ބުރާސްފަތި20180719

އާކުރެވުނީ: 08:43:52

ވާހަކަދެއްކުމުގެ ނިޢުމަތް

vaahak-dhekkumuge-niumaބަހަކީ، އިންސާނުންނަށް ލިބިފައިވާ އަގުބޮޑު ނިޢުމަތެކެވެ. މުވާޞަލާތުކުރުމަށް ބޭނުންކުރާ ވަޞީލަތްތަކުން އެންމެ ބާރުގަދަ ވަޞީލަތްވެސް މެއެވެ. އިންސާނުންނާއި ހައިވާނުންގެ ފަރަޤު ވަކިކޮށްދިން އިންފާރުވެސް މެއެވެ. މި މަތިވެރި ނިޢުމަތުގެ ޙަޤީޤަތް ދެނެގަތުމަށް ބަހަވީ ޢިލްމުވެރިން (ލިންގުއިސްޓުން) ތަފާތު އެތައް ދިރާސާތަކެއްކޮށް ބަހުސްތައް އުފައްދަމުން ދެއެވެ. "ބަސް" އުފެދުނު ގޮތް ހޯދުމަށެވެ.  އެންމެ ފުރަތަމަ ވާހަކަދެއްކުމަށް ބޭނުންކުރި ބަސް ހޯދުމަށެވެ. ބަހުގެ މުހިންމު ސިފަތައް ދެނެގަތުމަށެވެ.

ހަމައެހެންމެ ބަސްހިމެނޭ މައިގަނޑު އަސާސް ކަމުގައިވާ މުވާޞަލާތު ކުރުމުގެ ތަފާތުތަކާއި އެއްގޮތް ކަންތައްތަކަކީވެސް ބަހަވީ ޢިލްމުވެރިން (ލިންގުއިސްޓުން) ގެ ދިރާސާތަކާއި ބަހުސްތަކުގެ މައިގަނޑު އަމާޒެކެވެ. ވުމާއެކު، މިފަދަ ދަނޑިވަޅެއްގައި މިމަތިވެރި ނިޢުމަތުގެ ކުޑަނަމަވެސް މިންވަރެއް ޙިއްޞާކޮށްލުމަކީ މުހިންމުކަމެއްކަމުގައި ނޫނީ ނުވާނެކަން ކަށަވެރެވެ.

އެންމެ ފުރަތަމަ މުވާޞަލާތަށެވެ. މާތްﷲ  ޚަލްޤުކުރެއްވި ކޮންމެ މަޚުލޫޤަކަށްވެސް މުވާޞަލާތުކުރުމުގެ ޤާބިލުކަން ދެއްވާފައިވާވުމީ ޝައްކެއް ހުރިކަމެއް ނޫނެވެ. ނަމަވެސް، މިދެންނެވި ދިރުންހުރި ތަކެއްޗަށް (މަޚުލޫޤުންނަށް) މުވާޞަލާތުކުރުމުގެ ޤާބިލުކަން ދެއްވާފައިވަނީ ތަފާތު ގޮތްގޮތަށެވެ. ތަފާތު މިންވަރަށެވެ. އޭގެތެރޭގައި ދެކެވޭ ވާހަކައިންނާއި އަޑު އަދި ނިޝާނާއި ޙަރަކާތް ހިމެނެއެވެ. ވުމާއެކު މިކަމުން ދޭހަކޮށްދެނީ މުވާޞަލާތުކުރުމުގެ ވަޞީލަތްތަކަކީ ހަމައެކަނި އަޑު ނޫންކަމެވެ. ޙަރަކާތަކީވެސް މުހިންމު އެއްޗެއްކަމެވެ.

ޝައްކެއްނެތެވެ. ކުރިންވެސް ދެންނެވިފަދައިން ހަމަކޮންމެ ދިރޭއެއްޗަކަށް މުވާޞަލާތުކުރުމުގެ ޤާބިލުކަން ލިބިފައިވެއެވެ. ނަމަވެސް، މުވާޞަލާތުގެ މުހިންމު ވަޞީލަތްތަކުގެ ތެރޭގައި ހިމެނޭ ބަހަކީ ހުރިހާ ދިރޭތަކެތީގެތެރެއިން ހަމައެކަނި އިންސާނުންނަށް ދެއްވި އަގުބޮޑު ނިޢުމަތެވެ. ބަސް އުފެދުމުގެ އަޞުލުކަމުގައި ބެލެވެނީ "އަޑުފައްޗެވެ." މި އަޑުފަތި ތަރައްޤީވެފައިވާ ގޮތް، ގުޅި ލާމެހިފައިވަނީ އެތަނެއްގެ ވެށްޓާ، ސަޤާފަތާއި އާދަކާދައާއެވެ.

އިންސާނުން ވާހަކަދެއްކުމަށް ބޭނުންކުރާ ބަހާމެދު، ބަހަވީ ޢިލްމުވެރިން (ލިންގުއިސްޓުން) އެތައް ވާހަކަތަކެއް ދައްކާފައިވެއެވެ. އެތައްގޮތަކަށް ވަނީ މާނަކުރައްވާފައެވެ. އެގޮތުން ބަހެއްގައި ހުނަންޖެހޭ ނުވަތަ ހުރުން ލާޒިމު ސިފަތައް ވަނީ ބަޔާންކޮށްދެއްވާފައެވެ. ބަހުގެ މާހިރެއްކަމުގައިވާ އީ ސްޕެޔަރ ހާމަކުރައްވާފައިވާ ގޮތުގައި ބަހަކީ އިންސާނުން އެކަކު އަނެކަކާ މުޢާމަލާތުކުރުމަށްޓަކައި އެމީހުންގެ ޚިޔާލުތަކާއި ޝުޢޫރުތައް ބޭނުންކޮށްގެން އަމިއްލައަށް އީޖާދުކުރާ ނުވަތަ އީޖާދުކޮށްފައިވާ އިޝާރާތް ނުވަތަ ނިޝާންތަކެކެވެ.

ހަމައެހެންމެ ވެބްސްޓަރ ޑިކްޝަނަރީގައި ބަހަކީ ކޮބައިކަން ބުނެދިނުމަށް ބަޔާންކޮށްފައިވަނީ އީ ސްޕެޔަރ ބަޔާންކޮށްފައިވާ ގޮތާއި ދާދި އެއްގޮތަށެވެ. އެކަމަކު ތަންކޮޅެއް ތަފްޞީލެވެ.  އެހެނީ، އޭނާ(ވެބްސްޓަރ) ބަޔާންކުރައްވާގޮތުގައި  ބަހަކީ، ވަކި ނިޒާމެއްގެ މައްޗަށް އެކުލެވޭ ގޮތަށް ފާޅުކުރާ ޚިޔާލުތަކާއި ޝުޢޫރުތަކާއި އަޑާއި ހަށިގަނޑުގެ ޙަރަކާތްތަކާއި އިޝާރާތްތައް އަދި ނިޝާންތަކެއްގެމައްޗަށް ބިނާވެގެންވާ މާނަ އެކުލެވޭ އެއްޗެކެވެ. މީގެއިތުރުން ވަރލްޑް އިނގުލިޝް ޑިކްޝަނަރީގައި ވާގޮތުން ބަހަކީ، މުއާމަލާތު ކުރުމަށްޓަކައި އިންސާނުން ލިޔެގެން ނުވަތަ އަނގަބަހުން ބޭނުންކުރާ ލަފުޒުތަކުގެ ނިޒާމެކެވެ.

ބަހާމެދު މިދެންނެވި ތަފާތު ޚިޔާލުތަކުން ދޭހަވާގޮތުގައި ބަހަކީ، ހަމައެކަނި އިންސާނުންނަށް ލިބިފައިވާ މުވާޞަލާތުކުރުމުގެ ނިޒާމެކެވެ.  ސަބަބަކީ، ހަމައެކަނި އިންސާނުން އެކަކު އަނެކެއްގެ ޚިޔާލާއި ޝުޢޫރު ފާޅުކުރުމުގެ ކުޅަދާނަކަން ހޯދައިދިން އެމްމެ މިހިންމު ވަޞީލަތްކަމުގައި "ބަސް" ވާތީއެވެ.  އިންސާނުން ފިޔަވާ ދިރޭ އެހެންއެއްޗެއްލައްވާ އެއްވެސް އަޑެއްގައި އިންސާނުން ވާހަކަދެއްކުމަށް ބޭނުންކުރާ ބަހުގައި ހުންނަ ފަދަ މުހިންމު ގިނަ ސިފަތައް ނެތުމަކީވެސް އެގޮތަށް ޤަބޫލުކުރެވޭ އެއްސަބަބެވެ. ވުމާއެކު، ވާހަކަދެއްކުމަށް ބޭނުންކުރާ ބަހަކީ، އިންސާނުންނަށް ދެއްވާފައިވާ ޚާއްޞަ ނިޢުމަތެއް ކަމާމެދު ޝައްކެއް ނެތެވެ.

* ޙުސައިން ޙަބީބް، ނ.ފޮއްދޫ

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.