ހޮނިހިރު20180922

އާކުރެވުނީ: 08:43:52

''އާމަގު ފިނިއަށި''

aamagu

އެއީ ދެމަފިރިންނެވެ. އެހެންވީމާ އެކަކު އަނެކަކާ ވާހަކަދައްކައެވެ. އެކަމަކު ރޫޙެއްނެތެވެ. އުޅެނީ އެއްގެއެއްގައެވެ. ނިދަނީ އެއް އެނދެއްގައެވެ. އޮންނަނީ ދެމީހުން ދެފަރާތަށް މޫނު ލައިގެންނެވެ. ޝަރީފު، ބޯދަށަށް އަތްލައިގެން އަތް އައްސިވަންދެން އޮވެދާނެއެވެ. ތަންމަތި އެއީ ސަނާއަށް ހޫނުކަމެއްނެތް ފިނިއަށްޓެވެ. ސަނާ، ވާހަކަ ފޮތުގެ ތެރެއިންލައިފާގޮސް ވަންނާނީ އަރާމުދިނީގެ ތެރެއަށެވެ.

ޝަރީފުގެ ބަތްތަށި ސަނާ މޮޑެދެއެވެ. އަބަދުވެސް މޮޑެދޭގޮތަށެވެ.

ހަމަ އެރަހައެވެ. ފޮނި ހެޔޮވަރަށް ސައިތަށި ގިރައިދެއެވެ. ދޮވެ އިސްތިރިކޮށްދެއެވެ. ޝަރީފު ވެސް ސަނާ ބުނުމުން ފައިސާދެއެވެ. އެއްކޮށް ބާޒާރުކުރާކަށް ނުދެއެވެ. ދެމީހުން އެކީގައި ގޮސް ގަންނާނެ އެއްޗެއް ބާޒާރުގައި ނުހުންނާތީއެވެ. އެކީގައި ހިނގާލާކަށް ނުދެއެވެ. ލޭއޮހޮރުނު ދުވަހަށްފަހު ސަނާ އެކަމަށް ނުމެ އެދޭމެއެވެ.

ދަރިންވަނީ ބޮޑެތިވެފައެވެ. ދޮށީ އަންހެން ދަރިފުޅު އެތައް ހިތަކަށް އުފާހޯދައިދެމުން އަދިވެސް އެހުރީ ހުހަށެވެ. އެއީ މިލަމުންދާ މަލެއްގެ މިސާލެވެ. ފިރިހެން ދަރިފުޅުގެ އަށާރަވަނަ އުފަންދުވަސް މީގެ އަށް މަސް ކުރިން ފާހަގަކުރީ ހިންމަފުށީ ރިހެބްގައެވެ.

ޝަރީފު އާއި ސަނާ ދިމާވީ ޢީދުޗުއްޓީގައި ކުޑަހުވަދުއަށް ޝަރީފުދާން އޮތް ދަތުރު ބަދަލުކުރަން ޖެހުމުންނެވެ. ސަނާވެސް އައީ ޢީދުކުޅިވަރު ބަލާށެވެ. އެއް އަވަށެއްގެ ކުޅިވަރުކުޅޭ އިސްޓޭޖު ކައިރިން ދެމީހުންފެނި ވާހަކަދައްކަން ފެށުނީއެވެ. ޖެހިގެން އައިރޭ ދެމީހުން ކެވެލިޖަހައިގެން ހިނގީ އެއްއަވަށުގެ އިސްޓޭޖްދޮށުން އަނެއް އަވަށުގެ އިސްޓޭޖް ދޮށަށެވެ. ފަހުން ފެންނަންފެށީ އާމަގު ފުއްޓަރު މަތީ ފިނިއަށިންނެވެ.

ޢީދުޗުއްޓީގެ ފަހުދުވަހު ޖެހިގެންއޮތް ކުމުންދުއަށް ޝަރީފުމެންނާއެކު ސަނާވެސް ދަތުރުދިޔައެވެ. ގާމަތި ރަށެއްކަމުން ރަށަށް ފައިބަން ޖެހުނީ ދޯނި ގެނބުރުގައި އަޅާފައި ބޮއްކުރާގައެވެ. ރަށަށް ފޭބުމަށް އެހީއެއްގެ ގޮތުގައި ޝަރީފު ދިއްކޮށްލި އަތުގައި ސަނާހިފީއެވެ. އެހިސާބުން ޝަރީފުގެ އުނގަށް އަބަދަށް ވަނުމަށް ސަނާ ނިންމީއެވެ.

ކައިވެނިކުރީ ލޯބިވެގެން އުފަލުންނެވެ އަބަދުވެސް އެކަކު އަނެކަކަށް ވަގުތު ހުސްކުރަން ނިންމައިގެންނެވެ. ކުދިން ހޯދަންވެގެންނެވެ.މައިންބަފައިންގެ ތައްޕާހުން ނޫޅެން ނިންމައިގެންނެވެ.

އުފަލުގައި އުޅެ އެއްކޮށް ދަތުރު ދާށެވެ. ހީ ސަކަރާތް ޖަހާށެވެ.

އަހަރަކަށް ފަހު ލޯބިން ގުޅުނު ގުޅުމުގެ ފޯރިކެނޑެންފެށިއެވެ. ޝަރީފަށް ގޭގައި މަޑުނުކުރެވޭތީއެވެ.

ރައްޓެހިން އިސްކުރާތީއެވެ. އެއް ސުފުރާމަތީ ނުކެވޭތީއެވެ. ސަނާގެ ޝަކުވާތަކަށް ޝަރީފުޖަވާބުދެއެވެ. އަހަރެން މަސައްކަތްނުކޮށް މިތަނަށް ކުލި ދެއްކޭހެއްޔެވެ؟ ދެން އެހެންވިއްޔާ އަހަރެން އޮފީހަކަށް ވައްދަން ވީ ނޫންހެއްޔެވެ؟ ޝަރީފު އެއްބަހެއް ނުވެއެވެ. ދެން އެހެންވިއްޔާ މަންމަގެއަށް ބަދަލުވާން ވީނޫންހެއްޔެވެ؟ ޝަރީފަށް އެވީ ހުތުރު ކަމަކަށެވެ. ޝަކުވާފުނިޖެހެމުންދިޔައެވެ. ފިނި ޒުވާބަށް ހޫނުކަން އަންނަންފެށިއެވެ. ދެމީހުން ދުރުވާހެން އިހްސާސްކުރެވެން ފެށިއެވެ. ދެމީހުންގެ ގުޅުން ހަނގުރާމަޔަކަށްވާން ފެށިއެވެ. ފުރަތަމަ ހަމަލާތައް ބަދަލުކުރީ މަޑުބާލީހުންނެވެ. އެންމެ ފަހުހަމަލާ އައީ

ކައިވެނީގެ ފޮޓޯލޯގަނޑުންނެވެ. ސަނާގެ ލޭއޮހޮރި، ލޯގަނޑު ތެޅުމުން ހަޔާތުގެ އެބައި ނިމުނެވެ. ދިރިއުޅުން ނަމަކަށް ބަދަލުވިއެވެ.

ސަނާ އުފަލާއި ހިތްހަމަޖެހުން ހޯދީ ގަންނަ ވާހަކަ ފޮތްތަކުންނެވެ. ފޮތް އަލަމާރީގައިވަނީ ކަހެކް ޝާންއާއި އަންވަރުވާހަކައެވެ. ފޮނިކަރުނައެވެ. ނީރާ އާއި ބަރުބާދުވި ހަޔާތެވެ. ހުރިހާ ވާހަކަ އަކަށްވެސް އަގުދެއްކީ ޝަރީފެވެ. އެންމެ ވާހަކައެއް ފިޔަވައެވެ. އެއީ ''ލޯބިވަމެވެ''. އެ ވާހަކަ މިހާރު ވީ ޒުލޭ އަތުގައެވެ. އެއީ އިތުބާރު ޒުލޭއެވެ

****

''ސަނާ!'' ގޭ ދޮރުމަތީހުރެ ޒުލޭ ގޮވާލިއެވެ.

''ފާޚާނާގައި!.. އެތެރެއަށް ވަދޭ!'' ޝަރީފު ސޯފާއިން ތެދުވަންނަމުން ދައުވަތުދިނެވެ.

''އަން! މިއޮތީ ފޮތް'' ޒުލޭ، ''ލޯބިވަމެވެ.'' ދިއްކޮށްލިއެވެ. އަތުގައި އޮތް ބެންސަން ސިގިރޭޓް ތުނބަށް ބަދަލުކޮށްލުމަށް ފަހު ލޯބިވަމެވެ ގައި ހިފުމަށް ޝަރީފު އަތްދިއްކޮށްލިއެވެ. ވީގޮތެއް ނޭގެއެވެ. ޝަރީފުގެ އަތް ބީހިލީ ޒުލޭގެ އަތުގައެވެ. ހިތުގައި ހީވީ ބަރުދަނެއްނެތް ގަނޑުފެން ކޮޅެއް ގޮސް ޖެހުނުހެންނެވެ. ތުރުތުރެއް ހިނދުކޮޅަކަށް ގަޔަށް ވެރިވެގަތެވެ. ތުބުގައި އިން ސިގިރޭޓްގެ ދިގުވަމުން ދިޔަ އަޅިކޮޅު ގަމީހަށް ވެއްޓުނެވެ.ޒުލޭ ބަލަހައްޓައިގެން ހުރީ ޝަރީފުގެ ލޮލަށެވެ. އެ ލޮލުގެތެރެއިން ހުރިހާ އެއްޗެއް ފެންނަކަހަލައެވެ. ހުރިހާވާހަކައެއް ކިޔާދޭކަހަލައެވެ. ޒުލޭ ލުއިލުއި ކޮށް ހިނިތުންވެލިއެވެ.

-ނިމުނީ-

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.