ހޯމަ20201130

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ވާހަކަ މުސްތޮގެ ރިވާޔަތްތައް 4:އަނބުގަސްދޮށު ހިޔާ

މުސްތޮގެ ރިވާޔަތްތައް 4:އަނބުގަސްދޮށު ހިޔާ

abugasދިވެހިރާއްޖޭގެ ވެރިރަށް، މާލޭގައި ޒުވާނުން މުންޑު އަނދެގެން އުޅެދާނެ ހެއްޔެވެ؟ ފަންފުޅައްޔާއި ބޮޑެތި މެދުގޯތިތައް ލާފައި ހުންނަ ގޭގެ ހުރެދާނެ ހެއްޔެވެ؟ ބިޔަ ގަސްގަހާގެހީގެ ހިޔަލުން މަގުތަކަށް އަވިދޭނެ ތަންކޮޅެއް ނުލިބިފައިވެސް އޮވެދާނެ ހެއްޔެވެ؟

އެއިރު ހުރެއެވެ. އެއިރު ޒުވާނުން މުންޑު އަނދެގެންވެސް މާލޭ މަގުތަކުގައި އުޅެވެ. ކުޑަކުދިންގެ ބޮލުގައި ތާކިހާ އަޅާފައި ހުރުމަކީވެސް އާއްމުކޮށް ފެންނަ މަންޒަރެކެވެ. ފަނުން ހަދާފައި ހުންނަ

ގެތައްވެސް މަދެއްނޫނެވެ. ތަފާތު އެކިވައްތަރުގެ ގަސްގަހާގެހީގެ ގިނަކަމާއެކުވެސް ބިޔަ އަނބުގަސް ފެންނަލެއް އަދި މާގިނަކަމަށް ދައްކައެވެ. ފެނުގައި ލޮނުކަމުގެ އެއްވެސް އަސަރެއް އަމުދުން ނެތެވެ. މަގޭ އަންހެނުން މުރީޙާ ގެ ބޮޑުބޭބެ ދަންނަންދޯއެވެ. އާއެކެވެ. އެއްކަލަ އިބްރާހިންދީދީއެވެ. މަގޭ މައިދައިތަ އަކީ އިބުރާހިންދީގެ ކޮއްކޮ އައިސަދީއެވެ. އިބުރާހިންދީ ދަންނަންތޯ މި އެހީ ކީއްވެކަން އެނގޭނީ މިވާހަކަ އަޑުއަހާލީމައެވެ. ކޮންމެއަކަސް ޒުވާނުން މުންޑުއަނދެގެން އުޅުނޭ މި ބުނާ ދުވަސްވަރަށް ޖެހިލާނަމެވެ. އަޑުއަހާށެވެ.

ހިތްފަސޭހަ ފިނި ވައިޖެހޭ ރީތި ހަވީރެކެވެ. ހެންވޭރު ކޮޅުގައި ހުރި އެދުރުގެއަކުން ކިޔަވައިގެން އެތިބަ ނުކުންނަނީ ޅަފުރައިގެ ކުދިންތަކެކެވެ. އޭގެތެރެއިން ދެކުއްޖަކު މާ އޯގަލުގައި ވާހަކަދައްކަމުން، އެހެންކުދިންނާ މުޅިން ވަކިން ތިބެ އާދެއެވެ. ދިހަވަރަކަށް އަހަރުގެ ދެ ފިރިހެންކުދިންނެވެ. އެއްކުއްޖަކުގެ ހަމުގެ ކުލަ އޮޅަލިކުލައައްވުރެ ކަޅުބަޔަށް ދައްކައެވެ. ދެން ހުރި ކުއްޖާ ދޮނެވެ. ދޮންކުއްޖާގެ ބޮލުގައި އޮތް ކިނާރިއެޅި ތާކިހަލާއި އަނދެފައި ހުުރި މުންޑުން، އެއީ ތަންކޮޅެއް ފޯރާ އާއިލާއެއްގެ ކުއްޖެއްކަން ދޭހަވެއެވެ. އަނެއްކުއްޖާވެސް އުނުއޮރިޔާން ނިވާކުރާނެ އެއްޗެއް ނުލިބޭހާ ފަގީރެކޭ ނުބުނެވޭނެއެވެ. ސާދާ ތާހިރު ހެދުމެކެވެ.

އޮޅަލި ކުއްޖާ އަކީ އުތުރުގެ ރަށެއްގެ ކުއްޖެކެވެ. ޔަތީމު ކުއްޖެކެވެ. އޭނާގެ ބައްޕަ ނިޔާވުމުން، މާލޭގެ ތަނަވަސްކަން ލިބިގެންވާ ބޭފުޅަކު އެދެމައިން މާލެ ގެނެސްގެން ބަލަހައްޓަނީ އެވެ. އެކުއްޖާގެ ބައްޕަ ނިޔާވީވެސް އެބޭފުޅާގެ އަރިހުގައި ވަފާތެރިކަމާއެކު ޚިދްމަތްކުރަނިކޮށެވެ. ކެއިންބުއިމާއި އަންނައުނު، ނިދާނެ ތަނާއި ހުރިހާ ޚަރަދުބަރަދެއް ބަލަހައްޓަނީ މި ދީލަތި ބޭފުޅާއެވެ.

ދޮންކުއްޖާ އަކީ އައްޑުއަތޮޅުގެ މުއްސަންޖެއްގެ ދަރިއެކެވެ. އޭނާގެ ބައްބަގެ ބަންގާޅު ބޯޓުފަހަރާއި ވިޔަފާރި މުދަލުގެ ނިޢްމަތްތައް މަދުނުވާވަރަށް ހުރެއެވެ. އަމުދުން އެ ބައްޕަގެ ވިޔަފާރި ކާރޫބާރު ބޮޑަށް އޮތީ ދެކުނުގައި ކަމަށް ވީއިރު މާލޭގައި އާއިލާ ގޮވައިގެން އުޅެނީ ކީއްވެ ކަމެއް އެކަކަށްވެސް ނޭނގެއެވެ.

ބެލެނިވެރިންގެ ކާރޫބާރު އެއީ މިދެކުދިން އަދި ވިސްނަންޖެހޭ ކަމެއްނޫނެވެ. އެއަށްވުރެ އެކުދިން މާ ޅައެވެ. ދެކުދިންވެސް އެއްގެއަކަށް ކިޔަވަންދާތީ، އެތަނުން އެކަކު އަނެކަކާ ތަޢާރަފްވެ ރަޙްމަތްތެރިވީއެވެ. ވަރަށް ގާތް ރަޙްމަތްތެރިކަމެކެވެ. ދެކުދިން ކިޔަވަނީ އެކުގައެވެ. ކުޅެނީ އެކުގައެވެ. އެކުގައި ހިނގާލަންދެއެވެ. އެކަކު އަނެކަކަށް އެހީ ވެދެއެވެ. އެއީ ޙަޤީޤީ ރަޙްމަތްތެރިކަމެވެ. އުޚުއްވަތް ތެރިކަންވެސް މެއެވެ. ދެކުދިން ކުރެ އެއްވެސް ކުއްޖެއްގެ އެއްބަނޑު އެއްބަފާ ގައި އެއްވެސް ބޭބެއެއް ކޮއްކޮއެއް ނުތިބޭކަމުން، ނުލިބުނު އުޚުއްވަތްތެރިކަމުގެ ލޯބި މި ރަޙްމަތްތެރިކަމުގެ ގުޅުމުން ފޫބެދޭ ކަހަލައެވެ. މިހެން ބުންޏަސް އައްޑޫ ކުއްޖާގެ މަންމަ އެއިރު އިންކަމަށް ވަނީ އެހެން ކުއްޖަކަށް ބަލިވެއެވެ.

ވަގުތަކީ ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. އެކިއެކި މައިޒާންތަކުގައި މީހުން ވައިޖައްސާލަން ތިބޭ ވަގުތެވެ. މީގެ ދެކުދިން ވެސް އެކުދިންނަށް ލިބިފައިވާ މިނިވަންކަމެއްގެ ސަބަބުން، އަދި ގެއަށް ދާކަށް ނޫޅެއެވެ. ދިޔައީ އެކުދިން ކުޅެ މަޖާ ކޮށްލަން ގޮސްއުޅޭ ތަނަށެވެ. ބޮޑު ހުސްބިމެކެވެ. ބުނެވޭގޮތުން އެއީ ބަންޑާރަ ބިމެކެވެ. އެތާގައި ބޮޑު އަނބުގަހެއްވެސް ހުރެއެވެ. ތަންގަނޑުކުދިން ކުޅިވަރުކުޅެ މަޖާނަގަން އެތަނަށް އެއްވެއެވެ.

މިއަދު އޭގެ ދެކުދިން ކުޅިވަރު ކުޅުމުގެ ބަދަލުގައި ދައްކަނީ ކޮންމެސް ވާހަކައެކެވެ. އައްޑޫ ކުއްޖާ، މާދަމާ ފުރާ އެއްޗަކުން ރަށަށް ދަނީއެވެ. ދާ ސަބަބެއް އެއްގޮތަކަށްވެސް ނޭނގެއެވެ. އެއީ އޭނާގެ ބައްޕަގެ ނިންމުމެވެ. ދެން މާލެ އަންނާނީ ކޮންއިރަކުންތޯ ބައްޕަކުރެން އެހީމާ ދިން ޖަވާބަކީ މާލެ އައުމެއް ދެނެއްނެތް ކަމުގައެވެ. މިކުއްޖާގެ ޅަކަމާ ހުުރެ، ދުނިޔޭގެ މަސްރަހުގައި ހިނގާ އެއްވެސް ކަމެއް ނޭނގުނު ކަމުގައިވިޔަސް، އޭނާ އުޅެބޮޑުވި މާލެ އާއި އެންމެ ގާތް އެކުވެރިޔާ ދޫކޮށްލާފައި ދާން ޖެހުމަކީ މާ އުފާވާ ކަމެއް ނޫނެވެ. އަނެއްކުއްޖާވެސް އެހުންނަނީ އެކަމާ މޮޅިންނެވެ. ދެން މަޖަލެއް ނުވާނެއެވެ. ދުވަސްތައް ވަރަށް ފޫހިވެފައި އެކަނިވެރި ވާނެއެވެ.

''ދެން ސިޓީ ފޮނުވަން ވާނެ އިނގޭ ! ''

އުތުރުކުއްޖާ އިށީނދެ އިންތަނުުން ތެދުވެ މުންޑުން ވެލިފޮޅާލަމުން ބުންޏެވެ.

'' ބައްޕަ ބުނެފަ އޮތީ އެއްވެސް ސިޓީ އެއް ވިޔަސް ހަދިޔާއެއް ވިޔަސް މާލެއަކަށް ނުފޮނުވޭނޯ ދެނެއް..''

އައްޑޫ ކުއްޖާ ވަރަށް މާޔޫސްވެ ހުރެ ބުންޏެވެ.

'' އެހެންވިއްޔާ ދެން ނޭގެ ބައްދަލުވާނެ ކަމެއްވެސް ދޯ..؟ މަގޭ ހިތުލައިގެން މި ހުރީ ދެމީހުންވެސް ބޮޑުވެ މީހުނާ އިނދެ، ކުދިން ލިބިއްޖެންޏާ ކަލޭގެ ދަރިޔަކާ މަގޭ ދަރިއަކު ދެވަންކަމަށް''

އުތުރުކުއްޖާ އެހެންބުނެފައި ދެމީހުން ވެސް ޕަކަޕަކައަޅާފައި ހީނގަތެވެ.

''ތިކަން ވެސް ވާނެ އިރާދަކުރެއްވިއްޔާ، ތިކަން ވާނީ ހަމަ ކުރަން، ގަދަވެ ހެޔޮޙާލުގައި ހުރެއްޖެއްޔާ މީގެ ސާޅީސް އަހަރު ފަހުން ހަމަ މިދުވަހު ވާނެ މިގަސްދޮށުން ދެމީހުން ބައްދަލު ކުރަން..''

މަޖާ ހިނިގަނޑެއް ޖަހާލަމުން އައްޑޫ ކުއްޖާ ބުންޏެވެ.

'' ތީ ދެން އޮތް ގޮތަކީ...''

ހެމުން ހެމުން އުތުރު ކުއްޖާ އެބަހަށް ތާއީދު ކުރިއެވެ. ދެން އައްޑޫކުއްޖާ އޭނާގެ ބޮލުގައި އޮތް ކިނާރި އެޅި ތާކިހާ ނަގާފައި އުތުރުކުއްޖާ އަތައް ދެމުން ބުންޏެވެ:

'' އަން..! ހަނދާނެއްގެ ގޮތުން މި ބާއްވާ.. ''

'' އުތުރު ކުއްޖާ އޭނާގެ ބޮލުގައި އޮތް ތާކިހާ ނަގާ އައްޑޫ ކުއްޖާ އަތައް ދެމުން ބުންޏެވެ:

'' މީތި ބާއްވާ މަގޭ ހަނދާނަކަށް... ދެން މިތަނުން ބައްދަލުވާ ދުވަހަކުން ބޮލުގަ މި އަޅައިގެން އަންނާތި..! މުސްކުޅިވެފަ ދެމީހުންވެސް ތިބޭނީ.. ނޭނގޭނެ ފެނުނަސް ކާކުކަމެއް..''

ދެކުދިން އެކީގައި ބާރަށް ހީނގަތެވެ.

'' ކަލޭ ސަތޭކަ އަހަރުފަހުން ފެނުނަސް މަށަށް އެނގޭނެ ''

އައްޑޫކުއްޖާ ޔަގީންކަމާ އެކު ބުންޏެވެ. ދެން ދެކުދިން އެކީގައި ހެމުން ހެމުން ގެއަށް ދިޔައިރު އިރުއޮއްސެން ދާދި ކައިރިވެއްޖެއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ދެކުނުގެ ތިން އަތޮޅުގައި މާލޭ ސަރުކާރާ އިދިކޮޅު ބަޣާވާތެއް ހިނގިއެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.