ހުކުރު20180907

އާކުރެވުނީ: 08:43:52

ހިތާމައެއް

hithaama

ލޯބިވާ ދަރިފުޅާއެވެ. މަންމަ އަށް ދަރިފުޅު ލިބުނީ މީގެ ސޯޅަ ނުވަތަ ސަތާރަ އަހަރު ކުރިންނެވެ. އެ ދުވަހު ވެސް މޫސުމް އޮތީ މިއަދު މި އޮތް ކަހަލަ ގޮތަކަށް ހޫނުކޮށެވެ. ފާރިސީ ލިލަކް މަލުގެ ވަސް ހުރީ ހަމަ މިއަދު ހުރި ގޮތަށެވެ. މިހާރު އެ ހަދާހެން މުގޮށި މީދާތައް ގަސް ގަހަށް އަރައި ފުމެ ހަދަމުން ދިޔަ އެވެ. މިއަދު ވައި ޖެހެނީ ހަމަ އެ ދުވަހު ޖެހުނު ގޮތަށެވެ. ހީވަނީ ހިކިފައި އެހެރަ ލަކުޑި ތަކުން ކުރި ފަޅައިފާނޭ ހެންނެވެ. ދަރިފުޅު ވިހެއި ވަގުތު ބައްތީގެ ކަޅު، ރީނދޫ

އަލީގެ ތެރެއިން ނިދާފައި އޮތް ގެ ވިދަން ފެށި އެވެ. ބޭކެނބި ދައިތަ ބުނެލި އެވެ. "އަލްޙަމްދުލިއްލާހި- މި ކަނބުލޮގެ ހަށިގަނޑުން ހީވަނީ ރެދަންލާހެން-" ވިހެއުމުގެ ވޭނުގައި އޮތް ނަމަވެސް މަންމަ، މަންމަގެ ހަށިގަނޑުގެ އެތިކޮޅެއް ކަމަށްވާ، ދަރިފުޅާ ދިމާއަށް ބަލައިލީމެވެ. މަންމަ ހަނދާނެއް ނެތެވެ. އެކަމަކު ބޭކެނބި ދައިތަ ފަހުން ބުނި ގޮތުގައި މަންމަ ހިނިތުން ވެލާފައި އަތުގެ ނާރުތަކަށް ބަލައިލީމެވެ. ހީވަނީ ސިޓީއެއް ކިޔައިލީހެންނެވެ.

 

ދަރިފުޅުގެ ބައްޕަ އަށް އެ ރޭ ދަރިފުޅު ފެނުނީމާ މޫނުމަތީގެ ކުލަވަރު ބަދަލު ވެގެން ދިޔަ އެވެ. މަންމަ ބުނީމެވެ. "ފިރިހެން ކުއްޖަކަށް ވިޔަސް ނުވަތަ އަންހެން ކުއްޖަކަށް ވިޔަސް ވާނީ ﷲ ގެ ހަދިޔާ އަކަށޭ ބުނީމެއްނު-؟ އެހެންވީމާ މިހާރު މާ ދެރަ ވެފައި ތިޔަ ހުންނަނީ ކީއްވެގެން-؟" އޭނާ ބުންޏެވެ. "ކަލެއަށް އެނގެނީ ކޮން ކަމެއް-؟ ކަލެއަކީ އާދައިގެ އަންހެނެއް- މަންމައެއް- ﷲ މިހައި ރީތި އަންހެން ކުދިން ދެއްވަނީ އެ ކަލާނގެ ކޯފާވެ ވޮޑިގެންވާ އަޅުންނަށް ކަމެއް ކަލެއަކަށް ނޭނގޭނެ-"

ލޯބިވާ ދަރިފުޅާ އެވެ. އެ ވަގުތު މަންމަ ބޭނުންވީ އޭނާގެ ދެލޯ ހުރިތަނުން ދަމައިގަނެ ފައިން އަރައި ޗިސް ކޮށްލާށެވެ. އޭނާ ދަރިފުޅާ ދިމާއަށް ބަލަހައްޓައިގެން ހުރީ ކޮތަރެއް ހަރުފައަކާ ދިމާއަށް ބަލަހައްޓައިގެން ހުންނަ ގޮތަށެވެ. ދަރިފުޅުގެ ރީތިކަން ފެނިފައި އޭނާ ގަތީ ބިރެވެ. އެ ދުވަހުގެ ފަހުން ވޭތުވީ ސޯޅަ ނުވަތަ ސަތާރަ އަހަރު އޭނާ ވޭތުކުރީ ބިރުވެރިކަމުގެ ތެރޭގަ އެވެ. މިހާރުވެސް، ބޭރު ފެންޑާގައި، މީހުންގެ ތެރޭގައި، ކުނަލެއްގެ މަތީގައި އިށީނދެގެން އިންނަ އިރު ވެސް އޭނާ އެ އިންނަނީ ބިރުންނެވެ. އޭނާ އުޑާ ދިމާއަށް ބަލައިލާ ގޮތުން ހީވަނީ މަތީން އޭނާ ބަލައި ކޮންމެވެސް މީހަކު އަންނަތަން ފެންނަނީ ހެންނެވެ.

ލޯބިވާ ދަރިފުޅާ އެވެ. ދަރިފުޅުގެ ބޫރުސޫރަ ވާރުތަވީ މަންމަގެ ކިބަޔަކުންނެއް ނޫނެވެ. މަންމައަކީ ރަށްފުށުގެ އާދައިގެ މީހަކީމެވެ. ބުރުސޫރަ ހުންނަނީ އާދައިގެ ގޮތަކަށެވެ. ދަރިފުޅަށް ލިބިފައި ވަނީ ދަރިފުޅުގެ ބައްޕަގެ ބުރުސޫރަ އެވެ. އެއީ ވަރަށް ރީތި މީހެކެވެ. ވޭތުވެ ދިޔަ ސޯޅަ ނުވަތަ ސަތާރަ އަހަރުގެ ތެރޭގައި ބަދަލުތަކެއް އައި ނަމަވެސް އަދިވެސް އޭނާ އަކީ ވަރަށް ރީތި މީހެކެވެ. އޭނާގެ ދެލޯ ބޮޑެވެ. އޭނާގެ މޫނާއި މަތިމަސް ހުންނަނީ ވިދާލަ ވިދާލަ އެވެ. ދަރިފުޅު ވިހެއި އިރު އޭނާ އަކީ ފުރިހަމަ އަށް ހަދާފައިވާ ރީތި ބުދެއް ކަހަލަ މީހެކެވެ. ދަރިފުޅު ވިހެއި ފަހުން އޭނާ ހުންނަނީ ހާސްކަންމަތީގަ އެވެ. އެކަމަކު ފިކުރު ކުރުމާއެކުވެސް އޭނާގެ ރީތި ކަމަކަށް ބަދަލެއް ނާދެ އެވެ. ކުޑަކޮށް ކުލަވަރު ބަދަލުވީ އެވެ. ދަރިފުޅު ވިހެއި ފަހުން އޭނާގެ ރީތި، ހުދު ދަތްތައް ފާޅުވާ ވަރަށް ހިނިތުންވެލާތަން މަންމަ އަށް ފެނިފައި ވަނީ ވަރަށް މަދުންނެވެ. އޭނާގެ ފަތްތަކެއް ފަދަ ރީތި ތުންފަތް އަބަދުވެސް ހުންނަނީ ޖައްސައި ބާރު ކޮށްގެންނެވެ. ދެ ތުންފަތް ދުރުކޮށްލައިފިއްޔާ ކޮންމެވެސް ގެއްލުމެއް ލިބިދާނެތީ ދުރުކޮށްލަން ނުކެރެނީ ކަހަލަ އެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރީން އޭނާ ދަރިފުޅު ދެކެލަން އައި އިރު ފެނުނީ އޭނާގެ މުޅި ދުނިޔެ ބަރުބާދު ވެގެން ގޮސްފައިވާ ކަހަލަ ގޮތަކަށެވެ. އެ ތާނގައި ކޮޅަށް ހުރި އިރު އޭނާ ކުއްލިއަކަށް މުސްކުޅި ވެގެން ދިޔަހެން ވެސް ހީވި އެވެ. އޭނާ އެނބުރި ހިގައިގަތް ވަގުތު މަގާ ހަމައަށް ނުދެވެނީސް ވެއްޓިދާނެތީ އަހަރެން ހުރީ ބިރުންނެވެ. ދެންމެ އަހަރެން ފާރުމަތީން ބޯ ދީ ބަލައިލީމެވެ. އޭނާ ބޭރުގައި އިށީނދެގެން އެބަ އިނެވެ. ވަށައިގެން ތިބި މީހުންނާ ދިމާ އަށް އޭނާ ބަލަމުން ދިޔައީ ބިރުން ހުރެގެން ކަހަލަ ގޮތަކަށެވެ. ކޮންމެވެސް ނުބައި ކަމެއް ކުރަނިކޮށް އޭނާ ހިފިގެން އުޅޭ ކަހަލަ ގޮތަކަށެވެ.

ދަރިފުޅުގެ އުމުރުން ތިން އަހަރު ނުވަތަ ހަތަރު އަހަރުގެ ތެރޭގައި ދުވެ އުޅެން ފަށައިފި އެވެ. މަށިން ހައްދަވާފައިވާ އިންސާނަކު މިހައި ރީތި ވާނޭ ކަމަކަށް ދަރިފުޅު ދެކޭ އެއްވެސް މީހެއްގެ ހިތަކަށް ކުރި އަރާފައެއް ނޯންނާނެ އެވެ. އެއް ދުވަހަކު ދަރިފުޅު ބިން މައްޗަށް ވެއްޓި ނިތްކުރި ފަޅައިގެން ދިޔައީމާ މަންމަ ރޮއި ރޮއި ހަލާކު ނުވީ ކިރިޔާ އެވެ. އެކަމަކު ދަރިފުޅުގެ ބައްޕަ އުފާވެރި ގޮތަކަށް މާނޭވާއެއް ލާފައި ބުންޏެވެ. "ﷲ މިންވަރު ކުރައްވާނީ ރަނގަޅަށް- ރާނޫގެ ނިތްކުރީގައި ލާ ލަކުނުގެ ސަބަބުން އެ މަންޖެގެ ރީތިކަން ތަންކޮޅެއް ކުޑަ ވާނެ-" އެކަމަކު ﷲ މިންވަރު ކުރެއްވީ އޭނާގެ ވާހަކަޔާ މުޅީން ތަފާތު ގޮތަކަށެވެ. ދަރިފުޅުގެ ނިތްކުރީގައި ލަކުނެއް ލިއެވެ. އެހެން ނަމަވެސް އެ ލަކުނު ހުރީ ހުޅެވި ހަނދެއްގެ ސިފައިގަ އެވެ. ލޯބިވާ ދަރިފުޅާ އެވެ. ކުރީން ރަތް ރީނދޫ ކުލައެއްގައި ހުރި ލަކުނު މިހާރު ފެންނަނީ ވަރަށް ފަނޑުކޮށެވެ.

ދަރިފުޅުގެ އުމުރުން ފަސް އަހަރު ފުރުނީމާ މަންމަ ދަރިފުޅަށް ޤުރުއާން ކިޔަވަން ދަސްކޮށްދޭން އެދުރުދައިތައެއްގެ ކައިރިއަށް ފޮނުވީމެވެ. ދަރިފުޅުގެ އަޑު ވެސް ދަރިފުޅުގެ ބުރުސޫރަހައި ރީތި ކަން އެނގުނީ ޤުރްއާން ކިޔަވަން ފޮނުވަން ފެށީމަ އެވެ. އެދުރުދައިތަގެ ގޭތެރެއިން ކީރިތި، މޫރިތި ފޮތުގެ އާޔަތްތައް ކުޑަކުދިން ކިޔަވާ އަޑު އިވެ އެވެ. އޭގެ ތެރެއިންވެސް ދަރިފުޅުގެ އަޑު ވަކީން ފާޅުކޮށް އެނގެ އެވެ. ދަރިފުޅުގެ އަޑު ހީވަނީ ރިހި ރަނގަބީލުތަކެއްގެ އަޑު ހެންނެވެ. ދަރިފުޅު ކިޔެވުން ހުއްޓާލީމާވެސް އެތައް އިރެއް ވާންދެން ރަނގަބީލުގެ އަޑު އިވި އިވި ހުންނަހެން ހީވެ އެވެ.

ދަރިފުޅުގެ ރީތި އަޑުން ކީރިތި ޤުރްއާންގެ އާޔަތްތައް ކިޔަވާ އަޑު އިވުނީމާ ހިނގާފައިދާ މީހުން ހުއްޓި ތިބެގެން އަޑު އަހަ އެވެ. އުދުހިފައިދާ ދޫނިތައް އެދުރުދައިތަގޭ ފާރުމައްޗަށް ތިރި ކުރެ އެވެ. އެއް ދުވަހަކު އިމާމު ހަޒްރަތު ޝާހް އެދުރުދައިތަ ގޭ ދޮށުން ވަޑައިގަންނަވަނިކޮށް ދަރިފުޅު ކިޔަވާ އަޑު އިވިވަޑައިގެން ވިދާޅު ވިއެވެ. "އެއީ ކޮން ކުއްޖެއް-؟ އެ ކުއްޖާގެ އަޑު ހީވަނީ މަލާއިކަތުންގެ ފިޔަފުޅުގަ ދަށުން އިވޭ އަޑުހެން-" އިމާމު މިހެން ވިދާޅުވިކަން ދަރިފުޅަށް އެނގުނީމާ ފެށީ އުފަލުން ރޯށެވެ.

އަދިވެސް ވަރަށް ގިނަ ގިނައިން ހިނގާ ކަމެއްގެ ވާހަކަ ބުނެލާނަމެވެ. އަންހެނުން ފެން ތަށި ތަށި ގެނެސްގެން ދަރިފުޅު ކިޔަވާ ތާނގައި ބަހައްޓަ އެވެ. އެ މީހުން ދެކެނީ ދަރިފުޅުގެ ކިޔެވުމުގެ ސަބަބުން އެ ފެނުގައި ބަރަކާތް ލައްވާނޭ ކަމަށެވެ. ދަރިފުޅު ކިޔަވައި ނިމުނީމާ އެ މީހުން ފެން ތަށި ގެންގޮސް ގާތް ތިމާގެ މީހުންގެ ތެރެއިން ބަލިވެ އުޅޭ މީހުންނަށާއި ނުލަފާ ކުދިންނަށާއި ދީނީ ވާޖިބުތައް އަދާ ކުރުމުގައި ފަރުވާ ކުޑަ ކުރާ މީހުންނަށް ދެނީ އެވެ. ދަރިފުޅު ހައްދަވާފައި ވަނީ އިލާހީ ނޫރުފުޅަކުންނޭ ވެސް ބައެއް ފަހަރަށް މަންމަގެ ހިތަށް އަރަ އެވެ. ކަންތައްތައް ވަނީވެސް އެކަހަލަ ގޮތަކަށެވެ. މިހާރު ދަރިފުޅު ތިޔަ އައީ އެދުރުދައިތަގެ ގެއިންނެވެ. މިހާރު ދަރިފުޅުގެ މޫނަށް ބެލުމަކީ އަނދަ އަނދައި އެހެރަ އިރަށް ބެލުން ފަދަ ކަމަކަށް މަންމަ އަށް ވަނީ ވެފަ އެވެ.

ﷲ އަށާއި ކީރިތި ރަސޫލާ އަށް ކިޔަމަންގަތުމަށް ފަހު ދަރިފުޅު ޤަބޫލު ކުރަނީ އިމާމު ހަޒްރަތު ޝާހް ގެ ބަސްފުޅެވެ. އެއް ދުވަހަކު ދަރިފުޅުގެ ބައްޕަ ދަރިފުޅު ގޮވައިގެން އިމާމުގެ އަރިހަށް ދިޔައީ އެހެން ވެގެންނެވެ. ލޯބިވާ ދަރިފުޅާ އެވެ. ދަރިފުޅު ކީރިތި ޤުރްއާން ކިޔަވާ ވަރު ނިކަން ވިސްނައިބަލާށެވެ. ގޭތެރެއިން ގިސްލުމުގެ އަޑު ފިޔަވައި އެހެން އަޑެއް ނީވޭ ވަރަށް ހިމޭންވީމާ މަންމަ އަށް ދަރިފުޅު ކީރިތި ޤުރްއާން ކިޔަވާ އަޑު އިވެން ފަށަ އެވެ. ދަރިފުޅުގެ ތުންފަތް ޙަރަކާތް ނުކުރާކަން އެނގެ އެވެ. އެކަމަކު މަންމަ ދަރިފުޅަށް ދިން ކިރު ގަންދީ ބުނަމެވެ. މަންމައަށް އެ އިވެނީ ހަމަ ދަރިފުޅުގެ ރީތި އަޑެވެ. އެހައި މާތް، ރީތި އަޑަކަށް ވާނީ ދަރިފުޅުގެ އަޑު ނޫން ކޮން އަޑެއް ހެއްޔެވެ؟

މީހަކާ އިންނަ ވަރަށް ދަރިފުޅު ބޮޑު ވެއްޖެއޭ މަންމަގެ ހިތަށް އެރީ ދަރިފުޅުގެ ބޮޑުބޭބެ ދީން މުޙައްމަދުގެ އަންހެނުން އައިސް އޭނާގެ ދަރިފުޅާ، ދަރިފުޅު ދެވަން އެދޭ ވާހަކަ ބުނީމަ އެވެ. އަންހެން ދަރިން އެ ކުދިންގެ ބޯ ނިވައި ކުރަން ފެށީމާ، ވަގުތު އައިސް ޖެހުނީކަން މައިންނަށް އެނގެ އެވެ. އެކަމަކު ދަރިފުޅު... ދަރިފުޅާ ބެހޭ ގޮތުން އެ ފަދަ ގޮތަކަށް މަންމައަށް ވިސްނޭނީ ކިހިނެއް ހެއްޔެވެ؟ ދަރިފުޅު މަންމަ އަކަށް އެ ފަދަ ފުރުޞަތެއް ނުވެސް ދެމުއެވެ. މި ވާހަކަ މަންމަ ދަރިފުޅުގެ ބައްޕަ ގާތު ބުނީމެވެ. އޭނާ ބުންޏެވެ. "ކަލެއަކީ އަބަދުވެސް ފަރުވާ ކުޑަ މީހެއް- އެކަމަކު އަހަރެން ފަރުވާ ކުޑައެއް ނުކުރަން- ވާ ގޮތަކީ އަހަރެން ދަރިފުޅު ދެކެ ބިރު ގަންނަނީ- އެންމެ ފުރަތަމަ އޭނާޔާ ވާހަކަ ދައްކާ- އަހަރެންނަށް ހީވަނީ ކަލާނގެ ވަޖުހުފުޅަށްޓަކައި އޭނާ އެ ހުންނަނީ އެހެން ހުރިހައި ކަމެއް ދޫކޮށްލައިގެން ހެން-"

މަންމަ ފުރަތަމަ ފަހަރަށް ދަރިފުޅު ދެކެ ބިރުގަތީ އެ ދުވަހު އެވެ. މަންމަ ހީކުރީ ކާވެނީގެ ވާހަކަ ދައްކައިފިއްޔާ ދަރިފުޅު ރުޅި އަތުވެދާނޭ ކަމަށެވެ.

އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހަޒްރަތު ޝާހް ގެ ނޯކަރަކު މި ގެއަށް އައެވެ. އޭނާ އައިސް ބުނީ ދޫލޭ ޝާޖީގެ ޒިޔާރަތުގައި ތިން ދުވަހަށް ދެމިގެންދާ ދީނީ ރަސްމިއްޔާތެއް މާދަމާ ފެށޭނޭ ކަމަށެވެ. ހަޒްރަތުގެ ޝާހަށް ހުވަފެންފުޅުގައި ދޫލޭ ޝާޖީ ފެނިވަޑައިގަތީ ކަމަށް ވެއެވެ. ހުވަފެންފުޅުގައި ދޫލޭ ޝާހް އެދިވަޑައިގެންފައި ވަނީ ދަރިފުޅު ލައްވައި އެ ތާނގައި ޤުރްއާން ކިޔުއްވާށެވެ.

ދޫލޭ ޝާޖީ އަކީ އާދަޔާ ޚިލާފު ބާރެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ގިނަ މީހުން ޤަބޫލު ކުރެ އެވެ. އޭނާ ދުނިޔޭގައި ހުންނެވި ދުވަސްވަރު އޭނާ ނުރުހުންވެ ވަޑައިގަންނަވާ ކަހަލަ އެއްޗެއް މީހަކު ބުނެފި ނަމަ ފަންޑިތައިގެ ބާރުގައި އެ މީހަކު އަންދައި އަޅިއަށް ހައްދަވާ ކަމަށް މީހުން ކިޔައި އުޅެއެވެ. މިހާރު މީހުން ޤަބޫލު ކުރަނީ އޭނާގެ ޒިޔާރަތުގެ ކައިރީގައި މީހަކު ނުބައި ކަމެއް ކޮށްފި ނަމަ އެ ޒިޔާރަތް ހުޅުވި ޒިޔާރަތުގެ ތެރެއިން އަތެއް ފާޅުވާ ކަމަށެވެ. އެ އަތް އަންނަ ގޮތަށް އައިސް ހިފަނީ ނުބައި ކަމެއް ކުރާ މީހެއްގެ ކަރުގަ އެވެ. އެޔާއެކު އެ މީހެއްގެ ފުރާނަ ހިނގައިދެއެވެ. ދެން އަތް ކުރީން ހުރި ގޮތަށް ޒިޔާރަތުގެ ތެރެއަށް ވަދެގެން ދަނީޔޯލަ އެވެ.

އެހެންވީމާ ދޫލޭ ޝާޖީގެ އަމުރުފުޅާ ދެކޮޅު ހަދަން ކެރޭނީ ކާކަށް ހެއްޔެވެ؟ އަނެއް ދުވަހުގެ ހެނދުނު ދަރިފުޅު ގޮވައިގެން މަންމަ އާއި ބައްޕަ ޖަމަލެއްގައި ޝާޖީގެ ޒިޔާރަތާ ދިމާއަށް ދަތުރު ފަށައިފީމެވެ. ބައްޕަ އިނީ ދަރިފުޅާއި މަންޔާ ދެ މީހުންގެ މެދަށް ވާގޮތަށް ޖަމަލުގެ ބުރަކަށި މަތީގަ އެވެ. ޖަމަލު ކުރިއަށް ހިނގައިގަތުމާއެކު ދަރިފުޅު ފެށީ ޤުރްއާން ކިޔަވާށެވެ. އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅާ އެވެ. ޖަމަލު ހުރަސް ކުރި ކޮންމެ ދިމާއަކުން މީހުން ދުވެފައި އައިސް ދަރިފުޅު ކިޔަވާ އަޑު އެހިތަން މަންމަ ދުށީމެވެ. އެ މީހުން ޖަމަލާ އެކު ހިނގާފައި ދަމުން ﷲ އަށް ޒިކުރުކޮށް ޝުކުރުވެރިވަމުން ދިޔައެވެ. ކޮތަރާއި ގުރަޔާއި މި ނޫނަސް އެކި ކަހަލަ ދޫނި މަންމަމެންގެ ބޯމަތީން އުދުހެމުން ދިޔަ އެވެ. މަންމަގެ ހިތަށް އެރިއެވެ. ﷲ އަހަރެމެންނަށް މި ދެއްވަނީ އަހަރެމެންނަށް ކުރެވުނު ކޮންފަދަ ހެޔޮ ކަމެއްގެ ބަދަލު ބާވައެވެ؟ ﷲ އަހަރެމެންނަށް ދެއްވާފައިވާ ދަރިފުޅު ޤުރްއާން ކިޔަވަނީ ބިންމަތީގަ އެވެ. އެކަމަކު އޭނާގެ އަޑު ވަނީ އުޑާ ހަމައަށް އުފުލިފަ އެވެ.

މި ހުރިހައި ޚިޔާލެއް މަންމަގެ ހިތަށް ވަންނާން ފެށީ ދަރިފުޅު ގެ ބައްޕަ ކުރި ސުވާލަކުންނެވެ. "ނިކަން މަތި ބަލައިލަބަލަ- އަހަރެމެންނާ އެކު އުދުހިފައި މި އަންނަނީ ކޮން ދޫނިބައިގަނޑެއް-؟ އެއީ ހާދަހާ ރީތި ދޫނިތަކެކޭ- އަހަރެން މީގެ ކުރިން ދުވަހަކު ވެސް މިހައި ރީތި ދޫނިތަކެއް ނުދެކެން- އެ ދޫނިތަކުގެ ފިޔައިން ކޮންމެވެސް އެއްޗެއް ވިދާތަން އެބަ ފެނޭ- ހީވަނީ އުޑުން މަލާއިކަތުން ފައިބާވަޑައިގަންނަވަނީހެން-"

ލޯބިވާ ދަރިފުޅާ އެވެ. ދަރިފުޅުގެ މި އަކުރެއް ބަކުރެއް ނޭނގޭ މަންމަ ގެ ހިތަށް ވެސް އެ ވަގުތު ވަނީ ހަމަ އެ ޚިޔާލެވެ. ހީވަނީ ތުއްތު ކުދިންކޮޅެއް ފިޔަ ފަޅައިގެން މަންމަމެންގެ ވަށައިގެން އުދުހެނީ ހެންނެވެ. އެ ދޫނިތައް އައީ އަހަރެންގެ ދަރިފުޅުގެ ރީތި އަޑުން ކީރިތި ޤުރްއާން ކިޔަވާ އަޑު އަހާށެވެ.

މަންމަމެންގެ ޖަމަލު ދޫލޭ ޝާޖީގެ މަޤްބަރާގެ ކައިރީގައި ބަނޑު ޖަހައިލީމާ ދަރިފުޅުގެ ހަނދާނުން މައިންބަފައިން މުޅީން ފުހެވިގެން ދިޔައީހެން ހީވި އެވެ. ދަރިފުޅު ފުންމާލައިގެން މަޤްބަރާ އާ ދިމާއަށް ހިނގައިގެންފި އެވެ. ހީވަނީ ޝާޖީ ދަރިފުޅުގެ އިނގިލީގައި ހިއްޕަވައިގެން ހިންގަވައިގަތީ ހެންނެވެ. ދަރިފުޅު ގޮސް މަހާނައިގެ އެއް ފަރާތުގައި އިށީނދެ ކިޔަވަން ފަށައިފި އެވެ. އެ ތަނަށް އައިސް ތިބި މީހުން ދަރިފުޅު ކިޔަވާ އަޑު އިވުނީމާ އެ ތަނަށް ޖަމާ ވާން ފެށި އެވެ. މަންމަ މެން ގޮސް ހަޒްރަތު ޝާހުގެ ފައިންޕުޅު ދެކެފީމެވެ. އޭނާ ވިދާޅުވި އެވެ. "ދަރިފުޅު ގޮވައިގެން މި ތަނަށް އައިކަން ވަރަށް ރަނގަޅު- ﷲ ރުއްސެވިއްޔާ އެ ކުއްޖާފުޅާއި ތިޔަ ދެމަފިރިންގެ ފާފަ ﷲ ފުއްސަވާނެ- ސުވަރުގޭގެ ނިޢުމަތް ދެއްވާނެ-"

ހަޒްރަތު ޝާހް މިހެން ވިދާޅުވީމާ މަންމަމެން ވަރަށް ބޮޑަށް އުފާ ކުރީމެވެ. މަންމަ އެތެރެއަށް ވަދެ، ހަޒްރަތު ޝާހް ގެ ޢާއިލާގެ އަންހެން ބޭފުޅުންގެ ފައިންޕުޅުވެސް ދުށީމެވެ. ލޯބިވާ ދަރިފުޅާ އެވެ. މަންމަމެން އެނބުރި އަވަށަށް އައީ ދަރިފުޅުގެ ހުރިހައި ކަމެއް ދޫލޭ ޝާހާއި ހަޒްރަތު ޝާހާއި އޭނާގެ ޢާއިލާގެ އެހެން ބޭފުޅުންގެ އަތްޕުޅު މައްޗަށް ދޫކޮށްލާފަ އެވެ. މާދަމާ ނޫން އަނެއް ދުވަހު ދަރިފުޅު ބަލައި އަންނާނަމޭ މަންމަ ދެންނެވީމެވެ. އަދި ﷲ މަންމަމެންނަށް ނިޢުމަތެއްގެ ގޮތުގައި ދަރިފުޅު ފަދަ މާތް ކުއްޖަކު ދެއްވިޔަތީ ޝުކުރުވެސް ކުރީމެވެ.

މަންމަގެ ފުރާނަ ފަދައިން ލޯބިވާ ދަރިފުޅާ އެވެ. ދަރިފުޅު ބަލައި މަންމަމެން އައި އިރު ދަރިފުޅު އިނީ މަންމަމެން ދަރިފުޅު ދޫކޮށްލާފައި ދިޔަ އިރުވެސް އިށީނދެ އިން ތާނގައި އިށީނދެގެންނެވެ. އެކަމަކު އެއީ ހަމަ ދަރިފުޅު ބާވައެވެ؟ ދަރިފުޅުގެ ލޯ ހުރީ ރަތް ވެފަ އެވެ. ތުންފަތުގައި ހިކިފައި ހުރި ލޭ ހުއްޓެވެ. ބޯ ހުރީ ހޭވިފަ އެވެ. ބޮލުގައި އޮތް ބުރުގާ އޮތީ ވެއްޓިފަ އެވެ. ދަރިފުޅުގެ ބައްޕަ ފެނުނީމާ ވެސް އެ ވަގުތު ހުރި ހާލަތު ރަނގަޅު ކުރާކަށް މަސައްކަތެއް ނުކުރަމު އެވެ. މޫނުމަތީން ފެންނަނީ ހަރުކަށިކަމެވެ.

މަންމަމެން ފެނުނީމާ ދަރިފުޅު ހަޅޭއް ލަވައިގަތެވެ. "ބައްޕާ- އަހަރެންގެ ކައިރިއަށް ނާންނާތި- މަންމާ- އަހަރެންގެ ކައިރިއަށް ނާންނާތި- އަހަރެން މި ތާނގައި އިންނާނީ- ދޫލޭ ޝާހް ގެ މަހާނަ އިރައިގެން ގޮސް އޭނާގެ އަތްޕުޅު ނުނުކުންނަނީހެއް އަހަރެން ނުދާނަން- މައްސަލަ ނުނިމެނީހެއް އަހަރެން މި ތަނަކުން ގުޑައެއް ނުލާނަން- އިންޞާފު ނުކުރެވެނީހެއް އެއްވެސް ތަނަކަށް ނުދާނަން- މަހާނަ ހުޅުވޭނެ- މިއަދު ނުހުޅުވުނިއްޔާ މާދަމާ ހުޅުވޭނެ- އެހެން ނޫނީ އެއް މަސް ދުވަސް ފަހުން، ނުވަތަ އެއް އަހަރު ދުވަސް ފަހުން ނަމަވެސް ހުޅުވޭނެ- ބަރަކާތްތެރި އަތްޕުޅު ވެސް ފާޅުވާނެ- އަހަރެން މަންމަމެންގެ ކައިރިއަށް އަންނާނީ އެ ދުވަހަކުން- އޭގެ ފަހުން މުޅި އުމުރު ދުވަސް ހޭދަ ކޮށްލާނީ މަންމަމެންގެ ޚިދުމަތުގައި- އެކަމަކު މިހާރަކު އަހަރެންނެއް ނުދާނަން- މިހާރު ދެވޭކަށް ވެސް ނެތް- އަހަރެންގެ ދުވަސް މި ވަނީ ގޮސްފައި- އަހަރެން މަރު ވެއްޖެ-"

އެ ތަނަށް މީހުން އެއްވެ މަންމަމެންނާ އެކު ރޯން ފަށައިފި އެވެ. އެ މީހުން ކިޔަމުން ދިޔަ އެވެ. "މި ކުއްޖާފުޅަށް ޖިންނިއެއްގެ ކަންތައް ލައިގަތީކަން ޔަޤީން- ރެޔާއި ދުވާލު މި މަޤްބަރާގައި އެކަނިމާއެކަނި އިނީމާ ޖިންނިއެއް އަވަލީ-"

ދަރިފުޅުގެ ބައްޕަ އަކަށް އެ ވާހަކައެއް ޤަބޫލެއް ނުކުރެވުނެވެ. ބައްޕަ ހަޅޭއް ލަވައިގަތެވެ. "އަވަލީއޭ-؟ އެހެން އެއްވެސް ކަމެއް ނެތި ތާއަބަދު ޤުރްއާން ކިޔަވާ ކުއްޖަކާ ޖިންނިއެއް އަވަލާނީ ކިހިނެއް-؟ އެންމެ ރަނގަޅު- ކަލޭމެން ތިޔަ ބުނަނީ މީނާޔާ ޖިންނިއެއް އަވަލީއޭ- އެހެން ވެއްޖެއްޔާ ހަޒްރަތު ޝާހް ކޮބާ-؟" ދަރިފުޅުގެ ބައްޕަ ހިނގައިގަތީ ހަޒްރަތު ޝާހް ހޯދާށެވެ. މަންމަ ވެސް ރޮމުން ރޮމުން ބައްޕަގެ ފަހަތުން ދިޔައީމެވެ. އެކަމަކު އޭނާގެ ނޯކަރުން މަންމަމެން ވަނަކަ ނުދިނެވެ. އެ މީހުން ބުނި ގޮތުގައި ތިން ދުވަހުގެ ދީނީ ރަސްމިއްޔާތު ނިމުނީމާ އެތައް ދުވަހެއް ވާންދެން ވަކި ކޮޓަރިކޮޅެއްގައި އިންނަވައިގެން ދުޢާ ކުރެއްވުމަކީ ހަޒްރަތު ޝާހް ޢާއްމު ކޮށް ކުރައްވާ ކަމެކެވެ. އެ ދުވަސްކޮޅުގެ ތެރޭގައި އެއްވެސް މީހަކަށް އޭނާ ފައިންޕުޅެއް ނުފެންނާނެ އެވެ. އެ ގޭގެ އަންހެން ބޭފުޅުންގެ ފައިންޕުޅު ފެނޭތޯ މަންމަ މަސައްކަތް ކުރީމެވެ. އެކަމަކު ނޯކަރުންގެ މީހުން ބުނީ ދަރިފުޅުގެ ޙާލު މި ވަގުތު ހުރި ގޮތުން އަންހެން ބޭފުޅުން ވެސް މި ވަގުތު ތިއްބެވީ ފިކުރުފުޅު ބޮޑު ވެފައި ކަމަށެވެ. އެ ބޭފުޅުންނަށް އުނދަގޫ ކުރުމަކީ ފާފައެއް ކަމަށް ވެސް އެ މީހުން ބުންޏެވެ.

މަންމަމެން ދުވެފައި އަނެއްކާވެސް އައީ ދަރިފުޅު އިން ތަނަށެވެ. މަންމަމެން ފެނުމާއެކު ދަރިފުޅުގެ ގާތަށް އައީ ރުޅި އެވެ. "ނުގޮސް އަނެއްކާ މި ތަނަށް ތިޔަ އައީ ކީއް ކުރަން-؟" ދަރިފުޅު ހަޅޭއް ލަވައިގަތެވެ. އެ އަޑެއް ނުކުތީ ކީރިތި ޤުރްއާން ފިޔަވައި އެހެން އެއްވެސް އެއްޗެއް މިހައި ތަނަށް ނުކުމެފައި ނެތް އަރަކުންކަން މަންމަ އަށް ޤަބޫލު ކުރަން ވެސް ދަތި ވިއެވެ.

އަހަރެމެން - ދަރިފުޅުގެ ނިކަމެތި މަންމަ އާއި ބައްޕަ - މަހާނައިގެ އެއްކޮޅުގައި، ބިންމަތީގައި އިށީނދެ ރޯން ފަށައިފީމެވެ. މަންމަމެން ރޯތަން ފެނުނީމާ އެހެން މީހުން ވެސް ރޯން ފަށައިފި އެވެ. އެ ވަގުތު އެ ތަނަށް އައީ ހަޒްރަތު ޝާހްގެ އިސް ނޯކަރެކެވެ. އޭނާ ބުނި ގޮތުގައި ދަރިފުޅުގެ ހާލު ހުރި ގޮތުގެ މައްޗަށް ހަޒްރަތު ޝާހް ވަރަށް ބޮޑަށް ހިތާމަފުޅު ކުރައްވަ އެވެ. ހަޒްރަތު ޝާހް ވިދާޅުވާ ގޮތުގައި ދަރިފުޅަށް ކޮންމެވެސް ނުބައި ޖިންނިއެއްގެ ބަލާވެރިކަން ޖެހުނީ އެވެ. އެހެންވީމާ މިހާރު އޭނާ ގެންދަވަނީ އެ ޖިންނި މައިތިރި ކުރެއްވޭތޯ މަސައްކަތް ކުރައްވަމުންނެވެ. ދެން އޭނާ މަންމަމެންނަށް އިއްވީ ހަޒްރަތު ޝާހް ގެ ޙުކުމެވެ. ކަލޭމެން ގެއަށް ދާށެވެ. މި ތާނގައި ރާނޫ ބައިންދާށެވެ. ރަނގަޅު ވާނީ އޭރުންނެވެ.

"ދެން ދޭ-" ކުއްލިއަކަށް އިވުނީ ދަރިފުޅުގެ އަޑެވެ. ދަރިފުޅުގެ ލޮލުން ހޯސް ލާފައި ކަރުނަ ފައިބަނީ އެވެ. "މަންމާ- އަވަހަށް ގެއަށް ދޭ- ބައްޕަ ވެސް ދޭ- އަހަރެން މި ތާނގައި ބައިންދާ- މަހާނަ ހުޅުވޭނެ- ބަރަކާތްތެރި އަތްޕުޅު ފާޅުވާނެ- އިންޞާފު ކުރެވޭނޭކަން ޔަޤީން- މައްސަލަ ނިމުނުހައި އަވަހަކަށް އަހަރެން މަންމަމެންގެ ކައިރިއަށް ދާނަން- ދޫލޭ ޝާހް އިންސާފު ކުރައްވާނެކަން ގައިމު- ދެން އަވަހަށް ދޭ-" ދަރިފުޅު ކުއްލިއަކަށް ތެދު ވެގެން އެތެރެއަށް ވަންނާން ހިނގައިގެންފި އެވެ. ހޫރެމުން ދިޔަ ގޮތުން ހީވަނީ ރޮދި ކަނޑައިގެން ގޮސްފައިވާ ގުޑިއެއް ހެންނެވެ.

މަންމަގެ ލޯބިވާ ދަރިފުޅާ އެވެ. ދަރިފުޅަށްޓަކައި މަންމަ ފުރާނަ ވެސް ދޫކޮށްލަފާނަމެވެ. އޭގެ ފަހުން ވެސް މަންމަމެން ދަރިފުޅު ދެކިލާން އަންނަމެވެ. އެކަމަކު ދަރިފުޅަށް މަންމަމެން ވަކި ކުރާން އެނގޭ ކަމަކަށް ނުވެ އެވެ. މަންމަ ދަރިފުޅުގެ ނަމުން ގޮވައިލީމާ ދަރިފުޅުގެ މޫނުމަތީން ފެންނަނީ ޙައިރާންކަމުގެ އަސަރެވެ. ދަރިފުޅުގެ މޫނުމަތީގެ ކުލަވަރު ވަނީ ބަދަލު ވެފަ އެވެ. ތުންފަތް ވަނީ ހިކިފަ އެވެ. ފަޅައިގެން ގޮސްފަ އެވެ. އިސްތަށިގަނޑުގައި ހުރީ ކިލަލާއި ހިކި ފަތާއި ކުންޏެވެ. އެއް ފަހަރަކު މަންމަ ދަރިފުޅަށް އާ ހެދުމެއް ގެނެސް ދިނީމެވެ. ދަރިފުޅު އެ ހެދުން ހިފައިގެން އެތެރެއަށް ވަދެގެން ހިނގައްޖެ އެވެ. ދަރިފުޅަކަށް ސީދަލަކަށް ނުވެސް ހިނގެ އެވެ. ދަރިފުޅު ގޮސް ލޯ މަތީން އޮބައިލީމާ މަންމަ އިނީ ވަރަށް ބޮޑަށް އުފާ ވެފަ އެވެ. މަންމަ ހީކުރީ ދަރިފުޅު ދިޔައީ ހެދުން ބަދަލު ކުރަން ކަމަށެވެ. ކުއްލިއަކަށް ހަޅޭކެއްގެ އަޑު އިވޭން ފަށައިފި އެވެ. ދެން ފެނުނީ ދަރިފުޅު އެތެރެއަށް ވަދެގެން ދިޔަ ގޮތަށް ކާލި އަޅަމުން ނުކުމެގެން އަންނަ ތަނެވެ. ދަރިފުޅުގެ ފަހަތުން ދެތިން ނޯކަރަކު ވެސް އައެވެ. އެ މީހުން ބުނި ގޮތުގައި ދަރިފުޅަށް މަންމަ ދިން ހެދުން ގެންގޮސް ލީ އުނދުނަށެވެ. އެ ހެދުން އަނދައިގެން ދިޔައީ ޞަދަޤާތަށް އެއްޗެއް ކައްކަން އުދާފައި ހުރި އުނދުނުގެ ދަރަށް ވެގެންނެވެ.

އޭރުވެސް ދަރިފުޅު ދިޔައީ ޤުރްއާން ކިޔަވަމުންނެވެ. އެކަމަކު އެއްކަލަ ރަނގަބީލުގެ އަޑެއް ނީވެ އެވެ. ކިޔަވަމުން ގޮސް ދަރިފުޅު އިރުއިރުކޮޅާ މަހާނައިގެ އެއްކޮޅަށް ބަލައެވެ. އެ ދިމާއިން މަހާނަ އިރައިގެން ދާނޭ ވަގުތަކަށް އިންތިޒާރު ކުރާ ކަހަލަ އެވެ. ދެން ފަށަނީ ރޯށެވެ. ކިޔެވުން ހުއްޓާލާފައި އެތައް އިރަކު ރުއިމަށް ފަހު މަޑު މަޑުން އަމިއްލަ ނަފްސާ މުޚާޠަބް ކޮށް ބުނެ އެވެ. "މި ބަރަކާތްތެރި މަހާނަ ހުޅުވޭނެ- ބަރަކާތްތެރި އަތްޕުޅު ފާޅު ވާނެކަން ކަށަވަރު- އިންޞާފު ކުރެވޭނެކަން ގައިމު- އިންޞާފު ކުރެވޭނެ-" ދެން ދަރިފުޅު ލޯ މަރައިލަނީ އެވެ. އަދި އަނެއްކާވެސް ޤުރްއާން ކިޔެވުމުގެ ތެރެއަށް ގެއްލެނީ އެވެ.

މަންމެންނަށް އެއް ދުވަހަކު ހަޒްރަތު ޝާހް ގެ ފައިންޕުޅު ފެނިއްޖެ އެވެ. ކީރިތި ޤުރްއާން ކިޔަވާ މީހަކާ ޖިންނިއެއް ކައިރިއެއް ނުވާނެއޭ މަންމަމެން ދެންނެވީމެވެ. އެ ސޮރުމެން ދުރުގައި ތިބެގެން ވައްތަރު ޖައްސާނީއޭ ވެސް ދެންނެވީމެވެ. ކީރިތި ޤުރްއާން ކިޔަވާ އަޅުވެރި ކުއްޖަކާ ޖިންނިއެއް އަވަލައިފި ނަމަ އެ ޖިންނިއެއް ވާނީ މި މަޤްބަރާގެ ޖިންނިއަކަށޭ ވެސް ދެންނެވީމެވެ. އެހެން ވެއްޖެ ނަމަ އެ ޖިންނިއަކަށް އެކަހަލަ ކަމެއް ކުރަން ކެރޭނީ ހަޒްރަތު ޝާހްގެ އަމުރުފުޅަށް ކަމުގައި ވެސް ދެންނެވީމެވެ. އެހެންވީމާ މަންމަމެންނާ އެކީގައި ވަޑައިގެން އެ ޖިންނީގެ ބަލާވެރިކަމުން ދަރިފުޅު ސަލާމަތް ކޮށްދެއްވާށޭ، އާދޭސް ކޮށްފައި ދެންނެވީމެވެ. އޭނާ ޖިންނި ދުރަށް ފޮނުއްވައި ލައްވާނަމޭ ވިދާޅުވި އެވެ. އަދި އެއީ ކާފަރު ޖިންނިއަކަށް ވާތީ އޭނާގެ ބާރުފުޅުގެ ދަށުގައި އުޅޭ ޖިންނިއެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އެހެން ނަމަވެސް އިތުރަށް ދުޢާފުޅު ކުރައްވައިގެން ޖިންނި ފައްސަވައި ލައްވާނޭ ކަމަށް ވިދާޅުވި އެވެ. އަދި މަންމަމެންވެސް ގެއަށް ގޮސް ދުޢާ ކުރާން އެންގެވި އެވެ.

މަންމަމެންގެ ހިތްވަރު އެލިއްޖެ އެވެ. ހިތް ހަލާކު ވެއްޖެ އެވެ. އެނބުރި ދިޔަ މަގުމަތީގައި މަންމަމެންނާ ބައްދަލު ވަނީ މަޤްބަރާގެ އަންހެން ނޯކަރަކާ އެވެ. އޭނާ ބުންޏެވެ. އަޅުކަމުގެ ޚާއްޞަ ތިން ދުވަހުގެ ތެރެއިން ތިން ވަނަ ދުވަހު ހަޒްރަތު ޝާހް މަޤްބަރާ އަށް ވަޑައިގަތެވެ. ދަރިފުޅު މަހާނައިގެ ކައިރީން އަކިރި އެއްކޮށްގެން ލިބާހުގެ ފަސްބަޔަށް އަޅައިގެން ހުރެ ބުނި ކަމަށް ވެއެވެ. "ކަނޑައެޅިފައި އޮންނަ ވަގުތު ޖެހުނީމާ ބަރަކާތްތެރި އަތްޕުޅު މި ތަނުން ފާޅު ވާނެ- އެކަމަކު އަޅުގަނޑާ ދިމާއަށް އެއް ފިޔަވަޅު އިތުރަށް އެޅުއްވިޔަސް ދޫލޭ ޝާހް ދެއްވާފައި މިވާ އަކިރިން ތަޅައިގަތް ގަތީނުން ކަލޭގެ ދުވަސް ދުއްވައިލާނަން-" ހަޒްރަތު ޝާހްގެ ނޯކަރުން ދަރިފުޅު ހިފަހައްޓައިފި އެވެ. އަދި ތަޅައިގަންނާން އުޅުނީމާ ހަޒްރަތު ޝާހް ވިދާޅުވި ކަމަށް ވެއެވެ. "މޮޔައިންނޭ- އެއީ އެ ކުއްޖާގެ ވާހަކައެއް ނޫން- އެއީ އެ ކުއްޖާގެ މައްޗަށް ބާރު ފޯރުވާ ކާފަރު ޖިންނީގެ ވާހަކަ- އެ ޖިންނީގެ ބާރު މި މަޤްބަރާގެ މައްޗަށް ވެރި ވެފައި އޮތްހައި ހިނދަކު އަހަރެންނާއި އަހަރެންގެ ޢާއިލާގެ މީހުން މި ތަނަށް އައުން ރަނގަޅެއް ނުވާނެ-"

އެއް ރެއަކު މަޤްބަރާގެ ނޯކަރަކު އައިސް ދަރިފުޅު މަންމައަށް އެބަ ގޮވައޭ ބުނެފި އެވެ. މަންމަމެން ހަމަ އެ ވަގުތު އަތުވެއްޖައީމެވެ. އޭރު ދަރިފުޅު އޮތީ މަހާނައިގެ ކައިރީގައި ބިންމަތީގަ އެވެ. ބައްތީގެ ފަނޑު އަލީގެ ތެރެއިން ދަރިފުޅުގެ ތުންފަތް ވަރަށް ކުޑަކޮށް ޙަރަކާތް ކުރާތީ މަންމައަށް ފެނުނެވެ. އެ ވަގުތުވެސް ދަރިފުޅު ޤުރްއާން ކިޔަވަނީކަން މަންމައަށް އެނގުނެވެ. މަންމަ ދަރިފުޅުގެ ބޯ ނަގައި އުނގުމަތީގައި ބާއްވައިގެން ބިންމަތީގައި އިށީނދެއްޖައީމެވެ. ދަރިފުޅުގެ ބައްޕަ ދަރިފުޅުގެ އަތުގައި ހިފަހައްޓައިގެން އިނދެ ރޯން ފަށައިފި އެވެ. އެ ވަގުތު ދަރިފުޅު ވަރަށް މަޑު މަޑުން ބުނެލިއެވެ. "މަންމާ- ބައްޕާ- މަހާނަ ނުހުޅުވުނީ ކިހިނެއް ވެގެން ކަމެއް އެކަކަށް ވެސް ނޭނގޭ- މައްސަލަ ނިމުނީ- މައްސަލަ ނިމުނީ އަހަރެން މިއީ ފާފަވެރިއަކަށް ވެގެން- އެންމެ ރަނގަޅު- ދޫލޭ ޝާހް- ދެން އޮތީ އެންމެ ފަހުގެ ދުވަސް- އާޚިރަތް ދުވަސް- ﷲ ގެ ޙަޟްރަތުގައި އަހަރެމެން އެންމެން ކޮޅަށް ތިބޭނޭ ދުވަސް- ﷲ ގެ ޙަޟްރަތުގައި... ﷲ ގެ..." އޭގެ ފަހުން ދަރިފުޅު ހިމޭން ވެއްޖެ އެވެ. ދުވަހަކުވެސް ވާހަކަ ނުދައްކާ ގޮތަށް އަބަދަށްޓަކައި ދަރިފުޅު ހިމޭން ވެއްޖެ އެވެ.

މަންމަމެން ދަރިފުޅު ގެއަށް ގެނެސްފީމެވެ. މިއަދު ހެނދުނު ދޫލޭ ޝާހްގެ މަޤްބަރާ އިން މީހަކު އަތުވެއްޖެ އެވެ. އޭނާ އައީ ހަޒްރަތު ޝާހް ދެއްވި ކަފުން ފޭއްޔަކާއިގެންނެވެ. ދަރިފުޅުގެ ބައްޕަ އެ ކަފުން ފޭލި އެއްލައިލީ ދަރިފުޅު ހިނަވަން ފެން ކައްކަން އުދާފައި ހުރި އުނދުނަށެވެ. ދަރިފުޅާ އަވަލައިގެން އުޅުނު ޖިންނި ބައްޕަޔާ އަވަލީ ކަމަށް ވެދާނެ އެވެ.

މިހާރު... ލޯބިވާ ދަރިފުޅާ އެވެ. މަންމަގެ ފުރާނަޔާއެވެ. މަންމަގެ ހިތުގެ އެތިކޮޅެއް ކަމަށްވާ ރާނޫ އެވެ. ދަރިފުޅުގެ ނިތްކުރީގައިވާ ހުޅެވި ހަނދުގައި މަންމަ ބޮސް ދޭނަމެވެ. ފާރިސީ ލިލަކް މަލުގެ ވަސް ހަމަ މިއަދު ވެސް ހަމަ އެހެން އެބަ ހުއްޓެވެ. މުގޮށި މީދާތައް ގަސް ގަހަށް އަރައި ފުމެ ހަދަމުން ދަނީ އެވެ. އެ ދުވަހު ޖެހުނު ގޮތަށް ވައި އެބަ ޖެހެއެވެ. ހީވަނީ ހިކިފައި އެހެރަ ލަކުޑި ތަކުން ކުރި ފަޅައިފާނޭ ހެންނެވެ. މިހާރުވެސް ގޭތެރެއިން ދަރިފުޅު ޤުރްއާން ކިޔަވާ އަޑު އިވޭހެން އެބަ ހީވެ އެވެ. ގޭތެރެއިން ދުވަނީ ކާފޫރު ވަހެވެ. ދަރިފުޅު ވިހެއި ވަގުތު މަންމަގެ ހަށިގަނޑުގައި ވޭން އެޅި ވަރަށް މިއަދުވެސް ވޭން އެބަ އަޅައެވެ.

(ނިމުނީ)

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.