ހޮނިހިރު20201114

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ވާހަކަ މުސްތޮގެ ރިވާޔަތްތައް 1: ނިވެމުން ދިޔަ ހުޅުކޮޅު

މުސްތޮގެ ރިވާޔަތްތައް 1: ނިވެމުން ދިޔަ ހުޅުކޮޅު

mustho1

ކިތައްމެ ލޯބިން އުޅެފައި ކުރެވޭ ކާވެނި ރޫޅިފައިވެސް އެބަހުއްޓެވެ. ކިތައްމެ ބަދަހި ގުޅުމެއް އޮތް ދެ ރަޙްމަތްތެރިން ރުޅިވެފައިވެސް އެބަތިއްބެވެ. އަދި ލޭގެ ގުޅުން ނުވަތަ ރަޙިމުގެ ގުޅުންވެސް ކެނޑިފައި ހުންނަލެއް މަދެއްނޫނެވެ. މިކަހަލަ ކަންތައްތައް މިހެން ދިމާވާން ލައްކަ ގިނަ ސަބަބުތައް މެދުވެރިވެއެވެ. ދިމާވާ ކުދިކުދި ކަންތަކުގައި ވިސްނާލުމެއް ނެތި، މިފަދަމިފަދަ މާތް

ގުޅުން ކަނޑާލުމަކީ ހެޔޮވާވަރު ކަމެއްނޫނެވެ. ކުދިކަންތައް އެއްކިބާގައި އޮއްވާ، ބޮޑުކަމެއް ދިމާވި ކަމުގައި ވިޔަސް، ކަމުގެ ޙައްލެއް ހޯދުމަކީ އެކަން އޮންނާންވާނެ ގޮތެވެ.

އަހަރެންގެ އެކުވެރި ރިޒާއަށް ދިމާވީ ބޮޑު މައްސަލައެކެވެ. އިނގިރޭސިބަހުން މިކިޔާ '' ޗައިލްޑްހޫޑް ސްވީޓްހާރޓް '' ނުުވަތަ ޅަފުރާގެ ލޯބި ޙާސިލްވެފައިމެ، އެލޯބި ބީވެގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އެފަދަ ލޯބިން އުޅެފައިމެ ދެމީހުން ވަކިވާން ދިމާވި މައްސަލައަށްވުރެ އަލުންހަމަ ކުރިން އޮތް ލޯބި އިއާދަވީގޮތް މާޝައުޤްވެރިކަން ބޮޑުވެފައި ޢިބްރަތްތެރިއެވެ. އެޖެހުނު މައްސަލަ ޙައްލުކުރެވޭތޯ ލައްކަ ގިނަ މަސައްކަތް އޭނާ ކުރިމެއެވެ. ދިވެހިންގެ ''ސަގާފީ'' ވަރިއަކުން ވަރިނުވ، ކާވެނި ސަލާމަތްކުރެވޭތޯއެވެ. އުމުރުދުވަހުވީ ލޯބި ގެއްލުނަނުދީ ބާއްވާށެވެ.

 

އެއީ މީގެ ދިހަވަރަކަށް އަހަރު ކުރިއެވެ. ރިޒާއަކީވެސް ހަމަ މިއުޅޭ އެހެން ޒުވާނުންފަދައިން އުޅޭ އާދައިގެ ކުއްޖެކެވެ. މާބޮޑު '' ދުރު ރާސްތާ '' ލަނޑުދަނޑި ތަކެއް ޙާސިލް ކުރުމުގެ ހުވަފެނެއް އޭނާ ނުދެކެއެވެ. ވަށައިގެންވާ ޙަޤީޤީ ދުނިޔެ އެކަމަކަށް ތަނެއް ނުދެއެވެ. '' ލޯބި ވެވޭނީ އެއްފަހަރު އެވެ.'' އަކީ އޭނާގެ މޮޓޯއެވެ. ފަހަރެއްގައި އެއީ އެޖީލުގެ ހުރިހައި ޒުވާނުންގެވެސް ދުލުކުރީގައި އޮންނަ ލަފްޒެއް ކަމުގައި ވެދާނެއެވެ. އެކަމަކު އެބަހުގެ ފޮނިކަން އިޙްސާސްކުރެވޭ އެއްވެސް މީހަކު، ރިޒާ ނޫނީ އަހަރެން ނުދެކެމެވެ. އަހަރެމެން ކަހަލަ ގިނަ ޒުވާނުންނަށް އެހެން ނުވާ ސަބަބެއް އެއްގޮތަކަށްވެސް އަހަންނަކަށް ނުވިސްނެއެވެ. ފަހަރުގައި އެއީ ޚިޔާލީ އެއްޗެއް ކަމަށް ވެދާނެއެވެ. އެކަމަކު ޚިޔާލީވެފައި ކޮބައި ހެއްޔެވެ؟ ރިޒާއަކީ އެކަމުގެ ދިރިހުރި މިސާލެކެވެ. ފަހަރެއްގައި އަހަރެމެންގެ ތަބީޢަތު އެގޮތާ ޚިލާފީ ކަންނޭގެއެވެ. ދެން އެހެންނޫނީ އަހަރެމެނަށް - އަމުދުން އަހަންނަށް - އަދިވެސް ޙަޤީޤީ ލޯބި ނުވެވެނީއެވެ. އަހަރެންވެސް މި އުޅެނީ މިޢުމުރުގެ '' މުޙްތަރަމް '' މީހުން ފަދައިން މީހަކާ އިނދެގެންނެވެ. މަހިތުން ލޯބިވެސް ވެގެންނެވެ. ލޯބިލޯބި ހަތަރު ކުދިންވެސް އެބަތިއްބެވެ. އޭގެތެރެއިންވެސް ހަގަށްހުރި މަންޖެ ހީވަނީ ހަމަ ފުއްގުޑިއެއް ހެންނެވެ. އެހާވެސް ލޯތްބެވެ. އެކަމަކުވެސް ބައެއްފަހަރު، އަހަރެމެން އޮފީހުގައި އުޅޭ ޒުލޭޚާ ދެކެ މި ވެވެނީވެސް ލޯބި ބާވައޭ މަގޭ ހިތައް އަރައެވެ. އަހަރެން މުރީޙާ އާ އިނުމުގެ ކުރިންވެސް ތަފާތު ދެތިން ކުދިންނާ ރައްޓެހިވީމެވެ. އެއިން ކޮންމެ ކުޖަކުދެކެވެސް '' މަރުދޭވަރަށް'' އަހަރެން ލޯބިވީމެވެ. އެކުދިން އަދި ތިބެނީ އެއަށްވުރެވެސް ހަރުފަތެއް މަތީގައެވެ. އެކަމަކު އެއިން ކޮންމެކަމެއްވެސް މާޒީވެދަނީ، އެއްކަލަ '' ލޯބި ވެވޭނީ އެއްފަހަރު އެވެ. '' އޭ މިބުނާ ޝިޢާރު، ހިރަފުސް ބުރާފައިވާ ބާފޮތެއްގެ މެދުތެރޭގައި ލިޔެވިފައިވާ ޢިބާރާތްކޮޅެއްގެ ދަރަޖަވެސް ނުލިބިއެވެ.

 

އާނ.... ދެން މިބުނާ ރިޒާ... ! އެއީ އެކަމަކު މިދާއިރާގައި އަހަރެމެން އެންމެނާ - ކުރިން ބުނިހެން - މުޅިން ތަފާތު މީހެކެވެ. އަހަންނަށް އޭނާ ފުރަތަމަވެސް ދިމާވީ ސްކޫލުންނެވެ. ޘާނަވީ ތަޢުލީމުގެ ފުރަތަމަ ކުލާހުންނެވެ..އެވެސް ކިޔެވުން ހަމަ ފެށުނު ދުވަހުއެވެ. ކޮންމެއަކަސް އެދުވަހުންފެށިގެން އަހަރެމެން ދެމީހުން ދެރައްޓެހިންނަށްވެ، އޭގެ ފަހުގައި ދެ އެކުވެރިންނަށް ބަދަލުވެ، ދެ ރަޙްމަތްތެރިން ކަމުގައިވެސް ވީއެވެ. އޭރުއްސުރެވެސް ރިޒާ، ކޮންމެވެސް އަންހެން ކުއްޖަކާ ޚާއްސަ ގުޅުމެއް ބާއްވައެވެ. ދެކުދިން ދެކުދިންނަށް ބަދަލުކޮށްލާ ނޯޓްކޮޅުތައް ޑެލިވަރީކޮށްދިނުމުގެ ޚިދުމަތް އެމަރުޙަލާ ގައި އަދާކޮށްދީފައި ގިނައިން އޮންނާނީ އަހަންނެވެ.

 

އެސަބަބާހުރެ ތަހުމީނާގެވެސް ރައްޓެއްސެއްކަމުގައި އަހަރެން ވެއްޖެއެވެ. ކޮންމެއަކަސް ކަނދުފަތި ކަނބައިދިނުމުގެ ޒިންމާދާރު މަސްއޫލިއްޔަތު އަހަރެން ބޮލުގައި އެޅީ އެކަމަށް ލާއިޤް މީހަކަށް ނުވާއިރުވެސް، ރަޙްމަތްތެރިއެއްގެ ޙައްޤުގައި ނުހަނު ކެރިހުރެގެންނެވެ. ކަމަކީ އޭގެ ޒާތުގައި ޝައުޤުވެރިކަމެއް ވެސް މެއެވެ. އޭގެ އިތުރުން ދެމީހުނަށް ކަންކަމުގައި ލަފާދެވޭތީ އަމިއްލަ ނަފްސަށް ފަޚްރުވެރިވެވޭ ވެސް ކަމެކެވެ. ދަނޑަށް ފައިބައި ތިބި ކުޅުންތެރިންނަށްވުރެ ބެންޗުގައި ތިބޭމީހުނަށް ހަނދަންވާގޮތް މާރަނގަޅަށް އެނގޭ އުސޫލުން، މަސްރަހުގައި ހިނގާ ކަންތަކަށް ތަންޤީދުކޮށް ކުށް އިސްލާޙުކުރަން ބޮޑަށް އެނގޭނީ އަހަރެމެންކަހަލަ ދުރާގާތުން ދެކެންތިބި ދެކެތިބީންނަށެވެ.

 

ތަހުމީނާ އަކީ ރީތި ކުއްޖެކެވެ. އަންހެންވަންތަ ރީތިވާން ދަންނަ ކުއްޖެކެވެ. މިބުނަނީ ރިޒާ ވަކިން ހުތުރެކޭ ނޫނެވެ. އޭނާވެސް ރީއްޗެވެ. ރަނގަޅެވެ. މޮޅެވެ.

 

ކޮންމެއަކަސް ސްކޫލްދައުރު ނިމެން ފަހު އަހަރުތައް ގުނެންފެށުމާއެކު، އަހަރެންގެ މަޤާމުގައި ހަވާސާބޮޑުވެ ފޫހިކަން އިތުރުވާން ފަށައިފިއެވެ. ސަބަބަކީ ދެލޯބިވެރިންވެސް ބޮޑުވަމުން ދާވަރަކަށް ލޯބިވެސް ތަރައްޤީވެ އެއަށް ރަސްމީސިފަ ލިބެންފެށުމާއެކުހެން އަހަރެންގެ ބޭނުންވެސް ކަނދުފައްޗެއްގެ ހައިސިއްޔަތުން ކެނޑުނީއެވެ. މިހާރު އޭގެ ދެކުދިންނަކީ މައިންބަފައިންނާއި މުޖުތަމަޢު ޤަބޫލުކުރާ ދެލޯބިވެރިންނެވެ. ވީމާ ޙާލަތު، އަހަރެން އެކަމުން އިސްތިއުފާދޭން މަޖުބޫރުކޮށްފިއެވެ. އެހިސާބުން އަހަރެން މީ އެމީހުންގެ ޚާއްސަ މުސްތަޝާރެއް ކަމުގައި ވެއްޖެއެވެ. އަދި މަގޭ އަންހެނުން މުރީޙާ އަކީ އޭނާގެ ބުއްދިވެރިކަމާހުރެ، އުނދަގޫ ބޮޑެތި ކަންތަކުގައި ލަފާދޭ މީހަކަށް ވެސް ވެއްޖެއެވެ.

 

އެމީހުން ކާވެނި ކުރިރެއަކީ އަހަރެންގެ ހަޔާތުގައި ދިމާވި ފާހަގަކޮށްލެވޭ ރެއެކެވެ. ދެ ޢަރޫސުންގެ ކޮޓަރި ޒީނަތްތެރި ކުރުމުގައި ހަރަކާތްތެރިވި އަހަރެމެން ރަޙްމަތްތެރިންގެ ޖަމާޢަތަކުންނެވެ. އޭގެތެރެއިން މަރްޙޫމް ޒަކަރިއްޔާ - އަހަރެމެން އޭނާއަށް ކިޔާއުޅުނު ނަން ރަނގަޅުވާނީ ނުބުނިއްޔާއެވެ - ވަރަށް ޖަހައްނަމީ ޚިޔާލުތައް ދީ އުޅުނެވެ. އެކަމަކު އަހަރެމެން ހުރިހާ ކަމެއްވެސް ކޮށްނިންމީ އަލަތު ދެމަފިރިންނަށް އެއްވެސް އުނދަގުލެއް ނުވާނެ ގޮތަށެވެ. ކޮޓަރި ތައްޔާރުކޮށް ނިމުނުއިރު އެތަންވީ ޝާޢިރިއްޔަތުގެ މިސާލެއްނެތްފަދަ ފުރިހަމަ ތަނެއްކަމުގައެވެ. ހަތަރު ފާރު މަޑު ފިޔާތޮށި ކުލައިން ނެވެ. ދޮރުފޮތިތައްވެސް ހަމަ އެއާ ގުޅޭ ރީތި ކުލައަކުންނެވެ. އެނދު، ވަސްމީރު ފިނިފެންމަލުގެ ފިޔައިން ޒީނަތްތެރިކޮށްފައެވެ.

 

ވަރަށް ލޯބިން އެހާމެ ހަމަޖެހިގެން ދެމަފިރިން އުޅެމުން ގެންދިޔައީ ވަކިން ގެއެއްގައެވެ. ދުނިޔެމައްޗަށް އިރުއޮއްސޭ ކޮންމެރެއަކީ ރިޒާއަށްޓަކައި އާކާވެނީގެ ރެއެކެވެ. ތަހުމީނާއަށްޓަކައި ފޮނި އިންތިޒާރެއްގެ ނިމުން އަންނަވަގުތެވެ.

 

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. މަހެއް ގަންނަން ކަމަށް ހިތާ ބާޒާރަށް ދާން ނުކުމެ ނުުކުމެ ހުއްޓާ މުރީޙާ ގޮވާލި އަޑު އިވުނެވެ. އެނބުރި ގޮސް ގޭތެރެއަށް ވަން އިރު އޭނާ ހުރީ ފޯނު އަތްގަނޑުގައި ހިފައިގެން އެއް އަތުން އިސްޕީކަރުގައި އަތްއަޅައިގެންނެވެ.

'' މުސްތޯ....! އެބަ އުޅެންތަ؟ ... ރިޒާ..! ''

ވައި އަޑަކުން މުރީޙާ ބުންޏެވެ. މުރީޙާ ބޯރަނގަޅޭ އަހަރެން ބުނަނީ އެހެންވެއެވެ. އެގޮތައް އަދި ފޯނެއް އަންނަ އިރަށް އަހަރެން ގޭގައި އުޅެއެކޭ ނުބުނާނެއެވެ. މަގޭކުރެން އެބަ އުޅެންތޯ ފުރަތަމަ އަހާނެއެވެ.

'' ވަރަށް ހާސްވެފަ ހުރިހެން ހީވަނީ...! ''

ދެފިކުރެއްގައި ހުއްޓާ އަނެއްކާ މުރީހާ ބުންޏެވެ. އޭގެ މާނައަކީ ކޯލު ތަންކޮޅެއް މުހިއްމު ވާހަކައެވެ. އޭނާގެ ރަނގަޅު އަނެއް ތަންކޮޅަކީ އެއީއެވެ.

'' ހަލޯ....! ''

މުރީހާގެ އަތުން ފޯނު އަތުލުމަށް ފަހު އަހަރެން ބުނީމެވެ.

'' ވަރަށް ދެރަކަމެއް ވެގެން މިއުޅެނީ..''

ކިރިޔާ ނުރޮވި ހުރި އަޑަކުން ރިޒާ ބުންޏެވެ. އޭނާގެ އަޑުގައި އާދަޔާޚިލާފް ރިހުމެއް ހުއްޓެވެ. ހިތްހަލާކުވެފައި ހުރި ލޯބިވެރިއެއްގެ އަޑު އަދި ކިރިޔާ މި އިވުނީއެވެ. މަވެސް ހިތްފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ.

'' އަނެއްކާ ކިހިނެއް ވީ..؟ ''

އެއްވެސް އިޚްތިޔާރަކާ ނުލާ އޯގާތެރި މަޔަކުހެން އަހަންނަށް އަހާލެވުނެވެ. އާނއެކެވެ. މަޔަކު ހެންނެވެ. އަހަންނަކީ ފިރިހެނެކެވެ. އެކަމަކު މައިވަންތަ ކަމުގެ އިޙްސާސް އެވަގުތު އަހަންނަށް ކުރެވުނެވެ. މީ އަންހެނުންނަށް ބުނާ ކުޑައިމީސް ބަހެއްނޫނެވެ. އެމީހުންގެ އެ މައިވަންތަ ކަމުގެ އިޙްސާސް އަކީ ފިރިހެނަކަށް ދުވަހަކުވެސް ކުރެވޭނެ އިޙްސާސެއް ނޫނޭ ކިތައްމެ ވަރަކަށް ފޮތްފޮތުގައި ލިޔެފައި އޮތަސް ވަރިހަމައެވެ.

'' އަހ... ތަހު.. އަހަރެމެން....''

ރިޒާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ.

'' ޒުވާބު ކުރީތަ ..؟ ޖަގަޑާ ހެދީތަ..؟ ތަޅާފޮޅީތަ..؟ ''

މަގޭ ބަސްކޮށާރުގެ މުއްސަނދިކަން އެވަގުތު ސާބިތު ކޮށްލެވުނެވެ.

'' އާނ... މަށަށް ޅައެއްޗެއް އެޅުނީ.. ކިހިނެތް ފޯނަކުން ކިޔައިދޭނީވެސް...؟''

އަހަރެން އިރުކޮޅަކު ވިސްނާލީމެވެ. މިދެމީހުން މިހިރަވާ ލޯތްބެއް ފެނިފައި ބައެއްފަހަރަށް މަގޭ މޭނުބައިކުރާ ގޮތް ވެސް ވެއެވެ. މިއޮތީވާ ބޮޑުކަމެކެވެ.

'' އެހެންވިއްޔާ ހިނގާ އެއްކަލަ ކޮފީޝޮޕަށް.. އެތާތިބެގެން ދެމީހުން ވާހަކަދައްކާނީ... މަވެސް މިދަނީ މިހާރު.... އޯކޭ؟ ''

ފޯނު ބާއްވާފައި މުރީޙާ އަށް ބަލާލި އިރު ނިތްކުރީގައި ސުވާލުމާކެއް ޖަހައިގެން އޭނާ ހުއްޓެވެ. އަހަރެން ފާޑަކަށް ލޯ އަޅުވާލާފައި ދެކޮނޑު އަރުވާލުމުން އޭގެ މާނަ ވިސްނިގެން އިތުރު ސުވާލެއްވެސް ނުކޮށް އޭނާ ހިނގައްޖެއެވެ.

 

ކޮފީޝޮޕްގައި އިނދެގެން ވަރަށް ކަރުނަ ބާލަބާލާފައި އޭނާގެ ވާހަކަ ކިޔައިދޭން އިނެވެ. ދެމީހުން މައްސަލަ ޖެހިގެން އުޅޭތާ ހަފުތާއެއް ވެއްޖޯލައެވެ. ރިޒާ ލައްކަވަރަށް މާފަށްވެސް އެދެފިކަމަށް ވެއެވެ. އެކަމުން ތަހުމީނާގެ ހިލަ ހިތަށް އެއްވެސް އަސަރެއްކުރިކަމަކަށް ނުވެއެވެ. މިހިރަ ބޮޑު ފިރިހެން މީހާ ރޮއިރޮއިފައި އެހީވެދޭށޭ ގޮވަނީއެވެ. އެވަރަކަށް މީހަކު ރޯތަން ފެނުނީމާ މަވެސް ވަރަށް ފެންކަޅި ވެވޭތޯ މަސައްކަތް ކުރީމެވެ. އެއަށްވުރެ މުހިއްމީ އޭނާ ހިތްހަމަ ޖައްސައިދިނުންކަން ވިސްނުނީ ތަންކޮޅެއްފަހުންނެވެ.

'' ތީ އެވަރު ކަމެއްނޫން...! ހުއްޓާލާ...! ހުއްޓާލާފަ ހިނގާ މަށާއެކު..! ތިޔަކަންތައް ހައްލު ކޮށްދޭނަން..! ''

ގޮޑިން ތެދުވަން ފޫކޮޅު ހިތްލާލަމުން އަހަރެން ބުނީމެވެ. އެވަގުތު ރިޒާ ކުއްލިއަކަށް މަގޭ ދެއަތުގައި ހިފެހެއްޓިއެވެ.

'' ކަމަކު ނުދާނެ.. މުސްތޮ އަކަށް ނޭނގޭނެ އަސްލު.. ތަހޫ ހާދަ ރުޅި އައިސްފައޭ ހުރީ''

 

އަހަރެން ވީ ހައިރާނެއްގެ ބޮޑުކަމުން އަނގަވެސް ލައްޕަން ނޭނގިފައި އިނދެވުނެވެ. ތަހުމީނާ ކަހަލަ ރަނގަޅު ކުއްޖަކު އެހާވަރަށް ރުޅި އަންނާނީ މީނާގެ ފުށުން ހާދަހައި ވިޔާނުދާކަމެއް ފެނިގެން ތާއެވެ. އެކަމަކު ކުރިކަމެއް ނުމެ ބުނިމެއެވެ. އެހެން އަންހެނެއް ގާތަށް ޖެއްސިކަމަކަށް ވެސް ނުވެއެވެ. އެއީ ރިޒާ ކޮށްފާނެ ކަމެއް ނޫންކަން އަހަންނަށް އެނގޭމެއެވެ. ދެން ކޮންކަމަކާ ހެއްޔެވެ.؟ ދެނެވޮޑިގެން ވާނީ ކަލާނގެއެވެ.

 

އަންހެނުން ރުއްސުމަށްޓަކައި ކުރެވިދާނެ ލައްކަ ގިނަ ކަންތައް އަހަރެން ކިޔައިދީފީމެވެ. އޭގެ ތެރެއިން ގިނަކަންތަކަކީ މިހާރު އޭނާ ތަޖުރިބާވެސް ކޮށްފި ކަންކަން ކަމުގައި ވެއެވެ. ރިޒާ ބުނާގޮތުން ދެމަފިރިން އެއް އެނދުގައި ނުުނިދާ ތާގައި އެއްކޮޓަރީގައިވެސް ނުނިދާތާ މިހާރު ހަފުތާއެއްވަނީ އެވެ. ތަހުމީނާ ދާނެ ތަނެއް އޮތްނަމަ މިހާރު ނުކުމެގެން ހިނގައްޖައީހެވެ. އެމައްސަލައެއް ޖެހުނުތަނާ އޭނާ ނުކުމެގެން މަންމަގެއަށް ދިއަކަމަށް ވެއެވެ. އެކަމަކު ތަހުމީނާގެ މަންމަ، ވަގުތުން އޭނާ ބޭރުކޮށްލައިފިއެވެ. ރިޒާއަކީ މައިދައިތަގެ މާ ވައި އޮންނަ މީހެކެވެ. މިހާރު މީ މެންދުރޭ ބުންޏަސް ރިޒާބުނެފިއްޔާ އެ މައިދައިތަ ގަބޫލުކުރާނެއެވެ. އެހާވެސް އޭނާ ރިޒާދެކެ ލޯބިވެއެވެ. ވީމާ ގޯސްވީ ތަހުމީނާއެވެ. ތަހުމީނާ ރިޒާކައިރިން ވަރިވެއްޖެނަމަ އެދުވަހަކުން އެދައިތަގެ ސަންދޯއް ނެރެން ޖެހޭނެއެވެ. މަންމަގެ ކަންތައް ހުރިގޮތް ފެނި މަޖުބޫރުވެގެން ތަހުމީނާ އެނބުރި އައީއެވެ.

 

އަހަރެންގެ މަޝްވަރާގެ މަތިން ރިޒާ މަސައްކަތް ކުރިއަށް ގެންދިޔައެވެ. އެވަރުންވެސް އަސަރެއްނުކުރިއެވެ. ނުުވިތާކަށް ތަށަށް ކިޔަނީ މަރިޔަނބުހޭވެސް އަހާނުލައެވެ. ކޮންމެ ދުވަހަކުހެން ތަހުމީނާގެ ފައިބުޑަށް ވެއްޓި ރޮއި އާދޭސްކޮށް މާފަށް އެދި ހަދައެވެ. ވީކަމެއް ހަރާމެވެ. އެންމެފަހުން ހަދާނެގޮތް ހުސްވެގެން އޭނާ މުރީޙާ އަށް ގުޅައިފިއެވެ. ބުއްދިވެރި މޮޅުލަފައެއް އަހަންވެއްޖެއްޔާ އޭނާ ގުޅަނީ މުރީހާ އަށެވެ. އަހަންނަކަށް ނޫނެވެ. މުރީހާގެ ނާށިގަނޑު ތެރޭގައި އޮންނަނީ ސިކުނޑިއެއް ނޫނެވެ. މާކަރީލައިޓެކެވެ. ކޮންމެއަކަސް ރިޒާގެ ވާހަކަ ތައް ކިޔަިއދިނުމުން މުރީހާ ދިނީ އަދި މުޅިން ތަފާތު ޖަވާބެކެވެ.

 

'' ބުނަން..؟ މިއަދުންފެށިގެން ތިޔަ ރުއިން މުޅިން ހުއްޓާލާ... ދެން ނިކަން ފަރުވާކުޑަ ވައްތަރެއް ޖައްސައިގެން ހުރޭ... ކުޑަކޮށް ރުޅިއައިސްފަ ހުންނަ ކަހަލަ ގޮތަކަށް .. ދެން .. ގެއަށް ވަންނަން ވާނީ ނިދަންވީމަ އެކަނި.. އެނގިއްޖެއްނު؟ އެހެން އުޅޭއިރު ތަހުމީނާ ފެނުުނަސް ފެންނަކަމަށްވެސް ނަހަދާތި.. އެނގިއްޖެއްނު؟ ... ދެން ބުނަން .. ބަރާބަރު އެއް ހަފުތާފަހުން މަށަށް ގުޅާ.. ދެންހަދަންވާގޮތް އޭރުން ކިޔައިދޭނަން...''

 

ރިޒާއަށް މިކަންތައް މާ ރަނގަޅެއްނުވިއެވެ. ހީވަނީ ފޮނިއެއްޗެހި ކާން އާދަވެފައި ހުރި މުސްކުޅިއަކަށް ހަކުރުބަލި ޖެހިގެން، ހަކުރުކެއުން ޑޮކްޓަރު މަނާކުރީ ހެންނެވެ. ދެން ހަކުރުކޮޅެއް ކާނެ ބަހަނާއެއް ފެނޭތޯ ކޮންމެހެންވެސް ބަލަން ޖެހެއެވެ.

'' ތީ ދެން ބޮޑުވަރެއް މުރީހާ.... ! ތިހެން ހަދައިގެން އަހަރެމެން ވަރިފަށަށް ނާރާ ސަލާމަތެއްނުވާނެ...''

ރިޒާގެ ޖަވާބު އަޑުއިވުނީމާ މުރީހާގެ ހެލޭދުލުން ނިކަންރަނގަޅަށް އޭނާއަށް ބަވާލިއެވެ. އަދި ތަހުމީނާ އާ އިނދެގެން އުޅެން ބޭނުމިއްޔާ އެގޮތަށް ހަދަން ގަދައަށް އަމުރުކުރިއެވެ. ރިޒާއަށް ހަދާނެ ގޮތެއްނޭނގިގެން އެންމެފަހުން އެގޮތާ އެއްބަސްވިއެވެ. ވާގޮތެއްވެސް އެނގިދާނެތާއެވެ. މިހާރުދެން އެހެން ހުރިހާ ބޭހެއްވެސް ހެދިއްޖެއްޔާއެވެ.

 

ފަހަކަށް އައިސް ރިޒާ ކުއްލިއަކަށް ބަދަލުވެއްޖެއެވެ. ހެނދުނު ހޭލާގޮތަށް ފެންވަރާ ސެންޓުޖަހައިގެން ސައިވެސް ނުބޮއެ ދާމީހާ އަށް ގެއަށް އާދެވޭކަމަށް ވަނީ ނިދަންވީމައެވެ. އޭނާއަށް އަންނަމުންދާ ބަދަލުފެނިފައި ތަހުމީނާ މުޅިން އަޖައިބުވެއްޖެއެވެ. ރިޒާ ދެން ގެއްލިދާނެކަމުގެ ބިރުހީވާންފަށައިފިއެވެ. މީގެކުރިން އެވަރަށް ރޮއި އާދޭސް ކުރުމުންވެސް ރުޅިއައިސްގެން ކަމަށް ހަދައިގެން ހުރެވުނީ އަދި ދުވަސްކޮޅަކު ތަޅުވާލާނަމޭ ހިތާއެވެ. އެކަމަކު އޭނާއަށް ކަންތައް މާ މައްޗަށް ގެނދެވުނީއެވެ. އެހެން މީހަކުނަމަ މިހާރު އޭނާ ވަރިވެސް ކޮށްފީސްކަން ކަށަވަރެވެ. އަދި ރިޒާއެއް ކަމަކުވެސް އޭނާދެކެ ވީ ލޯބި ފޫއްސަށް ބަދަލުވެދާނެކަން އޭނާއަށް ނުވިސްނުނީ ކީއްވެހެއްޔެވެ.

 

ދެން މިވީގޮތުން މާފަށް އެދޭކަށްވެސް ނުކެރޭނެއެވެ. ރިޒާ އަދި އެއްފަހަރު އޭނާގެ ކިބައިން މާފަށް އެދެން އަންނާނެނަމައެވެ. އެއިރުން އޭނާ ވެސް ރިޒާގެ ކިބައިން މާފަށް އެދި ރޮއި ހަދާނެއެވެ. އެމީހުންގެ ނިވެމުންދިޔަ ލޯބީގެ ހުޅުކޮޅު އަލުން ދިއްލާނެއެވެ. ދެން ކުރާނެކަމެއް ނެތެވެ. ވަގުތު ފާއިތުވެއްޖެއެވެ. ނޫނެކެވެ. ރިޒާ އަދިވެސް އިސްނަގައިގެން އޭނާ އާ ވާހަކަދައްކާނެއެވެ. އެއީ އޭނާގެ ފިރިމީހާއެވެ. ޒަމާންވީ ލޯބިވެރިޔާއެވެ. އެންމެގާތް ރަހުމަތްތެރިޔާއެވެ. އޭނާގެ ގޮތް ތަހުމީނާއަށް އެނގެއެވެ. އޭނާ އަދިވެސް ތަހުމީނާދެކެ ލޯބިވެއެވެ.

 

މިހާރަކަށް އައިސް ރިޒާއަށް އެހެން ބަދަލެއްވެސް އަންނަންފަށައިފިއެވެ. އުފާވެރި ކާވެންޏެއްގެ ސަބަބުން ފަލަވެ މަސް ޖަހަން ފަށައިފައި ހުރި މީހާ، މިދުވަސްކޮޅު އުޅެން ޖެހޭގޮތުން ތަންކޮޅެއް ހިކި އެކަމަކު އަނަރޫފަނުވެ ރީތިވާން ފެށިއެވެ. އަދި އޭނާގެ ފަރިކަންވެސް އިތުރުވާންފެށިއެވެ. މިހާރު ތަހުމީނާގެ ކުރިމަތިން ހެނދުނު ސެންޓުބުރުވައިގެން އެދަނީ ފަހުގެ ރިޒާއެއްނޫނެވެ. ސްކޫލްދައުރު އޭނާ ރައްޓެހިވެގެން އުޅުނު ޓީންއޭޖް ޒުވާނާއެވެ. އެ އުފާވެރި ދުވަސްތަކުގެ ހަނދާން ތަހުމީނާއަށް މަލާމާތްކުރަންފެށިއެވެ. ރިޒާގެ ފައިބުޑަށް ވެއްޓި ރޮއިގެންފާނަމޭ އޭނާގެ ހިތައް ކިތައްމެ ފަހަރަކު އަރައެވެ. އެކަމަކު މާޒީގައި ކަންތައްކުރެވުނުގޮތުން އޭނާއަށް ރިޒާ ފެންނަހިސާބަށްވެސް ދާން ނުކެރެއެވެ. ކޮންމެރެއަކުވެސް އޭނާއަށް ނިދެނީ އެކަނިވެރިކަމާ ހިތްދަތި ކަމުގައި އެ ބޮޑު އެނދުގައި ފުރޮޅިފުރޮޅި އޮއްވައެވެ. އެކަމާހެދި ރިޒާ ހެނދުނު އޮފީހަށް ދާތަންވެސް އޭނާއަށް މިހާރު ނުފެނެއެވެ. ދުވާލުގަޑީގައި އޭނާގެ ކަމަކީ ފިރިމީހާގެ ހެނދުންތަކާ ކުޅެ، އޭނާ ނިދި ބާލީހުގައި ފިރުމާ ހެދުމެވެ.

 

އަނެއްކޮޅުން ރިޒާއަށް ހީވަނީ އޭނާ އޮފީހަށް ދާއިރުވެސް ދެނެހުރިކަމަށް ނަހަދާ ހަމަ ދެފައިދަމަދަމާފައި ތަހުމީނާ ނިދަނީ ކަމުގައެވެ. އެހެންވެ ޕްލޭން ނާކާމިޔާބު ވެދާނެކަމުގެ ބިރަށް އޭނާ ދެތިންފަހަރަކު މުރީހާއަށް ގުޅައިވެސް ހެދިއެވެ. އެކަމަކު ޙިކުމަތްތެރި މުރީހާ މިއިން ކޮންމެފަހަރަކުވެސް ޑިކްޓޭޓަރަކަށްވުރެ ހަރުކަށްޓެވެ. ހީވަނީ އޭނާ އެކުރާކަންތަކުގެ ނަތީޖާ ރަނގަޅަށް އޭނާއަށް އެނގޭ ހެންނެވެ. އާނއެކެވެ. އޭނާއަށް ރަނގަޅަށް އެނގެއެވެ. ތަހުމީނާ މިހާރު ދެތިންފަހަރަކު އޭނާއަށް ގުޅައިގެން ރޮއި ހަދައިފިއެވެ. ކުރެވުނު ކުށާމެދު ހިތާމަކޮށްފިއެވެ. މުރީހާ ބުނާހާވެސް ވާހަކައަކީ ރިޒާއާ ވާހަކަދައްކާށޭއެވެ. މާފަށްވެސް އެދޭށޭއެވެ. އެކަމަކު ތަހުމީނާއަކަށް ނުކެރުނެވެ. މިފަދަ ހާލެއްގައި އެދެމަފިރިން އެއްހަފުތާ ހޭދަކުރުމަށް ފަހު ރިޒާ އަނެއްކާވެސް މުރީހާ އަށް ގުޅިއެވެ.

 

'' މުރީހާ... ކޮބާ.. ހަފުތާއެއްވީނުން..!؟ ''

'' ތިގޭ ފާޚާނާގައި ޖަހާފައި ހުންނަނީ ކިތައްވޯޓު ބޮތްކެއްތަ؟ ''

މުރީޙާ އެސުވާލު ކުރިއިރު އަހަރެން ވެސް ދާދި ކައިރީގައި އިނީމެވެ. އެކަމާ ލިބުނު ކުއްލި ސިހުމަކުން އިންތަނަށް ނުވެއްޓުނީ ކިރިޔާއެވެ. އެހާ ހިނިވެސް އައެވެ.

'' ބޮތްކެއް ނޫން .. ހޮޅިބުރިއެއް..''

އެންމެރަނގަޅު... ރިޒާ މިރޭވެސް ގެއަށް ނުދާތި ނިދަންވީމަ ނޫނީ... ބާއްވަނީ..''

އިތުރަށް ހަދަންވީގޮތްވެސް ނުބުނެ މުރީހާ ފޯނު ބޭއްވިއެވެ. މުރީހާ ބުނާހާގޮތެއް ހެދުން ނޫން ގޮތެއް ރިޒާއަކަށް ދެން ނެތެވެ.

 

އެދުވަހު ހަވީރު ބާޒާރަށް ދާން އުޅެނިކޮށް މުރީހާ ގޮވާލި އަޑު އިވުނެވެ.

'' ބާޒާރުން ހުތްއަނބު ކޮޅަކާ ރިހާކުރުލާއްސެއް ގެނެސްދެއްޗޭ..''

 

އޭނާ އެދުނުފަދައިން ހުތްއަނބާ ރިހާކުރު ގެނެސްދީފީމެވެ. ދެން އެރޭ ކައި އަވަދިވީތަނުން ބުންޏެވެ.

އަހަރެން މިރޭ ބޭރަށް ޖެހިލާފަ އަންނަންދެން .. މަޑުކޮށްލަދީބަލަ.. ކުޑަ މަންޖެ ހުމާ އުޅޭތި ހޭލަފާނެ ކިތައްމެ އަވަހަކަށް ވެސް. ''

އާއްމު ގޮތެއްގައި މުރީހާ އަކީ ރޭގަނޑު ގެއިން ނުކުމެ އުޅޭ އަންހެނެއްނޫނެވެ. މިރޭ އެ އުޅެނީ ރިޒާގެ ކަންތަކާކަން އަހަންނަށް ވިސްނުނެވެ. ވީމާ އިތުރު ސުވާލެއް ނުކޮށް އެއްބަސްވީމެވެ.

 

ކޭތަށިތައް ނަގާ ބަދިގެތެރެ ތަރުތީބުކޮށްލުމަށްފަހު އެއްކަލަ އަނބުކޮތަޅާ ރިހާކުރުކޮޅު ހިފައިގެން މުރީހާ ނުކުމެއްޖެއެވެ. އެދާނީ ކޮންމެސް ފަންޑިތަވެރިއެއް ކައިރިއަށް ނޫންކަމަކަށް އަހަރެން ޝައްކެއްނުކުރަމެވެ. ފަންޑިތަ ހެދުމަކީ އަހަރެން ވަރަށް ދެކޮޅުކަމެކެވެ. އެކަމަކު މިހާރު އަހަރެން ބޭނުމީ ފަންޑިތަ ހައްދުވައިގެން ނަމަވެސް އޭނާ ކުރަން އެއުޅޭ ކަންތައް ކާމިޔާބު ކުރުމެވެ. އެކަމަކު އެ ކުރާކަމެއް އޮޅުންފިލުވާ، ހަދާ ނަހަދާއެއް ބަލައިފިނަމަ އެކަންތައް މަނާކުރަން އަހަންނަށް މަޖުބޫރުވާނެއެވެ. އެހެންވެ ނޭގޭކަމަށް ހަދައިގެން އަހަރެން އިނީއެވެ. އެއިރުން ގައިމު މަށަށް އެނގިގެން މަގޭ އަންހެނުން ފަނޑިތަވެރިއެއްކައިރިއަށް ދިޔަކަމަކަށް ނުވާނެތާއެވެ.

 

މުރީހާ ދިޔައީ ފަނޑިތަވެރިއެއް ކަިއރިއަކަށް ނޫނެވެ. ސީދާ ރިޒާމެން ގެއަށެވެ. ހިތާމަޔާ އެކަނިވެރިކަމުގެ މޮޅިން އިން ތަހުމީނާއަށް މުރީހާ ފެނުމުން ވަރަށް އުފާވިއެވެ.

'' ކެލާ މީހަކު ގެނެސްދިން އަނބުކޮތަޅެއް މީ.. މިރޭ މިއައީ މަޖާކޮށްލަން... ހުންނާނެ ރިހާކުރުވެސް. ''

ހުުތް އަނބާ ރިހާކުރަކީ ތަހުމީނާއަށް ވެސް ވަރަށް ކަމުދާ އެއްޗެކެވެ. ވަރަށް މަޖަލުގައި ދެމީހުން ވެގެން އެ ކާން އިށީނެވެ. ތަހުމީނާގެ ހިތާމަތައްވެސް ލައްކަތަން ލުއިވެއްޖެއެވެ. އެހެން ތިބެގެން ދުނިޔޭގައި ލެއްވިހާ ވާހަކައެއް ދައްކަދައްކާފައި ވަރަށް ހީ ހަދައިފިއެވެ. އެންމެފަހުން މުރީހާ މައުޟޫ ބަދަލުކޮށްލިއެވެ. ޖިންނިފުރޭތައިގެ ވާހަކައަށެވެ. ހަންޑިއާ ފަޅުގޭގޭގެ ވާހަކަތަކެވެ. އޭނާ ދަންނަ ވާހަކަ ތައް ކަމަށް ހަދައިގެން އަމިއްލައަށް ހަދަހަދައިގެން ވީހާވެސް ބިރުވެރިކޮށް ކިޔަމުން ދިޔައެވެ. މިކަހަލަ ވާހަކަތަކަށް ތަހުމީނާ ވަރަށް ޝައުޤު ހުރެއެވެ. އޭނާއަށް ވެސް ދިމާވެފައި ހުރި ކަންތަައްތަކާ މީހުން ކިޔައިދީފައި ހުރި ވާހަކައެއް ވިއްޔާވެސް ކިޔައިފިއެވެ. އެއިރު ގެނައި އަނބުކޮތަޅާ ރިހާކުރު ލާހިވެސް ހުސްވެއްޖެއެވެ. ތަހުމީނާ އިނގިލިތަކުން ތަށި ފުހެފުހެފައި އިނގިލި ކޮޅުވެސް ލޮންނަން ފެށިއެވެ. އެންމެފަހުން މުރީހާ ގަޑި ބަލާލާފައި ދެން ގެއަށް ދާންވީއޭ ކިޔާފައި ނުކުންނަން އުޅެފައިމެ ވަނީ ފާޚާނާއަށެވެ. އެތާ އެކުރާކަމެއް ކޮށްގެން ދެން ދަނީއޭ ކިޔާފައި ނުކުމެގެން ހިނގައްޖެއެވެ.

 

ތަހުމީނާ ބަދިގެއަށްވަދެ ދެތަށި ފެން ބޯލައިގެން ތަށިދޮވެލިއެވެ. އަދި ނުކުންނަމުންވެސް އެއްތަށި ފެންބޮއެގެން ވަނީ ކޮޓަރިއަށެވެ. އެއިރު އޭނާގެ ބޮލުތެރޭގައި މުރީހާ ކިޔައިދިން ބިރުވެރި ވާހަކަތައް އެނބުރެއެވެ. ބޮޑު ގެއެއްގައި އެކަނިމާ އެކަނި އިންނަންވީމާވެސް ވާނީ އެހެންނެވެ. ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮށްގެން، ފާޚާނާއަށްވެސް ވަންނަން ނުކެރި އެނދަށް އެރިއެވެ. ނިދާލެވޭނެކަމަށެވެ. ނަސީބަކުން ބޮޑު ފެންޖަގެއް އެނދުކައިރީގައި އެބަހުއްޓެވެ.

 

ރިޒާ މި ހުރިހާ އިރު އުޅޭތަނެއް އެނގޭ ހެއްޔެވެ؟ މުރީހާ އޮތީ އޭނާ ދުވާލުގަޑީގައި އެއްގޮތަކަށްވެސް ގެއަށް ނުދާން އަންގާފައެވެ. ވީމާ ފުރަތަމަދުވަހު އޮފީސް ނިމުމުން މުޅި މާލެތެރޭގައި ތެޅުނީއެވެ. އެކަންތައްވީ ކެތްކުރަންދަތި ވޭނަކަށެވެ. މިހެން އާވާރާވެގެން މާލެތެރޭގައި އެނބުރުމަށްވުރެ ފައިދާ ހުރި ކޮންމެސް ކަމެއް ކުރުން މާ ރަނގަޅުވާނޭ އޭނާގެ ހިތައް އެރިއެވެ. އޭނާ ފުރެންޗްބަސް ކިޔަވައިދޭ ކުލާހެއްގައި ބައިވެރިވިއެވެ.

 

އެއީ ވަރަށް ފެންވަރުރަނގަޅުކޮށް ހިންގާ ކުލާސްތަކެއްކަމުން ހެޔޮވަރުވަރެއްގެ ލައިބްރަރީއެއްވެސް އެތާ ހުރެއެވެ. ވަރަށް ދަންވަންދެން އެތަން ހުންނަނީ ހުޅުވާފައެވެ. ކުލާސް ނިންމާފައި ދެން އޭނާ ކުރާކަމަކީ އެތަނަށް ވަދެ ފޮތްކިޔުމެވެ. ފަރިތަކުރަންދޭ މަސައްކަތްތައްވެސް ނިންމަނީ އެތާ އިނދެގެންނެވެ. ގެއަށް ދަނީ އެތަން ބަންދުކުރީމައެވެ. މިކަހަލަ ގޮތަކަށް އުޅެންފެށުމުން ހަފުތާއެއްވީއިރު އޭނާ އަށް އެބަސް ކޮންމެސްވަރަކަން އެނގެންފެށިއެވެ.

 

މުރީހާ ދީފައިވާ މުއްދަތު ހަމަވީއެވެ. ލައިބްރަރީން ނުކުމެ ބޫތަކަށް ވަދެ ރިޒާ މުރީހާ އަށް ގުޅާލިއެވެ.

'' މުރީ... ކޮބާ ގެއަށް ދާން ވެއްޖެތަ؟ ''

'' ބާރަ ޖަހަންދެން މަޑުކޮށްލާ..! ''

'' އެނމެރަނގަޅު..! ''

'' ރިޒާ.. ބުނަންތަ..؟ މިރޭ ގެއަށް ދިޔައީމަ ތަހޫ އުޅެފާނެ ވާހަކަދައްކަން.. ކަމަކުވެސް ކިޔާފާނެ.. ހަދަންވީ ގޮތަކީ އޭނާ އެއްޗެކޭބުނެފިއްޔާ ޖަވާބުދީ.. ކަމަކު ބުނެފިއްޔާ ކޮށްދީ... އެކަމަކު ނަމަނަމަ.. އޭނާ ރޮއި އާދޭސް ނުކުރަނީސް ހިތްމަޑު ނުކުރާތި.. މަށަށް އެނގޭ ރިޒާ ތީ ވަރަށް ޖަޒްބާތީ މީހެއްކަން..''

'' ޖަޒްބާތީ..؟ ''

'' އާނ... މިބުނީ އިމޯޝަނަލް ވާހަކަ..''

'' އެހެންވަނީ.... ހޫނ .. ދެން؟ ''

'' ދެން ބާރަ ޖެހީމަ ގެއަށް ދޭ.... ބޭއްވީ..''

އިތުރު އެއްޗެއް ބުނާނެ ޖާގަނުދީ މުރީހާ ފޯނުބޭއްވިއެވެ. ރިޒާ ހަމަ އަންތަރީސްވެއްޖެއެވެ. މި މުރީހާ މީ ކޮންކަހަލަ މީހެއްބާވައެވެ؟ ވަލީވެރިއެއް ހެއްޔެވެ؟ އެހެންޏާ... މިއޮއް ހުރިހާދުވަހު ރުޅި މޫނާ އިން ތަހޫ، މިރޭ ހަމަ ކުއްލިއަކަށް އަހަރެން ދާތަނުން އަނގައިން ބުނެފާނެހެއްޔެވެ؟ ކަމަކު ބުނެފާނެހެއްޔެވެ؟ ނުވިތާކަށް މަގޭ ފައިބުޑަށް ވެއްޓި ރޮއި އާދޭސް ކޮށްފާނެ ހެއްޔެވެ؟ ދެން އެނގިދާނެތާއެވެ. މުރީހާގެ ޔަޤީން ކަން ބޮޑުކަމުން ރިޒާ ވަރަށް ހިތްހަމަ ޖެހުނެވެ. އެބުނާ ގޮތަށް ކަންތައްވާތަން ޚިޔާލީ އިސްކިރީނަށް އަޅުވައިގެން ހުރެގޮސް ހޮޓަލަކަށް ވަނެވެ. އަދި އެމަސްތުގައި އިނދެ ނިކަން ރަނގަޅަށް ކައިފިއެވެ.

 

ކައި އަވަދިވުމުން ބޮޑުބިލެތްގަނޑެއް ގެނުވާފައި ނިކަން ރަނގަޅަށް ދުފައިވެސް ލައިފިއެވެ. މީ އާންމުކޮށް އޭނާ ކުރާކަމެއްވެސް ނޫންމެއެވެ. ދުފުންގަނޑު އަނގަތެރޭގައި ހުރެގެން އޮލަވެ ރަތްވަމުން ދާވަރަކަށް އޭނާގެ ޚިޔާލީ ގުލްޝަނުގެ ޢިޝްޤީ މާތަށްވެސް ފަރިވެ ފޮޅި ރަތްވަމުން ދިޔައެވެ. ހިތުތެރޭގައި އަނދަމުން ދިޔަ ލޯބީގެ ހުޅުގަނޑުވެސް ބޮޑު އަލިފާންގަނޑަކަށްވެ، އެވެސް ރަތްވަމުންދިޔައެވެ. އޭނާގެ މުޅި ދުނިޔެ ރަތްވަނީއެވެ. މިފަދަ ހާލެއްގައި ޒުވާން މަޖުނޫނު އިންދާ، ގަޑިން ބާރަޖަހާ، އެންމެފަހުން އެކެއްވެސް ޖެހީ އެވެ. ހޭވެރިކަންވީ ހޮޓާ ބަންދުކުރަންވެގެން ވޭޓަރުންތައް އުޅެގަތީމައެވެ. ރިޒާ ސިހިގެން ގޮސް ގަޑިބަލާލިއެވެ. '' ޝިޓް! '' ދެދަތްޕިލާ ދޭތެރެއިން އޭނާއަށް ބުނެވުނެވެ. މިހާރު ތަހޫ ނުނިދާކަމެއްވެސް ނޭނގެއެވެ. ރިޒާ ރުޅިގަނޑު ބޭލީ މުރީހާ އަށެވެ. ހިތުތެރޭގައި ކުދިކިޔަމުން ކައުންޓަރު ކައިރިއަށް ގޮސް ބިލް އަދާކޮށްފައި ނުކުމެ ގެއަށް ދާން ނައްޓާލިއެވެ. އެއާ އެކު އުދަރެސް އެކީ އަލިކޮށްފައި ވިދާލިއެވެ. ދެން ޖެހީ ވަރުގަދަ ގުގުރިއެކެވެ. އެ ވެހިގަތީ ވާރެއެވެ.

 

 

ތަހުުމީނާއަށް މިހާރު ދެތިން ލިޓަރު ފެން ބޮވިދާނެއެވެ. އޭގެ ހަސްކާ މިހާރު ލިބެންފަށައިފިއެވެ. އެ މުރީހާ ގަނޑު އެދިޔައީ އޭނާ ރަނގަޅަށް ބިރުގަންނުވާލާފައެވެ. ފާޚާނާއަށްވެސް ވަންނަން ނުކެރިގެން މިއުޅެނީ އެހެންވެގެންނެވެ. އެކަމަކު މިހާރު ދެން ކެތްވާވަރެއްނޫނެވެ. ހިތްވަރުކޮށްފައި ގޮސް ފާޚާނާއަށް ވަނެވެ. ހޮޅިބުރިއެއް ނުދިއްލުނެވެ. މިރޭހަމަ ނިކަން ރަނގަޅަށް ހުުރި ހޮޅިބުރިއެއްވިއްޔާއެވެ. ތަން ހީވަނީ އަނދިރިކަމުން އެހެން ކަމެއް ހެންނެވެ. ހިތްވަރުކޮށްފައި އެތެރެއަށް ވަނެވެ. އަދި ރަނގަޅަށް ދޮރު ނުލެއްޕި އުޅެނިކޮށް ފެން އިސްކުރުން ޒާތެއްގެ އަޑެއްވެސް އިވިއްޖެއެވެ.

 

ގަންނާކުރެއްވި ބިރުން އަވަސް އަވަހަށް ނުކުތީއެވެ. ނުކުމެ ކޮޓަރިއަށް ނުދެވެނީސް އެޖަހާލި ވަރުގަދަ ގުގުރިއާ އެކީ އޭނާގެ ފުރާނަ ނުދިޔައީ ހަމަ ކިރިޔާއެވެ. އެއާއެކު ވާރެވެހިގަތެވެ. ދެން އަދި ގަތީ އަމަށަކު ބިރެއްނޫނެވެ. ދުވެފައިގޮސް ކޮޓަރިއަށް ވަދެ އެނދުގެ އެއްކަނެއްގައި ގުޅައަކަށް ޖެހި އިނީއެވެ. ހިތާމަޔާ ހިތްދަތިކަން އެކަނިވެރިކަމާއި ބިރުވެރިކަން ހިތުތެރޭގައި ގިނަވެ ކަރުނަތަކެއްގެ ސިފާގައި ތަހުމީނާގެ ލޮލުން އޮހޮރެންފަށައިފިއެވެ. އޭނާގެ ރީތި ދެކޯތާފަތް މުޅިން ތެމިއްޖެއެވެ. ހުރިހާކަމެއް މި ޖެހުނީ މުރީހާގެ ސުންޕާކަމުންނެވެ. މިފަދަ ޙާލެއްގައި އިންދާ ރިޒާ އައިސް ގެއަށް ވަން އަޑު އިވުނެވެ. ތަހުމީނާ ވި އުފަލުން ބޭއިޚްތިޔާރުގައި އެނދުން ފުންމާލެވުނެވެ.

 

އަދި ދުވެފައި ކަހަލަ ގޮތަކަށް ސިޓިންރޫމަށް ނުކުމެވުނެވެ. އެވަގުތު ރިޒާ ފެނުމުން އޭނާ ހުރިތަނަށް ގަނޑުވިއެވެ. ވެހެމުން ދިޔަ ވާރޭގެ ސަބަބުން އޭނާ ހުރީ ރަނގަޅަށް ތެމިފައެވެ. އޭނާގެ ތެމިފައިހުރި އިސްތަށިގަނޑުން ފޫދިގެން އަންނަ ފެންތިކިތައް މޫނުމަތީގައި ރޮނގުރޮނގަށް ދުވެއެވެ. ނޭފަތުކުރިންނާ ދަތްދޮޅިން ފެންތިކިތައް އޮހޮރެމުން ދެއެވެ. ލައިގެން ހުުރި ހުދު ގަމީސް ހުރީ ހަމުގައި ތަތްލާފައެވެ. ތަހުމީނާގެ ގައިން ހީބިހި ނަގައިގަތެވެ. ކަކުލުހުޅުން ބާރުދޫވާހެން ހީވިއެވެ. އޭނާ ބޭނުންވަނީ ދުވެފައިގޮސް ރިޒާގެ ކަރުގައި އެލިގަންނާށެވެ. ރޮއިގަންނާށެވެ. މާފަށް އެދި އާދޭސްކުރާށެވެ. އެކަމަކު ދެމީހުންގެ ހަތަރުކަޅި ހަމަވީވަގުތު ތަހުމީނާގެ ލަދުވެތިކަން އެ ހުރިހާ ކަމަކަށް ހުރަސްއެޅިއެވެ. ކުރިއަކުން އޭނާ ރިޒާދެކެ މިގޮތަކަށް ލަދެއްނުގަނެއެވެ. އެކަމަކު މިހާރު އޭނާއަށް ކަންތައްކުރެވުނުގޮތުން އިސްނަގާ ގޮސް އަނގައިން ބުނަން ނުކެރެނީއެވެ. ކުރިން ހެން ރިޒާ އައިސް މަތިންބައި ޖެހިގެން އޭނާއާ ވާހަކަދައްކާކަށް ނުވެސް އުޅޭމެއެވެ. އެކަމަކު މިވަގުތެ އަނގައިން ނުބުނެވެސް ވާކަށް ނެތެވެ. އޭނާ އެއުޅެނީ ބިރުން ފާޚާނާ އަށް ވަންނަން ނުކެރިގެންނެވެ.

'' ރިޒާ...''

ތުރުތުރުއަޅާ އަޑަކުން ގޮވާލާފައި އޭނާ އިސްދަށަށް ޖެހިއެވެ. މުރީހާގެ ކަރާމާތް ތައް ފެންނަން ފެށުމުން އަޖައިބުވެގެން ރިޒާ ބަލާލިއެވެ.

'' މީ... އޫނ.. ފާޚާނާ... މީ . ނުއެއް ދިއްލޭ..''

ތަހުމީނާ އަނގަކައިކައިފައި އެވާހަކަ ބުނެފިއެވެ. މިހުރިހާދުވަހު ވާހަކަ ނުދައްކާ ރުޅިން އުޅެފައި ބުނަން މީ ކޮން ވާހަކައެއް ހެއްޔެވެ؟ އޭނާ ނުބުންޏަސް އިރުކޮޅަކުން ރިޒާއަށް އެކަން އެނގޭނެއެވެ.

'' އޯހ..! އެހެންތަ؟ މާދަމާނުން ދެން އެކަމާ އުޅެވޭނީ.. މިހާރު ފިހާރަތައް ބަންދުކޮށްފި..''

ފަރުވާތެރިކަމާއެކު ތަހުމީނާގެ މޫނަށް ބަލާލަމުން ރިޒާ ޖަވާބު ދިނެވެ.

'' އަޅެ އަހަރެން ފާޚާނާއަށް ވަދެލާފަ ނުކުންނަންދެން ދޮރުކައިރީގަ މަޑުކޮށްލަދީބަލަ... ޕްލީޒް..! ''

ވަރަށް ހިތްވަރުކޮށްފައި ތަހުމީނާ ޖުމްލަ ނިންމާލިއެވެ.

'' އެހެންތަ؟ އާނ ހިނގާ އަވަހަށް...! ''

ހިނިގަނޑު ފޮރުވަމުން ރިޒާ ބުނެލިއެވެ.

 

ތަހުމީނާ އަށް މަޖުބޫރުވެގެން މިހާރު ވާހަކަވެސް ދެއްކުނީއެވެ. ދެން އިތުރަށް ލަދުން އުޅޭނެކަމެއްނެތެވެ. ގޮސް ވާހަކަދައްކަން ވީއެވެ. އޭނާއަށް މާފުކުރާށޭ ބުނަންވީއެވެ. އޭނާ ލޯބިވާވަރުވެސް ގޮސް ބުނަންވީއެވެ. ރިޒާއާނުލައި މިދުނިޔޭގައި އެންމެ ހިނދުކޮޅަކުވެސް ހުންނަން ބޭނުން ނުވާވާކަވެސް ބުނަންވީއެވެ.

 

ސިޓިންރޫމްގައި ހުރި މޭޒެއްގައި ލެނގިލައިގެން ރިޒާ ހުއްޓެވެ. ތެތް އެއްޗެހި ބާލާ، ނިދަންލާ ހަރުވާޅެއްލައިގެން ތުވާއްޔަކުން ބޯހިއްކާލަ ހިއްކާލައެވެ. ތަހުމީނާ ގޮސް ރިޒާގެ މޭމަތީގައި މޫނު އަޅާފައި ގަދަޔަށް ގިސްލާ ރޮއިގަތެވެ. ރިޒާއަށްވެސް ކުރި އަސަރެއްގެ ބޮޑުކަމުން ތަހުމީނާގެ ގައިގައި ދެއަތުން ހިފަހައްޓާލިއެވެ. އަދި އޯގާތެރިކަމުގެ އަތަކުން ބޮލުގައި ފިރުމައިދޭން ފެށިއެވެ. އެދެމީހުން އެކަކު އަނެކަކަށް މާފަށް އެދެނީއެވެ. ޝަކުވާކުރަނީއެވެ. އުޒުރުތައްވެސް ދައްކަމުންނެވެ. އަލަތު ކާވެނީގެ ރެއަށް ވުރެ މާ އަސަރުގަދަ ރެއަކަށް މިރޭ ވެއްޖެއެވެ.

 

މުރީހާ އަކީ ވަރަށް ބުއްދިވެރި އަންހެނެކޭ އަހަންނަށް ކުރިން ބުނެވުނުހެއްޔެވެ؟ އެވަރުގެ ހިކުމަތްތެރި މީހެއް މިޒަމާނުގައި މަދުވާނެއެވެ. މަކަހަލަ ގެއްލިފައި އޮތް ޖަވާހިރެއް ނަގާ ހިރަފުސް ފޮޅާލުމަށް ފަހު އޭނާގެ ކަށިއިނގިލީގައި ހަރުކޮށްލިކަންވެސް އެއީ މުރީހާގެ ބުއްދިވެރިކަމުގެ ހެއްކަކަށް ފުދެއެވެ.

(ނިމުނީ)

 

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.