އާދީއްތަ20171217

އާކުރެވުނީ: 09:46:14

ވިލިނގިލީ ފަލްސަފާ

viligili-falsafaފަހަކަށް އައިސް އިވެން ފެށި އާބަސް ތަކުގެ ތެރެއިން އެއް ބަހަކީ "ޢުމުރުފުރާއެވެ". ހަމަ ގައިމުވެސް ތަންކޮޅެއް ކުރިން އަޑުއިވުނު ބަހެއް ނޫނެވެ. ރީތި ދިވެހިބަހެކެވެ. ޢުމުރަކީ ކުރިންވެސް އަޅުގަނޑުމެން އަޑުއަހާ ބަހެކެވެ. ފުރައަކީވެސް އަޑުއަހާ ބަހެކެވެ. ދެބަސް އެއްކޮށްލުމަށް ފަހު ޢުމުރުފުރާ ކިޔުމުން '' އޭޖު ގުރޫޕް '' އޭ ނުކިޔާ ފަރުޖެހެއެވެ. ވީމާ އުފާކުރުން ޙައްޤެވެ. ނަމަވެސް "ފުރާ" ގެ މާނަ އަކީ ވެސް ލަފާކުރެވޭ ގޮތުން ހަމަ އޭޖުގުރޫޕެވެ. ދިވެހި ބަސްފޮތުގައި "ފުރާ" ގެ މާނައެއް ކަމަށް އޮންނަނީ އެއީ ޢުމުރުގެ ދައުރެއް ކަމަށެވެ. އަދި ބަސްފޮތުގައި އެހެން ނެތަސް އޭގެ މާނަ އަކީ ހަމަ އެއީ އެވެ.

ދެން އިވެން ފެށި އަނެއް ބަހަކީ "ކުރިމަގެވެ". ދިވެހި ބަހެކެވެ. ބައެއް ޙާލަތްތަކުގައި ކުރިންވެސް މީހުން ބޭނުން ނުކުރާކަމެއް ނޭނގެއެވެ. ނަމަވެސް، މިހާރު މި ބޭނުން ކުރާ ކުރިމަގަކީ "މުސްތަޤުބަލު" ނައްތާލަން ތަޢާރަފުކުރެވުނު އެއްޗެއްހެން ހީވެއެވެ. ކުރިމަގު ތަޢާރަފްވީ ފަހުން ކުރިން ދިވެހި ބަހުގައި ބޭނުން ކުރަމުން އައި " މުސްތަޤުބަލު" ގެ ކުރިމަގު މުޅިން ބަންދުވެއްޖެހެން ހީވެއެވެ. ނަމަވެސް އަޅުގަނޑު ޤަބޫލު ކުރާގޮތުގައި އެހެން ވެގެން ނުވާނެއެވެ. މުސްތަޤްބަލަކީވެސް ދިވެހި ބަހެކެވެ. އެ ބަސްވެސް ބައެއްފަހަރު ބޭނުންކުރަން ޖެހޭނެއެވެ. މިފަދައަކުން ކަންތައް ވާނަމަ، މީގެ ދިހަވަރަކަށް އަހަރުފަހުން، ވޭތުވެދިޔަ ޒަމާނަށް ދިވެހިން ބޭނުންކުރަމުން އަންނަ ނަން ކަމުގައިވާ ''މާޒީ'' ވެސް އަޅުގަނޑުމެންގެ ''ފަސްމަގަށް'' ގޮސް އޮބާފާނެއެވެ. ދިވެހި ބަސްފޮތުގައި "މުސްތަޤުބަލް" އާއި "ކުރިމަގު" މާނަ ކުރުމުގައި ތަފާތެއް ހުރިކަން މިތަނުގައި ފާހަގަ ކޮށްލަމެވެ.

މިހާރު އަޑުއިވޭ އެހެން ބަހެއްވެސް އެބަ އޮތެވެ. އެއީ "ކެންޕަސްދަނާލެވެ". ނުވަތަ "ދަނާލުކެންޕަސް"އެވެ. ކެންޕަސްގެ މާނައަކީ ކޮބައި ބާވައެވެ. އެއީ "ޔުނިވަރސިޓީގެ ހަރިންމަތެރެ" ކަމައްވާނަމަ، "ކެންޕަސްދަނާލަކީ" ހަރިއްމަ ތެރޭގައި ހުންނަ ދަނާލު ތާއެވެ. ނުވަތަ ހަރިންމައަށް ނިސްބަތްވާ ދަނާލެވެ. އެހެން ކަމަށް ވާނަމަ އެއީ "ހަރިއްމަދަނާލު" ކަމަށް ވެދާނެއެވެ.

ނުވަތަ ކެންޕަސްގެ މާނައަކީ ހަމައެކަނި ކުދިން ބައިތިއްބާ ބޯޑިންގު ކަމަށް ވާނަމަ އޭގެ ފަހަތައް އެ އަންނަ ދަނާލުގެ މާނައަކީ ކޮބައި ބާވައެވެ؟ ކޮންމެއަކަސް ކެންޕަސްދަނާލު ކިޔާފައި ޚަބަރުތަކުގައި އެ ޖަހަނީ އެމެރިކާ މީހުން މި ކިޔާ "ކެންޕަސް" އަށް ހެން އަޅުގަނޑަށް ހީވެއެވެ. ތަންކޮޅެއް ކުރިން ލ.އަތޮޅުގައި ދަނާލެއް ހުންނަ ވާހަކަ ޚަބަރުތަކުން އަޑުއަހަމެވެ. ނަމަވެސް އެއީ ހަމައެކަނި ދަނާލެކެވެ. މިހާރު ކުޅުދުއްފުށީގައި ބިންގާއަޅާފައި އެހެރީ ދަނާލެއް ނޫނެވެ. "ކެންޕަސްދަނާލެކެވެ".

ދިވެހި ބަހަކީ ޢިލްމީ ދާއިރާގައިވެސް ބޭނުން ކުރުމުގެ ކުޅަދާނަކަން ލިބިފައި ހުރި ބަހެއްކަން އަޅުގަނޑު ގަބޫލު ކުރަމެވެ. ނަމަވެސް ދިވެހި ބަހަށް އަދިވެސް ލައްކަ ގިނަ ޚިދުމަތް ކުރަންވެފައި އެބަ ހުއްޓެވެ. ހިތާމައަކީ ކޮންމެ ޒަމާނެއްގައިވެސް މަތީ ތަޢުލީމު ޙާސިލް ކުރައްވާފައި ވަޑައިގެން ދިވެހި ބަހުން ލިޔުއްވާ ބޭފުޅުން އެބޭފުޅުންގެ ޢިލްމީ ފެންވަރު ފާޅުކުރެއްވުމުގެ މަޤްސަދުގައި ނުވަތަ ބޭ އިޚްތިޔާރުގައި ނަމަވެސް އެބޭފުޅަކު ކިޔަވާވިދާޅުވި ބަހެއްގެ ކަލިމަތައް ބޭކާރުގޮތުގައި ދިވެހިބަހަށް ވައްދަވާފައި ހުންނަކަމެވެ.

ތެދެކެވެ. ޢުމުރުން 2 އަހަރުން ސުރެ، އިނގިރޭސި ބަހުން ނުވަތަ ޢަރަބި ބަހުން ތަޢުލީމު އުނގެނެމުން އައި ބޭފުޅަކަށް، މައް ދިވެހި ބަހުން ވާހަކަ ދެއްކެވުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އޭގެ ނަތީޖާއަކީ ތަޢުލީމީ ބޭފުޅުން އެއްވާ މަޖިލީހެއްގައި ދިވެހި ބަހުން ދެކެވޭ ވާހަކައެއްގެ ވެސް ގާތްގަނޑަކަށް %60 ކަލިމަތަކަކީ އިނގިރޭސި ބަހަށް ވުމެވެ.

މިހެން ދެންނެވީމާ ބޭފުޅަކު ހިތްޕުޅަށް އަރައިވަޑައިގެންފާނެއެވެ. ޢިލްމީ އާ ހޯދުންތަކަށާއި އިޖްތިމާޢީ، އިޤްތިޞާދީ، ސިޔާސީ ފަދަ ދާއިރާ ތަކުގައި ބޭނުންކުރެވޭ ދިވެހި އިސްޠިލާޙު ތަކެއް ނުހުރެއެވެ. ރަނގަޅު ވާހަކައެކެވެ. ނަމަވެސް ޓީވީ ނުވަތަ ރޭޑިއޯ ފަދަ ވަޞީލަތް ތައް މެދުވެރިކުރައްވާ މިފަދަ މަޖިލީހެއްގައި ވާހަކަދައްކަވާ ބޭފުޅުން ގެ ވާހަކައިގައި، "ޕަބްލިކަށް" ނޫނީ އެ ބޭފުޅުންގެ ވާހަކަފުޅުތަކެއް "ޓާރގެޓެއް" ނުކުރައްވައެވެ. ވީ އިރު، މައްސަލަ އަކީ ހަމަ އެކަނި ޢިލްމީ އިސްޠިލާޙު ތައް ނެތުމެއް ނޫނެވެ.

އަޅުގަނޑުމެންގެ ދިވެހި ބަހަށް ޢިލްމީ އިސްތިލާހުތައް ތަޢާރަފްކުރަން އެބަ ޖެހެއެވެ. އިޤްތިޞާދީ އަދި އިޖްތިމާޢީ ނުވަތަ ސިޔާސީ އިސްތިލާޙުތައް ލިޔުންތެރިންނަށް މިއަދު އިންތިހާއަށް ބޭނުންވެއެވެ. ޢިލްމީ ފެންވަރުގެ ލިޔުމެއް ސާފު ދިވެހިބަހުން ލިޔެވޭނީ އެއިރުންނެވެ. މީގެ ބަދަލުގައި "ކުރިމަގާ" އި "އުމުރުފުރާ"ގައި އަޅައިގަނެގެން އުޅުނަކަސް ދިވެހި ބަހަށް ޚިދުމަތެއް ކުރެވުނީއެއް ނޫނެވެ.

އާ ބަހެއް ހެދޭތޯ ބަލާނަމެވެ.

އެއްދުވަހަކު މާލޭގެ ހޮޓަލަކަށް ވަދެ ސައިބޯން އިންދާ އެތަނަށް ވަން ޒުނާނަކު ވޭޓަރަށް ގޮވާލިއެވެ. " އޭ މިތަނަށް ނިކަން ހެދިކާރސް ގެނެސް ބަލަ" ޒުވާނާ އޯޑަރު ދިނެވެ. އަޖައިބެކެވެ. ހެދިކާ އަކީ ދިވެހި ބަހެކެވެ. ދެން ފަހަތައް އެ އައީ ކޮން "ރސް" އެއް ބާވައެވެ؟ ހެދިކާގެ ބަދަލުގައި ސޭންޑުވިޗަކަށް އޯޑަރު ދިންނަމައެވެ. އެއިރުން ކިހެނެއް ވީސް ބާވައެވެ؟

ސޭންޑް ވިޗަކީ އިނގިރޭސި ލަފްޒެކެވެ. އެހެންކަމުގައި ވިޔަސް ދިވެހި ޖުމްލައެއްގެ ތެރޭގައި ސޭންޑްވިޗް ގެ ގިނަ ޢަދަދެއް ގެ ވާހަކަ ބުނުމުގެ ގޮތުން " ދީބަލަ ހަތަރު ސޭންޑުވިޗެސް " އޭ ބުނެވިގެން ނުވާނެއެވެ. ބުނަން ޖެހޭނީ " ހަތަރު ސޭންޑުވިޗު ދީބަލާށޭ" އެވެ. ނުވަތަ ސޭންޑުވިޗު ކޮޅެއް ނުވަތަ ސޭންޑްވިޗް ތަކެކެވެ.

ބޭރުބަހެއް ކޮންމެހެން ބޭނުން ކުރަންވެއްޖެނަމަ ކުރެވިދާނެއެވެ. ނަމަވެސް އެބަސްތައް ބޭނުން ކުރާއިރު އޭގެ އަސްލު ގެއްލިދާނެތީ ދިވެހި ބަހުގެ ހަމަތަކާ ޚިލާފަށް ބޭނުންކޮށްގެން ނުވާނެއެވެ. މިސާލަކަށް "ބަޔޮލޮޖީ، މެޑިސިން، އެކަޑަމީ، ޕޮލިސީ" މިފަދަ ކިތައްމެ ބަހެކެވެ.

މިދެންނެވި ތަނުން ބަހަކުން ދޭހަވާ މާނައިން ސިފަލިބިގެންވާ އެއްޗަކަށް އެސިފަ ދޭން ވުމުން އެ ބަހަށް އަންނަ ބަދަލުތައް ލިޔާނަމަ ލިޔަންވާނީ ދިވެހި ބަހުގެ ހަމަތަކާ އެއްގޮތަށެވެ. " ބަޔޮލޮޖިކަލް، ބަޔޮލޮޖިސްޓު، މެޑިކަލް، އެކަޑަމިކް، ޕޮލިޓިކް، ޕޮލިޓިކަލް، ޕޮލޮޓީޝަން " މިފަދަ އަކުންނޫނެވެ. ފަހަތައް އެ އަންނަ "ކަލް" ނުުވަތަ "މިކް" ނޫނީ "ޓިކް" އެއީ އިނގިރޭސި ބަހުގެ ހަމައިގައި ބޭނުން ކުރާ ގޮތެވެ.

އަޅުގަނޑަށް ޔަޤީންވާ ގޮތުގައި ހަމަ އެ އިސްތިލާހުތައް ބޭނުން ކުރާ އެހެން ބަސްބަހުގައި އެބަސްބަހުގެ ހަމަތަކާ ޚިލާފަށް " ކަލް" އެއް ބޭނުމެއް ނުކުރާނެ އެވެ. ނުވަތަ "ޓިކެއް" ވެސް "މިކެއް" ވެސް ބޭނުމެއް ނުކުރާނެއެވެ. އަދި ހަމަ އެހެންމެ ކުރުދީ، ތުރުކީ، އިންޑިއާ، ފަދަ ދަރިކޮޅަކަށް ނުވަތަ ތަނަކަށް ނިސްބަތްވާ މީހުންނަށް ދިވެހި ޖުމުލައެއްގައި، ކާރޑިޝް މީހެކޭ ނުުވަތަ ޓާރކިޝް އެކޭ ނޫނީ އިންޑިއަނެކޭ ކިޔުމަކުން ހަމައެއް ނުޖެހެއެވެ.

ވަކި ތަނަކަށް، މީހަކު ނުވަތަ އެއްޗެއް ނިސްބަތްކުރާއިރު ދިވެހި ބަހުގައި، ތަނުގެ ނަމުގައި އޮންނަ ފަހު އަކުރުގައި އީބީ ފިލި ޖެހޭ ބައެއް ތަންތަން ހުރެއެވެ. ޢަރަބި ބަސް ފަދަ ބައެއް ބަސްބަހުގައިވެސް ތަންތަނަށް ނިސްބަތްކުރަން ގެންގުޅޭ ޔާ ސުކުން ފަދައިންނެވެ.

އޭގެ މިސާލަކީ، ބަންގާޅަށް ނިސްބަތްވާ މީހުންނަށް ދިވެހިން ''ބަންގާޅީ'' ކިޔާކަމެވެ. ހަމަ އެފަދައިން ސަރަޙައްދަށް ނިސްބަތްކޮށް "ސަރަޙައްދީ" ކިޔައެވެ. ވީއިރު، މިގޮތަށް ކޮންމެ ތަނެއްގައި ބޭނުން ނުކުރިޔަސް މިދެންނެވި އީބީ ފިއްޔަކީ ދިވެހިބަހުގެވެސް ހަމައަށް ފެތޭ އެއްޗެއްކަމަށް ބަލާ، މީގެ ޤަވައިދެއް އެކަށައެޅުން ހަމަ އެންމެ ރަނގަޅުވާނެއެވެ. އެއިރުން، މީހަކު ތަނަކަށް ނިސްބަތްކުރުމަށް ޓަކައި މިވެނި މީހަކީ، ޢިރާޤު މީހެކޭ ނުވަތަ އެނޫން ވެސް ތަނެއްގެ "މީހެކޭ" ނުކިޔާ ވާނެއެވެ.

ދިވެހި ބަހުގައި އޮންނަ ތެރި، ޓެހި، ވެރި، ވެހި، ވެނި، ވަންތަ، ނުވަތަ ވަފާދާރު ފަހަތުގައި މި އޮތް، ދާރު އާއި، އުދެލިކާރާއި، ތަޖުރިބާކާރު ގެ ފަހަތުގައި މި އޮންނަ ކާރު އަދި ނަކަތް ރާހިވެރީންގެ އިސްތިލާހުގައި ބޭނުންކުރާ އޯގަ އާއި، ދަތުރުނާމާ ގެ ފަހަތަށް އަންނަ ނާމާ ފަދަ އެއްޗެހީގެ މަޤްސަދުތައްވެސް އެންމެންނަށް އެނގޭނެ ގޮތަކަށް އޭގެ ހަމަތަކާ އެއްޗެހި ބަޔާންކޮށް ވަކި ގޮތެއް ހަމަޖައްސަންވީއެވެ. އޭގެ ތެރެއިން ހަމަ އެކަނި އެންމެ ދެތިން އެއްޗަށް ''ނަންއިތުރު'' ކިޔާފައި ޓެހި ފަދަ އެއްޗެއްސަކީ ހަމައެކަނި ކާބަފައިން ކިޔަނިކޮށް އަޑުއިވުނު މަދު ދެތިން ނަމެއްގެ ފަހަތު ބަޔަށް ވެފައި އޮތުމުން، ބަސް ހެދިބޮޑުވާން އޮންނަ މަގު އެބަ ބަންދުވެއެވެ.

މިދެންނެވި ހުރިހާ އެއްޗެހީގެ ބޭނުން ހެޔޮގޮތުގައި ހިފެނިކޮށް، އެއްކަލަ ''ޓިކް، މިކް، ކަލް'' ފަދަ އެއްޗެހީގެ ބޭނުން ނުކޮށް ބޭރުބަސްތައްވެސް ދިވެހިބަހުން ބޭނުން މާނައެއް ނެރެވޭނޭހެން އަނބުރާލެވިދާނެއެވެ. މިސާލަކަށް "ބަޔޮލޮޖީވެރިން، ބަޔޮލޮޖީތެރީން' ބަޔޮލޮޖީތެހީން، ބަޔޮލޮޖީވަންތަ، ބަޔޮލޮޖިވެނި ނުވަތަ ބަޔޮލޮޖެނި، ބަޔޮލޮޖިމީބަ، ބަޔޮލޮޖިއޯގަ، ބަޔޮލޮޖިކަން، ބަޔޮލޮޖިގޮތް، ބަޔޮލޮޖިކާރު" ފަދަ ކިތައްމެ ދިވެހި ނަމެއް ނެރެވިދާނެއެވެ. މި ދެންނެވި ބަސްތަކަކީ ހަމަ ޖެހޭ މާނައެއް ނެތް އެއްޗަކަށް ވެދާނެއެވެ. ނަމަވެސް މީ ހަމަ އެކަނި މިސާލެއްގެ ގޮތުން ޖަހާލި ނަންތަކެކެވެ.

ހަމަ އެފަދައިން، އުދެލީގެ ފަހަތަށް ކާރު އަންނަގޮތަށް، ޕިޔާނޯ ނުވަތަ ގިޓާ ފަދަ އާލާތްތަކުގެ ފަހަތަށް ވެސް ކާރު ނުގެނެވެންވީ ސަބަބެއް ނެތެވެ. އާދެ ޕިޔާނޮކާރު، ގިޓާކާރު ފަދައިން ކިޔުމުން ޕިޔަނިސްޓު ނުވަތަ ގިޓަރިސްޓު ނުކިޔާ ފަރުޖެހެއެވެ.

ހަމަ އެފަދައިން ދަތުރުގެ ޔައުމިއްޔާ އާއި ހަނދާންތައް ލިޔެފައި އޮންނަ އެއްޗަކަށް ދަތުރުނާމާ ކިޔޭނަމަ، އިންސާނެއްގެ ދުވަހު ޔައުމިއްޔާ އަށް ވެސް، ނުވަތަ ޑައިރީ އަށް ވެސް ދުވަހުނާމާ ކިއުމަކުން ބަހުގެ ހަމަތަކާ ޚިލާފުވާނެ ހެނެއް ހީއެއް ނުވެއެވެ. އަދި އެއީ އާ ދިވެހި ބަހެއް ހެދުނީ ކަމަކަށް ވެސް ނުވާނެއެވެ. އަދިކިއެއްތޯއެވެ. ދިވެހި ބަހުގައި އޮތް ހަމައިގެ މަތީން އެއްޗަކަށް ކިޔެން ޖެހޭނެ ނަން ކިޔުނީއެވެ.

ދަންނަވަން މި އުޅޭ ވާހަކައަކީ މުޅިން އާ ބޭރު ބަހެއް ދިވެހި ބަހަށް ވަނަސް، އެ ބަހުން އުފެދޭ ހުރިހާ އެހެން ބަސްތަކެއް ދިވެހި ބަހުގެ ހަމަތަކާ އެއްގޮތަށް ދިވެހިކޮށްގެން ބޭނުންކުރެވިދާނެ ވާހަކައެވެ. ބޭރުން ހަމައެކަނި ރޯމާއްދާ އެތެރެކުރުމަށްފަހު އެއިން ދިވެހި އުފެއްދުންތައް ނެރެވިދާނެޔޭ އެވެ.

"ސަޖިދަވަޅު" "މަޣުރަވަޅު" ފަދަ ނަންނަމަކީ ޤުރުއާން ކިޔަވާ ބޭފުޅުންނަށް ވަންހަނާ ވާނޭ ނަންތަކެއް ނޫނެވެ. މިތަނުގައި ވަޅުގެ މާނަ އަކީ މިހާރަކަށް އައިސް މިފަދަ ތަންތަނަށް މި ބޭނުން ކުރެވޭ "ޕޮއިންޓު" އެވެ. އާދެ "ޗެކް ޕޮއިންޓް" ފަދަ ތަންތަނެވެ. ޤުރުއާނަކީ އިހައްދުވަހު އަޅުގަނޑުމެންގެ ތެރެއަށް ތަޢާރަފްވީ ފޮތެއް ނަމަ "ސަޖިދަ ވަޅަށް" ވެސް އަޅުގަނޑުމެން ކިއީހީ "ސަޖިދަ ޕޮއިންޓު" ހެން ހާދަ ހީވެއެވެ. އާދެ އަޅުގަނޑު މި ދަންނަވަނީ ޗެކު ޕޮއިންޓަށް "ޗެކު ވަޅު" ކިޔާށެކޭ ނޫނެވެ. އެކަމަކު "ވަޅު" އެއީ ހަމަ އެކަނި ޤުރުއާން ފޮތުގައި ބޭނުން ކުރަން މަޖުބޫރު އެއްޗެއް ނޫނޭއެވެ.

ޤުރުބާންކުރަންވީ ޢިތްޒަތްތެރިޔާތޯއެވެ؟ ނުވަތަ ބަސްތޯއެވެ؟

ދިވެހިބަހުން މީހެއްގެ ނަން އިޙުތިރާމާއެކު ބޭނުންކުރާއިރު، އެމީހަކީ އެއީ، ޢިލްމީގޮތުން ނުވަތަ އެހެނިހެންވެސް ގޮތަކުން ޚާއްޞަ ލަޤަބެއް އެރުވިފައިވާ މީހެއް ނޫންނަމަ އޭނާގެ ނަމުގެ ކުރިއަށް އަލްފާޟިލް ނުވަތަ އަލްފާޟިލާ ކިޔާފައި ހުއްޓާ ފެނެއެވެ. މިއީ ކޮންޒަމާނެއްގައި ފެށުނުކަމެއް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ.

އަލްފާޟިލް އެއީ، އޭގެ އަސްލަށް ބަލާއިރު ޢަރަބި ބަހުން އައިސްފައި އޮތް އެއްޗެކެވެ. އެކަމަކީ އެއީ އެބަސް ކޮންމެހެން ދިވެހިބަހަކަށް ނުވުމަށް އެޅޭ ހުރަހެއް ނޫނެވެ. އަމުދުން ޢަރަބި ބަހުގައި، މީހުންގެ ނަން ކިޔުމުގެ ކުރިން އަލްފާޟިލް ނުކިޔާތީއެވެ. އާދެ އަލްފާޟިލް ޔާސިރު ޢަރަފާތެކޭ، އެއްވެސް ޢަރަބި ނޫހެއްގައި އޮއްވައެއް ނުދެކެމެވެ. ވީ އިރު މިއީ ދިވެހި ބަހެއްކަމަށް ބަލަމާތޯއެވެ.

ނަމަވެސް މި ބަސް ބޭނުންކުރެވެނީ ކޮން ހަމައަކުން ކަމާމެދު އަޅުގަނޑުގެ ހިތުގައި ސުވާލުއުފެދެއެވެ. ސަބަބަކީ ''އަލްފާޟިލް'' މުޅިންވެސް ބޭނުންކުރެވިފައި އޮންނަ ތަން މި ފެންނަނީ ހަމަ އެކަނި ދިވެހިންގެ ނަމުގެ ކުރިއަށެވެ. ބޭރުމީހެއްގެ ނަން ކިޔާއިރު ދިވެހި ލިޔެކިޔުންތަކުގައި ބޭނުންކުރެވެނީ އަދި ތަފާތު އެހެން ދެ ގޮތަކަށެވެ. އަދިކިއެއްތޯއެވެ. ތިންގޮތަކަށް ބޭނުންކޮށްފައި ހުރިކަން ފާހަގަވާން އެބަ އޮތެވެ.

ދިވެހިން ލިޔެފައި އޮތް އެއްޗެއްގައި ޢަރައްބެއްގެ ނަން ލިޔާނަމަ، އޭނާގެ ނަމުގެ ކުރިއަށް ބައެއް ފަހަރު އައްސައްޔިދު އައިސްފައި އޮންނަކަން ފާހަގަވެއެވެ. އާދެ، އައްސައްޔިދު ޙުސްނީ މުބާރަކް، އައްސައްޔިދު ޔާސިރު ޢަރަފާތު، މިފަދައިންނެވެ. އެމީހަކީ އެއީ ޢަރައްބެއް ނޫންނަމަ، އޭނާގެ ނަމުގެ ކުރިއަށް އަންނަނީ މިސްޓަރ އެވެ. މިދެންނެވި މިސްޓަރ ކުރުކޮށް ލިޔާގޮތްވެސް މިހާރު ދިވެހިބަހުގައި އޮވެއެވެ. އެއީ މރ އެވެ. އާދެ މރ ޖޯޖު ބުޝް، މރ ނަވާޒު ޝަރީފް ފަދައިންނެވެ.

ތިންވަނަ ގޮތެއްކަމަށް ދަންނަވަން މި އުޅެނީ ވަރަށް ފަހުން ފާހަގަވީ ކަމެކެވެ. އާދެ ދާދި ފަހުން އިންޑިޔާގެ ބޮޑުވަޒީރަކަށް އެއިރު ހުންނެވި މިސްޓަރ، ނުވަތަ އައްސައްޔިދު، ނުވަތަ އަލްފާޟިލް ވަޖްޕާއީ ރާއްޖެވަޑައިގެންނެވި ދުވަސްވަރު އޭނާގެ ނަމުގެ ކުރިއަށް އައި ލަޤަބެވެ. އެދުވަސްވަރު އޭނާގެ ވާހަކަ ދިވެހި ނޫސްތަކުގައިވެސް އަދިރޭޑިޔޯ ޓީވީ ތަކުން ގޮވާ ޚަބަރުތަކުގައިވެސް ގޮވާ އުޅުނީ ނަމުގެ ކުރިއަށް ''ސިރީ'' ލައިގެންނެވެ. ސިރީ އަތުލް ބިހާރީ ވަޖްޕާއީ އެވެ.

ފަހަރެއްގައި ''ސިރީ'' އަކީ ދިވެހި ބަހެއް ކަމުގައި ވެދާނެއެވެ. ދިވެހި ބަހަކީވެސް ހިންދީ ބަސްފަދައިން ސަންސްކިރިތި ބަހުން އުފެދިފައި އޮތް ބަހަކަށް ވާއިރު އެއީ އެކަށީގެންވާ ކަމެކެވެ. ދިވެހި ބަސްފޮތުގައިވެސް ''ސިރީ'' ހިމެނިފައި އޮވެއެވެ. އަދި އިހުގައި ރާއްޖޭގެ ތަޚުތުގައި ރެދަލިކުރެއްވި ރަސްރަސްކަލުންގެ ކޮލީނަންފުޅުގެ ކުރިއަށްވެސް ''ސިރީ'' އައިސްފައިވާ ތަން ފެނެއެވެ.

އެހެން ކަމަށް ވާނަމަ، ''ސިރީ'' ކިޔަންވީ ހަމައެކަނި ވަޖްޕާއީ ނަންފުޅުގެ ކުރިއަށް ތޯއެވެ؟ ރާއްޖޭގައިވެސް ތިއްބެވީ -ކުރިން ދެންނެވި ފަދައިން ޢިލްމީ ސަނަދެއްގެ ސަބަބުން ދެވިފައިވާ ލަޤަބެއް ނެތް ބޭފުޅެއް ނަމަ- ހަމަ ސިރީ މިވެނި ބޭފުޅެއް ނޫންތޯއެވެ. ނަމަވެސް، ސިރީ ވަޖުޕާއީ ގެ ''ސިރީ''، އޭނާ އެނބުރި ފުރާވަޑައިގަތްފަހަކުން ނީވެއެވެ. އޭގެ ފަހުން މުޅިންވެސް އިވެނީ މރ ވަޖުޕާއީ ގެ ވާހަކައެވެ. ޗައިނާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެން އުޅުއްވި ދުވަސްވަރު އެ ކަރަޔަށް ސީނުކަރަ ކިޔާފައި ލިޔެއުޅުނު ފަދައިންނެވެ.

ނަމަވެސް މި ހުރިހާ ކަމަކާ ޚިލާފަށް، ދިވެއްސެއްގެ ނަންވެސް އިނގިރޭސި ޚަބަރެއްގައި ކިޔާނަމަ ކިޔާއުޅެނީ މިސްޓަރ ލައިގެންނެވެ. އަދި ޢަރަބި ލިޔުމެއްގައި ނަމަ އޮންނާނީ އައްސައްޔިދު އެވެ. ވީމާ ދިވެހި ބަހަކީ ބޭރުގެ ޢިއްޒަތްތެރީންނަށް ޓަކައި އޭގެ އަމިއްލަވަންތަކަން ޤުރުބާންކުރެވޭ ބަހެއްކަމުގައި ހެދެނީބާއެވެ. ނުވަތަ މިއީ ހަމަ ބަހުގެ މުއްސަނދިކަމާއި، ޒާމާނަށް ފިޓުވެ، ރުންދިގު ވުން ބާއެވެ.

ދިވެހި ބަހައިގެން އަމިއްލަ ފައިމައްޗަށް ތެދުވަންވެއްޖެ

ޒަމާނުން ސުރެ ދިވެހީންވެސް އެކިއެކި ބޭރުގެ ތަންތަނަށް ނަން ކިޔުމުގައި އަމިއްލަ ގޮތެއް ގެންގުޅެއެވެ. ފަހަރެއްގައި، އެއީ އެތަނެއްގެ އަހުލުވެރީން ކިޔާގޮތަށް ކަމަށް ވެސް ވެދާނެއެވެ. ނުވަތަ ދިވެހީންގެ އަމިއްލަ ނަމަކަށް ވެސް ވެދާނެއެވެ. އެހެން ނޫނީ އިނގިރޭސީން ނުވަތަ ޢަރަބީން ކައިރިން ނަކަލުކުރި އެއްޗަކަށްވެސް ވެދާނެއެވެ.

މިއިން ކޮންމެ ގޮތެއް ވީ ކަމުގައިވިޔަސް، ދިވެހީން ޢާއްމުކޮށް އެތަނަކަށް ކިޔާ ނަމެއް އަބަދުވެސް އެގޮތަށް ކިޔުމުން ބަހުގައި ހަރުދަނާ ގޮތެއް ހުންނާނެއެވެ. ތިމާ މަޢުލޫމާތު ހޯދީ ޢަރަބި އަސްލަކުން ކަމަށް ވާނަމަ، ''އަލްއުރުދުން'' ކިޔާފައި، އިނގިރޭސި އަސްލަކުން ނަމަ ''ޖޯރޑަން'' ކިޔާފައި އެހެން ބަހަކުން ނަމަ އެބަހެއްގެ އަހުލުވެރީން ކިޔާގޮތަށް ކިޔުމުން، ދިވެހީންގެ އަމިއްލަ ގޮތް ކޮބައިތޯއެވެ؟

މީގެ ދިހަވަރަކަށް އަހަރު ކުރީން، އަޅުގަނޑުމެންނަށް ދަސްވެފައި އޮތީ ''ސެނެގާލް'' ކިޔާށެވެ. ނަމަވެސް ދުނިޔޭގެ ތައްޓަށް ކުޅެވުނު އެންމެ ފަހުގެ ފުޓުބޯޅަ މުބާރާތް ތެރޭގައި، އެ ނަން ''ސެނެގޯލް'' އަކަށް ބަދަލުވެއްޖެއެވެ. އަޅުގަނޑު މި ދަންނަވަނީ ތެދެއްކަން ކުރީގެ ނޫސްތައް ވިދާޅުވަނިކޮށް އެނގިވަޑައިގަންނަވާނެއެވެ.

މާނަ އަކީ، މީހަކު ބޭނުންވެއްޖެ ހިނދެއްގައި ''ނޭޕާލް'' އަށް ވެސް ''ނިޕޯލް'' ކިޔާށޭ ބާއެވެ. ބީބީސީ އިން ޚަބަރު ކިޔާ އިރު އެތަނަށް ކިޔަނީ ''ނިޕޯލް'' ވިއްޔާއެވެ.

އަދި ހަމަ އެހެންމެ، ރަށަކުން، ނުވަތަ ޖަމާޢަތަކުން، ނުވަތަ މަސައްކަތަކުން ނަމެވެސް، އެތަނަކަށް އަންނަ މެހެމާނަކަށް، ނުވަތަ އެ ހަރަކާތެއްގައި އަލަށް ބައިވެރިވާ މީހަކަށް މަރުޙަބާ ކިޔާއިރު، އެ މަރުޙަބާ ކިޔާނީ އެތަނުން ތޯއޭ ނުވަތަ ތަނަށް ތޯއޭ ސުވާލު އުފެދެއެވެ. އާދެ، ''ޢިއްޒަތްތެރި މެހެމާނުންނަށް ކުރުނބާވިލެޖުން މަރުޙަބާ'' ދަންނަވާނީތޯ؟ ނުވަތަ ''ކުރުނބާވިލެޖަށް މަރުޙަބާ'' ތޯއޭ؟ އެވެ. ޝައްކެއްވެސް ނެތްގޮތުގައި އިނގިރޭސިބަހުން ނަމަ ބުނާނީ ''ވެލްކަމް ޓު ކުރުނބާވިލެޖް'' މިހެންނެވެ. ނަމަވެސް ދިވެހިބަހުން ދަންނަވާ މަރުޙަބާއަކީ އިނގިރޭސި ތަރުޖަމާއަކަށް ވާކަށް ނުޖެހޭނެ ނޫންތޯއެވެ؟ ދިވެހިބަހަކީ އަމިއްލަ ތަޞައްރަފު ފުދޭ ދުވަސްވީ ބަހެކެވެ. ވީމާ މިފަދަ ކޮންމެ ކަމެއްގައިވެސް، ދިވެހި އުސޫލަކީ ކޮބައިތޯ ބަލާލުން މުހިއްމެވެ.

ދިވެހިބަހުގެ ބަސްފޮތް

ކިޔަވާކުދިން މަދަރުސާއަށް ގެންދަން ފަސޭހަ މިނަކަށް، ދިވެހިބަހުގެ ބަސްފޮތެއް ނިކުންނަން ވެއްޖެއެވެ. އެކުދީންގެ މުޤައްރަރުގައިވެސް މިފަދަ ބަސްފޮތެއް ހިމެނުން މުހިއްމެވެ. ހަމަ އެފަދައިން، ދަތުރުވެރީން ޖީބަށް ލެވޭވަރުގެ ޖީބު ބަސްފޮތެއް ނުވަތަ އަތްމަތީ ބަސްފޮތެއް ވެސް އޮތުން މުހިއްމެވެ. ސަބަބަކީ ދިވެހިބަހުގައިވެސް ބަސްފޮތް ނުބަލާ މާނަ ނޭނގޭ ބަސްތައް ހުންނާތީއެވެ.

ނަމަވެސް މިހާރު އޮންނަ ރަދީފުގެ ފޮތްބޮނޑި ހިފައިގެން ދަތުރުވެރިއަކަށް ނޫޅެވޭނެއެވެ. ތެދެކެވެ. ބަސްފޮތުގެ ސީޑީއެއް މިހާރު އެބަ އޮތެވެ. އޭގެ ސަބަބުން ވަރަށް ބޮޑެތި ފަސޭހަތަކެއް އަޅުގަނޑުމެންނަށް ވެއެވެ. ނަމަވެސް އަދިވެސް ނުފުދެއެވެ.

ދުނިޔޭގެ އެހެނިހެން ބޮޑެތި ބަސްބަހުގައި ކޮންމެ އަހަރަކު އެ ބަހަށް އިތުރުވާ އާ ނަންތައް ހިމަނައިގެން ބަސްފޮތް އާކުރެވެއެވެ. އަޅުގަނޑުމެންނަށް މިވަރު ނުވިޔަސް މިހާރު އޮތް ބަސް ފޮތް ޗާޕުކޮށްގެން އެކި ސައިޒަށް ނެރެވިދާނެއެވެ.

އަދި ބަހަށް ޚިދުމަތްކުރުމަކީ ހަމަ އެކަނި ކަމާ ބެހާ ޤައުމީ މަރުކަޒުން ކުރާ ކަމެއްގެ ބަދަލުގައި، ރާއްޖޭގެ މަޝްހޫރު ޗާޕުޚާނާތަކާއި ފޮތް ފިހާރަ، ކުތުބުޚާނާ ނުވަތަ ކޮލެޖު ފަދަ ތަންތަނުންވެސް ކުރެވިދާނެ ކަންކަމެވެ. ނުވަތަ އެފަދަ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވެން ޖެހޭނެއެވެ. "އަހަރަކު އެއްފަހަރު ނޮވެލްޓީން ނެރޭ ބަސްފޮތް" މި ޢިބާރާތް ކޮޅަކީ ޙަޤީޤަތެއް ކަމުގައިވެސް އެއިރުން ވެދާނެއެވެ.

ދިވެހިންގެ ތެރޭގައި އަލަށް ފެތުރޭ ނަންތައްވެސް ދިވެހި ބަހުގައި ހިމަނަން ޖެހޭނެއެވެ. އެއީ ވަގުތީ އެއްޗެކޭ، ވައެއްގަ ނުހިފާނޭ ބުނެ ދޫކޮށްލެވިގެން ނުވާނެއެވެ. މިސާލަކަށް، ލޯބިވެރިޔާއަށް އެންމެ ޢާއްމުކޮށް މިހާރު ކިޔާ ނަން ކަމުގައިވާ "ބިޓު" ވެސް މިހާރު ދިވެހި ބަސްފޮތުގައި ހިމަނަން ވެއްޖެއެވެ.

ދިވެހިބަހަކީ މުއްސަނދި ބަހެއް

ދިވެހިބަހުގެ މުއްސަނދި ކަމަކީ އަޖައިބުވާންޖެހޭވަރުގެ ކަމެކެވެ. ބޮޑެތި ބަސްބަހުގެ ނުފޫޒާއި ދިވެހިންގެ ޢަދަދު މަދުކަމުގެ މައްޗަށްވެސް ހިތްވަރުކޮށްފައި މި ބަސް އުވި ނުގޮސް ފުރިހަމަ ބަހެއްގެ ގޮތުގައި އަދިވެސް އެބަ އޮތެވެ.

އަޅުގަނޑުމެންގެ މާޙައުލުގައި ނުވެސް ހުންނަ އެއްޗެއްސަށް ދިވެހި ބަހުގައި ކިޔާނެ ނަން ހުރެއެވެ. މިސާލަކަށް ސާރިދޯޅު، ފުއްލާ، ހިޔަޅު، މިހެން ގޮސް ކިތައްމެ އެއްޗެކެވެ. މޭބިސްކަދުރުވެސް އެއީ އަޅުގަނޑުމެންގެ ކާބަފައިން ހަމައެކަނި ނަމުން ނޫނީ ދަންނަ އެއްޗެއްސެއް ނޫނެވެ.

ދެން މީހަކު ބުނެފާނެއެވެ. ތިޔަ ވިސްނަނީ މާ ތިލަ ކޮށެވެ. ބަހުގެ މުއްސަނދި ކަމަކީ ހަމައެކަނި ސާރިދޯޅަކާ ފުއްލާއެއް ނޫނެވެ. އެއެއްޗެހި ހުއްޓޭ ކިޔާފައި ބޭސްވެރިކަމުގެ ދާއިރާއަކުން ނޫނީ އިޤްތިސާދީ ދާއިރާއަކުން އަހަރެމެން ދިވެހިން އެއްޗެއް ލިޔާނީ ކިހިނެތް ހެއްޔެވެ؟ ދިވެހި ބަހުގައި އެހާ ކުޅަދާނަކަމެއް ނެތެވެ.

އެއްވެސް ބަހެއްގައި އަލަށް ހޯދޭ އެއްޗެއްސަށް ކިޔާނެ ނަމެއް ނޯވެއެވެ. މިސާލަކަށް ޢަރަބި ބަހަށް ބައްލަވާލައްވަމާ ހިންގަވާށެވެ.

ތަޖުވީދު ޢިލްމަކީ ޢަރަބިންގެ ތެރޭގައިވެސް ތަންކޮޅެއް ފަހުން އުފެދުނު ޢިލްމެކެވެ. އަދި އެ ޢިލްމު އުފެދުނުއިރު ތަޖުވީދުގައި މި އޮންނަ "އިދުޣާމް" ކުރުމާއި "އިޡްހާރު" އަދި "އިޚްފާ" ކުރުން ކަހަލަ ކަންތަކަށް ކިޔާނެ ޢަރަބި ނަމެއް ޢަރަބި ބަހަކުވެސް ތައްޔާރުވެފައެއް ނެތެވެ. ނަމަވެސް މިދެންނެވި އިދްޣާމްއާއި އިޡްހާރު ފަދަ ބަސްތަކަކީވެސް ހަމަ ޢަރަބި ބަހުން ނެގިފައިހުރި އެއްޗެއްސެވެ.

ޢަރަބި ބަހުގައި އެ ބަސްތަކުން ދޭހަވަނީ އޭގެ ޢާއްމު މާނައެވެ. ނަމަވެސް ތަޖުވީދު ޢިލްމުގައި އެއީ ވަކި ޙާލަތަކަށް ދީފައި އޮންނަ އިސްތިލާޙެކެވެ. ޢަރަބި ބަހުގައި އިޡްހާރުގެ މާނައަކީ ފާޅު ކުރުން ކަމުގައި ވާނަމަ ނޫނުގެ އަޑު ފާޅުކުރަން ޖެހޭތަންތަނުގެ އިސްތިލާޙަކަށް ތަޖުވީދު ޢިލްމުގައި އެއީ އިޡްހާރޭ ނުކިޔެންވީ ސަބަބެއް ނެތެވެ.

ހަމަ މި އުސޫލުން، "ފެޅުމަކީ" ތޫނު އެއްޗަކުން އެއްޗެއް ދެ ބައި ކޮށްލުން ކަމުގައި ވިޔަސް ބޭސްވެރިކަމުގެ ދާއިރާގައި މީހެއްގެ ބަނޑުފަޅާލުމަށްވެސް ފެޅުމޭ ކިއިދާނެއެވެ. އަޅުގަނޑު ހިތުން އިނގިރޭސި ބަހުގައި ވެސް އޮޕަރޭޝަން ގެ ހަމަ އެކަނި މާނައަކީ ބަލިވެ އޮންނަ މީހަކު އޮޕަރޭޝަންކުރުމެއް ނޫނެވެ.

ހަމަ އެހެންމެ، އެކްސިޑެންޓަކީ ކާރަކާއި ސައިކަލެއް ނޫނީ އެނޫނަސް ދުއްވާ އެއްޗެހީގެ މެދުގައި އޮޅުމަކުން ހިނގާ ހާދިސާތަކަށް އެކަނި ކިޔާ ނަމެއް ނޫނެވެ. ކުރީ ޒަމާނުގެ ޙިސާބުޢިލްމުވެރިންނާއި މާލިމީން ފަދަ ބޭބޭފުޅުން ބަހަށް ވަރަށް ބޮޑެތި ޚިދުމަތްކުރައްވާފައި ވާކަން މިތަނުގައި ފާހަގަކޮށްލަމެވެ.

ދިވެހިންނަށް ވާގޮތުގެ ތަންކޮޅެއް ފަސޭހަ މިސާލެއް ދަންނަވަންތޯއެވެ؟ ވާގޮތަކީ އަޅުގަނޑުމެންނަށް ހީކުރެވިފައި އޮންނަގޮތުން މިހާރުގެ ޑިސްކޯއެއްގައި ފައިހަމަކޮށްލުމަކީއެއީ "ޑާންސް" ކުރުމެވެ. އެއަށް ކިޔަންޖެހޭނީވެސް ޑާންސް ކުރުމެވެ.

ނެށުމަކީ ގާއޮޑިލަވައަށާ ބޮޑުބެރަށް އޮންނަ ކަމެކެވެ. ނުވަތަ ބަނޑިޔާއަށާ މަލިކުދަނޑިއަށް އޮންނަ ކަމެކެވެ. ޑިސްކޯމިޔުޒިކަށް "ޑާންސްކުރުމަކީ" އަދި މުޅިން އެހެން ކަމެކެވެ. އެއީ ދިވެހިންގެ ތެރެއަށް މުޅިން އަލަށް ތަޢާރަފްވެފައި ވާ ކަމަކަށް ވުމާއެކު އެއަށް ކިޔާނެ ދިވެހި ނަމެއް ނުވެސް އޮންނާނެއެވެ. ފޮޅި ވެސް "އިނގިރޭސި ރެސިޕީ" އަކަށް އަޅާނަމަ އެއަށް ކިޔަން ޖެހޭނީ ''ޕޭންކޭކް'' އެވެ.

ހަމަ އެހެންމެ ކުރީޒަމާނުގެ ދިވެހި ގޮތަށް ހަދާފައި ހުރި ގެއެއްގެ ވަކިތަނެއްގައި ވަކި ބޭނުމަކަށް ހުންނަ އެއްޗެއްގެ ނަން، މިޒަމާނުގެ ވައްޓަފާޅިއަށް އަޅާފައި ހުރި ގެއެއްގައި، ހަމަ އެ ބޭނުމަށް ޕުލާސްޓިކު ފަދަ ކުރީގެ ދިވެހީންނަށް ބީރެއްޓެހި މާއްދާއަކުން ހަދާފައި ހުރި އެއްޗަކަށް ކިޔޭކަށް ނޯވެއެވެ. ސަބަބަކީ ދިވެހި ބަސްފޮތުގައި، އެ ނަމުގެ މާނައެއްކަމަށް ކަނޑައަޅާފައި އޮންނަނީ އިހުޒަމާނުގެ ގޮތަށް ހަދާފައި ހުންނަ ގޭގޭގައި ހުންނަ މިވެނި ބޭނުމަކަށް މިވެނި އެއްޗަކުން ހަދާފައި އޮންނަ އެވެނި އެއްޗެކޭ ކަމަށް ވާތީއެވެ. މިއީ އުސޫލެއް ކަމުގައި ވާނަމަ މި ޒަމާނުގެ ގޭގެއަށް ވެސް ''ގެ'' ކިޔުމުގެ ބަދަލުގައި ކިޔަންވީ "ހައުސް" އެވެ.

ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ދިވެހިބަހުގައި ހުރި ބަސްތައް ބޭނުންކުރަމާތޯއެވެ.

އެކި އެކި ޢިލްމީ ބަސްތައް ދިވެހި ބަހުން އުފެއްދުމަށް ބަހާއި ތާރީޚަށް ޚިދުމަތް ކުރާ މަޖިލީހުގެ ރައީސްވަނީ ލިޔުންތެރިންނަށް ގޮވާލައްވާފައެވެ. ވީ އިރު ދިވެހި ބަހުން ލިޔުއްވާ ބޭފުޅުން އަމިއްލަ އަށް ބަސް ހައްދަވަން އެނގިނުލެއްވިޔަސް ދިވެހި ބަހުގައި މިހާރުވެސް އޮންނަ ބަސްބަސް ބޭނުން ކުރެއްވެން ޖެހޭނެއެވެ. ބަދަލުގައި އިނގިރޭސި ބަސް ނުވަތަ އެހެންވެސް ބަހެއް ބޭނުންކުރެއްވުމަކާ ނުލައެވެ.

މިގޮތުން އެންމެ ފުރަތަމަ އިސްލާހުވެލައްވަންވީ ކެއްކުމުގެ ދާއިރާއަށް ލިޔުއްވާ ބޭފުޅުން ކަމުގައި އަޅުގަނޑަށް ފެނެއެވެ. އެބޭފުޅުން ގެ ކެއްކެވުންތަކުގައި، މިހާރު ގިނައިން ބޭނުން ކުރައްވަނީ "ބަނާނާ" އެވެ. ދިވެހި ބާޒާރުގައި ދޮންކެޔޮ ތިޔާގިކަމާއެކު ލިބެން ހުއްޓައެވެ. ނޫނީ "ޕޮޓޭޓޯ" އާއި "ޗިކަން" އެވެ. ނުވަތަ "ބީފެވެ". "ރެޑްޗިލީ"އެވެ. ނަމަވެސް ރާއްޖޭގައި ނުހެއްދިޔަސް ރާއްޖޭ ބާޒާރުން އަލުވި ލިބެން ހުރެއެވެ. ކުކުޅާއި ގެރިމަސް ވެސް ހުރެއެވެ. މިރުހުގެ ވެސް ހުރިހާ ކުލަތަކެއް ލިބެން ހުރެއެވެ.

ދެން ބުނުއްވަފާނެއެވެ. "ފްރައިޑްރައިސް" އަކީ ވަކި ބާވަތެއްގެ ބަތަކަށް ކިޔާ ނަމެކެވެ. އެއީ ވިލިނގިއްޔަށް އިނގިރޭސި ބަހުންވެސް "ވިލިނގިލި" ކިޔާފަދައިންނެވެ. ނަމަވެސް އިންޑިޔާގައި ހަދާ "ތަންދޫރީ މުރުޣީ" އަށް އިނގިރޭސިވިލާތުމީހުން "ތަންދޫރީ ޗިކަން" ކިޔާކަށް ލަދެއް ނުގަތެވެ. ވީއިރު އަޅުގަނޑުމެންނަށް ވެސް އެއަށް "ތަންދޫރީ ކުކުޅު" ކީދާނެއެވެ. ނަމެއް ނުހެދޭނީ "ތަންދޫރީ" އެތަންކޮޅަށެވެ.

ހަމަ އެފަދައިން ފްރައިޑްރައިސް އަކީ ވެސް އިނގިރޭސީންގެ ސަގާފީ އުފެއްދުމެއް ނޫނެވެ. ދުނިޔޭގެ އެކި ތަންތާ އިނގިރޭސިންނަށް ވުރެ މާ ކުރިން ވެސް، ފްރައިޑްރައިސް ހަދާ އުޅުނެވެ. އަޅުގަނޑުމެންނަށް މަޝްހޫރު "ނާސިގޮރެން" ގެ މާނައަކީ ވެސް ހަމަ ފްރައިޑްރައިސްއެވެ. މެލޭބަހުން ކިޔާގޮތެވެ. އެކަމަކު ނާސި ގޮރެންގ އަކަށް ވަނީ ވަކި ގައުމެއްގެ ބަޔަކު ހަދާ ގޮތަށް ހެދީމައެވެ. ވީމާ އެގޮތަށް ހަދާ ފްރައިޑް ރައިސް އަށް ނާސިގޮރެންގް ކިޔަސް އެންމެރަނގަޅެވެ. ނަމަވެސް ޢާއްމު އުސޫލަކުން ފްރައިޑްރައިސް އަށް އިނގިރޭސި ނޫންބަހަކުން ނަމެއް ނުކިޔޭނީތޯއެވެ؟

ދިވެހިން ކިޔާނީ ކީކޭ ބާވައެވެ؟ ތެއްލިބަތް ތޯއެވެ؟ އެއިރުން އެވީ އަނެއްކާ ކޯޗަކަށް ތޯއެވެ؟ ތެލުލި އެއްޗެއްސަކީ ބޮޑު ތެޔޮގަނޑެއްގައި ކައްކާ އެއްޗެއްސެވެ. ނަމަވެސް ފްރައިޑްރައިސް އަކީ ކުޑަކުޑަ ތެޔޮފޮދެއްތެރޭގައި ރަތްކޮއްލައިގެން ހަދާ އެއްޗެކެވެ. ދިވެހި ބަސްފޮތް ބުނާގޮތުން، ތެލުގައި ރަތްކުރުމަށް ''ބިރިޔާންކުރުން'' ކިޔައެވެ. ވީމާ ''ބިރިޔާންކުރި ބަތް'' ވެސް ކިއިދާނެއެވެ.

އަލަށް ތަޢާރަފްވާ ކޮންމެ ބަހަކީ ބަހުގެ ހަމައާ ޚިލާފް އެއްޗެއް ބާއެވެ!

މީހަކާ މުޚާތަބު ކުރުމުގައި ބަދަލުނަމެއްގެ ގޮތުން ދިވެހިބަހުން ''ކަލޭ'' ކިޔައެވެ. މިއީ އެންމެ ޢާއްމު ބަހެވެ. މީގެ އިތުރުންވެސް ބޭނުންކުރެވޭ ވަރަށް ގިނަ ނަންތައް ހުރެއެވެ. އޭގެ ތެރޭގައި ''ކަލާ'' އާއި ''ތިބާ'' ވެސް ހިމެނެއެވެ.

ކަލާއަކީ މާތްކޮށް މީހުނާ މުޚާތަބްކުރެވޭ ބަހެކެވެ. ނަމަވެސް، މުޅި ދުނިޔެއަށްވެސް އައި ރޮމޭންސީ އިންޤިލާބެއްގައި އެދުވަސްވަރު ދިވެހި ބަހުންވެސް ލޯބީގެ ވާހަކަތަކާއި ޅެންތައް އިތުރުވެގެން އައި އިރު މިދެންނެވި ''ކަލާ'' އެފަދަ ލިޔުންތަކުގައި ލޯބިވެރިޔާއަށް މުޚާތަބްކުރަން ބޭނުންކުރެވިފައި އޮތްލެއް ގިނަކަމުން، ''ކަލާ'' އަކީ ހަމައެކަނި ލޯބިވެރިޔާއަށް މުޚާތަބްކުރެވޭ އެއްޗެއްކަމުގެ ތަސައްވުރެއް މީހުންގެ ހިތުގައި އުފެދިއްޖެއެވެ. ވީމާ އެބަސް އެއްވެސް މީހަކު އޭނާއާ އެއް ޖިންސުގެ މީހަކާ މުޚާތަބުކުރަން ޖެހިލުންވާ ބަހެއްކަމުގައި ވެސް ވެއްޖެއެވެ.

އަނެއްކޮޅުން ''ތިބާ'' އަކީ ފަހަރެއްގައި ރާއްޖޭގެ އެހެން ހިސާބެއްގައި ބޭނުންކުރެވޭ ބަހެއްކަމުގައި ވިޔަސް، ޢާއްމުކޮށް އެބަސް ފެންނަނީ އިހުގެ ލިޔުންތަކުންނެވެ. ނުވަތަ ދީނީ ލިޔުންތަކުންނެވެ. ވީމާ އެއީވެސް ޢާއްމުކޮށް މީހުން ބޭނުންކުރާ ބަހެއްކަމުގައި ނުވެއެވެ.

ދެން އޮތީ ''ކަލޭ'' އެވެ. މިއީ ހަމަ ވަރަށް ރަނގަޅު ދިވެހި ބަހެކެވެ. އެއްގޮތަކަށްވެސް މިބަސް އުވިގެން ނުވާނެއެވެ. ނަމަވެސް، މިއީ ވަރަށް ގިނަ މީހުންގެ ނަޒަރުގައި ހަމައެކަނި ރައްޓެހީންނާއި ތިމާއާ އެއްހަމައެއްގެ މީހުންނާ މުޚާތަބްކުރެވޭ ބަހެކެވެ. ނުދަންނަ މީހަކަށް ''ކަލޭ'' ކިޔާފައި ބުނުމަކީ އެމީހާގެ އިޙްތިރާމް ކެނޑޭކަމެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ. މީހަކާ ދިމާއަށް ސީދާ އިނގިލި ދިއްކުރުމަކީ ބޭއަދަބީ ކަމަކަށް ވާ އުސޫލުންނެވެ. ވީމާ އަނެއް މީހާގެ އިޙްސާސްތަކަށް ރިޢާޔަތްކުރުމުގެ ގޮތުން އެ ނަން ބޭނުންކުރާކަށް ނުވެސް ކެރޭނެއެވެ. ވީމާ މިހިސާބުން މިއޮތީ ބަދަލުނަމެއްގެ ބޭނުން ޖެހިފައެވެ.

''ޙާޖަތަކީ އާ ކަންތައްތައް އީޖާދުކުރާ އެއްޗަކަށް'' ވީ ހިނދު ވަރަށްވެސް ޠަބީޢީ ޙާލަތެއްގައި ދިވެހީންގެ ތެރެއަށް މީގެ ދުވަސްކޮޅެއް ކުރީން އެހެން ބަދަލު ނަމެއް ތަޢާރަފްވިއެވެ. އާދެ އެ ނަމަކީ ''ތީނަ'' އެވެ. ނަމަވެސް މި ބަހަކީ ދިވެހިބަހުގެ ހަމަތަކާ ޚިލާފު އެއްޗެއް ކަމުގައި ޢިލްމުވެރީން ވިދާޅުވެ، ވަރަށް ބޮޑެތި ޙަމަލާތައް އެދުވަސްވަރު އެކަމަށް އައީ ރައްދުވަމުންނެވެ. ވީމާ އެންމެ ފަހުން އެބަސް އުވި ހިނގައްޖެއެވެ.

ނަމަވެސް އަޅުގަނޑުގެ ސުވާލަކީ ''ތީނަ'' އެއީ ދިވެހިބަހުގެ ހަމަތަކާ ޚިލާފު ބަހަކަށް ވަނީ ކޮން ހަމައަކުންތޯއޭ؟ އެވެ. ދުރުގައި ހުންނަ އެއްޗަކަށް އިޝާރާތްކޮށް ''އޭތި'' ބޭނުން ކުރާ އުސޫލުން ދުރުގައި ހުންނަ މީހަކަށް ''އޭނަ'' ބޭނުން ކުރެއެވެ. ކައިރީގައި އޮތް އެއްޗެއް މީހަކަށް ދައްކަމުން އެއަށް އިޝާރާތްކޮށް ބުނެ އުޅެނީ ''މީތި'' އެވެ. ހަމަ އެފަދައިން އެއީ މީހެއް ނަމަ، ''މީނަ'' އޭ ބުނެ އުޅެއެވެ. ދެން މީހަކު އަތުގައި އޮތް އެއްޗެއްގެ ވާހަކަ އެމީހާގާތުގައި ބުނަންވެގެން އެއަށް އިޝާރަތް ކޮށް ''ތީތި'' އޭ ބުނެއެވެ. އަދި މީހަކާ ދިމާއަށްވެސް ރުޅިއައިސްގެން ''ތީތި'' ނުވަތަ ''ތިޔާއެތި'' ނުވަތަ '' ތިގޮލާ'' ވެސް ކިޔައެވެ. ވީއިރު ''ތީނަ'' ދިވެހި ބަހުގެ ހަމައަށް ނުފެތެނީ ކީއްވެ ބާވައެވެ؟

އަޅުގަނޑުގެ މަޤްޞަދަކީ ކޮންމެހެން، މިހާރު އުވިގޮސްފައި އޮތް ''ތީނަ'' އަނބުރާ ގެނައުމެއް ނޫނެވެ. ނަމަވެސް ދިވެހީންގެ ތެރޭގައި އަލަށް ފެތުރޭ ބަސްތައް، އެއީ ހަމަ ޙަޤީޤަތުގައިވެސް ބަހުގެ ހަމަޔާ ޚިލާފުއެއްޗެއްތޯ ރަނގަޅަށް ދިރާސާ ނުކުރެވި، ޢާންމުންގެ ދުލުކުރީގައި އޮންނަ ބަހެއް އުވާލުމަކީ އެއީ އަޅުގަނޑުގެ ޚިޔާލުގައި އެކަން އޮންނަން ޖެހޭނެ ގޮތް ނޫންކަމުގައި ދެންނެވުމެވެ. ބަހަކަށް ވާނީ ހަމައެކަނި ދަންނަބޭކަލަކު ހައްދަވާ ބަހެއް ނޫނެވެ. ޅެންވެރިޔާވެސް ވިދާޅުވާ ފަދައިންނެވެ.

''ބަސްބަހީ މީހުން ހަދާ އެއްޗެއް ބަލަގަ ނޫނޭ ތެދޭ

އަސްތަ އަސްތާ ޤުދުރަތުގެ އޭ އެއްޗެކޭ ހަމަ ހިންގަވާ''

ދިވެހީންނަށް ފޯރިއަންނާނީ އަންބާ ކީމައެވެ. ލިންކަންގެ ހަރުބަހަކުން ނޫނެވެ.

ޤައުމީ އެކި ކަންކަމުގައި މީހުންނަށް ފޯރިދިނުމަށް ނެރެވޭ ޝިޢާރުތައް ހުންނަން ޖެހޭނީ ދިވެހިބަހުންނެވެ. '' ކޮންމެ ކުއްޖަކީވެސް ފަތަން ދަންނަ ކުއްޖެއް'' ނުވަތަ '' މިނިވަން ދިވެހިރާއްޖެ ސާފު ދިވެހިރާއްޖެ '' ފަދަ ޝިޢާރުތަކެވެ. ނަމަވެސް މިއީ ވަރަށް މަދު ޙާލަތެއްގައި ވާ ކަމެކެވެ. ގިނަ ފަހަރަށް އޮންނަނީ ދިވެހި ބަސް ހަނދާން ނައްތާލެވިފައެވެ. މިސާލަކަށް "ސްޕޯޓްސް ފޮރ އޯލް" ނުވަތަ " ޔޫތު ޗެލެންޖު" ފަދަ ޝިޢާރުތައް މާ ގިނައިން އަޑު އިވެއެވެ.

ކޮންމެ ތަނަކަށް ވިލިނގިލީގެ ހުކުމެއް ނާންނާނެއެވެ.

ބައެއްކަހަލަ ޖަމިއްޔާ ނުވަތަ ޙަރަކާތްތަކަށް ދެވިފައި ހުންނަ އިނގިރޭސި ނަންނަމަކީ އެއީ، އެހެން ބަހަކުން ކިޔާއިރު، ކޮންމެހެން ހަމަ އެގޮތަށް ކިޔަން ޖެހޭ ނަންނަމެއް ނޫނެވެ. މި ދެންނެވީ ''ވިލިނގިލި'' ފަދަ ނަމެއް އިނގިރޭސިބަހުން ވެސް ހަމަ ވިލިނގިލި ކިޔާ އުސޫލު ކޮންމެ ތަނެއްގައި ނޯންނާނެ ވާހަކައެވެ.

މީގެ މިސާލަކީ ''ޔުނައިޓެޑް ނޭޝަންސް" އަށް ވަރަށް ކުރީއްސުރެ ދިވެހި ބަހުން ކިޔާ ގޮތެވެ. އާދެ "އެކުވެރި ދަޢުލަތްތައް" އެވެ. ނުވަތަ އދ އެވެ. "ޔުނައިޓެޑް ނޭޝަންސް" އަކީ "ވިލިނގިލި" ފަދައިން ހުރިހާ ބަހަކުން ވެސް އެއްގޮތަކަށް ކިޔަން ޖެހޭ ނަމެއް ކަމަކަށް އެއިރު އެބަސް ދިވެހީންގެ ތެރެއަށް ތަޢާރަފްކުރެއްވި ބޭފުޅުން ދެކެވަޑައިގެންފައެއް ނެތެވެ.

ނަމަވެސް މި ޒަމާނުގައި މި ފަދަ ހުރިހާ ނަންތަކެއްވެސް ކިޔުމުގައި ދިވެހީން ގެ ފަލްސަފާއެއް ކަމަށް ވެފައި ވަނީ "ވިލިނގިލި" ފަލްސަފާއެވެ. މިސާލެއްގެ ގޮތުން ދަންނަވާ ނަމަ "ޔޫރޯ ޓޫ ތައުސަންޑް ފޯރ" ނުވަތަ "ނައިން އިލަވަން ކޮމިޝަން" ފަދަ ނަންތަކަކީ ހީވާ ގޮތުން ހަތް ދުވަސް ވީ ދުވަހު ހާލެއް ކަތިލައި، ބޮޑުމާލޫދު ކިޔެވުމަށްފަހު އެފަދަ ތަންތަނަށް ނުވަތަ ޙަރަކާތްތަކަށް ދެވުނު ނަންތަކެކެވެ. "ޔޫރޯ ދެހާސް ހަތަރެއް" ކިޔަން އުނދަގުލީ ބާވައެވެ.

އިއްޔެވެސް މިއަދުވެސް އަދި މާދަމާވެސް ރާއްޖޭގެ ރަސްމީ ބަހަކަށް ވާނީ ދިވެހިބަހެވެ.

ރާއްޖޭގެ ރަސްމީ ބަހަކީ ދިވެހިބަހެވެ. ދިވެހި ބަސް ބޭނުން ކުރެވެން އޮތްހާ ހިނދަކު އެނޫން ބަހެއް އެއްވެސް ރަސްމީ ކަމެއްގައި ބޭނުންކުރެވިގެން ނުވާނެއެވެ. ސަރުކާރުގެ މަޤާމަކަށްވެސް ދިވެހި ނަމެއް ދެވެން އޮއްވާ ފުރެއްދެ ނަމެއް ދިނުމުގެ ބޭނުމެއް ނެތެވެ.

ދިވެހިބަހުން އަޑުއިވޭ ބައެއް ޚަބަރުތަކުގައި '' ވައިޓުހައުސްގެ ތަރުޖަމާނު '' ނުވަތަ ''އެޖަމާޢަތުގެ ފަރާތުން ވާހަކަދެއްކި މީހާ'' ފަދަ ދިވެހި ނަންތައް އަޑުއިވެއެވެ. ވީ އިރު ރާއްޖޭގައިވެސް މިފަދަ މަޤާމުތަކަށް ނަންދެއްވާ އިރު އެ ބޭފުޅާގެ ކޮޓަރިކޮޅުގެ ބޭރުގައި ހުންނަ ނަންފިލާ ގަނޑުގައި ތާނައިން ލިޔެފައި އޮންނަ ނަމަ އޮންނަންވާނީ އެ މަޤާމެއްގެ ދިވެހި ނަމެވެ. ނުވަތަ ދިވެހި ތަރުޖަމާ ނަމެކެވެ. ދިވެހި ލިޔެކިޔުންތަކުގައި ވެސް ބޭނުން ކުރެވެން ޖެހޭނީ މިގޮތަށެވެ.

ހަމަ އެފަދައިން ރާއްޖޭގައި އޮންނަ އެކި އެކި އޮފީސްތަކަށާއި އެސޯސިއޭޝަން ފަދަ ތަންތަނަށް ވެސް އެ ކިޔާ އިނގިރޭސި ނަމުގެ ދިވެހި ތަރުޖަމާއެއް އޮންނަން ޖެހޭނެއެވެ. އެއީ ދިވެހި ލިޔެކިޔުންތަކުގައި ބޭނުން ކުރުމަށެވެ.

މިސާލަކަށް ނެޓް ބޯޅަ އާ ބެހޭ އެސޯސިއޭޝަނެއް އޮންނަ ނަމަ "ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް" އެތަނުގެ ނަމަކަށް ކިޔަސް، ތަނުގެ ދިވެހި ނަންބޯޑުގައްޔާއި ދިވެހި ޚަބަރުތަކުގައި ބޭނުންކުރުމަށް އޭގެ ތަރުޖަމާ ބޭނުން ކުރެވިދާނެއެވެ. އާދެ "ދިވެހިރާއްޖޭގެ ނެޓްބޯޅަ އާ ބެހޭ އެސޯސިއޭޝަން" ފަދަ ނަމެކެވެ. "އ.ދ" ފަދަ ބޮޑެތި ޖަމިއްޔާތަކަށް ވެސް ދިވެހި ނަން ކިއިފައި ހުންނަ އުސޫލުންނެވެ.

ތާނަ އަކުރަކީ އިނގިރޭސި ''ފޮންޓެއް'' ނޫނެވެ.

ތާނަ އަކުރަކީ ހަމައެކަނި އިނގިރޭސި ބަސް ލިޔުމަށް ބޭނުންކުރެވޭ އިތުރު ''ފޮންޓެއް'' ބާވައޭ ވެސް ބައެއް ފަހަރު ހިތަށް އަރައެވެ. ރާއްޖޭގައި ބޭއްވޭ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަލްސާ ނުވަތަ މަހާސިންތާ ފަދަ ބައްދަލުވުންތަކުގައި ބޭނުންކުރެވޭ ނަންފޮތިގަނޑުތަކުގައި ބައެއްފަހަރު، އެ ޖަލްސާއަކަށް އިނގިރޭސި ބަހުން ދެވިފައިވާ ނަން ހަމަ އެގޮތަށް އެންމެ އަކުރަކަށްވެސް ބަދަލު ގެނައުމަކާ ނުލައި ތާނައިން ލިޔެވިފައި ހުއްޓާވެސް ފެނެއެވެ.

މިފަދަ ތަންތަނުގައި ދިވެހި ބަހަށް ޢިއްޒަތް ދިނުމުގެ ގޮތުން އެ ފޮތިގަނޑުގައި ތާނައިން ލިޔެވިފައިވާ ބައި އޮންނަނީ އިނގިރޭސި ޖުމްލައިގެ މަތީގައެވެ. ނަމަވެސް ދެޖުމްލަ އަކީ ވެސް ހަމަ އިނގިރޭސި ދެޖުމްލައެވެ. ވީ އިރު ދިވެހި އަކުރުން ލިޔުމުގެ މަޤްޞަދަކީ ކޮބައިބާއެވެ.

ވަޑައިގެން ތިއްބެވި މެހެމާނުންނަށް ދިވެހި އަކުރު ފެނިވަޑައިގަތުމުން، ދިވެހީންގެ އަމިއްލަވަންތަކަމާމެދު އެބޭފުޅުންގެ ހިތްޕުޅުގައި ތަޢުރީފު އުފެދޭނެއެވެ. ނަމަވެސް އޭގައި ތާނައަކުރުން ލިޔެވިފައި އޮތީ އިނގިރޭސި ޖުމްލައެއް ކަން އެނގިވަޑައިގެންފި ނަމަ ހިތްޕުޅުގައި އުފެދޭނީ ތަޢުރީފުބާއެވެ.

އަޅުގަނޑުމެންގެ މާދަރީ ދިވެހިބަހާ މެދު މި ކުރެވޭ އަނިޔާ ހުއްޓަމާތޯއެވެ. އެންމެން އެއްބާރުލައިގެންނެވެ.

ނިމުނީ

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.