ހޮނިހިރު20200328

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ވާހަކަ މުސްތޮގެ ރިވާޔަތްތައް 4:އަނބުގަސްދޮށު ހިޔާ

މުސްތޮގެ ރިވާޔަތްތައް 4:އަނބުގަސްދޮށު ހިޔާ

ޒަމާންތަކެއް ފަހުން މާލެ:

ރޭގަނޑު ނުވަގަޑި ބައިކަންހާއިރު ޣާޒީ ބިލްޑިންގުން ނިކުތް ޒުވާނަކު، އެމަގުގައި ބަހައްޓާފައި ހުރި އޭނާގެ ސައިކަލު ހުރިތަނުން ނެރެ އެޔަށް އަރައި ދުއްވާލައިފިއެވެ. ފަހަތަށް ބެލުމެއްނެތި ނުހަނު އިތުބާރު ހުރި ތަޞްވީރެއްގެ ވެރި އެ ޒުވާނާއަކީ ޙާމިދު ނަމަކަށްކިޔާ ކުއްޖެކެވެ.

ޢުމުރުން އެވީ އަދި ބާވީސް އަހަރެވެ. ސްކޫލް ނިންމާފައި މިހާރު އޭނާ އުޅެނީ ވަޒީފާއެއްގައެވެ. ވިސްނުންތޫނު، މުރާލި، ހަރަކާތްތެރި ޒުވާނެކެވެ. އޭގެ އިތުރުން ހެދިހުރި ރީތި ހަށިގަނޑެއް އޭނާއަށް ވަނީ ލިބިފައެވެ. މުސްތަޤުބަލް އޮތީ ދިމާ ކުރިމަތީގައެވެ. އުއްމީދުތަކާއި ރީތި ހުވަފެންތަކުން ފުރިފައިވާ ދިގު މަގުގެ އަނެއް ކޮޅުގައެވެ.

ޙާމިދު ގެ މައިންބަފައިންވެސް އަދި ގައިގައި ވަރު ހުރީތީ މަސައްކަތް ކުރެއެވެ. ގޭތެރޭގެ ހުރިހާ ޚަރަދެއް ބައްޕަ ބަލަހައްޓައެވެ. އޭނާ އަށް ލިބޭ މުސާރަ އެމީހުން ބޭނުމެއް ނުކުރެއެވެ. ޅަނދޮޅު ދަރިފުޅުގެ މުސްތަޤްބަލަށްޓަކައި ދެކޭ ފޮނި ހުވަފެންތައް ކާމިޔާބު ކުރުމައްޓަކައި އޭނާގެ މުސާރަ އޭނާއަށެވެ.

އޭނާގެ ހުވަފެންތަކުގައި ވަނީ ކޮންފަދަ ރީތި ކުލަތަކެއްބާވައެވެ. ހިތުގެ ގުލްޒާރުގައި ފަރިވެ ފޮޅެނީ ކޮންކަހަލަ މާތަކެއްބާވައެވެ؟

ޔަޤީނުންވެސް މިހާރު އޭނާގެ އުމުރަށް ބަހާރުގެ މަރުޙަލާ އައިސް ޖެހިއްޖެއެވެ. ނޭނގޭކަމަކީ އެހިތުގެ ދަރުބާރުގައި ރަނިކަންކުރާ ފަރާތެކެވެ. އެބަހާރުގެ ގުލްޒާރަކީ ކާކުގެ މިލްކެއް ކަމެވެ.

އޮފީހުގެ އިތުރުގަޑީގައި ކުރަންޖެހުނު މަސައްކަތެއް ނިންމާލާފައި މިހާރު އެދަނީ ހަމަ ސީދާ ގެއަށެވެ. އެއިރު އޭނާގެ ކުރިމަތިން ޅަވަރެއްގެ ދެ ސޮރަކު އެހެން ދިޔަ އަންހެން ކުއްޖަކަށް މައްލަވަ ކުރަނީއެވެ. އަންހެން ކުއްޖާ ވަރަށް ކަންބޮޑުވެފައި ހުރެ އޭނާ އަށް ހިނގުނުހައި ހަރެއްކޮށް ހިނގަމުން ދެއެވެ. މި ފެންނަ ނޭއްގާނީ މަންޒަރުން، ޙާމިދުގެ ލޭ ހޫނުވެ ރުޅިއަންނަ ގޮތް ވިއެވެ. އެންމެ ފަހުން ނުހުރެވިގެން އޭނާގެ ސައިކަލު މަޑުކޮށްފައި އެ ނުލަފާ ދެ ޒުވާނުންނާ ދިމާއަށް ނިކަން ރަނގަޅަށް ބަވާލިއެވެ. އޭގެ ދެމީހުންނަށް ޙާމިދުގެ މޫނުމަތީގެ ހައިބަތު ފެނި ޖެހިލުންވާގޮތްވިއެވެ. އަދި އަންހެން ކުއްޖާ ދޫކޮށްލާފައި އަވަސް އަވަހަށް އެތަނުން ހިނގައްޖެއެވެ. އަންހެން ކުއްޖާވެސް އެއިރު އެތަންބަލަން ހުއްޓިގެން ހުއްޓެވެ. ހާމިދަށް އެއީ ކޮން ކުއްޖެއްކަން އެނގިއްޖެއެވެ. އެމީހުންގެ ގެއާ ޖެހިގެން ހުންނަ ގޭ ރާމިޒާއެވެ.

ރާމިޒާމެންގެ ޢާއިލާ އާ ޙާމިދުމެންގެ ޢާއިލާއަކީ ވަރަށް ދުޝްމަން ދެ ޢާއިލާއެވެ. ވަރަށް ޒަމާންވީ ރުޅިވެރިކަމެކެވެ. ހުރިހާވެސް މައްސަލައަކީ ގޯއްޗެވެ.

ގޯއްޗަކީ ޙަގީގަތުގައި ޙާމިދު ގެ މަންމަފަރާތު ކާފަގެ ގޯއްޗެކެވެ. ކާފަ މަރުވުމުން މާމަ ފަހުން އިން މީހާ އަށް ގޯތި ރަޖިސްޓަރީ ކޮށްދިނީއެވެ. އެއިރު ޙާމިދުގެ މަންމަ ޚަދީޖާ ދާދި ކުޑައެވެ. ޚަދީޖާގެ ދޮންބައްޕަ ނުވަތަ ޙާމިދުގެ ދޮންކާފަ، ޚަދީޖާއަށް ވަރަށް ރަނގަޅެވެ. އޭނާގެ އުފަން ދަރިއަކު ފަދައިން ޚަދީޖާގެންގުޅުނެވެ. މަންމަ މަރުވުމަށް ފަހު މީހަކާ އިންނަން ޖެހެންދެން އެ ދޮންބައްޕަ ޚަދީޖާ ބެލިއެވެ. އެކަމަކު ޚަދީޖާ މީހަކާ އިނދެގެން އަދި ކުއްޖަކުވެސް ނުލިބެނީސް ދޮންބައްޕަ ނިޔާވެއްޖެއެވެ. ދެން ސަރުކާރުން، އެ ދޮންބައްޕަގެ ވާރިސަކު ހުރިތޯ ޢިއުލާން ކުރި ތަނުން، ކޮންމެސް ރަށެއްގެ ރުޤިއްޔާއަކު މާލެ އައިސް އޭނާ އަކީ މަރްޙޫމް ގެ ހުރި ހަމަ އެކަނި ވާރުތަ ވެރިޔާ ކަމަށް ދައުވާ ކުރަން ފެށިއެވެ. އާނއެކެވެ. ރުޤިއްޔާ އަކީ ދޮންބައްޕަގެ އުފަން ދަރިއެކެވެ. މިހުރިހާ ދުވަސް ވީއިރު އެކަން ދެނެ ހުރި މީހަކު ނެތެވެ. އެކަމަކު ޙަގީގަތް ވާނީ ހަގީގަތަށެވެ. ގޯތީގެ ރަޖިސްޓަރީ އެ އޮތީ ދޮންބައްޕައަށެވެ. ރުޤިއްޔާ އަކީ އެ ދޮން ބައްޕަގެ ހުރި ހަމަ އެކަނި ދަރިއެވެ. ދެން އެ ގޯއްޗާ ހެދި ބޮޑު އަރާރުން ގަނޑެއް އެހިސާބުން އުފެދުނުވެ. އެންމެ ފަހުން ކޯޓުން ނިންމީ ގޯތި ހަމަޔަށް ދެބައި ކޮށް، ޚަދީޖާއަށް އެއްބައި، ރުޤިއްޔާ އަށް އަނެއްބައި ދިނުމަށެވެ. އެހިސާބުން ފެށިގެން، ޚަދީޖާ އާ ރުޤިއްޔާ އާ ކަނޑިއާ ކަނޑިއެވެ. ދިލޭރު މޫސާފުޅާ އިބްރާހިމްދީ އާވެސް ހަމަ ކަނޑިއެވެ. ދިލޭރު މޫސާ ފުޅަކީ ޚަދީޖާގެ ފިރިމީހާ އެވެ. އިބްރާހިމްދީ އަކީ ރުޤިއްޔާގެ ފިރިމީހާއެވެ. ދެން އެ ރުޅިވެރިކަން ދަރިންނަށް ވެސް އޮތީ ދަސްކޮށްދީފައި ކަމުން، ޙާމިދާއި ރާމިޒާ އަކީވެސް ޖެހިފައި ވެއްޓުނަސް އަނގައިން ނުބުނާ ދެކުދިންނެވެ. ރާމިޒާގެ ރީތިކަމާހުރެ ވައްކަޅިއަކުން ބައެއްފަހަރު ޙާމިދު ބަލައިނުލައެކޭ ނޫނެވެ. އެއީ ވެސް އޭނާ ޤަސްތުގައި ކުރާކަމެއް ނޫނެވެ. ބޭއިޚްތިޔާރުގައެވެ. ބޭއިޚްތިޔާރުގައި ކުރެވޭ ކަންކަމުގެ ހިސާބެއްނޯންނާނެއެވެ. އެއީ އުޒުރެކެވެ.

ރާމިޒާގެ ރީތި ކަމާހުރެ ޙާމިދު ޖެހިލުންވިއެވެ. ހިނދުކޮޅަކަށް ނަމަވެސް އެއީ ދުޝްމަނެއްކަން ހަނދާންނެތުނެވެ.

'' ޝުކުރިޔާ ވަރަށް ބޮޑަށް ''

ރާމިޒާ ވާޖިބު އަދާ ކުރިއެވެ.

'' މިއޮއް ރޭގަނޑު އެކަނި ކީއްވެތަ ހިނގަނީ؟ ''

ޙާމިދު މޫނަށް ރޫއަރުވާލަމުން އޭނާއަށް ކޮށްފައި ހުރި އަސަރު ފޮރުވިއެވެ. އޭނާ އަކީ ހަރުދަނާވެސް ޒުވާނަކީ އެވެ. ފެންނަހާ ރީތި އަންހެން ކުދިންނަށް ހިނިތުންވުމާ ޢިޝްޤީ ގޮތްގޮތަށް ބެލުމަކީ އޭނާ ކުރާ ކަމެއްނޫނެވެ.

'' އަސްލު މާ ކުރިން ނިމުނީ.... މަންމަ އަކަށް ނޭނގޭނެއްނު އެކަމެއް... ދެން ސްކޫލްގެ އޮފީސް ބަންދުކޮށްފައި ހުރީމަ އަސްލު ފޯނު ނުކުރެވުނީވެސް. .. ހުރިހާ ކުދިން ގެއަށް ދާ އިރު ދެން ނުހުންނަން ވެގެން....''

ރާމިޒާ ވަރަށް ރަނގަޅަށް ވީ ގޮތް ޝަރަހަ ކޮށްދިނެވެ. ހީވަނީ ވަރަށް މުހިއްމު މީހެއްގެ ކުރިމަތީގައި ޑިގުވެއްޓި ދާނެތީ އުޅުނުހެންނެވެ. އެހެން ނޫނީ ދެން ކޮންކަމެއްހެއްޔެވެ. އޭނާގެ މިނިވަން ކަމެވެ. އެކަނިމާ އެކަނި ކިތައްމެ ދަންވަރަކު ހިނގިޔަސް އޭގެ ތަފްސީރު ކޮންމެހެން މި ޙާމިދަކަށް ކިޔައިދޭކަށް ނުޖެހެއެވެ. ނޫނެކެވެ. އެހެންނެއް ނޫނެވެ. މިފަދަ ދަނޑިވަޅެއްގައި އެހީވެދިން އެފަދަ މާތް މީހަކަށް، ވީ ގޮތް ބުނެދިނަކަސް އެއީ އަދި ދެރަވުމެއްނޫނެވެ. އޭނާ އެ ކަންތައް ކުރީ ހަމަ ކުރަން ޖެހޭނެ ގޮތަށެވެ.

'' އެހެންދޯ؟ އެއީ ވީ ގޮތަކީ... ؟ މަށާ އެކީ ދާންވީނު؟ އަހަރެންގެ ގެ ހުންނަނީ ހަމަ ރާމިޒާމެން ގެއާ ޖެހިގެންނޭ..؟ މަށަށް ކިޔަނީ ޙާމިދު.. ސައިކަލު ފަހަތަށް އަރަންވީނުން..؟

ރާމިޒާ އެކަނި ދޫކޮށްލާކަށް އޭނާގެ ފިރިހެން ޒަމީރު އެއްބަހެއްނުވިއެވެ.

'' އެނގޭ ތިކަން... ތީ ޙާމިދުކަންވެސް އެނގޭ.. ''

ރާމިޒާ ސައިކަލު ފަހަތަށް އެރިއެވެ. އެއްކައިރިއަށް ދެފައި ބާލައިގެންނެވެ. ވީހާވެސް ގައިގޯޅި ނުވާ ގޮތަށެވެ.

ދުއްވާފައި ދިޔަ ސައިކަލުގެ އިންޖީނު އެދެޒުވާނުންގެ ހަމަހިމޭންކަން ކެނޑުވޭތޯ މަސައްކަތް ކުރާ ކަހަލައެވެ. ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ފަހަތުގައި އިން ރާމިޒާގެ ޒުވާންކަމުގެ އަސަރުން ޙާމިދުގެ ހިތުގައި އެހެންކަހަލަ ޖަޒުބާތުތަކެއް ހިނގަންފެށިއެވެ. އެހިތުގައި އާ ފާޑެއްގެ އަލިފާނެއް އަނދަންފެށިއެވެ. އާރާގަކަށް ހިތުގެ ވިންދުވެސް ބަދަލުވެއްޖެއެވެ. ޙާމިދު ގަޔަށް ޖަހާފައި ހުރި ސެންޓުގެ ވަހުން ރާމިޒާގެ ބުއްދިއަށް ރަނުގެ ކުލަވަރެއް އަރާފައި ހުރިކަމެއް އެނގެނީ ކާކަށް ހެއްޔެވެ. އަންހެން ކުދިންގެ ހިތަކީ ސިއްރުން ފުރިގެން ވާ އެއްޗެކެވެ. އޭގެ ޙަޤީގަތް އެނގޭނީ އެމީހުން ފާޅުކުރީމައެވެ.

ދުއްވާފައި ދިޔަ ސައިކަލު ގޮސް މަޑުކުރީ ގޮށްކުޅަނދުރުގޭ އިރުމަތީ ބައިގެ ދޮރާށި ކައިރިއަށެވެ. އެވަގުތު ރާމިޒާ ސައިކަލު ފަހަތުން ފައިބައި، ޙާމިދަށް ޝުކުރުގެ ޖުމްލައަކާ އެކު ހިނިތުންވެލަމުން ގެއަށް ވަނެވެ. ޙާމިދު ސިކުނޑި ހުދުވެފައި އިރުކޮޅަކު އިނެވެ. ވިސްނާނެ އެއްޗެއްވެސް ނުވިސްނިފައެވެ. އިންސާނާގެ ހިތަކީ އަބަދުވެސް ކޮންމެސް އެއްޗެހިތަކެއް އަރާފައިބާ އެއްޗަކަށްވީއިރުވެސް ޙާމިދުގެ ހިތް މިވަގުތު ވަނީ އިސްތިސްނާ ޙާލަތެއްގައެވެ. އެހެން އިންދާ ކުއްލިއަކަށް ރުޤިއްޔާގެ އަޑު މާދުރުން އިވުންހެން ހީވެގެން ސިހިގެންގޮސް، އަވަސް އަވަހަށް ސައިކަލު އަނބުރާލާފައި އޭނާގެ ގެއަށް ވަނެވެ.

ގެއަށް ވަންތަނުން މަންމަ ކާން ހަދައިދިނެވެ. ޙާމިދު ގޮސް ކާން އިށީނީ މާ ކާހިތަކުން ނޫނެވެ. އެކަމަކު އޭނާއަކީ ގަޑިންގަޑިއަށް ބަރާބަރަށް ކާމީހެކެވެ. ގަވާއިދުން ކަސްރަތުކުރެއެވެ. މާ ދީންވެރި ނޫނެއްކަމަކު ދީނީ ވާޖިބުތައް އަދާކުރެއެވެ. ދީނުގައި އޮންނަ ވާޖިބުތައް އަދާކުރުމަކީ ދީންވެރިވުމެއް ނޫނެވެ. އެއީ ކުރަން ވާޖިބު ކަމެއް ވީމާ މުސްލިމަކަށް ވީހިނދު ކުރަން ކޮންމެހެން ޖެހޭނެ ކަންތަކެވެ.

'' ދަރިފުޅާ މިއަދު ތަނަކުން ކެއީތަ؟ ހާދަ ގަޔާނުވާ ފާޑަކަށޭ ތިއުޅެނީ... ''

ކެއުމުގައި ފަރުވާކުޑަކުރުމަކީ ޚަދީޖާ ވަރަށް ހިތްހަމަނުޖެހޭކަމެކެވެ. ދަރިފުޅަށް ކާންދޭން ވެގެން ޚަދީޖާ ބޭނުން ކުރާ ވަރަށް ދުވަސްވީ ހަރުބަހެއް އޮވެއެވެ. '' ކާއެއްޗެއްސަށް ބޮޑާހާކާކަށް ނުވާނެ '' މިއެވެ. މީ ވަރަށް ޙިކްމަތްތެރި ބަހެކެވެ. މި ބަހުގެ ސަބަބުން ޙާމިދަކީ ދުވަހަކުވެސް ކެއުމަށް ބޮޑާހާކާ ކުއްޖެއްކަމުގައި ނުވެއެވެ. ކޮންމެ އެއްޗެއްވެސް ހަލާލިއްޔާ އޭނާ ކާނެއެވެ.

'' ނޫނޭ.. އެހެންނެއްނޫން.. ''

ޙާމިދު ކުރުޖަވާބެއްދިނެވެ. އޭނާ އެދިން ކުރުޖަވާބުން ޚަދީޖާގެ ނިތްކުރިއަށް އަރާފާހުރި ސުވާލުމާކުތައް ވީ ހައްތާ އިތުރެވެ. އެހެންނަމަވެސް ސުވާލުގިނަކުރުމަކީ އޭނާގެ ތަބީޢަތެއްނޫނެވެ. އޭނާއަކީ އެހާ އަނގަގަދަ މީހެއްނޫނެވެ. ހުރިހާވެސް މޮޅެއްއޮތީ ޚަދީޖާއަށް މައިދައިތަ ކިޔާނެ ކުއްޖަކަށެވެ. މިކަހަލަ ބަސްމަދު މައިދައިތައެއް ލިބުމަކީ ނާދިރުކަމެކެވެ. އެހާމެ ބޮޑު ނިޢުމަތެއްމެއެވެ. ބަސްމަދުވުމޭ ބުނީމާ އޭގެ މާނައަކީ އޭނާ އޭނާގެ ދަރިފުޅާ ދައްކަންޖެހޭ ވާހަކަތައްވެސް ނުދައްކާ ހުރުމެއްނޫނެވެ. ތަފާތަކީ ހަމައެކަނި މީހުންގެ މޫނުބަލާފައި ދައްކަން ޖެހޭވާހަކަޔާ، ވާހަކަދައްކަން ޖެހޭވަގުތު އޭނާ ދެނެގަންނަކަމެވެ.

ޙާމިދުގެ ކުރުޖަވާބުގެ ފަހަތުގައިވަނީ މިރޭދިމާވި ޙާދިސާއެވެ. އެހެން އެއްވެސް ކަމެއްނޫނެވެ. އޭނާގެ ހިމޭން ހިތުގައި ހަލަބޮލިކަމެއް، މިރޭގެ ޙާދިސާގެ ސަބަބުން ހިނގައިފިއެވެ. ނުވަތަ ހަލަބޮލި ހިތުގައި ހިމޭންކަމެއް އުފެދިއްޖެއެވެ. ދެގޮތްވެސް ޞައްޙައެވެ.

ހާމިދު ގެ ހިތުގައި މިހާރު ކޮންމެސް އަންހެންކުއްޖެއްގެ ތަސްވީރު ކުރެހިފައިވާނެކަމަށް ޚަދީޖާ ބަލައެވެ. ދޭތެރެއަކުން ސުވާލުވެސް ކޮށްލައެވެ. ނަމަވެސް ޙާމިދުގެ ކިބައިން އެދެވޭ ޖަވާބެއް ނުލިބެއެވެ. ދަރިފުޅުގެ ހިތުގައި އޮތް އެއްޗެއް ނޭނގޭތީ ޚަދީޖާގެ ހިތުގައި މިހާރު އެހެން ފާޑެއްގެ ބިރުވެރިކަމެއްވެސް ހިނގަންފަށައިފިއެވެ. ޖެހިގެން އެހެރަ ރުޤިއްޔާމެން ގޭގައި އެހެރަ ބޮޑުވަނީ ރީތި މަންޖެއެކެވެ. އުޅުންވެސް ފެންނަފެނުމަކަށް ގޯހެއްނޫނެވެ. އެމީހުން ބޭރުފުށުން ނިކަން ރަނގަޅުވާނެއެވެ. އެއީހަމަ ދެއްކުންތެރިކަމެވެ. ހުސް މަކަރެވެ. އެ ކުއްޖާގެވެސް ހަމަ ހުންނާނީ އެ ރުޤިއްޔާގެ ހުންނަ މަކަރުވެރިކަމެވެ. އޭނާގެ މަޅިފަތީގައި ޚަދީޖާގެ ހުރި އެންމެ ދަރިފުޅު ޖައްސަފާނެއެވެ. ޖައްސަފާނެއެއްނޫނެވެ. ޖައްސާނެއެވެ. ގޯތީގެ ބާކީ އޮތް ތަންކޮޅުވެސް ދިރުވާލެވޭނީ އެއިރުންތާއެވެ.

ރާމިޒާގެ ބޭޤަރާރުކަން ވަކި ކުޑައެއްނޫނެވެ. އޭނާގެ ސާފު ހިތުގައި ކޫރުމެއްއެޅިއްޖެއެވެ. ސާފު އެއްޗެހީގައި އެޅޭރޮނގުވެސް ފާޅުކަން ބޮޑުވާނެއެވެ. ފިލުވާލަންވެސް އުނދަގުވާނެއެވެ. އޭނާގެ ތުންފަތުގައި ގޮތްނޭނގޭ ހިނިތުންވުމެއްގެ އަސަރު ބަލާމީހަކަށް ވިއްޔާ މިހާރުފެންނާނެއެވެ. ރުޤިއްޔާއަކީ ދަރިފުޅު އަޅާ ނޭވާއަށް ދާނދެން ގުނައިގެން އުޅޭ މީހެއްކަމުން މިރޭ ރާމިޒާ ބޭޒާރުނުވެ ސަލާމަތެއް ނުވާނެއެވެ. ބާޒާރުވުމޭ މިބުނީ އޭނާގެ ހިތުގައި ވާލޯބި ބޭޒާރު ވާނެ ވާހަކައެއްނޫނެވެ. ލޯބި އަދިވެގެން ތާއެވެ. އޭނާ އަދި މީހަކު ދެކެ ލޯތްބެއް ނުވެއެވެ. އެކަމަކު މިރޭ މި ދިމާވި ކަންތަކަކީ މަންމަ ރުހޭނެ ކަމެއް ނޫނެވެ. ޙާމިދަކީ މަންމަ އެއްގޮތަކަށްވެސް ޤަބޫލު ކުރާނެ މީހެއްނޫނެވެ. އެއީ މަންމަގެ ދުވަސްވީ ހަތުރުގެ ހުރި ހަމައެކަނި ދަރިފުޅެވެ. ޙަޤީޤަތަކީ މަންމަ އެމީހުނާ ޢަދާވާތްތެރި ވުމެއްނޫނެވެ. ގޯތީގެ އެއްބައި މަންމައަށް ލިބުމުން އެގޭ ޚަދީޖާ މަންމަދެކެ ބާއްވާ ޢަދާވާތްތެރިކަމެކެވެ.

ދުވަސްތައް ތަކުރާރުވަމުން ދެއެވެ. ޙާމިދަކަށް ރާމިޒާއެއް މާގިނައެއްކޮށް ނުފެނެއެވެ. އެހެންނަމަވެސް ކުރިއަށްވުރެ ގިނައިން އެދެމީހުނަށް އެކަކު އަނެކަކު ފެނެއެވެ. މިއީ ކިހެނެތް ވާކަމެއްބާވައެވެ. ތަޤްދީރު ރާއްވަވާ ކުޅިގަނޑެއްބާވައެވެ. ނޫނެކެވެ. އިންސާނުން އަމިއްލައަށް ކަންކޮށްފައި ތަޤްދީރު އެދޭތެރެއަށް ވެއްދުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ. ޙަޤީޤަތަކީ އިންސާނާ ކަމަކާމެދު މާބޮޑު ޝައުޤްވެރިކަމެއް އުފެދިއްޖެނަމަ އެދިމާއަކަށް އޭނާގެ ހުުރިހާ ޙިއްސުތަކެއް ދަމަނީއެވެ. ރާމިޒާ ފެންނާނެހެން ހީވާ ދިމަދިމާއަކަށް ވިއްޔާ ޙާމިދު ގެންދިއުމަކީ އޭނާގެ ފޮރުވިފައިވާ ޖަޒުބާތުތައް އޭނާއަށްވެސް ނާންގާ ކުރާކަމެކެވެ. ދެން ކުރިއަށްވުރެ ގިނައިން އޭނާއަށް ރާމިޒާ ފެންނަގޮތްވަނީއެވެ. އަދި ކޮންމެ ފެނިލުމަކާއެކީ ރީތި ހިނިތުންވުންތައް އެކަކު އަނެކަކަށް ބަދަލުކޮށްލައެވެ. ހަމައެކަނި ހީނލުމަކީ ރީތިގޮތަކަށް ނުވާތީ ޙާލު ކިހެނެތްތޯ އަހާލުމަކީވެސް ފަހަކަށް އައިސް އާދައެކެވެ.

ރާމިޒާގެ ޙަޤީޤީ ދުނިޔެއަށް ހުވަފެންތަކެއްގެ ހިޔަނިއެޅެންފަށައިފިއެވެ. ހިޔަންޏޭ ބުނުމަށްވުރެ ހިޔަލޭ ބުނެފިއްޔާ މާ ހިތްފަސޭހަ ވާނެކަންނޭނގެއެވެ. ހިޔަންޏެއް އެޅުމަކީ ކުރިމަތިވާން އޮތް ނުރައްކަލެއްގެ ޢަލާމާތްވިއްޔާއެވެ. ހިޔަލަކީ އަދި އޭގެ ޒާތުގައި ހިޔަންޏެއްކަމަށް ވިޔަސް ހިމާޔަތެކެވެ. ފިނިކަމެކެވެ.

ކޮންމެއަކަސް ހުވަފެނަކީ ވަކި ހައްދެއް، ހުދޫދެއް، ސަރަޙައްދެއް ވަކިވާއެއްޗެއް ނޫނެވެ. އުފާވެރި ހުވަފެންތަކަކީ ރީތި އެއްޗެކެވެ. ހުވަފެނުގައި އިންސާނާއަށް ދެފިޔަޖަހައި އުދުހެވެއެވެ. ނުވަތަ ފިޔައެއް ނެތި ހުސްއަތާ އުދުހެވެއެވެ. މިއީ ޙަޤީޤީ ދުނިޔޭގައި މުސްތަޙީލުކަންތަކެވެ. ޒުވާންކަމަކީ އިންސާނާ ހުވަފެންތަކެއްތެރެއަށް ގަންބުވާލާ ކަމެކެވެ. ނުވިސްނާ ހުރެއްޖެ ނަމަ ބޮޑު ހިތާމައެއްގެ ތެރެއަށް ވެއްޓިދާފަދަ ކަމެއްމެއެވެ. ރާމިޒާގެ ހުވަފެންތަކަކީ ނިދީގައި މިފެންނަކަހަލަ ހުވަފެންތަކެއްނޫނެވެ. ޙަޤީޤަތުގައި ނިދި އޭނާއާ މާބޮޑަށްވެސް މިހާރު ދުރުވެއްޖެއެވެ. ކޮންމެރެއެއްގެ ނިދި އޭނާއާ ބައްދަލުކުރަނީ ޚިޔާލީ ހުވަފެންތަކެއްގައި ހިނިތުންވެ އޮވެ އެތައް ވަގުތުތަކެއް ވޭތުވާފަހުންނެވެ.

ހުވަފެން ދެކެނީ ހަމައެކަނި ރާމިޒާއެއް ނޫނެވެ. އޭނާގެ ޚިޔާލީ ދުނިޔޭގެ އަނެއްބައި ހިއްސާކުރަނީ ޖެހިގެން ހުރި ފުރާޅުދަށުގައި އެއޮތް ޙާމިދެވެ. ނަމަވެސް ޙާމިދުގެ ޚިޔާލުތަކުގެ މައްޗަށް އޭނާގެ ވިސްނުން ހިންގައެވެ. މި ކުރެވެނީ ހަމައެކަނި ރީތި ޚިޔާލެއްކަން އޭނާއަށް ޔަގީންވެއެވެ. ނަމަވެސް އޭނާގެ މޮޔަ ހިތް ޒުވާންކަމުގެ ޖަޒްބާތުގައި ވަރަށް ސޭކު ނަސޭހަތެއް އެބަ ދެއެވެ. އޭނާގެ ހިތަށް އަރައެވެ. މިކަން ވެއްޖެ ނަމަ ވާނީ ވަރަށް ވެސް ބޮޑު ހެޔޮކަމަކަށެވެ. ޒަމާންވީ ދުޝްމަންކަމެއް އުޚުއްވަތްތެރި ގުޅުމަކުން ބަނދެވޭނެއެވެ. ނަމަވެސް އޭނާގެ ވިސްނުންތެރި ސިކުނޑި އެއީ ވާނޭ ކަމެއް ނޫންކަން އަންގައިދެއެވެ. އޭނާއަށް ވިސްނޭ ގޮތުން އޭގެ ސަބަބުން ނިކުންނާނީ ދިމާ އިދިކޮޅު ނަތީޖާއެވެ. ނުހަނު ލޯބިން އޭނާ ބަލާބޮޑުކުރި މަންމަ އޭނާއާ ވަކިވުން ނޫން އިތުރު ނަތީޖާއެއް އެކަމަކުން ނުނިކުންނާނެއެވެ.

ދުވަހަކީ މުޙައްރަމް މަހެއްގެ 21 ވަނަ ދުވަހެވެ. މެދުގޯތީގައި ހުރި ފަތްޖެހި އެނދު މިއަދު އެހެރީ ހުހަށެވެ. މެންދުރު ކެއުމަށްފަހު ޢަސްރު ބަންގިޔާ ދެމެދު އެ އެނދުގައި މޫސާފުޅު ޖައްސާލާނެއެވެ. ނަމަވެސް މިއަދު އޭނާ އެ އުޅެނީ އެހެން ކަމެއްގައި މަޝްޣޫލުވެގެންނެވެ. އަލަމާރިއާ ކަބަޑުގެ ޒަމާންއައުމުން އިސްތިއުފާދީފައި ހުރި ޒަމާންވީ ލަކުޑިފޮއްޓެއް ހުޅުވައިގެން ފަހަރަކު އެއްޗެއް އޭނާ އެބަ ނަގައެވެ. ފޮށި ހުޅުވާލުމުން ކަރުބޮލަކަ ވަހުން ކޮޓަރިތެރެ ވަނީ އެއްވަސްވެފައެވެ. ކޭތަށިތައް ނަގައި ބަދިގެތެރެ ރަމަތަކޮށްލުމަށްފަހު ޚަދީޖާ އައިސް އިނީ ސިޓިންރޫމުގައި ހުރި ގޮނޑިއެއްގައި ޓީވީ ބަލާށެވެ. ޙާމިދު ވީތަނެއް ނޭނގެއެވެ.

މޫސާފުޅު ފޮށީގެ އެންމެ އަޑިން އެ ނެގީ ކުޑަކުޑަ ތާކިހަލެކެވެ. ތިރީ ކައިރީގައި ވަށައިގެން ރަން ކިނާރިފަށެއް ދަމާފައި ހުރި މަޑު ނޫކުލައިގެ ވަރަށް ރީތި ތާކިހަލެކެވެ. އެ ނަގާފައި ވަރަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އަދި ހިނިތުންވެލިއެވެ. އެޔަށްފަހު ބޮލުގައި އޭތި އެޅޭތޯ އުޅުނެވެ. އެކަމަކު ހީވާގޮތުން އޭނާގެ ބޯ މިހާރު އެޔަށްވުރެން ތަންކޮޅެއް ބޮޑެވެ. ޅައުމުރުގައި އެ ހުރިހާ ގިނަ އިސްތައްޓެއް އެބޮލަކު ނުމެ ނެތްމެއެވެ. އެކަމަކު ނާށިގަނޑު ކުރިއަށްވުރެން ބޮޑީތާއެވެ.

ކޮންމެއަކަސް އޭނާ ބޮލުގައި ގޮތަކަށް އެ ތާކިހާ ހަރުކޮށްފިއެވެ. އަދި އަލަމާރީގައި ހުރި ލޯގަނޑަކުން މޫނު ބަލާލިއެވެ. އެލޯގަނޑު ކައިރީގައި ހުއްޓުމުން ފެންނާނީ ޕާސްޕޯޓު ފޮޓޯގަނޑަކުން ފެންނާނެ ހިސާބެވެ. ޚަދީޖާ އެތާ ހުއްޓިއްޖެނަމަ ދަތްދޮޅިން މަތި ފެންނަވަރު ވަނީ ހަމަ ކިރިޔާއެވެ. ލޯގަނޑަށް ބަލަހައްޓައިގެން މޫސާފުޅު މާނައިންފުރިގެންވީ ހިންޏަކުން ހިނިތުންވެގެން ހުއްޓާ ޚަދީޖާ ކޮޓަރި ދޮރުން ބޯދިއްކޮށްލިއެވެ. ފަތްޖެހި އެނދުގައި މޫސާފުޅު ނެތީމާ ވީގޮތެއް ބަލާލީތޯއްޗެކެވެ. ކުއްލިއަކަށް މީހެއްގެ ހިލަންވެގެން މޫސާފުޅު ސިހިފައި ބޮލުގައި އޮތް ތާކިހާ ނެގިއެވެ.

މިއަދު ޢަޞްރުނަމާދުކޮށްގެން ބާޒާރަށް ނުގޮސް މޫސާފުޅު އައީ ގެއަށެވެ. ޚަދީޖާ ހައިރާންވެގެން ޒާތަކަށް ލޯއަޅައިގެން އެބައިނދެއެވެ. ސުވާލެއް ނުކުރެއެވެ. އެއީ އޭނާ ގެންގުޅޭ މާ މޮޅު ގޮތެކެވެ. މިކަހަލަ ދަނޑިވަޅުގައި އޭނާ ކުރާނީ ސުވާލެއް ނޫނެވެ. އޭނާ އިންނާނީ ސުވާލަކަށް ވެގެންނެވެ. ދެން މޫސާފުޅު ބޮލަށް ތުރާވެގެން ވީގޮތް ޖެހޭނީ ބުނާށެވެ. ބުނެފިމެއެވެ. ބުނީ މިއަދު މާބޮޑު ރަށްޓެއްސަކާ ބައްދަލުކުރަންޖެހޭ ވާހަކައެވެ. ކޮން ރަށްޓެއްސެއްތޯ އެހުމުން ބުނީ އެއީ އޭނާ ކުޑައިރުގެ ވަރަށް ގާތް ރަށްޓެއްސެއްކަމުގައެވެ. ދޮންފުތާއެކޯލައެވެ. މޫސާފުޅު ބުނީ އޭނާޔާ ބައްދަލުވާން ގަޑިކިޔާފައި ދޮންފުތާ ހަނދާން ވެސް ނެތިދާނެ ކަމަށެވެ. ކޮންމެ ގޮތެއްވިޔަސް، ދޮންފުތާ ފެނިއްޖެންޏާ ގޮވައިގެން ސައިބޯން އަންނާނަމޭ ބުންޏެވެ. އެއްޗެއް ހަދަން ކޮންމެހެން ނުބުނީ އޭނާ މިއަދު އަދި ދިމާވާނެ ކަމެއް ނޭނގޭތީ ކަމަށްވެއެވެ. ކޮންތާކު އުޅޭ ދޮންފުތާއެއްތޯ، އޭނާ އުޅޭގެއަކުން ހޯދައިގެން ގެނެވިދާނެނޫންހޭ ތަންކޮޅެއް ކުރިން ބުނެލިއްޔާ ބަދިގޭގަ އުޅޭ މީހަކަށް ވެސް ގައިމު ފަސޭހަވާންނޫންހޭ ބުނުމުން މޫސާފުޅު މާ ރުޅިއައިކަމަށް ހަދާފައި ބުނީ އެކުން ވާހަކަ ގިނަނުކޮށް މިތަނުން ދާންއުޅޭށޭއެވެ.

ކުޑައިރުގެ ރަޙުމަތްތެރިޔާއަށް ވެފައި އޮތް ވަޢުދު ފުއްދުމަށް މޫސާފުޅު ނިކުތީ މާބޮޑު ޔަގީންކަމެއް އޮވެގެނެއްނޫނެވެ. ނަމަވެސް ވަރުގަދަ އުޒުރެއް މެދުވެރިވެގެން ނޫނީ ދޮންފުތާ ވަޢުދު އުވައިނުލާނެކަން މޫސާފުޅަށް ކަށަވަރެވެ. ހަނދާންނެތުމަކީ ބޮޑު ޢުޒުރެކެވެ. އެކަމަކު އެއީ އުޒުރެއްނޫނެވެ. މޫސާފުޅު ހިތައްއެރިއެވެ. މިކަންތައް އޭނާ ހަނދާންނައްތާލައިފިއްޔާ އެއީ އުޒުރަކަށް ވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެއީ ބަހަނާއެކޭ ބުނިއްޔާ މާ ރަނގަޅުވާނެއެވެ. ދޮންފުތާ އަށް ވީގޮތެއް އަދި ނުވެސް އެނގެނީސް މޫސާފުޅު ހިތާހިތުން ކުދިކިޔަނީއެވެ. އޭނާ ހިތައްއެރިއެވެ. ނޫނޭ ނޫނޭ ދޮންފުތާ އަންނާނެއެވެ. ނައިސިއްޔާ އޭނާއަށް ކަމެއްވީއެވެ. އަނެއްކާ އެކަލޭގެ ދުނިޔޭގައި އެބަހަރިބާއެވެ. އިއްނާލިﷲ އެވެ. އެޚިޔާލު އޭނާ ހިތުން ދުރުކޮށްލިއެވެ.

މޫސާފުޅުމެން ކުޅެން ނުކުމެ އުޅުނު މައިޒާނެއް މިހާރަކު ނެތެވެ. އެތާ ހުރި އަނބުގަހެއްވެސް ނެތެވެ. އެތާ އެހެރީ އޮފީސް އިމާރާތެކެވެ. ވަރަށް ރީއްޗަށް ހަދާފައިހުރި ތަނެކެވެ. އިމާރާތު މެދުގޯތީގައި ކުޑަކުޑަ ފެންއަރުވާ ވަޑާމެއް ހުރެއެވެ. އޭތި ހަދާފައި އެހެރީ ހަމަ ސީދާ އަނބުގަސް ހުރިތާގައެވެ. ދޮންފުތާ މާލެއަޔަސް އެތަން ފާހަގަކުރާކަށް މިހާރަކު ނޭނގޭނެއެވެ.

މޫސާފުޅު އެ އޮފީސް އިމާރާތުގެ ދޮރޯށިން އެތެރެއަށް ވަން އިރު ފެންއަރުވާ ވަޑާމަށް ބަލަހައްޓައިގެން ދޮރުން ވަންނަ މީހުނަށް ފުރަގަސްދީގެން އެހެރީ ހަމަ އެއުމުރުގެ މީހެކެވެ. ލައިގެން ހުރީ އަތްދިގު ހުދު ގަމީހަކާ ކުކުޅުބިސްކުލައިގެ ފަޓުލޫނެކެވެ. ކަޅާ ހުދުގެ އިސްތަށިގަނޑުމަތީގައި މާ އަރާމު ނޫންގޮތަކަށް އެއިނީ އޭނާ ދޮންފުތާއަށް ދިން ތާކިހަލެވެ. ނެހުރޫ ތުރުކުރައްވާފައި ހުންނަ ތާކިހާކޮޅާ އެއްކަހަލަ ގޮތަކަށް އުއިފޮތިން ފަހާފައި ހުރި އާދައިގެ ދެރަ ތާކިހަލެކެވެ.

މީހެއްގެ ހިލަންވެގެން ދޮންފުތާ ފަސްއެނބުރި ބަލާލިއެވެ. މޫސާފުޅަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ދޮންފުތާ ހުންނަންވީ ތަނުގައި އެހެރީ ދެވަނަ ދެމީހެއް ނޫނެވެ. ގޮއްކުޅަނދުރުގޭ އަނެއްބައިގައި އުޅޭ އިބުރައިހިމްދީދީއެވެ. އިބްރާހިމްދީދިއަށް ވެސް ލިބުނީ ހަމަ އެކަހަލަ ހައިރާންކަމެކެވެ. އޭނާގެ ދުވަސްވީ ހަތުރު އެހެރީ އެޔަށްވުރެ ދުވަސްވީ ރަޙުމަތްތެރިޔާގެ މަގާމުގައެވެ. ދެމީހުންނަށް ވެސް ބުނާނެ އެއްޗެއް ނޭނގި ވަގުތުކޮޅެއް ދިޔައެވެ. މޫސާފުޅު ހިނިތުންވެލަން އުޅުނެވެ. ނަމަވެސް އަނެއްކޮޅުން ލިބޭނެ އިޖާބައެއް ނޭނގޭތީ ޖެހިލުންވުމުން މޫނުމަތީގައި ކުރެހި ހިނިތުންވުން އޭގެ މެދާހިސާބަށް ހުއްޓުނެވެ. ޖަވާބުގައި އިބްރާހިމްދީ ހިނިތުންވެލައިފިއެވެ. ''މޫސާފުޅު!!؟؟'' ހިނިތުންވަމުން މޫސާފުޅު ވެސް ކޮށްލީ ހަމަ އެކަހަލަ ސުވާލެކެވެ. ''ދޮންފުތާ؟؟'' އޭނާގެ ލޮލުގައި ވަނީ ޒާތެއްގެ ވިދުވަރެކެވެ. އޭގެ މާނައެއް ބުނެދޭކަށް ނޭނގެއެވެ. އޭނާ އެހެރީ ފެންކަޅިވެފައިހެއްޔެވެ؟ އެ ފެންނަ ވިދުވަރުގެ އަސްލަކީ ފެންކަޅިއެއްގެ ދަޅަހެއްޔެވެ؟ އޭނާ އެހެރީ ހިނިތުންވެފައިހެއްޔެވެ. ދެމީހުން ސަލާންކޮށްލިއެވެ. ހާދަ ފިނި ސަލާމެކެވެ. އެދެމެދުގައި ވަނީ ގަނޑުފެނުގެ ފާރެއް ލެވިފައިހެއްޔެވެ؟ ތުއްތުއިރު އޮތް އުޚުއްވަތްތެރިކަމުގެ ލޯބި އެވަނީ ނިވި އަޅިއަށްވެފައެވެ. ނަމަވެސް އެ އަޅިގަނޑުތެރޭ ނުނިވި ހުރި ބިމުނިކޮޅެއް ހުރިކަމުންތާއެވެ. އިސާހިތަކު އޭގެ ހޫނުން ގަނޑުފެނުގެ ފާރު ވިރުވާލައިފިއެވެ. ދެމީހުން އެކަކު އަނެކަކާ ކަރާކަރުޖައްސައި ސަލާންކޮށްފިއެވެ.

މޫސާފުޅު ގެއަށް އައީ އެރޭ އިޝާނަމާދުވެސް ކޮށްގެންނެވެ. އައިތަނެއް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ. އެބުނާ ދޮންފުތާއަކު ނުގެނައީ ކީއްވެތޯ ޚަދީޖާ އެއްސެވެ. ޖަވާބުގައި މޫސާފުޅު ފެށީ ހޭށެވެ. އިރުގަނޑަކު ހީހީފައި ބުންޏެވެ. އެގޮލާ ކައިރިން މީހަކަށް ސަލާމަތްވެވޭނެދޯ.. މަވަރަށް އުޅުނިން ގެއަށް ގެންނަން، ނައި..، ބުނީ ހިނގާށޯ ސައިދޭނީ ތިމަންނާޔޯ'' ޚަދީޖާ ކަތި ގޮތަކަށް ދިގު ކަޅިއެއް އަޅާލާފައި ޙާމިދު ތައްޓަށް ބަތްއަޅައިދޭން ފެއްޓިއެވެ.

ދަރިފުޅާ..'' މޫސާފުޅު ޙާމިދަށް ވަރަށް ހަރުދަނާ އަޑަކުން ގޮވާލިއެވެ. ''މިހާރު ތިހިރީ ކިޔަވާ ނިމި ލާރި ލިބޭ ރަނގަޅު ވަޒީފާއެއްގަ... ދެން ދިރިއުޅުމެއް ފަށަންވީނުން'' ބައްޕަ އެ ބުނީ ބުނެފާނެހެން ހީނުވާކަހަލަ އެއްޗެއް ކަމުން ކުއްލިއަކަށް ދޭނެ ޖަވާބެއްވެސް ހާމިދަކަށް ނުވިސްނުނެވެ. ''ރަނގަޅު ކުއްޖަކު ދައްކަންތަ؟'' ހާމިދު ހާސްވިއެވެ. ''އުނހޫ.. ކުއްޖަކު ހޯދާނެކަމެއްނެތް ކޮންމެހެން. އަހަރެން އިންނަންވީމަ އަމިއްލަޔަށް ހޯދަފާނަން'' ހާމިދުގެ ޖަވާބު ލިބުމުން މޫސާފުޅުގެ މޫނުމައްޗަށް މާޔޫސީ ކުލަވަރެއް އެރިއެވެ. ''އާނ އެންމެ ރަނގަޅޭ.. އެކަމަކު ދަރިފުޅު ގަބޫލިއްޔާ ވަރަށް ރަނގަޅު ކުއްޖެއްގެ ވާހަކަ ބުނަން ބައްޕަ މިއުޅެނީ'' ހާމިދު އަޑުއަހާކަށްވެސް ބޭނުމެއްނޫނެވެ. އޭނާ އިނީ ހިތްހަމަނުޖެހިފައެވެ. އެކަމަކު ޚަދީޖާއަކަށް ހިމޭނަކުން ނީނދެވުނެވެ. ފަޒޫލީގޮތަކަށް އެއީ ކޮން ކުއްޖެއްތޯ ޚަދީޖާ އަހައިފިއެވެ. ޖަވާބުގައި މޫސާފުޅު ފެށީ ދިގު ތަގުރީރެކެވެ. ޚަދީޖާއަކަށް ކަމަކު ނުންޖައެވެ. ދެން ތިބުނާ ކުއްޖަކީ ފަހެ ކޮބައިހޭ އަހަތްޕެވެ. ދެން އަނެއްކާ ކުރިން ދިން ތަޤުރީރަށްވުރެ ބޮޑު މުގައްދިމާއެއް ފަށައިފިއެވެ. ބުނަން އެ އުޅޭ ނަމަށް ވުރެ އޭގެ ސެހެރީ މާ ދިގުވެއްޖެއެވެ. އެންމެ ފަހުން ބުނެއްޕެވެ. އެ ބުނި އެއްޗަކުން ޚަދީޖާގެ ކަނދުރާމަތީގައި ހުރި ލޯލިތައް ކޮޅަށްޖެހުނެވެ. ހާމިދަށް ލިބުނު ހައިރާންކަން ވަރަށް ކުޑަ ހިނދުކޮޅެއްގެ ތެރޭ އުފާވެރި ހިނިތުންވުމަކަށް ބަދަލުވެއްޖެއެވެ.

ނޯޓު: މިވާހަކައިގެ ބޮޑު ބައި ލިޔެފައި އޮންނަތާ ދެތިންއަހަރެއް ވެއްޖެއެވެ. އެނގިވަޑައިގަންނަވާނެފަދައިން، ވޭތުވެގެން މި ދިޔަ ދެތިން އަހަރުތެރޭ މާލެ ވަރަށް ބަދަލުވެއްޖެއެވެ. ގިނަ މީހުން މިހާރު މޯބައިލު ފޯނު ގެންގުޅެއެވެ. މަގުތައް އެހާމެ ނުރައްކާވެއްޖެއެވެ. ވީމާ ވާހަކައިގައި އެންމެ ފަހުގެ މާލެއާ ނުގުޅޭ ކަހަލަ ހާދިސާއެއް އޮތުން އެކަށީގެން ވެއެވެ. މިޒަމާންކަމަށް ސިފަކުރެވިފައި އެވަނީ މީގެ ދެތިން އަހަރެއްކުރީގެ މާލެއެވެ.

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.