ބުރާސްފަތި20180913

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ވާހަކަ ބަހަށް އިންތިޒާރުކުރަމުން ދިޔައިރު...

ބަހަށް އިންތިޒާރުކުރަމުން ދިޔައިރު...

busބަހެއް އާދޭތޯ މަޑުކޮށްގެންހުރުމަކީ ވަގުތުބޭކާރު ކުރުމެވެ. އަހަރެން މިބުނި ބަހުގެ މާނައަކީ އެއީ އެއްވެސް އުފެއްދުންތެރި ހަރަކާތެއްނޫނެވެ. ''މަޑުކޮށްގެންހުރުން'' އެއީ ހަރަކާތެއްކަމަށް ކަލާ ބަލާނަމައެވެ. އެކަމަކު މިގޮތަށް ބަހަށް އިންތިޒާރުކުރާއިރު ވަރަށް ޝައުގުވެރިވާކަހަލަ މީހުންނާ ދިމާވެއެވެ. މިސާލަކަށް އަހަރެން ބަސް ސްޓޮޕްގައި އިންއިރު ލައިގަތް އަންހެންކުއްޖާ ނަގަމާ

ހެއްޔެވެ؟ ދިގު، ކަޅުއިސްތަށިގަނޑެއްގެވެރި ނަވާރަވަރަކަށް އަހަރުގެ އެއަންހެންކުއްޖާއާ ބަސް ސްޓޮޕް އިން ދިމާވިއިރު ޔަގީނުންވެސް ދަންވަރު އެއްގަޑިބައި ވެދާނެއެވެ. ބަލާ ބެލުމަށް އޭނާގައި ހުރީ ޔޫރަޕްމީހުންގެ އެހުންނަ ދޮންކަމާ ކަޅުމީހުންގެ މިހުންނަ ކަޅުކަން އެކުވީމާ ހުންނަ ގޮތެވެ. ފަހަރެއްގައި މަންމަ ނޫނީ ބައްޕަ އެއީ ޔޫރަޕް މީހަކަށް ވެދާނެއެވެ. ލޮލުގައިވަނީ އޭޝިޔާމީހުންގެ އެހުންނަ އަސަރެވެ.

އަހަރެން ބަސް ސްޓޮޕްގެ ބެންޗްގައި އިށީނީމެވެ. އަދި ފޮތެއް ނަގައިފީމެވެ. އެއަންހެންކުއްޖާ އަހަރެންނާދިމާއަށް ބަލާލިއެވެ. ބަލާލިގޮތުން ހީވީ އަހަރެން ގާތު ކޮންމެވެސް އެއްޗެކޭ ބުނަން ބޭނުން ވިހެންނެވެ. ނަމަވެސް ހަމަކުއްލި އަކަށް އެހެން ދިމާއަކަށް އޭނާ މޫނު އަނބުރާލިއެވެ. އަހަރެންނާ ހަތަރުކަޅި ހަމަކުރަން ބޭނުންނުވީ ކަންނޭގެއެވެ. ކުޑައިރުކޮޅެއްފަހުން ކުރަކިވެފައިވާ އަޑަކުން އަހަރެން ކުރެން އެއްސެވެ.

'' ގަޑިން ކިހާ އިރެއް؟''

''ދެއެއް ޖަހަން ވިހި މިނިޓް'' އަހަރެން ގަޑިއަށް ބަލަމުން ބުނީމެވެ.

ޝުކުރިއްޔާ! މިހިސާބުގައި ބަސް އަންނަލެއް ވަރަށް ލަސްވާނެ!''

''ދެން ބަސް އަތުވެދާނެ''

''އަވަހަށް އަންނާނެ ކަމަށް ހީކުރަން! އަހަރެން މިތާ މަޑުކޮށްގެން ހުންނަތާ ވިހި މިނިޓް ވީ''

އޭނާގެ އަނގައިން ބަސްތައް އޮހޮރެނީ ވަރަށް ލަހުންނެވެ. އަހަރެން ތަންކޮޅެއް ރަގަޅަށް، އެ އަންހެންކުއްޖާގެ މޫނަށް ބަލައިލީމެވެ. ރީތި މޫނެކެވެ. އެކަމަކު އެރީތިކަމަށް މާބޮޑު އަޅާލުމެއް ނުބަހައްޓާކަން އެނގެއެވެ. ލޮލުގެ ބޮނޑީގައި ޖައްސާފައިވަނީ ދަނބުކުލައަކަށްދާ ފެއްސެކެވެ. ކޯތާފަތްމަތީގައި މާގިނައިން ކުލަ ޖައްސާފައިވާހެންވެސް ހީވެއެވެ. ލޯހުރީ ރަތްވެފައެވެ. ފަހަރެއްގައި ރަގަޅަށް ނުނިދާތީ ވެފައި ހުރި ގޮތަކަށް ވެދާނެއެވެ. އެއީ ރޭގަނޑު ހަތަރުދަމު ހޭލާ މަޖާނަގަން މިއުޅޭ އަންހެންކުދިންތަކުގެ ތެރެއިން ކުއްޖެއްކަން ނޭނގެއެވެ. ޔަގީނުންވެސް އޭނަ ޖަހަނީ އެވައްތަރެވެ. އަހަރެން ގާތު ސިގިރެޓެއް ދޭނަންތޯ އޭނާ އަހާނެ ނަމައޭ ހިތަށް އެރިއެވެ.

''އަހަރެން ކުޑަކޮށް ބަލިވާހެން ހީވަނީ'' ކުޑައިރުކޮޅެއްފަހުން އަންހެންކުއްޖާ ބުންޏެވެ.

''އަހަރެން ވަރަށް ކަންބޮޑުވޭ! އަހަރެން ބޭނުންވަނީ ޑޮކްޓަރަށް ދައްކަން ދާން''

ފަސްޖެހޭ ގޮތަކަށް އަހަރެންނާ ދިމާއަށް އޭނާ ބަލާލިއެވެ. އަންހެންކުއްޖާ އަށް ވާހަކަދައްކަން ހިތްވަރު ދޭކަށް އަހަރެން ބޭނުމެއްނުވިއެވެ. އެހެން މީހުންގެ ސިއްހަތާމެދު ވާހަކަ ދެއްކުންހާ ފޫހިކަމެއް ނޯންނާނެއެވެ.

''ބުނަން!'' އަންހެންކުއްޖާ ފެށިއެވެ. ''އަހަރެން މަސައްކަތްކުރާ ތަނުގެ ބޮޑުމީހާއާ އަހަރެންނާ މައްސަލައެއް ޖެހުނީ! އެހެންވެ ބޮޑަށް ބަލިވީ!''

ބެންޗްގައި އަންހެންކުއްޖާ އިށީނެވެ. އަހަރެން އޭނާއާ ތަންކޮޅެއް ފެއަށް ޖެހިލީ އެހެން މީހުން އަހަރެމެން ދެމީހުންނަކީ އެއްކޮށް އުޅޭބައެއް ކަމަށް ހީކޮށްފާނެތީއެވެ. އެ އަންހެންކުއްޖާ ފެނިފައި ހަމަ ކޮންމެ މީހަކުވެސް ބުމައަރުވާލާނެހެން އަހަރެންނަށް ހީވާތީއެވެ. ލޮލުގެ ބޮނޑީގައި ޖައްސާފައިވާ ފެހިކުލައިގެ އިތުރަށް، އަރައިގެން ހުރި އާދައިގެ ބޯފައިވާންގަނޑުން އިތުރަށް އޭނާގެ އާދަޔާޚިލާފުކަން ހާމަކޮށްދެއެވެ. ކޮންމެއަކަސް ކުރީންވެސް އަހަރެން ބުނިފަދައިން އިށީދެގެން އިން އަށިން ތަންކޮޅެއް ދުރަށް ޖެހިލީ އަހަރެން އެ އަންހެންކުއްޖާއާ މެދު އެއްވެސް ޝައުގުވެރިކަމެއް ނެތްކަން އޭނާއަށް ހާމަކޮށްދިނުމުގެ ނިޔަތުގައެވެ. އެކަމަކު މި ލޯބިގަނޑަށް އެއްވެސް ވަރަކަށް އެކަމެއް ރޭކައެއްނުލިއެވެ. އަނެއްކާވެސް އަންހެންކުއްޖާ ފެށިއެވެ.

''އަސްލު އަހަރެން ހުންނަން ޖެހޭނީ މިހާރު މަސައްކަތުގައި... އެކަމަކު އަހަރެންނަށް ހީވަނީ އަހަރެން ބަލިވާހެން... އަހަރެން ނުވޭ މަސައްކަތަށް ގޮސް ބޮޑުމީހާއާ ކުރިމަތިލާ ހިތެއް...އޭނާ ރަނގަޅު... އަހަންނަކަށް ނޭނގެ ބޮޑުމީހާއާ ދެކޮޅު ހެދުނީ ކީއްވެ ކަމެއް...އަސްލުވެސް އަހަރެން ވަރަށް ދެރަވެއްޖެ.''

''އަހަންނަށް ފެންނަނީ ކަލޭ ޑޮކްޓަރަށް ދައްކަން... ފަހަރެއްގައި ޑޮކްޓަރު ކަލެއަށް ބޭސްދީފާނެ އަރާމުކުރަން...މިބުނީ ފަހަރެއްގައި ނިދާބޭސް ކަހަލަ އެއްޗެއް...''

''އާނ! އަހަރެންނަކަށް ރަގަޅަކަށް ނުވެސް ނިދޭމެ... އަހަރެން އުޅޭތަން އަޑުގަދަ ކަމުން...'' މަގުގެ އަނެއްފަރާތުގައި ހުރި ގެއަކާ ދިމާއަށް އިގިލި ދިއްކޮށްލަމުން އަންހެންކުއްޖާ ބުންޏެވެ.

''އަހަރެން އުޅެނީ އެގޭގައި ކުއްޔަށް''

''އަހާނ! އެހެންވިއްޔާ މިއީ އަދި ކަލޭގެ ރަށެއް ނޫންތާ؟''

އުހުނ! އަހަރެން މިރަށް.. އެކަމަކު ގޭގައި ނޫޅެންވެގެން ... އަހަރެންގެ އާއިލާ އެހާ ރަނގަޅެއްނޫން... ޚާއްސަކޮށް ބައްޕަ ރަގަޅެއްނޫން...''

އެހެންވިއްޔާ ވަރަށް އުދަނގޫވާނެ! ދެރަވާ ވަގުތު ތަކުގައި ހިއްވަރުދޭނެ މީހަކު ހުންނަންޏާ ވަރަށް ފަސޭހަވާނެ'' އަހަރެން ބުނީމެވެ.

''އަސްލު އަހަރެންގެ ބިޓެއްހުރޭ... އޭނަ އުޅެނީ ބޯޓެއްގައި...މިހާރުވީ ނިއުޒީލަންޑުގައި... ވާހަކަ ދައްކާނެ މީހަކު ނެތުމުން ވަރަށް ދެރަވޭ... އަހަރެން ބޭނުންވީ ކޮންމެވެސް މީހަކާ މިވާހަކަތައް ދައްކަން... މިބުނީ... ކަލޭ ފެނުމުން މިވާހަކަތައް ދައްކަން ބޭނުންވީ... ފުރަތަމަ ދައްކާނީބާއޭ، ނުދައްކާނީބާއޭ ހިތަށް އެރި... އެކަމަކު ކޮންމެވެސް މީހަކަށް އަހަރެންގެ ކަންތައްތައް ކިޔައިދޭން ބޭނުންވެފައިހުރީ ...''

މިއީ ހާދަ ދެރަގޮތެއް ވެފައިވާ ކުއްޖެކޭ އަހަރެންގެ ހިތަށް އެރިއެވެ. ކުރިއަށްވުރެ ތަންކޮޅެއް ރަހުމަތްތެރި ރާގެއްގައި ވާހަކަ ދެއްކޭތޯ އަހަރެން ބަލަން ފަށައިފީމެވެ.

''އާނ... މައްސަލަތަކާމެދު އެހެން މީހުންނާ ވާހަކަދެއްކުމުން ވަރަށް ހިތްހަމަ ޖެހޭނެ... ހިތަށް ލުއިވާނެ.''

''އެކަމަކު ނުދަންނަ މީހަކާ ވާހަކަ ދެއްކުމަކީ ވަރަށް އުދަނގޫކަމެއް''

''ބައެއްފަހަރަށް ނުދަންނަ މީހަކާ އެކު މައްސަލަތަކާމެދު ވާހަކަ ދައްކަން ފަސޭހަވާނެ. އޭނައަކަށް ކަލެއެއް ނޭގޭނެ، ކަލެއަކަށް އޭނައެއް ނޭނގޭނެ. އަދި ދެވަނަ ފަހަރަށް އޭނައާ ބައްދަލު ނުވެ، ވެސް ހިނގައިދާނެ.''

''ނުދަންނަ މީހުންނަކަށް އިތުބާރެއް ނުކުރެވޭނެ.''

އާނނން!.. އެކަމަކު ގިނަފަހަރަށް އިތުބާރު ކުރެވޭނެ''

'' އަހަންނަށް ހީވަނީ އަހަރެންގެ މައްސަލައަކީ ހުރިހާ މީހުންނަށް އިތުބާރުކުރުންހެން...އަހަރެންނަކީ ވަރަށް އަވަހަށް ހިތުގައި ޖެހޭ މީހެއް... އަހަރެންނޭ ކިޔައިގެން ވާހަކައެއް ދައްކައިފިއްޔާ ކޮންމެވެސް ގޮތަކުން އެކަން އަހަންނަށް އޮންނަނީ އެނގިފައި... އަހަރެން އެއްވެސް އެއްޗެކޭ ނުބުނަން. ހިތުގައި އެވާހަކަތައް ބާއްވައިގެން ހުންނަނީ... އެކަމަކު ބުނަން! އެމީހުން ހާދަވަރަކަށޭ އަހަރެން ހިތުގައި ޖައްސަނީ!''

''އާނ! އަހަންނަށްވެސް އެނގޭ ވާނެ ދެރަ. އެހެންމީހުންގެ ސަބަބުން އަހަރެންވެސް ދެތިންފަހަރަކު ހިތުގައި ޖެހުނު.'' އަހަރެންގެ ތަޖުރިބާއެއް ހާމަކޮށްލީމެވެ.

''ފިރިހެނުންނަށް އެއީ އެހާ ބޮޑުކަމެއްނޫން... އެމީހުން މާ ވަރުގަދަ ވާނެ. އެ މީހުނަށް ކެތްކުރެވިދާނެ. އެކަމަކު އަހަރެމެން އަންހެން ކުދިން؟ އަހަރެމެން ތަފާތު. މިހާރު އަހަރެން މިހުރީ ވަރަށް ދެރަވެ ބަލިވެފައި، ކުރާނެކަމެއް ނޭނގިފައި... ބޮޑުމީހާއާ އަހަންނަށް ޒުވާބު ނުކުރެވުނު ނަމަ! ދާންވީ ކަންނޭނގެ މާފަށް އެދެން... އަހަރެން ބޭނުމެއް ނުވޭ އަހަރެންނަކީ ނުލަފާމީހެކޭ އޭނާ ހިތަށް އަރާކަށް. އަހަރެން މިހުރީ ވަރަށް ދެރަވެފައި''

އަބަދު އެއްވާހަކަތަކެއް ދައްކާތީ، މައުޟޫ ބަދަލުކޮށްލުމުގެ ގޮތުން އަހަރެން އެހީމެވެ.

ކަލޭ މަސައްކަތް ކުރާތަނުގެ ބޮޑުމީހާ އެއީ ކޮންކަހަލަ މީހެއް؟''

''އޭނަ ރަނގަޅު. އޭނަ އެއީ ދޮންމީހެއް. ދެތިން ފަހަރަކު އަހަރެން އޭނައާއެކު ތަންތަނަށް މަޖާކޮށްލަން ވެސް ދިޔައިން. އަހަރެން އަސްލު އޭނައަކަށް އެހާ، ޝައުގުވެރިއެއްނުވޭ! އެކަމަކު އޭނަ އަހަންނާ ދޭތެރޭ ދެކެނީ ކިހިނެއް ކަމެއް ނޭނގެ''

ވީ ހަމަ އަހަރެން ހީކުރި ގޮތަށެވެ. އެ އަންހެން ކުއްޖާ އަކީވެސް މި އުޅޭ އެހެން އަންހެން ކުދިން ގޮތަށް ދޮންމީހުންގެ ފަހަތުން ދުވާކުއްޖެކެވެ. އަބަދުވެސް އަންހެންކުދިން ދޮންމީހުންގެ ފަހަތުން މުގޯލި އަޅައެވެ. ތިބޭނީ ވެހިގަންނަ އިރަށް ފެންނަގަން ތައްޔާރުވެގެންނެވެ. ރަށުގައި އުޅޭ ގިނަ ދޮންމީހުންނަކީ ވިޔަފާރިވެރިންނެވެ. ކުންފުނި ތަކުގެ ވެރިންނެވެ. ބެންކު ކުލާކުންނެވެ. ފަތުރުވެރިންނެވެ. ހިއްޕީންނެވެ. ދޮންމީހުން އައިސް މިތިބީ ވަރަށްދުރުން އެމީހުންގެ ގެއާ ރައްޓެހިންނާ އާއިލާ ދޫކޮށްފައެވެ. ލަނޑަޔާވާނީ ލަނޑަޔާއެވެ. ދޮންފިރިހެނުން ގުޅެން ބޭނުންވާނީ ދޮން އަންހެނުންނާއެވެ. ނަމަވެސް ދޮން އަންހެނުން ނޫޅޭނަމަ އަހަރެމެންގެ ކުދިންގެ ހުނަރުގެ ބޭނުންވެސް ހިފާނެތާއެވެ. ބައެއް ފަހަރަށް އަންހެންކުދިން ވަރަށް ރަނގަޅު ޑީލް ތައްވެސް ދޮންމީހުންނާ އެކު ނިންމާލައެވެ. އޭގައި އޮތީކޮން ގޯހެއް ހެއްޔެވެ؟ ދުނިޔޭގެ އެއްބައި ދިރިއުޅެނީ ދުނިޔޭގެ އަނެއްބަޔަށް ވިކިގެންނެވެ. އެ އަންހެންކުއްޖާ ބޭނުންވަނީ މަސައްކަތްކުރާ ތަނުގެ ބޮޑުމީހާގެ ފަހަތުން މުގޯލިއަޅައިގެން ކަމެއް ކާމިޔާބުކުރަންކަމަށް ވާނަމަ، އޭނާއަށް އެކަމުގައި ރަނގަޅު ކާމިޔާބަކަށް އެދެމެވެ. ބޮޑުމީހާއާ ޒުވާބުކުރި ކަމަށް ވާނަމަވެސް އެއީ އޭނާގެ މައްސަލައެކެވެ. އެކަމުގެ ތެރެއަށް އަހަރެން ބޯބާނަންވީ ކީއްކުރަންހެއްޔެވެ؟ އެކަމަކުވެސް އެ އަންހެންކުއްޖާއަށް ދިމާވެފައިވާ ގޮތުން އަހަރެންނަށް އޭނާގެ މައްޗަށް ހަމްދަރުދީ އުފެދުނެވެ.

'' އަހަރެން މިދަނީ... ދިޔުން އެއީ އެންމެ ރަނގަޅު ގޮތްކަމަށްވާތީ'' އަންހެންކުއްޖާ ކުއްލިއަކަށް ބުންޏެވެ. އަޑުގައި ވަނީ މާޔޫސްކަމެވެ.

'' ދާވާހަކަ ތިބުނީ، ކަލޭ އޮސްޓްރޭލިޔާ ނޫނީ އެހެންތަނަކަށް ހިޖުރަކުރާތީތަ؟''

''ނޫން! އަހަރެން ވަރަށް ބޮޑަށް ދެރަވެފަ މިހުރީ... ހިތަށް އަނިޔާލިބުމުން ވަރަށް ގިނަ ކަންތައްތައް ކުރަންބޭނުންވާނެ. ކަރަންޓު ނަރެއް ފެނުނީމާ ކަރަންޓުގައި ޖެހިދާނަމޭ ވެސް ހިތަށް އަރާ... ބޭސްފުޅިއެއް ފެންނައިރަށް ހުރިހާ ގުޅައެއް އެއްފަހަރާ ކާލައިގެން އަމިއްލައަށް މަރުވެދާނަމޭވެސް ހިތަށްއަރާ..''

''އުނހޫނނން! ތިގޮތަށް ވާހަކަ ނުދައްކާ... މައްސަލަތަކާ ދުރަށް ދިޔުމަކުން އަދި މައްސަލަތައް ހައްލެއް ނުވާނެ... މިއަދު ކަލޭ ހީކޮށްފާނެ ދިރިހުރުމުގެ ބޭނުމެއް ނެތޭ... މާދަމާ ރީތި ދުވަހަކަށް އިރުއަރާ އަލިކޮށްފާނެ... އުފާވާ ކަހަލަ ކަމެއް ދިމާވެދާނެ... އޭރުން ހިތަށް އަރާނެ އަމިއްލަޔަށް މަރުވުމަށް ޚިޔާލުކުރެވުން އެއީ ކުރެވުނު މޮޔަކަމެކޭ''

އަހަރެންނަށް ވާހަކަ ދެކެވުނު ފަލްސަފާވެރި ގޮތް ހިތަށް އަރާފައި ގަމާރުކަމުގެ އިހުސާސްކުރެވުނެވެ. އެކަމަކު މީހުންނާ ވާހަކަ ދައްކާއިރު އަބަދުވެސް ހިތުގެއަޑިން ގަބޫލް ނުކުރާ ކަންތައްތަކުގެ ވާހަކަ އޮންނަނީ ދައްކަން ޖެހިފައެވެ.

ބަސް އައިސް ބުރަކި ޖައްސާލިއެވެ. އެއާއެކު ތާރުއަޅާފައިވާ މަގުގައި ޓަޔަރު ކޭއްތިގެން ދިޔައެވެ. އަހަރެމެން ދެމީހުން ބަހަށް އެރުމަށް ކޮޅަށް ތެދުވެއްޖައީމެވެ. ކޮންމެވެސް ކަމެއް އަހަރެންގެ ޚިޔާލު ބަދަލުކޮށްލައިފިއެވެ. ބަހަށް އަރާހިތެއް ނުވިއެވެ. އަހަރެން ދާންޖެހެނީ ތި ކޮޅަށް ނޫންކަމަށް ބުނެ އެހެން ބަހަކަށް އިންތިޒާރުކުރަން އަށީގައި އިށީނދެފީމެވެ. އަންހެންކުއްޖާ ބަހަށް އަރައިފިއެވެ. އޭނާ ބަހުގައި ނައްޓާލުމުން އަހަރެންނަށް ކަންތައް ކުރެވުނު ގޮތާމެދު ދެރަވެއްޖެއެވެ. އޭނާ އާ އެކު ދެވުނު ނަމައޭ ހިތަށް އެރިއެވެ. އޭނާ އަށް ހިތްވަރު ދިނުމަށެވެ. އޭނާ އަށްވަނީ އެހެންމީހެއްގެ ހިތްވަރުދިނުން ބޭނުންވެފައެވެ. ނަމަވެސް މިހާރު މާ ލަސްވެއްޖެއެވެ.

ކަލާ ކަހަލަ އެހެން އިންސާނަކަށް އެހީތެރިވުމަށް، ކަލާއަށް ފުރުސަތު ލިބޭނީ ވަރަށް މަދު ފަހަރަކުއެވެ. އަހަރެންނަށް ލިބުނު ފުރުސަތު އަހަރެން ދުމަށް އަރުވާލީއެވެ.

*  *  *  *

ދެތިން މަސް ފަހެވެ. އެއްދުވަހަކު އަހަރެން ނޫސް ބަލަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ ފޮޓޯއެކެވެ. އެއީ ކައިވެނީގެ ފޮޓޯއެކެވެ. ފިރިހެން މީހާއަކީ އެމެރިކާގެ ވިޔަފާރިވެރިއެކެވެ. އަންހެންކުއްޖާއަކީ....

އާއެކެވެ. ކަލާ ތިޔަހީކުރީ ހަމަ ރަނގަޅަށެވެ. އަހަރެންގެ ބަސް ސްޓޮޕްގެ ރަހުމަތްތެރިޔާއެވެ. އޭނާ އެންމެ ފަހުން ކާމިޔާބުކުރީއެވެ. ބޯޓުގައި މަސައްކަތްކުރާ އޭނާގެ ބިޓު ކަޓުވާލާފައެވެ. އާއެކެވެ. ދިރިއުޅުމަކީ އެއީއެވެ. މިޒަމާނުގައި އުފާވެރިކަން ބޭނުންނަމަ، ޖެހޭނީ ދަނޑިވަޅުބަލާފައި ޖަހައިގަންނާށެވެ. ނަތީޖާއާ މެދު ވިސްނާނީ ފަހުންނެވެ. ކަލާ ބޭނުންނަމަ އެއަށް ދަހިވެތިކަމޭ ކިޔާށެވެ. އަމިއްލަ އެދުމޭ ކިޔަސް ހެވެ. އަހަރެން ކިޔާނީ ދިރިއުޅުން ފަސޭހަކޮށްލަނީއޭ އެވެ. އަހަރެމެން މިއުޅެނީ ދަތި ދުނިޔެއެއްގައެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.