ހުކުރު20200807

އާކުރެވުނީ: 08:43:52

އެއީ ތަޤުދީރުގައިވާ ގޮތެވެަ

taqdeerއާރެއަކަށް ހަނދު އޭގެ ވާޖިބު އަދާކުރުމަށް އޭގެ އެކުވެރިންނާއެކު ހަރަކާތް ތެރިވަމުން ދަނީއެވެ. އޭގެ ރިހިދޯދިން މުޅި ދުނިޔެ ދަނީ ގިރިޓީ ކުރަމުންނެވެ. ރީނާ އިށީދެއިން ޓެރަސްވެސް ވަނީ ހަނދުގެ ނަލަ ދޯދިން ރިހި ދޫލައެއް ލެވިފައެވެ. ފިނިފިނި ވައިރޯޅިތައްވެސް ހަނދާ އެއްބައިވުމުގެ ގޮތުން ރީނާގެ ފަންފަން އިސްތަށިގަނޑާއި ކުޅެމުންދެއެވެ. މަޔަކުދަރިއެއްގެ ގައިގައި ފިރުމައިދޭހާ ލޯބިންނެވެ.

ލޯބިވެރިޔާ ލޯބިންބީހިލާ ފަދައިންނެވެ. ޓެރަސްމަތީގައި ހަދާފައި ހުރި ހެއްލޭ އުނދޯއްޔެއްގައި މަޑުމަޑު ރީދޫކުލައިގެ ހެދުމެއްލައިގެން އިން ރީނާގެ ހިތުގައި މިއުފާވެރި މާހައުލާ މެދު އެއްވެސް ޚިޔާލެއްނެތެވެ. އޭނާ އިނީ އޭނާގެ އެންމެ ޅަނދޮޅު ދުވަސްވަރުގެ ހަނދާންތަކުގެ ތެރެއަށް ގެއްލިފައެވެ. ހަލަބޮލިކަމުގެ ތެރެއިން މިއަދާ ހަމައަށް އާދެވުނު ގޮތުގެ ހަނދާންތަކުގެ ތެރެއަށްގެއްލިފައެވެ.

ދުވަހަކީ ވިއްސާރަ ދުވަހެކެވެ. ހެނދުނު ވެހެމުންދިޔަ ވާރޭ މެންދުރާ ހަމަޔަށް އޮތީ ތުނިކޮށްލާފައެވެ. ވާރޭ ވެހުނު ނަމަވެސް މަގުމަތިން މީހުން މަދެއްނުވެއެވެ. ބައެއްމީހުން ވާރެއިން ސަލާމަތް ވުމަށް އެކިކޮޅު ކޮޅަށް ބާރު ހިނގުމެއްގައި ހިނގަމުން ދެއެވެ. އަނެއްބައި މީހުން ކުޑައިގެ އެހީހޯދަމުން ދިޔައެވެ. މަގުމަތި އެހާ ހަލަބޮލިވެފައިވަނީ ސްކޫލް ކުދިން ކިޔެވުން ނިމިގެން ގެއަށް ދާން އުޅޭ ވަގުތަށް ވުމުންނެވެ. ބެލެނިވެރިން ކުދިންގޮވައިގެން ގެޔަށް ދަމުން ދިޔައިރު ބައެއް ކުދިން އެކުދިން ބަލާ އަންނަންދެން ސްކޫލުތެރެއިން ހިޔާވަހިކަން ހޯދަމުން ދިޔައެވެ. އަނެއްބައި ކުދިން ވާރެއާއި ތެމިގެން ގެޔަށް ދާން މިސްރާބްޖެހި އެވެ. އޭގެ ތެރެއިން ރީނާ އަކީ އަމީނިއްޔާ ސްކޫލުން ގުރޭޑް 9 އެއްގައި ތަޢުލީމު ހާސިލުކުރަމުން އަންނަ އަޚުލާގު ރަގަޅުކުއްޖެކެވެ. މަޑުމައިތިރި ކުއްޖެކެވެ. މީހުންނާއި ގުޅޭ މަޖާ މިޒާޖެއްގެ ކުއްޖެކެވެ.

'' އޭ ތޫހާ އަހަރެން ދަނީޔޭ އިނގޭ! ތޫހާވެސް އާދޭ ތެމިގެން ދާން.'' ވާރެޔާއި ތެމޭހިތްވާލެއް ބޮޑުކަމުން، ތެމިގެން ގެއަށް ދިއުމަށް ރީނާ ނިންމިއެވެ.

'' ބަލާ އަންނަންދެން މަޑުކޮށްބަލަ. މަށެއް ނޫޅެން ތެމިގެން ދާކަށް.'' ތޫހާ އެކަމާ ދެކޮޅުހެދިއެވެ.

'' މައްސަލައެއް ނެތް. އަހަރެން ދަނީ އޯކޭ.'' ރީނާ ބާރަށް ހިނގައިގަންނަމުން ބުނެލިއެވެ.

ކުއްލިއަކަށް ވާރޭ ބޯކޮށްލައިފިއެވެ. ރީނާ ވާރެއާއި ތެމޭހިތުން ހުއްޓަސް މިހާ ބޯކޮށް ވާރޭ ވެހޭވަގުތެއްގައި ތެމިގެން ގެއަށް  ގޮސްފިނަމަ މަންމަ ރުޅިއަތުވެދާނެތީ ކައިރީގައި ހުރި ގޭގެ ދޮރާށި ދޮށުގައި މަޑުކޮށްލިއެވެ. ޖެހޭފިނިވައިރޯޅިއާއިއެކު ހީކަރުވާ ވަރުން އެތާގައިވެސް އޭނާއަށް ހުރެވޭ ވަރެއް ނުވެއެވެ.

'' ވާރޭ ހުއްޓާލާނީ ކޮން އިރަކުން ބާ؟'' ރީނާ ހިތަށް އަރަމުންދިޔައެވެ. އެޚިޔާލުގެ ތެރޭގައި ހުއްޓާ، އޭނާ އާއި ދާދިގާތަށް ރީނދޫ ކުލައިގެ ސްޕޯޓްސް ކާރެއް މަޑުކޮށް ލިއެވެ.

ލޯގަނޑު ތިރި ކޮށްލިވަގުތު ރީނާ އަށް ފެނުނީ ޒުވާން ރީތި ފިރިހެނެކެވެ. މާ ދޮން ނޫނަސް ފުދޭވަރެއް ވެއެވެ.

'' ތިއޮއް ވާރެޔާ ތެމެނީއެއްނު'' އެމީހާ އެހެން ބުނުމުން ރީނާ ސިއްސައިގެން ދިޔައެވެ.

'' އާދޭ ކާރަށް އަރަން'' އެމީހާ ވަރަށް އޯގާތެރިކަމާއެކު ބުންޏެވެ. ރިނާ އެކަމާ ދެކޮޅު ހަދާ ހިތެއްނުވިއެވެ. އެއާއިއެކު ކާރުގެ ދޮރު ހުޅުވުމަށް ފަހު ކާރަށް އެރިއެވެ.

'' މިހިރީ ޓިޝޫ.'' އަނެއްކާވެސް ވާހަކަ ދެއްކީ އެމީހާއެވެ.

'' ޝުކުރިއްޔާ.'' ރީނާ ބުނެލިޔެވެ. އަދި ރަކިި ގޮތަކަށް ހީލިއެވެ.

'' ކޮންތާކުތަ ގެ ހުންނަނީ ؟''

'' ހެންވޭރު ބޯޅަދަނޑު ކައިރީގައި.'' ރީނާ ޖަވާބު ދިނެވެ. އެއާއި އެކު އެގެޔަށް ދިއުމަށް ކާރު ދުއްވާލިއެވެ.

'' އަހަންނަށް ކިޔަނީ އަޔާޒް.'' އަޔާޒް އޭނާ އަމިއްލަޔަށް ތަޢާރަފް ވެލިޔެވެ.

'' ކޮން ނަމެއްތަ ކިޔަނީ؟'' އަޔާޒް ރީނާ ކުރެން އަހައިލިއެވެ.

'' އަހަންނަށް ކިޔަނީ ރީނާ.''

'' ރީނާ، ރީނާ ހާދަ ރީތި ނަމެކޭ.'' އަޔާޒް ހިތާއި ހިތުން ކިޔައިލިއެވެ. އެވަގުތު ރީނާވެސް އިނީ ޚިޔާލީ ދުނިޔެއެއްގައެވެ. ރީނާ ޚިޔާލީ ދުނިޔެއިން ނިކުމެވުނީ ހެންވޭރު ބޯޅަދަނޑާއި ހަމަޔަށް އާދެވިއްޖެޔޭ އަޔާޒް ބުނުމުންނެވެ.

'' ކޮބައިތަ ގެޔަކީ؟''

'' މިހިރަ ގޯޅިތެރޭގައި ތިން ވަނަޔަށް އެހެރީ އަހަރެންގެ ގެ.'' ރީނާ ލަދުން އިދެ ބުނެލިޔެވެ. އަޔާޒް މަޑުމަޑުން ގޯޅިތެރެޔަށް ކާރު ވެއްދުމަށް ފަހު އެގޭ ކުރިމަށްޗަށް މަޑު ކޮށްލިއެވެ. ކާރުގެ ދޮރުހުޅުވުމަށް ފަހު ނުކުންނަމުން ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ރީނާ ބުނެލިއެވެ. އެވަގުތު އެއީ އެހާވަރުގެ ކަމެއް ނޫނޭ އަޔާޒް ބުނެލިއެވެ. އެއާއިއެކު އެގޭގެ ނަންބޯޑާއި ދިމާއަށް ބަލައިލިއެވެ. އޭނާގެ ހިތުގައި އެނަން ލިޔެލިކަހަލައެވެ.

ކުޑަ އިރުކޮޅަކަށް އެތާގައި މަަޑުކުރުމަށް ފަހު، އަޔާޒް ގެއަށް ދިޔުމަށް މިސްރާބް ޖެހިއެވެ. ކާރުގެ ސީޑީ ބަހައްޓާ ރެކުން ޢަލީ ރަމީޒްގެ ކަލެކްޝަން ސީޑީގެ ''ހެޔޮހާލުގައި ކަލާ ތިހެން'' މިލަވަ ޖަހަންފެށިއެވެ. އެލަވާގައި އެބުނާ އެއްޗަކާއި ރީނާއާއި ކިހާ ދިމާވޭހެއްޔެވެ؟ ފުރަތަމަ ނަޒަރުންވެސް އަހަރެންގެ ހިތް ފަތަހަ ކޮށްފިއެވެ. ކިހާބޮޑު އަޖައިބެއް ހެއްޔެވެ؟ އެޚިޔާލުތަކުގައި އިނދެ އޭނާއަށް އެލަވަ ތަކުުރާރުކޮށް ޖެހުނު އަދަދެއްވެސް ނޭނގުނެވެ. ގެޔާ ހަމަޔަށް އާދެވުނު އިރުވެސް އަޔާޒް އިނީ ހަމަ އެހިޔާލުގައެވެ.

ގެ ކައިރީގައި ހުރި ޕާކިންގ ޒޯނުގައި ކާރު ބޭއްވުމަށް ފަހުވެސް އެއިން ފައިބާ ހިތެއް ނުވިއެވެ. އޭނާއަށް މިވަނީ ކީއްބާއެވެ؟ އެވަގުތު އަޔާޒުގެ ލޮލުގައި އަޅާގަތީ ކާރުތެރޭގައި ރީނާ އިށީނދެ އިން ޝީޓެވެ. އެޝީޓް ހުރީ ތެމިފައެވެ. އެއާއެކު އެޝީޓުގައި އޭނާއަށް ފިރުމައިލެވުނެވެ. އެހާމެ ހޫނެވެ! އެހާމެ ފިންޏެވެ! މިހާރު އެފެންތައް އެޝީޓާއި އަލްވަދާޢު ކިޔަނީއެވެ. ނަމަވެސް އަޔާޒްގެ ހިތުގައި އޭނާއަށް ނޭނގިނަމަވެސް ރީނާއަށް ދެވިފައިވާ މަޤާމް ދަނީ ކުރިފަޅައި ހެދި ފޯދެމުންނެވެ. އެހެން އިންދާ އޭނާއަށް ހޭވެރިކަންވީ ކާރުގެ ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑަށެވެ. ބަލާލި އިރު އެއީ އޭނާގެ އެންމެ ގާތް އެކުވެރުިޔާ ނާޝް އެވެ.

'' އޭ! ކޮން ޚިޔާލެއްގަ؟ ހިނގާބަލަ ބުރެއްޖަހާލަން.'' ނާޝް އެދުނެވެ.

'' އާނ! ހިނގާ ދާން.'' އަޔާޒް ހިންހަމަ ނުޖެހިއިދެފައި ބުންޏެވެ.

'' މަގޭ އެކުވެރިޔާއަށް މިއަދު އަނެއްކާ ކިހިނެއްވީބާ؟ އަނެއްކާ..... އަންހެން ކުއްޖަކު ހިތް ދަމައިގަތީތަ؟'' ނާޝް ދިމާކޮށްލުމުގެ ގޮތުން ބުނެލިއެވެ.

'' އާނ! ހީވަނީ ތިކަހަލަ ކަމެއް ވީހެން.''

ނާޝް އަކީ އަޔާޒްގެ އެންމެ ގާތް އެކުވެރިޔާއަށް ވުމުން މުޅިންހެންދެއްކީ ރީނާގެ ވާހަކައެވެ. އޭނާގެ ހިތުގައި ރީނާގެ ނަން ރަން ގަލަމަކުން ފަވާލެވިއްޖެ ކަހަލައެވެ. އޭނާގެ ޗާލޫ މޫނެވެ. ވިދާ ބަބުޅަމުންދާ ދެލޮލެވެ! އެރީތި ފަންފަން އިސްތަށިގަނޑެވެ! އެރީތި ތުންފަތެވެ! އެހާމެ ރަނގަޅު އަޚްލާގެވެ. އޭނާއަށް ދުނިޔޭގައިވާ ހުރިހާ އެއްޗަކަށް ވުރެ ރީނާ ރީތިވެއްޖެ ކަހަލައެވެ.

'' ދެން އޭނާއަށް ގުޅަންވީ އެއްނު؟'' ނާޝް ޚިޔާލެއް ދިނެވެ.

'' އުނހު! އަދި ނުކެރޭނެ. ކުޑަކޮށް ދިމާވޭތޯ ބަލާފައި ގުޅާނީ. އޭރުންނެންނު ތަންކޮޅެއް ބޮޑަށް އަހަރެން ފާހަނގަ ކުރެވޭނީ.'' އަޔާޒް ކުޑަކޮށް ވިސް ނާލާފައި ޖަވާބް ދިނެވެ. އެއާއި އެކު ދެން ރީނާ ފެންނާނެ ވަގުތަކަށް އިންތިޒާރު ކުރަމުން، ނާޝް ގެއަށް ލައިދިނުމަށް ގޯޅިއަޅައިލިއެވެ.

ރީނާ ގެއަށް ވައިންއިރު ގޭގެ އެންމެންވެސް ސިޓިންގ ރޫމުގައި ތިއްބެވެ.

'' ދަރިފުޅާ ކީއްވެތަ ޓެކްސީ އެއްގައި ނައީ؟'' ރީނާ ތެމިފައި ހުރިތަން ފެނިފައި އޭނާގެ މަންމަ ބުނެލިއެވެ. '' ކަމެއް ނުވޭ މަންމާ. ވާރެޔާ ތެމޭ ހިތްވީ.''

'' ދެންދޭ ހެދުން ބަދަލުކޮށްގެން ފެންވަރައިގެން އަންނަން. މަންމަ ހުންނާނެ ކާން ހަދާއިފައި.'' ރީނާގެ ފޮތް ތައް އަތުލަމުން އައިމިނަ ބުންޏެވެ. ފެންވަރައިލައިގެން ސައިބޯން ރީނާ އިށީދެއްޖެއެވެ. ސައިބޯން އިން އިރުވެސް އޭނާއަށް ވިސްނެމުންދަނީ އަޔާޒް އާއި މެދުގައެވެ. އޭނާ ކިހާ ރަނގަޅު ހެއްޔެވެ؟ ކިހާ އޯގާތެރި ހެއްޔެވެ؟ އެކަހަލަ މީހުން ހަމަ އުޅޭބާއެވެ؟ އަނެއްކާ މިއީ ހުވަފެނެއް ނޫންބާއެވެ؟ ނޫނެކެވެ! މިއީ ހަމަ ހަގީގަތެކެވެ!

ސައިބޮއެ ނިމިގެން ކުޑަކޮށް އަރާމު ކޮށްލުމަށް ކޮޓަރިއަށް ދިޔައެވެ. ނަމަވެސް އެމަޤްސަދެއް އޭނާއަށް ހާސިލް ވާގޮތެއް ނުވިއެވެ. އެހެންވެ ފޮތެއް ނަގައިގެން ކިޔެވުމަށް މަަސައްކަތް ފެށިއެވެ. އެކަންވެސްވީ ނާކާމިޔާބެވެ. ރީނާގެ ސިކުނޑީގައި ވަނީ އެއް ޚިޔާލު ތަކެކެވެ. އެއް ފިކުރު ތަކެކެވެ.

'' މިއަދު މިއީ ހާދަތަފާތު ދުވަހެކެވެ. މީގެ ކުރިން ނުވިސްނޭ ކަންތަކާ ހާދަ އެބަ ވިސްނެއެެވެ. އަނެއްކާ މިޚިޔާލާއި ފިކުރުތަކުގެ ވެރިޔަކީ އަޔާޒް ހެއްޔެވެ؟'' ރީނާ ހިތާހިތުން ކިޔާލިއެވެ. ވެދާނައެވެ. ނުވާންވީ ސަބަބެއް ނެތެވެ. މިއީ އޭނާއަށް މީގެ ކުރިން ދުވަހަކުވެސް ވީގޮތެއް ނޫނެވެ. އެއީ ރީތި ފިރިހެނެކެވެ! ހިތް ހެޔޮ މީހެކެވެ. ނަމަވެސް ރީނާ އޭރު ގަނެފައި ހުރި ލަދެއްގެ ސަބަބުން އޭނާއަށް އަޔާޒް އާއި ދިމާލަށް ބަލާ ނުލެވުނީތީ ދެރަވިއެވެ. ހިތާމަ ކުރިއެވެ. އެޚިޔާލުގެ ތެރެއަށް ގެއްލިފަ އޮއްވާ އޭނާ ހޭވެރިކަންވީ މީހަކު ދޮރުގައި ޓަކި ޖަހައިލި އަޑަށެވެ. އަވަސް އަވަހަށް ދިވެހި ފޮތް ނަގައި ކިޔަވަން އޮތް ކަމަށް ހެދިގެން ރީނާ އެދުގައި އޮތެވެ. ކޮޓަރީގެ ދޮރު ހުޅުވާލަމުން ރީނާގެ މަންމަ ބުނެލިޔެވެ.

'' ދަރިފުޅާ ފޯނެއް.''

'' ކާކުތަ މޮބައިލް އަށް މިސްކޯލް މިދެނ.ީ ކީއްތަވާނީ ގުޅާލިއްޔާ!'' މެންދެރު ކާއިންދާ ނުރުހިފައި އިދެ އަޔާޒް ބުނެލިއެވެ. އަޔާޒަކީ ނިސްބަތުން މުއްސަނދި އާއިލާއެއްގެ ދޮށީ ފިރިހެން ކުއްޖާއަށް ވުމުންވެސް އޭނާއަކީ އަތުން ކުރާ ޚަރަދަށާއި އެހެނިހެން ކަންކަމަށް އޭނާގެ ރަށްޓެހިންނާއި ޚިލާފަށް ބަލައިގެންއުޅޭ ޒުވާނެކެވެ. ކަސްޓަމްސް ގައި ވަޒީފާއަދާކުރަމުން، ބައްޕަގެ ފިހާރަތަކުގައި ވީވަރަކުން އެހީވަމުން ދެއެވެ. ނަމަވެސް މިއަދަކީ ތަފާތު ދުވަހެކެވެ. މިއަދު މާއަވަހަށް އޮފީހުން ވެސް އަތުވެއްޖެއެވެ. މިކަން އަޔާޒްގެ މަންމަ ފާތުމައަށްވީ ވަރަށް ބޮޑު ކަމަކަށެވެ.

'' ދަރިފުޅާކީއްވެތަ މާއަވަހަށް އޮފީހުން ތިޔައައީ؟ އަނެއްކާ ކިހިނެއްވީ؟''

'' ކަމެއްނުވޭ މަންމާ. މުހިންމު ތަނަކަށް މިއަދު ދާންޖަހޭތީވެ އައީ.'' އިއްޔެގަ ރީނާއާއި ބައްދަލުވި ތަނުން ފެނޭތޯ ދިއުމުގެ ތައްޔާރީތަށް ވަމުން ބުންޏެވެ.

'' ނުބުންޏަސް މަންމައަށް އެނގޭ.''

'' ހިތް ކީތަ؟'' ރީނާގެ އެންމެ ގާތް އެކުވެރިޔާ ތޫހާ ދިމާކޮށް ލިއެވެ.

'' އުނހު! އަދި މީހަކު ތަނަކުން ފެންނައި އިރަށް ހިތް ކިޔަން ޖެހޭތަ؟ އެކަމަކު އެއީ ވަރަށް ސްމާޓް ބިޓެއް އިނގޭ!'' ރީނާ ޝުޢޫރު ފާޅުކޮށްލިގޮތުން އޭނާގެ ހިތުގައި އަޔާޒަށް ކޮންމެވެސް ކަހަލަ ގަދަރެއް ދެވިފައިވާކަން ތޫހާ އަށް އެނގުނެވެ.

'' ދެން ތިވާހަކަ ހުއްޓާލާ. މިހާރު ނިމޭ ގަޑިވެސް ޖެހެނީއެއްނު! ދެން ތިވާހަކަ ދައްކާނީ މާދަމާ އިނގޭ!'' ތޫހާ ފޮތްތައް ދަބަހަށް އަޅަމުން ދިޔައެވެ.

ރީނާގެ ހިތުގައި ވަނީ އެންމެ ކަމެކެވެ. މިއަދު އޭނާއަށް އަޔާޒް ފެންނާނެ ބާއެވެ؟ ނުވަތަ އަޔާޒް އޭނާފެނޭތޯ އަންނާނެބާއެވެ؟ މިޚިޔާލުތަކުގައި އޭނާ އިންދާ ސިއްސައިގެން ދިޔައީ އެންމެ ފަހުގެ ރަނގަބީލު ޖެހުމުންނެވެ. ކުރިއަށްވުރެ ބާރަށް ރީނާގެ ހިތް ތެޅެން ފެށިއެވެ. މިއަދު މަންމަ ގާތުގައި ބަލާ ނާންނާށޭ ބުނީވެސް ވަކި މަޤްސަދެއް އޮވެގެންނެވެ. ސްކޫލް ބޮޑު ގޭޓުން ނުކުމެގެން އަޔާޒް އާއި ބައްދަލުވި މަގަށް އާދެވުނުއިރު އެނާއަށް ކުއްލި ހައިރާން ކަމެއްލިބުނެވެ. އަދި އެހާމެ އުފާވެސް ވިއެވެ. މަގުގެ އެއް ފަރާތެއްގައި ކާރު މަޑުކޮށް ގެން ރީނާގެ އިންތިޒާރުގައި އެހެރީ އަޔާޒެވެ. އަޔާޒް މިވަގުތަށް ކިހާއިންތިޒާރެއް ކުރިހެއްޔެވެ؟ ބާރަށް ތެޅޭ ހިތަކާއިގެން ރީނާ އަޔާޒްގެ ގާތަށްގޮސް މަޑުކޮއްލިއެވެ. އަޔާޒް އެފަރި މޫނަށް ބަލާލިއެވެ. ކިހާފުރިހަމަ ހެއްޔެވެ؟ ކިހާ އުޖާލާ ހެއްޔެވެ؟ އިއްޔެ އަށްވުރެ މިއަދު މާރީއްޗެވެ.

'' އަޔާޒް. ކިހިނެއްތަ ހާލު؟ މިތާގަ ކީއްތަ ތިކުރަނީ؟'' ރީނާ ސުވާލުތަށް އަމުނައިލިއެވެ.

'' ހަމަދެން އެކަހަލަ ގޮތެއް. މިއީ ރަށްޓެއްސެއްގެ ގެއަށް އައިސް މިތާގަ މަޑުކޮށްލީ!'' އޭނާގެ އަސްލު މަގްސަދް ވަންހަނާކުރަމުން ބުންޏެވެ.

'' ރީނާގެ ހާލު ކިހިނެއް؟ އެކަނިތަ ގެއަށްދަނީ؟''

'' އުނހު! މަންމައަށް މިއަދު ނާދެވުނީ. އެހެންވެ އެކަނި ގެއަށް މިދަނީ.''

'' ގެއަށް ގެންގޮސް ދެންތަ.'' ރީނާ އާއެކޭ ބުނެބަލާށޭ ބުނުމަށް އަޔާޒްގެ ހިތް އެދެމުން ދިޔައެވެ.

'' އެންމެ ރަނގަޅު.'' ރީނާ އެހެން ބުމުން އަޔާޒް އުފަލުން ފޮޅުނުކަހަލައެވެ. ދެމީހުން ކާރަށް އެރުމަށްފަހު، އޭގެ މަންޒިލާ ހަމައަށް ދަތުރު ކުރަމުން ދިޔައިރު، އެކި އެކި މައުޟޫތަކަށް ވާހަކަ ދައްކަމުން ދިޔައެވެ.

ފިލާވަޅު ދަސްކުރުމުގެ ބުރަމަސައްކަތަށް ފަހު ޝައުގުވެރިކަމާއެކު އަށެއްގެ ޚަބަރު ބަލަން ރީނާ އިންދާ ފޯން ރިންގު ވާންފެށިއެވެ. އަވަސް އަވަހަށް އެއީ އަޔާޒްގެ ފޯނެކޭ ހިތަށް އަރާފައި ފޯން ނެގިއެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ ހީކުރިގޮތާ ހިލާފަށެވެ. ރީނާއަށް ގުޅީ އޭނާގެ ކުރީގެ ލޯބިވެރިޔާ ހަމީދެވެ.

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.