އަންގާރަ20190716

އާކުރެވުނީ: 08:43:52

އެއީ ތަޤުދީރުގައިވާ ގޮތެވެަ

 

ފަސްވަނަބައި:

ޕެނިޓެންޝަރީ އެންޑް ރިހިބިލިޓޭޝަންގެ ބެލުމުގެ ދަށުން އަޔާޒް ޖަލަށް ގެންދިޔުމުގެ މަސައްކަތް ފެށިއްޖެއެވެ. އަޔާޒްގެ އާއިލާއަށް ހިތާމައާއި ވޭން ކުރިމަތި ވިޔަސް އޭނާގެ ދެކޮޅުވެރި ފަރާތް ތަކުން އުފާ ފާޅުކުރުމާއި މަޖާކުރަމުން ގެންދެއެވެ. ހަމީދު މެންނާއި އެކު ރީނާ އުޅުނަސް އޭނާ ވެސް ދެރަވެއެވެ. އަޔާޒް އަށް އެފަދަ ކަމެއް ދިވާތީއެވެ. ނަމަވެސް އެކަން ބޭރު ފުށުން ދައްކާކަށް އޭނާބޭނުމެއް ނުވެއެވެ. ނަމަވެސް އެއީ މާޒީއެވެ. މިހާރު އޭނާ ލޯބި ވެގެން އުޅެނީ މާލޯބި، އެހާމެ ރީތި، އަޔާޒްއަށްވުރެ މުއްސަނދި ކުއްޖަކާއެވެ.

ދުވަސްތައް ހަފްތާއަށްވެ، ހަފްތާތައް މައްސަރުތަކަށްވެ، މައްސަރުތައް އަހަރު ތަކަށް ވެގެން ދަނީ ހާދަ އަވަހަކަށެވެ. ރީނާ އޯލެވެލް އިމްތިހާން ނިންމާލުމަށްފަހު ހަމީދުގެ އެދުމުގެ މަތިން އޭނާއާއި ކައިވެނި ކުރުމަށް ނިންމިއެވެ. މިޚަބަރު އެންމެ ފުރަތަމަ އެނގުނީ ތޫހާއަށެވެ.

ތޫހާރީނާއަށް ވިސްނައިދިނުމަށް މަސައްކަތް ކުރިއެވެ. އެހާ އަވަހަށް ކައިވެނި ކުރުމަކީ ގޯހެއް ކަމަށާއި، ރިނާގެ އުމުރުން އަށާރައަހަރު ވިއެއް ކަމަކު އެކަން ނުކުރުމަށް ނަސޭހަތް ތެރިވިއެވެ. ކައިވެނި ނުކޮށް އަދި ކިޔެެވުމަށް ނަސޭހަތް ދިނެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ އެހެން ގޮތަކަށެވެ. ރީނާ، ތޫހާގެ ބަސް އަޑު އަހާކަށް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވަނީ ވީއެއްމެ އަވަހަކަށް ހަމީދު އާއި ކައިވެނި ކުރާށެވެ. ރީނާގެ ނިންމުމާއި މެދު ވަރަށްދެރަވެ ހިތާމަ ކުރާކަމަށް ތޫހާ ބުންޏެވެ.

ރިނާގެ މިވާހަކަތައް އޭނާގެ މައިންބަފައިންނަށް އިވިގެން ދިޔުމާއި ގުޅިގެން ރީނާއަށް ވިސް ނައިދެވޭތޯ އެމީހުން ވެސް އުޅުނެވެ. ނަމަވެސް ނަތީޖާ ރަނގަޅެއް ނުވިއެވެ. ރީނާ ހުރީ އޭނާގެ ގޮތުގައި ހިފަހައްޓައިގެންނެވެ. އެކަމާއި ގުޅިގެން ރިނާ ގެއިންބޭރަށް ދިއުމަށް މަނާކުރެވިއްޖެއެވެ. ފޯނު ކުރުމުގެ ހުއްދައެއް ނެތެވެ. ރީނާ ވެސްދުލެއް ނުދެއެވެ. ކެއިން ބުއިމާއި މުޅިންދުރުވެއްޖެއެވެ. އަބަދުމެހެން ރޮނީއެވެ.

އޭނާގެ ސިފައަށް އަންނަމުންދާ ބަދަލާިއ ގުޅިގެން ރީނާގެ މަންމައަށް ކެތެއް ނުކުރެވުނެވެ. އެހެންވެ އެކައިވެންޏާއި ރުހުމަށް ރީނާގެ ބައްޕަ ކައިރީގައި އެދުނެވެ. މޫސަ އެކަމާއި ދެކޮޅުހެދިއެވެ.

'' ކިހިނެތްތަ އަހަރެން ތިކަމާ އެއްބަސްވާނީ؟ އަދިކިރިޔާ ސްކޫލް ވެސް އެނިމުނީ. އައިމިނަވެސް ވިސްނަން ޖެހޭނެއެއްނު؟'' މޫސަ ހިތްހަމަ ނުޖެހުނެވެ.

'' އަހަރެންވެސް ތިކަމާ ވަރަށް ވިސްނީމޭ!'' އައިމިނަ އާދޭހުގެ ރާގުގައި ބުންޏެވެ.

'' ރީނާއަށް ގޮވާބަލަ!'' މޫސަ އެދުނެވެ. އައމިނަ ތެދުވެގެން ގޮސް ރީނާއަށް ގޮވިއެވެ. ހިތާމަވެރި މޫނަކާއިގެން ރީނާ މޫސަ ގާތުގައި އިށީނެވެ.

'' ދަރިފުޅު ކީއްވެތަ ތިހާއަވަހަށް ކައިވެނިކުރަން ތިނިންމީ؟'' ވަރަށް އޯގާތެރިކަމާއެކު މޫސަ ވާހަކަދެއްކިއެވެ.

'' އަޅުގަނޑު ހަމަބޭނުންވަނީ.'' ރީނާގެ ޖަވާބު އައީ ރުންކުރު ގޮތަކަށެވެ.

'' ދަރިފުޅަށް އެނގޭތަ އެއީ ކިހާވަރެއްގެ ޒިންމާއެއްކަން؟ އެހާވަރަށް ދަރިފުޅު ބޮޑުވެއްޖެތަ؟'' ރީނާއަށް ވިސްނައިދިނުމަށް އޭނާގެ ބައްޕަ ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވަސް ރީނާ އެއިން އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއްނުވިއެވެ. ހަމީދުއާއި ކައިވެނި ކުރުންނޫން ގޮތެއް އޭނާ ބޭނުމެއް ނޫނެވެ.

'' މައްސަލައެއްނެތް އޭނާއާއި އިންނަންދޭ، އެކަމަކު ބުނަން! އަހަރެންގެ ފަރާތުން ވަލީ ނޫން އެއްޗެއް ނުލިބޭނެކަން ހަނދާންކުރާތި! އެހާހިސާބުން އަހަރެމެން މިއީ ނެތްބައެއްކަން ހަނދާން ކުރާތި!'' މޫސަ ރުޅިއައިސް އޭނާގެ އެއްމެ ފަހުގެ ބަސް އިއްވިއެވެ. ރީނާ އެކަށްޗެކޭވެސް ބުނަންނޭނގި އެއިންތާގައި އިނެވެ. އައިމިނަގެ ހާލަކީވެސް މިއީއެވެ.

ވަރަށް އުފާވެރި ގޮތަކަށް ކައިވެނީގެ ގޮށް ޖެހިގެންދިޔައެވެ. އެރޭ ރީނާގެ ބައްޕަ ވަލީ ދީނިމުމަށްފަހު ރީނާ ގާތަށް ދިޔައެވެ. ރީނާއަކަށް ޤަބޫލެއްވެސް ނުކުރެވުނެވެ. މައިންބަފައިންނަށް ދަރިންނާ ވަކިން އުޅެވިދާނެ ބާއެވެ؟ ނޫނެކެވެ. މައިންބަފައިންގެ ހިތުގައި ދަރިންނަށްޓަކައި މާތްﷲ ލައްވާފައިވަނީ އެއަށްވުރެ މާމަތިވެރި ލޯތްބެކެވެ. މޫސަ ރީނާ ގާތްކޮށްލުމަށްފަހު ރަނގަޅަށް އުޅުމަށް ނަސޭހަތްތެރިވިއެވެ.

ކައިވެނީގެ ކުރިން ހަމީދަކީ ކާކު، ކޮންފެންވަރެއްގެ މީހެއްކަން ރިނާގެ ރައްޓެހިން ވަނީ ބުނެދީފައެވެ. ނަމަވެސް ރީނާ އެކަމަށްދިނީ ބީރު ކަންފަތެކެވެ. ކައިވެނީގެ ފުރަތަމަ ރޭ ހޭދަވެގެން ދިޔައީ ވަރަށް ހަމަޖެހޭ އެހާމެ އުފާވެރިގޮތަކަށެވެ.

ދުވަސްތައް ފާއިތުމަވަމުން ދިޔައެވެ. ހަމީދު އަބަދު މެހެން އުޅެނީ ބޭރުގައެވެ.

ވަަގުތަކީ ހަމީދު ގެއަށް އައި ވަގުތެވެ. ރީނާއިނީ ހަމީދު ނައިސްގެން ކަންބޮޑުވެ، ހިސާބަކަށް ރުޅިވެސް އައިސްފައެވެ.

'' ހަމީދު އަބަދު ތިއުޅެނީ ބޭރުގައެއްނު! ހިނގާ މިއަދު ހަވީރު ހިގާލަންދާން.'' ހަމީދުގެ އަތުގައި ހިފަމުން ރީނާ ބުނެލިއެވެ.

'' މިއަދަކު ނޫންދޯ! މިފަހަރު މިއުޅެނީވަރަށް ބޮޑަށް ނިދިއައިސްގެން ތޫހާ އާއި އެއްކޮށްވެސް ދެވިދާނެއެއްނުން.'' ހަމީދު ޓީޝާޓް ބާލަމުން ބުންޏެވެ.

'' ކީއްތަ ވާނީ އެންމެ ދުވަހަކު ހިނގާލަން ދިޔައިއްޔާ!'' ރީނާ ޝަކުވާކުރިއެވެ.

'' ބުނެފީމެއްނުން ނުދެވޭނެޔޭ.'' ހަމީދު ހިތްހަމަ ނުޖެހުނެވެ. ރީނާ ރޮމުން ކޮޓަރިން ނުކުތެވެ.

'' ހަމީދުގެ އުޅުމަކީ އެއީއެވެ. ގެޔަށް އަތުވެއްޖިއްޔާ ނިދާނީއެވެ. ރޭގަޑު ގެއަށް އާދެވޭ ކަމަކަށް ނުވެއެވެ. އަހަރެން އިންނަން ޖެހޭނީ އޭނާގެ އިންތިޒާރުގައި އެކަނި މާއެކަންޏެވެ. ހަމީދު އަނެއްކާ އަހަރެންގެ މަތިން ފޫހިވީ ބާވައެވެ؟ ނޫނެކެވެ! އަދި ކައިވެންޏަށް މިވީ އެއްމެ 51 ދުވަހެވެ. މިކަމަށް އަހަރެން ކެތް ކުރާނަމެވެ.'' ރިނާގެ ހިތުގައި ތަފާތު ޝުއޫރުތަކެއް އުފެދެމުން ދިޔައެވެ.

އެވަގުތު ތޫހާގެ ފޯނެއް އަތުވެއްޖެވެ.

'' ހަލޯ ތޫހާތަ؟ ކީއްވެތަ ނައަންނަނީ؟ އަހަރެން މިއުޅެނީ ފޫހިވާވަރުން.''

'' ކިހިނެއްތަ އަންނާނީ؟ އަބަދުމެހެން މިދާންޖެހެނީ ކޮމްޕިއުޓަރ ކުލާހަށް! ކޮބާ ހަމީދު؟ ރީނާ ފޫހިފިލުވައި ދޭން އޭނަވެސް ހުންނާނެ އެއްނުން!'' ތޫހާ ދިމާކޮށްލިއެވެ.

'' އާނ! އޭނާވެސް އެބައުޅޭހެން ހީވަނީ..........'' ރީނާ އެހާ ހިސާބުން ހުއްޓާލިއެވެ.

'' ކިހިނެތްވީ ؟ އަނެއްކާ ދެމީހުންގެ ދެމެދުގައި ހަމަ ނުޖެހުމެއް ހިނގީތަ؟'' ތޫހާ ދެރަވިއެވެ.

'' ނޫނޭ! އަދި ތިކަހަލަ ކަމެއް ދިމައެއް ނުވޭ އެކަމަކު.........'' ރީނާއަކަށް ކުރިޔަށް ނުގެން ދެވުނެވެ.

'' ރީނާ އެކަމަކު ކީކޭ؟'' ތޫހާ ހާސްވިއެވެ.

'' މިހާރު މިދާ ގޮތުން ދަންޏާ އެކަންވެސް ހިނގާނެ ކަންނޭނގޭ!'' ރީނާއަށް ފުންއަސަރު ކުރުވިއެވެ.

'' މަބުނީމެއްނުން ކައިވެނީ ކުރުމުގެ ކުރިންވެސް ހަމީދުގެ ގޮތާއި އޭނާގެ އުޅުން. ރީނާ ގަބޫލެއް ނުކުރީމެއްނުން!'' ތޫހާ ދެރަވެފައިބުންޏެވެ.

'' ތޫހާ ބުންޏަސް ހެޔޮ! މަށެއް އެކަމެއް ގަބޫލެއް ނުކުރާނަން. އޭނާ އެކަމެއް ކުރަންޏާ މަށަށް ވެސް އެނގޭނެ އެއްނުން!'' ރީނާ އަދިވެސް ހުރީ އެގޮތުގައެވެ. ހަމީދަށް އިތުބާރު ކުރުމުގައެވެ.

'' އޭ ރީނާ މިހާރު ވާހަކަ ދައްކާކަށް ހުރެވޭކަށް ނެތޭ. ކުލާހަށް ދާގަޑި ޖެހެނީ، ދެން ބާއްވަނީ އިނގޭ! މަވެސް ފަހުން ގުޅާލާނަން'' ތޫހާ ބުންޏެވެ.

''އާނ! މިގެއަށް އަންނަށްޗޭ.'' ރީނާ އަތްގަނޑު ބޭއްވިއެވެ.

ގާމާދޫ ޖަލުގައި އަޔާޒް ދުވަސްތަށް ގުނެމުންދަނީ އެހާމެ ހިތާމައާއި ވޭނުން ފުރިގެންވާ ހާލެއްގައެވެ. އޭނާގެ ނިކަމެތި ހަށިގަނޑު ބަލިކަށި ވެއްޖެވެ. ރީނާގެ ކައިވެނި ކުރެވިގެންދިޔަ ޙަބަރު އޭނާގެ މަންމަ ފޮނުވި ސިޓީގައި ލިޔެފައި އޮތެވެ. އެޚަބަރަކީ އޭނާގެ ހަޔާތުގައި ލިބުނު އެއްމެ ހިތާމަވެރި އެއްޚަބަރެވެ. ނަމަވެސް އޭނާގެ ހިތްވަރާއި އަޒުމަކަށް ބަދަލެއް ނާދެއެވެ. އޭނާއެއުޅޭ ޖަލުގެ ހަތަރުފާރުގެ ބިރުވެރިކަމުގެ ބަދަލުގައި އެފަރާތުން ލިބެމުންދަނީ ހަމްދަރްދީއާއި އޯގާތެރިކަމެވެ. އެފާރުތަށް ބުނާކަހަލައެވެ. ހިތްވަރުކުރާށެވެ. މިތަނުން ސަލާމަތް ވެގެން އަދި ރީނާގާތަށް ދެވޭނެއެވެ. ނަމަވެސ އަޔާޒު އެކަން ޤަބޫލުކުރާކަށް ބޭނުމެއްނުވެއެވެ. އެއީ ކިހިނެއް ވާނެކަމެހެއްޔެވެ؟ އެއީ މީހެއްގެ އަތްބެކެވެ. އަހަރެން މިއީ........އަޔާޒުގެ ޚިޔާލުތަށް މިހާހުސާބަށް ދިޔަތަނާ މުންދުރުގެ ކެއުން ގެނެސްފިއެވެ.

'' މެންދުރު ކެއުމަށް އިންސާފު ކުރަނީތަ؟ ދަރިފުޅާ ކޮބާ ހަމީދު؟'' މޫސަ އިށީންނަމުން އެއްސެވެ.

'' ހަމީދު ދިޔައި ރައްޓެއްސަކާއެކު ބޭރަށް. ނޭނގޭ އަންނާނެ އިރެއް!'' ރީނާ ޖަވާބު ދިނެވެ.

'' އެކަމަކު މިގެއަށް ތިހެން އަންނައިރު ހަމީދުވެސް ގޮވައިގެން އަންނަނަމަ.'' މޫސަ ޝަކުވާކުރިއެވެ.

'' ލައްބަ. ދެން އަންނަ ދުވަހު ހަމިދު ގެނެވޭތޯ ބަލާނަން.'' ރީނާގެ ޖަވާބުގައިވަނީ އުންމީދެއްނެތް ރާގެކެވެ.

މަންމަމެންގެ ގޭގައި އުޅެފައި ރީނާއަށް ގެއަށް ދެވުނީ ހަވީރުވީފަހުންނެވެ. ރީނާގެއަށް އައި އިރު ހަމީދު ހުރީ ވަރަށް ބޮޑަށް ނުރުހިފައެވެ.

'' ކީއްވެތަ ތިހާތި ލަސްވީ؟'' ހަމީދު ސުވާލުކުރިއެވެ.

'' މަންމަމެންގެ ގެއަށް ގޮސްފަ އެހާއަވަހަކަށް ނާދެވޭނެއެއްނު!'' ރީނާ ހަމީދުގެ ސުވާލަށް ޖަވާބު ދިނެވެ.

'' އެކަމަކުވެސް ހެވޭ! ނޭނގޭތަ ތިމާގެ ފިރިއެއް ހުންނަކަންވެސް؟'' ހަމީދު ރުޅި ދިޔައީ ގަދަވަމުންނެވެ. ރީނާ އެކަށްޗެކޭވެސް ނުބުނެ ކޮއްޅަށް ހުރީއެވެ. ހަމީދު ކިޔަމުން ދިޔައެއްޗިހިން ރީނާއަށް ރޮވުނެވެ. ހަމީދު މިހާރު އޭނާއަށް އަޅާނުލާކަން ފާހަނގަ ކުރެވުނެވެ.

'' މިހާރު ކޮޓަރިއަށް ވަދެ އެތާގައި އޮވޭ!'' ހަމީދު ހަރުކަށް ރާގުގައި ބުނެލިއެވެ. ރީނާ ރޮމުން ދުވެފައިގޮސް ކޮޓަރިއަށް ވަދެ އެދުމައްޗަށް ބަންޑުން ވެއްޓި ރޯންފެށިއެވެ.

ދުވަހަށްކަށް ވުރެ ދުވަހެއް ހަމީދުގެ ހަރުކަށިވުމާއި އަޅާލުން ކުޑަވަމުން ދިޔައެވެ. އޭނާގެ ރައްޓެހިންނާއެކު ގޭތެރޭގައި ސިނގިރޭޓާއި އެނޫންފަދަ ތަކެތި ރީނާއަށް ފެންނަހިސާބުގައި ބޭނުން ކުރަމުން ދިޔައެވެ. ރީނާ އެމަންޒަރު ބެލުމަށް ކުޅަދާނައެއް ނުވިއެވެ. މިހާރު ހަމީދުގެ ކިބައިން ފެންނަމުންދަނީ އޭނާގެ އަސްލު ހަޤީގަތެވެ. އެހަޤީގަތް މިއަދު ރީނާއަށް އެނގުނު ނަމަވެސް މާކުރިން އޭނާގެ ރައްޓެހިންވަނީ މިހަޤީގަތް އޭނާއަށް ކިޔައިދީފައެވެ. އެކަމަކު މިއަދު ކުރާނެ ކަމެއް ނެތެވެ. މިހާރުވަނީ ވަގުތު ފާއިތުވެފައެވެ. ހަމީދުގެ ވީޔާނުދާ އުޅުމުގެ ސަބަބުން ދެމީހުންގެ ދެމެދުގައި ޒުވާބުކުރުންތަށް ގިނަވެއްޖެއެވެ. ރީނާއަކަށް އެއްވެސް ކަމެއް ރަނގަޅަކަށް މިހާރަކު ކުރެވޭކަމަކަށް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ހަމީދު ރީނާއަށް އަނިޔާކުރަން ފަށައިފިއެވެ. އެއަނިޔާތަކަށް ކެތްކުރަން ރީނާއަށް ވަނީ މަޖުބޫރުވެފައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މައިންބަފައިންގެ ނުރުހުމުގައި ކުރެވުނު ކައިވެންޏަކަށް ވީތީއެވެ. ރަށްޓެހިންގެ އަގުހުރި ނަސޭހަތް އަޑު ނޭހީތީއެވެ. އޭނާދެކެ އެހާލޯބިވި އަޔާޒުއަށް ބޭވަފާތެރި ވެވުނީތީއެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. ކެތް ކުރަންވީއެވެ....

ވަގުތަކީ މަގުމަތި ހަލަބޮލި ވެގަތް ވަގުތެވެ. ހެދުނުގެ ފިނިފިނި ވައިޖެހެމުން ދިޔައެވެ. ހަމީދު އާދައިގެ މަތިން އޮފީހަށް ދިޔުމުގެ ތައްޔާރީތަށް ވަމުން ދިޔައެވެ. ރީނާ އޮތީ ހުވަފެނީ ދުނިޔެއެއްގައި ނިދާފައެވެ. ކުއްލިއަކަށް ރީނާއަށް ހޭލެވުނީ ހަމީދު އޭނާގެ ބޮލުގެ އިސްތަށިގަނޑުގައި ހިފާ ކޮޅަށް ތެދުކުރުމުންނެވެ.

'' އަދިވެސް ނިދަނީތަ؟ ކޮބާ މަގޭ އިސްޓާކީނުތައް؟ މިހާރު އެހޯދާ!'' ރީނާ ކޮއްޕާލަމުން ބުންޏެވެ.

'' އައްދޯއި! ތިގޮތަށް ކަންތައް ނުކުރިއަސް އެހޯދާށޭ....... ބުނީމަ...... ހޯދާނެއެއްނު!'' ރީނާއަށް ރޮވެން ފެށުނެވެ.

'' ކޮންމެހެން މަގޭ ކުރިމަތީގައި ވާހަކަ ދައްކާނެ ކަމެއްނެތް! ތިގެނޭ!'' ރީނާގެ އަތުން އިސްޓާކީނުތަށް ދަމައިގަންނަމުން ހަމީދު ބުނެލިއެވެ. ރީނާ އެކަށްޗެކޭވެސް ނުބުނެ އިސްދަށަށް ޖަހައިގެން ލޮލުގައިވާ ކަރުނަތަށް ފޮހެމުން ދިޔައެވެ.

'' ސައި ހަދައިދެންތަ؟'' ރީނާ މަޑުމަޑުން އެހިއެވެ.

'' ކޮންމެހެން މަށަށް ސަހިހަދައިދޭނެ ކަމެއް ނެތް!'' ހަމީދު ދަބަސް ނަގައިގެން ދަމުން ބުންޏެވެ. ރީނާއަކަށް ކެތެއް ނުކުރެވުނެވެ. އެދުމަށްޗަށް ވެއްޓި ރޯންފެށިއެވެ. މިހާރު އަބަދުމެހެން ރީނާގެ ކަމަކީ ރުއިމެވެ.

'' އޭ އަޔާޒު ރޮނީތަ؟'' އޭނާއި އެކު އެތާގައި އުޅޭ ކުއްޖަކު ބުންޏެވެ. އަޔާޒު އެކަށްޗެކޭވެސް ނުބުނެ އިނެވެ.

'' މިހާރު އެހެރަ ސިޓީ ލިޔާ ގަޑިޖެހެނީއެއްނު. ދެން ދެރަނުވެބަލަ! މާތްﷲގެ އިރާދަފުޅުން އަހަރެމެން ސަލާމަތް ވާނެ.'' އެމީހާ ވަރަށް އޯގަތެރިކަމާއެކު ބުންޏެވެ.

އާދަވެގެން މިއަދަކީ އެމީހުންގެ އާއިލާ މެންބަރުންނަށް ސިޓީ ލިޔުމަށް ހަމަޖެހިފައިވާ ދުވަހެވެ. މިއަދު އަޔާޒްގެ ސިކުނޑީގައި އެބުރެމުންދަނީ ރީނާގެ ފަރި ސޫރައެވެ. ރީނާއާއި އެއްކޮށް ހޭދަކޮފައިވާ އުފާވެރިވަގުތެވެ. އެއީ ކީއްވެ ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އެހަނދާންތައް ކުރެވޭ ކޮންމެ ފަހަރަކު އޭނާއަށް ހީލެވެއެވެ. ރީނާކުރާ މަޖާކަންތަކުންނެވެ. އެހެންނަމަވެސް ފަހުން އެކަމާ ދެރަވެއެވެ. ހިތާމަކުރެވެއެވެ. އޭނާގެ ހިތުގައި ރީނާގެ މައްޗަށް އޮތް ލޯތްބާއި ކުލުނު ހާމަކުރުމަށް އަޔާޒް ރީނާއަށް ސިޓީއެއް ލިޔުނެވެ.

ލޯބިވާ ރީނާއަށް.

ހެޔޮދުއާ އާއި ސަލާމް.

ކަލާގެ ހަޔާތް އުފާވެރިކަމާއި ބާއްޖަވެރިކަމުގައި ވާނޭކަމަށް އުންމީދު ކުރާހާލުގައި، މިނިކަމެތި އަޅާގެ ހާލު ބަޔާން ކުރުމަށްވުރެ ނުކުރުން ރަނގަޅުވާނޭކަމަށް ހީކުރަމެވެ. ސަބަބެއް ނެތިއެއްނޫނެވެ. މިތާގެ އަކަނިވެރިކަމާއި އަދިރިކަން ކަލާއަށް ނުވިސްނޭނެތީއެވެ. ނަމަވެސް މިހިތުގައި ތިބާގެ ސޫރަ އަބަދާއި އަބަދު ސިފަވެވެ ހުރެއެވެ. ކަލާފެނޭތޯ އަބަދާއި އަބަދު އިންތިޒާރު ކުރަމެވެ. އަދި ދުޢާކުރަމެވެ. މިކުރާ އިންތިޒާރުގެ ބޭނުމެއް ނެތްކަންވެސް އެނގޭހާލުގައެވެ.

އޭމަލާއެވެ! މިދުނިޔެއަކީ ކިހާފުރިހަމަ ތަނެއް ހެއްޔެވެ؟ ކިހާ ރީތިތަނެއް ހެއްޔެވެ؟ ނަމަވެސް އެތަނުގައި ޤާނޫނެއް ޤަވާއިދެއް ނެތްނަމަ އެތަނުގެ ބޭނުމެއް އޮންނާނެ ހެއްޔެވެ؟ މީގެ ޖަވާބު ދީބަލާށެވެ. ކޮންމެތަނެއް ގައިވެސް ރީތިހުތުރު މީހުން ދިރިއުޅެއެވެ. ބޭރުފުށުން ކިތައްމެ ރީތިކޮށް ކުލަޖެހިފައިވާ މީހުން ތިއްބަސް އެމީހެއްގެ ގައިގައ އަޚްލާގީ ސުލޫކުގެ ކަންފުޅެއްވެސް ނެތްނަމަ އެމީހެއްގެ ބޭނުމެއް އޮންނާނެއެއްޔެވެ؟ ކަލާވެސް މިވަގުތީ ދުނިޔެއިން އިސްކަންދިނީ ރީއްޗަށެވެ! އެރީތިކަމަކީ ހުރިހާއެއްޗެއް ކަމަށް ދެކެފީމުއެވެ. އަޚްލާގާއި ސުލޫކަކީ މީހެއްގެ ގައިގައި ހުރުމަށް ކަލާ ޝަރުތުކުރާ ސިފަތަކެއް ނޫނެވެ!

އެކަމަކުވެސް ބުނަންހެއްޔެވެ؟ ރީއްޗަކީ ވަގުތީ އެއްޗެކެވެ! އަޚްލާގަކީ ދާއިމީ އެއްޗެކެވެ! އެއީ ދިރިއުޅުމުގެ ރޫޙެވެ! އުފާވެރި ހަޔާތެއްގެ ތަޅުދަނޑިއެވެ. އެހެންނަމަވެސް ބުނަން ހެއްޔެވެ؟ އަހަރެންގެ ހިތްއަބަދުވެސް ވަނީ ކަލާއަށް ދެވިފައެވެ. އެއީ ކަލާގެ ލޯބި އަދިވެސް ލިބޭތޯއެވެ! އެއީ ތިބާ އެލޯތްބަށް ފުރަގަސްދިން ލޯތްބެވެ. ދެމީހުންވި އަހުދުތަކާއި ހުވާތަކަށް ބެލުމެއްނެތިއެވެ. އެކުގައި ހޭދަކުރި އުފާވެރި ވަގުތުތަކާއި ބައްދަލުވުންތަކުގެ އަގެއްނެތް ކަމަށް ބުނަމުންނެވެ! އެއީ ނުވާކަމަކަށް ހަދާފައެވެ. އަހަރެންގެ އެއްވެސް ކުށަކާނުލައެވެ. ބުނަން ހެއްޔެވެ؟ ތިޔަފަދަ ދެރައެއް ތިދިނީ ކީއްވެގެން ހެއްޔެވެ؟

މިހިތުގެ ރަނިކަމަނާއެވެ! ކަލާއަށް ނުވިސްނުނު ނަމަވެސް އަދިވެސް ކަލާދެކެ އަހަރެން މިވަނީ ހަޤީގީ ލޯތްބެވެ! ކަލާތިޔައީ މިޒުވާން ހިތުގެ ވިންދެވެ! ފުރާނައިގެ ދިރުމެވެ. ކަލާއަށް ލިބިފައިވާ ރީތި އުޅުމާއި އަޚްލާގާއި އެއްވަރަށް ކަލާ ކިތަށްމެހާވެސް ރީއްޗެވެ! ތިޔަމޫނުގެ އުޖާލާކަން ބަޔާންކުރަން އުނދަގުލެވެ! ތިޔަ ކަޅިރަވަ އެހާމެ އަސަރުގަދައެވެ! ރީތި ފަން ފަން އިސްތަށިގަނޑެވެ! އެހާމެ ހިތްގައިމު ފަރިހިނގުމެވެ!

އެކަމަކުވެސް ބުނަން ހެއްޔެވެ؟ ކަލާއަކީ ހޫރެކޭ ނުބުނާނަމެވެ! ތިޔައީ އެއްމެ ފުރިހަމަ ކަޅިރަވައިގެ ވެރިއާއޭވެސް ނުބުނާނަމެވެ. ކީއްވެގެން ކަން ކަލާއަށް އެނގޭ ހެއްޔެވެ؟ އެއީ ކަލާއަށް ހައްގުނޫން ތަޢުރީފު ކުރަން ބޭނުން ނުވާތީއެވެ! އެއީ ކަލާދެކެ އަހަރެން ހަޤީގީ ލޯބިވާތީއެވެ. ކަލާގެ ނަމުގައި ދޮގު ހަދަން ބޭނުންނުވާތީއެވެ! މިކަން ކަލާއަށް ހަމަ އިހްސާސްވެސް ނުވޭހެއްޔެވެ؟ އަހަރެންނަށް ލިބިފައިވާ ވަގުތު ކޮޅު ހަމަވިއަސް މިހިތުގައި ކަލާއަށް ދީފައިވާ މަޤާމަށް ބަދަލެއް ނާންނާނައެވެ. ބާއްޖަވެރި ހަޔާތަކަށް އެދެމުން ވަކިވެލަމެވެ.

ޝުކުރިއްޔާ.

ރީނާ ސިޓީ ކިޔައިނިމުނު އިރު ހުރީ ކުރި ފުންއަސަރުން ރަނގަޅަށްވެސް ރޮވިފައެވެ.

'' އަޔާޒް އަހަރެންދެކެ ކިހާ ލޯބިވޭހެއްޔެވެ؟ ނަމަވެސް އެއީ އަހަރެންގެ މާޒީއެވެ.''

އެމާޒީ އޭނާގެ ހިތުން ދުވަހަކުވެސް ފިލައިގެނެއް ނުދާނެވެ. އެހެން ނަމަވެސް އެހަނދާންތައް އިޔާދަ ކުރުމުގެ ބެނުމެއް މިހާރުގަ ނެތް ކަން އެނގެއެވެ. ރީނާގެ ހިޔާލުތައް މިހާހިސާބައް ދަތުރުކުރިއިރު އެސާދާ ދެ ލޮލުން ހިތާމައިގެ ކަރުނަތައް އޭނާއާއި އަލްވަދާއު ކިޔަމުންދެއެވެ. ރީނާ އެސިޓީ އޭނާގެ މެޔާއި ލައި ފިއްތާލިއެވެ.

އެވަގުތު އެ ހަމަހިމޭން މާހައުލު ސިއްސުވާލީ ގޭގެ ދޮރު ހުޅުވިފައި ލެއްޕުނު އަޑަށެވެ. ރީނާ އަވަސް އަވަހަށް އަޔާޒް ފޮނުވި ސިޓީ މޭޒުގެ ކަބަޑަށް ލައި ފޮރުވިއެވެ.

'' ރިނާ ކޮންތާކުތަ ތިއުޅެނީ؟'' ކޮޓަރީގެ ތެރެއަށް ވަންނަމުން ހަމީދު ގޮވައިލިއެވެ.

'' މިއުޅެނީ ފާހާނާގައި.'' ރީނާގެ އަޑުއިވުނެވެ. ހަމީދު ކޮޓަރީގެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ހީވަނީ ކޮންމެވެސް އެއްޗެއް ބުނަން އުޅޭހެންނެވެ.

'' ރީނާ! އެއީ ތެދެއްތަ؟'' ހަމީދު ހަރުކަށި ރާގެއްގައި ސުވާލު ކުރިއެވެ.

'' ކޮންކަމެއް؟ ކީކޭތަ ކިޔަން ތިއުޅެނީ؟'' ރީނާ ހަމީދުކުރި ސުވާލުގެސަބަބުން ހައިރާންކަން ލިބުނެވެ.

'' ކޮންކަމެއްހޭ؟ އެ އަޔާޒްގެ މަންމަ މިއަދު މިގެއަށް އައިތަ؟'' ހަމީދުގެ އަޑުގައިވާ ހަރުކަށިކަން އިތުރުވިއެވެ.

'' ކޮން އަޔާޒެއްގެ މަންމައެއް؟'' ރީނާ ހަމީދަށް ފުރަގަސްދިނެވެ.

'' އަހަރެންގެ ކުރިމަތީގައި ދޮގުނަހަދާތި؟ މަމީ ނުލަފާ މީހެއްކަން އަންގާލާނަން.'' ރީނާ ގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައި ހަމީދު، އޭނައާއި ގާތްކޮށްލަމުން ބުންޏެވެ.

'' އައްދޯއި! އަހަރެންނަކީވެސް އިންސާނެކޭ؟ އާނ! އަޔާޒްގެ މަންމަ މިއަދު މިގެއަށްއައި!'' ހަމީދުގެ އަތް ފޮޅާލާފައި ފަހަތަށް ޖެހުނެވެ.

'' ކީއްކުރަން އޭނަ މިގެއަށް އައީ؟'' ހަމީދު ގެ ރުޅި އިންތިހާއަށް އެރިއެވެ. ރީނާ އެއްޗެކޭވެސް ނުބުނެ އެހުރިތާހުއްޓެވެ.

'' ކަލެއަށް އަޑެއްނީވޭތަ؟ ކީއްކުރަންހޭ އޭނަ މިގެއަށް އައީ؟'' ހަމީދު ރީނާގެ ދަތްދޮޅީގައި ހިފައި ފިތްތަމުން ބުންޏެވެ.

'' އެނާ މިގެއަށް އައީ އެއްވެސް.... ކަމަކުގައެއް..... ނޫން! ދަމުން..... ވަދެލީ.'' ރީނާ ރޮމުން ޖަވާބުދިނެވެ.

'' ދަމުން ވަދެލީއޭ! ކަލޭކައިރީގަ ނުބުނަންތަ އެއާއިލާގެ އެއްވެސް މީހަކާ ވާހަކަ ނުދައްކާށޭ! އޭނ! ނީވޭތަ އަޑެއް؟'' ރީނާ އެދުމައްޗަށް ކޮއްޕާވައްޓާލަމުން ހަމީދު ބުންޏެވެ.

'' ހަނދާން ކުރާތި! މީގެ ފަހުން އެ އާއިލާގެ އެއްވެސް މީހަކާ ވާހަކަ ދައްކައިފިއްޔާ ތިއަނގައިން ވާހަކަ ނުދެއްކޭ ވަރުކުރާނަން.'' ކޮޓަރިން ނުކުމުގެން ދަމުން، ހަމީދު އެންމެ ފަހުން ބުނެލިއެވެ. ހަމީދު އެދިޔަ ބާރުގައިި ދަނިކޮށް ތޫހާ އެގެއަށް ވަނެވެ. އަދި ތޫހާ އާއި ދިމާލަށް ކަޅިއަޅައިލައިފައި އެދިޔަ ގޮތަށް ގޮސް ނުކުމެގެން ދިޔައީއެވެ.

ތޫހާ ކުޑައިރުކޮޅަކު ހަމީދާ ދިމާއަށް ބަލަން ހުއްޓެވެ. ހަމީދު ދިޔުމުން ރީނާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

'' ރީނާ! ރީނާ ރޮނީތަ؟ ކިހިނެތްވީ؟ ހަމީދު އަނިޔާ ކުރީތަ؟'' ރީނާ ކޮށްޅަށް ތެދުކުރަމުން ތޫހާ އެއްސެވެ.

'' ތޫހާ ކީއްވެތަ......؟ އަހަރެންނަށް މިހެން މިދިމާވީ އޭނަ ކީއްވެތަ އަހަރެންނަށް....... މިހެން މިހަދަނީ!'' ރީނާ ރޮމުން ވާހަކަ ދެއްކިއެވެ.

'' އަހަރެން ކަން ނޭނގޭ ތިޔަސުވާލު ކުރަންވީ!'' ރީނާ އަށް އެސުވާލު ދެމުން ބުންނެވެ.

'' އޭނާ މިހާރު ވަރަށް ބޮޑަށް...... ބަދަލުވެއްޖެ. ހީވަނީ އަހަރެންދެކެ މިހާރު..... ފޫހިވީހެން، ދެން ކީއްކުރާނީ މިއީ އަހަރެންނަށް އޮތް ގޮތް ކަންނޭގެ......'' ރީނާ ލޮލުން ކަރުނަ ފޮހެމުން ވާހަކަ ދެއްކިއެވެ.

'' ދެން ހުއްޓާލާ ހަމީދަށް ފަހުން ވިސްނޭނެ. އަދި އޭނާއަށް ދިރިއުޅުމަކީ ކޯއްޗެއްކަން ނުވިސްނެނީ ކަން ނޭނގޭ.'' ރީނާ ހިތް ހަމަޖައްސައިދިނުމަށް ތޫހާ ބުނެލިއެވެ.

'' ނުވާނެއެހެނެއް! އޭނަ އަހަރެންދެކެ މިހާރު ލޯތްބެއް........ ނުވޭ!'' ރީނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.

'' ނުރޮއެ ހުއްޓާލާ! ހުރިހާ ކަމެއްވެސް އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެ. ކޮބާ އަޔާޒްގެ ޚަބަރެއް ނުވޭތަ؟'' ތޫހާ މަޢޫޟޫ ބަދަލުކޮށްލިއެވެ.

'' ނޫނޭ! އަޔާޒްގެ ސިޓީއެއް މިއަދު ލިބުނު، އޭނާގެ މަންމަ އެހިފައިގެން މިގެއަށް އައީމަ މިވަރު އަރުވާލީ.'' ރީނާ އަޔާޒްގެ ވާހަކަ ކުރުކޮށް ކިޔައިދިނެވެ.

'' ކީކޭތަ އޮތީ؟ އޭނާގެ ހާލު ރަނގަޅުތަ؟

ރީނާ އަޔާޒް ފޮނުވި ސިޓީގެ ކުރު ހުލާސާއެއް ތޫހާއަށް ކިޔާއިދޭން ފެއްޓިއެވެ. ތޫހާ އުއްމީދުވެސް ކޮށްގެން ހުރީ އެފަދައިންނެވެ.

'' އެހެންވީމައޭ މަބުނީ އަޔާޒް މާރަގަނޅުވާނޭ. އޭރު ރީނާ ގަބޫލެއް ނުކުރީމެއްނުން!'' ތޫހާ އަޔާޒްއަށް ތަޢުރީފް ކުރިއެވެ.

'' މަށެއް ހިއެއްނުކުރަން މިހެން ކަންތައްތައް ވެދާނެއެކޭ.'' ރީނާގެ ޖަވާބް ކުރެވެ.

'' ދެން އެންމެ ރަނގަޅު. މިހާރު ގެއަށްދާ ގަޑިޖެހެނީ، ދެން ދަނީޔޭ އިނގޭ.'' ތޫހާ ދަމުން ބުނެލިއިއެވެ.

'' އާނ! އަދިއަންނަށްޗޭ. އަހަރެންވެސް ތިގެއަށް ދެވޭތޯ ބަލާނަން....'' ތޫހާގެ ސަބަބުން ރީނާއަށް ހިތްހަމަޖެހުމެއް ލިބުނެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. އާއިލާގެ މެމްބަރުންނާއި ވަކި ވަކި ފަރުދުން ހަވީރުގެ ވަގުތުގައި ހިގާލަން ނިކުމެ އުޅެއެވެ. ރީނާވެސް އާދަވެގެން އޭނާގެ މައިންބަފައިންގެ ގެޔަށް ދިއުމަށް ހިނގަމުންދިޔައެވެ. އެވަގުތު މަގުގެ އަނެއްފަރާތުގައި ހުރި ފިހާރައެއްގެ ތެރޭގައި ހަމީދުއާއި އަންހެންކުއްޖަކު ވަރަށް ގާތްކޮށް ގޯޅިކޮށް އުޅެމުންދިޔަ މަންޒަރު ރީނާއަށް ފެނުނެވެ. އޭނާއަށް ކުއްލި ހައިރާންކަމެއްލިބުނެވެ. އިތުރު ހިތްދަތިކަމެއް ލިބުން ނޫން ކަމެއް ނުވާނެތީ، އެމަންޒަރު ބަލާކަށް އޭނާ ބޭނުމެއްނުވިއެވެ. އެހުރިގޮތަށް އައިކޮޅަށް އެބުރިދާން ހިނގައިގަތީއެވެ.

'' ދަރިފުޅާ ކިހިނެތްވީ؟'' ރީނާ ގެއަށް އައި ގޮތުން ހަމީދުގެ މަންމައަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެނގުނެވެ. ހަމީދު ރީނާއަކާ އަޅައިނުލިޔަސް އޭނާގެ މައިންބަފައިން ކިތަންމެހައިވެސް ރަނގަޅެވެ. އެހާމެ ހެވެއެވެ.

'' ކަމެއްނުވޭ މަންމާ!'' ރީނާ އެދިޔަގޮތަށް ގޮސް ކޮޓަރިއަށް ވަދެއްޖެެވެ. ސަކީނާގެ ހިތުގައި އެތަށް ސުވާލު ތަކެއް އުފެދިގެން ދިޔައެވެ. މިހާުރު ރީނާގެ ބައިވެރިޔަކީ ރުއިމެވެ. ހިތާމަ ކުރުމެވެ.

'' ހަމީދު އަހަރެންނަށް އެގޮތަށް ބޭވަފާތެރި އެވަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ކޮންކުށެއް އޮވެގެން ހެއްޔެވެ؟'' އެވަގުތު ރީނާގެ ޚިޔާލަށް އައީ އަޔާޒް އާއި އެއްކޮށް އޭނާ ހޭދަކުރި އުފާވެރި ވަގުތުތަކެވެ. އެ އޯގާތެރި ފިރުމުން ތަކެވެ. އޭނާ އުފަލުގައި ބެހެއްޓުމަށްޓަކައި އަޔާޒް ކުރާ ކަންތައްތަކެވެ. މިހާރު ރީނާ ދެރަވެއެވެ. އެފަދަ އޯގާތެރި ވަފާތެރި ލޯބިވެރިޔަކު ދޫކޮށް ލެވުނީތީއެވެ.ީ

'' ހަމީދާއާއި އަޔާޒް ކިހާ ތަފާތް ހެއްޔެވެ؟ ހަމީދުއަކީ މިއަދު އޭނާގެ ފިރިއެއްގެ މަގާމުގައި ހުއްޓެއްކަމަކު އެއަށް ވުރެ މާދަށު ދަރަޖައަށް ވެއްޓިފައިވާ މީހެކެވެ. އެއީ އިންސާނެއް ހެއްޔެވެ؟ އިންސާނުން އެގޮތަށް ކަންތަކެއް ނުކުރާނެވެ. ލޯތްބެއް ނުދެއެވެ. އަބިފިރި ކަމުގެ ގުޅުމެއް ނުބާއްވައެވެ. އޭނާގެ ކަމަކީ އަބަދު ރައްޓެހިންނާއިއެކު ގެއިން ބޭރުގައި އުޅުމެވެ. ކީއްކުރާނީ ހެއްޔެވެ؟'' ރީނާ އެޚިޔާލު ތަކުގެ ތެރެއަށް ގެއްލިފައި އޮތް އިރެއްވެސް ނޭނގެއެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ.

'' ދަރިފުޅާ ރީނާ! ބައްޕަ އެބަ ހޯއްދަވާ.'' ހަމީދުގެ މަންމަ ސަކީނާ ކޮޓަރީގެ ދޮރުހުޅުވާލާފައި ރީނާއަށް ގޮވާލިއެވެ.

'' ލައްބަ މަންމާ. މިދަނީ!'' ކަރުނަތައް ވަންހަނާ ކުރަމުން ރީނާ ބުންޏެވެ. ރީނާ ގޮސް ހަމީދުގެ ބައްޕަ އިސްމާއީލްގެ އެއްފަރާތުގައި އިށީދެއްޖެއެވެ.

'' ދަރިފުޅާ މިހާރު އަހަރެމެންނަކީ ވެސް ރީނާގެ މައިންބަފައިން ކަހަލަ ބައެއް، ކޮންކަހަލަ މައްސަލަ ތަކެއްތަ ޖެހިގެން މިއުޅެނީ؟'' އިސްމާއިލް ރީނާ އާއި ސުވާލު ކުރިއެވެ. އެ ވަގުތު ރީނާ ހިތްފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ރީނާ ކިތައްމެ ވަރަކަށް އޭނާގެ ލޮލަށް ބަރުވެފައިވާ ކަރުނަތަށް ހިފަހަށްޓާލަން މަސައްކަތް ކުރިނަމަވެސް، އޭނާގެ އިޚްތިޔާރަކާނުލައި ކަރުނަތައް ފައިބާން ފެށިއެވެ.

'' އަހަރެން އެވާހަކަތައް ކިޔައިދޭނީ ކިހިނަކުން ހެއްޔެވެ؟ ހަމަޔަގީނުންވެސް ހަމީދުގެ މައިންބަފައިން އެވާހަކަ ތަކެއް ގަބޫލެއް ނުކުރާނެވެ. ކުށްވެރި ވަންޏާވެސް ކުށްވެރި ވާނީ އަހަރެންނެވެ! މިއީހަމީދުގެ ގެއެވެ. އޭނާގެ މައިން ބަފައިންނެވެ! އަހަރެންނަކީ ބީރައްޓެއްސެކެވެ!''

'' ކަމެއް ނުވޭ ބައްޕާ. ހަމީދު އަބަދު ބޭރުގަ އުޅޭތީ ދެރަވަނީ.'' ހަމީދުގެ ވާހަކަތައް ވަންހަނާ ކުރަމުން ރީނާ ވާހަކަ ދެއްކިއެވެ.

'' އެހެނެއް ނުވާނެ! ދަރުިފުޅު ތިހަދަނީ ދޮގުކަން ބައްޕައަށް އެނގޭ! ހަމީދުގެ ގޮތް ގަނޑު ބައްޕައަސްވެސް އެނގޭ! ބައްޕައެއްވެސް ނޭދެން ތިދެކުދިން ވަކިވެގެން ދާކަށް.'' އިސްމާއިލް ވާހަކަ ދައްކަމުން ގެންދިޔައެވެ. ރީނާއަކަށް އޭނާގެ ނަފްސް ކޮންޓްރޯލެއް ނުކުރެވުނެވެ. އިހުނަށްވުރެވެސް ބޮޑަށް ރޮވެންފެށުނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.