ހޮނިހިރު20190720

އާކުރެވުނީ: 08:43:52

އެއީ ތަޤުދީރުގައިވާ ގޮތެވެަ

 

ހަވަނަބައި:

އެވާހަކަތައް ހިތުގައި ބާއްވައިގެން ނަފްސް ހަލާކުކޮށްލުމަށް އޭނާއެއްވެސް ނޭދެއެވެ. އެހެންވެ އެވާހަކަތައް ހަމީދުގެ މައިންބަފައިންނަށް ކިޔައިދޭން ފެއްޓިއެވެ. އޭނާ އަނިޔާ ކުރާ ވާހަކައެވެ. އޭނާގެ ރައްޓެހިންނާއި އެކު އެކި ސިނގިރެޓާއި ފާޑުފާޑުގެ ތަކެތި ބޭނުންކުރާވާހަކައެވެ. އެހެން އަންހެން ކުދިންނާއިއެކު ގާތް ގޯޅިކޮށް އުޅޭވާހަކައެވެ. އެވާހަކަތައް އަޑުއިވިފައި އެދެމައިންނަށްވެސް ވަރަށް އަސަރު ކުރިއެވެ. އަދި އެހާމެ ލަދުވެސް ގަތެވެ. ރީނާ އެވާހަކަތައް ކިޔައިދީނިމުމުން އެދެމައިން އެނާއަށް ހިތްވަރުދީ އެމީހުން ހަމީދުއަށް ވިސްނައިދޭނެ ކަމަށްބުންޏެވެ.

ރީނާގެ އެންމެ ގާތް އެކުވެރިޔާ ތޫހާވެސް މިހާރު އަވަދި ނެތި އުޅެނީ ޗުއްޓީއަކަށް އިންޑޮނޭޝިޔާއަށް ދިޔުމަށެވެ. ރީނާ އެކަނި ކޮށްފައި މިތަންވަޅުގައި ދާކަށް އޭނާ ބޭނުމެއް ނުވެއެވެ. ނަމަވެސް އޭނާގެ މަންމައާއި އެކު ދާންޖެހޭތީވެ ދަނީއެވެ. ރީނާވެސް އެކަމާއި ދެރަވެއެވެ. ނަމަވެސް ތޫހާގެ އުފާތަކުން މަހުރޫމް ކުރުވާކަށް އޭނާއެއް ބޭނުމެއް ނުވެއެވެ. އެހެންވެ ތޫހާއަށް ހިތްވަރުދީ އޭނާގެ ދަތުރުރުގެ ކަންތައް ނިންމައި ދިނުމަށް އަވަދި ނެތި އުޅެންފެށިއެވެ.

ޖެނުއަރީ މަހުގެ ވިހި ވަނަދުވަހެވެ. ޖަލުގެ ގޮޅިތަކުން ހޮވާލެވިފައިވާ ކުއްވެރީންތަށް ޖަލުގެ އެހެން އިމާރާތެއްގެ ބަޔަކަށް ބަދަލުކުރެވުނެވެ. އެމީހުންގެ ތެރޭގައި އަޔާޒްވެސް ހިމެނުނެވެ. އެމީހުންނަކީ އެތަނުގެ ގަވާއިދު ތަކާއި ޤާނޫނަށް ހުރުމަށްތެރިކޮށް ހިތުމުގެ އިތުރުން، އުޅުމަށާއި އަޚުލާގަށް ބަލައިގެން ގެންގޮސް ފައިވާމީހުންކަމެއް އަޔާޒްއަކަށް ނޭނގެއެވެ. އޭނާ ހީކޮށްގެން ހުރީ އެއީ އިތުރު މަސައްކަތްތަކެއް ކުރުވުމަށް ގެންދިޔަ ބައެއް ކަމަށެވެ.

މެންދުރުގެ ގަދަ ހޫނުން އޮހެރެމުން ދިޔަ ދާތަކުން ފެންވެރެމުން ދަނިކޮށް ޖަލުގެ ޗީފް އިންޗާރޖް ވާހަކަ ދައްކަން ފެއްޓިއެވެ. އެމީހުންނަކީ ވަކިގޮތަކަށް ބަލައިގެން ހޮވާފައިވާ ބައެއް ކަމަށާއި އެމީހުންގެ އެކަނިވެރި ބުރަދުވަސްތައް ނިމިއްޖެކަމުގެ އުފާވެރި ޚަބަރު ދިނެވެ. އެއީ ރައީސުލް ޖުމްހޫރިއްޔާގެ ދީލަތި އަފޫއާއްމުގެ ދަށުން އެމީހުން މިނިވަން ކުރެވިއްޖެ ކަމުގައެވެ. އެއަޑު އިވުމުން އަޔާޒު އުފަލުން ފޮޅުނެވެ. އުފާވެރިކަމުގެ ކަރުނައިން އޭނާގެ ލޯ ތެމިގެން ދިޔަައެވެ. އަޔާޒު އެންމެ ފުރަތަމަ މާތްﷲ އަށް ހަމްދު ކުރިއެވެ. ނިޢްމަތަށް ޝުކުރުކުރިއެވެ.

'' ރިނާ އެވެ! އަހަރެން އެބުރި މިއަންނަނީ އެވެ. އުފާކުރާށެވެ! ތިބާގެ ދިރި އުޅުމުން އަހަރެންނަށް ޖާގައެއް ނެތް ނަމަވެސް އަހަރެން އިންތިޒާރު ކުރާނަމެވެ.'' އަޔާޒް ހިތާހިތުން ބުނެލިއެވެ. އެދުވަސް އެކީގައި ދިޔައީ މާލެ ދިޔުމުގެ ތައްޔާރީތަށް ވުމުގައެވެ. އަމިއްލަ ފަސްގަނޑަށް ދިއުމަށެވެ. ކަންތަށް ކުރުމުގައި މިއަދު އެހެން މީހުންނަށް ވުރެ މާކުޅަދާނައެވެ. މާއަވަސްވެސް މެއެވެ. އެޚަބަރު އަޔާޒްގެ އާއިލާގެ މަންބަރުންނަށް މާކުރިންވަނީ ދެވިފައެވެ.

މިނިވަންކުރެވުނު މީހުންގެ ތެރެއިން ފުރަތަމަ ގްރޫޕް މިހާރު ވަނީ މާލެ ގޮސްފައެވެ. އަޔާޒް ދިއުމަށް ހަމަޖެހިފައި އޮތީ ދެވަނަ ގްރޫޕް މީހުންނާއެކީގައެވެ.

ގަޑިން ރޭގަނޑު ހަތެއް ޖަހައިފިއެވެ. ދޯނި ހަމަ ލެފުމާއެކު ޖެޓީ މަތީގައި ތިބި އެންމެން ތަރްތީބުން ދޯންޏަށް އަރަން ފެށިއެވެ. އެވަގުތު އަޔާޒް އޭނާ އެކަނިވެރިކަން އިޙްސާސް ކުރަންޖެހުނު ރަށަށް އެންމެ ފަހުގެ ސަލާމް ކޮށްލިއެވެ. އެއާއި އެކު ދޯނީގައި ބަހަށްޓާފައި ސީޓްތަކުން ސީޓެއްގައި އިށީދެއްޖެއެވެ. ދޯނި އޭގެ މަންޒިލަށް ދަތުރުކުރުމަށް ޖެޓީން ބޭރުކޮއްލިއެވެ. އެއާއި އެކު ހަލުވި ދުވެލީގައި ދޯނި ދުއްވަން ފެށިއެވެ. މާސިންގާ ކަނޑުގެ ރާޅުތަށް ކަފައި ކުދިކުރަމުން ރޭގަނޑުގެ ހަމަހިމޭން ފިނިވައިރޯޅީގައި ދަތުރުކުރަމުން ދަނިކޮށް އެންމެންނަށް ސިހުން ގެނުވީ ބާރު ސްޕީޑްގައި އައި ލޯންޗެއް ދޯނީގައި ޖެހުމުންނެވެ.

އަޔާޒްގެ މަންމަމެން ގޭތެރޭގައި އެމީހުންގެ ދަރިފުޅުގެ އިންތިޒާރުގައި ތިއްބެވެ. އެއިންތިޒާރު ދިގުލާންފެށުމުން އައިމިނަ ކަންބޮޑުވާން ފަށައިފިއެވެ. ނަމަވެސް އިބްރާހީމް އައިމިނައަށް ވިސްނައިދެމުން ދަނީ އެމީހުންގެ ދަރިފުޅު މިހާރު އަންނާނެ ކަމުގެވެ. އެވަގުތު އެހަމަހިމޭން މާހައުލު ސިއްސުވާލީ ގޭގެ ފޯން ރިންގު ވާންފެށުމުންނެވެ.

'' ހަލޯ.'' އިބްރާހީމް ވަރަށް އުންމީދާއެކު ފޯންނެގިއެވެ.

'' ތިއީ ކޮންބޭފުޅެއްތޯ؟'' އެކޮޅުން ވާހަކަ ދެއްކިއެވެ.

'' މިއީ އިބްރާހީމް މޫސާ.''

'' މިއީ ސިފައިގެ ގެއިންނޭ އިނގޭތޯ. މިގުޅީ މިރޭ މުހައްމަދު އަޔާޒްމެން ގޮވައިގެން އައި ދޯނި އެކްސިޑެންޓް ވެގެން އުޅޭވާހަކަ ބުނެލަން.'' އެހެން ބުނުމުން އިބްރާހީމަށް ހުރެވުނު ތަނެއްވެސް އޭނާއަށް ނޭނގުނެވެ.

'' އަދި ފެނުނީ ކޮންބައެއްކަން، ނުފެންނަނީ ކޮންބައެއްކަން އަދި ދައްނަވާކަށް ނޭނގޭ!'' އެބޭފުޅަކު އެވާހަކަތަށް ތަފްސީލުކޮށް ކިޔައިދިނެވެ. އެވާހަކަތަށް އަޑުއަހައި ނިމުނު އިރު އިބްރާހިމްގެ މޫނުމަތިން ފެނުނީ ހިތާމައިގެ އަސަރެވެ. އޭނާއަށް އިޚްތިޔާރަކާއި ނުލައި ރޮވެން ފެށުނެވެ.

'' އަޅުގަނޑުމެން ވާނުވާ އެނގޭވަރަކުން ތިޔަބޭފުޅުންނަށް އަންގަމުން ގެންދާނަން.'' އަނެއްކާވެސް އެކޮޅުން ވާހަކަދެއްކިއެވެ.

'' ވަރަށް.... ބޮޑަށް ޝުކުރިއްޔާ.'' އެހެން ބުނެފައި ފޯނުގެ އަތްގަނޑު ބޭއްވިއިރު އޭނާ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އަދި ފާތުމާގެ ކޮނޑުގައި ބޯއަޅާލައިގެން ރޯންފެށިއެވެ.

'' އިބުރާހިމާ ކިހިނެއްވީ؟'' ފާތުމައަށްވެސް އޭނާގެ ފިރިމީހާ ރޯތަން ދެކެން ކުޅަދާނައެއް ނުވިއެވެ.

'' އަޔާ....އަޔާޒް... އައިދޯނި.... އެކްސިޑެންޓް ވެއްޖެ.'' އިބުރާހީމަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.

'' ނުވާނެ އެހެނެއް.... އަޔާޒް.......!!'' ފާތުމައަށް ހަޅޭލަވައިގަތުމާއެކު ހޭނެތިގެން ވެއްޓިއްޖެއެވެ.

'' ފާތުމާ! ފާތުމާ! ކިހިނެއްވީ؟'' އެހާސްކަންމަތީގައި ހުރެ އައިމިނަ ތަޅުވަމުން ބުނެލިއެވެ. އިބުރާހީމް އަވަސް އަވަހަށް އެމްބިޔުލާންސަކަށް ގުޅައި އައިމިނަ ހޮސްޕިޓަލަށް ގެންދިޔައެވެ.

ޖެހިގެން އައި ދުވަހެވެ. ދުވަހު ނޫސް ތަކުގެ ސުރުހީތަކުގައި އެ ނުރައްކާތެރި އެކްސިޑެންޓްގެ ވާހަކަ ލިޔެވިގެން ދިޔައެވެ. އަދި ރެޑިޔޯއާއި ޓީވީންގެ ޚަބަރު ތަކުގައި އެވާހަކަ ގޮވިއެވެ. އާންމުކޮށް ރީނާ ދޭއްގެ ޚަބަރުބެލުމަށް އިށީންނަ ގޮނޑީގައި އިށީނެވެ. ރީނާގެ ކަންފަތަށް އެންމެ ފުރަތަމަވެސް އިވުނީ އެޚަބަރު ގެ ވާހަކައެވެ. ރީނާ އެޚަބަރަށް އެހާ ޝައުގުވެރި ކަމެއް ނުދެއެވެ. ދިރިއުޅުމާ މެދު މާބޮޑަށް ކަންބޮޑުވެފައިވާތީ ކަންނޭގެއެވެ. ނަމަވެސް އޭނާގެ މުޅިހަށިގަނޑު އެއިވުނު އަޑުގެ ސަބަބުން ސިއްސައިގެން ދިޔައެވެ. އޭނަގެ މުޅި ހަށިގަނޑު އެޚަބަރު އަޑުއެހުމަށް މަޖުބޫރު ކުރުވިއެވެ. އެދޯނިން ގެއްލުނު މީހުންގެ ނަންތައް ކީއިރު އަޔާޒް ގެ ނަންވެސް ގޮވީމައެވެ.

ރީނާ އަކަށް އިތުރަކަށް އެތާގައި އިށީނދެ އިނުމަށް ކުޅަދާނައެއް ނުވިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިއަށް ވަދެ އަޔާޒް ފޮނުވި ހަމައެކަނި ސިޓީ ނަގައި، އޭނާގެ މޭއިގައި ޖެއްސިއެވެ. ރީނާ އަށް ރޮވެން ފެށުނެވެ. އޭނާގެ ހިތުގައި އިޔާދަވާން އުޅުނު ހުޅުކޮޅުނިވެން އުޅޭތީއެވެ. އެވަގުތު ހަމީދު އޭނާގެ އެކުވެރިންނާއި އެކު ގެޔަށް ވަން އަޑު އިވުނެވެ. އެހިނދު ރީނާ، އެމީހުންނަށް ސަމާލުކަން ދެވުނެވެ. އަޔާޒްގެ ވާހަކަތައް އެމީހުން މާގިނައިން ދެއްކީތީއެވެ.

'' ކޮބާ އަޔާޒްގެ ކަންތައްވެސްް އެނިމުނީއެއްނުން، މިހާރު ދެން އެކަމާ ހާސް ވާކަށް ނުޖެހޭނެ.'' ހަމީދާއެކު ސޯފާގައި އިށީންނަމުން އަލީ ބުނެލިއެވެ.

'' އާނ! ތިބުނީ ހަމަރަނގަޅަށް. އައްޔައާއި ގުޅާލައިގެން އޭނާ އަށް އެލަނޑު ނުދިންނަމަ، މިހާރު އޭނާ އުޅޭނީ ރީނާއާއި ކައިވެނި ކޮށްގެންދޯ. އެކަމަކު ބަލާބަލަ އަހަރެން އަހަރެން ކިހާ ކާމިޔާބު.'' ހަމީދު މަޖާވެލައިފައި އެވާހަކަ ދެއްކިއެވެ. އަދި ތިންމީހުން އަތްޖަހާލިއެވެ.

ރީނާ އެހުރިހާ ވާހަކައެއް އެމީހުންދެއްކިއިރު އެތާގައި އަޑުއަހަން ހުއްޓެވެ. ހަމީދު ދެއްކި ވާހަކަތަކުން ރީނާވީ ފޫއްސެވެ. އެހެންނަމަވަސް އޭނާގެ ހިތް އެހެން ކަމަކަށް ސަމާލުކަން ދެވުނެވެ. އޭނާގެ ހިތަށް އެރިއެވެ. އެމީހުން އެބުނަނީ ކޮން ލަނޑެއްގެ ވާހަކައެއްބާވައެވެ.

'' އެއީ، މަގޭ މޮޅުކަން އަހަރެން ރައްޓެއްސަކާއި ގުޅާލައިގެން އެޑުރަގްސް އޭނާގެ ބައްޕަގެ މުދަލުގެ ތެރެއަށް ނުލިނަމަ ހަމީދަށް ތިހެން ފުއްޕާފަ ރީނާ އަތުއަޅުވާލެވުނީސްތަ؟'' އަލީ ފަޚުރުވެރިކަމާއެކު ގިރުވާން ކޮށްޅަށް ހިއްލާލަމުން ބުނެލިއެވެ.

'' އާނ! މިއީ އަހަރެމެން އެންމެންގެ މޮޅުކަން. މިރޭ އޮންނާނެ ކެއުމެއް، އެހެންވީމަ މަދާނަން ހަސަނުމެންގެއަށް އައްޔަދޭ އިނގޭ!'' ހަމީދު ކެއުމަކަށް ދިޔުމަށް ނިންމިއެވެ.

'' އެހެންވީމަ އޯކޭ އިގޭ.'' ހަސަނާ އަލީ ތެދުވަމުން ބުނެލިއެވެ. ރީނާ އޭނާއަށް މި އިވުނު ވާހަކަތައް ގަބޫލު ކުރަން ދަތިވެފައި ހުއްޓެވެ. ހަމީދު އަޔާޒަށް އެދިނީ ކިހާ ބޮޑު އަނިޔާއެއް ހެއްޔެެވެ؟ އެފަދަ ދެރައެއް ދޭން ހެޔޮވާނެ ހެއްޔެވެ؟ އެވަގުތު އޭނާގެ ދެލޮލުން އަޔާޒަށް ޓަކައި ހަމްދަރުދީގެ ކަރުނަތައް ބަންޑުން ވިއެވެ. އެމީހުންނާއި ހެދި އަޔާޒްއަށް ޖެހުނީ ކިހާބޮޑު މުސީބާތެއްހެއްޔެވެ؟ އެ ފިކުރުތަކުގައި ރީނާ ހުއްޓާ ހަމީދު ކޮޓަރިއަށް ވަން އަޑު އިވުނެވެ.

ރީނާ އަވަސްއަވަހަށް އޭނާގެ އަތުގައި އޮތް ސިޓީ ފޮރުވުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ހަމީދުގެ ހަރަކާތްތަށް މާއަވަހެވެ.

'' ކޯއްޗެއް ތިފޮރުވަނީ.'' ރީނާގެ ކޮންމެވެސް އެއްޗެއް ފޮރުވަން އުޅުމުން ހަމީދު އެއްސެވެ.

'' މިއީ އެއްޗެއް ނޫން.'' ރީނާ ފަހަތަށް ޖެހެމުން ބުންޏެވެ. ރީނާ އެއްމެ ބިރުގަންނަނީ ހަމީދުގެ ވަރުގަދަ ރުޅިގަނޑު އަތުވާނެތީއެވެ. އޭނާ އަނިޔާ ކުރަން ފައްޓަފާނެތީއެވެ ނަމަވެސް މިއަަދު އޭނާ އެބިރު އެއްކައިރިއަށް ޖައްސާލައިފިއެވެ. މިހާރު އޭނާގެ އަޒުމް މާ ވަރުގަދައެވެ. އޭނާ ޖެހިލުމެއްނުވެއެވެ. ހަމީދުގެ އަވަސް ހަރަކާތަކާއިއެކު އެސިޓީ ރީނާގެ އަތުން އަތުލިއެވެ. އަދި އޭގައި އޮތްއެއްޗެއް ކިޔަންފެއްޓިއެވެ. އެކިޔާ ނިމުނު އިރު އޭނާ ހުރީ އިންތިހާއަށް ރުޅިއައިސްފައެވެ.

'' ކަލޭގެ ހުރި ގޮތް ކުޑަކަންބަލާބަލަ. ކަލެއަށް ކަލޭގެ މަގާމުވެސް ނޭގުނުތަ؟'' ރީނާ އެދުމައްޗަށް ކޮއްޕާލަމުން ހަމީދު ބުންޏެވެ.

'' މަށައްތަ، މަގޭ މަގާމް ނޭގިގެން މިއުޅެނީ؟ ކަލޭމެންކުރި ކަންތައް ނޭނގޭނެ ކަމަށްތަ ހީކުރީ! މަށައް އެނގޭ ހުރިހާ ކަމެއްވެސް.'' ރީނާ އެދުން ތެދުވަމުން ބުނެލިއެވެ. ރީނާ އެބުނި ޖުމްލައިން ހަމީދު ކުޑަކޮށް ފަސް ޖެހުނެވެ. އެވަގުތަކީ ހަމީދުގެ މަންމަ އާއި ބައްޕަ ގެއަށް އައި ވަގުތެވެ. ހަމީދުމެންގެ ކޮޓަރީގައި މާވަރަކަށް އަޑުގަދަކޮށް ޒުވާބު ކުރާތީ، ވެގެން އުޅޭގޮތް ބެލުމަށް އެކޮޓަރީގެ ކައިރިއަށް ދިޔައެވެ.

'' ކޮންކަމެއްތަ ކަލެއަށް އެނގިގެން ތިއުޅެނީ؟'' ރީނާގެ އިސްތަށިގަނޑުގައި ހިފައި ދަމަމުން ބުނެލިއެވެ.

'' މަންމާ! އައްދޯއި މަގޭ އިސްތަށިގަނޑުން ދޫކުރޭ........ މަށަށްއެނގޭ އަޔާޒް ޖަލަށްލީ ކަލޭ ކުރިކަމަކުން ކަން، އަދި އެކަން ރޭވީ ކަލޭގެ ރައްޓެހިންކަން!'' ހަމީދުގެ އަތް ފޮޅާލަމުން ރީނާ ބުނެލިއެވެ.

'' ކަލެއަށް ތިއޮތީ ވަރަށް ބޮޑު އެއްޗެއް އެނގިފަ! ތިކަން ސިފައިންނަށް އަންގަންވީ އެއްނު! އެކަމަކު މިހާރު އޭނަ ކޮބާ؟ ހަމީދު ރީނާގެ ކަންފަތް މަތީގައި ޖެހިއެވެ.

'' ތަޅާނެވަރަކަށް ތަޅާ! މަށަށްވެސް ގޮތެއް އޮންނާނެ!'' ހަމީދު ކޮށްޕާލަމުން ރީނާ ބުންޏެވެ. ނަމަވެސް ހަމީދު އެއަށްވުރެ މާ ހުޝިޔާރެވެ. ރީނާގެ އަތުގައި ހިފައި އޭނާގެ ހަށިގަނޑާއި ކައިރި ކޮށްލައިފައި ބުންޏެވެ.

'' ކަލެއަށް ހެދޭނެ އެއްވެސް ގޮތެއް ނޯއްނާނެ! ކާކުތަ ތިވާހަކަ ގަބޫލުކުރާނީ؟''

'' ކަލޭ ހީކުރީތަ، ތިކަހަލަ ގޮތެއް ފޮތެއް ނެތް މީހަކާ އިނދެގެން އުޅޭނެ ކަމަށް؟ މަށެއް ބޭނުމެއްނޫން މިހާރު ކަލެޔާއި އިނދެގެން އުޅޭކަށް. ލައްކަގިނަދުވަހު ކެތްކުރެވިއްޖެ!'' ހަމީދުކިބައިން ސަލާމަތް ވުމަށް މަސައްކަތް ކުރަމުން ރީނާ ބުންޏެވެ. ހަމީދު އެއައި ރުޅިން ދެވަނަ ފަހަރަށްވެސް ރީނާގެ ކަންފަތް މަތީގައި ޖެހިއެވެ. އެއާއެއްކޮށް ރީނާގެ އަނގައިން ލޭއަންނަން ފެށިއެވެ. އެހެން ނަމަވެސް ރިނާ އޭނާގެ ހިތްވަރު ބަދަލެއް ގެންނަށް ބޭނުން ނުވިއެވެ.

'' ހެވޭ މެރިޔަސް، މިބުނީއެއްނު ބޭނުމެއްނެތޭ!'' ރީނާ ރޮމުން ވާހަކަ ދެއްކަމުން ދިޔައެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. އެވަގުތު ހަމީދަށް އޭނާގެ މަންމަ އާއި ބައްޕަ ފެނުނެވެ.

'' މަށެއް ހިޔެއް ނުކުރަން ހަމީދަކީ ތިހާ ނުލަފާ ގޯސް މީހެއްކަމަކަށް! ދަރިފުޅާ ރީނާ މިކޮޅަށް އާދޭ!'' އިސްމާއިލް ދެރަވަފައި ބުންޏެވެ. ރީނާގެ އަގައިން އަންނަމުންދިޔަ ލޭ ހަމީދުގެ މަންމަ ސަކީނާ ފޮހެލައިދިނެވެ.

'' ދަރިފުޅާ ރީނާއަށް މިހެން ހާދާކަށް ނުވާނެއެއްނުން! މިކަހަލަ ރަނގަޅު އަތްބަކު ކޮންތާކުންތަ ދަރިފުޅު ހޯދާނީ؟ ތީތަ މަންމަމެން ދަރިފުޅަށް ދިން ތައުލީމާ ތަރުބިއްޔަތަކީ؟ ސަކީނާ ދެރަވަފައި ވާހަކަ ދެއްކިއެވެ.

'' މަންމަމެން އަހަރެންގެ ޒާތީ ދިރިއުޅުމާއި ބެހޭނެ ކަމެއްނެތް؟'' ހަމީދު ވާހަކަ ދެއްކީ ރުޅިވެރިކަމާއެކުގައެވެ.

'' އަހަރެމެން މީގެ ކުރިން ހަމީދުގެ ދިރިއުޅުމާއި ނުބެހެމެންނުން؟ އެކަމަކު މިހާ ހިސާބަށް ކަންތައް ދިޔުމުން އެކައްޗެކޭ ވެސް ނުބުނެ ނުހުރެވޭނެ.'' އިސްމާއިލް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

'' ދަރިފުޅު ތިގޮތަށް ތިކަންތައް ތިކުރަނީ ކީއްވެގެންތަ؟ ބައްޕައާއި މަންމަ ދަރިފުޅަށް ނުދެނީ ކޯއްޗެއް؟ އަހަރެމެން ތިގޮތަށް ޒުވާބުކޮށް އަނިޔާ ކުރިތަން ދެކުނިންތަ؟'' ހަމީދަށް ވިސްނައިދިނުމުގެ ގޮތުން އިސްމާއިލް ބުންޏެވެ.

'' ބައްޕައަށް ދެން ފެންނަނީ ދަރިފުޅުގެ މަންމަމެންގެއަށް ދާން.'' ރީނާ ކައިރިއަށް އަސްފައި އިސްމާއިލް ދެރަވެފައި ބުންޏެވެ.

'' ލައްބަ! އަޅުގަނޑުވެސް މިވަގުތު ބޭނުންވަނީ ތިގޮތް.'' ރީނާ އެކަމާ އެއްބަސް ވިއެވެ. އަދި ކުޑައިރުކޮޅެއްގެ ތެރޭގައި ރީނާ އޭނާގެ ފޮއްޓަށް އެއްޗެހި އެޅުމަށް އުޅެގަތެވެ. އޭނާ މިކަން ކުރުމުން ހަގީގަތުގައި ބޭނުމެއް ނުވެއެވެ. ނަމަވެސް ހާލަތު މިނޫންގޮތަކަށް ތަނެއް ނުދެއެވެ. މިރެ އަކީ އޭނާގެ ހަޔާތަށް އައި އެންމެ ހިތާމަ ވެރި ރެއެވެ. އަލަތު ފިރިމީހާގެ ގެއިން ދާންޖެހޭތީއެވެ. ކުރާނީ ކީންހެއްޔެެވެ؟ މިހާރު ހަމީދު އާއި އިނދެގެން އުޅެން ރީނާ ބޭނުމެއް ނުވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ! އެދިރިއުޅުމުން އޭނާއަށް އުފަލެއް ނުލިބޭނެތީއެވެ! އަނިޔާ އާއި ވޭނާއި ހިތާމަ ނޫން އެއްޗެއް ނުލިބޭނެކަން އެނގޭތީއެވެ. ރީނާ މަޑުމަޑުން އޭނާގެ ފޮށި ހިފައިގެެން ކޮޓަރިން ނުކުތެވެ. ހަމީދު ހުރިތާގައި ހުއްޓެވެ. ރީނާ ދާށޭ ވެސް ނުވަތަ ނުދާށޭވެސް ނުބުނެއެވެ. އިސްމާއިލް ރީނާގެ ފޮށި އަތުލުމަށްފަހު އެހިފައިގެން ރީނާ ގެއަށް ލައިދިނުމަށް ހިނގައި ގަތެވެ. ރީނާވެސް އިސްމާއިލްގެ ފަހަތުން ދަމުން އެގެޔަށް އެންމެ ފަހުގެ އަލްވަދާއުކިޔަމުން ހިނގައިގަތެވެ.

'' ދަރިފުޅާ! ކިހިނެތްވީ؟'' ރީނާ އޭނާގެ ފޮށިހިފައިގެން އައުމުން އައިމިނަ ސުވާލުކުރިއެވެ. ރީނާ އެއައި ގޮތަށް އައިސް އައިމިނަގެ ގައިގައި އޮޅުލައި ގަތެވެ. އޭނާގެ ދެލޮލުން ހިފެހެއްތުމެއްނެތި ކަރުނަ އަންނަން ފެށިއެވެ. އައިމިނަ އޭނާ ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަން ފެށިއެވެ.

'' ދަރިފުޅާ ރީނާ! ކިނެތްތަވީ؟ ހަމީދު ވަރިކުރީތަ؟ އައިމިނަ ސުވާލު ކުރިއެވެ. ރީނާ ނޫނެކޭ ބުނާގޮތަށް ބޯ ދެފަރާތަށް އަބުރާލިއެވެ. އައިމިނަ އަވަހަށް ރީނާގޮވައިގެން އޭނާގެ ކޮޓަރިއަށް ގެންދިޔައެވެ.

'' ދަރިފުޅާ! ކިހިނެތްތަވީ؟ މަންމަގެ ކައިރިގައި ބުނީމައެއްނު އެނގޭނީވެސް.'' އައިމިނަ ދެރަވެފައި ބުންޏެވެ.

'' މަންމާ.........'' ރީނާ ރޮމުން އޭނާގެ އަނގަމަތީގައި ދުޅަވެފައި ހުރިތާގައި އަތްއެޅިއެވެ.

'' އޭނާ ދަރިފުޅަށް އަނިޔާކުރީތަ؟'' ރީނާގެ މޫނުގައި ފިރުމަމުން ބުންޏެވެ.

'' އާނ! މަންމާ.... އަހަރެން ދެން..... ބޭނުމެއް...... ނޫން އޭނާއާއި އެއްކޮށް ދިރިއުޅެން...'' ރީނާ އޭނާގެ މަންމަގެ އަތުގައި ހިފަހައްޓަމުން އަސަރާއެކު ބުންޏެވެ. ވަގުތަކީ މޫސަ އަސްރު ނަމާދަށްފަހު ގެއަށް އައިވަގުތެވެ.

'' ބައްޕާ! ދައްތަ އެބައުޅޭ މިގެއަށް ފޮށިހިފައިގެން އައިސް.'' މޫސަ ގެއަށް ހަމަ ވަނުމާއެކު ރީނާގެ ކޮއްކޮ ބުންޏެވެ.

'' މިހާރު ކޮބާ ދައްތަ؟'' މޫސަ އެއްސެވެ.

'' ކޮޓަރީގައި.''

'' ކިހިނެތްވީ؟'' ކޮޓަރިއަށް ވަންނަމުން މޫސަ އެހިއެވެ.

'' ކިހިނެތްވާނީ! އެ ހަމީދު ކިޔާ މީހާ އެފަކީރު މަރާލާފައެއްނު މިއޮތީ!'' އައިމިނަ ރީނާގެ އަނގަމަތީގައި ދުޅަވެފައިވާ ތަން ދެއްކިއެވެ.

'' ބައްޕަ އޭރުވެސް ބުނީމެއްނު އޭނަ ރަނގަޅެއް ނުވާނެޔޭ! މިހާރު ދަރިފުޅަށް އެގިއްޖެއެއްނު އޭނާގެ ގޮތް. ދަރިފުޅު މިހާރު ތިނިންމަނީ ކޮންގޮތަކަށް؟'' މޫސަ އޭނާގެ ދަރިފުޅަށް ޖެހިފައިވާ ހާލުފެނިފައި ދެރަވިއެވެ.

'' ބައްޕާ އަޅުގަނޑަށް މައާފު ކުރޭ! އަޅުގަނޑު ބޭނުންވަނީ އޭނާގެ ކިބައިން ވަކިވާން.'' ރީނާ އިސްދަށަށް ޖަހާލައިގެން އިދެ ވާހަކަ ދެއްކިއެވެ.

'' ތިއީ ދަރިފުޅަށް ފެންނަގޮތްނަމަ ބައްޕަގެ މައްސަލައެއްނެތް. އެހެންވީމާ މާދަން ތިކަމާ އުޅޭނަން. ދެން ހުއްޓާލާ.'' ރީނާގެ ކޮނޑުގައި ފިރުމަމުން މޫސަ ބުންޏެވެ.

އެރެއެވެ. ރީނާ ކޮޓަރީގައި އޮއްވާ ފޯން ރިންގުވާން ފެށިއެވެ. ރީނާއަށް އެއީ ހަމީދުގެ ފޯނެއްކަން އެނގުނެވެ. އެހެންވެ ފޯން އެންގޭޖް ކޮއްލިއެވެ. ނަމަވެސް ތޫހާގެ ފޯނެއްވެސް އަތުވެދާނޭތީ އަނެއްކާވެސް ފޯނުގެ އަތްގަނޑު ބޭއްވިއެވެ. ފޯން ހަމަބޭއްވިތަނާ ފޯން ރިންގުވާން ފެށިއެވެ.

'' ހަލޯ'' ރީނާ ފޯނަށް ޖަވާބު ދިނެވެ.

'' ރީނާތަ؟ ފޯން ނުބާއްވައްޗޭ! އަހަރެން މިދައްކާ ވާހަކައެއް އަޑުއަހާބަލަ.'' ހަމީދު ވާހަކަ ދެއްކިއެވެ.

'' އަހަރެންގެ ކައިރީގައި ހަމީދު ދައްކާނެ ވާހަކައެއް ނޯންނާނެ!'' ރީނާ ހަމީދުއަށް ޖަވާބު ދިނެވެ.

'' ރީނާ މަޑުކޮށްބަލަ! އަހަރެންނަށް މައާފުކުރޭ. އަހަރެން ދެން އެގޮތަކަށް ކަންތަކެއް ނުކުރާނަމޭ. ހުވާކޮށްފަ މިބުނީ.'' ހަމީދު ދެރަވެފައި ބުންޏެވެ.

'' މިހާރު މާބޮޑަށްވެސް ވަގުތު ފާއިތުވެއްޖެ. އަހަރެން ދެވަނަ ފަހަރަށް ލިބޭނެކަމަކަށް އުންމީދު ނުކުރާތި! އަހަރަމެން ދެމީހުންގެ ކަންތަށް ދެން ނިންމާނީ ކޯޓުން.'' ރިނާ އެހެން ބުނެފައި ފޯނު ބޭއްވިއެވެ.

އެކްސިޑެންޓު ވުމާއެކު ގެއްލި ނުހޯދުނު މީހުންގެ އަޔާޒުވެސް ހިމެނުނެވެ. ރީނާގެ ހިތަށް އިތުރަށް އަސަރު ކުރުވިއެވެ. ރީނާ އަބަދު އިންނަނީ ދެރަވެފައެވެ. ފިކުރު ކުރުމުގައެވެ. އެނާއަށް ލިބިފައިވަ ހިތާމަތައް ވަނީ އިތުރު ވެފައެވެ.

ހަމީދުގެ ކިބައިން ވަރިވުމަށް އާއިލާއާބެހޭ ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ދިޔައީ ބަލަމުންނެވެ. ޚުލްޢު ވަރިޔަކަށް ވާތީ އަބިމީހާ އާއިފިރިމީހާ ވަކިން ބައްދަލުކޮށް އެތައް ވާހަކަތަކެއް ދެކެވިއްޖެއެވެ. ރީނާ ހަމީދުގެ ކިބައިން ވަރިނޫން ކަމެއް ނޭދެއެވެ. އެތައް ބައިވަރު ސަބަބުތަކާއި ހެދިއެވެ. ގާޟީއަށް ހަމީދާއި އިނދެގެން ނޫޅެވޭނެކަން ބުނެދިން ސަބަބުތަކުގެ އިތުރުން ރީނާ ވަނީ ހަމީދާއި ބެހޭ އެހެން ވާހަކަތައް ސިއްރު ކޮށްފައެވެ. އެކަން ހާމަކުރަން އޭނާއަށް ކެރިކުޅަދާނަވެގެން ނުވެއެވެ. އެއީ ހަމިދަށް އޭނާގެ ފަރާތުންދޭ ހަދިޔާއެއްގެ ގޮތުގައެވެ. ދެހަފްތާއަށް ދިގުދެމިގެންދިޔަ މިމައްސަލަ ނިމިގެން ދިޔައީ ރިނާގެ ކޮޅަށެވެ. ގާޟީ ނިޔާއިއްވެވީ ރީނާ ނުރުހޭ ސިފަތަށް ހަމީދުގެ ކިބައިގައި ހުރުމާއެކު އެދެމީހުން ގުޅިގެން ނޫޅެވޭނެތީވެ، ހަމީދު ރީނާއަށް ދިން ރަން، ހަމީދަށް އަބުރާ ދިނުމަށް ޝަރުތުކޮށް ޝަރުއީ ހަމަތަކުގެ މަތީން އެދެމީހުން ވަރިކޮށްލިއެވެ.

ދުވަސްތައް މާޒީވަމުން ދެއެވެ. ރީނާގެ ކަމަކީ އަބަދު ފިކުރުކުރުމެވެ. ނަމަވެސް ދުވަހަކަށް ވުރެ ދުވަހެއް ރަނގަޅުވަމުން ދިޔައެވެ. މިހާރު ގޭތެރޭގެ އެކި ކަންކަމުގައި ބައިވެރިވަމުން ދެއެވެ. ކޮއްކޮމެންނާއެކު ހިނގާލަން ދިޔުން ފަދަ ކަންތަށް ކުރެއެވެ. މިއަދު ރީނާ އޭނާގެ ކޮއްކޮމެން ގޮވައިގެން ހިނގާލަން ދިޔުމަށް ނިންމިއެވެ. ނަމަވެސް އެފަދަ ކަންތަކުން އޭނާއަށް އުފާވެރިކަން ލިބުމަށް ވުރެ އެނާގެ މާޒީ އިޔާދަ ވަމުންދެއެވެ. އަޔާޒް އާއި އެކު މަޖާކުރަމުން ހިނގާލަން ދާދިއުމެވެ.

އެވަގުތު ރީނާ ހިތްފަސޭހަ މައިޒާނުގައިހުރި ސްޓޭޖް މަތީގައި އިށީދެ އިންދާ، ކުދިބަޔަކު މަޖާކޮށް އައިސްކޯން ބޯން ތިއްބާ ފެނުނެވެ. އޭނާގެ ހަނދާނަށް އައީ އަޔާޒް އާއި އެއްކޮށް އައިސްކޯން ބޯންތިބި ވަގުތެވެ. އަޔާޒް ބޯން ހުރި އައިސްކޯން އަޔާޒްގެ މޫނުގައި ހާކާލަާފައި އޭނާ ދުއްވައިގަތެވެ. އަޔާޒްވެސް އޭނާގެ ފަހަތުން ދުވަމުން އައެވެ. އެހިނދު ރީނާއަށް ހެވުނެވެ. ނަމަވެސް ހިތަށް ކުރީ އިތުރު ފުންއަސަރުތަކެކެވެ. މިހާރު އެއުފާތަށް ދިން މީހާ ފެންނަހިސާބަކު ނެތެވެ. ދުރަށް ހިނގައްޖެއެވެ. މާދުރަށް ހިނގަށްޖެއެވެ. އޭނާވަނީ ރީނާއަށް އަބަދުގެ އަބަދަށް އަލްވަދާއު ކިޔާފައެވެ. މިހާރު އެޚިޔާލުތަށް ކުރުމުގެ ބޭނުމެއް ނެތެވެ. އެޚިޔާލުތަކުން ކުރެވޭނެ މާބޮޑު ފައިދާއެއްނެތެވެ. އެކަމުން އޭނާއަށް ކުރަންޏާވެސް ގެނުވާނީ އިތުރު ހިތްދަތިކަމަކާއި ހިތާމައެވެ. ރީނާގެ ޚިޔާލުތަށް މިހާތަނަށް ދިޔައިރު އޭނާއަށް ހުރީ ރަނގަޅަށް ވެސް ރޮވިފައެވެ.

'' ރޮނީތަ؟..... ހިތާމަނުކުރޭ! މިތާ ކީއްތިކުރަނީ؟'' މީހަކު އެހެން ބުނުމުން ރީނާ އެއަޑުއައި ދިމާއަށް އެނބުރުނެވެ. އެވަގުތު އޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

'' އަޔާ....! '' ރީނާއަށް އެހައިރާން ކަންމަތީގައި ބުނެލެވުނެވެ.

'' ދެރަނުވައްޗޭ! އަދި ހިތާމަ ނުކުރާތި! އަހަރެން ރީނާ ކައިރީގައި އަބަދުވެސް ހުންނާނަން. އެކަނިތަ؟'' އަޔާޒް ބުނެލިއެވެ.

'' ނޫނޭ! ކޮއްކޮމެންނާއި އެއްކޮށް އައިސް....މިއުޅެނީ..........'' ރީނާ އޭނާގެ ކޮއްކޮމެންނަށް އިޝާރާތް ކޮއްފައި އަޔާޒް އިށީދެ އިންދިމާއަށް ބަލާލި އެވެ. ރީނާއަށް ކުއްލި ހައިރާން ކަމެއް ލިބުނެވެ. އަޔާޒެއް ނެތެވެ. އެއީ އޭނާ ހެއްޔެވެ؟ ނޫނެކެވެ! އެއީ އަޔާޒެއް ނޫނެވެ. އެއީ އޭނާގެ ސިނކުޑިއަށް ވެރިވި ޚިޔާލެކެވެ. އޭނާގެ ލޮލުން ފައިބައިފައިވާ ކަރުނަތަށް ދެއަތުން ފޮހެލުމަށްފަހު، ކޮއްކޮމެން ކުޅެމުން ދާތަން ބަލަން އެދިމާއަށް ނަޒަރު ހުއްޓާލިއެވެ.......

ދެމަސްދުވަސް ހިތާމައިގައި ފާއިތުވެގެން ދިއުމަށްފަހު މިހާރު ރީނާ ވަނީ ގާތްގަނޑަކަށް މުޅިންހެން ހަމަޔަކަށް އެޅިފައެވެ. ސަރުކާރު ވަޒީފާއެއް އަދާކުރަމުން އޭނާ އުޅެމުންދަނީ ވަރަށް ބުރަކޮށެވެ. އެހާމެ ހަމަޖެހިގެންނެވެ.

މިއަދަކީ ތޫހާ އޭނާގެ ޗުއްޓީ ނިންމާލުމަށްފަހު މާލެއައުމަށް ހަމަޖެހިފައި އޮތް ދުވަހެވެ. ރީނާގެ ހަޔާތަށް ކުރިމަތިވި ހިތާމަތަކުގައި އޭނާއަށް ބައިވެރި ނުވެވުނީތީ އޭނާ ދެރަވެއެވެ. ނަމަވެސް ރީނާވަނީ ތޫހާއަށް ހުރިހާ ވާހަކަތަކައްހެން ފޯނުން ކިޔައިދީފައެވެ.

އިންޑޮނޭޝިޔާގެ ވައިގެ ބަނދަރުން މާލެއަށް އޮތް ފްލައިޓަށް މީހުން އަރަމުން ދިޔައެވެ. ކުއްލިއަކަށް ތޫހާގެ ލޮލުގައި އަޅައިގަތީ ފްލައިޓުގެ ތިންވަނައަށް ހުރި ސީޓްތަކުގެ ތެރެއިން ވާތް ފަރާތުގެ ވިންޑޯސީޓް ގައި އިށީނދެއިން ފިރިހެން މީހާއަށެވެ.

'' ނުވާނެވެ! އެއީ އޭނާއެއް ނޫނެވެ! އެއީ އަޔާޒެއް ނޫނެވެ! އޭނާވަނީ ކަނޑުމަތީގެ އެކްސިޑެންޓެއްގައި މަރުވެފައެވެ. ނަމަވެސް އެމީހާ އަޔާޒް އާއި ހާދަވައްތަރެވެ.'' ތޫހާ އޭނާ ހުރެވުނުތަން އެނގުނީ ފްލައިޓްގެ އެއާރ ހޮސްޓެންޓަކު އިށީނުމަށް އިޝާރާތް ކުރުމުންނެވެ. ތޫހާ ކުޑަކޮށް ލަދުވެސް ގަތެވެ. އެހެންނަމަވެސް އިށީނުމުގެ ކުރިން އަނެއްކާވެސް އެމީހާއާއި ދިމާއަށް ބަލައިލިއެވެ.

ބޯޓް މާލެއަށް އާދެވުމާއެކު އެމީހާއާއި ބައްދަލު ކޮށްލުމަށް ތޫހާ ބޭނުންވިއެވެ. އެއީ ކާކުތޯއެވެ؟ ކޮން ޤައުމެއްގެ މީހެއް ތޯއެވެ؟ ނަމަވެސް އެކަން އޭނާއަކަށް ކާމިޔާބެއް ނުކުރެވުނެވެ. އެމީހާ މާކުރިން ހިނގައްޖެއެވެ.

ފާތުމައާއި އިބްރާހީމް ތިބީ ޓީވީ އެމް ޕްލަސްގެ ދޭއްގެ ޚަބަރަށް ގެއްލިފައެވެ. އެދެމަފިރިން މިހާރު އަޔާޒްގެ މަތިން ހަނދާނެއް ނެތް ކަހަލައެވެ. އޭނާ ނެތްތަން ގޭތެރެއިން ކިތަންމެ ވަރަކަށް ދެއްކިޔަސް އެކަން ފަޅުފިލާނެ ގޮތެއް ނެތެވެ. އެދެމީހުންގެ އަނެއް ދަރިފުޅު ހުރީ އޮސްޓްރޭލިޔާގައި ކިޔަވާށެވެ. އޭނާއަށްވެސް އަދި އާދެވޭނީ ހަމަސް ދުވަސް ފަހުންނެވެ. ފާތުމަ ސިއްސައިގެން ދިޔައީ މީހަކު ދޮރުގައި ޓަކިޖެހީމައެވެ. ފާތުމަ ދޮރުހުޅުވުމަށް ހިނގައިގަތެވެ. އޭނާ ދޮރު ހުޅުވުމާއެކު ސިހިގެން ދިޔައެވެ. މިއުޅުވެނީ ހުވަފެނެއްގަ ހެއްޔެވެ؟ ފާތުމަ ހިތާހިތާ ސުވާލު ކޮށްލިއެވެ. ނޫނެކެވެ! އެއީ އޭނާގެ ދަރިފުޅު އަޔާޒެވެ.

'' މަންމާ.'' އަޔާޒް ފާތުމަގެ ގައިގައި އޮޅުލައިގަތެވެ.

'' ތިއީ ހަމަ ދަރިފުޅުތަ؟'' ފާތުމައަށް ޤަބޫލައްވެސް ނުކުރެވުނެވެ.

'' އާނ! މަންމާ މިއީ އަހަރެންނޭ.'' އަޔާޒް އެހެން ބުނުމުން ފާތުމައަށް އުފަލުންގޮސް ރޮވުނެވެ.

'' އިބްރާހީމް މިހިރީ ކާކުތަ؟'' އަޔާޒްގެ ބައްޕައަށް ގޮވަމުން ބުންޏެވެ. އިބްރާހީމް އެފަރާތަށް އެބުރިލި ތަނާ އޭނާއަށް ހުއްޓުން އެރިއެވެ. އޭނާގެ ކުރިމަތިން މިފެންނަނީ ހަޤީގަތެއް ބާވައެވެ؟

'' ބައްޕާ.'' އަޔާޒް ދުވެފައި ކަހަލަ ގޮތަކަށް ގޮސް އޭނާގެ ބައްޕަގެ ގައިގައި ބައްދައިގަތެވެ. އިބްރާހީމްއަށް ހުރެވުނީ ހަމަ އެހުރި ގޮތަށެވެ. އަދި އޭނާގެ މަޑުމަޑުން އޭނާގެ އަތް އަޔާޒްގެ މޫނުގައި ޖެއްސިއެވެ. އެއީ އޭނާގެ ލޯބިވާ ދަރިފުޅެވެ. އެމީހުންގެ ދިރިއުޅިމުން ގެއްލިގެން ދިޔަ ދަރިފުޅެވެ.

'' ދަރިފުޅާ އަޔާޒް.'' އިބްރާހީމް އުފަލުންގޮސް ފޮޅޭވަރުވިއެވެ. އޭނާގެ ގަޔާލާ ފިއްތާލިއެވެ. އަދި މަޑުމަޑުން އަޔާޒްގެ ގައިގައި ފިރުމަމުން ގެންދިޔައެވެ. އެވަގުތު އެމަންޒަރު ބަލަން ހުރެވުނު ކޮންމެ މީހަކަށްވެސް ބުނަން ނޭނގޭފަދަ އަސަރުތަކެއް ކުރާނެއެވެ. ދަރިވަންތަ ކުލުނަކީ ކޯއްޗެއްކަން އެނގޭނެވެ. އެތައް އިރެއްފަހުން އިބްރާހީމް ވާހަކަދައްކަން ފެށިއެވެ.

'' ކޮންތާކުތަ ދަރިފުޅު އުޅުނީ؟''

'' ބައްޕަމެންނަށް އެކަން ތަސައްވަރުވެސް ނުކުރެވޭނެ.'' އެއާއެކު އެވަހަކަތައް ކިޔައިދޭން ފެއްޓިއެވެ.

''އޭ ރީނާ! އާދެ ބަލަ މިގެއަށް، ދެންމެގަ މާލެއަށް މިއައީ. އަދި ވަރަށް ބޮޑު ވާހަކައެއް އެބައޮތް ދައްކަންވެފަ.'' ރީނާއަށް ފޯނުކޮށްފައި ތޫހާ ބުންޏެވެ.

'' އެންމެ ރަނގަޅު. މިހާރު މިދަނީ.'' ފޯން ބާއްވަމުން ރީނާ ބުންޏެވެ.

'' އައްސަލާމް އަލައިކުމް.'' ރީނާ ތޫހާ މެންގެ ގެއަށް ވަނުމުގެ ހުއްދައަށް އެދުނެވެ.

'' ރީނާ އާދޭ އިށީންނަން.'' ވަނުމަށް އިޝާރާތް ކުރަމުން ތޫހާ ބުނެލިއެވެ.

'' ކޯއްޗެއް ގެންނާނީ ރީނާގެ ފޭވަރައިޓް ކޯކްތަ ނޫނީ ކޮފީއެއްތަ؟'' ތޫހާ އޭނާގެ އެންމެ ގާތް އެކުވެރިޔާއާއި ބައްދަލުވުމުން ހުރީ ވަރަށް އުފާވެފައެވެ.

'' ދެން މިވަގުތަކު ނޫންދޯ. ބުނަން އުޅުނު ވާހަކަ ބުނެބަލަ.''

'' ރީ އަކަށް ގަބޫލެއްވެސް ނުކުރެވޭނެ ކަންނޭނގޭ އަހަރެން ބުނަން މިއުޅޭ ވާހަކައެއް.''

'' ބުނީމައެއްނު އެނގޭނީ ވެސް.''

'' އަހަރެންނަށް ހަމަލޮލުން ފެނުނު މީހެއްގެ ވާހަކައެއް ބުނަން މިއުޅެނީ.'' ކޮޓަރީގެ އެނދުގައި އިށީންނަމުން ތޫހާ ބުންޏެވެ.

'' ކޮން މީހެއް ފެނުނީ. އަނެއްކާ..........'' ރީނާ ދިމާކޮއްލިއެވެ.

ނޫނޭ! އެކަހަލަ ކަމެއްނޫން.'' ތޫހާ އެވާހަކަތަށް ކިޔައިދޭން ފެށިއެވެ.

'' ނުވާނެ އެހެނެއް! ކިހިނެތްތަ އެމީހަކު އަޔާޒަށް ވާންވީ؟ މީގެ ތިންެމަސްކުރިން ކަނޑުމަތީގެ އެކްސިޑެންޓެއްގައި އޭނާވަނީ ގެއްލި މަރުވެފައެއްނު!'' ރީނާ އެވާހަކަތަށް ގަބޫލެއްނުކުރިއެވެ.

'' އަހަރެންނަކަށްވެސް ތިކަން އެނގޭ! އެކަމަކު އެމީހާ އަޔާޒް އާއި އެއްވެސް ތަފާތެއްނެތޭ. ޤަބޫލު ކޮށްބަލަ.'' ތޫހާ ކިޔައިދިނެވެ.

'' ކިހިނެތްތަ އެހެންވާންވީ! އޭނަ އައިނަމަ މަށަށްވެސް އަންގާނެއެއްނު.'' ރީނާއަށް ޤަބޫލުކުރަން ދަތިވިއެވެ.

'' ދެން މިވާހަކަ ހުއްޓާލާ. މިހާރު ކޮބާތަ ހަމީދު.'' ތޫހާ މައުޟޫ ބަދަލުކޮށްލިއެވެ.

'' މީގެ ދެހަފްތާ ކުރިން އޭނާގެ ގޭގައި ރައްޓެހިންނާއެކު މަސްތުވާތަކެތި ބޭނުންކުރަން ތިއްބާ ސިފައިން އަތުލައިގެންފި. ކޮބާތަ މަންމަ.'' ރީނާ އެވާހަކަތަށް އިތުރަށް ކިޔައިދޭކަށް ބޭނުމެއް ނުވިއެވެ.

'' މިހާރު ވާނެ ބަދިގެ ފަރާތުގައި.'' ތޫހާ ބުންޏެވެ.

'' ހިނގާބަލަ މަންމަމެން ގާތަށް.'' ރީނާ އެދުނެވެ.

އަޔާޒް އޭނާގެ ގޭގައި ހޭދަވެގެންދިޔަ ވަގުތުތައް ކިތައްމެހާވެސް އުފާވެރި ގޮތުގައި ހޭދަކުރިއެވެ. ފާޚާނާއަށް ވަދެ ފެންވެރާލައިގެން އެންމެ ފުރަތަމަވެސް ނާޝްގެ މޮބައިލަށް ގުޅައިލިއެވެ. ނާޝް އޭނާގެ ފޯން ރިންގުވުމުން އެއަށް ޖަވާބުދިނުމަށް ބަލާލިއިރު ފޯނުގެ ޑިސްޕްލޭއޮން އެއީ އަޔާޒްގެ ކޯލެއްކަން އެނގެން އޮތެވެ.

'' އަޔާޒް؟'' ނާޝް މަޑުމަޑުން ބުނެލިއެވެ. އަދި ފޯނަށް ޖަވާބު ދިނެވެ.

'' ހަލޯ''.

'' ހަލޯ ނާޝްތަ؟ މިއީ އަޔާޒޭ.'' އަޔާޒް ވާހަކަ ދެއްކިއެވެ.

'' ކާކު.'' ނާޝްއަށް އެއަޑު އެނގުނެވެ. ނަމަވެސް އެއީ ކާކުކަން ޔަޤީން ކުރަން ބޭނުންވިއެވެ.

'' މިއީ އަޔާޒްއޭ!'' އަޔާޒް ވާހަކަ ދެއްކިއެވެ.

'' އަޔާޒް ކިހިނެއްތަ؟'' ނާޝްގެ ހިތުގައި މަތިމައްޗަށް ސުވާލުތައް އުފެދެމުން ދިޔައެވެ.

'' ދެންއަކަހަލަ ގޮތެއް، ތިހިރީގޭގަތަ؟''

'' އާނ!'' ނާޝް ޖަވާބުދިނެވެ.

'' މިގެއަށް ޖައްސާލަދީބަލަ.'' އަޔާޒް އެދުނެވެ.

'' އާނ! މިހާރު މިދަނީ.''

އަޔާޒް އޭނާގެ ކާރުކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ. އެވަގުތު ސައިކަލުގައި ނާޝް އަންނަތަން ފެނުނެވެ. ނާޝް އަޔާޒްއާއި އަރާ ހަމަވުމުން އޭނާއަށް ހުއްޓުން އެރިއެވެ. އެހައިރާންކަންމަތީ ހުރެ ހިތައްއެރިއެވެ.

'' މިއީ އަޔާޒް ހެއްޔެވެ؟ ހަމަ އޭނާ ބާއެވެ؟ އެއްވެސް ތަފާތެއްނެތެވެ.''

'' އަޔާ ކިހިނެތްތަ؟ ކޮންތާކުތަ ތިއުޅުނީ.'' ނާޝް ފުރަތަމަވެސް ސުވާލުކުރަން ފެށިއެވެ.

'' ތިވާހަކައެއް ނޫނޭ މުހިންމީ، މިއުޅެނީ މަޖާކޮށްލަން ރިސޯޓަކަށް ދާންވެގެން. ދެވޭނެތަ؟'' އަޔާޒް ނާޝް އަށް ދަޢުވަތު ދިނެވެ.

'' ސޮރީ މިވީކަކު ނެތޭ ދެވޭކަށް މިދުވަސް ކޮޅު ވަރަށް ބިޒީވާނެ. އަނެއްކާ ކޮން ރިސޯޓަކަށް ދާންތަ ތިއުޅެނީ.'' ނާޝް އޭނާގެ އުޒުރު ހާމަ ކުރިއެވެ.

'' މިއުޅެނީ ސަން އައިލޭނޑަށް ދާންކަމަށް. މަންމަވެސް ދާނެ.'' އަޔާޒް ބުންޏެވެ.

'' އަޔާއަށް ތިނޫން ރިސޯޓަކަށް ނޫނީ ނުދެވޭނެދޯ. އޭރުން އަޔާޒަށް މަޖާ ކުރެވޭނެތަ؟'' ނާޝް ދިމާ ކޮށް ލިއެވެ.

'' އާނ! މަންމަމެން ދިޔަޔަސް މަބޭނުން ކަމެއް ކުރެވޭނެ.'' އަޔާޒް ޖަވާބުދިނެވެ.

'' ކޮބާ ރީނާ އާއި ބައްދަލުވެއްޖެތަ؟ އޭނަ ސިންގަލްއޭ!'' ނާޝް މަޢުޟޫ ބަދަލު ކޮށްލިއެވެ.

'' އުނހު އަދި ތިކަމާއި ނުއުޅެވޭ، ނޭނގޭ ރީނާ އަހަރެންނާއި ވާހަކަ ދައްކާނެ ކަމެއްވެސް.'' ދެރަވެފައި ހުރެ އަޔާޒް ބުނެލިއެވެ.

'' އޭނާއަށް ގުޅާބަލަ ޔަޤީން މިހާރު އޭނާ ލިބޭނެކަން.'' ނާޝް ޚިޔާލެއްދިނެވެ.

'' ދެންފަހުންދޯ މިތާގަ ތިބޭނެ ކަމެއްނެތޭ، ހިނގާ ކާންދާން. މަންމަ ހުންނާނެ ވަރަށް މީރުކޮށް ކައްކާފަ.'' ނާޝް ގޮވައިގެން ގެއަށް ވަންނަމުން އަޔާޒް ބުންޏެވެ.

ހަގީގަތުގައި އޭނާވެސް ބޭނުންވަނީ ވީއެންމެ އަވަހަކަށް ރީނާއާއި ބައްދަލު ކުރެވޭތޯ ބެލުމަށެވެ. ނަމަވެސް ރީނާއާއި ބައްދަލުވުމަށްފަހު އޭނާގެ ހަޔާތަށްއައިސްދާނެ ހަމަލާއަކަށް އަދި އެހުރީ ތައްޔާރު ނުވެވިއެވެ. އެހެންނަމަވެސް އެކަނޑުގެ ގަދަވަޔާއި އޮޔަށް ބެލުމެއް ނެތި އެކަމަށް އޭނާ ކުރިމަތިލާންހުރީ އަޒުމް ކަޑައަޅައިގެންނެވެ. ހިތް އޮތީ އެކަމަށް އެދިއެދިއެވެ.

މާލެއިން ފުރިތާ ތިރީސް މިނިޓްގެ ތެރޭގައި އަޔާޒްމެންނަށް ސަންއައިލެންޑަށް ދެވިއްޖެއެވެ. އެރީތި ހިތްގައިމު މާހައުލަށް އަޔާޒް ނަޒަރު ހިންގާލިއެވެ. މިއީ ހަމަ ރާއްޖެ ހެއްޔެވެ؟ ހާދަ ހާ ވާ ރީއްޗެވެ! ޓީވީން ރިޒޯޓްތަށް ފެނުނަސް މިހާރީތި ފުރިހަމަ ތަނެއްކަމަށް އޭނާ ނުދެކެއެވެ. ރާއްޖެއިން ބޭރުން ފަތުރުވެރިން ރާއްޖެއަށް އަންނަނީ ހަމަ އަންނަންވެގެންނެވެ. އަޔާޒްގެ ފައި ދޮންވެލިގަނޑުގައި ބީހިލި ވަގުތު މިނިވަންކަމުގެ އިހުސާސް ހަށިގަނޑުގެ އެއްމެ ހިމަނާރަށްވެސް ކުރިއެވެ.

'' މުޅިދުވަސް އެއްކޮށް ހޭދަކޮށްލާނީ މިހުދު ދޮންވެލި ގަނޑުގެ މަތީގަ.'' އަޔާޒް ހިތާހިތާ ކިޔާލިއެވެ.

'' ދަރިފުޅާ އަވަހަށް އާދޭ، މިހާރު ހުރިހާ ކަމެއް ހަމަޖެހިއްޖެ. ދެން ދާންވީ ކޮޓަރިއަށް.'' އަޔާޒްގެ މަންމަ ފާތުމަ ގޮވައިލިއެވެ.

'' މުޅިދުވަސް ކޮޓަރީގަތަ ހޭދަކުރަންވީ؟'' އަޔާޒް ސަމާސާ ކޮށްލިއެވެ.

'' ހާދަ ލާނެތް ކުއްޖެކޭ! ނޫނޭ ދަރިފުޅު މުޅިދުވަސް އެކީގައި ރަށްވަށާ ހިނގާނީ.'' ފާތުމަ އަޔާޒްގެ ކޮޑުގައި ފިރުމާލަމުން ބުނެލިއެވެ. ފާތުމަ އޭނަގެ ދަރިފުޅު އެބުރިއައުމުން ހުރީ އެހާމެ އުފަލުންނެވެ. އޭނާގެ ދިރިއުޅުން އަލުން އެބުރި އައިކަހަލައެވެ.

މެންދުރުގެ ކެއުމަށްފަހު އަޔާޒް މޫދަށް ދިއުމަށް ހިނގައިގަތެވެ. މާލޭގެ އުނދަގޫ، ހަލަބޮލި މާހައުލުން ސަލާމަތްވެފައި ހުރީތީ އޭނާ ހިނގަމުން ދިޔައީ އެއްވެސް ފިކުރެއް ޚިޔާލެއްނެތިއެވެ. އެވަގުތު އެހިތްގައިމު މާހައުލު އިތުރަށް ފުރިހަމަވެގެން ދިޔަކަހަލައެވެ. މޫދާ ކައިރިގައި ހުދުދޮންވެލިގަޑު މަތީގައި އޭނާއަށް ފުރަގަސްދީގެން އިށީނދެ އިން އަންހެންކުއްޖާ އަޔާޒްގެ ލޮލުގައި އަޅައިގަތެވެ.

ބޭއިޚުތިޔާރުގައި އަޔާޒް މަޑުމަޑުން އެދިމާއަށް ހިނގައިގަނެވުނެވެ. ސިއްރު ސިއްރުން އެކުއްޖާގެ މޫނުފެނޭތޯ މަސައްކަތްކުރަމުން ދިޔައެވެ. އެހެން ނަމަވެސް އޭނާގެ ލޯ އެވަގުތު ސަމާލުކަންދިނީ އެހެން އެއްޗަކަށެވެ. އެއީ އެކުއްޖާ ލައިގެން އިން ޓީ.ޝާ ޓަށެވެ. ލޯބުނާ ކަހަލައެވެ. އެއީ ރީނާގެ ޓީ.ޝާޓެވެ.

'' އާނއެކެވެ! އެއީ ރީނާ އާންމުކޮށް ގޭގައި ލައިގެން އުޅޭ ވައްތަރުގެ ނޫކުލައިގެ ޓީ.ޝާޓެވެ. ނޫނެކެވެ! އެހެނެއް ނުވާނެވެ! އެއީ ރީނާ އަކަށް ނުވާނެވެ. އެވައްތަރުގެ ޓީ.ޝާރޓުތައް އެހެންމީހުންވެސް ލައިގެން އުޅޭނެތާއެވެ. އެކަމަކު މިއީ ރިނާ އެންމެ އަންނަން ބޭނުންވާ ރިސޯޓެވެ.''

އަޔާޒް މަޑުމަޑުން އެކުއްޖާއާއި ކައިރި ވެލިއެވެ. ރީނާ އޭނާގެ ހަޔާތަށް އައި ގަދަ ކޮޅިގަނޑަށްފަހު އަމާން މާހައުލެއްގައި ހިތް ހަމަ ޖައްސާލުމަށް އޭނާގެ ސިނކުޑި މަސައްކަތް ކުރަމުންދަނިކޮށް، ކޮންމެވެސް މީހަކު އޭނާގެ ފުރަގަހުގައި ހުރިހެން ހީވެގެން އެދިމާއަށް އެބުރިލިއެވެ. ރީނާ ސިހިގެންގޮސް ކޮޅަށް ތެދުވެވުނެވެ.

'' އަޔާޒް......'' ރީނާ މަޑުމަޑުން ބުނެލެވުނެވެ.

'' ނޫން ތިއީ.... އަޔާޒެއް ނޫން. މިއީ އަނެއްކާވެސް އަހަރެންގެ ސިކުޑިއަށް ވެރިވެފައިވާ ޚިޔާލެއް.'' ރީނާ ހިތާ ހިތުން ބުނެލެވުނެވެ. އެއާއިއެކު އަނެއްފަރާތަށް އެބުރިލިއެވެ.

'' ރީނާ.'' އަޔާޒް ގޮވައިލިއެވެ. ރީނާގެ ކަންފަތުގައި އެއަޑު ޖެހުމާއެކު އެއީ އަޔާޒްގެ އަޑުކަން އެނގުނެވެ. ނަމަވެސް ހިތުގައި އެތައް ސުވާލުތަކެއް އުފެދިގެން ދިޔައެވެ.

'' ތިއީ.... ހަމަ އަޔާޒްތަ؟'' ރީނާއަށް ކުރި ފުންއަސަރުން ބުނެލެވުނެވެ.

'' އާނ! މީ އަހަންނޭ. ޤަބޫލެއް ނުކުރެވޭތަ؟'' އަޔާޒް ރީނާ އާއި ކައިރިވެލަމުން ބުންޏެވެ.

'' ގަބޫލެއް ނުކުރާނަން! އަހަރެން ދަންނަ އަޔާޒް މީގެ އެތަކެއް ދުވަހެއް ކުރިން ވަނީ މަރުވެފަ. ތިއީ އަޔާޒެއް ނޫން!'' ރީނާއަށް ރޮވުނެވެ. އަޔާޒްއަށް އެމަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ.

'' މިއީ އަހަންނޭ. ގަބޫލުކޮށްބަލަ، ހަދާންވޭތަ އެންމެ ފުރަތަމަ އަހަރެންދިން ފިނިފެންމަލުގެ މަތިން އަދި އަހަރެން.... ޖަލުގަ ހުއްޓާ ފޮނުވި ސިޓީގެ މަތިން ހަދާން އެބަހުރިތަ....؟'' އަޔާޒް ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ.

ރީނާ އަކަށް ކެތެއް ނުކުރެވުނެވެ. އޭނާގެ ކުރިމަތީގައި މިހިރީ ހަމަ އެއިންސާނާ އެވެ. އޭނާދެކެ އެންމެ ބޮޑަށް ލޯބިވި އިންސާނާއެވެ. އެހަދާންތަކާއި ދުރަށް ނުދެވުނު ފަރާތެވެ. އޭނާއަށް ޓަކައި ދިގު އިންތިޒާރެއް ކުރިފަރާތެވެ. އޭނާ އެމީހަކަށް ބޭވަފާތެރިވި ފަރާތެވެ. ނަމަވެސް އެކަމުގެ ބަދަލު ހިފުމަށް ނޭދި، އޭނާގެ ލޯބި ދެވަނަފަހަރަށް ހޯދަން އައި މާތް އިންސާނާއެވެ. އެވަފާތެރިޔާއެވެ.

ރީނާއަށް އޭނާގެ ނަފްސް ކޮންޓްރޯލެއް ނުކުރެވުނެވެ. ދުވެފައި ކަހަލަގޮތަކަށް އައިސް އަޔާޒްގެ ގައިގައި ބައްދައިގަނެވުނެވެ. އޭނާގެ މުޅިހަށިގަނޑާއި އަޔާޒްގެ ހަށިގަނޑާލައި ބާރަށް ފިއްތާލިއެވެ. އަޔާޒްއަށް ވެސް ކެތެއް ނުކުރެވުނެވެ. އެކަކު އަނެކަކުގެ ކޮޑުމަތީގައި އޮވެގެން އުފާވެރިކަމުގެ ކަރުނަތަކުން ފޯކުރަމުން ދިޔައެވެ. އެވަގުތު އެމަންޒަރު ބަލަން ހުރެވުނު ކޮންމެ މީހަކަށް ފުން އަސަރު ކުރުވާނެވެ. ނުކުރާންވީ ސަބަބެއް ނެތެވެ. މިއީ އެދެމީހުންގެ ލޯބީގެ ގުލްޒާރުގެ ގަސްތަކުގައި ކުރިލާންފެށި ވަގުތެވެ.

'' ރީނާ! އަހަރެންދެކެ.........'' އަޔާޒް އެހިސާބަށް ބުނެވުނުތަނާ އޭނާގެ އަނގަ މަތީގައި ރީނާ އަތް އެޅިއެވެ.

'' ވަރަށްބޮޑަށް.... ލޯބިވޭ. އަހަރެންނަށް ވިސްނިއްޖެ އަޔާ ދެއްކި ހުރިހާ ވާހަކަތަކެއް، އަހަރެންނަށް މައާފްކުރޭ!'' ރީނާ މަޑުމަޑުން ބުނެލިއެވެ. އަޔާޒް އޯގާތެރިކަމާއެކު، ރީނާ އޭނާގެ ހަށިގަނޑާއި ދުރަށް ލުމަށްފަހު ދޮންވެލިގަނޑު މަތީގައި ބޭންދިއެވެ. އަޔާޒުވެސް ރީނާގެ އެއްފަރާތުގައި އިށީނެވެ.

'' އަޔާ އަހަންނާއި ދުރުގައި ކޮންތާކުތަ މިހާ ދުވަހު އުޅުނީ.'' އަޔާޒް ކޮޑުގައި ބޯއަޅާލަމުން އެހިއެވެ.

'' އަހަރެން އުޅުނީ ދޯ! އެއީ ވަރަށް ދިގުވާހަކައެއް.'' އަޔާޒް އެ ހާދިސާ ކިޔާދޭން ފެށިއެވެ.

ވިއްސާރަ މޫސުމުގެ ކުލަތައް ވަށައިގެންވާ މާޙައުލުން ފެންނަމުންދަނީ ވަރަށް މަޑުމައިތިރި ގޮތެއްގައެވެ. އާދުވަހަކަށް އިންޑޮނީޝިޔާގެ އައްސޭރި ރަށެއްކަމަށްވާ ޕާޑަންގ އަށް އެދުވަހު ވަރަށް ވައިގަދައެވެ. ބޯކަޅުވިލާތަށް ހަލުވި ބާރުމިނެއްގައި ދަތުރުކުރަމުންދާއިރު ދެންމެ ދެންމެ ވާރޭ ވެހިގަންނަހެން ހީވެއެވެ. އޮއެގަދަ ވުމުގެ ސަބަބުން ކަނޑުގައި އުފެދިފައިވާ ބޮޑެތި ރާޅުތައް އޭގެ ޝިކާރަވެރިންނަށް ހަމަލާދެމުން ގެންދާކަހަލައެވެ.

ކަނޑު ކިތަންމެ ގަދަވެ އޮއެގަދަވިއަސް މަހާތިރު އަހުމަދުގެ އާއިލާ އެކަމަށް މާބޮޑަކަށް ވިސްނާހެނެއް ހިއެއްނުވެއެވެ. މަސްވެރި އަވަށަކަށްވީތީ ކަނޑުން ލިބޭ އެއްޗަކުން ނޫނީ އެމީހުންނަކަށް ދިރިއެއް ނޫޅެވެއެވެ. މަހާތިރު މަހުން ގެންނަ ބައެއް މަސްތައް ވިއްކައިގެން ގޭގެ ޚަރަދު ބެލެހެއްޓޭ ވަރުވެއެވެ. ނަމަވެސް މިއަދު އޭނާގެ އަންހެނުން އާއިޝާ މަހާތިރު މަހަށް ދިއުމަށް އެއްބަހެއްނުވިއެވެ. ކަނޑު އެހާގަދައިރު ގެއްލުމެއް ލިބިދާނެ ކަމަށް ވިސްނައިދިނެވެ.

'' އާއިޝާ އަހަރެމެންވެސް ކައިގެނެއްނު ދިރިއުޅެވޭނީ! އެހެންނޫނަސް މިކަހަލަ ކިތައް ދުވަހު އަހަރެން މަހަށް ދިޔައިން. ގައްލުމެއް ނުލިބެއެއްނު!'' މަހާތިރު އޭނާގެ މަސްޢޫލިއްޔަތު ހާމަކުރިއެވެ.

'' ތިކަން އެނގޭ! އެކަމަކު......'' އާއިޝާ ދެރަވިއެވެ.

'' އިރުއޮއްސުމުގެ ކުރިން އަންނާނަމޭ. ދެންދަނީ އިނގޭ!'' ހިނގައިގަންނަމުން މަހާތިރު ބުންޏެވެ.

މަހާތިރު އޭނާގެ ބޯޓުގެ ފަޅުވެރިންނާއެކު ފުރުމުގެ ތައްޔާރީތައް ވަމުން ދިޔައެވެ. މޫސުން އެހާރަނގަޅު ނުވުމުގެ އިތުރުން ވައިގަދަ ވުމުން ބޯޓް ރޯލްކުރުންވަނީ އިތުރުވެފައެވެ. މަހާތީރަކީ އޭގެ ކައްޕިއަށް ވުމުން ހުރިހާ ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ބެލުމަށް އަވަސްވިއެވެ.

ބޯޓުގެ އިންޖީނު ސްޓާޓް ކުރުމާއެކު މަސްއައިނު ހޯދުމަށް ދުއްވާލިނަމަވެސް މަސްހިފޭނެތޯ އެއީ އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލެވެ. ގާތްގަނޑަކަށް ހަތަރު ގަޑިއިރު ކަނޑުމަތީގައި ހޭދަކުރިނަމަވެސް މަސްއައިނެއްގެ އެއްވެސް ނިޝާނެއް ނުފެނުނެވެ. ލިބުނު ހިތްދަތިކަމާއި މާޔޫސްކަމުގެ ސަބަބުން އެބުރި ދާހިތްވެސް ކެނޑިއްޖެކަމުގެ އިޙްސާސް މަހާތިރަށް ވާންފަށައިފިއެވެ.

'' ކުދިންނޭ މިއަދު މަހެއް ނުހިފޭނެ. ރަށަށްދާން އަވަހަށް ހިނގާ! ފާތިހު ޕަންޕު ސްޓާޓުކޮށްގެން ދިޔަހިއްކަން އަވަހަށްދޭ. މިހާރު މިދަނީ ރަށަށް.''

އެބުރި ރަށަށް ދިއުމަށް ދުއްވަނިކޮށް ކޮންމެވެސް އެއްޗެއް އޮޔާދަނިކޮށް މަހާތިރަށް ފެނުނެވެ. އަވަސް އަވަހަށް އެއީ ކޯއްޗެއްތޯ ބެލުމަށް ބޯޓު މިސްރާބު ބަދަލުކުރިއެވެ. އެއެއްޗަކާ ކައިރިވީ ވަރަކަށް އޭގެ އަސްލު ސިފަ އެނގެން ފެށިއެވެ.

'' ސުބުހާނަﷲ އިން...އިންސާނެއް.'' މަހާތިރަށް ކުއްލި ހައިރާންކަމެއް ލިބުނެވެ.

'' ކުދިންނޭ ކަނޑުގައި އެއޮތްމީހާ އަވަހަށް ބޯޓަށް އަރުވަބަލަ. ފަހަރެއްގައި މަރުނުވެވެސް އޮވެދާނެ.''

މަހާތިރާއި ބޯޓުގައިތިބި ކުދިންގެ އެހީގައި އެމީހާ ބޯޓަށް އެރުވިއެވެ.

'' ސިފައިންނަށް އަންގަންވީއެއްނު؟'' ބޯޓުގެ ކުއްޖަކު ލަފައެއްދިނެވެ.

'' އުނހު! އެއްވެސްތާކަށް އަންގާނެ ކަމެއްނެތް. މިމީހާ އަވަހަށް އަވަށު ހޮސްޕިޓަލަށް ގެންދަންވީ. އޭގެ ފަހުގައެއްނު ކަމެއް ކުރެވޭނީ.'' މަހާތިރު އޭނާއަށް ވިސްނޭގޮތް ހާމަކުރިއެވެ. ބޯޓުގެ ހުރިހާ ކުދިންވެސް އެގޮތާ އެއްބަސްވިއެވެ.

މަހާތިރު ގެއަށްވެސް ނުގޮސް އެމީހާ ގޮވައިގެން އަވަހަށް ހޮސްޕިޓަލަށް ދިޔައެވެ. މުޅިދުވަސް އޭނާ ހޭދަކުރީ ހޮސްޕިޓަލުގައެވެ. މަހާތިރުއަށް ވީގޮތެއް ނޭނގިގެން އާއިޝާ ގޭގައި ކަންބޮޑުވެފައި އިނެވެ. އޭނާގެ ސިކުނޑިއަށް އެކިވަސްވާސްތަށް ވަންނަމުން ދިޔައެވެ.

'' މަހާތިރު އަނެއްކާ ކަނޑުވީބާ.....؟ ނޫން! ނޫން..! އަހަރެންގެ ފިރިމީހާ އަހަރެންނާ ވަތްކެއް ނުވާނެ. އޭނާ އަންނާނެ އެކަމަކު މިއޮއް ރޭގަނޑު ވީއެއްނު.'' އާއިޝާ އެޚިޔާލު ތަކުގެތެރެއަށް ގެއްލިފައި އޮއްވާ ގޭގެ ދޮރުހުޅުވިގެން ދިޔައެވެ.

'' މަހާތިރު.'' އާއިޝާ ދުވެފެއި އައިސް މަހާތިރުގެ ގައިގައި ބައްދައިގަތެވެ.

''ކިހިނެއްވީ؟'' މަހާތިރުއަށް ކުއްލި ހައިރާން ކަމެއްލިބުނެވެ.

'' ލަސްވީމަ ކުޑަކޮށް ބިރުގަތީ.'' އާއިޝާ އުފަލުންހުރެ ބުންޏެވެ.

'' ވީގޮތަކީ ރަށަށް އަންނަނިކޮށް ކަނޑުގައި އޮތްމީހަކު ހޮސްޕިޓަލަށް ގެންދިޔައީ. އަދިވެސް އޭނާ ހެއެއްނާރާ. އޭނާގެ އެއްވެސް މީހެއްނެތް. އެހެންވީމާ ކައިގެން އަނެއްކާވެސް ހޮސްޕިޓަލަށް ދާންޖެހޭނީ.'' މަހާތިރު ވަރަށް އަސަރާއެކު އެވާހަކަތައް ކިޔައިދިނެވެ.

މަހާތިރު އާއިޝާއާއި ކައިވެނިކޮށްގެން އުޅޭތާ ދިހަ އަހަރުވީއިރުވެސް ކުއްޖަކު ނުލިބުމުގެ ހިތާމަ ބަރުދާސް ކުރަމުން ގެންދަނީ އަހާމެ އަސަރާއަކުގައެވެ. މާޔޫސް ކަމާއެކުގައެވެ. އަދި ކުއްޖަކުު ލިބުމުގެ އެއްވެސް އުންމީދެއް އެމީހުންނެއް ނުކުރެއެވެ. އެހެންކަމުން މަހާތިރުގެ ހިތުގައި ކޮންމެވެސް ވަރަކަށް އެޒުވާނާމެދު ވަނީ ކުލުނު އުފެދިފައެވެ. ލޯތްބާއި ހިންހެޔޮ ކަމާއި އޯގާތެރި ކަމާއެކު ކަންތައް ކޮށްދެމުން ގެންދިޔައެވެ. ބޯޓު ފަޅުގައި ބާއްވައިގެން އޭނާގެ ހުރިހާ ވަގުތެއްހެން ހޭދަކުރަމުން ގެންދިޔައީ އެޒުވާނާ ހޭއަރާނެ ވަގުތަކަށެވެ. އުފަންދަރިއެއް ނޫނަސް އެފަދަ މަގާމެއް މަހާތިރުގެ ހިތުގައިވަނީ އެޒުވާނާއަށް ދެވިފައެވެ. އާއިޝާގެ ހާލަކީވެސް މިއީއެވެ.

އެޒުވާނާ ހޮސްޕިޓަލުގައި އެދުމަތިކުރިތާ ތިންދުވަސް ފަހުން ހޭއެރިއެވެ. މަހާތިރު ވަރަށް ފަރުވާތެރިކަމާ އެކު އެމަންޒަރު ބަލަން އިނެވެ. އަވަސް އަވަހަށްގޮސް ޑޮކްޓަރު އެތަނަށް ގެނުވިއެވެ.

'' ކޮންތާކުތަ އަހަރެން މިއޮތީ؟ ކޮބާތަ މަަންމަމެން ކޮބާ ރީނާ؟'' އަޔާޒަށް ބުނެލެވުނެވެ.

'' ޕުލީސް ރިލެކްސް. ޔޫ އާރ ނޮޓް އިންއަ ނޯރމަލް ކޮންޑިޝަން.'' ޑޮކްޓަރު ވަރަށް އޯގާތެރިކަމާއެކު ބުނެލިއެވެ. އެއައި އެކު އަހަރެން ހަމަޖެހޭތޯ ވަރަށް މަސައްކަތް ކުރީމެވެ.

'' ވަޓް އީޒް ދިސް ޕުލޭސް.'' އަޔާޒް މަޑުމަޑުން ބުނެލިއެވެ.

'' ޔޫ އަރ އިންއަ، އިންޑޮނޭޝިއަން ހޮސްޕިޓަލް. ދިސް އީޒް އިންޑޮނޭޝިޔާ.'' ޑޮކްޓަރު ކިޔައިދިނެވެ.

''އިންޑޮނޭޝިޔާއޭ! ސުބުހާނައްﷲ.'' އަޔާޒް ހިތާ ހިތުން ކިޔާލިއެވެ. އެވަގުތު ވެސް މަހާތިރު އަޔާޒް އޮތް އެނދުގެ ކައިރީގައި ބަހައްޓާފައިހުރި ގޮނޑިޔެއްގައި ވަރަށް އުފަލުން އިށީނދެ އިނެވެ. އޭނާ ކުރި ދިގު އިންތިޒާރު ނިމުމުން ހުރީ ވަރަށް އުފަލުންނެވެ. މަހާތިރު އަޔާޒަށް ތަޢާރަފުވެ އެކަކު އަނެކަކަށް ތައާރަފުވެލިއެވެ. އަޔާޒް އޭނާއާއި ބެހޭ ކުރުތަފްސީލެއް ދިނެވެ.

'' ހަފްތާއަކަށްފަހު ހޮސްޕިޓަލުން އަހަރެން ދޫކޮށްލިއެވެ. އެތާގެ މާހައުލު ނޭނގޭއިރުވެސް، ދާނެ ވަކިތަނެއް ނެތުމުން މަހާތިރުއާ އެކު އޭނާގެ ގެޔަށް ހިނގައްޖައިމެވެ. އަހަރެންގެ ހާލު މުޅިން ރަނގަޅުވުމުން މަހާތިރުގެ ކައިރީގައި އަހަރެންނަށް ވީކިހިނެއްވީތޯ އެހީމެވެ. އޭނާ ބުނީ ޑޮކްޓަރު ބުންޏޭ އަހަރެން އޮތީ ކޯމާއެއްގަ އެވެ. މަރުނުވެ އޮތީ އެހެންވެ.'' އަޔާޒް އޭނާއަށް ވީގޮތް ކިޔައިދެމުން ގެންދިޔައެވެ. އަޔާޒް އެވާހަކަތަށް ކިޔައި ދެމުން ގެންދިޔައިރު ވަރަށް ޝައުޤު ވެރިކަމާއެކު އެވާހަކަތަށް އަޑުއަހަން ރީނާ އިނެވެ.

'' އަހަރެން އެކަމާ ﷲ އަށް ޙަމްދު ކުރީމެވެ.''

އެވަގުތު އެގޭގައި ހުރި ކަލަންޑަރަށް އަޔާޒް ބަލައި ލިއެވެ. އަޔާޒް ސިއްސައިގެން ދިޔައެވެ. އެދުވަހަކީ މާރޗް ހަތާވީސް ވަނަ ދުވަހެވެ.

'' އަހަރެން ދެމަސް ދުވަސް ވަންދެން ކަނޑު މަތީގައި އޮތީހެއްޔެވެ؟ ﷲ ގެ ކުޅަދުންވަންތަ ކަމާއެވެ!''

'' އެދެމެފިރިން ވަރަށް ރަނގަޅެވެ. ވަރަށް ކަމޭ ހިތިއެވެ. އަމިއްލަދަރިއެއް ފަދައިން އަހަރެން ގެންގުޅުނެވެ. ނަމަވެސް ރާއްޖެއަށް ދާން ބޭނުންވި ވާހަކަ ބުނުމުން އެދެމަފިރިން އެކަމާއި ވަރަށް ދެރަވިއެވެ. ނަމަވެސް އަހަރެން ދެކެ އެމީހުން ވާ ލޯބީން އަހަރެން މާލެއަށް ދިއުމުގެ ހުރިހާ ކަމެއް ނިންމައި ދިނެވެ. އަހަރެން އެނބުރި މާލެއައީ އެމީހުންގެ ކައިރިއަށް އެބުރި ދާނެކަމަށް ބުނެފައެވެ.

އެވާހަކަތައް އަޔާޒް ކިޔައިދީ ނިމުނުއިރު ރީނާގެ ދެލޮލުން ކަރުނަތައް ފައިބަމުންދިޔައެވެ. އަޔާޒްގެ ހިތްވަރު ގަދަކަމާއި، އެހާލުގައި އޮވެވެސް އޭނާގެ މަތިން އަޔާޒް ހަދާން ނުނެތޭތީއެވެ. އެވަގުތު އަޔާޒްގެ އަތުގައި ހިފައި ބާރަށް ފިއްތާލިއެވެ.

ރީނާ އެނާ ކުރަމުންދިޔަ ޚިޔާލުތަކުން ހަމަބިމަށް އެބުރި އާދެވުނީ އޭނާގެ އަތުގައި މީހަކު ހިފުމުންނެވެ.

'' ރީނާ ހާދަ ބޮޑު ޚިޔާލެއްގަ؟'' އަޔާޒް އުނދޯލީގައި އިށީންނަމުން ބުނެލިއެވެ.

'' މިރޭ އަހަރެންގެ އަބިކަނބުލޭގެ ހާދަ ރީއްޗޭ!'' އަޔާޒް ރީނާއަށް ތަޢުރީފްކޮށްލިއެވެ. އެވަގުތު ރީނާ އަޔާޒްގެ މޫނަށްބަލައިލިއެވެ. އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

'' ތިފަދަ މާތް އިންސާނަކު މިދުނިޔެއިންލިބޭނެ ހެއްޔެވެ؟ ތިބާ އަށްޓަކައި ވަފާތެރިކަމާއެކު އުމުރު ހޭދަކުރާނަމެވެ. މަކަރާއި ހީލަތަކީ މީހާގެ ހަލާކެވެ. އަޚުލާގަކީ އެމީހެއްގެ ދިރުމެވެ. ތިބާއަށްޓަކައި މިހިތް ސާފުކޮށްފީމެވެ.

'' މައްސަލައެއްނެތޭ ހުތުރަސް!'' ރީނާ އަޔާޒް ކޮނޑުގައި ބޯއަޅާލަމުން ބުނެލިއެވެ.

'' އަސްލުވެސް ވަރަށް ރީތި. ހާއްސަކޮށް ތިހެދުމުގައި އިންނައިރު.'' ރީނާގެ ދަތް ދޮޅީގައި ހިފަމުން އަޔާޒް ބުނެލިއެވެ. ރީނާއަށް ލަދުން އިސްދަށަށް ޖަހައިލެވުނެވެ.

'' ހޫނ! މި އަޔާ އުޅޭފާޑެއް.''

'' ހަމަ ތެދެއް މިބުނީ ވަރަށް ލޯބިވޭ. މިއީ ކިހާ ފުރިހަމަ ރޭގަނޑެއް، އަދިވެސް ހީވަނީ ދެމީހުން.... މާމުއި ހަނދުގައި ތިބެވޭހެން........'' އެއާއިއެކު އަޔާޒް އޭނާގެ މޫނު ރީނާގެ މޫނާއި ކައިރިކޮށްލިއެވެ.

'' ބައް..ޕާ ބަ..އްޕާ.'' އެއްއަހަރުވެސް ނުވާ އީނާއްކޮ މާމައާއި އެކު އެތަނަށް އައެވެ.

'' މަންމަ މެންނަށް މިއާދެވުނީ މާނުވަގުތެއްގަ ދޯ ދަރިފުޅާ.'' ފާތުމަ އަޔާޒްއަށްދޯ ދިނެވެ.

'' ނޫނޭ މަންމާ! ދަރިފުޅު އާދޭ ބައްޕަކައިރިއަށް.'' އަޔާޒް އޭނާގެ ދަރިފުޅު އުރާލިއެވެ.

'' ބައްޕަގެ ދޫނި މިހާރު ބޮޑުމީހަކަށް ވީދޯ! އަދިވެސް ނުނިދަންތަ؟'' އަޔާޒްލޯބިކޮށް އީނާއްކޮ ކޮލުގައި ދޮނެއްދިނެވެ. އަދި ރީނާ އާއި ދިމާލަށް ފުންނަޒަރަކުން ބަލައިލިއެވެ. އެބެލުމުގައި ބުނާކަހަލައެވެ. މިހަދިޔާއަށްޓަކައި ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. ތިއީ މާތް އިންސާނެކެވެ.

'' މަންމަ އަންނާނަން ކާން ހަދާފައި.'' ފާތުމަ ދަމުން ބުނެލިއެވެ. އެވަގުތު އަޔާޒް ރީނާ އޭނާއާއި ކައިރިކޮއްލިއެވެ. އަދި އެދެމީހުންގެ ލޯބި ލޯބި ދަރިފުޅާއެކު އުފާވެރި ހަޔާތެއް ވޭތުކުރުމަށް ގެއަށްވަނުމަށް ހިނގައިގަތެވެ.

އެވަގުތު ރީނާ ހަނދާ ދިމާލަށް ބަލައިލިއެވެ. އޭނާގެ ހިތަށް އެރިއެވެ. ތިބާ މިހުރިހާކަމަކަށް ހެކިވައްޗެވެ! ތިބާގެ ތަޤުދީރުވެސް މިހާފޮނިވާނެ ހެއްޔެވެ؟

= ނިމުނީ=

 

 

ދެވަނަބައި:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.