާލެ އަކީ މުޅި ދުނިޔޭގެ ރަށްތަކަށް ބެއްޔަސް އަޅުގަނޑުގެ ހިތުގައި ވަރަށް ޚާއްޞަ ފުން ލޯތްބެއް ދެވިފައިވާ ރަށެކެވެ. ސަބަބަކީ މާލެވުމެއްނޫނެވެ. ނުވަތަ ޢުމުރުގެ ފޮނި ދުވަސްތަކެއް މާ އަރާމުގައި އެރަށުގައި ހޭދަކޮށްލެވުމެއް ވެސް ނޫނެވެ. ސަބަބަކީ އަޅުގަނޑަކީ ދިވެއްސަކަށް ވުމެވެ. މާލެއަކީ ދިވެހިރާއްޖޭގެ ވެރިކަންކުރާ ސަހަރެވެ. ވީމާ އެއީ ހުރިހާ ދިވެހިންގެ ތަނެކެވެ. އެތަނަށް ލިބޭ ކޮންމެ ކުރިއެރުމަކީ ހުރިހާ ދިވެހިންނަށް ލިބޭ ކުރިއެރުމެކެވެ.

ހަމަ އެފަދައިން، މާލެ ކަހަލަ އެހެން ރަށްތަކެއް ވެސް ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި އެބަ ވެއެވެ. އެކި އެކި ސަރަޙައްދުތަކަށް ނިސްބަތްވާ އެސަރަޙައްދެއްގެ މަރުކަޒީ ރަށެވެ. މި ދެންނެވި މަރުކަޒީ ރަށަކީ މާލެ ފަދައިން މުޅި ސަރަޙައްދަށް ނިސްބަތްވާ ހުރިހާ ރަށެއްގެ އެންމެންނަށް ޚިދުމަތްލިބޭގޮތަށް އެރަށްތަކުގައި އެ އެންމެންގެ ޙައްޤުތަކެއްވާ ރަށްތަކެކެވެ. ސަރަޙައްދީ ހަސްފަތާލާއި، ސަރަޙައްދީ މަދަރުސާއާއި، ވިޔަފާރި ބަނދަރުތަކާއި، މިހެން ގޮސް ސަރަޙައްދަށް ނިޞްބަތްވާ ހުރިހާ ޚިދުމަތަކީ އެ އެންމެންގެ ޙައްޤެވެ.

ފަހަރެއްގައި ވެސް އެއީ ހަމައެކަނި އެރަށަކަށް ނިޞްބަތްވާ ބައެއްގެ ތަނެއް ނޫނެވެ. ވީ އިރު އެރަށް ރަށަށް ލިބޭ ކޮންމެ ކުރިއެރުމަކީ މުޅި ސަރަޙައްދު އެންމެންނަށް ލިބޭ ކުރިއެރުމެކެވެ. އަދި އެ އެންމެން ވެސް އެމީހުންގެ ސަރަޙައްދީ ވެރިރަށް ދެކެ ލޯބިވާނެއެވެ.

ނަމަވެސް ބައެއް ފަހަރު މި ދެންނެވި މަރުކަޒީ ރަށްރަށު މީހުން އެހެން ރަށްރަށު މީހުންނާ މުޢާމަލާތުކުރާ ގޮތުން ހީވަނީ ތިމާމެންނަކީ މާ މޮޅުބައެއްވީމާ އެ މޮޅުކަމުގެ ފައިދާނަގަން މާ ނިކަމެތި އެހެން ބަޔަކު އަންނަނީހެންނެވެ. އެހެންނެއް ނޫނެވެ. އެމީހުން އެ އަންނަނީ އެމީހުންގެ އަމިއްލަ ޙައްޤެއް ހޯދަން އެމީހުންގެ އަމިއްލަ ސަރަޙައްދު ގެ މަރުކަޒީ ރަށަށެވެ. ހެންވޭރު މީހަކު ޗާނދަނީ މަގަށް ބާޒާރުކޮށްލަން ދިޔުމުގެ ޙައްޤު އޮންނަ މިންވަރަށް އަތޮޅުގެ އެހެން ރަށެއްގެ މީހަކު މަރުކަޒީ ރަށަށް ބޭނުން އިރަކު ދިޔުމުގެ ޙައްޤު އޮންނާނެއެވެ. ނަސީބު ރަނގަޅުކަމުން މަރުކަޒީ ރަށު މީހުންނަށް ތިބިތާ ތިބެގެން ޚިދުމަތްތަށް ލިބުނަސް، އެއީ ހަމަ އެކަނި މަރުކަޒީ ރަށުގެ މީހުންގެ އަމިއްލަ މިލްކިއްޔާތެއް ނޫނެވެ.

ސަރަޙައްދީ މަދަރުސާ ގައި ކިޔަވަން އުޅޭ އެހެން ރަށެއްގެ ކުއްޖަކު އެ މަދަރުސާގައި ކިޔަވާ އިރު އޭނާ އެ އުޅެނީ އޭނާ ނިސްބަތްވާ އޭނާގެ ޙައްޤު އޮތް ތަނުގައެވެ. އެކަން އެ މަދަރުސާ ބިނާވެފައި ހުރި ރަށުގެ އަސްލު ރަށްވެހި ކުދިން ދަންނަންޖެހޭނެއެވެ. އޭނާ އަކީ ފަހަރެއްގައިވެސް ބީރައްޓެއްސެއްނޫނެވެ.

ސަރަޙައްދީ ހަސްފަތާލު ހުންނަ ރަށު މީހުންނަށް ފަރުވާމަތީ އުޅަނދުގެ އަވަސް ޚިދުމަތް ލިބޭ އިރު އެ ހަސްފަތާލު ނިސްބަތްވާ ސަރަޙައްދުގެ އެހެން ރަށެއްގެ މީހަކު ވިހަން މާބަނޑުން ހަލާލާއިރު ވެސް އޮންނަން ޖެހެނީ އަނގަމަތި މަސްދޯންޏެއްގައި ރަތްދަކަ އަވީގައި އިންޖީނުގެ ޕަޓަޕަޓަ އަޑުފަށްގަނޑާއި އަޑީތެޔޮ ވަހުން އިތުރަށް ބޯ އަނބުރައިގެންފައެވެ. ފަރުވާމަތީ އުޅަނދު މުހިއްމީ ހަސްފަތާލު ހުންނަ ރަށު މީހުންނަށްތޯ ނުވަތަ އެ ސަރަޙައްދު އެހެން ރަށްރަށު މީހުންނަށްތޯއެވެ؟ ރާއްޖެ ޖިއޮގްރަފީގޮތުން އުފެދިފައި އޮތް ގޮތަށް ބަލާ އިރު ކޮންމެ ހަސްފަތާލަކަށް ފަރުވާމަތީ އުޅަނދެއްގެ ގޮތުގައި، ބާރަށް ދުވާ ކަނޑުއުޅަނދެއް، ބޭސްވެރިކަމުގެ އަވަސްފަރުވާޔާއި، ކުއްލި އެހީ ގެ ސާމާނާ އެކު އަބަދުވެސް އޮންނަން ޖެހޭނީ ތައްޔާރަށެވެ. ހީވާ ގޮތުން މިހާރު ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން މިކަހަލަ ވިސްނުމެއް އެބަ ގެންގުޅެއެވެ. އެހެން ކަމަށް ވާނަމަ ހުރިހާ ދިވެހިންނަށް ކުރީބައިގައި ތަހުނިޔާ އާއި މުބާރަކުބާދު އަރިސްކުރަމެވެ.

ދިވެހިންނަކީ ވަރަށް ވެސް އެއްބައެއްވަންތަ ބައެކެވެ. އެއް ނަސްލެއްގެ އެއްބަހަކުން ވާހަކަދައްކާ އެއް ދީނެއްގެ ބައެކެވެ. މިތަނުގައި ގަބީލާތަކާއި ވަންހަތަކެއް ނޯވެއެވެ. މެޖޯރިޓި އެއް މައިނޯރިޓީ އެއް ނޯވެއެވެ. ހުސް އެއް ބައެކެވެ.

ނަމަވެސް ރާއްޖޭގައި ބައެއް ފަހަރަށް ހިނގާ ހާދިސާތަކުން، ޖާހިލިއްޔަ ޒަމާނުގެ ގަބީލާ ތަޢައްސުބުގެ ކުލަވަރު އެބަ ފެނެއެވެ. މިދެންނެވި ގަބީލާ ތަޢައްސުބު، ދުނިޔޭގެ ބައެއް ތަންތާ މިހާރުވެސް އޮވެއެވެ. ނަމަވެސް، އެމީހުންގެ ޙާލަތު ދިވެހިންނާ މުޅިން ތަފާތެވެ. އެމީހުންނަކީ ޙަޟާރަތުގެ އަސަރު ނުފޯރާ ފަށުގައި އުޅޭ ކުދި ކުދި ގަބީލާތަކެއްގެ މައްޗަށް ބިނާވެފައި އޮންނަ މުޖުތަމަޢުތަކެކެވެ.

ޖާހިލިއްޔަ ޒަމާނުގެ ޢަރަބީން ބުނެ އުޅުނު ބަހެއް އޮވެއެވެ. ''ޡާލިމެއްގެ ގޮތުގައި ހުއްޓަސް މަޡްލޫމެއްގެ ގޮތުގައި ހުއްޓަސް ކަލޭގެ އަޚާއަށް ނަޞްރުދޭށެވެ.'' ނަމަވެސް އަޅުގަނޑުމެންގެ މާތް ނަބިއްޔާ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވެވުމުން، ޢަރަބިންގެ މި ދެންނެވި ''ނަސޭހަތުގެ ބަސް'' އެހެން މާނައެއްގައި އަލުން ޙަދީސްކުރެއްވިއެވެ.

ޒުވާނުންގެ މެދުގައި ފާޑު ފާޑުގެ ކޫސަނި މައްސަލަތަކާއި ހަމަނުޖެހުން ކޮންމެސް ވަރަކަށް ހިނގުމަކީ އާދަޔާޚިލާފު ކަމެއް ނޫނެވެ. ނަމަވެސް، އެހެން ހިނގާ މައްސަލަތަށް ޤަބީލާ ތަޢައްސުބަކަށް ވެގެން ނުވާނެއެވެ. އެހެން ގަބީލާއެއްގެ މީހަކު، ތިމާގެ ގަބީލާ މީހެއްގެ ފައި ބިންދާލުމުން، ގަބީލާ މީހުން ނުކުމެ އަނެއް ގަބީލާ ގެ ކޮންމެސް މީހެއްގެ ފިޔަންކަށި ބިންދާލައިގެންނުވާނެއެވެ. އަދި އަމުދުން އެކަމާ ގުޅުމެއް ނެތް މީހަކަށް އަދަބު ލިބިގެން ނުވާނެއެވެ. އެއް ރަށް އަނެއް ރަށާ ފިތުނަވެރިވެގެން ނުވާނެއެވެ. ދެރަކަމަކީ ބައެއް ފަހަރު، ފުޓުބޯޅަ މެޗެއް ވެސް، ދެރަށެއް ދެމެދު ވިހަކޮށްލާ ކަމެވެ.

ukaaz-saqaafai-2ރާއްޖޭގައި ބައެއް ފަހަރަށް އަވަށު ވާދަވެރިކަން ވެސް އޮންނަނީ ގަބީލާ ތަޢައްސުބަކަށް ވެފައެވެ. މިއީ ހެއްވާކަމެއްގެ އިތުރުން އެޔަށް ވުރެ ހިތާމަހުރި ކަމެކެވެ. މިކަހަލަ ކަންކަން ހިނގަނީ ވަކި ރަށެއްގެ ބަޔަކު މާ ގޯސްވެގެންނެއް ނޫނެވެ. ކޮންމެ ރަށެއްގައި ވެސް ކޮންމެ މުޖުތަމަޢެއްގައި ވެސް، މުޖުރިމުން އުޅޭނެއެވެ. ވިސްނުމުގެ ދާއިރާ ހަނި ޖާހިލުން ވެސް އުޅޭނެއެވެ.

މިފަދަ މީހުން ކުރާ ކަމެއްގެ ސަބަބުން ދެ ރަށެއްގެ ދެމެދުގައި އޮންނަ ގުޅުމަށް ހީނަރުކަމެއް އައިސްގެން ނުވާނެއެވެ. އަޅުގަނޑު ހިތުން، ދީނީ ނަސޭހަތްދެއްވާ ވާޢިޡުންނާއި، އިޖްތިމާޢީ މައްސަލަތަކުގައި ލިޔުއްވާ ލިޔުންތެރިންނާއި، މަދަރުސާ ތަކުގެ މުދައްރިސުން މިހެން ގޮސް، މުޖުތަމަޢު ހޭލުންތެރިކުރުމުގެ ޒިންމާ ބޮލުގައި އަޅައިގެން އުޅޭ އެންމެން ވެސް މި ދިވެހި ގައުމު ބައިބައި ވުމުގެ ކުރިން މީހުން ހޭލުންތެރިކުރުވަން ވެއްޖެއެވެ.

ދެރަށެއްގެ ދެމެދުގައި ފިތުނައެއް ހިނގައިފި ނަމަ ދެރަށުގެ އިސް މަސްއޫލު ވެރިން ހިކްމަތްތެރި ފިޔަވަޅު އަޅުއްވައި، ބުއްދިވެރި ބަޔާންތައް ދެއްވަން ޖެހޭނެއެވެ. ތިމާމެންގެ ރަށާއި އަނެއް ރަށަކީ ނުހަނު އުޚުއްވަތްތެރި ދެ ރަށް ކަމާއި، ހަމަނުޖެހުން ހިންގާ ބަޔަކު ކުރާ ކަމެއްގެ ސަބަބުން ދެރަށުގެ ދެމެދުގައި ފިތުނައެއް އުފެދުމުގެ ފުރުޞަތެއް ނުދޭނެކަމުގެ ޢަޒުމުގައި ދެރަށުގެ ވެސް ރައްޔިތުން ތިބިކަން، ހަރުދަނާކަމާ އެކު ވިދާޅުވާންޖެހޭނެއެވެ. ދެރަށް ދެރަށުގެ އިސް މަސްއޫލުވެރިން އިސްނަންގަވައިގެން އަލިފާންގަނޑު ނިވައިލައްވަންޖެހޭނެއެވެ.

ހަގީގަތް ހޯދާ ތަޙްލީލުކޮށް ޚަބަރު ގެނެސްދިނުމަކީ ނެތްކަމެއް ނޫނެވެ. ކަން ހިނގައި ދިޔަ ގޮތް ޚަބަރެއްގެ ގޮތުގައި ގެނެސް ދޭންޖެހޭނެއެވެ. ނަމަވެސް، ލިޔުންތެރިން ލިޔުއްވާ އިރު ރަށްރަށު މީހުންގެ މެދުގައި ފިތުނަ ނުހިލޭނެ ކަހަލަ ޙިކްމަތްތެރި މޭރުމަކުން ލިޔަން ވިސްނަންޖެހޭނެއެވެ. ރަށުގައި ތިބި ސުލްޙަޔަށް ލޯބިކުރާ މީސްމީހުންގެ ދުލުން ބަސް ހޯދައިގެން ނަގުލުކުރަންޖެހޭނެއެވެ. އެޔާ ޚިލާފަށް، އެރަށު މީހުން ބުނަނީ މިހެންނޭ އެހެންނޭ ކިޔައި، އެއްރަށު މީހުންގެ ދުލުން އަނެއްރަށް ކުއްވެރިކުރާ ކަހަލަ ބަސްހޯދަ ހޯދައިގެން ނަގުލުކުރުމަކީ ފިތުނައިގެ އަލިފާނަށް ދަރުއެޅުމެވެ.

ނުހަނު ފުނަށް މޫލައިފައި ހުންނަ އިޖްތިމާޢީ ބޮޑެތި މައްސަލަތައް ދިރާސާކޮށް، ޙައްލު ހޯދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމުގެ ވަގުތު ފަހަނައަޅާ މިހިރަ ދަނީ އެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.