އާދީއްތަ20190616

އާކުރެވުނީ: 08:43:52

އެއީ ތަޤުދީރުގައިވާ ގޮތެވެަ - ހަތަރުވަނަބައި:

ހަތަރުވަނަބައި:

ރެއަކީ ފުދޭ ވަރަކަށް ވިއްސާރަ ރެއެކެވެ. ވާރޭ ނުވެހުނަސް ވައި ވަރަށް ގަދައެވެ. ވިދާ ގުގުރަމުން ވެސްދެއެވެ. އަޔާޒް ކޮޓަރީގެ އެނދު ގައި ބޮޑު ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އޮތެވެ. ރީނާ އަށް ގުޅާލަން ކިތަންމެ ފަހަރަކު ފޯނުނެގިއެވެ. ނަމަވެސް ކޮންމެވެސް ކަމެއް އޭނާއަށް އޭނާއަށް މަނާކުރާ ކަހަލައެވެ. ނަމަވެސް އެންމެފެހުން ހިތްވަރުކޮށްފައި ރީނާއަށް ގުޅިއެވެ. އަޔާޒު ރިނާ ގާތު އޭނާ އަށް ފެނުނު އެއްވެސް ކަމެއްގެ ވާހަކައެއް ނުދައްކައެވެ. އަޔާޒް ކޮށްލި ސުވާލު ތަކަކީ '' ރީނާ އޭނާ ދެކެ ލޯބިވޭ ހެއްޔެވެ؟ އޭނާ އަށް އިތުބާރު ކުރަން ހެއްޔެވެ؟'' ރީނާގެ ޖަވާބު ސާދާ ވެފައި ކުރެވެ. '' އާއެކެވެ!'' އަޔާޒްއަށް އުފާވެރިކަމުގެ އިޙްސާސް ކުރެވިގެން ދިޔައެވެ. ރީނާ އޭނާއަށް ބޭވަފާތެރި ނުވާތީއެވެ. އޭނާވެސް ވަރަށް ލޯބިވާ ވާހަކަ ބުންޏެވެ. ތަފާތު ވާހަކާ ތަކަށް ފަހު ދެމީހުން ފޯނުން ވަކިވީ އަމާން ރޭގަނޑަކަށް އެދެމުންނެވެ.

އަޔާޒް ކުރިއަށް ދާން އޮތް ރާސްތާއަކީ ކޮން ގޮތަކަށް އޮތް ރާސްތާއެއްތޯ އޭނާ ބަލަން ބޭނުން ނުވަނީ ބާވައެވެ؟ ނޫނީ އަމިއްލައަށް ކަށިބޯ ޖަންގައްޔަކަށް ވަދެވޭ އިރުވެސް އަޅާނުލާ ހުންނަނީ ބާވައެވެ؟ ވެދާނެއެވެ. ނޫނީ ރީނާ އަޔާޒް އަށް ދެރައެއް ދޭން އުޅެނީ ހެއްޔެވެ؟ ހަމީދުގެ ވާހަކަ ތައް އަޔާޒްއަށް ސިއްރުކޮށްގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ އަޔާޒް ދެކެ ލޯބިވާކަމަށް ބުނާއިރު އެގޮތަށް އެހަދަނީ ކީއްވެގެން ހެއްޔެވެ؟

ޖެހިގެން އައި ދުވަހު ހެދުނެވެ. އަމީނިއްޔަ ސްކޫލުގެ ގޯތިތެރެ ހަލަ ބޮލިވެގެން ދިޔަ ވަގުތެވެ. ކުދިންތައް އެކި ދިމަދިމާއަށް ހިނގައިގަތެވެ. ބައެއް ކުދިން ކެންޓީން ދޮށުގައި ކިޔޫހަދައިގެން ތިއްބެވެ. އަނެއްބައި ކުދިން އޮލަ ވާހަކަ ތަކުގައި ތިއްބެވެ. ރީނާ އޭނާގެ އެކުވެރި ތޫހާ އާއި ތިބީ ކުލާސް ރޫމް ތެރޭގައެވެ.

'' ރީނާ ތިބުނީ އަޔާޒް ދޫކޮށް ލަނީއޭތަ؟'' ތޫހާ ހައިރާން ވިއެވެ.

'' އާނ! ހަމީދު ކިހާ ލޯބި، ކިހާ ހޭންޑްސަމް.'' ރީނާ ހަމީދުއަށް ތަޢުރީފް ކުރިއެވެ.

'' އެކަމަކު އަޔާޒް ކިހާ ރަނގަޅު. ކިހާ ކެއަރ ކުރޭ. މަށަކަށް ނުފެނޭ ތިހެން ހަދާކަށް. އަނެއްކޮޅުން އެހަމީދު ކުރިން ވެސް ވަނީ ރީނާއަށް ބޭވަފާތެރިވެފައެއްނު؟ އަދި އޭނާ އަކީ އެހާ އުޅުންހުރި މީހެއްވެސް ނޫނެއްނު.'' ތޫހާ އޭނާއަށް ފެންނަގޮތް ހާމަ ކުރިއެވެ.

'' މައްސަލަ އެއްނެތޭ، މަށަކަށްނުން އެނގޭނީ އަހަރެން ގުޅޭނެ މީހެއް.'' ރީނާ އޭނާގެ ގޮތުގައި ހިފެހެއްޓިއެވެ. '' ދެން ކީއްވެތަ؟ އަހަރެންގެ ކައިރީގައި ތިވާހަކަ ތިދައްކަނީ'' ތޫހާ ހިތް ހަމަ ނުޖެހުނެވެ.

'' ބުނަންތަ! ރީނާ ތިކަމުގެ ދެރަ ފަހުން ފެންނާނެ.'' ތޫހާ ތެދުވަމުން ހިނގައިގަތެވެ.

ހަމީދު އިނީ އޭނާގެ ރަހްމަތްތެރިންނާއެކު ހާބަރުގެ ކަޑައެއްގައި ކޮފީބޯށެވެ. އެމީހުން ސައްލާކުރަމުން ދިޔައީ އަޔާޒަށް ގޯނާ ކުރަން ކުރާނެ ކަންތަކާބެހޭ ގޮތުންނެވެ.

'' ހަމިއްޓޭ ބުނަންތަ! މިހާރު ހުރިހާކަމެއް އޮތީ ނިމިފައި. އަހަރެން އޮންނާނެ ގާތް ރައްޓެއްސަކާ ގުޅައިލައިގެން އެކަން ހަމަޖައްސާފައި. ބަލަން ހުންނައްޗޭ މާދަން ނޫނީ އަނެއް ދުވަހު އޭނާ ގެ ކަންތައް ނިމޭނެ.'' އަލީ އޭނާގެ ޕްލޭން ކިޔައިދިނެވެ.

'' އެހެން ވެއްޖިއްޔާ ތިނިމުނީ. ބުނަންތަ މިހާރު ވަރަށް ގައްޑައޭ، އަހަރެންނަށް ހީވަނީ ރިނާ މަގޭ އަތުގައި އަޅުވާލެވޭނެހެން.'' ހަމީދުގެ މޫނުމަތިން އުފާވެރިކަން ފާޅުވަމުން ދިޔައެވެ.

'' އެހެންވީމާ ހުރިހާ އެންމެނަށް ކުކުޅު ދޭންޖެހޭނެ ދޯ އައްޔާ.'' ހަސަން ދިމާކޮށް ލިއެވެ. ދެން އިވިގެންދިޔައީ ހުރިހާ އެންމެން ހޭން ފެށި އަޑެވެ.

ޖެހިގެން އައިދުވަހެވެ. އެދުވަހު އަޔާޒް އަށް ކުރަން ޖެހުނު މަސައްކަތް ވަރަށް ބުރައެވެ. އަދި އެހާމެ އޮޅުންބޮޅުން ބޮޑުމަސައްކަތްތަކެކެވެ. އެބުރަމަސައްކަތައް ފަހު އަޔާޒް ކޮފީއަކަށް ޖެހިލިވަގުތެވެ. އެވަގުތު އޭނާއަށް ސައިރަންގެ އަޑުއިވެން ފެށިއެވެ. އެންމެ ފުރަތަމަ އަޔާޒް އެއަޑަށް ސަމާލުކަމެއް ނުދެއެވެ. ނަމަވެސް އެއަޑު މާބާރަށް އިވެން ފެށުމުން އެއަޑަށް ސަމާލުވިއެވެ. އެއަޑު އަންނަނީ މިދިމާލަށް ކަން އެނގުނެވެ. އަވަހަށް ވެގެން އުޅޭގޮތް ބެލުމަށްޓަކާ މަގުމައްޗާ ދިމާއަށް ބަލައިލިއެވެ. ސިފައިންގެ ޖިޕުތައް މުޅިކަސްޓަމްސް އޮފީސް ވަށައިލަނީއެވެ. ސިފައިން އަވަސް ހަރަކާތުގައި އޮފީހަށް ވަންނަމުންދެއެވެ. ވެގެން މިއުޅެނީ ކީއްބާއޭ އަޔާޒް ހިތަށް އެރިއެވެ.

'' އަނެއްކާ ކާކު ކޮން ކަމެއް ކޮށްގެން ބާ މިއުޅެނީ؟'' އަޔާޒް ހިތާހިތުން ބުނެލިއެވެ.

ކުއްލިއަކަށް އިވުނީ ކެފޭގެ ދޮރު ހުޅުވާލާފައި އޮފީހުގެ ބޮޑެތި ބޭފުޅުންނާއި ސިފައިންގެ ބޭކަލުން ވަަންނަނި ކޮށެވެ.

'' މުހައްމަދު އަޔާޒް އެހުރީ.'' އަޔާޒް އަށް އިޝާރާތް ކުރަމުން ކަސްޓަމްސްގެ ޗީފް އިންޗާރޖް ބުނުއްވިއެވެ. އަޔާޒް އަށް ކުއްލި ހައިރާން ކަމެއް ލިބުނެވެ.

'' އަހަރެން ކީއްކުރީ ؟ ކިހިނެއްވެގެންތަ މިއުޅެނީ ؟'' އަޔާޒަށް ބުނެވުނެވެ.

'' ކަލޭ ވާހަކަ ދައްކާނީ ސިފައިންގެ ގެޔަށް ގޮސްފަ.'' އަޔާޒް ހިފަހައްޓަމުން ފުލުސް އޮފިސަރު ބުނުއްވިއެވެ. އެއާއި އެކު އަޔާޒްގެ އަތުގައި ބިޑި އެޅުވިއެވެ. އޭނާގެ ދެ ލޮލުން ހިތާމައާއި ބިރުވެރިކަމުން ފުރިގެންވާ ކަރުނަ ފޭދި ގަތެވެ. އޭނާގެ ވަށައިގެން ތިބި މީހުން އޭނާ އަށް މަލާމާތް ކުރަމުންދާ ކަހަލަ އެވެ. ނޫނީ އޭނާއަށް ހަމްދަރުދީވަނީ އެވެ. އަޔާޒް އޭނާ ވަށައިގެންވާ މާހައުލަށް ބަލަމުން ދިޔައެވެ. އޭނާގެ އޮފިހާ ދިމާއަށް ބަލައިލިއެވެ. އެހިނދު ހިތަށް އެރިއެވެ.

'' ވަފާތެރިކަމާއި އަމާނާތް ތެރިކަމާއެކު މަސްޢޫލިއްޔަތު އަދާކުރި ކަމުގެ އަގަކީ މިއީބާއެވެ؟ މިއީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟ އަހަރެން ކުރި ކުށަކީ ކޮބައިހެއްޔެވެ؟'' ޖިޕުގެ ދޮރު ހުޅުވުމަށްފަހު އެތެރެއަށް ވަނުމަށް އަޔާޒަށް އިޝާތާތް ކުރިއެވެ. އޭނާ ކިޔަމަން ތެރިކަމާއެކު އޭގެތެރޭގައި އިށީދެ ހަމަޖެހިލިއެވެ. އެއާއިއެކު ސައިރަން އަޅަމުން ހުރިހާ ޖިޕުތައް ދުއްވާލިއެވެ.

އެވަގުތު ލިބުނު ކާމިޔާބީ އަށްޓަކައި އަލީ ހިނިތުންވެފައި، ތަންކޮޅެއް ދުރުގައި އެމަންޒަރު ބަލަން ހުއްޓެވެ. ސިފައިންދިއުމާއެކު އަވަސް އަވަހަށް ޖީބުން ފޯނުނަގައި ހަމީދަށް ގުޅައިލިއެވެ.

އަޔާޒުގެ މަންމަ ފާތުމަ ގޭތެރެ ސާފުކުރުމުގައި މަޝްއޫލުވެގެން ހުއްޓާ ގޭގެ ފޯނު ރިންގު ވާން ފެށިއެވެ. ފާތުމަ ގޮސް ފޯނުނެގިއެވެ.

'' އައްސަލަމް އަލައިކުމް.''

'' މިއީ ސިފައިންގެ ގެއިންނޭ އިނގޭތޯ. މުހައްމަދު އަޔާޒުގެ ބެލެނިވެރިއަކާ ބައްދަލުވެދާނެތޯ؟'' އެކޮޅުން ވާހަކަ ދެއްކިއެވެ.

'' ސިފައިނގެއިންނޭ! ކިހިނެއްތޯވީ؟ އަޅުގަނޑުގެ ދަރިފުޅު ކުށެއް ކުރީތޯ؟ މިއީ އެނާގެ މަންމަ.'' ފާތުމަ ހާސްވާގޮތްވިއެވެ.

'' މިކޮޅަށް ދުރުވާންވީ ނޫންތޯ.'' އެކޮޅުން ވާހަކަ ދެއްކިއެވެ.

'' އާދެ! މިދަނީ.'' ފޯނު ބާއްވަމުން ފާތުމަ ބުންޏެވެ.

'' މިހާރު އޭނާއަކީ ބޭނުމެއްހުރި މީހެއް ހެއްޔެވެ؟ އޭނާގެ މުސްތަގްބަލް ބަނަވެގެން ދިޔައީއެވެ. ވަޒީފާވެސް ގެއްލުނީއެވެ. މީސްމީހުން ކުރާނެ މަލާމާތަކާ ކުރިމަތިލާން ޖެހުނީއެވެ.'' މިއީ އަޔާޒުގެ ހިތުގައި އެބުރެމުންދާ ޚިޔާލުތަކެވެ.

ޖެހިގެން އައިދުވަހުގެ، ދުވަހުނޫސް ތަކުގެ ފަލަ ސުރުހީތަކުގައި މަސްތުވާތަކެތި އެތެރެރެކުރުމަށް އެހީތެރިވި ކަމުގެ ތުހުމަތުގައި ސިފައިން އަޔާޒް އަތުލައިގަތް ޚަބަރު ލިޔެވިގެން ދިޔައެވެ. މިވާހަކައިގެ ޚަބަރު އެންމެ ފުރަތަމަހެން އިވިގެން ދިޔައީ ރީނާގެ ދެކަންފަތަށެވެ. އޭނާ އެކަމާ ދެރަވިއެވެ. ހިތާމަ ކުރިއެވެ. އަދި އެހާމެ އުފާވެސް ވިޔެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް އަވަސް ވެގަތެވެ.

ސްކޫލްތަކުގެ ކިޔެވުން އޮތް އެންމެ ފަހު ދުވަހެވެ. ފާސްވިކުދިންނާއި ފެއިލްވި ކުދިން އެގިގެން ދާދުވަހެވެ. އުފަލާ ހިތާމަތަކަށްވުރެ ރީނާ އާއި ތޫހާ ގެ ދެމެދުގައި ދެކެވެމުން ދިޔައީ އެހެން ވާހަކައެކެވެ. އަޔާޒްގެ ދިރިއުޅުމަށް އެޅިފައިވާ ހިޔަނިތަކުގެ ވާހަކައެވެ.

'' އަހަރެން މިހާރު މިއުޅެނީ އަޔާޒްއާއި މުޅިން ވަކިވުށް! އަހަރެން ކުޑަކޮށްވެސް ހިޔެއްނުކުރަން އޭނާ އެފަދަ އަމަލެއް ކުރާނެ ކަމަކަށް!'' ރިނާ ވާހަކަ ދެއްކިއެވެ.

'' އާނ! އަހަރެންވެސް ހިޔެއް ނުކުރަން. އެކަމަކު އަދި ވަކި ގޮތެއް ނޭނގެ އެއްނުން. ފަހަރެއްގައި އެއީ އަޔާޒް ނުކުރާ ކަމަކަށްވެސް ވެދާނެ.'' ތޫހާ އޭނާގެ ޚިޔާލު ފާޅުކުރިއެވެ.

''އެކަމަކުވެސް ހެޔޮ! އަހަރެން ކިހާ ލަދެއް ގަންނާނެ ދެން އޭނާއާއި ރައްޓެހިވެގެން އުޅެން.'' ރީނާ އޭނާއަށް ވިސްނޭގޮތް ހާމަކުރިއެވެ.

'' އާނ ! ތިއީވެސް ރަނގަޅުވާހަކައެއް. ރީނާއަށް ފެންނަ ގޮތް ހަދާ، އެކަމަކު ހަމީދު ވަކި ރަނގަޅުވާނެތަ؟'' ތޫހާގެ ހިތުގައި އެތައް ސުވާލުތެކެއް އުފެދުނު ނަމަވެސް ރީނާ އާއި ދެކޮޅުހަދާ ހިތެއްނުވިއެވެ.

'' އޭނާ ވަރަށް ރަނގަޅުވާނެ. ކިހާހޭންޑްސަމް، ޔަގީން ތޫހާއަށް ވެސް އެހާ ލޯބި ބިޓެއް ނުލިބޭނެކަން.'' ރީނާ ފަޚުރުވެލިޔެވެ.

އެސެމްބްލީ ހެދުމަށް ހުރިހާ ކުދިން އެއްމެ ތިރީބުރިޔަށް ފޭބުމަށް ސްކޫލުގެ ސައުންޑް ސްޕީކަރުން ގޮވުމާއެކު އެހެންކުދިންނާއިއެކު ރީނާއި ތޫހާވެސް އެސެމްބްލީއަށް ދާން ހިނގައިގަތެވެ. އެދުވަހަކީ ރިނާއަށް ވަރަށް އުފާވެރި ދުވަހަކަށްވިއެވެ. ގުރޭޑް 01 އަކަށް ބަދަލުވުމުން އޭނާ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. އަޔާޒުގެ މައްސަލަ ތަހުޤީގު ކުރުމަށްފަހު އޭނާ ގޭބަންދުކުރިއެވެ. އެންމެފުރަތަމަވެސް އަޔާޒު ބެލީ ރީނާގެ ޚަބަރެއްވޭތޯއެވެ. ނާޝްގެ ފަރާތުން އެގުނުގޮތުގައި ރީނާ ގްރޭޑް 01 އަކަށް ބަދަލުވިއެވެ. އިތުރަށް މާގިނަ ވާހަކަތަކެއް ދެއްކުމެއްނެތި އަޔާޒް ރީނާއަށް ގުޅިއެވެ.

'' ހަލޯ'' ރީނާ ވާހަކަ ދެއްކިއެވެ.

'' ރީނާ ތަ؟ އަހަރެންނަށް އެނގޭ ރިނާ ހުންނާނީ ރުޅިއައިސްފަކަން. އެކަމަކު އެއީ އަހަރެން ކުރިކަމެއް ނޫން، ތެދަށް މިބުނީ އަހަރެންނަށް އެނގޭ މިވާހަކަ ގަބޫލު ނުކުރާނެކަންވެސް. އިހަށް މިވާހަކަ ބާއްވައިފައި ތިކުރި މަސައްކަތަށް މަރުހަބާ.'' އަޔާޒް ކިޔައިދިނެވެ.

'' ޝުކުރިއްޔާ ! އެކަމަކު އަހަރެން ބޭނުމެއްނޫން ތިވާހަކަ ތައް އަޑުއަހާކަށް. އަހަރެން ދެން ބޭނުމެއްވެސް ނޫން.........'' ރީނާ އަށް އެހިސާބަށް ބުނެވުނުތަނާ އަޔާޒް ވާހަކަ ދެއްކިއެވެ.

'' ނޫން ރީނާ ތިހެން ނުބުނޭ! އަހަރެން ކުށެއް ނުކުރަން އެއީ ހުސްދޮގު ބަޔަކު އަހަރެންނަށް ދިން ލަނޑެއް އެއީ!'' އަޔާޒް ދެރަވެފައި ބުންޏެވެ.

'' ހެވޭ ! އަހަރެން ދެން ބޭނުމެއްނޫން ތިކަހަލަ މީހަކާ ގުޅިގެން އުޅޭކަށް، އަޔާޒް ދެން އަހަރެންނަށް ނުގުޅާތި؟'' އެހެން ބުނެފައި ރީނާ ފޯނު ބޭއްވިއެވެ.

އަޔާޒްއަށް ހުއްޓުން އެރިއެވެ. މުޅި ކޮޓަރި އޭނާ ވަށައިގެން އެބުރެމުން ދިޔަހެން ހީވިއެވެ. އޭނާ އެހުރި ތަނުގެ ބިން ގަނޑު ކަނޑައިގެން ދިޔަ ކަހަލަ އެވެ. ހިތުން ރޮވެން ފެށުނެވެ. އޭނާގެ ވަށައިގެންވާ ފާރުތަކާއި ބިން އޭނާގެ ހިތާމައިގައި ބައިވެރިވަމުން ދިޔަކަހަލައެވެ. އެމައުސޫމް ދެލޮލުން ކަރުނަ އައްނަމުން ދިޔައެވެ. ދެންމެ އޭނާ އިވިގެން އެދިޔަވާހަކަ ތަކަކީ އޭނާއަށް ދުވަހަކުވެސް އިވޭނެ ކަމަކަށް ހީކޮށްގެންހުރި ވާހަކަތަކެއް ނޫނެވެ. ހީއަކީ ހަޤީގަތެއް ނޫނެވެ. އަޔާޒްގެ ކަންފަތުގައި ޖައްސާފައި ހުރި ފޯނުގެ އަތްގަނޑު ބޭއްވިއެވެ. އަދި މަޑުމަޑުން އެދުމަތީގައި އިށީނދެއްޖެއެވެ. އެވަގުތު ނާޝް އަޔާޒްގެ ކޮނޑުގައި މަޑުމަޑުން އަތްޖައްސާލިއެވެ. އެއަތުގައި ބުނާ ކަހަލަ އެވެ. ހިތާމަ ނުކުރާށެވެ! ކެތް ކުރާށެވެ! އަޔާޒްގެ މޫނުފެންނަ ކޮންމެ މީހަކު މިހާރު އޭނާއަށް ހަމްދަރު ދީވާނެވެ. ހިތާމަ ކުރުމުގެ ސަބަބުން އޭނާގެ މޫނުގެ އުޖާލާކަންވަނީ މިލާ މޯޅިވެފައެވެ. އޭނާއަށް ކެތްކުރުން ފިޔަވައި ދެންއޮތީ ކޮންގޮތެއްބާއެވެ؟

'' ނާޝް ކީއްވެތަ މިހެން މިވީ؟'' އަޔާޒްގެ އަޑުގައިވަނީ ހިތާމައިގެ އަސަރެވެ.

'' ހިތްވަރުކުރޭ! ތީގައި އަޔާޒްގެ ކުށެއްނެތް އެކަހަލަ ބޭވަފާތެރިންނާއި ހެދި ދެރަނުވޭ! ހިގާ ކޮޓަރިން ބޭރަށް ނުކުންނަށް އޭރުން ކުޑަކޮށް ހަމަ ޖެހިދާނެ.'' ނާޝް އަޔާޒް އަށް ހިތްވަރު ދިނެވެ.

އޭނާ ހިތާމަ ނުކުރާންވީ ކީތްވެގެން ހެއްޔެވެ؟ އޭނާގެ ހަށިގަނޑުގައި މިހާރު ހިތްވަރު ކުރާނެހާ ހަކަތައެއް ނެތެވެ. ވޭތުވެގެންދިޔަ ދުވަސްތަކަކީ ކިހާ އުފާވެރި ދުވަސްތަކެއް ހެއްޔެވެ؟ ހަމަ ކުއްލިއަކަށް ހުރިހާ އުފަލެއް ހިތާމައަށް ބަދަލުވެގެން ދިޔައީއެވެ.

'' އެކަމަކު ކިހިނެއްތަ އަހަރެން ހިތްވަރު ކުރާނީ؟ އެކަމުން ސަލާމަށްވުމަށް އަހަރެންނަށް ލިބުނު ހިތްވަރު މިއަދު އަތުން ބީވެގެން ހިގައްޖެ! ކީއްވެތަ މިހެން މިދިމާވީ؟... ކީއްވެ.....؟'' އަޔާޒް އަށް ރޮވުނެވެ.

'' ދެންތިވާހަކަ އިހަށް ބާއްވާ. ހިނގާ ބޭރަށް.'' ނާޝް އަޔާޒް ގޮވައިގެން އެގޭގެ ޓެރަސް މައްޗަށް ދާން ހިނގައިގަތެވެ.

ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފެށުމާއިއެކު ހަމީދުއާއި ރީނާ ގެ ބައްދަލުވުންތައް ދިގުލާންފެށިއެވެ. ދެމީހުން އެކުގައި ހިނގާލަން ދިޔުމާއި ރެސްޓޯރަންޓް ފަދަ ތަންތަނަށް ދިއުން އާދަވެއްޖެއެވެ. ސައިކަލް ބުރުތަކާއި ދަންވަރުގެއަށް އައުން ރީނާއަށް މަބޮޑުކަމެއްކަމަށް ނުދެކެއެވެ. ރީނާއަކަށް ހަމީދުގެ ގޮތެއް ނޭގެއެވެ. ފަހަރެއްގައި އެގުނަސް އެގޭކަމަށް ނަހަދަނީ ތޯއްޗެވެ!

ނާޝް އަކީ ރާނބާގެ ވެއިޓަރުކަމުގެ ވަޒީފާގައި އުޅޭ ޒުވާނެއްކަމުން ރީނާ އާއި ހަމީދު ވަރަށް ގައިގޯޅިކޮށް އެތަނުގައި ތިބޭތަން ފެނެއެވެ. އޭނާ އެކަމާ މިހާރު ހައިރާނެއް ނުވެއެވެ. އެހެން ނަމަވެސް ހައިރާންވެގެން ދިޔައީ އޭނާގެ ލޯބިވެރިއެއްގެ މަގާމަށް ގެނެސްފައިހުރި މީހާ ފެނުމުންނެވެ. އޭނާ އަކީ ކާކު، ކޮންކަހަލަ މީހެއްކަން ނާޝްއަށް އެނގެއެވެ. އެހެންވެ އެމީހުންނަށް ފެންނަ ހިސާބަށް ނުދިޔުމަށް އޭނާ ނިންމިއެވެ.

މެންދަމުގެ ވަގުތެވެ. ދުއްވާއެއްޗެހީގެ އުނދަގުލުން މަގުތަށް ސަލާމަށް ވަމުން ދިޔައެވެ. އަޔާޒް ކޮޓަރީގެ ކުޑަ ދޮރުކައިރީގައި ހުރެފައި ކޮޓަރީން ނުކުތެވެ. އޭނާއަށް މަގުމަތިން ކޮންމެވެސް އެއްޗެއް ފެނުނީކަމަށް ވެދާނެއެވެ. ކޮޓަރިން ނުކުމުގެން އެއްމެތިރީ ބުރިޔަށް ފޭބުމަށް ފަހު މަގުމައްޗަށް އަވަސް ފިޔަވަޅުގައި ނުކުތެވެ. ނަމަވެސް ކުއްލިއަކަށް އޭނާ ހުއްޓުންއެރިއެވެ.

އަޔާޒް ހަނދާނަށް އައީ އޭނާ ގޭ ބަންދުގައި ހުރިކަމެވެ. ގެއިން ނުކުމެއްޖެ ނަމަ އިތުރު މައްސަލަތަކާއި ކުރިމަތިލާންޖެހޭނެ ކަމެވެ. ނަމަވެސް އެކަމާ އެހާބޮޑުސަމާލުކަމެއް ދިނުމެއްނެތި ދޮރުހުޅުވުމަށްފަހު މަގުމައްޗަށް ނުކުތެވެ.

އަޔާޒު މިސްރާބް ޖެހީ ރީނާމެންގެ ގެޔާ ދިމާލަށެވެ. އޭނާގެ ހިތާއި ސިކުނޑީގައި ސިފަ ވަމުންދަނީ އެންމެ ސޫރައެކެވެ. އެއީ ރީނާގެ ތަސްވީރެވެ. އެޚިޔާލު ތަކުގައި، ދުއްވާ އެއްޗަކަށް ބެލުމެއް ނެތި މޮޔައެއްހެން ބާރު ބާރަށް ހިނގަމުން ދިޔައެވެ. މަގު މެދެއް، ދުވާރެއް ބެލުމެއް ނެތިއެވެ. އެވަގުތު ސޯސަންމަގު އަނެއްފަރާތުގައި ހުރި ގެޔަކުން ރިނާ ނުކުމެގެން ދާތަން އަޔާޒް އަށް ފެނުނެވެ. އަވަސް އަވަހަށް ރީނާ އާއި ބައްދަލުކުރުމަށް މަގުހުރަސް ކޮށް ލުމަށް މަގުމައްޗަށް ނުކުތެވެ.

އެހިނދު ލައިޓްގައި ނުޖެހި ދިއުމަށް، ވަރަށްބާރަށް ކާރެއް އެދިމާލަށް ދުއްވާފައި އައެވެ. އަޔާޒް ކުއްލިއަކަށް އެދިމާލަށް ބަލައިލެވުނެވެ. ނަމަވެސް ވަގުތެއް އޭނާއަކަށް އެހީއެއް ނުވިއެވެ. ކާރުގެ ޑްރައިވަރު ކާރު މަޑުކުރުމަށް ބުރަކި ޖެއްސި ނަމަވެސް އެއައި ބާރު މިނުގައި އަޔާޒް ގައިގައި ޖެހި އޭނާ އެތައް ފޫޓެއްގެ ދުރަށް ވިއްސައިގެން ދިޔައެވެ.

އަޔާޒްއަށް ފުންމައިގެން ތެދުވެވުނެވެ. މުޅި މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ހާސް ވެފައި ހުރިވަރުން މީހާ ހަމައަކަށް ނޭޅެއެވެ. ވަށައިގެންހޯދެނީއެވެ. އެއީ ހުވަފެނެއް ނޫނޭ އަޔާޒަށް ވިސްނޭކަހަލައެވެ.

''މިއީ ހުވަފެނެކެވެ.'' އަޔާޒް ހިތާ ހިތާ ބުނެލިއެވެ. އެހިދު ފުން ނޭވާއެއް ދޫކޮށްލިއެވެ. ހުވަފެނުގައި އެކްސިޑެންޓްވީ ނަމަވެސް އޭނާގެ ސިކުޑީގައި އަދިވެސް ވަނީ ރީނާ އާއިއެކު ހޭދަކޮށްފައިވާ އުފާވެރި ވަގުތެވެ. ކުރިން އެޚިޔާލު ތަކުން އުފާވެރިކަން ލިބުނަސް މިއަދު އޭނާއަށް ލިބެމުންދަނީ ހިތާމައާއި ހިތްދަތިކަމެވެ. އެޚިޔާލު ތަކުގައި އޮވެ އޭނާއަށް ނިދުނުއިރެއްވެސް ނޭނގެއެވެ.

'' ދަރިފުޅާ ހޭލަބަލަ! މިހާރު ސިފައިންގެ ގެއަށް ދާގަޑި ޖެހެނީއެއްނު.'' ފާތުމައަށް ލިބިފައިވާ ހިތާމަ ފޮރުވަމުން ބުންޏެވެ. އެއީ އޭނާއަށް ލިބިފައިވާ ދެދަރިން ކުރެ އެންމެ ދޮށީ ދަރިފުޅެވެ. އަނެއްދަރިފުޅުވަނީ ކިޔެވުމަށް އޮސްޓްރޭލިއާގައެވެ. އަޔާޒަށް ދިމާވި ކަންތަކާހުރެ އަޔާޒްގެ ބައްޕަ ވަނީ ވިޔަފާރި ދަތުރު ކެންސަލް ކޮށް މާލޭގައި މަޑުކޮށްފައެވެ.

'' މަންމާ ހެދުނު ވީތަ؟ ހާދައަވަހަކަށް. އާނ! މިތެދުވަނީ.'' މޯޅިޔަކަށް ދެމެމުން އަޔާޒް ބުންޏެވެ.

'' އަވަހަށްދޭ ތައްޔާރުވާން މިހާރު ސިފައިން އަންނާނެ ބަލާ.'' ކޮޓަރިން ނުކުންނަމުން ފާތުމަ ބުންޏެވެ. އަޔާޒް ސަިއބޯން އިން އިރުވެސް ކެއުމަކާ މާގަޔާއެއް ނުވެއެވެ. ރިނާ އާއި މެދު ވިސްނަނީއެވެ. ރީނާ ދެއްކި ވާހަކަތައް މިހާރުވެސް އޭނާގެ ކަންފަތް ދޮށުގައި ގުގުމާ ކަހަލައެވެ. އަޔާޒްގެ މަންމަ ހީކޮށްގެން ހުރީ އަޔާޒް އާއި މެދު ކުރެވިފައިވާ ތުހުމަތާއި މެދު އޭނާ ވިސްނެނީކަމަށެވެ. އެކަމާއި އޭނާ ދެރަވެއެވެ. ވިސްނައެވެ. އެކަމާއި ހެދި އަޔާޒް އަށް އޭނާގެ މަންމަ ހިތްވަރު ދީ ވިސްނައިދީ ހަދައެވެ. ދެރަ ނުވުމަށެވެ. ހިތްވަރުކުރުމަށެވެ. ކެތްތެރިވާ އަޅުންނަށް ﷲ ހެޔޮ ޖަޒާ ދެއްވާނެ ކަމަށެވެ.

މިއަދަކީ އަޔާޒްގެ މައްސަލަ ވަކި ގޮތަކަށް ނިންމާ ހުކުމް އިއްވާނެ ދުވަހެވެ. އޭނާގެ ކުރިމަގު ކަނޑައެޅިގެން ދާނެ ދުވަހެވެ. ސިފައިން ގެޔަށް ގެންދިޔުމަށްފަހު ނިޔާކަޑައެޅުމަށް ގެންދެވުނީ ޖިނާއީ ކޯޓަށެވެ. އަޔާޒް ޝަރީއަތުގެ މަޖުލީހަށް ގެންދެވުނެވެ. ޤާޟީ މައްސަލަ ބަލައި ނިންމުމަށްފަހު ނިޔާ ކަޑައެޅިއެވެ.

'' ދެން ފަހެ އިސްވެދިޔެ ބަޔާންތަކާއި ފާހަގަކުރެވޭނުކުތާތަކަށްބަލާއިރު، މ. ފޭލިގޭ މުޙައްމަދު އަޔާޒް މަސްތުވާތަކެތި އެތެރެކުރުމަށް އެހީތެރިވުމާއި ގުޅިގެން ޑިފެންސްމިނިސްޓްރީގެ ތަހުޤީގަށާއި ޝަރީއަތުގެ މަޖިލީހަށް ދީފައިވާ ބަޔާނަށް ބަލާއިރު މ. ފޭލިގޭ މުހައްމަދު އަޔާޒު މަސްތުވާތަކެތި އެތެރެކުރުމަށް އެހީވެދީފައިވާކަމަށް ޝަރީއަތަށް ސާބިތުވާތީ ގާނޫނުލްއުގޫބާތު ގެދަށުން މ.ފޭލިގެ މުޙައްމަދު އަޔާޒް......... ޖަލަށް ލުމަށް ހުކުމްކޮށް ދެންވެސްމިފަދަ އަމަލުތަށް ތަކުރާރުނުކުރުމައް ނަސޭހަތްތެރިވެ މިޤަޟިއްޔާ ނިންމީމެވެ.'' ޤާޟީ ނިޔާކަޑައެޅުމުން އަޔާޒުގެ ލޮލުގައި ގިނަވެފައިވާ ކަރުނަތައް އޭނާއަށް ހަމްދަރުދީ ވަމުން އޮހޮރިގަތެވެ. އޭނާ އަށް އެވަގުތު ފުން އަސަރުތައް ކުރުވިއެވެ. އޭނާ ނުކުރާ ކުށަކަށް އަދަބު ލިބެންޖެހޭތީއެވެ. ކުރާނީ ކީން ހެއްޔެވެ؟ މިއީވެސް އިމްތިހާނެކެވެ! މިކަމަށް އޭނާ ކެތް ކުރާނެވެ. މިކަންތައް އޭނާގެ ބޮލުގައިއެޅުވިމީހާ އޭނާ ދުވަހުކުވެސް މަޢާފެއް ނުކުރާނެވެ. އެކަމުގެ ބަދަލުވެސް ހިފާނެވެ. މިއީ އަޔާޒް ހިތުގައި އަދަމުންދާ ބަދަލު ހިފުމުގެ އަލިފާނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.