ބުރާސްފަތި20190425

އާކުރެވުނީ: 08:43:52

އެއީ ތަޤުދީރުގައިވާ ގޮތެވެަ

ދެވަނަބައި:

'' ކޮބާ ކިހިނެއް؟ މިހާރު ހާދަނުފެނެޔޭ! އަދި ބައްދަލެއް ވެސްނުވޭ. އަނެއްކާ ކަންތައް ގަނޑެއް ހިންގަނީތަ؟'' ހަމީދު ސުވާލުތައް އޮއްސާލިއެވެ.

'' އަހަރެންތަ ކަންތައް މިހިންގަނީ! ހަމީދެއްނު ދުވާލަކު ކުއްޖަކު އަތުއަޅުވާލައިގެން ތިއުޅެނީ! އަހަރެން ކަންތައް ގަނޑެއް ހިންގިޔަސް ނުހިންގިޔަސް އެއީ މިހާރު ހަމީދަކާއި ބެހޭކަމެއްނޫން! އަނެއްކާ މިރޭ ތިގުޅީ ކޮޓަރިއަށް ވައްދާނެ ކުއްޖަކު ނުވެގެންތަ؟'' އެހެން ބުނެފައި ފޯނު ވަރަށް ބާރަށް ބޭއްވިއެވެ. އަނެއްކާވެސް ފޯނު ރިންގް ވާން ފެށިއެވެ. ރީނާއަށް ހީކުރެވުނީ މިފަހަރުވެސް އެގުޅީ ހަމީދު ކަމަށެވެ. އެހެންވެ ފޯނުގެ އަތްގަނޑު ނެގުމަށްފަހު ވަރަށް ބާރަށް ބުންޏެވެ.

'' ކިހާ ބޮޑު ކަމެއްތަމީ! ކޮންމެހެން މަށައް ގުޅާނެކަމެއް ނެތް!'' މިހެން ހަމަބުނުމާއެކު އެކޮޅުން އިވުނީ ރީނާ އެއްމެ ހިތްއެދޭ އަޑުގެ ވެރިޔާގެ އަޑެވެ.

'' ހާދަ ރުޅިއައިސްފައި.'' އަޔާޒް އެހެން ބުނުމުން ރީނާއަށް ވީގޮތެއްވެސް ނޭގުނެވެ. އޭނާގެ އަޑު ބެދުނު ކަހަލައެވެ. ހުރިތަނަށް ގާވިކަހަލައެވެ.

'' ކިހިނެއްވީ؟ އަނެއްކާ އަހަރެން ދެކެ ތުޅިއައިސްފަތަ؟'' މިފަހަރުވެސް ވާހަކަދެއްކީ އަޔާޒް އެވެ.

'' އުނހު! އަހަރެން ކީއްކުރަން އަޔާޒް ދެކެ ރުޅިއަންނަންވީ.'' މިހެން ހަމަބުނުމާއެކު އަޔާޒްގެ ހިތް އުފަލުން ފުރިގެން ދިޔަކަހަލައެވެ.

'' އަސްލު ވީގޮތަކީ މީހަކު ހަމަ ޖެއްސުމަށް ގުޅަނީ! ދެންމެވެސް ގުޅި، އަހަރެން ހީކުރީ މިފަހަރުވެސް ގުޅީ އޭނާއޭ. އެހެންވެ އެހެންބުނެވުނީ. ސޮރީ އިނގޭ!'' ރީނާ މައާފަށް އެދުނެވެ.

'' އެއީ އެހާވަރުގެ ކަމެއްނޫން. ނަސީބެއްނު ހިތް ނުހުއްޓުނުކަން.'' އަޔާޒް ބުނެލިއެވެ.

'' ހޫނ! އަޔާޒް ކިހިނެތްތަ؟'' ރީނާއެއްސެވެ.

'' އަހަރެންގެ ހަމަ އެކަލަ ގޮތެއް. ރީނާއަށް އެނގޭތަ މިއުޅެނީ ހިތުގެ މައްސަލައެއް ޖެހިގެންނޭ. ކިހިނެއް ހަދާނީ؟'' އަޔާޒު އޭނާގެ އެދުން ހާމަކުރިއެވެ.

'' ޑޮކްޓަރަށް ދައްކާ އޭރުން ރަނގަޅުވާނެ އެއްނު.'' ރީނާ އޭނާއަށް ވިސްނޭގޮތް ހާމަކުރިއެވެ.

'' ޑޮކްޓަރު ބުނަނީ އޭނާގެ ކިބައިގައި މިބަލީގެ މަޢުލޫމާތެއް އަދި ޝިފާއެއްވެސް ނެތޯ. އަހަރެން ކިހިނެއް ހަދާނީ. މިބަލީގެ ޝިކާރަވެރިއެއްގެ ގޮތުގައި މާގިނަދުވަހަކު ދުނިޔޭގައި ނުހުރެވޭނެ ކަންނޭނގޭ.'' އަޔާޒު ދެރަވާކަމަށް ހެދިގެން ވާހަކަދެއްކިއެވެ.

'' އަޅެ ކިހިނެއް ހަދާނީ؟ އަހަރެންމީ ހިތުގެ ޑޮކްޓަރެއްނަމަދޯ. އަހަރެން ތިކަން ރަނގަޅު ކޮށްދީފާނަމޭ.'' ރީނާ ދެރަވެފައި ވާހަކަ ދެއްކިއެވެ. މިގޮތަށް ދެމީހުން އެކިއެކި ވާހަކަތައް ދެއްކިއެވެ. އެރޭ އެއްމެ ބޮޑު އުފަލެއް ލިބުނީ އަޔާޒް އަށެވެ. އެއީ ރީނާއަށް ގުޅުމުގެ ހުއްދަލިބުމުންނެވެ. އަޔަޒް އަކީ މީގެ ކުރިން އެންހެން ކުދިންނަށް ގުޅި ޒުވާނަކަށް ނުވުމާއެކު ނާޝްގެ ޚިޔާލު ހޯދިއެވެ. ރީނާއަށް އޭނާގެ ހިތުގެ އުދާސްތަށް ހުށަހަޅަންވީތޯ ވެސް އެހިއެވެ. ނާޝްއަކީ އަޔާޒުގެ އެންމެ ގާތް އެކުވެރިޔާއަށް ވުމުން އަޔާޒް އަށް ދެރަގޮތެއް ވުމަށް ނާޝް އެއް ނޭދެއެވެ. ފުރަތަމަވެސް ދިން ލަފައަކީ އެހާއަވަހަށް ލޯބި ހުށަނޭޅުމަށެވެ. އެންމެ ފުރަތަމަ ދެމީހުން ގާތް ގުޅުމެއް އުފެއްދުމަށެވެ. އެކަކު އަނެކަކަށް އިތުބާރު ކުރެވެން ފެށުމުން ލޯބި އޭގެ އެންމެ ފުރިހަމަ ގޮތުގައި ހުށަހެޅުމަށެވެ. އަޔާޒް ވެސް މިކަމާ އެއްބަސްވިއެވެ.

އެދުވަސް ކޮޅަކީ ހަމީދު ޖަލުން ސަލާމަތް ވެގެން މާލެއައިސްގެން އުޅުނު ދުވަސްކޮޅެވެ. ރީނާއަށް ހަމީދުގެ ފަތިފުށެއްހާ މިންވަރުވެސް ނޭނގެއެވެ. އޭނާއަކީ މާލޭގެ މުއްސަނދި އެހާމެ މަޝްހޫރު އާއިލާއަކަށް ނިސްބަތްވާ ޒުވާަނަކަށް ވީތީ ކޮންމެ ރޭގަނޑާކާއި ދުވާލެއް ހޭދަކުރަމުންދަނީ ރީނާއަށް ފޯނުން އުނދަގޫ ކުރުމުގައެވެ. ހަރުދަނާ ގުޅުމަށް އިންތިޒާރު ކުރަމުންދާ އަޔާޒް ގުޅަމުންދަނީ ލޯތްބާއެކުގައެވެ. އަދި ރީނާއަށް ނޭނގޭ ގޮތަށް ވަށްބަހުން ލޯބިވާ ވާހަކަ ބުނަމުންދެއެވެ.

ރީނާއާއި އަޔާޒްގެ ފޯނުގެ ގުޅުމަށް މަސްދުވަސްވެއްޖެއެވެ. އަދި ހަމީދު ގޭބަންދުން ދޫކޮއްލައިފިއެވެ. އޭރު އޭނާހުރިވަރަށްވުރެ މާދޮންވެ ހަށިގަނޑު ވަރުގަދެވެ ރީތިވެއްޖެއެވެ. އަޔާޒް މަދުމަދުން މިހާރު ރީނާއާއި އެކު ހިނގާލަން ދިއުންފަދަ ކަންތަށް ކުރަން ފަށައިފިއެވެ. މިރެއަކީ އަޔާޒް ރީނާއާއި އެކު ހިނގާލަންދާން އޮތް ރެއެވެ. ނަމަވެސް ތަފާތު ރެއެކެވެ. އަޔާޒް މިރެއަށް ވަރަށް ފުރިހަމައަށް ތައްޔާރުވިއެވެ. ގިފްޓް ޝޮޕަކުން ރަތް ފިނިފެންމަލެއް ގަނެލިއެވެ. އޭނާ އެމަލަށް ބަލާލެވޭ ކޮންމެ ފަހަރަކު ހިތަށް އަރައެވެ. މިމަލުގެ ރީތިކަމަކީ ކަލާގެ ކިބައިން ލިބިފައިވާ ރީތިކަމެއް ހެއްޔެވެ؟ މިމަލަށް ލިބިފައިވާ މީރުވަހަކީ ކަލާގެ ކިބައިން ލިބިފައިވާ މީރުވަހެއް ބާއެވެ؟ އެކަމަކު ބުނަމެވެ! މިމަލަށްވުރެ ކަލާ މާރީއްޗެވެ. މާފުރިހަމައެވެ.

މިރެއަކީ އަޔާޒްގެ ހިތުގައި އާސަފްހާއެއް ހުޅުވިގެންދާނެ ރެއެކެވެ. ސަބަކީ މިރެއަކީ އޭނާގެ ލޯބި ރީނާއަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހުށަހަޅެމަށް އޭނާ ބޭނުންވާ ރެއެވެ.

ރޭގަނޑުގެ މާހައުލު ވަރަށްހިތްގައިމެވެ. އެހާމެ ފުރިހަމައެވެ. ސާދަވިލޭރޭގެ ހަނދު އޭގެ އެއްމެ ފުރިހަމަގޮތުގައި އެދެމީހުނަށް މަރުހަބާ ކިޔުމަށް އޭގެ އެކުވެރިންނާއެކު މަޑުކޮށްގެން ތިބިކަހަލައެވެ. ދެމީހުން ހިނގަމުން ގޮސް ދަރުބާރުގޭ ފުރަގަހުގެ ހިތްގައިމު މާހައުލުގައި މަޑުކޮށްލިއެވެ.

'' ރީނާ! އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އެބައޮތް!'' ރީނާގެ ޝައުގުވެރިކަން ހޯދަމުން އަޔާޒް ބުންޏެވެ.

'' ކޮންވާހަކައެއްތަ؟'' ފުންނަޒަރަކުން ރީނާ އަޔާޒަށް ބަލައިލިއެވެ.

'' މިސާލަކަށް އަހަރެން ރީނާދެކެ ލޯބިވެޔޭ ބުނެފިނަމަ ކީކޭ ބުނާނީ؟''

ރީނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

'' މިިސާލަކަށް އަހަރެންވެސް އަޔާދެކެ ލޯބިވެޔޭ ބުނެފިނަމަ ކީކޭ ބުނާނީ؟'' ރީނާ ހަމައެސުވާލު އަޔާޒަށް ކުރިއެވެ. އަޔާޒުއަށް ހުއްޓުން އެރިއެވެ. އަދި ހިނިވެސް އައެވެ. ރީނާގެ ވިސްނުންތެރިކަމާ މެދު ހައިރާންވިއެވެ.

'' އެހެންވެއްޖިއްޔާ........އަހަރެން އާނއެކޭ ބުނެފިނަމަ ރީނާގެ ޖަވާބަކީ ކޮބާ؟'' އަޔާޒް ވިސްނާލާފައި އިނދެ ޖަވާބުދިނެވެ. ރީނާއަށް އެއްޗެއް ބުނުމަށް ކުޅަދާނައެއް ނުވިއެވެ. އަދި ލަދުވެތިކަމާއެކު އިސްދަށަށް ޖަހައިލިއެވެ.

'' ހިތްހަމަ ނުޖެހުނީތަ؟'' އަޔާޒްގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ.

ނޫނެކޭ ބުނާގޮތަށް ރީނާ ބޯ ހޫރުވާލިއެވެ. އޭނާވެެސް އަޔާޒް ދެކެ އެހާ ލޯބިވެއެވެ. އެކަމަކު އެކަން ހާމަކުރުމަށް ލަދުގަންނަނީއެވެ.

'' އެހެން ވެއްޖިއްޔާ........ ތީގެ މާނައަކީ އާނއެކޭތަ؟'' އަޔާޒް ރީނާގެ ދަތްދޮޅީގައި ހިފާފައި ރީނާ އާއި ހަތަރުކަޅި ހަމަކުރިއެވެ.

'' އާނ!..... އަޔާ އަހަރެންދެކެ ލޯބިވާގޮތަށް އަހަރެންވެސް އަޔާދެކެ ވަރަށް ބޮޑަށް ލޯބިވޭ! އަސްލުނޭނގޭ އެއީ ކީއްވެކަމެއް! އަހަރެން އަޔާ އާއި ބައްދަލުވިފަހުން ތިއަށްވުރެ ބޮޑަށް ޓްރަސްޓު ކުރެވޭ މީހަކު ނެތީ ކީއްވެ ކަމެއް ޚުދު އަހަރެން ނަކަށްވެސް ނޭނގޭ!'' އަޔާޒްގެ އަތުގައި ހިފަމުން ރީނާ އަޔާޒް ދެކެ ލޯބިވާވަރު ހާމަކުރިއެވެ.

'' ރީނާ ހަމަ ތިހާވަރަށް އަހަރެން ދެކެ ލޯބިވޭތަ؟ އަހަރެންނަކަށް ނޭނގޭ އަހަރަން ރީނާދެކެ ލޯބިވާ ވަރު ހާމަކޮށްދޭނެގޮތެއް، އެކަމަކު މިއީ އަހަރެން ރީނާއަށްދޭ ލޯބީގެ ފުރަތަމަ ހަދިޔާ.....!'' އަޔާޒް އޭނާ ގެނައި ރަތް ފިނިފެންމާ ރީނާއަށް ދިނެވެ.

'' ތޭންކްސް.'' އެމަލުގެ ވަސް ގަންނަމުން ބުނެލިއެވެ. އަޔާޒް އެމަންޒަރު ވަރަށް ފަރުވާތެރިކަމާއެކު ބަލަންހުއްޓެވެ.

'' ދެން ތިވަރަށް ނުބަލަބަލަ.'' އަޔާޒު މާވަރަކަށް ބަލާތީ ރިނާ އިނީ ލަދުންނެވެ.

'' ހާދަ ފަރި މޫނެއް. ކިހިނެއް ނުބަލާ އިންނާނީ. އަހަރެންގެ ހިތަށް އަރާ މުޅިއުމުރަށްވެސް ތިފަރިކަމަނާ އަހަރެންނަށް ލިބޭނެ ނަމައޭ.'' އަޔާޒް މަޑުމަޑުން ސަމާސާ ރާގަކަށް ބުންޏެވެ.

'' އާނ! އަހަރެން މުޅިއުމުރަށް ވެސް އަޔާ އަށްޓަކައި ހުންނާނަން. އެކަމަކު.........''

'' ..... އެކަމަކު ކިހިނެއްވީ!'' އަޔާޒްގެ ހިތްނުތަނަވަސް ވިއެވެ.

'' އަހަރެން ސްކޫލް ނިމެންދެން މަޑުކުރަންވާނެވެ. އެއްމެ އަހަރެއްނުންދޯ މިއޮތީ.''

'' ކިހިނެއް މަޑުކުރާނީ. އަހަރެން އޭނާއާއި ބައްދަލު ވޭތޯ ހާދަ މަސައްކަތެއް އެބަ ކުރަމޭ.'' ހަމީދު ދެރަވެފައި ބުންޏެވެ.

'' މަށަކަށް ހިއެއް ނުވޭ ހަމީދުއަށް ތިކަން ކުރެރެވޭނެ ހެނެއް.'' ހަމީދު އެކުވެރި ހަސަން ބުންޏެވެ.

'' އެއީ ކީއްވެ؟''

'' އެއީ ރޭގަ ފެނުނު މަންޒަރަކުން! ރީނާ އާއި އަދި އެހެން ފިރިހެން ކުއްޖަކު ރޭ ދަރުބާރުގެ ކައިރީގައި ތިއްބާ މަށަށް ފެނުނު ވިއްޔާ. އެހެންވެ މިހެން މިބުނީ.''

'' އެއީ ކާކު؟'' ހަމީދުގެ މޫނުގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ.

''މަށަކަށް ނޭނގޭ އެއީ ކާކު ކަމެއް؟ އެކަމަކު އެއީ ކާކުކަން ބަލާލެވިދާނެ.''

'' އާނ! އެކަލޭގެއަށް ހޭއަރުވާލަން ޖެހޭނެ.'' ހަމީދުގެ ހިތުގައި ނަފްރަތުގެ ހުޅުގަނޑު ބޮޑުވަމުން ދިޔައެވެ.

އާދުވަހަކަށް ދުނިޔެ މަރުހަބާ ކުރަމުންދާއިރު އަޔާޒް އަދިވެސް އޮތީ ފޮނިހުވެފެން ތައް ބެލުމުގައެވެ.

''ދަރިފުޅާ ހޭލަބަލަ. މިއަދު އޮފީހަށްވެސް ނުދާ ދުވަހަކީތަ؟'' ފާތުމަ އަޔާޒްއަށް ގޮވަމުން ބުންޏެވެ.

'' މަންމަ އާއި ހެދި ނިދާކަށްވެސް ނޯވެވޭނެ. މަންމާ ގަޑިން ކިހާއިރެއްތަ؟'' އަޔާޒް ޝަކުވާކުރިއެވެ.

'' ހަތްގަޑި ބައި. އަދިވެސް އޮވޭ ނިދަން.''

''ހަތްގަޑިބަޔޭ! އޯޝިޓް. މިއަދު ގަޑިވެސް ޖެހޭނެ. މަންމަ ކީއްވެތަ ކުރިން ނުގޮވީ؟''

'' މަންމައަކަށް ނޭނގޭނެ އެއްނުން. ދަރިފުޅު ތިއީ މީގެ ކުރިން އަމިއްލައަށް ހޭލާ ކުއްޖެއްނު!''

'' އާނ! މަންމަ ދެން ދޭ ސައިހަދައިދެން. އަހަރެން މިދަނީ ފެންވަރައިލައިގެން އަންނަން.''

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.